بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 4 ނޮވެމްބަރ 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރު އަޅުގަނޑު މިހުރީ ސާކް ސަމިޓުގައި ބައިވެރިވުމަށާއެކީ އައްޑޫސިޓީއަށް އައިސް. އެނގިވަޑައިގަންނަވާނެ ސާކް ސަމިޓަށްޓަކައި އައްޑޫސިޓީއާއި ފުވައްމުލައް މިވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި.

ރޭގައި އަޅުގަނޑަށް އެތައްޔާރީތައް ކޮންމެވެސް މިންވަރަކަށް ބަލައިލުމުގެ ފުރުޞަތު ވަނީ ލިބިފައި. އަދިވެސް މުޅިން އެކީ އެކައްޗަކަށް ނިންމާލުމަށް ކުރަން ހުރި ބައެއް މަސައްކަތް ހުރި ކަމުގައި ވިޔަސްވެސް، އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން، އަޅުގަނޑުމެން މިއެދޭ ފުރިހަމަ މިންވަރަށް ސަމިޓަށް ބޭނުންވާ އެންމެހާ ތައްޔާރީތައް ފުރިހަމަވެގެންދާނެ.

އައްޑޫ ސިޓީއަކީވެސް ޤައުމީ ރޫޙާއި ހިތްވަރުން މުޅި ރާއްޖެ ތަމްސީލުކޮށްލެވޭފަދަ ޢިލްމުވެރި ފާޑުވެރި އަދި ހުނަރުވެރި ރައްޔިތުންތަކެއްގެ ފަޚުރުވެރި އާބާދީއެއްކަން އަޅުގަނޑުމެނަށް ހާމަވެގެންދަނީ ސާކް ސަމިޓަށްޓަކައި ވެލައްވަމުން އެގެންދަވާ ތައްޔާރީތަކުގެ ފުރިހަމަކަމުން. ރައްޔިތުންގެ ފުރިހަމަ ބައިވެރިވެލެއްވުމާއި އެއްބައިވަންތަކަން އޮވެގެން ކުރިއަށް މިދާ އެންމެހާ މަސައްކަތްތައް ޤައުމީ ދިފާޢީ ބާރުތަކާއި ދިވެހި ފުލުހުންނާ ގުޅިލައްވައިގެން ކުރިއަށް އެ ގެންދަވާ ފުރިހަމަ މަސައްކަތްތަކަށްޓަކައި، އެމަސައްކަތްތަކުގައި ޝާމިލްވެލެއްވި ހުރިހާ ފަރާތްތަކަށް ދެކުނު ސަރަޙައްދާއި އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ސާބަހާއި އައްސަރިބަސް ރައްދުކުރަން.

އައްޑޫ ސިޓީގައި ސާކް ސަމިޓް ތައްޔާރުވަމުން އަންނައިރު، މި ސަރުކާރުން ހިންގި އެންމެ ފުރަތަމަ އެއް ވަޢުދުގެ މަޝްރޫޢު، އެއީ، ދަތުރުފަތުރުކުރުމުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ ވަޢުދު، އެ މަޝްރޫޢު އެންމެ ފުރަތަމަ ހިންގަން ފެށުނު އެއްރަށަކީ، ޙަޤީޤަތުގައި އައްޑޫ ސިޓީ. މިތަނުގައި އެތެރޭގެ ބަސްތައް ދުއްވުމާއި އަދި ފުވައްމުލަކާއި އައްޑުއާ ދެމެދު ކަނޑުގެ ދަތުރު ހިންގުމާއި އަދި ފުވައްމުލަކުގައިވެސް ބަހުގެ ދަތުރުކުރުން. މި އެންމެހާ މަސައްކަތްތައް ކޮށްދިނުމަށް އެއްބަސްވާ ފަރާތަކަށް ޓެންޑަރުގެ އުސޫލުން ދޫކުރެވިފައިވާ ތަނަކީ ދޫގަސް. ކުރީގައި ދޫގަހަކީ، ސަރުކާރުން ޚަރަދުކޮށްގެން، ސަރުކާރުގެ ގެސްޓްހައުސްއެއްގެ ގޮތުގައި ހުންނަ ތަނެއް. މިއަދުގެ ދޫގަހަކީ، 50 މީހުންގެ ރީތި ހޮޓަލެއް. އެ ހޮޓާ ހިންގުމުގައި ސަތޭކަ ސާޅީހަށްވުރެ ގިނަ ދިވެހިން އެބަ ޙަރަކާތްތެރިވޭ. ބޭރު މީހުންގެ ގޮތުގައި ތިބެނީ އެންމެ 5 މީހުން. އަދި މި ހޮޓަލުން ސާކް ސަމިޓަށް ވަރަށް ރަނގަޅު އެކަށީގެންވާ ޚިދްމަތްތަކެއް ދޭނެކަމީ، އަޅުގަނޑަށް އެ ހޮޓަލްގެ މެނޭޖްމަންޓް ވަރަށް ބޮޑު ޔަޤީންކަމެއް ދެމުން އަންނަ ކަމެއް. އަޅުގަނޑަށް ޔަޤީން، އައްޑޫސިޓީގައި ތައްޔާރުވަމުން އަންނަ އެހެން ހުރިހާ ތަނެކޭވެސް އެއްފަދައިން ދޫގަހުގެ މަސައްކަތްތައްވެސް ނިމިގެންދާނެ.

