بســم اللّـه الرّحمـن الرّحيــم


ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ވަކިން ޚާއްޞަކޮށް، މިދާއިރާގެ ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު ޢަލީ ވަޙީދު، ތޮއްޑޫ ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުންނާއި އަދި އަރިއަތޮޅުގެ އެކިއެކި ރަށްރަށުން ވަޑައިގެން ތިއްބެވި ބޭފުޅުންނާއި، ވަކިން ޚާއްޞަކޮށް، ތޮއްޑޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑަށް ތޮއްޑުއަށް އައިސް ވާހަކަ ދެއްކުމަށް، ތޮއްޑުއަށް އައިސް ތޮއްޑޫ ރައްޔިތުންނާ ބައްދަލުވުމަށް ލިބޭ ކޮންމެ ފުރްޞަތަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ޢަލީ ވަޙީދު ފާހަގަކޮށްދެއްވައިފި، ހަނދާންކޮށްދެއްވައިފި. އެ ވިދާޅުވިހެން، ނިޒާމީ ސިޔާސީ ޙަޔާތް، އަޅުގަނޑު މިހާރު ރަށްރަށުން އަޑުއަހާ ވާހަކައެއް އެއީ. ނިޒާމީ ތަޢްލީމު މިރަށުގައި ފެށުނީ، މިވެނި ތާރީޚެއްގައޭ. އޭގެ މާނައަކީ ތަޢްލީމުދޭން ފެށުން. އަޅުގަނޑުގެ ސިޔާސީ ޙަޔާތް އަޅުގަނޑަށް ފެށުނީ ތޮއްޑޫން. އަޅުގަނޑު ދަންނަ އެތައް ތޮއްޑޫ ރައްޔިތުންނެއް، އަޅުގަނޑާ އެކުގައި ކިތަންމެ މަސައްކަތެއްކޮށް، ވަރަށް ކުރީގައި އަޅުގަނޑަށް އޮތީ ރައްޔިތުންގެ އެދުންތަކާއި، ރައްޔިތުންގެ ބޭނުންތަކާއި، ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތްވާ ގޮތުގެ މަތިން، ސިޔާސީ ވިސްނުމެއް ބިނާކުރަންޖެހޭކަމާއި، އެ ވިސްނުން ގެންދާނީ، ކޮން އުޞޫލަކުންކަން، ތޮއްޑޫ ރައްޔިތުންނާ އެކުގައި އަޅުގަނޑަށް ޙިއްޞާ ކުރެވުނު ކިތަންމެ ވަގުތަކުން އަޅުގަނޑަށް އޮތީ ސާފުވެފައި.

އަޅުގަނޑުމެންގެ ސަރުކާރު އުފެދިގެން އައީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް ކުރުމަށް ވަޢުދުވަމުން. އަޅުގަނޑުމެން ދުށީ، ޤައުމެއް ބަދަލުވެދިޔުމަށް، އެ ޤައުމެއްގައި ކޮންމެހެން ކުރާންޖެހޭ ވަކި ކަންތައްތަކެއް އެބަހުރި ކަމަށް. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރާއްޖޭގެ ރައްޔިތުންގެ ގޭގެއަށް، ދޮރުން ދޮރަށް ހިނގައި، އެ ރައްޔިތުންގެ ޚިޔާލާއި، އެ ރައްޔިތުންގެ އެދުންތަކާއި އުންމީދުތައް މި ޕާޓީންވަނީ ފާހަގަކޮށްފައި. ޕާޓީގެ ސިޔާސަތު، އެހެންވީމާ، ފަހުން ސަރުކާރުގެ ސިޔާސަތު، އެ މައްޗަށް ބިނާވެގެން، އެކުލެވިގެން މިއަންނަނީ، ރައްޔިތުންގެ އުންމީދުތަކާއި، ރައްޔިތުންގެ އެދުންތަކަކީ ކޮބައިކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެން. އޭގެތެރޭގައި، ތޮއްޑުއަކީ ކޮންތަނެއް ކަމާއި، މި ރާއްޖޭގެ ތަރައްޤީގައި، މިއަތޮޅުގެ ކުރިއެރުމުގައި، އަޅުގަނޑުމެން އެންމެންގެ ލާބައާއި މަންފާގައި، ތޮއްޑުއަށް ކުރާންޖެހެނީ ކޮންކަމެއްތޯ، އެއީ މި ސަރުކާރަށް ވިސްނިފައި އޮތް ވިސްނުންތަކެއް. މިރަށުގައި އަޅުގަނޑުމެން ހިންގާންހުރި މަސައްކަތްތަކަކީ، ވަކި މަސައްކަތްތަކެއް ކަމަށް މިއޮތީ ކަނޑައެޅިފައި. އެމަސައްކަތްތައް ހިންގުމަކީ، މި ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ބޮޑަށް ސާފުވެފައި.

