بســم اللّـه الرّحمـن الرّحيــم


ކެނދިކުޅުދޫ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުން. ސްކޫލް ޕްރިންސިޕަލާއި، ސްކޫލް ސްޓާފުންނާއި، ޓީޗަރުންނާއި އަދި ވަކިން ޚާއްޞަކޮށް، ސްކޫލްގެ އެންމެހާ ދަރިވަރުން. ޕްރޮވިންސް އޮފީހުގެ އިސްވެރިންނާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން. އަދިވެސް މިތަނަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު ކުޑަވަގުތުކޮޅެއް ނަގަން އެދެނީ، ކެނދިކުޅުދޫއާ ގުޅޭގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވާލުމަށް. ވަކި މި މަދްރަސާއަކާ އެކަނި ގުޅޭގޮތަކުންނެއް ނޫން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވުމުގެ ކުރީގައިވެސް، އަޅުގަނޑު ކެނދިކުޅުދުއަށް އައިސް އުޅެން. އަދި ކެނދިކުޅުދުއަކީ އަޅުގަނޑު ދަންނަ ކިތަންމެ ބަޔެއް، އަޅުގަނޑުމެން ގާތުގައި، ކުރިއްސުރެ، އަޅުގަނޑު ކުޑައިރުއްސުރެ ފަށައިގެން ދަންނަ އެތައް ބައެއް އުޅޭ ރަށެއް.

އަޅުގަނޑު އަބަދުވެސް މި ރާއްޖޭގެ ތަރައްޤީގެ މިންގަނޑެއް ނެގުމަށްޓަކައި މިބާވަތުގެ ރަށްރަށުގެ ވިސްނުން އަޅުގަނޑުގެ ހިތުގައި ގެންގުޅެވޭ. އަޅުގަނޑުމެންނަށް މިރާއްޖެ ތަރައްޤީ ކުރުމަށް، ކެނދިކުޅުދޫފަދަ ރަށްރަށް ބޭނުންނުކޮށް، ރާއްޖޭގެ ތަރައްޤީއެއް، މުޅި ރާއްޖޭގެ ތަރައްޤީއެއް ހޯދުމަކީ ވަރަށް ނާދިރު ކަމެއް. އަދި އެހާމެ، އަޅުގަނޑު ދަންނަވާނީ، ބުއްދިވެރި ނޫން ކަމެކޭ. އަޅުގަނޑުމެންނަށް ރާއްޖޭގެ ތަރައްޤީ ހޯދުމަށްޓަކައި މިބާވަތުގެ ބައެއް ރަށްރަށް އެބަ އަޅުގަނޑުމެން، އަޅުގަނޑު މިދަންނަވާހެން އަނބުރާލަންޖެހޭ. އެހެން ގޮތެއް އެ ރަށްރަށަށް ހަދަންޖެހޭ. ވޭވޭގޮތް ހުރި ގޮތް ނޫން ގޮތަކަށް، އެ ރަށްރަށް އެބަ ބަދަލުވާންޖެހޭ. އަޅުގަނޑު ބެލި ބެލުމުގައި، ދެންމެ މީގެކުރީގައި ކެނދިކުޅުދޫ ކަތީބު އަދި ކުރީގެ ނ. އަތޮޅު އަތޮޅުވެރިޔާ ޢަބްދުއްރަޙްމާން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ކިޔައިދެއްވައިފި. ޒަމާނުއްސުރެ ފަށައިގެން، މިތަނުގެ ތަޢްލީމީ ކަންކަން މަޑުމަޑުން ރަނގަޅުވަމުން، ހިނގަމުން އައިގޮތް. އަދި އެންމެފަހުން އައިސް، އަޅުގަނޑުމެންނަށް ފެންނާން ފެށިއިރުގައި، މި ދެމަދްރަސާ އެއްކޮށްލުމުގެ ވިސްނުން އެބަ ގެންގުޅެވޭ. އަދި ދެ މަދްރަސާ އެއްކޮށްލައިގެން ނޫނިއްޔާ، ރަނގަޅު ތަޢްލީމެއް، ރަނގަޅު ޢަދަދެއްގެ ކުދިންކޮޅެއް މަދްރަސާއެއްގައި ބައިތިއްބައިގެން، ރަނގަޅު ތަޢްލީމެއް ދެވެން ނެތްކަން އަޅުގަނޑުމެންނަށް އެބަ ސާފުވަމުން އާދޭ.