ނިމިދިޔަ ހަފްތާ ތެރޭ އަޅުގަނޑުމެންނަށްވަނީ ފުވައްމުލަކުގައި ފުރަތަމަ ފަހަރަށް މަތިންދާބޯޓު ޖެއްސުމުގެ ހެޔޮ މިންވަރާއި އުފާވެރިކަން ޙާޞިލު ކުރެވިފައި. ފުވައްމުލަކު އެއަރޕޯޓަކީ، ހަމަގައިމުވެސް އެރަށަށް ނިސްބަތްވާ ކޮންމެ އަފުރާދަކުމެ އަޅުގަނޑުމެންނެކޭ އެއްފަދައިން ޙަމްދުކޮށް އުފާކުރާނޭ މަތިވެރި ރަމްޒެއް. އަޅުގަނޑު ދަންނަވާނީ އެއީ، މިރާއްޖޭގެ ތާރީޚުގެ ފަތްފުށްތަކުގައި އަބަދުވެސް ފާހަގަވަމުން އަންނަ ފުވައްމުލަކު ރައްޔިތުންގެ އަގުހުރި ޤައުމީ ޚިދުމަތާއި ހިތްވަރާއި ޢަޒުމްގެ މަތިވެރި ރޫޙާ ގުޅިފައިވާ ރަމްޒެއް ކަމުގައި.

ފުވައްމުލަކަށް އެއަރޕޯޓެއްގެ ބޭނުންތެރިކަމަކީ ދުވަސްތަކެއް ވަންދެން އެރަށުގެ ރައްޔިތުން ފާހަގަކުރަމުން އައި ކަމެއް. މިއަދު އިރާދަކުރައްވައިގެން ސަރުކާރަށް މިވަނީ ފުވައްމުލަކު ރައްޔިތުންގެ އެ ބޭނުން ފުއްދައިދެވިފައި. އެހެންވީމާ، މިހާރު އަޅުގަނޑުމެން މި ސަރުކާރުން ފާހަގަ މިކުރާ ގޮތުން މިވަނީ ފުވައްމުލަކު ރައްޔިތުން ރަށު ބަންދުން ވީއްލިފައި. ފުވައްމުލަކަށް ވައިގެ މަގުންވެސް އަދި ކަނޑު މަގުންވެސް އައިސް ގޮސް ވެވޭނޭ ގޮތްތައް މިވަނީ ހަމަޖެހިފައި. އަދި ފުވައްމުލަކުގެ ރަށު ތެރޭގައިވެސް ދަތުރުކުރެވޭނެ މަގުތައް މިވަނީ މިހާރު ހަމަޖެހިފައި.

ދިވެހި ޒުވާނުންނަކީ، މުޖުތަމަޢަށް ބޭނުންތެރި، ހުނަރުވެރި އަދި މަސައްކަތްތެރި ބަޔަކަށްވުމަށް ސަރުކާރުން ފަހިކޮށްދީފައިވާ ދެވަނަ ފުރުޞަތުގެ ދަށުން، މިހާތަނަށް 330 މީހުން ދޫކުރެވިއްޖެ. މީގެތެރެއިން 149 މީހަކު މިހާރު ވަޒީފާއަދާކުރަމުން އެބަގެންދޭ. އަދި ހުނަރު ޕްރޮގްރާމަށް 81 މީހަކު ކުރިމަތިލައި، އޭގެތެރެއިން 13 މީހަކު މިހާރުވަނީ ކޯސް ފުރިހަމަކުރަން ފަށާފައި. ދެވަނަ ފުރުޞަތުގެ ޕްރޮގްރާމްގެ ދަށުން އިތުރު މީހުންނަށް އަދިވެސް ފުރުޞަތު ދެވޭނެ. ދެވަނަ ފުރުޞަތުގެ ޕްރޮގްރާމުގެ ދަށުން މީހުން ދޫކޮށްލެވޭނީ، އެމީހުން މުޖްތަމަޢުގައި އުޅުން ބައްޓަންވެފައިވާގޮތާއި އަދި ކުށްކުރުމުން ދުރުހެލިވެތިބުމާގުޅޭ 10 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، ބެލެނިވެރިއެއްގެ ބެލުމުގެ ދަށުން. މި ޕްރޮގްރާމްވެސް ފެށިގެން ކުރިއަށް އެބަދޭ.

ދެވަނަ ފުރުޞަތުގެ ޕްރޮގްރާމުގެ ތެރެއިންވެސް ބައެއް ފަރާތްތަކުން ކުށް ކުރާނެކަން އެއީ، އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރަންޖެހޭނޭ ޙަޤީޤަތެއް. ދޫކުރެވޭ ނުވަތަ ފުރުޞަތުދެވޭ ހުރިހާ ފަރާތްތަކަކުން އެ ފުރުޞަތުގެ ފުރިހަމަ ބޭނުން ނުހިފައިފާނެ ކަމަށް އަޅުގަނޑުމެން ދެކެންޖެހޭނެ. އެހެން ނުހިފައިފިނަމަ އޭގެ ގެއްލުން، އޭގެ ހިތާމަ ރައްދުވެގެންދާނީ ސީދާ އެފަރާތަށް. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ބޭނުމަކީ، ވީހާވެސް ގިނަ ފަރާތްތަކަކުން ހެޔޮ ގޮތުގައި މި ފުރުޞަތުގެ ބޭނުންކޮށް، އަލުން އަނބުރާ މުޖްތަމަޢަށް އައުމަށް ދެވަނަ ފުރުޞަތުގެ ހުރިހާ ބައިވެރިންވެސް މަސައްކަތް ކުރައްވަމުން ގެންދެވުން.

މާދަމާއަކީ، މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަސް. އެނގިވަޑައިގަންނަވާނެ، ޙައްޖުގެ މަތިވެރި އަޅުކަމަކީ، ކެރިކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އެއަށްވުރެ ވަކި މަތިވެރި ފަރުޟެއްނުވާ ފަރުޟެއް. އެ އަޅުކަމަށް ކުރިމަތިލެވޭ މާލީ އަދި ޖާނުގެ ވަރުހުރެ، ޤާބިލުކަން ހުރި ކޮންމެ އިސްލާމަކު އެ އަޅުކަމަށް ކުރިމަތިލާންޖެހޭނެކަމީ، އަޅުގަނޑުމެން އެކަކަށްވެސް އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. ޙައްޖުގެ އަޅުކަން ގުޅިފައިވަނީ، އިސްލާމީ އުންމަތުގެ ކިތަންމެ ފަލްސަފާއަކާއި ކިތަންމެ އުސޫލުތަކަކާ ކިތަންމެ ހަމަތަކަކާ. އަޅުގަނޑުމެންގެ މުސްލިމުންގެ ތެރޭގައި، ހުރިހާ މުސްލިމުންވެސް އަބަދުވެސް އެއްދިމާއަކަށް ކޮންމެ ދުވަހަކު ފަސް ފަހަރު ހުއްޓޭ އެއްދިމާއަކީ، ކަޢުބަތުﷲ ގެފުޅު. ޙައްޖުގެ އަޅުކަން މި ހިނގަނީ މި ދެންނެވި އެންމެ މުޤައްދަސް ބިމާ ގުޅިގެންކަމަށްވާކަމީ، އަޅުގަނޑުމެން އިސްލާމުންނަށް މިކަމުގައި އިތުރު މުހިންމުކަން ފުޅާވެ ބޮޑުވެގެންދާކަމެއް. އަޅުގަނޑަށް ޔަޤީން، ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާން ޙައްޖަށް ދަތުރުފެށި ހުރިހާ ޙައްޖުވެރިންނަށްވެސް އިރާދަކުރެއްވިއްޔާ ޙައްޖު ލިބޭނެ. އަދި ޙައްޖުގެ އަޅުކަން ނިންމޭނެ.

އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމާއެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم