بســم اللّـه الرّحمـن الرّحيــم

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެފް.އޭ.އެމް.ގެ ޗެއަރމަން، ކްލަބްތަކުގެ ވެރިން، ފުޓްބޯލް ސްކޮޑް އަދި ފުޓްބޯލް ސްކޮޑާ ޙަވާލުވެލައްވާ ތިއްބަވާ އެންމެހާ ބޭފުޅުން. މިތަނަށް ވަޑައިގެން ތިއްބެވި ސްޕޮންސަރުންނާއި އަދިވެސް އެހެން ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެންނަށް ޤައުމިއްޔަތެއް ބިނާކުރުމަށް ލިބެން އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ކުރެވެން އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރުން. ޤައުމިއްޔަތުގެ ތަރަހައަކީ ކުޅިވަރުގެ ޢާންމު އުޞޫލަތަކުން ފެށިގެން އަންނަ ކަމެއް. ޤައުމިއްޔަތެއް ބިނާކުރުމުގައި، ކުޅިވަރު ތަރައްޤީނުކޮށް، އަޅުގަނޑުމެން މި އެދޭ ބާވަތުގެ، ތަރައްޤީއަށް މަގުފަހިވާ ބާވަތުގެ ޤައުމިއްޔަތެއް ބިނާކުރަން އަޅުގަނޑުމެންނަށް ވަރަށް ދަތިވާނެ.

ދިވެހިރާއްޖޭގެ ފުޓްބޯޅަ ޓީމް އަދި ސްކޮޑް އެހެންވީމާ ކުރާ މަސައްކަތަކީ، ހަމައެކަނި ސާފް ގޭމްސްގައި ތަށި ހޯދުމެއް ނޫން. އެކަން އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން މިފަހަރު ކުރައްވާނެކަން. އެއީ، އަޅުގަނޑު މިހާރު ޝައްކުހިނގާ ކަމެއް ނޫން. އޭގެއިތުރަށް ތިޔަބޭފުޅުންގެ މުހިންމު ބޮޑު މަސައްކަތެއް، އަޅުގަނޑު މިދެންނެވީ. ޤައުމިއްޔަތެއް ބިނާކުރުމުގައި، މި ރާއްޖެ ތަރައްޤީ ކުރުމުގައި، ތިޔަބޭފުޅުންގެ ދައުރަކީ، ރާއްޖޭގެ އެހެންވެސް އަދި ދާއިރާތަކުގައި އެ ކުރާ މަސައްކަތްތަކެކޭ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެއްމިންވަރެއްގެ ދައުރެއް. އެ ދައުރު އަދާކުރުމުގައި، ތިޔަބޭފުޅުން މަސައްކަތް ކުރައްވަމުން ތިޔަ ގެންދަވަނީ، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ފަޚްރުވެރިވާނެ މިސާލުގައި.

ދެންމެ ޢާޒިމް ފާހަގަކުރެއްވި، މިދިޔަ އަހަރުގެ ސާފް ގޭމްސްގައި، ޓީމް ހޯއްދަވާފައިވާ ކާމިޔާބު ނުހަނު މަތިވެރި. މިފަހަރު އަޅުގަނޑުމެން ނުކުންނައިރުގައި، މިދިޔަ އަހަރުގެ ތަޖްރިބާއާއި އަދި އޭގެއިތުރަށް އަޅުގަނޑުމެންނަށް ލިބިފައިހުރި ހުނަރުވެރިކަމާއި އަދި އަޅުގަނޑުމެންގެ ޓީމުގެ ނުގުޑާފަދަ ޢަޒުމާއި، ދެގޮތެއްނުވާފަދަ ހިތްވަރާއެކީގައި ނުކުމެ، އަޅުގަނޑުމެން މި އެދޭ ކާމިޔާބު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހޯދޭނެ. ކާމިޔާބުގެ ސިއްރަކީ، ކުޅެން ނުކުންނަ ދުވަހު، ގަދަ ހިތްވަރެއްލުމެއް ނޫންކަން އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ. ކާމިޔާބު ގުޅިފައި އޮންނަނީ، މާކުރިއްސުރެ ފަށައިގެން، ރޭވިފައި އޮންނަ ރޭވުންތަކެއްގެ މައްޗަށް. މާކުރިއްސުރެ ފަށައިގެން ހިންގިފައި ހުންނަ ކަންތައްތަކެއްގެ މައްޗަށް. މިއަދު އަޅުގަނޑުމެންނަކަށް، އިއްޔެއެއް ދެން އަނބުރައެއް ނުލިބޭނެ. އެހެން ނަމަވެސް، މިއަދު މިއޮތް ހިސާބުން އަޅުގަނޑުމެންނަށް ކުރިއަށް ގެންގޮސް، ފުރިހަމަ ކާމިޔާބެއް ހޯދުމަކީ، މިއަދުގެ ރާއްޖެއަށް ކުރެވެން އޮތް ކަމެއްކަން އަޅުގަނޑަށް ހަމަގައިމުވެސް ކަށަވަރު.