އަޅުގަނޑަށް ފެނުނުއިރުގައި، މިތަނުގެ މަދްރަސާގައި ހުރި ކްލާސްބަރިއެއް ހަދަން ފަށައި ނުނިމިފައި. ދެން އެހެންވީމާ، އަވަހަށް އަޅުގަނޑުމެން ނިންމީ، މިތަން އެކީގައި މަދްރަސާއަކަށް ހެދޭނެ ގޮތެއް ހަދަން. ހުރިހާ އަވަށެއްގެ ކުދިން، އެއް މަދްރަސާއަކަށް ބަދަލުކުރެވި އަދި ބަހުގެ ޚިދްމަތެއްދެވި، އެހުރިހާ ކުދިންނަށް މަދްރަސާއަށް އާދެވޭނެގޮތް ހޯދުން. ދެން އެހެންވީމާ، އިރާދަކުރައްވައިގެން، މިހާރު އެމަސައްކަތް އެހެރަ ނިމެނީ. މިއަންނަ އަހަރު އަޅުގަނޑުމެންނަށް ހުރިހާ ކުދިންނަށް ރީތިކޮށް އެއްތަނެއްގައި ކިޔަވަން ފެށޭނެ. އަދި މިހާރު އެހުރި އެހެން ޢިމާރާތްތައް އެކުދިންނަށް ދޫކޮށްލައި، އެއް މަދްރަސާއެއްގައި، އެއް ހިޔާވަހި ކަމެއްގައި، މަދްރަސާއެއްހެން އެކުދިންނަށް އުޅެވެން ފެށޭނެ. ދެން އެކަން ކުރެވެން ފެށުނީމާވެސް އަޅުގަނޑު އުންމީދު ކުރަން، ކުދިންނަށް އިތުރު ފަސޭހައާއި، އިތުރު ޚިދްމަތްތައް ލިބިގެން، އެކުދިންގެ ތަޢްލީމީ ފެންވަރުވެސް، މިހާރަށްވުރެ އަދި ރަނގަޅުވެގެންދާނެ ކަމަށް.

ހަމައެހެންމެ، އެއާއެކުގައި އެބަ ބޭނުންވޭ، މިތަނުގައި 12 ނިންމާއިރުވެސް އަދި 10 ނިންމާ ކުދިންވެސް، ދެންމެ ޝިފާ ފާހަގަކުރެއްވި ފަދައިން، 10 ނިންމާ ކުދިންގެ ތެރެއިންވެސް ވީހާގިނަ ކުދިންނެއް އަދިވެސް ތަޢްލީމީ މާޙައުލުގައި، މަދްރަސާގެ މާޙައުލުގައި ގެންގުޅެވޭނެ ގޮތެއް ހޯދުން. ޙަޤީޤަތުގައި މީހަކާ އިންނަންދެން، އަޅުގަނޑުމެންނަށް ރަނގަޅީ ސްކޫލެއްގެ ތެރޭގައި ކުދިން ތިބިއްޔާ. އެކަމަށް، އެނޫން ގޮތަކަށް ޒުވާނުންގެ ތަރައްޤީއާއި އަދި ރާއްޖޭގެ އިޖްތިމާޢީ ހަމަޖެހުން ގެނެވިދާނެ ކަމަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑުމެން އަބަދުވެސް ދައްކަނީ، ޒުވާނުންތައް ރަށުތެރެއަށް، މަގުމައްޗަށް ގިނަވެ، އެމީހުންގެ ނުބައި ޢަމަލުތަކުގެ ވާހަކަ. އެމީހުންގެ ނުބައި ޢަމަލުތަކާއި، އެމީހުން ރަށުތެރެއަށް ގިނަވާގިނަވުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ފެށެނީ މާކުރީގައި. ފުރަތަމަ ޢާއިލާ ނުރާވައި ކައިވެނި ކުރަނީ. ޢާއިލާއެއް ހޯދޭނެ ގޮތެއް ނުވަތަ ކުދިން ހޯދައިގެން، ރިވެތި