ތޮއްޑުއަކީ އެއްވެސް ބޭފުޅަކަށް ނޯޅޭނެ ފަދައިން، ހަމައެކަނި ހިނިތުން، ހިތްހެޔޮ، އުފާވެރި ރައްޔިތެއް އުޅޭ ރަށެއް ނޫން. ބުރަ މަސައްކަތްކުރާ، ހީވާގި ރައްޔިތެއް ދިރިއުޅޭ ރަށެއް. ރާއްޖޭގައި މިހާރު އަޅުގަނޑުމެން މިދެކޭ ދަނޑުވެރިކަމުގެ އަޞްލަކީ ތޮއްޑޫ. މާލޭގެ ބާޒާރުގެ ތިޔާގިކަމާއި، އެތައްއެތައް ރޯދަމަހެއްގެ ފޮނިކަން އަޅުގަނޑުމެން އެންމެންނަށް ގެނެސްދީފައިވަނީ ތޮއްޑޫއިން. ތޮއްޑޫ ބޭނުންކޮށްގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުން އެއީ، ބުއްދިވެރިކަމެއް ނޫންކަން، ހަމަ ބުއްދިން ވިސްނާ އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކަށް، ކޮންމެ މީހަކަށް، އަޅުގަނޑަށް ފެންނަ ފެނުމުގައި އެނގޭނެ. ތޮއްޑޫ ބަދަލުކުރުމަށްޓަކައި، ތަރައްޤީ ކުރިއަށް ގެންދިޔުމަށްޓަކައި ދިވެހިރާއްޖޭގައި ކުރާންހުރި ކަންތައްތަކާ އެއްފަދައިން، ތޮއްޑޫގައިވެސް ކޮންމެހެން ކުރާން ޖެހިފައި ހުރި ކަންތައްތަކެއް އެބަހުރިކަން ހަމަ ޔަޤީން.

ތޮއްޑުއަކީ ރާއްޖޭގެ އެހެން ރަށްރަށާ ޚިލާފަށް، ދޮށީ ޢުމުރުގެ މީހުން ވަރަށްގިނަ ރަށެއް. އެހެން ރަށްރަށަށްވުރެވެސް ގިނަ ރަށެއް. އަޅުގަނޑު ގިނަގިނަފަހަރު މިރަށަށް އަންނައިރުގައި، މިރަށުގެ ހޮޅުއަށިތަކުގައި، ޖޯލިފަތިތަކުގައި ނިކަމެތިވެފައި ތިބޭ ދޮށީ ޢުމުރުގެ މީހުން އަޅުގަނޑުމެންނަށް އަބަދުވެސް ފެނޭ. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެން ހޯދާން ވެއްޖެނަމަ، އެމީހުންނަށް ލުއިގޮތެއް، ފަސޭހަ ގޮތެއް، ޢިނާޔަތްތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެއް. 65 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށް ވިސްނޭން ފެށި އެއްތަނަކީ، އަޅުގަނޑު މިއަދު ޖެހިލުމެއްނުވޭ، އެއީ ތޮއްޑޫގެ ޙަޤީޤަތް ކަމަށް އަޅުގަނޑުމެންނަށް އެނގިފައި އޮތީ ކަމަށް ދަންނަވާކަށް. އެކަނިވެރި މައިންނާއި އަދި ބޭސްފަރުވާއަށް، ބޭސް ސިޓީއަށް ސަލާންޖަހާޖެހުން ލުއިކުރުމަށްޓަކައި، ނައްތާލުމަށްޓަކައި ހިންގާންހުރި ސިޔާސަތުތަކެއް ހުރިކަން އަޅުގަނޑުމެންނަށް އަބަދުވެސް އައީ ސާފުވަމުން.

