ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އާފެށުމަކުން ފެށި، މިހާތަނަށް ވަނީ ގިނަގުނަ ކަންތައްތަކެއް ކުރިއަށް ގެންދެވިފައެވެ. އެ ކޮމިޝަންގެ މަސައްކަތްތައް، އެތަނުގައި މަސައްކަތް ކުރައްވާ އެންމެ ބޭފުޅުން މިހާތަނަށް ތަރައްޤީ ކުރައްވާފައިވާއިރު، މިވަގުތު ދެން އެންމެ އިސްކަމެއްގެ ގޮތުގައި ބައްލަވައި ނިންމަވަންވީ، ކުރީ ސަރުކާރުގެ ތެރެއިން ހިނގާފައިހުރި ކޮރަޕްޝަންގެ މައްސަލަތަކެވެ. އަދި ހަމައެހެންމެ، މި ސަރުކާރަށްވެސް ނިސްބަތް ކުރެވޭ އެފަދަ ކަންކަންވެސްމެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މި ރާއްޖޭގައި ކުރެވޭ މަސައްކަތްތައް، އާފެށުމަކުން ފެށި ހިނގަމުން އައިސްފައި މިވަނީ، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަށް އައިސްފައިމިވާ ހެޔޮބަދަލުތަކާ އެކުގައެވެ. އާ ޤާނޫނުއަސާސީއާއެކު އުފެދިގެން އައި މިނިވަން މުއައްސަސާތަކުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން ހިމެނިފައިވަނީ އަޅުގަނޑު ދެކޭގޮތުގައި، އެހެން އެތަކެއް ދާއިރާތަކާ ގުޅުން ހުރެގެން ކުރައްވާ ޤައުމީ ފެންވަރުގެ ޚިދްމަތްތައް އެކުލެވިގެންނެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅުންހުރި ދާއިރާތަކުގެ ގޮތުގައި ފާހަގަކުރެވެނީ، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި، މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތުދީ ރިޝްވަތު ހިފަން އުޅުމުގެ އިތުރުން، މާރާމާރީއާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމާއި، އެފަދަ އެހެން ޖަރީމާތަކެވެ.

ޤައުމެއް ކުރިއަށް ދިޔުމަށްޓަކައި ނުނިމިހުރި މަސައްކަތްތަކެއް މާޒީގެ ތެރޭގައި ނުބަހައްޓަވައި، ކުރިމަގު ރަނގަޅު ކުރުމަށްޓަކައި އެމަސައްކަތްތައް ނިންމެވުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް މަޤްޞަދު ކަމުގައި ފާހަގަކުރަމެވެ.

ކުރީ ސަރުކާރާމެދު ކޮރަޕްޝަންގެ ތަފާތު ތުހުމަތުތައް، އެކި ދަރަޖައިގައި އުފުއްލިފައިވާއިރު، އެކަންކަމާ ގުޅުން ހުރެގެން އަޅުގަނޑުމެންނަށް ފާހަގަވާން އޮތް މުހިންމު ލިޔެކިޔުމަކީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވަމުން ގެންދަވާފައިވާ ރިޕޯޓްތަކާއި، ޢާންމު އެކިފަރާތްތަކުން ފާހަގަކުރެވިގެން ކުރާ ޝަކުވާތައް ކަމަށްވާއިރު، އެއް ދައުރުން އަނެއް ދައުރަށް ގޮސް، ޤައުމެއްގެ ހިންގުން ބަދަލުވަމުންދާއިރު، ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން ނުބެލޭ މައްސަލައެއް، ޙައްލު ނުކުރެވޭ ކަމެއް އޮންނަންވާނޭ ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް، އިތުރު އިދާރީ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް 2009 ވަނަ އަހަރު ވަނީ ރިޔާސީ ކޮމިޝަނެއް އުފެއްދިފައެވެ. މިއަދާ ހަމައަށް މައިގަނޑު ގޮތެއްގައި ފާހަގަކޮށްލެވޭ ތަފާތު ދިހަވަރަކަށް މައްސަލަ، ރިޔާސީ ކޮމިޝަނުން ބައްލަވައި، ގުޅުންހުރި އިދާރާތަކަށް ވަނީ ރިޕޯޓް ފޮނުއްވާފައެވެ. އޭގެތެރޭގައި، ނާޖާއިޒު ގޮތުގައި ލޯނު ދޫކުރެއްވުމާއި، ވަކިފަރާތްތަކަށް ފައިދާ ހޯއްދަވައިދެއްވުމާއި، ދައުލަތަށް ހޯއްދަވާ މުދަލާމެދު އޮޅުވާލުންތައް އޮޅުވާލައްވައި ހިންގަވާފައިވާ ވައްކަންތަކާއި، ނާޖާއިޒު ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކުރެއްވުން ހިމެނިފައިވެއެވެ. މީގެތެރެއިން ބައެއް މައްސަލަތައް މިހާރުވަނީ ޝަރުޢީ މަރުޙަލާތަކުގައިކަމީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް، ކުރިހޯދަމުންދާ ކަމުގެ ހެއްކެކެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއަށާއި، އެކޮމިޝަންގެ އެހެނިހެން މެންބަރުންނަށާއި، ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމްޢިއްޔާތަކާއި، އެންމެހާ ފަރާތްތަކަށް ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުވަމެވެ.

އަޅުގަނޑުގެ ދުޢާއަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްޕުޅުތަކަށް އިތުރު ކުރިއެރުން ލިބުމާއި، ހަލުވިކަމާއެކު މަސައްކަތްޕުޅު ކުރެއްވޭނެ މަގު ތަނަވަސްވެގެންދިޔުމެވެ. ކުރިއެކޭވެސް އެއްގޮތަށް، ކުރިއަށް އޮތް ތަނުގައިވެސް މި މުއައްސަސާއަށް އަޅުގަނޑުގެ ފަރާތުން ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.