ގޮތުގައި އުޅެވޭނެ ގޮތަކާމެދު ރަނގަޅަށް ނުވިސްނި، ބަލިވެ އިނދެވެނީ. ބަލިވެ އިނުމަށްފަހު، ފަރުވާކުޑަވަނީ ހެލްތް ސެންޓަރަށް ނުދެވި. އެ ހެލްތް ސެންޓަރުން ދައްކާ ވާހަކަ އަޑުނޭހި އަދި ޑޮކްޓަރުން ދައްކާ ވާހަކަ އަޑުނާހާ ތިބެވެނީ. ގޮސް 7 މަސް، 8 މަސް ވަންދެންވެސް ތިބެވެނީ. ގޮސް އެންމެފަހުން އައިސް ވިހެއުމަށް ދަތިވީމާ މި ދެވެނީ. ދެން ވިހެއުމަށް ދަތިވެގެން، އެ އުޅެންޖެހޭ ގޮތުގައި، ފައިސާގެ ދަތިކަމާއި، އެހެން ހުރިހާ ދަތިކަމެއް، ފިރިމީހާއަށްވެސް، އަނބިމީހާއަށްވެސް، ގާތްތިމާގެ ރަޙްމަތްތެރިންނަށްވެސް މި އަންނަނީ. ވިހޭއިރުގައި އަންހެނުންނަށް ދިމާވާ އެތައް ކަމެއްގެ ސަބަބުން، އަންހެންމީހާ ބަލިވަނީ. ކައިވެނީގެ މައްސަލަތައް އުފެދިގެން އައިސް، އަޅުގަނޑުމެންނަށް އެއީ އަންހެން މީހާއަށް ލިބޭ ދަރިފުޅު ކިރަން ނުގެންދިޔައީމައާއި އަދި ރަނގަޅު ކާނާ ނުދެވުނީމައާއި، ބޮޑުވާ މިންވަރު ނުބެލުނީމައާއި، އެންމެފަހުން އެ ދަރިފުޅު މަދްރަސާގައި އިނދެ އަނބުރައިގަންނަނީ. އެހެންވީމާ، ކްލާހަކުން ފާހެއްނުވޭ. ދެން އޭނާ ނުކުންނަނީ ކަޓަރު ހިފައިގެން. އޭނާ ނުކުންނަނީ ހަކުރު ވިއްކަން. އަޅުގަނޑުމެންނަށް މިއީ ފެންނަ މަންޒަރެއް. މިއީ ޖުމްލަ ސިފައެއް. މިކަމުގައި ނުފެންނަހާ ހިނދަކު އަޅުގަނޑުމެން މި އެދޭ ތަރައްޤީ، އަޅުގަނޑުމެން މި އެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

އެހެންވީމާ، އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި، ރާއްޖޭގެ އެތަން މިތަނުގައި އެބަޖެހޭ، މަތީ ތަޢްލީމުގެ ފުރްޞަތުތައް މިހާރަށްވުރެ މާބޮޑަށް ފުޅާކުރަން. އެގޮތުން، އަޅުގަނޑަށް އަބަދުވެސް ފެންނަ ރަނގަޅު ރަށެއް ކެނދިކުޅުދުއަކީ. އެހެންވީމާ، ކެނދިކުޅުދޫގައި މިއީ ޙަޤީޤަތުގައި މިމަސައްކަތް އެންމެ ފުރަތަމަ މި ފަށައިގަނެވެނީ. މީގެފަހުން، ސަރުކާރުން އިރާދަކުރެއްވިއްޔާ އަދި އިތުރު ތަންތަނަށް މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރާނެ. ކެނދިކުޅުދޫގައި މިހެދޭ ތަނުގައި ގާތްގަނޑަކަށް ރަށުން ބޭރުން 100 ކުދިންނަށް އުޅެވޭނެ ގޮތް، އެއީ 30 ކޮޓަރީގެ ޖާގައާއި، ޑޯމެޓްރީގެ ޖާގަ ހުންނާނެ. އަދި މިތަނަކީ އެކަށީގެންވާ ރަނގަޅު ބޮޑު ބިމެއް އޮންނަ ތަނަކަށް ހަދައިދިނުމަށް އަޅުގަނޑު ކައުންސިލްގެ ކިބައިން އެބަ އެދެން. މިތަނުގައި ބިމުގެ ބޮޑުމިން އޮންނަންޖެހޭނެ. ގޮސް މިތަނުން ގޮސް ވަރަށް އެކަށީގެންވާ ބޮޑުމިނެއް. އެއީ، ފުޓްބޯޅަ ދަނޑެއްވެސް މިތަނުގައި އޮންނަންޖެހޭނެ. ކްރިކެޓް ދަނޑަކާއި، ފުޓްބޯޅަ ދަނޑަކާއި، ޓެނިސް ކޯޓާ، މިހުރިހާ އެއްޗަކަށް ޖާގަ ލިބޭވަރުގެ ރަނގަޅު ބޮޑު ތަނެއް ހަދަންޖެހެނީ. މިއަދު އަޅުގަނޑުމެންނަށް ފެންނަ މަންޒަރެއް ނޫން އަޅުގަނޑުމެން އުންމީދު ކުރަން ޖެހެނީކީއެއް. އަދި އަޅުގަނޑުމެން ވިސްނަންޖެހޭނީކީވެސް. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ތަޞައްވުރެއް ގެންގުޅެންޖެހޭނެ. މަންޒަރެއް ގެންގުޅެންޖެހޭނެ. އެ މަންޒަރަށް އަޅުގަނޑުމެން އަބަދުވެސް މަޑުމަޑުން ބިނާކުރަމުން އަންނަން ޖެހޭނީ. ހަމައެކަނި މިއަދުގެ ކަންތަކާ އަޅުގަނޑުމެން އަޅާލައިގެނެއް، އަޅުގަނޑުމެން މި އެދޭ ކަންތައް މާދަމާ ވެފައެއް ނުހުންނާނެ.

ހަމައެހެންމެ، އެއާއެކީގައި އަޅުގަނޑު ކައުންސިލްގައި ވަރަށް ބޮޑަށް އެދެމުން މިއައީ، ކެނިދުކުޅުދޫން ބޭރު މީހުންނަށް، ރަށުން ބޭރު މީހުންނަށް މިތަނުގައި ގޯތި ދިނުމާއި، ވަޒަންވެރިވުމަށް ވީހާވެސް ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވާށޭ. ސަރުކާރުގެ އަމާޒަކީ، ކެނދިކުޅުދުއަކީ ހަތަރު ފަސްހާސް މީހުން ދިރިއުޅޭ ރަށަކަށް، ބޮޑު ރަށަކަށް ހެދުން. އާބާދީ ރަނގަޅުވެގެން ގޮސް، ވިޔަފާރީގެ ފުރްޞަތުތައް އަންނާނޭ ގޮތްތައް ހޯދުން. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެބަ އެދެން، ކައުންސިލްގައިވެސް އެދިއްޖައިން. އަދި ސަރުކާރުގެ ހައުސިންގ ޕްރޮގްރާމްވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ފަހިވެގެން އަންނާނެ. އަދި ދެންމެވެސް ކައުންސިލަރ އަޅުގަނޑު ގާތުގައި ފާހަގަ އެބަކުރޭ، އެއީ އެޗް.ޑީ.އެސް.ސީ.ގެ ގެދޮރު ޢިމާރާތް ކުރުމުގެ ޕްރޮގްރާމްގެ ތެރޭގައި ކެނދިކުޅުދޫވެސް ހިމެނުމަށް. އަޅުގަނޑު އެކަމަށްވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން.

އަޅުގަނޑަށް ފެނޭ، އަޅުގަނޑު ދެންނެވިން ކައުންސިލްގައި، މިރަށުގެ ޕްލޭނެއް ނުވަތަ މިރަށް ފެތުރިފައި އޮންނާނެ ގޮތެއް، ތަޞައްވުރެއް އޮންނަންޖެހޭނެ. އެކަން އަވަސްކުރަން އެބަޖެހޭ. އަޅުގަނޑަށް ފެނުނުއިރުގައި، ހުރިހާ މުއައްސަސާތަކެއް މި ހުންނަނީ ވަރަށް ބޮޑަށް މަސްހުނިވެފައި. އިންޖީނުގެ އެ ހުންނަނީ މަދްރަސާއާ ޖެހިގެން، ހޮސްޕިޓަލާ ޖެހިގެން، އޮފީހާ ޖެހިގެން. އެއީކީއެއް މީހުން ހަމަ ބުއްދިން ވިސްނާފައި، އިންޖީނުގެއެއް އަޅާނެ ތަނެއް ނޫން. މަދްރަސާއެއްގެ ތެރެއަކު މީހުން އިންޖީނު ގެއެއް ނުހަދާނެ. އެހެންވީމާ، އަޅުގަނޑަށް އެނގުނު ވީގޮތް. އެވީގޮތަކީ އެތާ ތާނގީއެއް ހުރީ ތެޔޮ ވިއްކާންވެގެން. އެހެންވީމާ، އެ ތާނގީ ކައިރީގައި އިންޖީނުގެއެއް އެޅީ. ދެން އެތަނުގައި އިންޖީނެއް ބެހެއްޓީ. ދެން އެކަން އެގޮތަށް އަޅުގަނޑުމެންނަށް ކުރެވެނީ. މާގިނައިން އެކަން ކުރެވެނީ. ދެން އަޑުގަދަ މީހަކު އައިސް، އެވާހަކަ އެގޮތަށް ދައްކައި، މިހިރީ މިތާ ތާނގީއެއް ނޫންހޭ، މިއިން ނޫންހޭ ހުރިހާ ރުފިޔާއެއް ލިބެނީ. އެހެން ކިޔައިގެން ދެން އެންމެފަހުން އައިސް، ދެން ބަލިކަށި މީހާ އަޞްލުގައި ހަމަ ބުއްދިއެއްގައި ހުންނާނީ. އޭނާ ދެން ދޫކޮށްލަނީ. ދެން ދޫކޮށްލީމާ، މިބާވަތުގެ ކަންކަން އަޅުގަނޑުމެންނަށް ވެފައި، ކުރެވިފައި މިހެން ހުންނަނީ. އެހެން ނަމަވެސް، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެ އިންޖީނުގެ އެތަނުން ބަދަލުކުރައްވައި، ރަނގަޅު، ރީތިކޮށް ބަނދަރުމަތި، ތިޔަބޭފުޅުން ބަނދަރުމަތި ކުރައްސަވައި، ބަނދަރުމަތީގެ ތަޞައްވުރެއް ގެންގުޅުއްވުމަށް. އެއީ ގުދަނާއި، ފިހާރައާއި، އަދިވެސް އެހެން ބަނދަރަށް ބޭނުންވާނެ ފެރީ ޓަރމިނަލާ، އެބާވަތުގެ ކަންކަން ބަނދަރުމަތީގައި އަތުރާލަދެއްވުމަށް. ދެން އެހެންވީމާ، މި ރަށުގެ ޕްލޭނެއް، ނުވަތަ މިރަށް އެތުރިފައި އޮންނާނެ ގޮތްވެސް އަޅުގަނޑު ހިތުން ކައުންސިލް އެބަ ކުރިއަށް ގެންދަވަންޖެހޭ. އޭގެ ތަޞައްވުރެއް ކައުންސިލުން އެބަ އެކުލަވައިލަންޖެހޭ.

ރަށުގައި އާމްދަނީ އިތުރުވާނެ ކަންކަން ބައިވަރު ފެންނާން އެބަހުރި. އެހެންވީމާ، އެކަންކަން އިރާދަކުރެއްވިއްޔާ ދެން މިހާރު ކުރެވެމުން އެބަދޭ. މިއީ ބޮޑު ރަށެއް. އެހެންވީމާ، ޤުދްރަތީ ވަސީލަތްތައްވެސް ގިނަ ރަށެއް. އިރާދަކުރެއްވިއްޔާ، އެކަންކަންވެސް އަޅުގަނޑުމެންނަށް ފުރިހަމަ ކުރަމުން ގެންދެވޭނެ. ހަމަ އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، އަޅުގަނޑުމެންގެ ހައުސިންގ ޕްރޮގްރާމްގެ ތެރެއިން މިރަށުގައި ގެ އެޅުމާއި އަދި މިރަށުގެ ފެނާއި ނަރުދަމައާއި މަގުވެސް އަޅުގަނޑުމެން ހެދުން. ދެން އަޅުގަނޑަކީ ފްލެޓް ދޮންބެވެސްމެ. އެހެންވީމާ، ފްލެޓްވެސް އަޅުގަނޑު އަޅާނަން. އަޅުގަނޑުމެންނަށް ހިންގޭ މަސައްކަތްތައް ހިންގުމުގައި، ބައެއްފަހަރަށް އެތައް ދަތިތަކާ ދިމާވޭ. އެތައް އުނދަގުލަކާވެސް ދިމާވޭ. އެހެންވީމާ، އަޅުގަނޑުމެން އެކަކުވެސް އެދޭ މިންވަރާއި ލިބޭ މިންވަރާ އެއްވަރެއް ނޫން. އަބަދުވެސް އެ ދެމިންވަރުގެ ބޮޑު ފަރަޤެއް އުޅޭ. އެހެންނަމަވެސް، އަޅުގަނޑަށް އެއްވެސްއިރެއްގައެއް އަޅުގަނޑު އެދޭ މިންވަރަށް ކަންކަން ހޯދުމަށް މަސައްކަތް ކުރުމެއް ހުއްޓައެއްނުލާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މި ތަޞައްވުރުގައި މިވާ ކެނދިކުޅުދުއާއި، އަޅުގަނޑުމެންގެ ތަޞައްވުރުގައި މިވާ ނ. އަތޮޅާއި، އަޅުގަނޑުމެންގެ ތަޞައްވުރުގައި މިވާ މި ޕްރޮވިންސް، އަޅުގަނޑުމެން ހަދައި، އަޅުގަނޑުމެންގެ ރާއްޖޭގެ ތަޞައްވުރު، އޭގެތެރެއަށް ގެނެސް، އަޅުގަނޑުމެން ނިންމާނެ.

އަޅުގަނޑާ އެކުގައި މިހުރިހާ މަސައްކަތެއްގައި ބައިވެރިވެވަޑައިގަންނަވައިގެން މަސައްކަތް ކުރައްވާ ބޭފުޅުން، ތިޔަބޭފުޅުންނަކަށް އޮޅިވަޑައެއްނުގަންނަވާނެ. މިތަނުން ތިޔަ ފެނިވަޑައިގަންނަވަނީ އަދި ހަމަ މާލޭގައިވެސް އަޅުގަނޑުމެންނާއެކީގައި ނުހަނު ގިނަ މަސައްކަތްކުރާ ވަރަށްގިނަ ބޭފުޅުން އެބަ އުޅުއްވާ. އަޅުގަނޑު ހިތަށްއަރާ، ބައެއްފަހަރަށް އަޅުގަނޑުގެ މައްޗަށް ޙަޤީޤަތުގައި އިންސާނިއްޔަތާ ޚިލާފު ޢަމަލެއްގެ ގޮތުގައި ދަޢުވާވެސް ކުރާނެއޭ، އަޅުގަނޑު އޮފީހުގެ މުވައްޒަފުން. އެބޭފުޅުން މަސައްކަތްކުރޭ އިނގޭތޯ، ހަމަ ގޮސް ކޮންމެ ރެޔަކުވެސް 10، 11 ޖަހަންދެން. އަނެއްކާ ހަމަ ފަތިހު 5 ޖެހީއްސުރެ. އެހެންވީމާ، އަޅުގަނޑު ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ނުހަނު ޝުކުރު ދަންނަވަން.

والحمد للّـه. والسّـلام عليـكم.