بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ހޯމްއެފެއާޒް، ދައުލަތުގެ އެންމެހާ ވަޒީރުން، އައްޑޫސިޓީގެ މޭޔަރ އަދި ސިޓީ ކައުންސިލްގެ އެންމެ މެންބަރުން، ވަޑައިގެން ތިއްބެވި އެންމެހާ މެހްމާނުން. އަދި މިޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

ދިވެހި ޖުމްހޫރިއްޔާއަށް 43 އަހަރު ފުރޭ މިރަސްމިއްޔާތު އުދަވެގެން މިއައީ، އަދި މާއުފާވެރި އިއްތިފާޤެއްގެ ތެރެއިން. މިއަދުގެ ތަހުނިޔާއާއި މަރުޙަބާ، ރާއްޖެއާއި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ، އެންމެހާ ދިވެހިރައްޔިތުންނަށް އަޅުގަނޑު ދަންނަވަން.

ދެބައި ރޮނގުގެ ދެކުނުން ދުނިޔޭގެ މެދުގައި، އައްޑޫސިޓީގެ ބިމުން، މިމުނާސަބާ މިއަދު މިވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައި. މިއުފަލުގައި ހުރިހާ ދިވެހިރަށްތަކާއި، އެރަށްތަކުގެ އަހުލުވެރި ހިތްތައް ޝާމިލްވޭ. ނަޞްރުގެ ދުވަހާއި، ޙައްޖު ޢީދާ ގުޅިގެން އައި ޖުމްހޫރީ މި ދުވަހުގެ ކުލަ މާރީތިވެ، ޖަރީވެގެންދާ މާބޮޑު އެހެން އިއްތިފާޤެއްވެސް އެބަވޭ. މިދެންނެވި އިއްތިފާޤަކީ، މުޅި ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ ބޮޑު، އެއްހާސް ހަތްސަތޭކަ މިލިއަނަށްވުރެ ގިނަމީހުން، އަޅުގަނޑުމެންގެ މިއުފާތަކުގައި މިއަދު ރަމްޒުވާކަން. ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަންގެ ސަރަޙައްދީ އެއްބާރުލުމުގެ ބާރު، މާބޮޑަށް ހަރުދަނާވެ ފުޅާވެގެންދާ މުނާސަބަތަކަށް މި ދަނޑިވަޅުވެއްޖެ.

ދެކުނު އޭޝިއާގައި، މާސިންގާ އިންޑިއާ ކަނޑުގައި، އަޅުގަނޑުމެންގެ ވަށައިގެން މިވާ ބައްރުތަކާއި ޤައުމުތައް ތަމްސީލުވާ ނާރެހަކަށް މިއަދު ވެގެން ގޮސްފައި މިވަނީ، އަޅުގަނޑުމެން އެންމެންގެ މި ދިވެހިރާއްޖެ. ތިލަދުންމަތީ ތުރާކުނު ބޮލިހުރާ ކޮޅުން ފެށިގެން، މި އައްޑޫގަމުގެ އެންމެދެކުނު އައްޑޫމުއްޔާ ދެމެދުގައި މިވާ އަޅުގަނޑުމެން އެންމެންގެ ރާއްޖެ މިއީ، ދިވެހިންގެ ޤުދުރަތީ ގޮވަތި. މިއަދު މިތަނުން ފެނިގެން މިދަނީ، މި ރާއްޖެއަށް ގެނައުމަށް އަޅުގަނޑުމެން ގަދައަޅާ މަސައްކަތް މިކުރާ، ކުރިއެރުމާއި ތަރައްޤީ ދައްކައިދޭ ފުރިހަމަ މަންޒަރެއްގެ ނަކަލެއް. ފެންނަން މިއޮތީ، ދާން މިއުޅޭ ތަނުގެ ދެލިކޮޕީއެއް.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

މުޅިން އެހެން މަންޒިލަކާއި އެހެންގޮތެއް ދިވެހިންނަށް ހޯދެން އޮތް ވާހަކަ، އަބަދުވެސް އަޅުގަނޑު ދަންނަވަން. އަޅުގަނޑު ބުނަމުން އަންނަ، މާރީތި އުފާވެރި ކުރެހުންތަކުގައި ޖެހޭ ކުލައިގެ ރީތިކަމާއި، އެ ކުލަ ޖެހޭ ހަލުވި ދުވެލީގެ ދިރިހުރި މިސާލު، މިއަދު މި އައްޑޫސިޓީއާއި ފުވައްމުލަކުން ތިޔަ ފެނިވަޑައިގަންނަވަނީ. ދިވެހިންގެ ފާގަތި މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ފުރަތަމަ އުފައްދަނީ ހެޔޮ ވިސްނުމެއް. އެ ވިސްނުން އަޅުގަނޑުމެން ފުރަތަމަ ކަރުދާހުގައި ބަޔާންކުރަނީ ކަޅާއި ހުދުގެ އަކުރުތަކަކުން. އޭގެފަހުގައި، ޢިލްމީ ޙަޤީޤަތްތަކާ އެއްގޮތަށް އެ އަކުރުތައް މުއްސަނދި ކުރެވި، އެ ވިސްނުމުގެ ތަޞްވީރު ކުލައަށް ބަދަލުވޭ. އެއަށްފަހު ދެންވާ އަނެއްމޮޅު ގޮތް، މި އައްޑޫސިޓީއާއި ފުވައްމުލަކަށް މިއަދު މިއޮތީ ވެފައި. މިއީ، ސަރުކާރުން ކަންކުރާގޮތް. އަދި ކުރަމުންދާނެވެސް ގޮތް.

