بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 21 އޮކްޓޯބަރ 2011 ވީ ހުކުރު ދުވަސް. "ހުބަސާނަ 2011" ގެ ނަމުގައި އާދައިގެ އާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި، ދިވެހި ފަންނާއި ޘަޤާފަތް ދައްކުވައިދޭ ފެސްޓިވަލްތަކެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވިޔަފާރި ކުރިއެރުވުމަށް އެހީވެދޭ މަރުކަޒު (ބީ.ޑީ.އެސް.ސީ) އިން ބޭއްވުމަށް ހަމަޖެހި، ފުރަތަމަ ފެސްޓިވަލް އައްޑޫ ސިޓީގެ މަރަދޫ ފޭދޫ ޒުވާނުންގެ މަރުކަޒުގައި އިއްޔެ މިވަނީ ފެށިފައި. އަނެއް ފެސްޓިވަލް ނޮވެމްބަރ 8ން 10އަށް ބޭއްވުމަށް ހަމަޖެހިފައިވަނީ، ސާކް ކޮންވެންޝަން ސެންޓަރުގައި. މިއީ، ހަމައެކަނި ސާކް ޑެލިގޭޓުންނަށް ޚާއްޞަ ކުރެވިފައިވާ ފެސްޓިވަލެއް. 3 ވަނަ ފެސްޓިވަލް އޮންނާނީ ޑިސެމްބަރ 1ން 3 އަށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި.

ރާއްޖޭގެ އުތުރާއި ދެކުނުގައި މި ބާއްވާ ދިވެހި ފަންނާއި ޘަޤާފަތް ދައްކުވައިދޭ ފެސްޓިވަލްތަކުގެ އެންމެ ބޮޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ އަމިއްލަ އުފެއްދުންތައް، ދިވެހި ފަންނާއި ހުނަރު، ކާބޯތަކެތި އަދި ޘަޤާފީ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް، މިފަދަ މަސައްކަތްތައް ކުރާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހަރުދަނާ މާރުކޭޓެއް ޤާއިމްކޮށްދީ އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، މިފަދަ ދިވެހި އުފެއްދުންތައް ތަޢާރަފްކޮށް ވިއްކުމަށް މަގު ތަނަވަސްކޮށްދިނުން. މި ފެސްޓިވަލްގެ ބައެއް، ސާކް ސަމިޓްގެ ބައްދަލުވުން ހިނގަމުންދާއިރު، ސާކް ކޮންވެންޝަން ސެންޓަރ ތެރޭގައި ކުރިއަށް މިގެންދަނީ، ދިވެހި ވިޔަފާރިތަކަށް ލިބޭ އިޤްތިޞާދީ މަންފާ، ވީހާވެސް ބޮޑަކަށް އިތުރުކުރުމުގެ ގޮތުން. އަދި ހަމައެހެންމެ، މިފެސްޓިވަލްތަކުގައި އާދައިގެއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ބައިވެރިކުރާ ބައިވެރިންނަށް، ތަފާތު ފަންނީ ހުނަރު ދަސްކޮށްދިނުމާއި، ދިވެހީން އުފައްދާ ތަކެތި، ރަނގަޅު ފެންވަރެއްގައި ބަންދުކުރުމާއި، ލޭބަލް ކުރުމާއި، މާކެޓް ކުރުމުގެ މަޢުލޫމާތު ދިނުންވެސް ހިމެނިފައިވޭ.

މިފެސްޓިވަލްތަކަކީ ޢާންމުންނަށާއި، ދިވެހި ވިޔަފާރިވެރިންނާއި، ޖަމްޢިއްޔާތަކާއި، ޓޫރިސްޓް ރިސޯޓުތަކާއި، އަދި މިނޫންވެސް އެންމެހާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލެވިފައިވާ ފެސްޓިވަލްތަކެއް. އަދި ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިތަކުގެ މާކެޓް ފުޅާވެ، ވިޔަފާރީގެ އެކްސްޕޯޝަރ ލިބި، ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއް. ޒިޔާރަތް ކުރައްވާ ފަރާތްތަކަށް، ވަނުން މުޅިން ހިލޭ މި ފެސްޓިވަލްތަކުގައި ޘަޤާފީ ޙަރަކާތްކާއި، ދިވެހީންގެ ހުނަރު، ތަފާތު ގިނަ ދިވެހި އުފެއްދުންތަކާއި، މިފަދަ ތަކެތި އުފައްދާ ގޮތްތައް ދައްކާލުމާއި، ތަކެތި ވަގުތުން ގަނެވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ.