އަޅުގަނޑުމެންގެ ތެރޭގައި، ހުނަރުވެރި ކުޅުންތެރިން އެބަތިބި. އަޅުގަނޑުމެންގެ ތެރޭގައި، ޓީމްތައް ގެންގުޅޭނެ މެނޭޖަރުންނާއި، ކޯޗުންނާއި އަދި މިބާވަތުގެ ކަންކަން އިންތިޒާމްކޮށް، ހިންގާނެ ބޭފުޅުން އެބަތިބި. އަޅުގަނޑުމެންގެ ތެރޭގައި، މިކަމަށް ޝައުޤުވެރިވާ ރައްޔިތަކު އެބައޮތް. އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ނުކުރެވޭންވީ، ޙަޤީޤަތުގައި އެއްވެސް ސަބަބެއް އަޅުގަނޑަކަށެއް ނުފެނޭ.

އަޅުގަނޑު ޓީމާ ގުޅޭގޮތުން މިދެންނެވި ވާހަކައިގެ އިތުރުން އަދި ހަމަ ފާހަގަކޮށްލަން ބޭނުން. އަޅުގަނޑުމެންނަށް މިހާރު ފެންނަމުން އަންނަނީ، ބޯޅަކުޅޭ ތަނަށް މީހުން، ކުޅިބެލުންތެރިންދާލެއް މަދުވަމުން އަންނަތަން. އެކަމުގެ އަޞްލަކީ ކޮބައިތޯ އަޅުގަނޑުމެން އެބަ ދެނެގަންނާންޖެހޭ. މިކަމަށް ގެންނަންޖެހޭ ބަދަލު އަޅުގަނޑުމެން އެބަ ގެންނާންޖެހޭ. ގެނެސްގެން، އަލުން އަނބުރާ ހުރިހާ ބޯޅައަށް ޝައުޤުވެރިވާ އެންމެ ސަޕޯޓަރުން، އަޅުގަނޑުމެންގެ ސްޓޭޑިއަމްތަކަށް އެބަ ޖޯޝާ އެކީގައި ނުކުންނާންޖެހޭ. އަޅުގަނޑުމެން، ރާއްޖޭގައި ކަންތައް ހުރިގޮތް، އަށްޑިހައިގެ އަހަރުތަކާ މިހާރު ވަރަށް ބޮޑަށް ތަފާތު. އަށްޑިހައިގެ އަހަރުތަކުގައި، ސްޓޭޑިއަމްތައް ފުރެމުންދިޔައިރުގައި، ދުރުން ދައްކާ ޓީ.ވީއަކުން ފެންނަ ބޯޅަ މެޗެއްވެސް ނޯވޭ. ވީޑިއޯއަކުން ނޫނިއްޔާ ރަނގަޅު މެޗެއް ބަލައިލެވޭކަށްވެސް ނޯވޭ. އެހެންވީމާ، މިއަދު އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް އަދި ބަލަން އެދޭ ހުނަރުވެރިކަން ވަރަށް ބޮޑަށް ތަފާތު. ޓީ.ވީ އިން އެ ފެންނަ މަންޒަރު، ދަނޑުންވެސް އެބަ ހަމަ ފެންނާންޖެހޭ. އެ މަންޒަރު ދެއްކޭނެ ގޮތެއްވެސް ހޯދާންޖެހޭ. އެ މަންޒަރަށް، އެ ހުނަރަށް، އެ މެޗަށް އަޅުގަނޑުމެންގެ ޝައުޤުވެރިކަން ހުރީ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް އެ މެޗް ކުޅެވިދާނެކަން. އަޅުގަނޑުމެންނަށް، އެ ހުނަރުގެ ކުޅުންތެރިން ނެރެވިދާނެކަން.

ހަމައެޔާއެކީގައި، ކުޅިވަރު ޕްރޮމޯޓް ކުރުމުގެ މަސައްކަތް އެއީވެސް، އަޅުގަނޑުމެން ވިސްނުންތެރިކަމާއެކީގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، ކުރާން ޖެހިފައި އޮތް މަސައްކަތެއް. ކުޅިވަރު ކުރިއެރުވުމާއި އަދި އޭގެއިތުރުން، ޕްރޮމޯޓް ކުރުމާ. ކުޅިވަރު ކުރިއެރުވުމަށްޓަކައި ހަމައެކަނި މާލޭގައި މިކަން ކޮށްގެނެއްވެސް، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މި އެދޭ ކާމިޔާބެއް ނުލިބޭނެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރަނގަޅު ޓީމްތައް، ވާދަވެރިކަމާއެކީގައި އެބަ ނުކުންނާންޖެހޭ. ވާދަވެރި ޙަރަކާތްތަކަށް އަޅުގަނޑުމެންގެ މުޖްތަމަޢު ތައްޔާރުވެފައި އޮތް މިންވަރު، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ސާފުކޮށް މިއަދު އެބަ އެނގޭ. ވާދަވެރި ކުޅިވަރު މުބާރާތްތަކަށްވެސް، ވާދަވެރި ސިޔާސީ ޙަރަކާތަށްވެސް، ވާދަވެރި ވިޔަފާރިއަށްވެސް. އެ އުޞޫލުތައް އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި. އެހެންވީމާ، އަޅުގަނޑުމެންނަށް ކުޅިވަރުގައި އެތައް ތަނަކުން އަރައިދެވޭނެ، ކިތަންމެ މަގެއް އޮތްކަން އަޅުގަނޑަށް ހަމަކަށަވަރު.

އަޅުގަނޑުމެން އެންމެން މިކަމުގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް. ޚާއްޞަކޮށް، މީގެކުރީގެ ދުވަސްތަކުގައި، ކުޅިވަރުގެ ދަނޑުން ވިދި ތަރިތައް، އަލުން އަނބުރާ މިހާރު އަރަމުން އަންނަ ތަރިތަކާ އެކީގައި މަސައްކަތް ކޮށްދެއްވަން އެބަޖެހޭ. އަދި އަޅުގަނޑު މިރޭ އުފާކުރަން، އެބޭފުޅުންގެ މަސައްކަތްތައް، އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތަނުގައި ފެންނާނެކަމަށް. އަޅުގަނޑަށް އިބްރާހީމް ނޫރައްދީންވެސް އެބަ ފެނޭ. އަޅުގަނޑަށް ހިޔަލީވެސް އެބަ ފެނޭ. އަދި އަޅުގަނޑަށް ކިތަންމެ ކިތަންމެ ބޭފުޅުންނެއް އެބަ ފެނޭ. މީގެކުރީގައި، އަޅުގަނޑުމެން ބޯޅަ، އެންމެ ރަނގަޅަށް ބެލިއިރުގައި، އެންމެ ވަރުގަދަ ތަރިންގެ ގޮތުގައި ވިދަމުން އައި ކުޅުންތެރިން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެން އެކުގައި ނުކުމެ، ސާފް ގޭމްސްއާއި އަދި އޭގެއިތުރަށް އިތުރު އެތައް ގޭމްސްއެއް، އެތައް މުބާރާތެއް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ.

އަޅުގަނޑު ދާދި އިހަކަށް ދުވަހަކު ތިޔަބޭފުޅުން ސީޝެލްސްގައި ކުޅެނިކޮށް ދުށީމު. އަޅުގަނޑާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ތިޔަބޭފުޅުންގެ ހުނަރުވެރިކަމާއި، ތިޔަބޭފުޅުންގެ، މިކަމުގެ ހުރި ވިސްނުންތޫނުކަން އެއީ، ރާއްޖޭގެ ރައްޔިތުން ދަންނަ ކަމެއް.

އަޅުގަނޑުގެ ޔަޤީން ކަމަކީ އަދި އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. ކުޅިވަރުގެ ދަނޑުގައި އަޅުގަނޑުމެން އަރައިދިޔުން.

والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!