بســم اللّـه الرّحمـن الرّحيــم

މި ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންފްރާސްޓްރަކްޗަރ އެޑްވައިޒަރ، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ހޯރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، މާރަންދޫ ކައުންސިލްގެ އެންމެހާ ބޭފުޅުން. އަދި ހއ. އަތޮޅު ކައުންސިލްގެ އެންމެ ބޭފުޅުންނާއި، މި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި، ވަކިން ޚާއްޞަކޮށް، މާރަންދޫގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

މި ސަރުކާރުގެ ވަރަށްބޮޑު ވަޢުދެއް އެއީ، އިސްލާމްދީން ކުރިއެރުމަށްޓަކައި ސަރުކާރުން ހިންގަންޖެހޭ މަސައްކަތްތައް ހިންގުން. އަޅުގަނޑުމެން، ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، މިދެންނެވި ކަމުގައި، މި ރާއްޖެ ކޮށްފައި އޮތް ދަތުރު، އަޅުގަނޑުމެންނަށް ފެންނަމުންދިޔައީ، ބަނަވަމުން އައި ތަން. އޭގެތެރޭގައި، އެންމެބޮޑު އެއްކަމަކަށް ވެގެންދިޔައީ، އިސްލާމްދީނަށް އުޅުމަށްޓަކައި ކޮންމެހެން ބޭނުންވާ މިސްކިތްތައްފަދަ ތަންތަން ބިނާކުރުމުގައި، އެއިރު އޮތް ސަރުކާރު ފަހަތަށް ޖެހެމުން ދިޔަތަން.

އަޅުގަނޑު މިއަދު މާރަންދޫގައި ހުރެ މިވާހަކަ ދައްކާއިރު، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިދިޔަ ދިގު 30 އަހަރު މިތަނުގައި މިސްކިތެއް ބިނާނުވެ އޮތްކަން. ދިއްދޫ އިބްރާހީމް ކަލޭފާނު ބިންގާ އަޅުއްވައި، އިބްރާހީމް ނާޞިރުގެ ވެރިކަމުގައި، 1975 ވަނަ އަހަރު މިތަނުގައި، މި މާރަންދޫގައި އިބްރާހީމް ނާޞިރުގެ ނަމުގައި ޢިމާރާތް ކުރެވުނު މިސްކިތެއް ހުރީ. ފަހުން އަޅުގަނޑު ހަނދާންވާ ގޮތުގައި، ދައުރު ބަދަލުވުމާއެކީގައި، އަމީންދީދީގެ ނަންފުޅަށް އެ މިސްކިތް ބަދަލުވެގެންދިޔައީ.

އަޅުގަނޑުމެންގެ ސަރުކާރަކީ، ސީދާ އަޅުގަނޑުމެން ވަކި ދީނީ ނަޞޭޙަތެއް ނުވަތަ އަޅުގަނޑު އިސްލާމްދީނާ ގުޅޭގޮތުން ތިޔަބޭފުޅުން އުޅެންވީގޮތް އަޅުގަނޑުމެން ކިޔައިދޭ ސަރުކާރެއް. އަޅުގަނޑުމެން ވަޢުދުވެފައި އޮތީ، އަޅުގަނޑުމެން އެކަންކަން ދޫކޮށްލާނީ، ދީނީ ދަންނަ ބޭކަލުންގެ އިޖްމާޢަށޭ. އެބޭފުޅުން އެދޭގޮތަށް، އެބޭފުޅުންގެ ހެޔޮލަފާ ނަޞޭޙަތާ އެކުގައޭ، ރާއްޖޭގެ ރައްޔިތުންގެ ދީނީ ޢަޤީދާ ބިނާވެގެންދާނީ. ސިޔާސީ ބޭނުމަށްޓަކައި ސަރުކާރުގެ ފަރާތުން ދީން ބޭނުންކުރުން އެއީ، ބުއްދިވެރިކަމެއް ނޫން. އަދި އިސްލާމީ ރިވެތި އުޞޫލެއްވެސް ނޫންކަން އަޅުގަނޑަށް ޔަޤީން، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ.

