بســم اللّـه الرّحمـن الرّحيــم
السّـلام عليـكم
މިއަދަކީ 28 އޮކްޓޯބަރ 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، އަޅުގަނޑު މިހުރީ ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރާ ދަތުރެއްގައި އޮސްޓްރޭލިޔާގެ ޕަރތްގައި.
އަންނަ ހޯމަ ދުވަހު، މި އޮކްޓޯބަރ 31 ވަނަދުވަހު، ދުނިޔޭގެ އާބާދީ 7 ބިލިއަނަށް އަރާ ކަމަށް މިހާރު މިވަނީ އަންދާޒާ ކުރެވިފައި. ރާއްޖޭގެ އާބާދީ މިހާރު ލަފާކުރެވޭ އަދަދަކީ، ތިންލައްކަ އެކާވީސްހާސް ފައްސަތޭކަ. 1985ގައި ރާއްޖޭގެ އާބާދީއަކީ އެއްލައްކަ އަށްޑިހަހާސް އަށްޑިހަ އަށެއް. ތަޖުރިބާކާރުން އަންދާޒާކުރާގޮތުގައި ރާއްޖޭގެ އާބާދީ 2025 ވަނަ އަހަރު 4 ލައްކައަށް އަރާނެ. ރާއްޖޭގައި 25 އަހަރުން ދަށުގެ އާބާދީ %51 އަށް އަރާ. އަދި އާބާދީގެ ހަތަރުބައި ކުޅަ އެއްބައި މީހުންނަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން. ރާއްޖޭގައި އެވްރެޖްކޮށް އަންހެން ކުދިން 19 އަހަރުގައި އަލަތު ކައިވެނިކުރޭ. އަދި 20 އަހަރުގައި ފުރަތަމަ ދަރިފުޅު ލިބޭކަމަށް ހިސާބުތައް ދައްކާ.
ދުނިޔޭގެ އާބާދީއަށް 7 ބިލިއަން ހަމަވުމަކީ ބޮޑު ކާމިޔާބެއް. އިންސާނުން ދުޅަހެޔޮ ޞިއްހަތެއްގައި ޢުމުރުން ގިނަދުވަސްވަންދެން ދިރިއުޅޭ. ބަލިބަލީގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ވަރަށް ދަށް ކުރެވިއްޖެ. ދުނިޔޭގައި އެކިހިސާބުގައި އުޅޭ މީހުން ޓެކްނޮލޮޖީގެ ޒަރީޢާއިން ގުޅާލާ ލާމެހިއްޖެ. މިހުރިހާ ކާމިޔާބެއް، ދެމެހެއްޓޭނީ މިއަދު އެންމެންގެ ޢަމަލުތައް ބަހައްޓާގޮތުގެ މައްޗަށް ބިނާކޮށް.
ރާއްޖޭގައިވެސް 1980 ގައި އުފަންވީ މީހުނަށްވުރެ، މިހާރު އުފަންވި ކުދިން، 20 އަހަރު އިތުރަށް ދުނިޔޭގައި އުޅޭނެކަމަށް ދައްކާ. ޅަފަތުގައި މަރުވާ ކުދިންނާއި ވިހެއުމުގެ ތެރޭގައި މަރުވާ މައިންގެ ޢަދަދު ވަރަށްބޮޑުތަން ދަށްކުރެވިއްޖެ. 7 ބިލިއަން ހަމަވުމަކީ ބޮޑު ގޮންޖެހުމެއްވެސްމެ.
މިއަދު އިންސާނުންނަށް އޮތް އެންމެ ބޮޑުގޮންޖެހުމަކީ، ތަފާތު އެކި ނަސްލުގެ، ދީނުގެ، ފިކުރުގެ، އަދި ޤައުމުގެ މީހުން އެކުގައި އުޅެން ޖެހުމުން ކުރިމަތިވާ ކަންތައްތައް. މުއްސަނދިންނާއި ފަޤީރުންނާ ދެމެދުގެ ފަރަޤު އަންނަނީ ފުޅާވަމުން. ގިނަ ޢަދަދެއްގެ އިންސާނުން، ދާއިމީގޮތަށް ކާނާއާއި ސާފު ބޯފެން ލިބުމުގެ ދަތި ތަޙައްމުލު ކުރޭ.
ރާއްޖޭގައިވެސް ކެއިންބުއިމުގެ ޚަރަދުތައް ފަޤީރުންނަށްވުރެ، މުއްސަނދިން 10 ގުނަ އިތުރަށް ކުރޭ. އަތޮޅުތަކުގައި އުޅޭ ޒުވާނުންގެ ތެރެއިން ދެބައިކުޅަ އެއްބައި އަންހެންކުދިން އަދި ހަތަރުބައިކުޅަ އެއްބައި ފިރިހެންކުދިން އާމްދަނީ ލިބޭ ގޮތަށް ހަރަކާތްތެރިނުވާ ކަމަށްދައްކާ.
އަޅުގަނޑުމެން 17 ވަނަ ސާކް ސަމިޓަށް ތައްޔާރުވަމުން އަންނައިރުގައި އެނގިވަޑައިގަންނަވާނެ، މިހާރު އައްޑޫ ސިޓީގަޔާއި ފުވައްމުލަކުގައި ހިންގޭ މަސައްކަތްތައް މިދަނީ ނިމެމުން، އޭގެ އެންމެފަހު މަރްޙަލާތަކުގައި. އަޅުގަނޑުމެން އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ ކާމިޔާބުކަމާ އެކީގައި ހުރިހާ މަސައްކަތް ނިމި، ވަރަށް ފުރިހަމަ ސަމިޓެއް އަޅުގަނޑުމެންނަށް ބޭއްވޭނެ ކަމަށް.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމާއެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. والسّـلام عليـكم