މިދެންނެވި އިޖްތިމާޢީ ރައްކާތެރި ކަމުގެ ކަންކަމަކީ ނުވަތަ އަޅުގަނޑުމެން މި އިޝާރާތްކުރާ އޯގާތެރި ސަރުކާރުގެ މަސައްކަތްތަކަކީ، ވަކިވަކި ފަރުދުންނަށްޓަކައި ހިންގޭ ވަކިވަކި ކަންތައްތަކެއް. އެކަންތައްތަކަކީ ތިޔަބޭފުޅުންނަށް ވަރަށްގިނަ ބޮޑުހިލައިން ނުވަތަ ވަރުގަދަ ކޮންކްރީޓުން ފެންނަން ހުންނާނެ ކަންތައްތަކެއް ނޫން. އެހެން ނަމަވެސް، މިދެންނެވި ކަންކަމަކީ، ޙަޤީޤަތުގައި އަޅުގަނޑުމެން ހެޔޮޙާލުގައި އުޅުމަށްޓަކައި އަޅުގަނޑުމެންނަށް ރިވެތި ތާހިރު ދިރިއުޅުމެއް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަންކަންކަން ހަމަގައިމުވެސް މިއަދު އެކަންކަން ފުރިހަމަވަމުން އަންނަ އެތައް ބައިވަރު ތޮއްޑޫ ރައްޔިތުންނަށާއި، އެތައްހާސް ރާއްޖޭގެ ރައްޔިތުންނަކަށް ސާފުވާނެ. އަޅުގަނޑުމެންގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ، ޖަނަވަރީ 1، 2012 ވަނަ ދުވަހުއްސުރެ ފެށިގެން ތޮއްޑޫގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގެ ހުރިހާ ރައްޔިތުން މަދަނައިގައި ރަޖިސްޓްރީކޮށްދިނުން. އަޅުގަނޑުމެންގެ ބޭނުމަކީ، ބޭސްފަރުވާއަށް ސަލާންޖަހާ އުޅެންޖެހޭ ރައްޔިތަކު ނެތުން. ކޮންމެ ރައްޔިތަކީވެސް އެމީހަކަށް ޙައްޤު ކަންކަން އެމީހަކަށް ލިބި، އެ ޙައްޤުތަކުގެ މަތީގައި އޭނާއަށް ދިރިއުޅެވޭނޭ ރައްޔިތަކަށް ހެދުން.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައި، ޙަވާލުވިއިރުވެސް، ރައީސުލްޖުމްހޫރިއްޔާގެ ބަޖެޓްގެ ގޮތުގައި 470 މިލިއަން ރުފިޔާ ފާސްކުރެވިފައި އޮވޭ. މިއަދު މުލީއާގޭ ބަޖެޓަކީ 31 މިލިއަން ރުފިޔާ. ބާކީއޮތް ފައިސާ އަޅުގަނޑުމެން މި ޚަރަދު މިކުރަނީ، ޢުމުރުން ދޮށީ މީހުންގެ ޕެންޝަނަށް. އެއީ އެއްވެސްއިރެއްގައި، ދިވެހި ސަރުކާރަށް، ދިވެހި ދައުލަތަށް، ހަމަ އޭގެ އަނެއް ދުވަހު ކުރެވެން ނެތް ކަމެއް ނޫން. އެ ޢަދަދު އަޅުގަނޑުމެންނަށް ލިބުނުނަމަ، އަޅުގަނޑުމެންނަށް ކޮންމެއިރެއްގައިވެސް އެކަން ކުރެވުނީސް. އަޅުގަނޑުމެންގެ ޒުވާނުންތައް މަންމައިންނަށް، ބައްޕައިންނަށް، ކާފައިންނަށް، މާމައިންނަށް ދަތިވަމުންދާތީވެ، އެމީހުންގެ ޙަޔާތުގައި އެވާ ހާސްކަން އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ކޮންމެއިރަކުވެސް، މިދިޔަ 30 އަހަރުގެ ތެރެއިން، އެދިޔަ އެންމެފަހުގެ 20 އަހަރުގެ ކޮންމެއިރަކުވެސް އަޅުގަނޑުމެންނަށް އެކަން ކުރެވުނީސް. މި ރާއްޖެއަށް މި އާމްދަނީ ލިބޭ، މި ރާއްޖޭގެ މުއްސަނދިކަން ހުރީ، މި ރާއްޖޭގެ ރައްޔިތުން ގޮވައިގެން ދިވެހި ވެރިންނަށް އުޅެވޭ މިންވަރުގައިކަން އަޅުގަނޑުމެންނަށް އަބަދުވެސް ސާފު.

އިޖްތިމާޢީ ރައްކާތެރިކަން ފުރިހަމަކުރުމަށްޓަކައި އަދި އިތުރަށް ބޭނުންވޭ ކިތަންމެ ފައިސާއެއް. ދައުލަތުގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ހިތްވަރާއި، އެބޭފުޅުންގެ މަސައްކަތުން އަޅުގަނޑުމެންނަށް މިވަނީ، ރާއްޖޭގައި ޓެކްސް ނެގުމުގެ މުޅިން އާ ނިޒާމެއް ޤާއިމް ކުރެވިފައި. މިދެންނެވި ނިޒާމުން ވިޔަފާރިވެރިންނަށް، މީގެކުރީގައި އޮތް ބުރައަކަށްވުރެ ވަކިބުރައެއް އިތުރަކަށެއް ނުވާނެ. ޖީ.އެސް.ޓީ ނަގާން ފެށުމުން، އެ ޓެކްސް އެއީ ޑިއުޓީގެ ބަދަލުގައި ނަގާ ޓެކްސްއަކަށްވާތީވެ، ވިޔަފާރިވެރިޔާގެ ޖީބަށް، ވަތްގަނޑަށް ކުރިއަށްވުރެ މާބޮޑުތަނުން ލުއިވާނެ. ޓުއަރިސްޓް ރެޒޯޓްތަކުގެ ބެޑް ރެންޓްގެ ގޮތުގައި ނެގެމުން އައި ފައިސާ ދޫކޮށްލައި، ބިޑްގެ ކުއްޔަކަށް އެފައިސާ ހެދީމާ، ރެޒޯޓްފަހަރު ހިންގާ މީހުންނަށް، އޯނަރުންނަށް ލިބޭ ލުއި މާބޮޑުތަނުން ކުޑަވާނެ.