އެހެންވީމާ، އަޅުގަނޑެއް ޙަޤީޤަތުގައި އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. ދައްކަން ބޭނުންނުވަނީ، މިކަމަކީ، ދީން ހިމެނިގެން ހިނގާ ކަމަކަށްވެފައި، ދީނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އެތައް އެތައް ސިޔާސީ ފަރާތްތަކެއް، ސިޔާސީ މަންފާއާއި ފައިދާ ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ. އެއީ ވަރަށް ވަގުތީ ކުޑަ ފައިދާއެއް ބަޔަކަށް ލިބިދާނެ ކަމެއް. މިއަދު އަޅުގަނޑާ ދިމާއަށް، އަޅުގަނޑުމެންނަކީ، މިވެނި ލާދީނީ ކަމެއްކުރާ ބައެކޭ ބުނީމާ، ޖެހިގެން ހުންނަ މީހާއަށް އޭގެ ތެދު ދޮގު އެހިނދު ސާފުނުވެ އޮތީމާ، ފަހަރެއްގައި ވަގުތީ އިޙްސާސްތަކެއް ކޮށްފާނެ. އެހެންނަމަވެސް، ދިގު މުއްދަތެއް ދެމިގެންދިޔައިމާ، މިއިން ނުކުންނަ އެންމެ ދެރަ ނަތީޖާއަކީ، ދީނީ ދަންނަ ބޭކަލުންގެ އަގު ވެއްޓިދާކަން. އެބޭފުޅުން ދައްކަވާ ވާހަކަތަކަކީ، ދީނީ ހެޔޮލަފާ ދީނީ ނަޞޭޙަތް ނޫންކަން އަޅުގަނޑުމެންގެ ރައްޔިތުންނަށް ސާފުވަމުންދަނީ. އެބޭފުޅުން ދައްކަވާ ވާހަކަތަކަކީ، ހަމައެކަނި ސިޔާސީ ބޭނުމަށްޓަކައި ދައްކަވާ ވާހަކަތަކެއް ކަމަށް ރައްޔިތުންނަށް އެނގެމުން، އޮޅުންފިލަމުން މިދަނީ.

އެހެންވީމާ، ނަމާދުކުރާނެ ގޮތްވެސް، ވުޟޫކުރާނެ ގޮތްވެސް އަދި އެހެން ކަމެއް ކުރާނެ ގޮތްވެސް އަހާނެ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި ނެތިގެން މިދަނީ، ހުރިހާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނަށް ވެގެންދާތީ. އަޅުގަނޑު ވަރަށް ދެރަވާ ކަމެއް އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ހިތި ނަތީޖާއެއް މި ރާއްޖެއަށް ކޮށްފާނެ ކަމެއް އެއީ، ދީން ބޭނުންކޮށްގެން، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކާ ކުޅެލުމަކީ. އެކަމަކީ ދަންނަވަންތޯ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މައިކެއް ކައިރީގައި ޞަރީޙަ ބަހުން ރަނގަޅަށް ވާހަކަ ދެއްކޭ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެއް. ދީނީ ޢިލްމެއް، އޭގެތެރެއަށް ނުވަންނަކަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އެއްދުވަހު ހަމަ ރަނގަޅަށް ބޯޅަކުޅެން އުޅުނު ކުއްޖެއް ނުވަތަ ލަވަކިޔަން ހުރި ކުއްޖެއް، އަނެއް ދުވަހު ބޮޑު ދީނީ ދަންނަ ބޭކަލެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް ފާހަގަވާކަން.

އިސްލާމްދީނަކީ، އޭގެ ޙުކުމްތަކާއި، އޭގެ ރުކުންތައް ވަރަށް ފުންވެފައި، ވަރަށް ފުޅާވެގެންވާ ފަލްސަފާއެއް. ޢިލްމު ބޭނުންވޭ އެކަން ދެނެގަންނަން، އެކަން އެނގެން. އެކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާ ބޭފުޅުންނަކީ، އެކަމުގެ ޢިލްމުވެރިންނަށްވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ހަނދާނީ ބިނާއަކީ ބުދަކަށް ބަދަލުވާ ގޮތަށް ވާހަކަ ދެއްކުމަކީ، އެއަށްވުރެ ބޮޑު އޮޅުވާލުމެއް، ދިވެހި ރައްޔިތުންގެ ތެރެއަށް ނުގެނެވޭނެ ބާވަތުގެ ވާހަކައެއް. އަޅުގަނޑުމެން، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، މި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމަށް. ޤައުމިއްޔަތު ބިނާކުރުމަށްޓަކައި ދީނީ ޢަޤީދާ ވަރުގަދަ ކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ، ފުރިހަމަ ޤައުމިއްޔަތެއް ނެތިއެއް. ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އެއް ތަނބަކީ ދީން. އަޅުގަނޑުމެންނަށް ދީން ދެނެގަތުމުގެ ނުވަތަ އޮޅުންފިލުމުގައި، ކަންކަން ކިލަނބުވެގެން ހިނގައްޖެނަމަ، އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް ވިއްސިވިހާލިވެ، ބީވެގެންދާނީ، އަޅުގަނޑުމެން އުންމީދުކުރާ ނުވަތަ އަޅުގަނޑުމެން ޚިޔާލުކުރާ މިންވަރަށްވުރެ މާ ބާރަށް.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކުގައި، ހުރިހާ ރައްޔިތުންނަށްވެސް، މާރަންދޫ ރައްޔިތުންގެ ކިބައިންވެސް އެދެން، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކީގައި ނޫނީ މީހަކު ދައްކާ ވާހަކައެއް ޤަބޫލު ނުކުރައްވައްޗޭ. ކަމުގެ ދެކޮޅު ރަނގަޅަށް އޮޅުންފިލުއްވައްޗޭ. މިނިވަން މީޑިއާއާއި، ޓީ.ވީ ސްޓޭޝަންތަކާއި، ނޫސް މަޖައްލާތައް، ހިތުހުރި ގޮތަކަށް ލިޔަމުން ގެންދިޔުމުގެ ފުޅާ ފުރްޞަތު އޮންނައިރުގައި، ރައްޔިތު މީހާގެ ޒިންމާ ޙަޤީޤަތުގައި ވަރަށްބޮޑުވޭ. އޭނާއަށް އެބަ އޮޅުންފިލާންޖެހޭ، މީގެތެރެއިން ހެޔޮލަފާ ވާހަކައަކީ ކޮބައިތޯ، އެބަ އެނގެންޖެހޭ. އަޅުގަނޑުމެން ގެނބި ދިޔަސްވެސް، ދީން ބޭނުމެއް ނުކުރާނެ، ހަތިޔާރެއްގެ ގޮތުގައެއް. އެހެންވީމާ، އަޅުގަނޑުމެން އެވާހަކަ ދައްކަމަކުންނެއް، އަމިއްލަ ދިފާޢުގައިވެސް ނުނުކުންނާނެ.

އަޅުގަނޑު ގާތު ވަރަށްގިނަ މީހުން ނަޞޭޙަތްލައިދޭ، ބުނެދޭ، ރައީސޭ، އިސްލާމްދީން ބޭނުންކޮށްގެން ސިޔާސީ ފުރްޞަތު ހޯދުމަށް. އެހެން ބޭފުޅުންވެސް އެކަން ކުރައްވަމުން އެގެންދަވަނީ އެހެނޭ. މިކަމުގައި އެހެން ބަޔަކު އުޅޭގޮތަށް އަޅުގަނޑުމެންވެސް އުޅެންޖެހޭނޭ. ނޫޅެއްޖެނަމަ އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބު ކުޑަވާނޭ، މަދުވާނޭ. ހުރިހާ އެއްޗަކީ ކާމިޔާބެއް ނޫން. ޢަޤީދާ އެއަށްވުރެ މާ މުހިންމު. އަދި އަޅުގަނޑުމެން ކުރާން ބޭނުންވާ ކަންތައް ކުރުމުގައި ދެމިތިބުން އެއަށްވުރެ މާ ބޭނުންތެރި. މި ރާއްޖެ ނެތިއެއް ނުދާނެ، އަޅުގަނޑުމެން ނެތިދާ ދުވަހަކު. ދެމިއޮންނާނެ. ޤުދްރަތީ ރޭވުމުގައި، އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ، ޒިންމާއެއް އެއީ، ދެމެހެއްޓެނިވި ގޮތުގައި ރާއްޖެ ޚަރާބު ކުރުން. އަޅުގަނޑުމެން ޒުވާނުންގެ ހިތްތައް، ޒުވާނުންގެ ސިކުނޑިތައް އަޅުގަނޑުމެންނަކަށް ތަޣައްޔަރެއް ނުކުރެވޭނެ. ބޮޑުހިލަ ބަނދަރެއް އަޅާފައި ނެގޭނެ. ކުއްޖެއްގެ ސިކުނޑި، ވަކިގޮތަކަށް ބައްޓަންވީމާ، ހިތް ވަކިއަތަކަށް ލެނބުނީމާ، އެ ނަގަން، ބަދަލުކުރަން އުނދަގޫކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ.