ސަރާސަރު ދިގު މަގުތަކާއި، ދެފަރާތު ގަހުގެ ހިޔަލާއި، އަޑިން ދެމޭ ކަރަންޓާއި ސާފު ފެނާއި ނަރުދަމާއަކީ، ތަރައްޤީގެ މައިބަދަ ކަމުގައި އަޅުގަނޑު އަބަދުވެސް ދަންނަވަން. މުދަލާއި ޚިދުމަތް، އެއްއަތުން އަނެއް އަތަށް، އެއް ރަށުން އަނެއްރަށަށް ބަދަލުވެވޭނެ ނިޒާމެއްނެތި ތަރައްޤީ ނުވާނެކަމާއި، ޤައުމެއް އަދި ރައްޔިތެއް ކުރިއަރައި ނުދާނެކަން އެއީ، އިންސާނީ ތަޖުރިބާ ދައްކާފައިވާ ޙަޤީޤަތެއް. އެއްގަމުމަގުން، ހެޔޮއަގުގައި ކުރެވޭ ބަސްދަތުރުތަކާއި، އެއްރަށާއި އަނެއްރަށް ގުޅާލަދޭ، އަގުހެޔޮ ފެރީ ނިޒާމުގެ ޢުމުރު އަދި ވަރަށް ހަގު. އެކަމަކު މިދޮށީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ރަށުބަންދުން ވީއްލުމުގެ އަސާސް މިހާރު މިވަނީ ބިނާކުރެވިފައި. ދެންއޮތީ އެ ޚިދުމަތް މުޅި ރާއްޖޭގައި ފުރާފުރިހަމަ ކުރުން. ދަތުރުގެ ދުވެލި އަވަސްކޮށް، ލަފާފުރާ ގަޑިތައް ގިނަކުރުން. އަދި ދަތުރުމަތީގެ މަންޒިލްތަކުން، ހިތްފަސޭހަކަމާއި، ނިޔާމަކަން ލިއްބައިދޭނެ، ފެރީ ޓަރމިނަލްތައް ޢިމާރާތް ކުރުމަށް ހިންގޭ މަޝްރޫޢު ފުރިހަމަވުން. ބަނދަރުމަތީ ބާޒާރުތަކުގައި ގަނެވިއްކޭ މުދަލުގެ ސަބަބުން، ކުދި ވިޔަފާރީގެ ކާރޫބާރޫ ހިނގާން ފެށުން. ނަތީޖާއެއްގެ ގޮތުން، މީގެ ކުރިން މިއޮއްހާ ޒަމާނު ފީވެ، ފަނާވެދިޔަ އެތަކެއް އުފެއްދުންތައް، އިރުއޮއްސުމުގެ ކުރިން ނޫޓަށް ބަދަލުވެ، ޖީބަށް ވަންނާނެ. އަދި ހަމަ އެދުވަހު، ތިމާގެ އަމިއްލަ ރަށާއި ޢާއިލާގެ ގާތަށް އެނބުރި އާދެވި، ހަލާލު މަސައްކަތުގެ ތިޔާގި ދުވަހަކަށްފަހު، ބާއްޖަވެރި ރެއެއްގެ އަރާމު ނިދީގެ ތެރެއަށް ހިތްހަމަޖެހުމާއެކު ގެނބިގެން ދެވޭނެ. ދިވެހިރައްޔިތުންނަށް ހޯދައިދިނުމަށް، މި ސަރުކާރުން އަވަދިނެތި މަސައްކަތް ކުރަމުން މިދާ، މުޅިން އެހެން ގޮތާ، އަނެއްދިވެހިރާއްޖެއަކީ އެއީ. ހަމަ ޔަޤީނުންވެސް މިހާރު ޙާޞިލްވެފައި މިވާ ރަށުބަންދުން ވީއްލުމުގެ އަސާސީ ޚިދުމަތަކީ، މީގެ ކުރިން ދުވަހަކުވެސް ވެފައި ނެތްކަމެއް. ފެންނަން މިއޮތް ޙަޤީޤަތަކީ، ނެތްތާކު އިންދި އޮށަކުން، ހައްތާ ފަޅަމުންމިދާ ގަސްތައްކަން ޔަޤީން. އޭގެ ފޮނިމޭވާއަކީ ކަށަވަރުންވެސް މާދަމާ، އަޅުގަނޑުމެންގެ ދަރިދަރިކޮޅަށް ދަންދެން، އިރާދަކުރެއްވިއްޔާ ބިންނާނެ އެއްޗެއް. މިއަދު އަޅުގަނޑުމެން މިގޮތަށް ވީއްލައި ނުދިންނަމަ، އިއްޔެއާ ހަމައަށް ޚުދު އަޅުގަނޑުމެން ތިބިހެން، މާދަމާ އެދަރީންވެސް ތިބޭނީ، މުޅި ޢުމުރަށް ރަށުބަންދުގައި ގޮތްހުސްވެ، ހަތަރު އުދަރެސް ފެނުޖެހިފައި. އެއްޗެއް ރޯފިލާ ހުރެމެ، ވަޒީފާއެއް ނޫނީ މަސައްކަތެއް ލިބެން އޮތް ކައިރި ރަށަށް އައިސް ގޮސްވާނެ ގޮތެއް ނެތިފައި.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެތަކެއް ޚިދުމަތްތަކާއި ވަސީލަތްތައް، ކިތަންމެ ގުނައަކުން ޤާއިމުކުރަން ޖެހޭކަން މި ސަރުކާރުން ދަންނަން. ހަމައެހެންމެ، މުޅިރާއްޖެ ތަރައްޤީވެ، އޭގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭނެ އެތައް ގޮތެއް އެބަހުރި. ކުއްލި ކުއްލިއަށް ހިންގޭ ބޮޑެތި މަޝްރޫޢުތަކުން، ލޯތައް ސިހިގެންދާނެ އެތައް ވިސްނުމަކާއި ޙިކުމަތެއް މި ސަރުކާރުގައި އެބަހުރި. ސަރާސަރު ބޮޑެތި ބިންތައް، ފިސާރި އަވަހަށް ހިއްކައި، މަގުތައްހަދައި، ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކޮށް، ބަނދަރާއި ވައިގެ ބަނދަރުގެ މަޝްރޫޢުތައް، މަތިންދާބޯޓުގެ ދުވެލީގައި، އަވަސްކަމާއެކުގައި ކުރިއަށް ގެންދެވޭނެ ނުހަނު ގިނަ މަގުތައް، އަޅުގަނޑުމެން ދަންނަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