އަޅުގަނޑުމެން މިގެންނަ އެއްވެސް ބަދަލަކީ، އަޅުގަނޑު ނުދަންނަވާނަން، ވިޔަފާރިވެރިންނަކަށްވެސް އަދި ޢާންމު ރައްޔިތުންނަކަށްވެސް، އޭގައި ބުރައެއް އުފުލާންޖެހޭނެ ބަދަލެއް ނޫން. ސަރުކާރުން މިގެނެވޭ ބަދަލުތަކުގެ ތެރޭގައި، ސަރުކާރުގެ އެންމެބޮޑު ބޭނުމަކީ، ރައްޔިތުންނަށް ކޮންމެހެން މިހާރުން މިހާރަށް ކުރާން ޖެހިފައިވާ އެތައް ކަމެއް ކޮށް ނިންމުން. ތޮއްޑޫގެ ނަރުދަމައަކީ މިއަދު ބޭނުންވެފައި އޮތް ނަރުދަމައެއް ނޫން. އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންގެ ކިބައިން މަޢާފަށް އެދެން ނުހަނު. އަޅުގަނޑުމެންނަށް ތޮއްޑޫގެ ނަރުދަމައެއް، މީގެ 15 އަހަރު ކުރީގައި ނިމިފައި ނެތުނީތީވެ. ތޮއްޑުއަށް ނަރުދަމައެއް ހޯދުމަށްޓަކައި މިއަދާ ހަމައަށްވެސް އަޅުގަނޑުމެންނަށް ކަށި ހިތްވަރުލައި މަސައްކަތް ކުރެވި އަދި އިރާދަކުރެއްވިއްޔާ، މިހާރު މިއޮތީ އެމަސައްކަތް ނިމި، ނަރުދަމާ ބަޖެޓް ކުރެވި، ޑިޒައިން ކުރެވި އަދި އެމަސައްކަތް ބަޔަކާ ޙަވާލުކުރެވިފައި.

އަޅުގަނޑު ޙަޤީޤަތުގައި ޢަލީ ވަޙީދަށް ދެންނެވިން، އަޅުގަނޑު އުޅުނިން މިއަދު ނަރުދަމާގެ މަސައްކަތް ފަށަން. އެހެން ނަމަވެސް، އަޅުގަނޑަށް އެނގޭ، ތިޔަ ހުރިހާ ބޭފުޅުންވެސް ޤަބޫލު ކުރައްވާނެ، އަޅުގަނޑުމެން ސަރުކާރުން އެބަ ހިންގަން ވަރަށްބޮޑު މަޝްރޫޢެއް އައްޑުއަތޮޅުގައި. ވަރަށްބޮޑު މަޝްރޫޢެއް. މީގެކުރީގައި ދުވަހަކުވެސް ދިވެހި ދައުލަތުން ހިންގާފައިނުވާވަރުގެ ބޮޑު މަޝްރޫޢެއް. އެއީ، ސިޓީއެއް ބިނާކުރުމުގެ މަޝްރޫޢު. އައްޑުއަތޮޅު ސާކް ސަމިޓަށް ތައްޔާރު ކުރުމުގެ މަޝްރޫޢު. އަޅުގަނޑަށް ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ލަފާދެނީ، ވެފައި އޮތްގޮތަކީ، ސަމިޓް ނިމުނީމާ ތޮއްޑޫގެ މަސައްކަތް ފެށުމޭ. އެއީ، މިހާރު މިވަގުތު ރާއްޖޭގައި އޮތް ކޮންނަ މެޝިނެއް ވެއްޖިއްޔާ، އޮތް ކޮންކްރީޓް މެޝިނެއް ވެއްޖިއްޔާ، އޮތް ހުރިހާ ބާވަތެއްގެ ދުވާ މެޝިނެއްނަމަ، އަޅުގަނޑުމެން މިހާރު މިތިބީ އެ މެޝިންތައްވެސް އައްޑުއަށް ގެންގޮއްސަ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، ގަޑިއަށް އެމަސައްކަތް ނިންމޭނެ. އެމަސައްކަތަކީ އަޅުގަނޑު ޔަޤީން ކުރަން، ތޮއްޑޫ ރައްޔިތުންވެސް، މާލޭ ރައްޔިތުންވެސް އަދި މި ރާއްޖޭގެ އެންމެ ރައްޔިތުންވެސް، ހުވަދޫ ރައްޔިތުންވެސް ގަބޫލުކުރާނެ ކަމަށް. އެއީ، އަޅުގަނޑުމެން އެންމެންގެ މަޝްރޫޢެއް. އަޅުގަނޑުމެންނަކަށެއް މިއަދަކު ނެތް، އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެން ރަށުގެ ގޮނޑުދޮށް ހިސާބުގައި ބެހެއްޓޭކަށް. އަޅުގަނޑުމެން ދިރިއުޅެމުން މިއަންނަނީ ލާމެހިފައިވާ ދިވެހިރާއްޖެއެއްގައި. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ވިސްނުން، ރަށުގެ ގޮނޑުދޮށުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ގެންދަން. އަޅުގަނޑުމެންނަކަށެއް ނެތް، ހަމައެކަނި ގޮތެއް ހޯދާން އޮތީ ތިމަންނާއަށް ކަމަށް ބުނެ، އެގޮތުގައި ވަރިހަމަކޮށްގެން ގަދަފައި ވިއްދައި އަބަދު ތިބެވޭކަށް.

ތޮއްޑޫގެ ތަރައްޤީއާ ގުޅިފައި އޮތީ ރަސްދުއާއި އުކުޅަހާ. އަދި ރަސްދުއަތޮޅު ނޫނަސް އަރިއަތޮޅާވެސް. ތޮއްޑޫގެ ތަރައްޤީ ގުޅިފައި އޮތީ ގޮއިދުއާވެސް، ކާށިދުއާވެސް. އަޅުގަނޑުމެންނަށް މިއިން ރަށެއް، އަޅުގަނޑުމެން އަދި އަޅުގަނޑުމެން އެންމެންވެސް، ތިޔަބޭފުޅުންވެސް މިއެދޭ މިންވަރަށް، މިއެދޭ ގޮތަށް ބަދަލުކުރުމަށްޓަކައި ވިސްނާންޖެހެނީ ހަމައެކަނި ތޮއްޑޫގެ ގޮނޑުދޮށާ ހަމައަކަށެއް ނޫން. އެހެންވީމާ، އަޅުގަނޑު ހަމަ ޔަޤީންކުރަން، ތިޔަބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނެކަން، ރާއްޖެއަށްޓަކައި، ޖެހިގެން އޮންނަ ތަނަކަށްޓަކައި ކުރެވޭ ކޮންމެ ކަމަކީވެސް، އޭގެ ހެޔޮ އަސަރު ތޮއްޑުއަށް ކުރާނެ ކަމެއްކަން. ތޮއްޑޫގެ ބަނދަރު ދެމިއޮތުމަށް އަދި ބަނދަރުގެ ދަތިކަމާއި، އެބަނދަރުން ފުރިހަމަ ޚިދްމަތްތައް ނުލިބޭކަމީ، ހަމަގައިމުވެސް އަޅުގަނޑު މިއަދު ދަންނަ ކަމެއް ނޫން. މާކުރިއްސުރެ ފަށައިގެން އަޅުގަނޑަށް ސާފުވެފައި އޮތް ޙަޤީޤަތެއް. މިހާރު އެވަނީ ތޮއްޑޫގެ ބަނދަރުގެ ފައިކަށްޓާއި އަދި ބޭރުތޮށި އަލުން އަނބުރާ ބިނާކުރުމަށްޓަކައި މަޝްރޫޢެއް އެކުލަވައިލެވި، އޭގެ ފެންވަރު މިހާރު މިވަނީ ނެރެވިފައި. އެ މަޝްރޫޢު ނިމޭއިރުގައި، ތޮއްޑޫގެ ބަނދަރާއި ބަނދަރުމަތި، އަޅުގަނޑުމެން މި އުންމީދުކުރާ ބަދަލަށް އަލިވިލޭނެ. އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ، ތޮއްޑޫގެ ނެރު، މިހާރު އެއޮއް ދިމާނޫން އެހެން ދިމާލެއްގައި ކަނޑައިގެން މެނުވީ، ތޮއްޑޫ ރައްޔިތުންނަށް ޙަޤީޤަތުގައި، ހުޅަނގުގެ ގަދައިގައި އަމާން ތަނެއްގެ ގޮތުގައި މި ބަނދަރު ބޭނުންކުރެވެން ނެތްކަން.