އަޅުގަނޑުގެ ހުރިހާވެސް އުންމީދަކީ، އަޅުގަނޑުމެންގެ އެންމެ ބޭފުޅުންވެސް ވާހަކަ ދައްކަވަމުން ގެންދަވާއިރުވެސް، އަޅުގަނޑުމެންގެ ހިތްތަކާ، އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްތަކާ ކުޅެލުމަށް އިސްލާމްދީން އެއީ ހަތިޔާރެއްގެ ގޮތުގައި ނުނަންގަވާށޭ. ސިޔާސީ ފައިދާ، ސިޔާސީ ފުރްޞަތު ހޯއްދެވުމަށްޓަކައި، ތިޔަބޭފުޅުންގެ ސިޔާސީ ޕްރޮގްރާމްތައް ނެރުއްވާނީ. ކޮބައިތޯއޭ ޞިއްޙަތަށް ގެންނަންޖެހޭ ބަދަލަކީ. ތަޢްލީމަށް ގެންނަންޖެހޭ ބަދަލަކީ. މަގުތަކަށް ހަދަންޖެހޭ ގޮތަކީ. ދަތުރުފަތުރަށް ގެންނަންޖެހޭ ބަދަލަކީ. އިޤްތިޞާދު ކުރިއަރައިދާނީ ކިހިނެއްހޭ. ތިޔަބޭފުޅުން ރައްޔިތުންގެ ވޯޓަށްޓަކައި ދީނާ ބެހިވަޑައިނުގަންނަވާށޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ މި ރާއްޖޭގެ ތަރައްޤީއަށް ވަރަށް ނުރަނގަޅު ފިޔަވަޅެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އުންމީދަކީ، މާރަންދޫ ރައްޔިތުންނަށް ރީތިކޮށް ފަސްވަގުތު ނަމާދުކޮށްލެވޭނެ ތަނެއް އޮތުން. އެމީހުން، އެ ރައްޔިތުންނަށް މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވުމަށާއި، ޞަލަވާތް ކިޔެވުމަށް، ފަސްވަގުތު ނަމާދުކޮށް އުޅުމަށް، އުޅެންޖެހޭކަން އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފުކޮށް އެނގިފައި، އޮޅުންފިލާފައި އޮތް ކަމެއް. ސަރުކާރުގެ މަސްއޫލިއްޔަތަކީ، އެ ފުރްޞަތު، އެކަންކަން، އެ ވަސީލަތްތައް ރައްޔިތުންނަށް އުފައްދައިދިނުން. މިދެތިން އަހަރު ތެރޭގައި، އަޅުގަނޑުމެން ހިންގަމުން މިއައީ، 40 މިސްކިތުގެ ޕްރޮގްރާމެއް. އޭގެތެރެއިން އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އެބައޮތް 16 މިސްކިތް. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އަމާޒަކަށްވީ، ފުރަތަމަ 3 އަހަރުތެރޭގައި، 40 ހަމަކުރުން. އިރާދަކުރައްވައިގެން، އެ މިންވަރަށް ނުދެވުނު ކަމުގައިވިޔަސްވެސް، މި 40 މިސްކިތް އަޅުގަނޑުމެންނަށް މި ހަމަވަނީ. ޤަބޫލު ކުރައްވާ، މިއިން އެއްވެސް މިސްކިތަކީ، އެއްވެސް އިސްލާމީ ޤައުމެއްގެ ހިލޭ އެހީގައި، މިއިން އެއްވެސް ތަނަކުން ފައިސާ ލިބިގެން ހެދޭ މިސްކިތެއް ނޫން. ހަމަ ސީދާ ޖީ.އެސް.ޓީ ފައިސާ. އެނޫން އެހެން އެއްވެސް ފައިސާއެއް ނޫން.އަޅުގަނޑުމެންގެ އާމްދަނީ ރަނގަޅުވީމާ، ދައުލަތުގެ އާމްދަނީ ރަނގަޅުވީމާ، ރައްޔިތުންނަށް ދެވޭ ޚިދްމަތް، ރައްޔިތުން ބޭނުންވާ ކަންކަން، އަޅުގަނޑުމެންނަށް ރީތިކޮށް ކުރަމުން ގެންދެވޭނެ.

މާރަންދޫ ރައްޔިތުން ސަރުކާރާއެކީގައި މަސައްކަތްކުރަން ތައްޔާރަށް ތިބިކަން އަޅުގަނޑަށް އަބަދުވެސް އިވޭ. މާރަންދޫ ރައްޔިތުންނަށް ކުރީގައި ތިބިގޮތުން އެހެން ގޮތަކަށް ބަދަލުވުމަށް ކުޑަހިނދުކޮޅެއް ނަގާނެކަންވެސް އަޅުގަނޑުމެން އެންމެންނަށްވެސް ސާފު. އެހެންނަމަވެސް، އެ ވަކި މިޞްރާބަކަށް ދިޔައީމާ، އެ މިޞްރާބެއްގައި ދެމިތިބޭ ތިބުމާއި، އަދި އެމިޞްރާބަކަށް މަސައްކަތް ކުރުމުގައި، ދެވަނައެއް ނެތްކަން އެއީވެސް މާރަންދޫ ރައްޔިތުންގެ ވަރަށް ފުރިހަމަ ސިފައެއްގެ ގޮތުގައި އަޅުގަނޑު ދެކޭ ސިފައެއް.