އައްޑޫސިޓީއާ ފުވައްމުލަކުން މި ހިނދަށް، މި ސަރުކާރުން މި ދައްކައިދިނީ، ޙަޤީޤަތުގައި މި މުޅިރާއްޖެއާމެދު އަޅުގަނޑުމެން ދެކޭ ހުވަފެނުގެ ތަޢުބީރު. މިކަމުގައި އަޅުގަނޑުމެންގެ އަމާޒު ކަސިޔާރެއް ނުވާނެ. އަދި ފަހަތަކަށްވެސް ނުޖެހޭނެ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޢަޒުމް، އަމުދުން ނުމެ ގުޑާނެ. އަޅުގަނޑުމެން ވަރުބަލިކަމެއްނެތި ތާއަބަދު ކުރަމުންދާނީ ހަމަ އެންމެ ކަމެއް. އެއީ، ރައްޔިތުންނަށް ޚިދުމަތްކޮށް، ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރުން.

އެމީހާގެ މުޅި ޙަޔާތުގައި، ކޮންމެވެސް ގޮތަކުން، ވީވަރަކުން، ޤައުމަށް ޚިދުމަތް ކުރި މީހާގެ ޢުމުރުން ދުވަސްވެ، ގައިބާރު ދެރަވެ، އެކަނިވެރި ކުރެވިފައިވަނިކޮށް، އަޅުގަނޑުމެން ދުށިން. މޫސުން ރީއްޗަސް، ފުރަމެންދަމުގައި ކޮންމެވެސް ތަނެއްގެ ދަމުފޯރިއަށް އިނދެ ، ނިދިޖެހި، އިސްއޮބި، އުނގަށް ނޫނީ ބިމަށް، ޓޯޗް ބައްތި ވެއްޓިފައި އިން މީހާގެ ޤަދަރު، އަޅުގަނޑުމެންނަށް އެއަށްވުރެ މާ ބޮޑުވި. އެމީހާ އިށީނދެ އިނީވެސް، އޭނާފަދައިން ޢުމުރުން ދުވަސްވެ، ބާވެ ހަސްނެތި މުރަނަވެ، މުގުރެން ކައިރިވެފައިވާ ޕްލާސްޓިކް ގޮނޑިއެއްގައި. މޫސުމުގެ އިހާނެތި ކަމުގައިނަމަ، ޖެހޭ ގަދަވަޔާއި ވިއްސާރައިގައި ގުޑި ނުލެވި، މެންދަމެއްގައި ރޫރޫ އަޅަން އިންމީހާ، މި ސަރުކާރުން ބަލައިގަތިން. ޅަޢުމުރުގެ ބުރަ މަސައްކަތުގެ ސަބަބުން، ލިބިފައިވި ގެއްލުންތަކަށް ފަރުވާ ކުރެވޭނެ ފަދައެއް ނެތި، އޭނާގެ މަޖުބޫރު ވަޒީފާ، އޭނާއަށް ދިން އަނިޔާ އަދި މާބޮޑު.

އެންމެ މީހެއްގެ މިސާލުން، އަޅުގަނޑު މިދެންނެވީ މި ސަރުކާރުގެ ކުރިން، މި ރާއްޖޭގައި ދިރިއުޅުނު ޢުމުރުން ދުވަސްވީ އެންމެންގެ ވާހަކަ. އަންހެނަކަސް އަދި ފިރިހެނަކަސް، ޢުމުރުން 65 އަހަރުވެއްޖެ ކޮންމެ ދިވެއްސަކަށް، ކޮންމެ މަހަކުދޭ ދެހާސް ރުފިޔާގެ ޢިނާޔަތާއި، ހިލޭ ބޭސްފަރުވާއަކީ، މިއަދު އަވާމެންދުރެއް ނޫން. އެކަމެއް ނުވާނެއޭ، ނުދެވޭނެއޭ، ހުސްދޮގޭ ގޮވި ބަޔަކު ގޮވަގޮވާ ތިއްބާ، އަޅުގަނޑުމެން އެ ނިންމުން ނިންމައި، އެކަން ތަންފީޒު ކޮށްފިން. އަދި އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ހަގަސް ދޮއްޓަސް، ހަމަ ކޮންމެ ދިވެއްސަކަށްމެ، މަދަނައިގެ އަސާސީ ބޭސް ފަރުވާ ހިލޭ ފޯރުކޮށްދެވޭނެ ނިޒާމެއް، މި ސަރުކާރުން ރައްޔިތުންނަށް ތަޢާރުފްކޮށްދޭނަން. ބޭސްސިޓީ އަށް ސަލާންޖެހުން ނައްތާލުމުގެ ވަޢުދުވީ، އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީން. އެވަޢުދު ފުއްދަމުން މިދަނީ އެޕާޓީ އުފެއްދި މި ސަރުކާރުން.

ސާކް ސަމިޓަކީ އަދި މިނޫންވެސް މިފަދަބޮޑު ކޮންމެ ރަސްމިއްޔާތަކީ ، ރައްޔިތަކަށް ލާބައެއް، ރާހަތެއް ނެތް އިސްރާފަކަށް ހެދުމަކީ، މި ސަރުކާރުން ދަންނަ ޙިކުމަތުޢަމަލެއް ނޫން. އަދި އެޒާތުގެ ކަންކަމަކީ، އަޅުގަނޑުމެންނަށް ލިބިހުރި ތަޖުރިބާއެއްވެސް ނޫން. ލިބޭ ކޮންމެ ފުރުޞަތަކީ، ރައްޔިތުންނަށް ލިބޭ ނިޢުމަތަކަށް ހެދުން އެއީ، އަޅުގަނޑު ނިސްބަތްވާ ސިޔާސީޕާޓީގެ ސިޔާސަތު އޮތް ގޮތް. އަދި އެއީ އަބަދުވެސް މި ސަރުކާރުން ކަން ކުރާނެ ގޮތް. ޤައުމަށް ލިބޭ ފުރުޞަތު އެއީ ސަމިޓް ނިމުމުން، ފާޚާނާ ހޮޅިން ކަނޑަށް ބޭރުވެ ނިމިދާ ސަމިޓެއްނަމަ، އެފަދަ ސަމިޓެއް ނުވަތަ މަހާސިންތާއެއް، މި ސަރުކާރަކުން ނުބާއްވާނަން. ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ ކަމަކުން މެނުވީ، ޤައުމަކަށް ފައިދާއެއް ނުކުރާނެ. އަދި އެވިސްނުން ނެތި "ޒަމާންތަކަށް ވިދާނެހެން، ދިވެހި ދަރިންގެ ރީތި ނަން" ދެމެހެއްޓޭނެ ކަމަށް ޤަބޫލުކުރެވޭކަށްނެތް. އަޅުގަނޑުމެންނަށް މި ވިސްނުން ނުލިބުނުނަމަ، މިއަދު އަޅުގަނޑުމެނަކަށް މިކަމެއް ނުވީސް،

