بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


އަޅުގަނޑަށް ނޫސްވެރިންނާ ބައްދަލުކުރުމުގެ ފުރްޞަތެއް ލިބޭކަމީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އާދެ! އަޅުގަނޑު ޚާއްޞަ ގޮތެއްގައި މިއަދު ދެކަމެއް ފާހަގަކޮށްލަން އެދެން.

ފުރަތަމަ ކަމަކީ، އެނގިވަޑައިގަންނަވާނެ، ސާކް ސަމިޓަށް ތައްޔާރުވަމުން މި ދެވެނީ. ދެވޭއިރުގައި، ސަމިޓްގެ މަސައްކަތްތަކުގެ ތެރޭގައި އެބަ ހިމެނޭ، ދެތިން ބާވަތެއްގެ މަސައްކަތެއް. ފުރަތަމަ ކަމަކީ، ސީދާ ސަމިޓް. އެ ސަމިޓްގައި އަޅުގަނޑުމެން ޙާޞިލް ކުރުމަށް މަސައްކަތް ކުރަމުން މިގެންދާ ކަންކަން. ސަމިޓް މި ބޭއްވެނީ، އޭގެ މައިގަނޑު ޝިޢާރަކީ، ކަނެކްޓިވިޓީގެ ގޮތުގައި ނުވަތަ ގުޅުމުގެ ގޮތުގައި. ކަނެކްޓިވިޓީއަކީ ގުޅުންތަކެއް އަޅުގަނޑުމެން ޙާޞިލްކޮށް މި ފާހަގަ މިކުރަނީ، ދަތުރުފަތުރު ކުރުމުގެ ގުޅުމާއި، މުވާޞަލާތީ ގުޅުމާއި، އައި.ޓީ.ގެ މަގުން ގުޅޭ ގުޅުމާއި އަދި އެހެންވެސް މަޢްލޫމާތު ބަދަލުކުރުމާއި، ސިޔާސީ ގުޅުންތަކާއި، މި އެންމެހާ ގުޅުންތައް ހިމެނޭ ގޮތަށް.

އެގޮތުން، މިފަހަރުގެ ސަމިޓްގައި، ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ސެކްރެޓަރީ ޖެނެރަލާ އެކުގައި މަސައްކަތް ކުރަމުން މިގެންދަނީ، ދެ އެގްރީމަންޓެއް ކުރުމުގެ މަސައްކަތުގައި. އެއް އެގްރީމަންޓަކީ ރޭލްވޭޒް އެގްރީމަންޓުގެ ގޮތުގައި، ސާކްގެ ތެރޭގައި ފެށިފައި އޮތް މަސައްކަތެއް. އެކަން ހިނގަމުން އަންނަތާ މިހާރު ދިހަ، ފަނަރަ އަހަރު ވެއްޖެ. އެހެން ނަމަވެސް، އެއްގޮތަކަށްވެސް މިއޮތީ، މި އެގްރީމަންޓަށް ކޮޅެއް ނުފެނިފައި. ރެއިލްވޭޒް އެގްރީމަންޓްގެ ދަށުން، ސާކްގެ އެއް ޤައުމުން އަނެއް ޤައުމަށް ހުއްޓުމެއްނެތި، ހުރަހެއްނެތި ރޭލް ދަތުރުތައް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ. އޭގެ މާނައަކީ، ދިއްލީން ފުރައިގެން ލާހޯރަށްވެސް، ދިއްލީން ފުރައިގެން ކަރާޗީއަށްވެސް އަދި ބޮމްބޭއަށްވެސް، މެޑްރާހަށްވެސް، ބެންގަލޯރަށްވެސް ހުރަހެއްނެތި ސާފުކޮށް ރޭލްވޭގައި ދަތުރު ކުރެވޭނެގޮތްވުން. އެހެންވީމާ، ވިޔަފާރީގެ މުދާ ބަދަލުކުރެވޭނެ ގޮތްވުން.

ހަމައެއާއެކީގައި، އެނގިވަޑައިގަންނަވާނެ، ވިޔަފާރި ކުރެވޭ މުދާ، ސެންސިޓިވް ލިސްޓެއް އޮވޭ، ސާކް ޤައުމު ތެރޭގައި އެއްބަސްވެވިފައި. އެއީ އެ ލިސްޓްގެ ވީހާވެސް ގިނަ ޢަދަދެއް، ސެންސިޓިވް ލިސްޓުން ނެގުމަށް މިފަހަރު މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެންނަށް ލަފާ މިކުރެވެނީ، ގިނަ ޤައުމުތަކުން 60 ޕަސެންޓާ ހަމައަށް، އެ ލިސްޓުން އުނިކުރުމަށް އެއްބަސްވެވޭނެ ކަމަށް އަޅުގަނޑުމެން މި އުންމީދު މިކުރަނީ. ދިވެހިރާއްޖެއިން އިރާދަކުރެއްވިއްޔާ، އެހިސާބަށް އެކަން ދިވެހިރާއްޖެއަށް ގެންދެވޭނެ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ޑިއުޓީ ކަނޑާލަނީ. ޑިއުޓީ އެއީ ދައުލަތުގެ އާމްދަނީއެއް ނޫން ގޮތުގައި ހަމަޖައްސަމުން ގެންދިޔުމުގެ އެއްބޭނުމަކީވެސް ބައިނަލްއަޤްވާމީ ގުޅުންތަކާއި، ދޭދޭ އެޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރިތައް ހަރުދަނާކޮށް ވަރުގަދަ ކުރުން.

ހަމައެހެންމެ، އިންވެސްޓްމަންޓް ޕްރޮޓެކްޝަން އެގްރީމަންޓެއް އެއީ، އެއްޤައުމަކާއި އަނެއް ޤައުމެއްގައި ހުންނަ އިންވެސްޓްމަންޓްތައް ޕްރޮޓެކްޓް ކުރެވޭނޭ ނުވަތަ ޙިމާޔަތް ކުރެވޭނޭ އެއްބަސްވުމެއް، ސާކްގެ މެދުގައި ޤާއިމް ކުރުންވެސް އެއީ، މިފަހަރުގެ ސަމިޓްގައި ދިވެހި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމެއް. ހަމައެއާއެކީގައި، މޮޓޯ ވެހިކަލްސް އެގްރީމަންޓް، އެއީ އެއްޤައުމުގެ ލައިސަންސާ އެކީގައި، އަނެއް ޤައުމުގައި ދުއްވޭނެ ގޮތާއި، އެކަންކަން ފުރިހަމަވެގެންދާނެ އުޞޫލުތައް، ހުރިހާ ޤައުމެއްގެ މެދުގައި އިރާދަކުރެއްވިއްޔާ، މިފަހަރު ހަމަޖެހިގެންދާނެ. އެހެންވީމާ، ދިވެހި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް، މިކަންކަން ކާމިޔާބު ކުރުމުގައި، ޚާރިޖީ އޮފީހުން ކުރަމުން އެބަގެންދޭ. އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްވެސް މިކަމުގައި ވަރަށް އިސްކޮށް މަސައްކަތް އެބަ ކުރައްވާ. އަދި މިއޮފީހުން އަޅުގަނޑުގެ ސްޕެޝަލް އެންވޯއިވެސް ނުހަނު ގިނަ މަސައްކަތްތައް އެބަ ކުރައްވާ. އަޅުގަނޑުމެން މިދެކެނީ، މިކަންކަމަށް ފިނިކަމެއް ލިބި، އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ ކަމަށް.

އަދި ހަމައޭގެއިތުރުން، އިންޑިޔާއާއި ޕާކިސްތާނާ ދެމެދުގައި، ސިޔާސީ ވާހަކަތައްވެސް، އެހެންޏާވިއްޔާ ނުދެކެވޭ ދަރަޖައަށް މިހާރު މިއޮތީ ދެކެވެން ފަށާފައި. އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރު އަޅުގަނޑު އެދުނިން، ތިމްޕޫގައި އިންޑިޔާއާއި ޕާކިސްތާނުގެ ކިބައިން ވަރަށް ސާފު ބަހުން، ސާކް ކުރިއަށް ގެންދާން ބޭނުންފުޅުވެވަޑައިގަންނަވަނީނަމަ، އެ ދެޤައުމުގެ ދެމެދުގައި ހުރި ޚިލާފުތައް، އެބަ އަޅުގަނޑުމެން ހިމުން ކުރުމަށް މަސައްކަތް ކުރަންޖެހެޔޭ. ހިމުން ކުރުމަށް އަޅުގަނޑުމެންނަށް ވާޖިބޭ. ދެން އެއަށްފަހުގައި، އިރާދަކުރައްވައިގެން، އިންޑިޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ބައްދަލުވި. ބައްދަލުވެފައި، އޭގެފަހުން އަދި ދެޤައުމުގެ ފޮރިން މިނިސްޓަރުންނާއި، ދެޤައުމުގެ ފޮރިން ސެކްރެޓަރީންގެ ބައްދަލުވުންތައް މިހާރު މިވަނީ ތިން ހަތަރު ބުރަކަށް ހިނގާފައި. އެހެންވީމާ، އަޅުގަނޑުމެން މިދެކެނީ، މިފަހަރުގެ ސަމިޓުގެ ތެރޭގައި، މިދެޤައުމުގެ ދެމެދުގައި މިއޮތް ސިޔާސީ ނޭއްގާނިކަންވެސް އިރާދަކުރެއްވިއްޔާ، މިހާރަށްވުރެ މާބޮޑުތަނުން ފިނިވެގެންދާނެ ކަމަށް.

ހަމައެއާއެކީގައި، އިރާދަކުރެއްވިއްޔާ، އަފްޣާނިސްތާނާއި، ޕާކިސްތާނާއި، އިންޑިޔާއާ، ތިން ޤައުމުގެ މެދުގައި މަޝްވަރާ ކުރެވޭނެ ގޮތްތަކެއްވެސް ހޯދުމަކީ އަޅުގަނޑުމެންގެ އަމާޒެއް. އެއީ އޭރުން އެ ތިން ޤައުމަށް، އަފްޣާނިސްތާނުގެ ގިނަގުނަ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވި، ވާހަކަ ދައްކައި ހެދޭނެ. ހަމަ ސަމިޓްގެ ތެރޭގައި ހިނގާ ސަރަޙައްދީ ސިޔާސީ ވާހަކަތަކުގެ މައިގަނޑު ޚުލާޞާ އަޅުގަނޑު މިދެންނެވީ.

ދެން މީގެއިތުރުން، ސަމިޓްގެ އެންމެބޮޑު އަނެއް ބޭނުމަކީ، އައްޑޫގައި ސިޓީއެއް ތަރައްޤީ ކުރުން. ދެން އެއީ، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކެއް. އެމަސައްކަތްތައް އިރާދަކުރެއްވިއްޔާ މިދަނީ ނިމެމުން. އޭގެތެރޭގައި، އެތައް ކިލޯ މީޓަރެއްގެ މަގު ހެދުމާއި، ފެނާއި، ނަރުދަމާގެ މަސައްކަތާއި، ބަނދަރުގެ މަސައްކަތާއި، ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުމާއި، އާ ހޮސްޕިޓަލެއް ބިނާކުރުމާއި އަދި މަދްރަސާވެސް ރަނގަޅު ކުރުމާއި، މިހެންގޮސް ސިޓީއެއްގެ ގޮތުގައި އައްޑުއަށް ޙަރަކާތްތެރިވެވޭނެ ގޮތްތަކެއް ހޯދުން. އަދި ވަކިން ޚާއްޞަކޮށް، ސަމިޓް ހަމަ ނިމުމާ އެކުގައިހެން، ކޮންވެންޝަން ސެންޓަރ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ދަށުން ހޮޓަލަކާ އެކީގައި ހިންގުމަށް، ބީލަމެއް ނެރުމަށް އަޅުގަނޑު ހިތުން އައްޑޫސިޓީ ކައުންސިލުން މިހާރުދަނީ ތައްޔާރުވަމުން، މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ، ހިނގައިގެންދާނެ.

އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ ދެވަނަ ވާހަކައަކީ، ދާދި އަވަހަށް ރާއްޖެއަށް އެބަ ވަޑައިގަންނަވާ، ރުވާންޑާގެ ރައީސް ޕޯލް ކަގާމީ. އެނގިވަޑައިގަންނަވާނެ، ރުވާންޑާގެ ރައީސަކީ، ރުވާންޑާ ޕެޓްރިއޯޓިކް ފްރަންޓްގެ ލީޑަރ. ރުވާންޑާ ޕެޓްރިއޯޓިކް ފްރަންޓަކީ، ރުވާންޑާގެ ހިނގާދިޔަ ވަރަށް އަނިޔާވެރި ދާޚިލީ ހަމަނުޖެހުންތައް، އެއީ ޓުޓްސީ އާއި ހޫޓޫއާ، މި ދެޤަބީލާގެ ދެމެދުގައި ހިނގި ނޭއްގާނި ޢަމަލުތަކަށްފަހު، ޓުޓްސީ ޤަބީލާގެ ވަރަށްގިނަ ބަޔަކު، ފަސްލައްކައާއި އެއްމިލިޔަނާ ދެމެދަށް މީހުން މަރުވެގެން ދިޔުމަށްފަހުގައި، މިލިޓްރީ ވިކްޓްރީއަކުން ޙަޤީޤަތުގައި ކާމިޔާބު ހޯއްދެވީ އެ ޖެނޮސައިޑް ނިންމަވާފައި، ޓުޓުސީ ލީޑަރަކީ ރުވާންޑާގެ މިހާރުގެ ރައީސް. އަޅުގަނޑު އަނެއްކާވެސް ހަމަ ފާހަގަކޮށްދޭނަން. ހޫޓޫ ދަރިކޮޅު ނުވަތަ އެ ޤަބީލާގެ ހައްދުފަހަނައެޅި ފަރާތްތަކުން ވަރަށްގިނަ ޢަދަދެއްގެ ރުވާންޑާ މީހުން މެރުމަށްފަހުގައި، އެ ހަލަބޮލިކަމާއި، އެ ހައިޖާނުތަކުން އެ ރަށް ސަލާމަތް ކޮށްދެއްވައި، އަލުން އަނބުރާ އެރަށުގައި ޑިމޮކްރަސީއެއް ޤާއިމްކޮށްދެއްވައި، އެ ޑިމޮކްރެޓިކް ސަރުކާރުގެ ވިންގެއްގެ ގޮތުގައި މިހާރު އެހުންނެވީ ޕޯލް ކަގާމީ. އެބޭފުޅާއަކީ އަޅުގަނޑު މި ތަމްސީލުކުރާ ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި އެބޭފުޅާގެ ޕާޓީއަކީ ސިސްޓަރ ޕާޓީގެ ގޮތުގައި، އަޅުގަނޑުމެންނަށް މި ކޮންޒަރވޭޓިވް ޕާޓީގެ ތެރެއިން ކުރާ މަސައްކަތްތަކުގައި، ކުރިއްސުރެ ފަށައިގެން އެހީތެރިވެދެއްވާ އަދި ކާމިޔާބު ލީޑަރެއް. އަދި އެބޭފުޅާގެ ހެޔޮލަފާ މަޝްވަރާއާއި ވާހަކަތައް އަޅުގަނޑަށް އަބަދުވެސް ލިބިލިބި ހުންނަ ލީޑަރެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ފަޚްރެއް އެއީ، ކަގާމީ މިވަގުތު ރާއްޖެ ވަޑައިގަންނަވާކަން އެއީ. އެހެންވީމާ، އެވާހަކަ އަދި އިތުރަށް އަޅުގަނޑު ދަންނަވާލަން އޮތީ. ދެން އަޅުގަނޑުގެ ވާހަކަތައް ކުރުކޮށް، ތިޔަބޭފުޅުންގެ ސުވާލުތަކަށް ފުރްޞަތު އަރުވާނަން.

ހީނާ ވަލީދު – އެމް.އެން.ބީ.ސީ ވަން:

މަނިކުފާނުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާހަގަކުރައްވައިފި، ސާކް ސަމިޓްގެ ވާހަކަ. އަދި ހަމައެހެންމެ، އައްޑޫސިޓީގައި ސާކް ސަމިޓް ބޭއްވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، އައްޑޫސިޓީ ތަރައްޤީ ކުރުމުގެ ވާހަކަ ވިދާޅުވެއްޖެ. އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ، ހަމަ މިހާރު ވަރަށް ބޮޑަށް ސިޓީގައި ތައްޔާރުވުމުގެ މަސައްކަތް ކުރިއަށްދާއިރު، ތަފާތު އެކި ދާއިރާތަކުން ދެވޭ ޚިދްމަތުގެ ފެންވަރުވެސް ވަރަށް ބޮޑަށް އެބަ ރަނގަޅުވާންޖެހޭ ކަމަށް އައްޑުއަތޮޅުގެ ރައްޔިތުން ދެކޭ. ދެން އެހެންވީމާ، މިހާރު އައްޑުއަތޮޅުގައި ޞިއްޙީ ޚިދްމަތް މިހުރިގޮތާ ދޭތެރޭގައި، މަނިކުފާނު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ؟ އަދި ސާކް ސަމިޓަކީ ވަރަށްގިނަ ޢަދަދެއްގެ ބަޔަކު އައްޑުއަތޮޅަށް ޒިޔާރަތް ކުރާނެ ހަމަ މުއްދަތެއް. އަދި ބޭރު ޤައުމުތަކުގެ އިސްބޭފުޅުން، ވެރިންގެ ފެންވަރުގެ ބޭފުޅުން ވަޑައިގަންނަވާއިރު، އަތޮޅުގެ ޞިއްޙީ ޚިދްމަތް މިހާރުހުރިގޮތާ ދޭތެރޭގައި މަނިކުފާނު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާތޯ؟ ނުވަތަ ކުރިއަށް އޮތްތާނގައި ކިހާވަރަކަށް މިތަން ތަރައްޤީވެގެންދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ޝުކުރިއްޔާ! އައްޑޫސިޓީއާއި ފުވައްމުލަކުގެ ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް ހިންގަމުން މިގެންދަނީ. ދެން ސަމިޓަށް އަޅުގަނޑުމެން ޚާއްޞަކޮށް، ބޭރު ޤައުމުތަކުގެ ވެރިން ވަޑައިގަންނަވާތީއާ އެކުގައި، ޞިއްޙީ ކަންކަން މިހާރަށްވުރެ މާބޮޑަށް ފުރިހަމަކުރާން އެބަޖެހޭ. އެހެންވީމާ، އެގޮތުން އައްޑޫސިޓީގައި ޚާއްޞަ ޑޮކްޓަރުން ޙަރަކާތްތެރިވެލައްވާނެ. އަދި މިހާރު އައްޑޫސިޓީގެ ހޮސްޕިޓަލްގެ އައި.ސީ.ޔޫ އެވަނީ އަލުން އަނބުރާ ތަރައްޤީ ކުރެވިފައި ނުވަތަ ރެނޮވޭޓް ކުރެވިފައި. އަދި އެތަނަށް ބޭނުންވާ ސާމާނު މިހާރު އެވަނީ އެތަނަށް ފޯރުކޮށްދެވިފައި. އޭގެއިތުރުން، ދެން މިވަގުތު ސާކް ސަމިޓަށް ބޭނުންވާ މިންވަރަށް އަދި ސާކް ސަމިޓްގައި ދިމާވެދާނެ ޙާދިޘާއަކަށް ވިސްނުމަށްފަހުގައި ބޭނުންވާނެ މިންވަރަށް އައްޑުއަތޮޅުގައި ޞިއްޙީ ޚިދްމަތްތައް ޤާއިމް ކުރެވޭނެ. އެކަން އިރާދަކުރެއްވިއްޔާ، ސަރުކާރުން ފުރިހަމަކޮށްފައި ނޫނިއްޔާ، ސަމިޓެއް އެތަނުގައި ނުބޭއްވޭނެ. އަދި އޭގެއިތުރުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ލޯނަކާ އެކީގައި، ލޯނެއް ނެގުމަށް ސަރުކާރުން މިހާރު މިދަނީ އައްޑުއަތޮޅުގައި ޢިމާރާތެއް، ހޮސްޕިޓަލެއް ޢިމާރާތް ކުރުމަށް. އެއީ، 25 މިލިއަން ޑޮލަރުގެ ލޯނަކަށް ސަރުކާރުން މިހާރު ވާހަކަ ދައްކަމުން މިދަނީ. އަޅުގަނޑު މި އުންމީދު މިކުރަނީ، ސަމިޓްގެ ތެރޭގައި، ސަޢޫދީ ޢަރަބިއްޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ވަޑައިގެން، މިދެންނެވި އެގްރީމަންޓްގައިވެސް އަޅުގަނޑުމެންނަށް ސޮއިކުރެވޭނެ ކަމަށް. އެހެންވީމާ، ޞިއްޙީ ކަންކަމަކީ، އަޅުގަނޑުމެން ޚާއްޞަ ނަޒަރެއް ދޭންޖެހިފައި އޮތް ކަންކަން. އަދި އެކަމަށްޓަކައި ސަރުކާރުން އެކުލަވާލެވިފައި އޮތް ޕްލޭންތައް، ދާދި އަވަހަށް މި ސަރުކާރުން އެ ހާމަކުރަމުން ގެންދާނެ. އަޅުގަނޑުމެން މިހާރު އިހަށް މަޑުޖައްސާލައިގެން މިތިބީ، ކޮންމެހެން އެއްވެސް ހާލެއްގައި މަޑުޖެހިގެން ތިބެވޭތީކީއެއް ނޫން. އެހެން ނަމަވެސް، އިޤްތިޞާދީ އަދި މާލީ އިޞްލާޙުތަކަށް ވަކި ގޮތްތަކެއް ގޮސް ހަމަޖެހުން އެއީ، ކުރިއަށް ރޭވުމަށް ސަރުކާރަށްވެސް ފަސޭހަވެގެންދާނެކަމެއް. އަދި އެ އިޞްލާޙުތައް ހަމަޖެހޭގޮތް އެނގިގެން މެނުވީ، އަޅުގަނޑުމެންނަށް ކުރިއަށް ރާވަން ދަތިވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ހަމަ ނޮވެމްބަރު މަސް ނިމުމާއެކީގައި އަޅުގަނޑުމެން މިދެކެނީ، މިހާރުގެ ހުރި އިޞްލާޙީ އެޖެންޑާތަކުގެ މައިގަނޑު ބިލްތައް ނިމިފައޭ ހުންނާނީ. އެހެންވީމާ، ދެން އަޅުގަނޑުމެންނަށް ޞިއްޙީ ޚިދްމަތުގެ ތަރައްޤީއާ ގުޅޭގޮތުން ވިސްނޭނީ. ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސް، މަދަނައިގެ ކަވަރޭޖް ދިނުން. އަދި ފުރިހަމަ ޞިއްޙީ ޚިދްމަތް، ރާއްޖޭގެ ވީހާވެސް ގިނަ ތަނަކުން ރައްޔިތުންނަށް ލިބޭނެގޮތް ފަހިކޮށްދީފައި ބެހެއްޓުން. ހަމައެއާއެކީގައި، ބޭސް ގަންނަން ލިބޭނެ ފަރމަސީތައްވެސް މަދަނައިގައި ރަޖިސްޓްރީ ކުރެވި، ހުރިހާ ފާމަސީއަކުންވެސް މަދަނައިގެ ޚިދްމަތް ލިބިގެންދާނެ އުޞޫލެއް ހަމަޖެހުން. ޖަނަވަރީ އެކަކުއްސުރެ ފެށިގެން އިރާދަކުރެއްވިއްޔާ، އެ އުޞޫލު ހަމަޖެހިގެންދާނެ. އަޅުގަނޑު މިދެންނެވި ކަންތައްތަކުގެ ތެރޭގައި، މިހާރު މިވަނީ އިންޝުއަރެންސް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްދޭނެ ފަރާތެއް، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ދޭނެ ފަރާތެއް ހޯދުމަށް ބީލަން ހެދުމުގެ މަސައްކަތް މިހާރު މިނިސްޓްރީ އޮފް ފިނޭންސާއި، މިނިސްޓްރީ އޮފް ހެލްތާ، ދެފަރާތުން ކުރައްވަމުން ގެންދަވަނީ.

އިބްރާހީމް ވަޙީދު – ހާމަ ނޫސް:

ހީނާގެ ސުވާލާވެސް ގުޅުން ހުރި ސުވާލަކުން އަޅުގަނޑު ފަށާނީ. ޞިއްޙީ ދާއިރާގެ ވާހަކަ ފާހަގަކުރެއްވިއިރު، މުޅި އައްޑުއަތޮޅު މިވަނީ ސާކް ސަމިޓާ ވަރަށް ބޮޑަށް ގުޅިފައި. އައްޑުއަތޮޅުގެ ހުރިހާ ކަމެއް. އެހެންވީމާ، ދެން އަޅުގަނޑުމެންނަށް އެބަ ފެނޭ، ދޭތެރެ ދޭތެރެއިން ރައީސްވެސް އައްޑުއަށް ވަޑައިގަންނަވާ ތަން އަވަސް އަވަހަށް. އެހެންވީމާ، އައްޑުއަތޮޅުގެ ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތައް މަނިކުފާނު ހިތްހަމަޖެހޭ ސްޕީޑްގައި ކުރިއަށް އެބަދޭތޯ؟ އެއީ، ސާކް ސަމިޓް ފެށެން މާގިނަ ދުވަހެއްވެސް ނެތުމާއެއްކޮށް. ދެން ސާކް ސަމިޓްގައި، މިކަންތައްދާ ސްޕީޑާމެދު މަނިކުފާނު ހިތްހަމަޖެހޭތޯ އެއީ ފުރަތަމަ ސުވާލު.

ދެން ދެވަނަ ސުވާލަކީ، މިއަދު ޕްރެސް ކޮންފަރެންސަކީ މިހާރުގެ ޙާލަތާ ގުޅޭގޮތުން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސަށްވެސް ވީމައާ އެއްކޮށް، އަޅުގަނޑު އަހާލާހިތްވޭ، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އަނެއްކާވެސް ޕީ.ޕީ.އެމް.ގެ ވަގުތީ ރައީސަކަށް ހޮވިވަޑައިގެންނެވީ. ދެން އެމަނިކުފާނު އަލުން ސިޔާސީ މައިދާނަށް ނުކުތުން ކަމަށް ވަރަށްގިނަ ބޭފުޅުން ސިފަކުރައްވާ. ދެން މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީންވެސް އެބަ ވިދާޅުވޭ، އެއީ ލީޑަރަކަށް ހުންނަވާފައި، ސެކިއުރިޓީ ލިބިވަޑައިގަތުން، ޙިމާޔަތް ލިބިވަޑައިގަތުން އެއީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ގޮތުގައި. ކިހިނެއްތޯއޭ މަނިކުފާނުގެ ޚިޔާލު، މިކަމުގައި އޮތީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސަމިޓްދާ ގޮތާއި ނުވަތަ ސަމިޓަށް ތައްޔާރުވުމުގެ މަސައްކަތްތައްދާގޮތާ ގުޅޭގޮތުން އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ. އޭގެތެރޭގައި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަދި ޚާއްޞަކޮށް، އެމް.އެން.ޑީ.އެފް. އާއި އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އައްޑޫސިޓީ ކައުންސިލާއި، ފުވައްމުލަކު ރަށު ކައުންސިލްތަކާއި އަދި މާލޭގެވެސް ސިޓީ ކައުންސިލާ، ހުރިހާ ފަރާތްތަކެއް ގުޅިގެން، ވަރަށް ރަނގަޅު ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، ހުރިހާ މަސައްކަތެއްވެސް ހުރީ ޝެޑިއުލްގައި. ދެން އަޅުގަނޑު ހަމަ ވަރަށް ބޮޑަށް އުންމީދު ކުރާނަން، ގަސްތައްވެސް ހުންނާނީ ފެހިވެފައި ކަމަށް. ކޮންވެންޝަން ސެންޓަރުގެ ހޯލްތެރޭގައި ނުވަތަ ބޭރުގައި މިއޮންނަ ބަގީޗާތަކުގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑު ނުދެކެން، މިކަން އަޅުގަނޑުމެންނަށް ހަރުދަނާ ގޮތަކަށް ނުކުރެވޭ ކަމަކަށް. ދެން ބައެއް ފަރާތްތަކުން މީގައި މާ ވަގުތުކުޑައޭ، އެބަ ވިދާޅުވޭ. އެފަރާތްތަކުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ދެތިން ނުކުތާއެއް އެބައޮތް. ބޮޑު މަސައްކަތެއް ކުރާއިރުގައި ބޭނުންވާނެ، މޮމެންޓަމެއް، ބޮޑު ޖޯޝެއް. އެ ޖޯޝެއް ހޯދުމަށް އެބަޖެހޭ، އެހެން ޤައުމީ ކަންކަމާއި، ކުރަން މިއުޅޭ ކަންކަމާ ގުޅެވޭނެ ގޮތްތަކެއް ހޯދަން. އަންބާއެއް ކިޔާފައި އަޅުގަނޑުމެންނަށް ގޮސް، ބާރަށް ގޮސް ކަމެއްކޮށް ނިންމާލެވުނީމާ، ޙަޤީޤަތުގައި ދިގު މުއްދަތެއް ވަންދެން ކަމެއް މަޑުމަޑުން ކޮށްލަކޮށްލާ ތިބެގެން، އެދާ ޚަރަދަށްވުރެން މާ ކުޑަ އެއްޗަކުން ގެންގޮސް ނިންމާލެވޭނެ. ތަކެތި ބާކީވުމާއި، ހަލާކުވުމާއި، ލޭބަރ މީހުންގެ މުސާރައާ، މިބާވަތުގެ ކަންކަމުގައި އަގުބޮޑުވެގެން ދިޔުމާ، އެކަހަލަ ކިތަންމެ ކަމެއް އެބަ ނުކުމޭ، ދިގު މުއްދަތަށް ކަންތައްތައް ދެމިގެން ދިޔައިމާ. ހަމަ އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، ވަރަށްގިނަ ބަނދަރުތަކާއި، މިބާވަތުގެ ޢިމާރާތްތައް މިހުންނަނީ، ދެތިން އަހަރެއްވާއިރުގައިވެސް މަޑުމަޑުން މިހެން ކޮށްލަކޮށްލާ އޮންނަ އުޞޫލަކަށްދަނީ. އެހެންވީމާ، ޚަރަދުތަކަށް ވަމުންދާގޮތް އަޅުގަނޑުމެންނަށް އެނގޭ. ސަރުކާރުގެ އަމާޒަކަށްވީ، ކުރު މުއްދަތެއްގައި، އަޅުގަނޑުމެން އަމާޒުކުރީ 7 މަސް ދުވަހުގެ ތެރޭގައި، ރަނގަޅަށް ތާވަލުކޮށްފައި، ރަނގަޅަށް ޕްލޭންކޮށްފައި ގޮސް، މިމަސައްކަތް ފެށީމާ، އަޅުގަނޑުމެންނަށް ނިންމޭނެ ކަމަށް. ދެން އިރާދަކުރެއްވިއްޔާ، އެގޮތަށް އެމަސައްކަތް ހިނގަމުން އެދަނީ.

ދެން ކުރީގެ ރައީސް މައުމޫނާ ގުޅޭގޮތުން އަޅުގަނޑުގެ ޙަޔާތުގައިވާނީ އެކަށީގެންވާ މިންވަރަށް ތަކެތި ބުނެވި ލިޔެވިފައި. ދެނެއް އިތުރަކަށް އަޅުގަނޑު ހިތުން އަޅުގަނޑެއްވެސް އަދި މި ރާއްޖޭގެ އެހެން މީހަކުވެސް ދައްކާނެ ވާހަކައެއް ނެތް. 32 އަހަރު ޝަމްސުއްދީން ރަދުން ރަސްކަމުގައި އިންނަވާފައި، އެނބުރި ރަސްކަން ދޫކޮށްލައްވާފައި، ރަދުން ފުވައްމުލަކަށް އަރުވާލެވުނީ، ޙަސަން ޢިއްޒުއްދީނާވެސް އެކުގައި. ދިވެހިން ހަނދާންނެތި ހިނގައްޖެ ހިނދުކޮޅެއް ތެރޭގައި. ރަދުންގެ ހަނދާންވެސް. އަޅުގަނޑު، އަޅުގަނޑުމެން ހިތަށްއަރާ، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު އަވަހާރަވީ، ހަމަ ގެންދެވިތަނާއޭ، އަރުވާލިތަނާއޭ. ނޫން 5 އަހަރު ވަންދެން ފުވައްމުލަކުގައި އުޅުއްވުމަށްފަހު އަވަހާރަވީ. އަޅުގަނޑުމެންގެ ތެރޭގައި މާލޭގައި އެކަން ހަނދާންހުރި މީހަކުވެސް ނެތް. އަޅުގަނޑަށް ފެންނަނީ، މުޙަންމަދު ޒުހައިރު ފާހަގަކުރެއްވި، ހަމަ ޒަމާން ހަމަވުމޭ، އެއީ، ތިންހާހޭ އެބޭފުޅާއަށް ފާހަގަވަނީ. އެއްކުރެވޭނެ ކަމަށް ފެނިވަޑައިގަންނަވަނީ. ދެން އިލެކްޝަންސް ކޮމިޝަނުން ދެއްވާ ޢަދަދުތަކުގައިވެސް ހުންނަނީ އެބާވަތުގެ ޢަދަދެއް. އެހެންވީމާ، އަޅުގަނޑު ދެން އިތުރަކަށް ހަމަ ޙަޤީޤަތުގައި ދައްކާކަށް ނެތިން. ހަމަ އިތުރަކަށް ޙަޤީޤަތުގައި ދައްކާކަށް އަޅުގަނޑު ނެތިން.

ޙުސައިން ފިޔާޒް – ހަވީރު ނޫސް:

މަނިކުފާނު ވިދާޅުވެއްޖެ، ކޮންވެންޝަން ސެންޓަރު، އައްޑޫގެ ދަރުބާރުގެ، ސާކް ސަމިޓް ނިމުމާއެކުގައި، ޕީ.ޕީ.ގެ ދަށުން ބަޔަކާ ހިންގުމަށް ޙަވާލުކުރާ ވާހަކަ. ކޮންއިރަކުންތޯ އެމަސައްކަތް ފަށާނީ. ކިހާ ދުވަހެއް އެކަމަށް ނަގާނެތޯ؟

ދެން ދެވަނަ ސުވާލަކީ، ވިދާޅުވެއްޖެ، ހެލްތް އިންޝުއަރެންސް، ޕީ.ޕީ.ގެ ޕްރޮގްރާމްގެ ދަށުން ދޫކޮށްލާ ވާހަކަ. ކިހާ ހިސާބެއްގައިތޯ؟ އަދި އޭގެ މަޤްޞަދަކީ ކޮބައިތޯ؟ މިހާރު މިއޮތް މަދަނަ، ސަރުކާރުގެ ތެރެއިން ހިންގާންޖެހޭތީވެ، ފައިނޭންޝަލީ ނުވަތަ އިދާރީގޮތުން ދަތިތަކެއް ހުންނަނީތޯ؟ އެއިން ބަޔަކާ ގުޅިގެން އެ ޚިދްމަތްދޭ ކަމުގައިވަންޏާ، ކޮބައިތޯ ވިސްނުންފުޅަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ކުރެއްވި ސުވާލު އެއީ، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގެ ދަށުން ކޮންވެންޝަން ސެންޓަރާއި، ކޮންވެންޝަން ސެންޓަރާ ގުޅޭ ކޮންވެންޝަން ހޮޓަލެއް ހިންގުމުގެ ބީލަން، އިރާދަކުރެއްވިއްޔާ، މި ހަފްތާ ތެރޭގައި ނުކުންނާނެ، މިހަފްތާގައި ނުކުމެފައި ނެތް ކަމަށްވަނީވިއްޔާ. އަޅުގަނޑަށް ސިޓީ ކައުންސިލުންނާއި އަދި މިނިސްޓްރީން އިޝާރާތް ކޮށްފައިވަނީ އެގޮތަށް. އެކްސްޕްރެޝަން އޮފް އިންޓްރެސްޓެއް ނުވަތަ ވާހަކަ ދައްކައިގެން ބަޔަކު ހޯދުމުގެ މަސައްކަތް ފަށައިގަނެވޭނެ. އަޅުގަނޑު މި އުންމީދު ކުރަނީ، ޖަނަވަރީ މަސްވާއިރުގައި، އެތަން ބަޔަކާ ޙަވާލުކުރެވިފައި ހުންނަންޖެހޭނީ. އެހެންވީމާ، އެ މަސައްކަތް އެބަދޭ، އައްޑޫސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން.