އަޅުގަނޑު މީގެކުރީގައި، ޑިސެމްބަރ 10 ވަނަ ދުވަހު، 2010 ވަނަ އަހަރު އަޅުގަނޑު ހަނދާންވާ ގޮތުގައި މާރަންދުއަށް އާދެވުނީ. އެދުވަހު އަޅުގަނޑު ދެންނެވިން، އެމެރިކާގެ ޖަލެއްގައި އިސްލާމުންތަކެއް އެބަ ވަރަށް ބިކަހާލުގައި، ވަރަށް ބޮޑެތި އަނިޔާގައި އެބައުޅެއޭ. ދިވެހި ސަރުކާރު އުންމީދު ކުރެއޭ، އެއިން މީހަކަށް ލުޔެއް ދެވެން އޮތިއްޔާ ދިނުމަށް. ގުއަންޓަނާމޯބޭ ޖަލުގައި ތިބި އިސްލާމުންގެ ތެރެއިން ބަޔަކު، ކުށެއް ނެތް މީހުން، އެމީހުންނަށް ލުޔެއް ދެވެން އޮތިއްޔާ، އަޅުގަނޑުމެން އެ ލުއި ދޭން އެދެމޭ. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެޔާއެކުގައި ދެން ވެދިޔަ ގޮތް. 241، ޓޫ ފޯރ ވަން ކޮމިޓީ މަޖިލީހުގައި ބައްދަލުކުރުމާއި، ވާދަވެރި ފަރާތްތަކުން އެކަން ހުއްޓުވުމަށް އަޅުގަނޑުމެންނަށް، އަޅުގަނޑު ދަންނަވާނީ ރަތްމަހަކަށް ނުގޮވާހާ އެއްޗެހި ގޮވަމުން، ގެންގޮސް އެންމެފަހުން އަޅުގަނޑުމެންވެސް ދުރަށްޖެހުނީ އެކަމާ. ގެއްލުންވަނީ އަޅުގަނޑަކަށެއް ނޫން. އިސްލާމީ އުންމަތަށް. ގެއްލުންވަނީ ރާއްޖޭގެ ރައްޔިތުންނަށް. ގެއްލުންވަނީ އަޅުގަނޑުމެންގެ ޢަޤީދާއަށް.

އަޅުގަނޑު މާރަންދޫގައި ހުރެ އަނެއްކާވެސް އަޅުގަނޑުމެންނާ ދިމާވެފައި އޮތް ނުހަނު ބޮޑު މައްސަލައެއްގެ ކަންތައް ފާހަގަކުރެވޭކަމީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، ހަމަ ވަރަށް އެކަށީގެންވާ ކަމެއް. އަދި އަޅުގަނޑަށް ލިބުނު ވަރަށް ރަނގަޅު ފުރްޞަތެއް. މާރަންދޫގެ މިމަސައްކަތުގައިވެސް އަދި އެހެން މަސައްކަތްތަކުގައިވެސް، ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޢަބްދުﷲ، ސަރުކާރާއެކީގައި މަސައްކަތް ކުރައްވާ މިންވަރަކީ، ޙަޤީޤަތުގައި އެ ކައުންސިލްވެސް، ކައުންސިލަރުވެސް ބަސް ހުއްޓިގެން އެދިޔައީ، އެކަން ހަމަ އެހެން އޮތީތީވެ. އަޅުގަނޑު މިމަސައްކަތަށް ނުކުތީއްސުރެ، އަޅުގަނޑާ އެކުގައި ނުހަނު ހީވާގިކަމާއެކީގައި، މި އިހަވަންދިއްޕޮޅު ދެމެންބަރުންވެސް، އަޙްމަދު ޢަބްދުﷲ ވެސް އަދި އަޙްމަދު ރަޝީދުވެސް ނުހަނު މަސައްކަތް ކުރައްވާ. އަދި އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ދިވެހިރާއްޖެ، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، ތިޔަބޭފުޅުން ޚިޔާރު ކުރައްވާފައި ތިވަނީ ފުރިހަމަ ވަރަށް ރަނގަޅު ބަދަލެއް.

އަޅުގަނޑު މާރަންދޫ ކައުންސިލަށާއި އަދި މާރަންދޫ އެންމެ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަޅުގަނޑުމެންނަށް މި ފުރްޞަތު ތިޔަބޭފުޅުން ދެއްވީތީވެ، ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.

والحَمْـدُ لِلّـهِ والســّلام عليــكم.