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ޙަޤީޤީ ތަރައްޤީއަކީ، އެ ތަރައްޤީއަށް އެދި ހުރި ތިމާއަށް ވާގޮތެއް. އެގޮތްވީމާ، ތިމާ ވިސްނާގޮތާއި، އެ ވިސްނުން ތަންފީޒު ކުރުމަށް ރާވާ ހަމަތަކާ އުޞޫލާ، އޭގެ ބައްޓަން ތަހުޒީބުވެ، ބަދަލުވެގެންދާނެ. މާއަޑިން، ބޮލުގެ ނާށިގަނޑުގެ ފުނުން، ލޮލަށް ނުފެންނަ ތަން، ތަރައްޤީވެގެން މެނުވީ ، ލޮލުން ދެކޭނެ މާ ބޮޑުތަރައްޤީއެއް ނުލިބޭނެ. އަޅުގަނޑު އަބަދުވެސް ދަންނަވަން، ހަދާ ބޮޑު ބަނދަރަކާއި، އަޅާ މާބޮޑު ޢިމާރާތަކީ ޙަޤީޤީ ތަރައްޤީއެއް ނޫނޭ. ހަމަ މިއަދުވެސް، ތަކުރާރުކޮށް ދަންނަވަން އޮތީ، ޙަޤީޤީ ތަރައްޤީއަކީ، ބޮޑު ހިލައިން ވާކަމެއް ނޫން ކަމުގައި. "މަސައްކަތަކުން - ހުނަރަކުން - ޢިލްމަކުންނޫނީ ނަފާވާނެ" ކަމަށް ވިސްނާމީހާގެ، ހުނަރާއި އޭނާގެ ވިސްނުން ތަރައްޤީ ކޮށްދިނުމަށްވުރެ، ވަކިބޮޑު ތަރައްޤީއެއް ނުހޯދޭނެ.

މިދެންނެވި ބޭނުމުގައި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ މަގްޞަދުގައި، ސަރުކާރުން މިހާރު ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމަކީ، އަޅުގަނޑު ދެކޭ ގޮތުގައި މިވަގުތު ސަރުކާރުން ހިންގާ، އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢު. މިދިޔަ މިނިވަންދުވަހު މި ސަރުކާރުންވާނީ އެމަޝްރޫޢު ފަށްޓާފައި. ރާއްޖޭގެ އެތަން މިތަނުގައި، މިހާރު ބާރަށް ކުރިއަށްދާ، ހުނަރު ޕްރޮގްރާމްގެ ދަށުން، ފަންނީ ހުނަރުވެރިންގެ ގޮތުގައި ޖުމްލަ 8500 ދިވެހިން ތަމްރީނުކޮށް، ވަޒީފާތަކަށް ފައްކާ ކުރެވޭނެ. އަޅުގަނޑުމެންކުރާ ކަންކަން މިކުރަނީ، އޭގައި ޖަހަންވާ ހުރިހާ އިމަކާއި މިނަކާއި ހިސާބެއް ޖެހުމަށްފަހު، ކައިރިއާއި އަދި ދުރު މުސްތަޤުބަލުގެ ނަތީޖާއާމެދު ކުރެވޭ ޢިލްމީ ދިރާސާތަކާއި، އަންދާޒާގެ މައްޗަށް ބުރަވެތިބެ.

ދާދިފަހުން ސަރުކާރުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި، އާމްދަނީއެއް ލިބޭ މަސައްކަތެއް ނުކޮށް، ނުވަތަ އެފަދަ ވަޒީފާއެއް ނުހޯދައި، ނޫނީ ވަޒީފާއެއް ލިބުން ދަތިވެފައި ތިބި، ތިރީސްއަށްހާހަށްވުރެ ގިނަ ދިވެހިން ތިބިކަން ފާހަގަވި. މިނަތީޖާއާއެކު ދެން ސަރުކާރުން ބެލީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ޖުމްލައަކީ ކޮބައިތޯ. ސަރުކާރަށް އެނގުނު ގޮތުގައި، ސާޅީސްހާހާ ގާތް ކުރާ ދިވެހިން، އަތް އުރާލައިގެން ތިބިއިރު، ހަތްދިހަ ތިންހާސް އަށްސަތޭކަ ސާޅީސް ބިދޭސީންދަނީ، ރާއްޖޭގައި ވަޒީފާ އަދާކުރަމުން. ހިސާބު އަކުރުގެ މިދެންނެވި ޖުމްލަ ނަތީޖާތައް ސާފުވުމާއެކު، ދެން ކުރަންޖެހޭ ކަންތައް ސަރުކާރުން މިދަނީ ކުރަމުން. އެއީ، ފަންނީ ހުނަރުވެރިންގެ ގޮތުގައި މިހާރުން މިހާރަށް ތައްޔާރު ކުރަންޖެހޭ، 8500 ދިވެހިން އުފެއްދުމުގެ ޕްރޮގްރާމް ފެށްޓުން. މިހާރު އެ މަޝްރޫޢު އެދަނީ ބާރަށް ހިނގަމުން. މިދެންނެވި، ތަމްރީނު ލިބިފައިވާ 8500 ހުނަރުވެރި ދިވެހިންގެ ބޭނުންތެރިކަމާއި މުހިންމުކަން، ޙަޤީޤަތުގައި މި ހަދާ ބަނދަރުތަކާ ނަރުދަމާއާއި މަގުތަކާއި މި ކުރާ ޢިމާރާތްތަކަށްވުރެ މާބޮޑު. ތަރައްޤީއަކީ ހިލައާއި ސިމެންތިއާއި ކޮންކްރީޓް ދަގަނޑާ ގުޅޭ އެއްޗެއް ނޫން ކަމުގައި މިދަންނަވަނީ އެސަބަބަށްޓަކައި.