މިއީ، ދިވެހި ވިޔަފާރިވެރިންނާއި ދިވެހި އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތައް ބައްދަލުވެ، ދިވެހި އުފެއްދުންތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުޞަތެއް ކަމުގައި އަޅުގަނޑު އުންމީދު ކުރަން. އެހެންކަމުން، ވީހާވެސް ގިނަ ވިޔަފާރިތަކަކުންނާއި ރިޒޯޓްތަކުން މި ފެސްޓިވަލްތަކުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. އަދި ކުރިއަށް އޮތްތާނގައި ސަރުކާރުން ރާއްޖޭގެ ހުރިހާ ޕްރޮވިންސެއްގައި ވިޔަފާރި މަރުކަޒުތައް ޤާއިމުކޮށް، މިފަދަ ފެސްޓިވަލްތަކާއި ޙަރަކާތްތައް ހިންގޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވާލަން.

ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ދަނޑުވެރިކަމުގެ ލޯނު ދިނުމާއި، ތަމްރީން ޕްރޮގްރާމްތައްވެސްވަނީ ރޭވިފައި. އަދި ސަރުކާރުން މިހާރުވަނީ ޢާންމު ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ގުޅޭ ޤާނޫނެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. މިޤާނޫނުގެ އެންމެ ބޮޑު މަޤްޞަދަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ، ވިޔަފާރި ގިންތި ކުރުމާއި، މާލީ އެހީތެރިކަން އިތުރުކުރުމާއި، މާކެޓުގެ ފުރުޞަތުތައް ހޯދައިދިނުމާއި، ވިޔަފާރި ތަރައްޤީ ކުރުމުގެ ޤާބިލުކަން އިތުރުކޮށް، މިދާއިރާއިން ޚާއްޞަ ޢިނާޔަތްތައް ކަނޑައެޅުމާއި، އެންމެ ކުދި، ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ޙިއްޞާ އިޤްތިޞާދުގައި ފުޅާކުރުން.

ސާކް ސަމިޓްގެ ގިނަގުނަ މަންފާ، ރާއްޖޭގެ ދެކުނަށް ލިބެމުންދާއިރު، މިސަމިޓާ ގުޅުންހުރި ފައިދާވަނީ މުޅި ރާއްޖެއަށް ފެތުރިފައި ކަމަށް، މީގެކުރީގައިވެސް އަޅުގަނޑު ވާނީ ދަންނަވާލާފައި. އެކަން ހާމަވާ، ވަރަށް ފުރިހަމަ މިސާލެއް އަޅުގަނޑު ދަންނަވާލާނަން.

ރާއްޖޭގެ އުތުރުގެ ރަށެއް ކަމަށްވާ ކަނޑިތީމުގެ ވަޑިން އެކަނިވެސް، ގަމުގެ އެއަރޕޯޓްގައި، ސާކް ސަމިޓާ ގުޅުންހުރި މަސައްކަތް ކުރައްވައިގެން، އުޖޫރައިގެ ގޮތުގައި، މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯއްދަވާފައިވޭ. މިއީ ހަމައެކަނި ދޮޅުމަސް ދުވަހުގެ މަސައްކަތުން އުތުރުގެ ފަންނުވެރި މަސައްކަތްތެރި ބަޔަކަށް ލިބިލެއްވި ވަރަށް ރަނގަޅު އާމްދަނީއެއް. މިކަމާ ދަތުރުފަތުރުގެ ނިޒާމާއި، ޚިދްމަތްތަކާއި މުދާ މުޅި ރާއްޖެއަށް ފެތުރިގެންދާ މިންވަރާވެސް ގުޅުންތައް އެބަހުރި. އެހެންކަމުން، ސާކް ސަމިޓަކީ، މުޅި ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ބައްދަލުވުމެއްކަން އަޅުގަނޑު ފާހަގަކޮށްލަން.


ވިޔަފާރި ކުރުމުގެ ވާހަކަ ތިޔަބޭފުޅުންނާ މިއަދު އަޅުގަނޑު ޙިއްޞާކޮށްލާއިރު، ވަރަށް އުފާވެރި ދެތިން ނުކުތާ ދަންނަވާލެވެން އެބައޮތް. އެޤައުމެއްގައި ވިޔަފާރިއެއް ހިންގުމަށް ފަސޭހަކަން އޮންނަ މިންވަރު، ވަރލްޑް ބޭންކުން ދަރަޖަ ކުރެއްވުމުގައި، ދައުލަތަށް ޓެކްސް އަދާކުރުމުގެ ފަސޭހަކަން އޮންނަ މިންވަރު، ވަރލްޑް ބޭންކުން ދިރާސާ ކުރައްވައި، އެކަމުގައި އެބޭފުޅުން ރާއްޖެއަށް 1 ވަނަ ދަރަޖަ ދެއްވާކަން އެބަ ހާމަކުރައްވާ. މި ދަރަޖަ ކުރެއްވުމުގައި، 1 ވަނައިގައި ރާއްޖެ ހިމެނޭއިރު، 2 ވަނަ ލިބިފައިވަނީ ޤަޠަރަށް. އަދި 3 ވަނަ ލިބިފައިވަނީ ހޮންގކޮންގަށް. އެހެންކަމުން، ސިންގަޕޫރުފަދަ އިންތިޒާމުތައް ރަނގަޅު ޤައުމަކަށްވުރެ، މަތީ ދަރަޖައިގައި ރާއްޖެ ހިމެނިފައިވާކަމީ، މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ކާމިޔާބުވަމުންދާ ކަމުގެ ރަމްޒެއް.

އެނގިވަޑައިގަންނަވާނެ، އިއްޔެ ވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ފަރާތުން އެ ޕާޓީން ކަންބޮޑުވާ ކަމެއް ހާމަކޮށް، އެކަމާ އަޑުއުފުލައި މުޒާހަރާކޮށްފައި. އެމް.ޑީ.ޕީ ފާހަގަކުރަމުން މިގެންދަނީ، ރާއްޖޭގައި ޝަރުޢީ ކަންކަން ހިނގަމުންދާގޮތާ ގުޅޭގޮތުން އެބޭފުޅުންގެ ގިނަގުނަ ހިތްހަމަނުޖެހުންތަކެއްވާ ކަމަށް. އަޅުގަނޑު އުންމީދު ކުރަނީ، މިފަދަ ކަންކަމަކީ، ހުރިހާ މުއައްސަސާއަކަށްވެސް، އެ މުއައްސަސާތަކުގައި ކަންތައްތައް ހިނގަމުންދާގޮތް ދެނެގަނެ، މުޠާލިޢާކޮށް، ނުރަނގަޅުކޮށް ހިނގާ ކަންކަމަކީ ކޮބައިތޯ ބަލައި، އަދި ކަންކަން ރަނގަޅު ކުރުމަށް ލިބޭ ފުރްޞަތެއް ކަމަށް. އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެން، ރާއްޖޭގެ އެންމެ ރައްޔިތުން، މި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިމިވާ ޑިމޮކްރެޓިކް އުޞޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ އެންމެހާ ކަންކަންވެސް ކުރިއަށްދާނެ ކަމަށް. ޝަރީޢަތުގެ ކަންކަންވެސް، ޤާނޫނުހަދާ މަޖިލީހުގެ ކަންކަންވެސް އަދި ވެރިކަންކުރާ ފަރާތުގެ ކަންކަންވެސް އެއީ ތަހުޒީބީ ގޮތުގައި ހިނގާ މުއައްސަސާތަކަށްވުމަކީ، އަޅުގަނޑުމެން އެންމެންގެވެސް އެދުމެއް.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެންމެންނަށް، މިއަދަށްވުރެ ފާގަތި މާދަމައެއް ދެއްކެވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރެއްވުން.

والحمد للّـه. والسّـلام عليـكم