އަޅުގަނޑު މިދެންނެވި ބާވަތުގެ ދުވަސްތަކުގައި، އަޅުގަނޑު އެތައްފަހަރަކު މިރަށަށް އަތުވެއްޖައިން. އަޅުގަނޑުގެ ގާތް އެތައް ބައެއްގެ އޮޑިދޯނިފަހަރު، އެ ނެރުމައްޗަށް ގެއްލިފައިވެއްޖެ. އަޅުގަނޑުމެންގެ ސަރުކާރެއްގައި، އެ ބަނދަރު އެންމެ ފުރިހަމަ ގޮތުގައި ހަދައިދިނުމަކީ، އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް. އިރާދަކުރެއްވިއްޔާ، މިހާރު އަޅުގަނޑުމެން މިފަށަނީ އެމަސައްކަތް. މިއަންނަ އަހަރު ނިމެންވާއިރަށް އަޅުގަނޑުމެން ތިބޭނީ އެކަން ނިންމައިގެން. ބަނދަރުގެ އާ ޑިޒައިނާ ގުޅޭގޮތުން އަޅުގަނޑު ތިޔަބޭފުޅުންގެ އިއްޒަތްތެރި މެންބަރާ މަޝްވަރާކޮށް ހަދަން. އަދި ތޮއްޑޫ ރައްޔިތުންނާވެސް، ރައްޔިތުންގެ ޚިޔާލު ހުރިގޮތަކީ ކޮބައިތޯވެސް އޮޅުންފިލުވައި އަޅުގަނޑު ހަދަން. މީގެ ދެހަފްތާ ކުރީގައި، އަޅުގަނޑަށް ހައުސިންގ މިނިސްޓްރީގެ ފަރާތުން ގެނެސްދެއްވި ދެކުރެހުން. އެއްކުރެހުމުގައި އޮތީ އަޅުގަނޑު ހަނދާންވާ ގޮތުގައި 12 މިލިއަން ރުފިޔާ. ހައުސިންގ މިނިސްޓްރީން އަޅުގަނޑަށް ލަފާއެރުވީ، ރައީސް، އެގޮތަށް މިކަން ކޮށްގެން ހަމަ ތޮއްޑޫ ބަނދަރު ރަނގަޅުވާނެއޭ. 12 މިލިއަން ރުފިޔާއަށް ކޮށްގެން. ދެން ހަމަ އެއާއެކީގައި އަސްލަމް އަޅުގަނޑަށް ދެއްކެވި އެހެން ކުރެހުމެއް. އެބޭފުޅުން ވިދާޅުވި، މިއީއޭ އެހެން ނަމަވެސް، ރައްޔިތުން އެދޭ ގޮތަކީ. އެ 12 މިލިއަންގެ ކުރެހުން އަޅުގަނޑަށް ލިބުމުން، އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިން، ރައްޔިތުންނާ މަޝްވަރާކޮށް، އެ ރައްޔިތުން އެދޭ ގޮތަކީ ކޮބައިތޯ ބަލައިދިނުމަށް. ތިޔަބޭފުޅުންގެ ޕްރޮވިންސް ސްޓޭޓް މިނިސްޓަރ އިރުފާން ޒަކީ، މިމަސައްކަތުގައި ނުހަނު މަސައްކަތް ކޮށްދެއްވާފައިވޭ. އަޅުގަނޑަށް ފެނުނީ، ރައްޔިތުން އެދޭ، ރައްޔިތުން ބޭނުންވާ ފުރިހަމަ މަސައްކަތެއް އަޅުގަނޑުމެން ކުރުމަށް. އެހެންވީމާ، މިއަދު އިރާދަކުރެއްވިއްޔާ އެ ބަނދަރު ހެދިގެން އެ އަންނަނީ، ހަމަ ސީދާ ތިޔަބޭފުޅުން ބޭނުންވެލައްވާ ގޮތަށް.

ތޮއްޑޫގެ މަދްރަސާގެ ފެންވަރު ރަނގަޅު ކުރުން އެއީ، އަޅުގަނޑުމެން އެންމެންވެސް ނުހަނު ބޭނުންވާނެ ކަމެއް. އަޅުގަނޑުމެންނަކަށް އެއްވެސްއިރެއްގައި އޮޅިފައެއް ނެތް، ޙަޤީޤީ ތަރައްޤީގެ ނާރެސްއަކީ ސްކޫލްކަން، މަދްރަސާކަން. މަދްރަސާ ރަނގަޅުވެގެން މެނުވީ، މިރަށަކަށް އަޅުގަނޑުމެން މިބޭނުންވާ ޙަޤީޤީ ތަރައްޤީ ނުހޯދޭނެ. ސަރުކާރުގެ އަމާޒެއް އެއީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. ތޮއްޑުއަށް އެއަމާޒެއް އަދި ނުހިފޭ. މިދެންނެވި ބާވަތުގެ އަމާޒުތަކަކީ، އެއްދުވަހަކުން އަޅުގަނޑުމެންނަކަށް ހިފޭނެ އަމާޒެއް ނޫން. ގިނަ ވަގުތު ނަގާނެ. ދަރިއަކު މަދްރަސާއަށް މިވައްދަނީ ހަމަ އިނގިލިކުރިން ވީއްލޭއިރަށް. މަންމަގެ އުނގުން ފެށިގެން. އެންމެ އަވަހަށް އެކުދިން ކިބައިން ސަލާމަތްވެވެން އޮތް އިރެއްގައި. އެއިރުއްސުރެ ފަށައިގެން، މައިންބަފައިންނާއި ޓީޗަރުންނާއި، ހުރިހާ އެންމެން މިއަންނަނީ އެކުދިން ބަލަމުން. ބޭނުމަކީ އެމީހުންނަކީ ރަނގަޅު ހަރުދަނާ ދަރިއެއް ތަރުބިއްޔަތު ކުރުން. ރަނގަޅު ރައްޔިތަކު އުފެއްދުން. ސަރުކާރުގެ ވިސްނުމަކީ، ރަނގަޅަށް އެކަން ކުރާއިރުގައި، ކުދިން ދެތިން ހަތަރު ދަންފަޅިއަކަށް މަދްރަސާއަކަށް ނުދާނެ. ފަތިހާ ތެދުވެ، ހެނދުނާ ދާނީ މަދްރަސާއަށް. މެންދުރުފަހު ކުޅޭނީއޭ. ރޭގަނޑު ވަރުބަލިވެގެން ނިދާނީއޭ. މިއީ އިންސާނީ ތަޖްރިބާ ދައްކާފައި އޮތް ޙަޤީޤަތެއް. ކުދިން ތަރުބިއްޔަތު ކުރަނީ ކިހިނެއްކަމާއި، ރަނގަޅު ނަތީޖާ މަދްރަސާއިން ނެރެނީ، ހޯދަނީ ކިހިނެއް ހަދައިގެންކަން. ވަށާޖެހޭ ތަޢްލީމެއް ދިނުމުގެ ބޭނުންތެރިކަން، އަޅުގަނޑުމެންގެ މާހިރުންނަށްވެސް އެނގި އޮޅުންފިލާފައި އޮތްތާ މިހާރު މިވަނީ އެތައް ޒަމާނެއް. އިރާދަކުރެއްވިއްޔާ، މިހާރު މިވަނީ ތޮއްޑޫގެ މަދްރަސާގެ އެއްދަންފަޅިއަށް ހެދުމަށްޓަކައި ބޭނުންވާ ކްލާސްރޫމްތައް އެޅުމުގެ މަސައްކަތް ޓެންޑަރ ކުރެވިފައި، ބީލަމަށްލެވިފައި. އެ ކާމިޔާބުކުރާ ބަޔަކާއެކީގައި މިއަހަރުގެ ތެރޭގައި، އެމަސައްކަތް ނިންމައި، މަދްރަސާގެ ޗުއްޓީއަށްފަހު، މިއަންނަ އަހަރު ހުޅުވޭއިރުގައި، އިރާދަކުރެއްވިއްޔާ، ތޮއްޑޫ މަދްރަސާ އެއްދަންފަޅިއަށް ބަދަލުވެގެންދާނެ.

ތޮއްޑޫގެ މަދްރަސާއާއި، ނަރުދަމައާއި، ފެނާއި އަދި ތޮއްޑޫގެ ބަނދަރާ، މިމަސައްކަތްތަކަކީ އެހެން ކަންތައްތަކަކަށް ފަހިކޮށްދިނުމަށްޓަކައި ޙަޤީޤަތުގައި ކުރެވޭ މަސައްކަތް. މިދެންނެވި އެހެން ކަންތައްތަކަކީ ޙަޤީޤީ ތަރައްޤީ. އެއީ، މަސައްކަތް. އެއީ، ތޮއްޑޫ ރައްޔިތުން ލާމަސީލު މިސާލެއްގެ ގޮތުގައި މުޅި ރާއްޖެއަށް ފާހަގަވެފައިވާ ކަންތައް، ދަނޑުވެރިކަން. ތޮއްޑޫގެ ފެންފަށަލަ ރައްކާތެރި ކުރުން. ތޮއްޑޫގެ މަދްރަސާގައި ރަނގަޅު ދަރިވަރުން އުފެއްދުން. ތޮއްޑޫގެ ބަނދަރު، އަމާންކަމާއެކީގައި ބޭނުންކުރެވުން. މިހުރިހާ ކަމެއްގެ ޙަޤީޤީ މިޞްރާބަކީ، އަމާޒަކީ، ތޮއްޑޫގެ މަސައްކަތްތެރިކަން ހަލުވިކުރުން. ތޮއްޑޫގެ މަސައްކަތުން ތޮއްޑޫ ރައްޔިތުންނަށް ރަނގަޅު ނަފާއެއް ލިބޭނެގޮތް ހޯދައިދިނުން.

އަޅުގަނޑު މީގެ އަހަރެއްހާ ދުވަސް ކުރީގައި، ތޮއްޑޫގެ ކައުންސިލާ، އިސްކޮށް ތިބި މީހުންނާ ސަރުކާރުގެ ފަރާތުން ބަޔަކު އައިސް ބައްދަލުކުރުމަށް އެދުނީ ނަރުދަމައާ ބެހޭގޮތުން. އެއީ އޭރުގައި ބަޔަކު މީހުން މިތަނުގައި ހޮޓަލެއް އަޅަންވެގެން އުޅުނު އުޅުމެއްގައި، ސަރުކާރުން އެދުނީ، ނަރުދަމައާއި ހޮޓަލާ ގުޅުވުމަށް. ތޮއްޑޫގައި ހުރި ހަރުކުލައިގެ މީހަކު ބުނި، ދެން ކޮންމެ ގޮތެއްވިޔަސް ސަރުކާރުން ނަރުދަމާ އަޅާނެ ނޫންހެއްޔޭ، ތިޔަ ހޮޓަލެއްގެ ވާހަކަ ނުދެއްކިޔަކަސް. ދެން އަޅުގަނޑު ހިތަށްއެރި މިއީ ހާދަ ތަންދޮރު ދަންނަ މީހެކޭ. ކޮންމެ ސަރުކާރަކުންވެސް ނަރުދަމާ އަޅާނެކަން. ކޮންމެހެން ގެޔަކާއި ހޮޓަލަކާއި އަދި އެހެން އެއްޗެހިތަކަކާއި ވޭނެއް ބާއްވާނެ ކަމެއް ނެތް. ދެން އާދެ! ޒުވާން ކުދިންތައް އޭރުވެސް އަޅުގަނޑަށް ޔަޤީން ކިޔާ، މި ތޮއްޑޫގައި ނަރުދަމައެއް އެޅުމަށް، ހަމަ މިތަނުގައި ދަނޑުބިން ދޫކޮށްލާފައި ގޮލްފް ކޯހެއް ހަދާފައި، ނަރުދަމައެއް އެޅީމާ ރަނގަޅުވާނެހޭ؟

ދެން އަޅުގަނޑުވެސް ހަމަ މިވާހަކަތައް އަޑުއަހަމުން ގެންދިޔައިން. އަޅުގަނޑަށް ދެންނެވޭނީ، ތޮއްޑޫ ރައްޔިތުންގެ ބުއްދިވެރިކަމާއި، ތޮއްޑޫ ރައްޔިތުންގެ ވިސްނުންތެރިކަމަކީ އަޅުގަނޑަށް އަބަދުވެސް ފާހަގަވާ ކަމެއް. އެކަމުގެ ތެރެއިން އަޅުގަނޑަށް ލިބިފައި ހުރި އެތައް ފިލާވަޅެއް އެބަވޭ. އެ ފިލާވަޅުތަކުގެ އަލީގައި، އަޅުގަނޑުމެންނަށް މަސައްކަތްތައް އިރާދަކުރެއްވިއްޔާ ހިންގެމުން މިދަނީ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ސަރުކާރުން މި ހިންގާން ފަށާ މަޝްރޫޢުތަކާއި އަދި މި ވަޢުދުވާ ކަންކަން، އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި، މި ފުރަތަމަ ދައުރުގެ ތެރޭގައި، އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެން އެމަސައްކަތްތައް ނިންމާނެކަމަށް.

އަޅުގަނޑެއް މާބޮޑު އެއްޗެއް ދަންނަވާކަށް ނެތިން، އެހެން މާމަލުގެ ކުލައާ ގުޅޭގޮތަކުންނެއް. އަދި ވަހާ ގުޅޭގޮތަކުންވެސް. އަޅުގަނޑަށް އެނގޭ އެއްޗަކީ، އަޅުގަނޑުމެންގެ މަލުގެ ވަހެއް، ތޮއްޑޫ ރައްޔިތުންނަކަށް ނުބައެއް ނުވާނެއޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނާއެކުގައި، ހަމަ ގުލްސަންޕާމަލާ އެކުގައި، ގުލްޒާރުގައި ނަޔާމަގޭ، ހަމަ ނޫރާނީމާ ފޮޅޭނެޔޭ، ބުލްބުލްތަކާ ކޮކާތަކާ، ފަރިވާއިރުން މި ބަގީޗާގައި އުޅޭނެޔޭ. އެއަކު އިރާދަކުރެއްވިއްޔާ، އަސުރުމަލެއް އެއީ، ޢަޞުރަށް ގޮވީމާ މޯޅިވާނެ. ދެނެއް އޭގެ ދުވަހެއް ނޯންނާނެ. ހަވީރުގެ ދެތިން ގަޑިއިރަކަށް ނޫނިއްޔާ، ފަރިވެއެއް އެއެއް ނުއެއް ފޮޅޭނެ. އެހެންވީމާ، އެއިން ތޮއްޑޫ ރައްޔިތުންނަކަށްވެސް އަދި އަޅުގަނޑުމެން އެކަކަށްވެސް ލިބޭނެ މާބޮޑު މަންފާއެއް އޮތް ކަމަކަށް، ހަމަކަށަވަރުންވެސް އަޅުގަނޑެއް ނުދަންނަވާނަން. މީގައި މިވާގޮތަކީ، ތޮއްޑުއަށް އަންނަ ހަމަ ކޮންމެ ދުވަހަކު، އަޅުގަނޑަށް މިބާވަތުގެ ވާހަކައެއް ދެކެވި، އެވާހަކައިގެ ވާހަކަ، ވަރަށް ގިނައިން ހަމަ ދެކެވިފައި އޮންނަނީ. މިކަމަކީ ބޭއިޚްތިޔާރުގައިވެސް ބައެއްފަހަރަށްވާ ކަމެއް. ތޮއްޑޫ ރައްޔިތުންނާ ވާހަކަ ދައްކާއިރުގައި، ފަތިހަށް ފޮޅޭ ކަރަންކަލާއި، ކަތިފިޔަނުވާ ބަނަފްސާއާއި އަދި އެހެން ހުރިހާ މަލެއްގެ ވާހަކަވެސް އަޅުގަނޑުމެންނަށް ހަމަ ދެކެވެނީ. އެހެން ނަމަވެސް، ޢަޞުރަށް މޯޅިވާ އަސުރުމަލުގެ ވާހަކަ، އަޅުގަނޑުމެން މިއަދު ދައްކާކަށެއް ނެތިން.

އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.