ވޭތުވި ދޮޅުއަހަރު ހިތަދޫ ޕޯޓަށް ބޭލި މުދާ، އޭގެ ކުރިއަށްވުރެ 800 ޕަސެންޓް ވަނީ އިތުރުވެފައި. މިގޮތުން ބަލާނަމަ، މި ސަރަޙައްދުގެ އިޤްތިޞާދުގެ ދިރުމާއި އޭގެ ޖޯރު މިވަނީ ވަރަށް ބޮޑުތަނުން މަތިވެފައި. އައްޑޫއާއި މުލަކުގައި އަލަށް ޤާއިމު ކުރެވުނު ޢިމާރާތްތަކާއި ރަށްވެހި ތަރައްޤީގެ ވަސީލަތްތައް ބޭނުންކޮށްގެން، ދެމެހެއްޓެނިވި ގޮތުގައި މި އިޤްތިޞާދު ހިނގަހިނގާ އޮންނާނެ ގޮތްތައް، ސަރުކާރުންވަނީ ވިސްނާފައި. ވުމާއެކު، ކޮންވެންޝަން ހޮޓަލުގެ ގޮތުގައި، މިހުރި ކޮންވެންޝަން ސެންޓަރާއި އަދި އެސަރަޙައްދު އިތުރަށް ތަރައްޤީކޮށް ހިންގުމަށް، ޕީ.ޕީ.ޕީ.ގެ އުޞޫލުން ހުޅުވާލާ ބައިނަލްއަޤްވާމީ ބީލަން، މި ނޮވެމްބަރ 14 ވަނަ ދުވަހު ސަރުކާރުން ހުޅުވާލާނެ. އަދި މީގެ އިތުރުންވެސް، އިޤްތިޞާދީ އިތުރު ޙަރަކާތްތަކާއި ވަޒީފާގެ ފުރުޞަތުތައް މިހާރަށްވުރެ އެތައް ގުނައަކުން އިތުރުވެ ދިޔުމަށްޓަކައި، ހުޅުވެން އޮތް ހުރިހާ ދޮރުތައް ސަރުކާރުން ދަނީ ހުޅުވަމުން. އަދި މި ސިޔާސަތާ އެއްގޮތަށް، ފިސާރި ދިރުންހުރި ތަނަވަސް ދިރިއުޅުމެއްގެ ވެރި ރައްޔިތަކަށް، ދިވެހިން ހެދުމަށްޓަކައި، ކުރަންޖެހޭ ކަންކަން، އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގައި ސަރުކާރުން ކުރިއަށް ގެންދާނެ.

ސާކް ސަމިޓްގެ ޒަރީޢާއިން ލިބުނު ފުރުޞަތުގައި، މިހާ ކުރު މުއްދަތެއްގައި ގެނެވިފައި މިވާ ބޮޑު އިންޤިލާބު ދެކި، އަޅުގަނޑުމެންނަށްވުރެ މާ ކުޅަދާނަ، މާމޮޅު ޤައުމުތައް އެވަނީ އަންތަރީސްވެފައި. ބޮޑެތި ބިޔަ މަޝްރޫޢުތައް، ހައިރާންވާހާ ބާރުމިނުގައި ފުރިހަމަކޮށް ނިންމާލުމުގެ ހުނަރާއި، ފަންނާއި، ކުޅަދާނަކަން ދިވެހިންނަށް ލިބި ހުރި މަތީ ދަރަޖަ، މިއަދު މިވަނީ ސާބިތުވެފައި. މިހެން ލިބޭ ކޮންމެ ދަނޑިވަޅަކާއި ފުރުޞަތެއްގެ ބޭނުން ދެންވެސް އަޅުގަނޑުމެން ހިފާނީ ހަމަ މިގޮތަށް. މިއަދު މި ސަރަޙައްދުން މިފެންނަ ނަމޫނާ އިރާދަކުރެއްވިއްޔާ ހަމަ މިގޮތުގައި މުޅިރާއްޖެއަށް ފަތުރާނުލާނެނަމަ، މިފަހަރުގެ މި ސަމިޓް، މި ސަރުކާރުންވެސް ބޭއްވީހީ، ކުރިންވެސް ބޭއްވި ގޮތަށް. ތަފާތަކީ މިއީ އެދުވަހެއް ނޫން.