ހެލްތް އިންޝުއަރެންސަށް 850 މިލިއަން ރުފިޔާ ޚަރަދުވާނެ، ރާއްޖޭގެ ހުރިހާ ރައްޔިތުން ހެލްތް އިންޝުއަރެންސެއްގައި ކަވަރޭޖް ހޯދުމަށްޓަކައި. އެއީ، ގާތްގަނޑަކަށް އަޅުގަނޑުމެން އަންދާޒާކުރާ ޢަދަދެއް. ދެން އެހެން ނަމަވެސް، މި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕެއްގައި ހުޅުވާލުމުގެ ބޭނުމަކީ، އިންޝުއަރެންސް މަސައްކަތުގައި، ސަރުކާރަށް މިދިޔަ ދެއަހަރު، ތިންއަހަރުގެ ތެރޭގައި، މަދަނަ އުފައްދައި ހިންގައިގެން، ތަޖްރިބާތަކެއް ލިބިއްޖެ. އެ ތަޖްރިބާތަކުގެ އަލީގައި، ދެން އިތުރަށް ސަރުކާރަށް ފާހަގަވާ އެންމެބޮޑު އެއްޗަކީ، މިއީ ހަމަ ސާދާ ވިޔަފާރިއެކޭ. އެހެންވީމާ، އެ ވިޔަފާރިއެއްގެ ތެރެއަށް ސަރުކާރުން ވަނުމަކީ ބުއްދިވެރިކަމެއް ނޫނޭ. އެ ވިޔަފާރި ކުރުމަށް، އެކަމުގެ މާހިރުންނާއެކީގައި، މިހާރު އިޢްލާނު މިކުރެވެނީ، ސަރުކާރާ ޙިއްޞާވެގެން، ބަޔަކު މީހުން މިމަސައްކަތް ކުރަން ބޭނުންވާ ފަރާތަކަށް އެމަސައްކަތް ދޫކޮށްލުމަށް. ދެން އެއީ، ބައިނަލްއަޤްވާމީ ފަރާތަކަށްވިޔަސް އަދި ދިވެހި ފަރާތަކަށްވިޔަސް، އެންމެ ރަނގަޅު ހުށަހެޅުމެއް ސަރުކާރަށް ލިބޭ ފަރާތަކާ އެކީގައި، ސަރުކާރުން އެމަސައްކަތް ކުރަމުން ގެންދާނީ.

ޙުސައިން ފިޔާޒް – ހަވީރު ނޫސް:

ޖަނަވަރީ އެކަކުން ފެށިގެން ހުރިހާ ރައްޔިތުންނަށް ހެލްތް އިންޝުއަރެންސް ދޭނެ ކަމަށް، އެހިސާބަށް މިކަންތައްތައް ގެންދެވޭނެ، އެގޮތަށްތޯ އަމާޒު ހިފާފައި ހުރީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެގޮތަށް އަޅުގަނޑު އަމާޒު ހިފައިގެން މިއުޅެނީ އިނގޭތޯ. އެހެން ނަމަވެސް، މިދަންނަވާހެން މަޖިލީހުގައި މިހުރި ބިލްތަކާ މިއާ ގުޅުމެއް އެބަހުރި. އެހެންވީމާ، ފައިސާ ނެތީހެއް އަޅުގަނޑުމެންނަކަށް މިކަމެއް ނުވާނެ. އަޅުގަނޑު މިދެކެނީ، އާމްދަނީން ޓެކްސް ނެގުމުގެ ބިލްވެސް ރީތިކޮށް ފާސްވެގެން އަންނާނެ ކަމަށް. އަދި ވިޔަފާރީގެ ފައިދާއިން، އެ ބިލްވެސް ރީތިކޮށް އަޅުގަނޑުމެންނަށް ލިބިގެން އަންނާނެ ކަމަށް. ދެން ޖީ.އެސް.ޓީ.ގެ ބިލް މިހާރު މިއޮތީ ރަނގަޅަށް ހިނގަން ފަށާފައި. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ، އާމްދަނީގެ ބިލްވެސް އަޅުގަނޑުމެންނަށް ލިބިގެން އަންނާނެ ކަމަށް. އެހެންވީމާ، ޖަނަވަރީ އެކަކަށް އަޅުގަނޑުމެން މި އަމާޒު ކުރަނީ. އަޅުގަނޑު ދެކެނީ، މިހާރު ކަންކަން މިދާގޮތަށްދާކަމަށްވަންޏާ، ރީތިކޮށް އަޅުގަނޑުމެންނަށް ޖަނަވަރީ އެކަކަށް މިމަސައްކަތް ފަށައިގަނެވޭނެ. އަދި ވަރލްޑް ބޭންކާ އެކީގައި މިވަނީ އެއީ ހެލްތް އިންޝުއަރެންސް، އެއީ ޔުނިވަރސަލް ހެލްތް އިންޝުއަރެންސެއް. މުޅި ހުރިހާ އެންމެންނަށް ހެލްތް އިންޝުއަރެންސެއް ދިނުމަށް އެސެސްމަންޓަކާއި، ތަޙުލީލުތަކަކާއި، މަސައްކަތްތަކެއް ކުރެވިފައި، މިދިޔަ ހަތަރު ފަސްމަސް ދުވަހެއްގައި. އަދި ޑަބްލިޔޫ.އެޗް.އޯ.ގެ އެހީތެރިކަމާ އެކީގައި، އެމަސައްކަތްތަކަށް މިވަނީ ކޮމެންޓްރީއެއް ނުވަތަ ފާޑެއްވެސް، އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތްވެސް އެނގިފައި. އަދި މިނިސްޓްރީ އޮފް ހެލްތުން އެކަމާ ދެކެވަޑައިގަންނަވާ ގޮތްތައްވެސް އަޅުގަނޑުމެންނަށް މިހާރު މިވަނީ ސާފުވެފައި. އެހެންވީމާ، މިނިސްޓްރީ އޮފް ފިނޭންސުން އެމަސައްކަތް ބާރަށް މިހާރު އެބަ ކުރިއަށް ގެންދަވާ.

ޙުސައިން ފިޔާޒް – ހަވީރު ނޫސް:

ވިދާޅުވެއްޖެ، ރާއްޖޭގެ މި ތިންލައްކަ އެތައް ރައްޔިތުންނަށް ހެލްތް އިންޝުއަރެންސްދޭ ކަމުގައިވަންޏާ، ޚަރަދުވާނެ ކަމަށޭ ލަފާކުރެވިފައި އޮތީ. ދެން ތިޔަބޭފުޅުން އޭގެ ހިސާބުތަކަކާ އެއްޗެތި ޖައްސަވާފައި ހުންނާނީ، އަމިއްލަ ބަޔަކާ ޙަވާލުކޮށްގެން މިކަން ކުރާއިރުގައި، ސަރުކާރުން ކިހާ އިންސައްތައެއްތޯ އެކަމަށް ޚަރަދު ކުރައްވަނީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރު ތީގައި ހަމަ އޮންނަނީ އާދައިގެ އިންޝުއަރެންސް އުޞޫލަކުން. އިންޝުއަރެންސް ޕޮލިސީ ވިއްކާނެ، ތިންލައްކަ ފަންސާސް ހާސް މީހުންނަށް އިންޝުއަރެންސް ޕޮލިސީއެއް ވިއްކާނެ ބަޔަކު ސަރުކާރުން ހޯދާން މިޖެހެނީ. އެ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުގައި ކަވަރޭޖް ހުންނަންޖެހޭނެ، މިވެނި މިވެނި މިވެނި މިވެނި އެވެނި ކަމެއް އެވެނި ފެންވަރަކަށް. ދެން އެ ޕޮލިސީ ވިއްކާ އަގަކީ ކޮބައިތޯ އަމިއްލަ ފަރާތްތަކުން ހާމަކޮށްދެއްވަންޖެހޭނީ. އެއީ ސަރުކާރުން ބަލާނީ، އެންމެ ރަނގަޅު އަގަކާއި، އެންމެ ރަނގަޅު ޤާބިލް، މިކަމަށް ތަޖްރިބާ ލިބި، މިމަސައްކަތުގައި އުޅޭ ބައެއްގެ މައްޗަށްވެސް ބަލާފައި، އަޅުގަނޑުމެން އެބަޔެއް އެކަށައަޅާނީ.

ޙުސައިން އަމީން - ދި ޓީ.ވީ:

އަޅުގަނޑު އެބައޮތް ދެސުވާލެއް. ފުރަތަމަ ސުވާލަކީ ޓެކްސްގެ ނިޒާމް، އިޤްތިޞާދީ ކަންކަން ހަރުދަނާ ގޮތެއްގައި ގެންދިޔުމަށް ސަރުކާރުންވަނީ ޓެކްސްގެ ނިޒާމެއް ތަޢާރުފްކޮށްފައި. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ދެންމެ ވިދާޅުވިފަދައިން، ޖީ.އެސް.ޓީ ތަންފީޛު ކުރަމުން މިއަދު މިދަނީ. ދާއިރުގައި އަޅުގަނޑުމެންނަށް އެބަ ފެނޭ، އިމްޕޯޓް ޑިއުޓީގެ ބިލް އަދިވެސް މިވަނީ މަޖިލީހުން ފާސްނުވެ. އެހެންކަމުގެ ސަބަބުން ޑަބަލް ޓެކްސޭޝަނަކަށް މިއަދު ގޮސްފައިވާ ކަމަށް ގަބޫލު ކުރައްވަންތޯ އެއީ އެއްސުވާލު.

އަނެއް ސުވާލަކީ، ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގަން ފެށިފަހުން ކައުންސިލްތައް އުފެދި މިހާރު މިވަނީ 6 މަސްދުވަސްވަރުވެފައި. ވެގެން ދިޔައިރުވެސް ކައުންސިލްތަކަށް ހުރި ބޮޑެތި ގޮންޖެހުންތަކެއް ކަމަށް ބައެއް ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުންވެސް އެބަ ވިދާޅުވޭ، ބަޖެޓް ނުލިބުމާއި އަދި އޮނިގަނޑުގެ މައްސަލަތައްވެސް އެބަހުރި ކަމަށް. މިކަންތައްތަކަށް ކިހާ އަވަހަކަށް ޙައްލުތަކެއް އައިއްސާނެ ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޑަބަލް ޓެކްސޭޝަނޭ ބުނާ ބަހަކީ އެހެން މާނައެއްގައި، ދުނިޔޭގައި ޢާންމުކޮށް ބޭނުންކުރާ ބަހެއް. އެއީ، އެއްކަމަކަށް ހަމަ ދެފަހަރު ޓެކްސް ނެގުން. މިސާލަކަށް، ދިވެހިރާއްޖޭގައި ވިޔަފާރިކޮށްފައި އޮންނަ ޓެކްސެއް ދެއްކުމަށްފަހުގައި، ހަމަ އެ ވިޔަފާރިއަށް އެހެން ޤައުމަކުން އަނެއްކާވެސް ޓެކްސެއް ނެގުން. އެއީ، ޑަބަލް ޓެކްސަކީ އިނގޭތޯ. ދައުލަތުގެ އާމްދަނީ އެކިގޮތްގޮތުން ހޯދުން އެއީ، ޑަބަލް ޓެކްސޭ މި ބުނެފައި އިޝާރާތް ކޮށްފައި ދެކެވޭ މާނަ ނުކުންނަ ވާހަކައެއް ކަމަކަށް އަޅުގަނޑަކަށް ފާހަގަކުރެވިފައެއްނޯވޭ. އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމާފައި އޮތީ ޖަނަވަރީ އެކަކުއްސުރެ ފެށިގެން. އިމްޕޯޓް ޑިއުޓީ ދޫކޮށްލެވުނީމާ، ވިޔަފާރިވެރިންނަށް ވަރަށްބޮޑު ފައިދާއެއް އަންނާނެ. އެއީ، މިހާރު ވިސްނަވާ، ފިހާރައަކުން މިހާރު ތަކެތި ވިއްކާއިރުގައި، އެތަކެތި އިމްޕޯޓްކޮށްފައި، އިމްޕޯޓްކުރާ ފަހަރެއްގައި އާދައިގެ މެދު ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައި ހުރި ފިހާރައެއް، އެ ފެންވަރުގެ ފިހާރައެއްގައި، އިމްޕޯޓްކުރާ ފަހަރެއްގައި ޑިއުޓީއަށް ދައްކަން އެބަޖެހޭނެ ގާތްގަނޑަކަށް ހަތްދިހަހާހާއި އެއްލައްކައާ ދެމެދު ގަނޑުކޮށް. މިހާރު މިވީގޮތަކީ އެއްގޮތަކަށްވެސް އެ ފައިސާ ދައްކަން ނުޖެހުން. ހަމައެކަނި ވިއްކާ ނިމިގެން ގޮސް، އެއްވެސް އެއްޗެއް ވިޔަފާރިވެރިޔާ ޙަޤީޤަތުގައި ދައްކާކަށް ނުޖެހޭ. އެމީހާ ހަމަ ސީދާ ސާދާ ވިޔަފާރި ކުރަމުން ގެންދަންވީ. ދެން އެ ހުރިހާ ލުޔެއް ވިޔަފާރިވެރިޔާއަށް ދިނީމާ، އަޅުގަނޑުމެން މިދެކެނީ، ތަކެތީގެ އަގު ވިޔަފާރިވެރިޔާއަށް ތިރިކުރެވެންޖެހޭނެއޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ޖަނަވަރީ އެކަކުއްސުރެ ފެށިގެން އެކަންވާނެ.

ދެން މިވަގުތު މި ނަގާ ޑިއުޓީ ހަމަ އެއީ، މިދެންނެވިހެން އަދި ވިޔަފާރިވެރިޔާއަށް ލުޔެއް ނުލިބެނީ. އެ ޑިއުޓީ ދޫކޮށްލީމާ ވިޔަފާރިވެރިޔާއަށް ލުޔެއް ލިބޭނީ. އެހެންވީމާ، ވިޔަފާރިވެރިޔާ މިހާރު އެދަނީ މިދޭތެރެ ބެދޭ ދުވަސްވަރު. އެބޭފުޅުންނަށް އެ ލިބޭ ލުއި އަދި ނުލިބި، ދައުލަތަށް އެ ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީގެ ފައިސާ ދައްކަމުން. ޖަނަވަރީ އެކަކާ ހަމައަށްވެސް އެކަންދާނީ އެގޮތަށް. ދެން އަޅުގަނޑު އުންމީދު ކުރަން، މަޖިލީހުގައި މިއޮތް އިމްޕޯޓް ޑިއުޓީގެ ބިލް، ވީހާވެސް އަވަހަކަށް ނިމިގެން އަންނާނެ ކަމަށް. ދެން އަޅުގަނޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ، އެކަން އެގޮތަށް ހިނގާނެ ކަމަށް.

ކައުންސިލްތަކުގެ ބަޖެޓާއި، އޮނިގަނޑާ، 6 މަހާ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މިހާރު މިވަޑައިގަންނަވާނެ އިނގޭތޯ ކަގާމީ، ޕޯލް ކަގާމީ، ރުވާންޑާގެ ރައީސް. އަޅުގަނޑު ހަނދާންވަނީ 2003 ގައި އެބޭފުޅާ ރައީސް ކަމަށް ވަޑައިގެންނެވީ. އޭގެކުރީގައި، ހަމަ ރެބެލް ލީޑަރެއްގެ ގޮތުގައިހެން ގާތްގަނޑަކަށް އުޅުއްވީ. އޭރުއްސުރެން ހަމަޖެހުމެއް އައުމަށް ޑިމޮކްރަސީ އައިސް، ލާމަރްކަޒީ އުޞޫލުތައް ހިންގަން ފެށި އަދި ކޮރަޕްޝަނާއި ޝަރީޢަތުގެ ކަންކަމާ، އެކަންކަން ހަމަޖެހިގެން ދިޔުމަށް އެރަށް ނެގި، ގާތްގަނޑަކަށް 7 އަހަރު، 8 އަހަރު. ދެން އަޅުގަނޑުމެން އިތުރަށް ވާހަކަ ދައްކައި މިސާލަކަށް ހަދަނީ ޔޫރަޕްގެ ޤައުމުތަކާ، ފަރަންސޭސިވިލާތާ. ފަރަންސޭސި އިންޤިލާބަށްފަހުގައި އަދި 15، 20 އަހަރުވެގެން ދިޔައިރުވެސް ހަމަ އެއްތާ ނުތިބެވިގެން ފަރަންސޭސިން އެއުޅެނީ އިނގޭތޯ. އަޅުގަނޑުމެންގެ ރާއްޖޭގައި ލާމަރްކަޒީ އުޞޫލު ޤާއިމް ކުރުމާއި، މި ޑިމޮކްރަސީ ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފެށުމާ، މިކަންކަމުގައި ކުރިއެރުން ލިބިފައި މިހުރީ، ބަލާ މީހުން ބަލާފައި ފާހަގަކުރާއިރުގައި، ހަމަ ޢަޖައިބުވާ މިންވަރަށް. އަޅުގަނޑު ދެކެނީ، މިހާރުވެސް ކަންތައްތައްހުރީ، ހިނގަމުން އެދަނީ ގޯސް މަގެއްގައެއް ނޫނޭ. ތެދުފުޅެއް، ރަނގަޅެއް، ބައެއް ތަންތަނުގައި ޖާގައިގެ ދަތިކަން އެބަހުރި، ބައެއް ކައުންސިލްތަކުގައި. އެހެންވީމާ، ސަރުކާރުންޖެހޭ އެ ޖާގައިގެ ދަތިކަން ފިލުވައިދިނުމަށް. މިއަންނަ އަހަރުގެ ބަޖެޓްގެ ތެރޭގައި، ވީމިންވަރަކުން އެމަސައްކަތް ކުރިއަށްދާނެ.

ދެން މިއޮތީ އޮނިގަނޑުގެ މައްސަލަ އިނގޭތޯ. އޮނިގަނޑުގެ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް. ސަރުކާރާ މާބޮޑު މަޝްވަރާ ކުރުމެއްނެތި، ސަރުކާރުން އެހެން ނަމަވެސް، މިބޭފުޅުންނަށް މުސާރަދޭން މިޖެހެނީ. ކޮންމެ ރަށު އޮފީހެއްގައި މިއީ ތިބޭފުޅުންގެ އޮނިގަނޑޭ ވިދާޅުވެ، ސިވިލް ސަރވިސްއިން ފާސްކުރި އޮނިގަނޑޭ މިއީ، އެއަށް ޢަމަލުކުރަން އަދި އަޅުގަނޑުމެންނަށް ދެންނެވީމާ ވަރަށް އުނދަގޫވާނެ. ސަރުކާރުންވެސް ދައުލަތުގެ ޚަރަދާއި ދައުލަތުގެ އާމްދަނީއާއި، ދައުލަތުގެ މާލިއްޔަތަށް ޒިންމާވާން ޤާނޫނުއަސާސީން ލާޒިމްކުރޭ އަޅުގަނޑަށް. އަޅުގަނޑު އެބަޖެހޭ އެކަން ހަމަ މަގެއްގައި ބަހައްޓަން. އަޅުގަނޑަކަށް ނެތް، މި ރާއްޖެ އަބަދު ދަރަނިވެރިކޮށްގެން، އަޅުގަނޑުމެންގެ މުސްތަޤްބަލް ނަގާލެވޭކަށް. ހަމައަކަށް އަޅުގަނޑުމެން އެބަ އަންނަންޖެހޭ. އެހެންވީމާ، އޮނިގަނޑުތައް އެކުލެވިގެންދާއިރުގައި، ފުރިހަމައަށް ފިނޭންސާއެކީގައި މަޝްވަރާ ކުރެވުމަކީ ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑު އިހަކަށްދުވަހަކުދިޔަ ދެތިން ރަށު ކައުންސިލެއްގައިވެސް ހަމަ މިމައްސަލަ އެބަ ދިމާވޭ. އިނގޭތޯ އޮނިގަނޑުތައް މިއަންނަނީ ކުދިކުދި ވަރަށް ކުދިކުދި ރަށްރަށުގައިވެސް ވަރަށް ބޮޑެތި، ވަރަށްގިނަ ޢަދަދުގެ މީހުންނާ އެކީގައި ހުންނަ އޮނިގަނޑުތަކެއް ފާސްވެގެން މިއަންނަނީ. އެއީ، ސަރުކާރަށް އެ ބުރަ އުފުލަން އެހާ ފަސޭހަ ކަމަކަށެއް ނުވާނެ. އަމިއްލަ ވިޔަފާރިއާއި، އަމިއްލަ ކުންފުނިތަކުގެ މަސައްކަތާއި، ވަޒީފާގެ ފުރްޞަތުތައް، ސަރުކާރުން މިދަނީ ހުނަރު ޕްރޮގްރާމާއި އަދި އެހެންވެސް ކަންކަމުގެ ތެރެއިން އާލާކުރަމުން، ފަހިކުރަމުން. އަޅުގަނޑުމެން މިދެކޭގޮތުގައި، ޙަޤީޤީ ތަރައްޤީއަކީ ސީދާ ތިމަންނާ އަމިއްލަ މަސައްކަތް ކޮށްގެން، ފައިސާ ހޯދައިގެން، ދައުލަތަށް ޓެކްސް ދައްކައިގެން، ދަރިންނަށް ކިޔަވައިދީގެން، ބޭސްފަރުވާކޮށްގެން، ބޯހިޔާވަހިކަމެއް ހޯދައިގެން، ދަތުރުފަތުރު ކުރެވިގެން އުފަލުގައި އުޅޭ ދިރިއުޅުމެއް ހޯދުން. އަޅުގަނޑަށް ފެންނަނީ، އެ މަގަށް އަޅުގަނޑުމެންނަށް ދެވޭކަމަށް.

ޢާއިޝަތު ޢައްބާސް – އެމް.އެން.ބީ.ސީ ނިއުސް:

އަޅުގަނޑުގެ ސުވާލަކީ، ރައީސް ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައި އެބަވޭ، ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް، އެފަރާތްތަކުން ގުޅުން ބަދަހިނުކުރާނެ ކަމަށް. ކޮބައިތޯ އެއްވެސްވަރަކަށް ޗެލެންޖެއް ދިމާވިތޯ މިކަމުގައި.

ދެން ދެވަނަ ސުވާލަކީ، ސާކް ސަމިޓަށް ބޭރުގެ ހައިލެވެލް ބޭފުޅުން ވަޑައިގަންނަވާއިރުގައި ކޮބައިތޯ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ތެދުފުޅެއް. ދާދި ފަހުންވެސް އަދި 2010 ވަނަ އަހަރުވެސް ނޫސްތަކުންވެސް އަޅުގަނޑުމެން ކިޔިން، އަޅުގަނޑަށް ޔޫރަޕަށާއި، ހުޅަނގުގެ ޤައުމުތަކަށް ދާންވެސް ދަތިވާނެއޭ. ވަރަށް ބޮޑަށް ބޭރުގެ ބައިނަލްއަޤްވާމީ ދުނިޔެ، ދިވެހިރާއްޖޭގެ ރައީސާ، ތިއީ ކާކުކަން އެބަ ސާފުވެޔޭ. އެހެންވީމާ، އަޅުގަނޑާ ގުޅުމެއް ނޯންނާނެއޭ. އެއީ އުންމީދު ދޮއެއްތޯ ބައެއް ބޭފުޅުންގެ. ދެން އެހެން ނަމަވެސް، އަޅުގަނޑަށް ހީވަނީ ބޭރުގެ ވެރިންނަށާއި، ބޭރުގެ ގައުމުތަކަށް ދިވެހިރާއްޖޭގެ ޙަޤީޤަތް ވަރަށް ބޮޑަށް ސާފުވޭހެން އިނގޭތޯ. ދެން ޚާއްޞަކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހެން އޮންނައިރެއްގައި، އެބޭފުޅަކު ބޭނުން ވާހަކައެއް އެބޭފުޅަކަށް ދައްކަވަމުން ގެންދެވޭނެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑަށް ޔަޤީން، ހަމަ ދައްކަވާނެ. ދެން އޭގައި ތެދާއި ދޮގު ހުރި މިންވަރަކީ، އަޅުގަނޑު ހިތުން ރައްޔިތުންނަށް ފިލާނެ މިންވަރެއް. ރައްޔިތުންނަކަށް އޮޅިގެނެއް ނުދާނެ. އަޅުގަނޑަށް ވަރަށް ބޮޑަށް ޔަޤީން. އަޅުގަނޑު އަބަދުހެން މިއުޅެނީ ވަރަށްގިނަ ރައްޔިތުންތަކެއްގެ މެދުގައި. ހަފްތާއެއް ނުދާނެ، އަޅުގަނޑު މިތަނުން ދެތިން ހަތަރު ރަށަކަށްނުދާ. އަދި މާލެތެރޭގައިވެސް ނުކުމެ ވީހާވެސް ގިނަ ބަޔަކާ ބައްދަލުނުކުރާ. އަދި ހަމަ އެހާމެ ގިނަ މީހުންނާ އަޅުގަނޑު ގޭގައިވެސް އެބަ ބައްދަލުކުރަން. އަޅުގަނޑަކަށެއް ނުފެނޭ، ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް އެއްޗެއް އޮޅިގެން އުޅޭ ތަނެއް. އަޅުގަނޑަށް ފެންނަނީ، ރައްޔިތުންނަށް މިހާރު ވަރަށް ބޮޑަށް ސާފު، ވާދަވެރި ފަރާތްތަކަކީ ކޮބައިތޯއާއި، ވާދަވެރި ފަރާތްތަކުގެ މަޤްޞަދުތަކަކީ ކޮބައިތޯކަންވެސް. އަޅުގަނޑު ދެކޭނީ، އަޅުގަނޑުމެންނަށް ހަމަ އުޖާލާކަމާ އެކީގައި، އަޅުގަނޑުމެންގެ ޕްރޮގްރާމްތައް އިރާދަކުރެއްވިއްޔާ، ކާމިޔާބު ކުރެވޭނޭ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައި މިއޮންނަނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީއާއި އަދި ހަމައެހެންމެ، އިސްލާމްދީން އެއީ ތަހުޒީބީ އަދި ޒަމާނީ އެންމެހާ ކަންކަމަށްވެސް އޮތް ޙައްލެއްކަމާއި، އެކަންކަމަށް ބޭނުންކުރެވެން އޮތް އުޞޫލުތަކެއްކަން، މާތް ކަންތައްތަކެއްކަން ބޭރު ދުނިޔެއަށް އަންގައިދިނުމަކީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އެއް ތަނބު. އަޅުގަނޑުމެން މިދަނީ ޑިމޮކްރަސީއާއި އިސްލާމާ، އެއީ ބީރައްޓެހި ދެކަން ނޫންކަން، ބައިނަލްއަޤްވާމީ ދުނިޔެއަށް ވަރަށް ބޮޑަށް ސާފުކޮށްދެމުން. އަޅުގަނޑު ދެކެނީ، އޭގެ ސަބަބުން، އިސްލާމްދީނުގެ ޤަދަރާއި، އިސްލާމްދީނުގެ ކަރާމާތް، ބޭރު ޤައުމުތަކުގެ ވެރިންނާއި އަދި ޤައުމުތަކުގެ ރައްޔިތުންތަކުގެ ކުރިމަތީގައި އުފުލިގެންދާ ކަމަށް. އަޅުގަނޑުމެންނަށް ރާއްޖޭގެ އެކިއެކި ކަންކަން ޙިމާޔަތް ކުރުމަށް ހިންގާންޖެހޭ ކަންކަން، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގައިވެސް އަޅުގަނޑުމެން ހިންގަންޖެހޭ. އޭގެތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެ މި ނަގާ، އަޅާ ފިޔަވަޅުތަކާއި ދެކޭ ގޮތްތައް، ބައިނަލްއަޤްވާމީ ދުނިޔޭގައި ޢާންމު ކުރުމަކީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އަނެއް ތަނބު. ދިވެހިރާއްޖޭގެ އިސްތިޤްލާލާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިވަންތަކަން، ދިވެހިބަހާއި، ދިވެހިންގެ އެންމެހާ ޘަޤާފަތްތަކާއި، އާދަކާދަތައް ދެމެހެއްޓުމަކީވެސް އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އަނެއް ތަނބު. އަޅުގަނޑުމެންގެ މުޅިން އެހެން ޤައުމިއްޔަތެއް ބިނާކުރުމަށް މަސައްކަތް ކުރަމުން އަންނަ ބައެއް. އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާވެފައި މި އޮންނަންޖެހެނީ، އިސްލާމްދީނާއި، އިޤްތިޞާދީ ތަރައްޤީއާއި އަދި އިންސާނީ ޙައްޤާ، މިހުރިހާ ކަމެއް ޙިމާޔަތް ކުރެވޭ އުޞޫލުގައި. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި، އަމިއްލަ ދިރިއުޅުމުގެ ތަނަވަސްކަން ހޯދުމަކީ، ދިވެހި ޤައުމިއްޔަތުގެ ވަރަށް މުހިންމު ބައެއް ގޮތުގައި މި ސަރުކާރުން ދެކޭ. އަޅުގަނޑުމެންގެ ޤައުމިއްޔަތު، އެޤައުމިއްޔަތަކަށް، އެހެން ޤައުމިއްޔަތަކަށް ނުވަތަ ކޮންމެވެސް އެހެން ބާވަތެއްގެ، އެހެން ގޮތެއްގެ ޤައުމިއްޔަތަކަށް އެނބުރޭން މިއުޅޭ ވާހަކަ ކަމަށް އަޅުގަނޑު މި އިޝާރާތް ކުރަނީ، މީގެކުރީގައި އަޅުގަނޑުމެންނަށް ޤައުމިއްޔަތުގެ ގޮތުގައި އަބަދުވެސް ފާހަގަމިވަނީ، އަތްނުލެވޭ ބާވަތުގެ ކަންތައްތަކަކާއި އެއްޗެހިތަކެއް. އޭގެ ބަދަލުގައި، އަޅުގަނޑުމެން މިދެކެނީ، ދިވެހިންގެ ޤައުމިއްޔަތަކީ، ސީދާ ދިވެހިންގެ ދިރިއުޅުމާ ގުޅިފައި ހުންނަންޖެހޭނެ އެއްޗެހިތަކެކޭ. އެހެންވީމާ، އޭގެތެރޭގައި، އިޤްތިޞާދީ ތަރައްޤީއާއި، އިންސާނީ ޙައްޤުތަކާ، މިކަންކަމަކީވެސް އިސްލާމީ މަތިވެރި އުޞޫލުތަކާ ހަމަ އެއްދަރަޖައިގައި ހިމެނެންޖެހޭ ކަންކަން ކަމަށް އަޅުގަނޑު މިދެކެނީ.

މުޙަންމަދު އިރުފާން – ދި އެފް.އެމް:

މިހާރަކަށް އައިސް ގިނަ އިދިކޮޅު ފަރާތްތަކުން ބުނަމުން އެބަ ގެންދޭ، ސާކް ސަމިޓްގެ ކަންތައްތަކުގައި ސިފައިންނާއި ފުލުހުންގެ ބޭނުން ސަރުކާރުން މިގެންދަވަނީ ނާޖާއިޒު ގޮތުގައި ހިފަމުންނޭ. މިކަމާ މަނިކުފާނު ވިދާޅުވަނީ ކީކޭތޯ؟ އަދި މިއުޅެނީކީ ޤައުމަށް ކުއްލި ޙާލަތެއް އައިސްގެނެއް ނޫނޭ. ކުއްލި ޙާލަތެއް އައިސްގެން އުޅޭނަމަ، މިގޮތަށް ސިފައިންނާއި ފުލުހުން ބޭނުންކުރުން މައްސަލައެއް ނެތޭ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ތިޔަ ވިދާޅުވި ވާހަކައަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނެއްވެސް، ދިވެހިރާއްޖޭގެ ސިފައިންނެއްވެސް އަދި ދިވެހިންގެ ތެރެއިން އެއްވެސް ބަޔަކު ގަބޫލުކުރާ ވާހަކައެއްވެސް ނޫން. ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖޭގެ ކުރިއެރުމަށް ސިފައިން ކޮށްދެއްވާފައި ހުރި މަސައްކަތްތަކަކީ، އަބަދުވެސް މި ރާއްޖެއަށް ފެންނާން ހުރި މަސައްކަތްތަކެއް. މީގެކުރީގައިވެސް ސިފައިންނަކީ ބޮޑެތި މަސައްކަތްތައް ކުރަމުން އައި ބައެއް. މިހާރު ވަކި އުޞޫލެއްގެ ދަށުން އިންޖިނިއަރިންގ ކޯރއެއް އުފެދިގެން، މިމަސައްކަތްތައް ހިންގަމުން މިދަނީ. އަޅުގަނޑަކަށް ނުފެނޭ، ތިވާހަކަ ތިހެން ދައްކަވައިގެން އަދި އޭގެ ސަބަބުން ވަކި ކޮންމެހެން އިތުރު ރަނގަޅެއްވެސް ނުކުމެދާނެ ކަމަކަށް. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، ސިފައިންވެސް، ފުލުހުންވެސް ތިބީ ވަރަށް ބޮޑަށް އުފަލުން. ހުރިހާ ސިފައިންވެސް، ހުރިހާ ފުލުހުންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށްބޮޑު ޖޯޝަކާއި ފޯރިއާ އެކުގައި. އެބޭފުޅުންނަށް ވަރަށް ބޮޑަށް ސާފު، އެކުރެވޭ މަސައްކަތަކީ ކޮބައިކަން. އެބޭފުޅުންނަށް އެންމެ ބޮޑަށް ސާފުވާ ކަމަކީ، އެބޭފުޅުން މިހާރު އެކުރައްވާ މަސައްކަތަކީ، މިސާލަކަށް، ބޭފުޅެއްގެ ގެޔަށް މަސް ގެންދެވުން ނޫންކަން. ބޭފުޅެއްގެ އަމިއްލަ އޮޑި ބަންނަނީ، ޔޮޓް ދޯންޏެއް ބަނދެ ދެނީ ނޫންކަން. ނުވަތަ ބޭފުޅެއްގެ، ވަޒީރު ބޭފުޅެއްގެ އަމިއްލަ ގެކޮޅު ހަދައިދެނީ ނޫންކަން. ނުވަތަ ތިމާގެފުޅު ބޭފުޅެއް ގޮވައިގެން ކޮންމެވެސް ތަނަކަށް ދަނީ ނޫންކަން. ބޭފުޅުންގެ ނޯކިރީންނެއް ނޫންކަން ސިފައިންނަކީއެއް. ސިފައިންނަށް، އަޅުގަނޑަށް ޔަޤީން، މީގެކުރިއާ އަޅާބަލާއިރު މިހާރު މިކަން ވަރަށް ބޮޑަށް ސާފުވޭ. އެބޭފުޅުން އެކުރައްވަނީ ޤައުމީ މަސައްކަތެއް. އެބޭފުޅުން އެމަސައްކަތުގައި އެތިއްބެވީ ޖޯޝާއެކީގައި.

މުޙަންމަދު ޙަސަން – ސަން އެފް.އެމް:

މަނިކުފާނު ވިދާޅުވެއްޖެ، އައްޑުއަތޮޅުގައި ހޮސްޕިޓަލެއް ޤާއިމްކުރަން. އައި.ޑީ.ބީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން 25 މިލިއަން ޑޮލަރުގެ ލޯނު އެހީ ނަގަން ސަރުކާރުން ވިސްނާ ކަމަށް އެހެންނޫންތޯ! ދެން މި ލޯނު އެހީ ނެގުން މިއީ ދަރަނިވެރިވާނޫންތޯ ދިވެހިން. އެކަމާ ދޭތެރޭގައި ކީކޭތޯ މަނިކުފާނު ވިދާޅުވަނީ؟ އަދި އެބައޮތް އަޅުގަނޑު އެއްސުވާލު އިނގޭތޯ.

ދެވަނަ ސުވާލަކީ، އަޅުގަނޑުމެންނަށް ވަރަށް ގިނައިން މީޑިއާތަކުން ފެނުނު ވާހަކައެއް. މަނިކުފާނު ހއ. ދިއްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއް. އެއީ، ހަމަ ޙަޤީޤަތުގައިވެސް ރަނގަޅު ވާހަކަފުޅެއްތޯ؟ ދެން އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި، ދިއްދޫގައި ޑްރަގްގެ ކަންތައްތަކުގެ ވާހަކަ ވިދާޅުވެގެން ވަރަށް ބޮޑަށް އެކަމާ ދޭތެރޭގައި ޕެޓިޝަނަކާ އެއްޗެހި މިހާރު ތައްޔާރު ކުރަމުންދާކަމުގެ މަޢްލޫމާތު ލިބިފައިވަނީ. ދެން އެބޭފުޅުން ވިދާޅުވަނީ ދިއްދޫއަކީ ޑްރަގުގެ ގޮތުގައި ފާހަގަކުރެވޭ ރަށެއް ނޫނޭ. މަނިކުފާނު އެހެން ވިދާޅުވެފައިވާތީ، އެކަމާ ދޭތެރޭގައި މަނިކުފާނު ކީކޭތޯ ވިދާޅުވަނީ. އެއީ، ހަމަ ރަނގަޅު ވީޑިއޯއެއްތޯ އެ ވާހަކަފުޅު މަނިކުފާނު ދައްކަވާފައިވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ދަރަނީގެ ވާހަކަ. ޑެޓްގެ ވާހަކަ އިނގޭތޯ. އަޅުގަނޑުމެންގެ އަމާޒަކީ، ޖީ.ޑީ.ޕީ.ގެ 60 ޕަސެންޓަށްވުރެ މައްޗަށް ދައުލަތުގެ ދަރަނި ނާރާނެ ގޮތަކަށް ހިފެހެއްޓުން. އެހެންވީމާ، ދެން ދައުލަތުން މިބަލަނީ، ދަރަނިވެރިވާން އެންމެ ރަނގަޅީ ކޮންކޮން ކަންތައްތަކަކަށްތޯ؟ މިސާލަކަށް، އޮފީސް ޢިމާރާތެއް އަޅަންތޯ ނުވަތަ ހޮސްޕިޓަލެއް އަޅަންތޯ. ގަނޑުވަރެއް އަޅަންތޯ ނުވަތަ ސްކޫލެއް އަޅަންތޯ. ދެން ސަރުކާރުން ވަރަށް ބޮޑަށް އަމާޒެއް އެއީ ވާދަރަނިވެރިކަމެއް، މި ވެވޭންޖެހޭނީ ދައުލަތަށާއި ރައްޔިތުންނަށް ވަރަށް ފުރިހަމަ ބޭނުންތެރި ކަންކަމުގައޭ. ދެން ލޯނު އެހީއަކީ އަޅުގަނޑަށް ނޭނގޭ ބަހެއް. ލޯނަކީ އެހީއެއް ނޫން. އެއީ ލޯނެއް. އަނބުރާ އަޅުގަނޑުމެން ދައްކަންޖެހޭނެ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެން އެ ބަސް ބޭނުން ކުރަމުން މިއަންނަނީ ލޯނު އެހީގެ ގޮތުގައި. ދެން އެއީ އަޅުގަނޑުމެންގެ މަސައްކަތުން، އަޅުގަނޑުމެން އެންމެން އަނބުރާ ދައްކަންޖެހޭ ފައިސާ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެން، އެއަށް ލޯނު ކިޔުއްވަން، ދެން މިހާރުއްސުރެ ފެށިގެން. އެއީ، އަޅުގަނޑުމެންނަކަށް ބަޔަކު މީހުންގެ އެހީގެ ގޮތުގައި ދިނުމަށްވުރެ ބޮޑަށް ހަމަ ސީދާ އަޅުގަނޑުމެން އަނބުރާ ދައްކަންޖެހޭ އެއްޗެއް.

ދިއްދުއަކީ އަޅުގަނޑުގެ ވަރަށް ގާތް، އަޅުގަނޑު ވަރަށް ދަންނަ، އަޅުގަނޑަށް ވަރަށް ތާއީދު ބޮޑު ރަށެއް. ދިއްދޫ ރައްޔިތުންގެ ފަރާތަކުންނެއް އަޅުގަނޑާ ނުރުހޭ، އަޅުގަނޑާ އެއްބަސްނުވެވޭ ބޮޑު ކަންތައްތަކެއް ނޯންނާނެ. މިއަދު އަޅުގަނޑުމެން ދިއްދޫގެ ވޯޓަކަށްދިޔަސްވެސް، ވަރަށް ސާދާކަމާއެކީގައި، އަޅުގަނޑުމެންނަށް އެ ކާމިޔާބުވާނެކަމީ، އަޅުގަނޑަށް ކުޑަކޮށްވެސް އޮޅިފައި އޮތް ކަމެއް ނޫން. އަޅުގަނޑު ރާއްޖޭގެ އެކިއެކި ރައްޔިތުންނާ އެކިއެކި ގޮތްގޮތަށް ވާހަކަ ދައްކައި، ރަޙްމަތްތެރިކަން ބަހައްޓާ، މުޢާމަލާތްކޮށް، މަޝްވަރާކޮށް ހަދަން. އަޅުގަނޑަކީ ވަކި އެއްގޮތަކަށް ހުންނަ، ނުވަތަ އެއްބާވަތެއްގެ ގޮތަކަށް ހުރެގެން ކަންކަން ކިޔާ މީހެއް ނޫން. އެއިރެއްގައި، އެ ޙާލަތެއްގައި، އެކަމެއްގައި، އެވާހަކައެއް ދައްކަން، އެކަމެއް ކުރަން ޖެހުނު ގޮތަކަށް އެކަން ކުރަން އަޅުގަނޑު. އަދި އޭގެ ސަބަބުން އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންގެ ރާއްޖޭގެ ހަމަޖެހުމާއި، އަޅުގަނޑުމެންގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ އެންމެހާ ކަންކަން ފުރިހަމަވެގެންދާނެ ކަމަށް.

ދެން ތިޔަ ވިދާޅުވި ވީޑިއޯއަކީ ތެދެއްތޯ، ދޮގެއްތޯ، ދެން އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންނަށް ހަމަ އެކަން ސާފުވާނެހެން. ދެން އަޅުގަނޑަށް ހަމަ ޔަޤީން ކަށަވަރު، އެވަރު އެއްޗެއް ދެން އެހާ ދިގުކޮށް ހަދާފައި ބޭއްވުމަކީ ވަރަށްބޮޑު ދައްޗަކަށްވާނެ. އެހެންވީމާ، އަޅުގަނޑު މިދެންނެވިހެން ވާހަކަ ދައްކަމުންދާއިރުގައި، ޕްރެސް ކޮންފަރެންސެއްގައިދާއިރުގައި އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުން ތިއްބަވާކަން. ދެން އެހެން ނަމަވެސް، މަގުމަތީ ހިނގާފައިދާއިރު ނުވަތަ ދުވެފައި އުޅޭއިރުގައި ނުވަތަ މީހަކާ ވާހަކަ ދައްކާއިރުގައި، ނުވަތަ އެހެންވެސް ކަމެއް ކުރާއިރުގައި، އަޅުގަނޑު ނުދެކެން، ވަށައިގެން ނޫސްވެރިން ތިބޭ ކަމަކަށް. އަދި ތިބިނަމަވެސް އަޅުގަނޑު ދެކެނީ، ނޫސްވެރިކަމަކީ ވަކި އަޚްލާޤީ މިންގަނޑުތަކެއްގައި ގެންގުޅޭ ކަމަކަށްވާތީވެ، މިސާލަކަށް، އަޅުގަނޑާއި އަޅުގަނޑުގެ އަނބިމީހާއާ ދެމެދުގައި ދައްކާ ވާހަކަތަކެއް ތިޔަބޭފުޅުންނަށް އަދި އަޑުއިވުނު ކަމުގައިވިޔަސްވެސް، އެވާހަކަތަކެއް ތިޔަބޭފުޅުން ނެރުއްވައިގެން ނުދައްކަވާނެކަން އަޅުގަނޑަށް ޔަޤީން ކަށަވަރު.

ހީނާ ވަލީދު – އެމް.އެން.ބީ.ސީ. ވަން:

އަޅުގަނޑުގެ ދެސުވާލެއް އެބައޮތް އިނގޭތޯ. ފުރަތަމަ ސުވާލަކީ، އައްޑޫސިޓީގައި މިފަހަރު މިބޭއްވޭ ސާކް ސަމިޓުން ދިވެހި ސަރުކާރުން ޙާޞިލް ކުރަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަކީ ކޮބައިތޯއޭ؟
އަނެއް ސުވާލަކީ، މިހާރު ރާއްޖޭގައި ވަރަށްގިނަ ސިޔާސީ ޕާޓީތަކެއް އުފެދިފައި އެބަހުރި. އެހެންވީމާ، ކުރިއަށް އޮތް 2013 ވަނަ އަހަރު އެމް.ޑީ.ޕީ.އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގައި، ކޮންކަހަލަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯއޭ؟ ކޮބައިތޯއޭ ރާއްޖޭގެ ސިޔާސީ ކުރިމަގު ދެކެވަޑައިގަންނަވާ ގޮތަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ހީނާ، ދެވަނަ ސުވާލުގެ ޖަވާބު އަޅުގަނޑަށް ވަރަށް ސާފު އިނގޭތޯ. ވަރަށް ސާދާކަމާ އެކީގައި އަޅުގަނޑުމެން ކާމިޔާބު ކުރާނެ. އަޅުގަނޑަކަށެއް މިހާރު ނުފެނޭ، އަރާއަރަފޯދިގެންވާ ބައެއް، އެމް.ޑީ.ޕީ.އާ ވާދަކުރާކަށް. ދެން އަޅުގަނޑަށް ހަމަ ހައްތާވެސް ފެންނަނީ، އެކެއް އަނެކެއްގެ ފަޔަށް ފައިން އެރިގެން، ހަމަ ނުހިގިގެން އުޅުއްވާ ތަން. އެ ނުހިންގެވިގެން އުޅުއްވާ ތަން. ދެން އެހެންވީމާ، ދެރަކަމެއް ދޮއެއްތޯ އެއީ. އެހެންނަމަވެސް، ސިޔާސީ ވާދަވެރިކަމަށް ބަލާއިރުގައި، ދެން ތަންކޮޅެއް މަސައްކަތް ކުޑަކަމެއްދާ ކަމެއް އެއީ. މަސައްކަތެއް އަޅުގަނޑުމެން ކުޑައެއްނުކުރާނަން. އަޅުގަނޑުމެން ރާއްޖޭގެ ތަރައްޤީއަށްޓަކައި ވެފައިވާ ވަޢުދުތަކާއި، ކުރަންހުރި ކަންކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކޮށް ނިންމާނަން.

ސާކް ސަމިޓްގެ ދިވެހި ސަރުކާރުގެ މަޤްޞަދަކީ، އަމާޒަކީ، ގުޅުންތައް ޤާއިމް ކުރުން. ޚާއްޞަކޮށް، ވިޔަފާރީގެ ގުޅުންތަކާއެކު. އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، އިންޑިޔާއާއި ޕާކިސްތާނާ ދެމެދުގައި ރީތިކޮށް ވިޔަފާރި ކުރެވޭނެ ގޮތް ހެދުން. ދެން ސިޔާސީ މައްސަލަތައް، އަޅުގަނޑުގެ ވާހަކައަކީ، އިހަށް އެއްކައިރީގައި ބަހައްޓަވާފައިވެސް، މި ވިޔަފާރިކުރަން ފެށިއްޖިއްޔާ، ވިޔަފާރި ރަނގަޅަށް ހިނގައިގެންފިއްޔާ، ދެން އޭގެފަހުން، ތަންކޮޅެއް ފަހުން އަދި ބެލިދާނޭ، ސިޔާސީ ކަންކަން އޮތީ ކިހިނެއްތޯ. އެހެންވީމާ، ރޭލްވޭޒް އެގްރީމަންޓާއި، އިންވެސްޓްމަންޓްސް ޕްރޮޓެކްޝަން އެގްރީމަންޓާއި، މޮޓޮ ވެހިކަލް އެގްރީމަންޓް އަދި ސެންސިޓިވް ލިސްޓް، މިކަންކަމަށް އަޅުގަނޑުމެން މިހާބޮޑަށް މި އަމާޒު މިކުރަނީ.

ދެން ސަމިޓްގެ ތެރޭގައި ވަރަށްބޮޑު އަމާޒެއް އެއީ އިނގޭތޯ، ފުވައްމުލަކު ބޭރަށް ނެރުންވެސް އެއީ. މުލަކުގައި މިހާރު، މިފަހަރު އަޅުގަނޑުމެންނަށް އެބަ ހެދޭ، ބައިނަލްއަޤްވާމީ ކްރިކެޓް ދަނޑެއް. ދެން އަދި އެ ދަނޑުގައި އެބަ މިފަހަރު ކުޅެވޭ، ސާކްގެ ހުރިހާ ޤައުމެއްގެ 25 އަހަރުން ދަށުގެ ޓީމްތައް. މިއީ، ވަރަށްމޮޅު ކްރިކެޓް މުބާރާތަކަށްވާނެ. ހަމަ މި ދުނިޔޭގެ ފެންވަރުގެ ކްރިކެޓް މުބާރާތަކަށްވާނެ. އެނގިވަޑައިގަންނަވާނެ، އިންޑިޔާއާއި، ޕާކިސްތާނާއި، ސްރީލަންކާއާއި، ބަންގްލަދޭޝާ، މިއިން ކޮންމެ ޤައުމަކީވެސް ޓެސްޓް ކުޅޭ ޤައުމުކަން. އެހެންވީމާ، އެޤައުމުތަކުގެ 25 އަހަރުން ދަށްވާނެ، ޤައުމީ ޓީމު ގާތްގަނޑަކަށް. ދެން ދޮށީ ޢުމުރުގެ ތަންކޮޅެއް ހަރު ދެތިން ކެޕްޓަނަކު އެބަތިބޭ އަދިވެސް ދޮއެއްތޯ. އެހެން ނަމަވެސް، ޒުވާން ޓީމްތަކެއް، މިހުރިހާ ޓީމްތަކަކީ. އެހެންވީމާ، ފުވައްމުލަކުގައި އެކަން ހިނގާ ދިޔުމަކީވެސް އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް އެއީ، ފުވައްމުލަކުގައި އަޅުގަނޑުމެންނަށް އެއަރޕޯޓެއް ހެދުން. އަޅުގަނޑު ފުވައްމުލަކަށް، އަޅުގަނޑު ކިޔަވައި ނިމިގެން ރާއްޖެ އައިއްސުރެ ފެށިގެން އަޅުގަނޑު ހަމަ މަދުވެގެން އަހަރަކު ދެފަހަރު މުލަކަށް ދެވިފައި އޮންނާނީ. ކޮންމެފަހަރަކުވެސް އަޅުގަނޑަށް އެ އެއަރޕޯޓްގެ ވާހަކައެއް އަޑު އެބައިވޭ. ކާޑެއްދޫ އެއަރޕޯޓާއި، މި އެއަރޕޯޓްތައް ހަމަ ހަދަން ފެށުމާ އެކުއެކުގައިހެންވެސް. އެއީވެސް ވަރަށްބޮޑު ތެދު ވާހަކައެއް. ފުވައްމުލަކަކީ އެކަހެރިފުށި އުނދަގޫ ރަށެއް. އަރާ ފައިބާ ހަދަން އެހާމެ އުނދަގޫ. ދެން ބަނދަރުގެ ބޮޑު މަޝްރޫޢެއް، ވަރލްޑް ބޭންކް މަޝްރޫޢު ގެންދެވުނުކަން އެއީ ވަރަށްބޮޑު ރަނގަޅެއް. އެ ބަނދަރު ނިމިފައި އޮތްކަން. ދެން މިހާރު މި އެއަރޕޯޓް ނިމުނީމާ، ފުވައްމުލައް އަޅުގަނޑުމެންނަށް ގުޅުވާލެވުނީ، މުޅި ރާއްޖޭގެ އެހެން ހުރިހާ ތަނަކާވެސް، ވަރަށް ފަސޭހަ ދަތުރުފަތުރަކުން. އަޅުގަނޑު އުންމީދު ކުރަން، މުލަކުގައި އެ އެއަރޕޯޓް ބޭނުންކޮށްގެން އުފެއްދޭނެ ވިޔަފާރިތައް އުފައްދާނެ ކަމަށް. އޭގެތެރޭގައި، ޚާއްޞަކޮށް، އަވަހަށް ހަލާކުވާ ބާވަތުގެ މުދާ ވިއްކަން ގެންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ދެން އަޅުގަނޑު އަދި އެކަމަކު އެހެން އެއްވެސް ތަނެއްގައި މިވާހަކައެއް ނުދައްކަން. ފުވައްމުލަކު ބޭފުޅެއް، ނީލް އޯކިޑް، އެ މަސައްކަތް ހިންގަވާތާ ވަރަށްގިނަ ދުވަސްވެއްޖެ މިސާލަކަށް. ފުވައްމުލަކަކީ ނުލާހިކު ރަނގަޅަށް މާ ހެދޭ ތަނެއް. ދިވެހިރާއްޖޭގެ ރިޒޯޓްތަކަކީ ވަރަށް ބޮޑަށް މަލުގެ ބޭނުން ހިފަމުން އަންނަ ތަންތަން. ފުވައްމުލަކުގައި ހެއްދޭނެ ރާއްޖެއަށް އިމްޕޯޓް މިކުރާ ހުރިހާ މާމެލާމެއްޔެއް. ހަމަ އެހެންމެ، ފުވައްމުލަކުގައި ހެއްދޭ މޭވާގެ ބާވަތްތަކާ، މިތަކެއްޗަކީވެސް ވަރަށްގިނަ ތަކެތި. މި ކާގޯ އަވަހަށް މާރުކޭޓްތަކަށް ގެނެސްދިނުމަށް ފުވައްމުލަކުގެ އެއަރޕޯޓް އެހީތެރިވެދޭނެކަން އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ޔަޤީން.

އަޅުގަނޑު ދެކެނީ، ސަމިޓްގައި އައްޑޫސިޓީ ތަރައްޤީ ކުރުމުގެ އިތުރުން، މުލަކުގެވެސް ގިނަ އިންފްރާސްޓްރަކްޗަރގެ ކަންތައްތައް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ ކަމަށް.

ޢާއިޝަތު ޒައިނާ – ވީ.ޓީ.ވީ:


އަޅުގަނޑުގެވެސް ދެސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، އައްޑޫގައި މި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓަށް ކުރީގެ ރައީސް މައުމޫނަށް ދަޢުވަތު ދެއްވުމަށް ހަމަޖެހިފައި އެބައޮތްތޯ؟
ދެން ދެވަނަ ސުވާލަކީ، ދައުލަތުގެ ބަޖެޓުން، ދިވެހި ސަރުކާރުގެ ބަޖެޓުން ކިހާ މިންވަރެއް ޚަރަދުވާނެ ކަމަށް ލަފާކުރެއްވޭތޯ، މިއަހަރު ރާއްޖޭގައި މިއޮންނަ ސާކް ސަމިޓަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސާކް ސަމިޓަށް ދަޢުވަތު ދެއްވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން. ދެން އަޅުގަނޑު ނަސީމް އަރިހުގައި އަހާނަން، ކުރީގެ ރައީސަށް ދަޢުވަތު ދެއްވައިފިންތޯ؟ ނުވަތަ ނޫންތޯ. ދެން އަޅުގަނޑަކަށް މާބޮޑަކަށް އަދި ސާފުވެފައެއް ނެތް، ކޮން ބޭފުޅުންނަކަށްކަން. އަޅުގަނޑަށް ހަމަގައިމުވެސް މިއޮފީހުން ދަޢުވަތު އަރުވައިފީމު، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، އުއްތަމަ ފަނޑިޔާރަށް. ދެން ދެބޭފުޅުންވެސް ވިދާޅުވަނީ، ދެބޭފުޅުންވެސް ވަޑައިގަންނަވާނަމޭ. ދެން ދައުލަތުގެ ވެރިންނަށް އަޅުގަނޑު އެ ބަހައްޓަންޖެހޭ އިޙްތިރާމާއި، ޤަދަރާއި، ޢިއްޒަތް އަޅުގަނޑުމެން ބަހައްޓަންޖެހޭނެ. ދެން ވާދަވެރި ސިޔާސީ ފަރާތްތަކާ ގުޅޭގޮތުން އެ ބަހައްޓާ ގުޅުންތައް، އެފަރާތްތަކާވެސް އަޅުގަނޑު ހިތުން އެހެން ސިޔާސީ ފަރާތްތަކުން ބަހައްޓަމުން ގެންދާނެ. އެއީ ވަކި ބާވަތެއްގެ ގުޅުމެއް ދޮއެއްތޯ، ވާދަވެރި ސިޔާސީ ފަރާތްތަކާމެދު އެ އޮންނަނީ. ދެން އެބާވަތުގެ ގުޅުމެއް އޮންނާނީ.

އާދެ! މިއަހަރުގެ ބަޖެޓްގައި، ސާކް ސަމިޓްގެ ޚަރަދުތައް އޮންނާނީ ވަރަށް ބޮޑަށް ސާފުކޮށް އެނގިފައި. އަދި އެނގިވަޑައިގަންނަވާނެ، ކޮންމެ ހަފްތާއަކު އެއްފަހަރު ޚަރަދު ކުރެވެމުންދާ މިންވަރު މިއަންނަނީ ޝާއިޢު ކުރެވެމުން. އެކަން އެހެންވަމުންދާތީވެ، އަޅުގަނޑު ހީކުރީ، އަޅުގަނޑު ދެކިހުރީ، ތިޔަބޭފުޅާ އެ ޢަދަދު އަޅުގަނޑު ކައިރީގައި ވިދާޅުވާނެ ކަމަށް. އެހިސާބުން ވާހަކަ ދައްކަންވެގެން އަޅުގަނޑު ތައްޔާރުވެހުރީ. 200 މިލިއަނޭ އަޅުގަނޑު ހަނދާންވަނީ އިނގޭތޯ. އެކަމަކު ތިޔަބޭފުޅާ ކަށަވަރުކޮށްލެއްވުން ރަނގަޅު. އެއީ ހަމަ ތިޔަބޭފުޅާގެ އިނގިލިކުރީގައި އޮންނަ ޢަދަދެއް.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑަށް މިވަގުތުކޮޅު ހޭދަކޮށްލެވުނީތީވެ.

والحمد للّـه.