މިއަދު މިއީ މުޅިރާއްޖޭގެ ދުވަސް. ބޮޑުއުތުރާއި، ބޮޑުދެކުނާއި، މެދުރާއްޖެއަށް ތަރައްޤީއާއި ވަސީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދީގެން ނޫނީ، މުޅިރާއްޖެ ތަރައްޤީވާކަށް ނެތް. ހިތާމައަކީ މިއަދާ ހަމައަށް އައިއިރު، ޙަޤީޤަތުގައި ދިވެހިން ތިބެން ޖެހޭ ތަނަށް ނާދެވި، މާފަހަތުގައި އަޅުގަނޑުމެން ތިބެން ޖެހުނުކަން. ހިތާމައަކީ ސާފު ފެނާއި، މަގާއި، ނަރުދަމާއަކީ މާ މުޤައްދަސް ޚިދުމަތްތަކެއް ކަމުގައިވެ، މިއޮއްހާ ޒަމާނު، އެ ޚިދުމަތްތަކުން، ރައްޔިތުން މަޙްރޫމްކޮށްފައި ތިބިކަން. ވުމާއެކު، ގެއްލިދިޔަތަން އަނބުރާ ހޯދުމުގައި ރެޔާދުވާލު، ހުއްޓާނުލާ މަސައްކަތްކުރުން، އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައި. އަދި މި ކަންކަމަށް ހިނގާނެ ބޮޑެތި ޚަރަދުބަރަދާ ގުޅޭ، ތަދުބީރުތައް ރާވައި، އެސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު، މިއަދު ކިތަންމެހާވެސް ބުރަ. އެއާއެކު މިކަންކަމާ ދިމާ ދެކޮޅަށް ކުރިމަތިކުރުވާ ހުރަސްތަކާއި ގޮންޖެހުންތައްވެސް އެހާމެ ގިނަ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ޖުމްހޫރީ ވެރިކަމަކީ ހަނދި ހަސަނަށް މޫދު ހިތަކަށް ލިބުނީމަވާހެން ކުރެވޭ ކަމެއް ނޫން. އަދި ނަމްރޫދު ރަސްގެފާނުގެ ހިރިޔާފާތުރާގެ ދަށުން، ފުރާނަ އެޅުމާއި، ފުރާނަ ހިފާ ގޮތަށް، އެހިނދަކަށް ހިތާވާ ކަމެއްކޮށް، ހިތާނުވާ ކަމެއް ދޫކޮށްލި ގޮތަށް، އެއްވެސް ދުރުވިސްނުމެއް ސިޔާސަތެއް، ރޭވުމެއް ނެތި، ޖުމްހޫރީ ވެރިކަމެއް ނުހިންގޭނެ.

ޖުމްހޫރީ ވެރިކަމަކީ، ހަމައެކަނި ވެރިކަމަށްޓަކައި ވެރިކަންކޮށް، ރައްޔިތުން ބިކަކޮށް، އެކަހެރި ކުރެވޭނެ ނިޒާމެއްވެސް ނޫން. ޖުމްހޫރީ ވެރިކަމުގައި، އަހަރަކު ބަނދަރެއް ހަނދައިގެން އަހަރުތައް ބޭކާރެއް ނުކުރެވޭނެ. އަމުދުން ސާފު ފެނާއި، ނަރުދަމާއާއި، ޟަރޫރީ ވަސީލަތްތަކުން ރައްޔިތުން މަޙްރޫމްކޮށްގެން، ޖުމްހޫރީވެރިކަމެއް ނުކުރާނެ. ކޮންމެ ހަޅައަކަށް ވެއްޓޭ ގޮތަށް، ވެލިސިމެންތިން ކަނޑުތޮށްޓާއި، އެއްގަމު ވާޓަރު ހަދައިގެން ޖުމްހޫރީ ވެރިކަމެއް ނުހިންގާނެ. ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތަކަށް ބުނެވޭ ބަހަކުން، ކުރެވޭ އިޝާރާތަކުން، އޭނާ ހިފާ ހައްޔަރުކޮށް ކުޑަގޮޅީގައި، ލާއިންސާނީ އަނިޔާއެއް ނުދޭނެ. އަދި ހަމަކަށަވަރުންވެސް، ޖުމްހޫރީ ވެރިކަމެއްގައި ދީނީ ޢިލްމުވެރިން ހިފާހައްޔަރުކޮށް އަހުވައެއް ނުދައްކާނެ. ޖުމްހޫރީ ވެރިކަމެއްގައި އުފަންވެ، ހެދި ބޮޑުވަމުން އަންނަ ޒުވާނުން، އެއްވެސް ފަންނެއް ހުނަރެއްނެތް ބޭކާރު ބައެއްގެ ގޮތުގައި ބިތްޖެހި، ބިކަވެ، އެކަހެރިވެ، ދިރިއުޅުމުގެ ފުރުޞަތުތަކުން މަޙުރޫމެއް ނުވާނެ. ޙަޤީޤީ ޖުމްހޫރީ ވެރިކަމެއްގައި މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ދާނީ ބަންދުވަމުން، ފުރުޞަތުތައް ދާނީ ހުޅުވެމުން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ތިޔަބޭފުޅުންގެ އުންމީދުތަކާއި އެކިއެކި ޚިދުމަތްތަކަށް އެދި ތިއްބެވި މިންވަރު އަޅުގަނޑަށް ވަރަށް ސާފު. އަޅުގަނޑަކީ ގާތްގަނޑަކަށް ކޮންމެ ބުދަ، ބުރާސްފައްޗެއްގައިހެން، އަތޮޅުތަކަށްގޮސް، ހަފްތާއެއްގެ ދެދުވަސް ރައްޔިތުންނާ ވަރަށް ގާތުގައި ހޭދަކުރާ މީހެއް. ރައްޔިތުން އެދި ތިބި މިންވަރާއި ގެއްލިދިޔަ ދިގު ތަނަށް ބަލާއިރު، މަޑުން ތިބެވޭކަށް އަދި ލަހުން ކުރެވޭކަށްވެސް މިއަދަކު ނެތް. ބޭނުންވަނީ ހީވާގި ބުރަ މަސައްކަތް. ބޭނުންވަނީ ފަތިހާ ތެދުވެ ދުވަހުގެ ބޭނުން ފުރިހަމައަށް ހިފުން. ހަމަގައިމުވެސް ދުވާލަކު މަދުވެގެން ފަނަރަ ނުވަތަ ސޯޅަ ގަޑިއިރު، ތިޔަބޭފުޅުންގެ ޚިދުމަތުގައި މަސައްކަތް ކުރެވޭތޯ އަޅުގަނޑު ބަލާނަން.

ޖުމްހޫރީ ދުވަހުގެ ރަސްމިއްޔާތުތަކާއި، އަދި ސާކް ސަމިޓްގެ އެންމެހާ ކަންކަމުގައި، އައްޑޫ ސިޓީއާއި ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން ދެއްވި މެހްމާންދާރީއާއި އެއްބާރުލެއްވުމަށް ތިޔަ އެންމެ ބޭފުޅުންނަށް އަޅުގަނޑު ނިހާޔަތަށް ޝުކުރު ދަންނަވަން. މިތަނުގެ ކައުންސިލްތަކާއި، އެންމެހާ މުއައްސަސާތަކުންނާއި، ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުގެ މިންނެތް ބުރަ މަސައްކަތަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން. އަދި ވަކީން ޚާއްޞަކޮށް، އަޅުގަނޑު ވަރަށް ފަޚްރުވެރިކަމާއެކު ދަންނަވަން، ޤައުމެއް ބިނާކުރުމަށް ކުރެވޭ ބުރަ މަސައްކަތުގައި، ދިވެހި ސިފައިންނާއި ފުލުހުން އެ ދައްކަވާ ހިތްވަރުގަދަ ރީތި ނަމޫނާއަކީ، ފިސާރި އާދަޔާ ޚިލާފް މިސާލެއް. އެކަމަށްޓަކައި އެ އެންމެހާ ބޭފުޅުންގެ ޢާއިލާތަކާއި، ހުރިހާ ރޭންކެއްގެ އެންމެހާ އޮފިސަރުންނާއި އެބޭފުޅުންގެ ވެރިންނަށް، އަޅުގަނޑު އައްސަރިބަހާއި ސާބަސް ދަންނަވަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން!

ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވަން އޮތް ވަރަށް މުހިންމު އެއްވާހަކަ އެބައޮތް. އެއީ، ޚިދުމަތްތަކާއި، ވަސީލަތްތަކާއި، ތަރައްޤީއާއި ތަނަވަސް ފަހި ދިރިއުޅުމަށް، ތިޔަ ރައްޔިތުން ކުރައްވާ އުންމީދު، އަޅުގަނޑު ހުރިހާތައްދުވަހަކު ދޫނުކުރައްވައްޗޭ! ތިޔަބޭފުޅުންގެ އުންމީދުތަކާއި ހުވަފެންތައް ބިލާހަކަށްވެދާކަށް އަޅުގަނޑު ހިލާ ދުލެއް ނުކުރާނަން. ތިޔަބޭފުޅުންގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުޖެހޭނެ. އެތައް ޒަމާނެއް ވަންދެން، ވެދާނެ ކަމުގެ އުންމީދެއް ނެތިފައި ތިއްބަވަނިކޮށް، ކަންކަންހުރެ ލޯމަތިން ފެންނަން ފެށުމުން، ތިޔަ ކުރައްވާ އިޙްސާސްތަކާއި އުންމީދު، އެތައް ގުނައަކުން އިތުރުވާނެކަން ޚުދު އަޅުގަނޑަށްވެސް އިޙްސާސް ކުރެވޭ. ރަނގަޅަށް ހަނދުމަފުޅު ބަހައްޓަވާތި. ނުވާނެއޭ ބުނި އެތައް ކަމެއް އަޅުގަނޑުމެން ކޮށްފީމު، އިރާދަކުރެއްވިއްޔާ އަދިވެސް އަޅުގަނޑުމެން ކުރާނަން. އިރާދަކުރެއްވިއްޔާ ދެން އޮތް ތަނުގައިވެސް އަޅުގަނޑުމެން ކުރާނަން. ބޭނުންވަނީ ޖެހިލުން ކުޑަ އާދަޔާ ޚިލާފް، އިޚުލާޞްތެރި ވިސްނުން. ބޭނުންވަނީ މިއަދު ފެންނަންނެތްތަން ދެކިގެންތިބެ، އެތަން ހޯދުމަށް ކެތްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ގަދައަޅައި މަސައްކަތްކުރުން. ބޭނުންވަނީ ހަމަ ޙަޤީޤަތުގައިވެސް ޣައިބަށް އީމާންވުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ.