بســم اللّـه الرّحمـن الرّحيــم

ދައުލަތުގެ ވަޒީރުން، ޕާލަމެންޓް މެންބަރުން އަދި މި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ކެނދިކުޅުދޫގެ އެންމެ ބޭފުޅުންނާއި، އަދި މިބައްދަލުވުން ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ބޭފުޅުން.

السّـلام عليـكم

މުޅި ދުނިޔޭގައިވާ މޭވާއަޅާ ގަސްތަކުގެ ތެރެއިން އެންމެގިނަ ގަހަކީ ރުއް. ދުނިޔޭގައިވާ ގަސްގަހުގެ ތެރެއިން އެންމެގިނަ ބޭނުންކުރެވޭ ގަހަކީ ރުއް. މުޅި ދުނިޔޭގައި އެންމެ ހައްދަން ފަސޭހަ އެއްގަހަކީ ރުއް. މުޅި ދުނިޔޭގައި އެންމެގިނަ ބޭނުންކުރެވޭ ގަހަކީވެސް ރުއް. މިރާއްޖޭގައި އެންމެގިނަ ގަހަކީވެސް ރުއް. އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިވާ ރޯދީގެ ތެރެއިން ކަނޑުގެ ރޯއްޖާ ނުބައްދަލު، ދެން އެހެން ރޯއްޖަކީ، ހަމަކަށަވަރުންވެސް ރުއްގަސް. ރުއްގަހުން މިރާއްޖެއަށް ލިބޭ އާމްދަނީއާއި، ރުއްގަހުން މިރާއްޖެއަށް ލިބޭ ފައިދާ އެއީ، ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ އެންމެ ރައްޔިތުންނާއި، ދިވެހި ވެރިން ފާހަގަކުރަމުން އައި ފާހަގަކުރުމެއް.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ކުރީގެ ރަސްރަސްކަލުން، އެރަސްކަލުންގެ ބާރު ފެތުރިފައިވާ ހިސާބު ބަޔާންކޮށްދިނުމުގައި، އެރަސްކަލެއްގެ ބަންޑާރަ ރުކުގެ ޢަދަދު، އެއީ އަބަދުވެސް ފާހަގަކުރައްވާ ޢަދަދެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ރުކުގެ މަސައްކަތް ހިނގަމުން އަންނަތާ، މިރާއްޖެއަށްވީހާ ދުވަހެއްވެއްޖެ. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ، މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނުއިރު، ޚާއްޞަކޮށް، މިވޭތުވެދިޔަ ސާޅީހަކަށް، ފަންސާހަކަށް އަހަރު ރާއްޖޭގައި މިވަނީ ވަރަށް މަދުން ނޫނީ ރުއް ޖެހުމުގެ މަސައްކަތް ނުކުރެވިފައި.

ދެންމެ ޢަފީފް ފާހަގަކުރައްވައިފި، އަޅުގަނޑުމެންގެ ރުއްތަކުގެ މަތިވަރު ދަށްވެ، އަޅުގަނޑުމެންނަށް ލިބޭ ކާށީގެ ޢަދަދު މަދުވަމުން އަންނަ ވާހަކަ. މަތިވަރު ދަށްވުމާއި އަދި ކާށީގެ ޢަދަދާއި، ލިބޭ އާމްދަނީ މަދުވެގެން މިއަންނަނީ އަޅުގަނޑުމެންނަށް ރުއްގަސް ނުބެލެހެއްޓޭތީވެ. އެންމެފަހުން ރާއްޖޭގައި ގަވާއިދުން ރުއް ޖެހިފައިވާނީވެސް އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މީގެ ތިރީހަކަށް، ސާޅީހަކަށް އަހަރު ކުރީގައި. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ކޮކްނަޓް ޕްރޮގްރާމް ހިންގެވުނު. އަދި އޭރުގައި މެނީލާގައި ހުންނަ ކޮކްނަޓް އިންސްޓިޓިއުޝަނަކާއި ދިވެހިރާއްޖެއާ ގުޅިގެން، ރާއްޖޭގައިވާ ރުކުގެ ޢަދަދު ބެލުނު. އަދި ޒަމާނުއްސުރެ ފަށައިގެން ރުކުގައި ތައްޖެހުމަކީ، ދިވެހިރާއްޖޭގައި އުޞޫލެއްގެ ގޮތުން ބޯހިމެނުމާ އެއްގޮތަށް ކުރަމުން އަންނަ ކަމެއް. ބޯހިމެނުމަށްވުރެ ރާއްޖޭގެ ވެރިން އަހަންމިއްޔަތުކަންދޭ ކަމެއް.

އެނގިވަޑައިގަންނަވާނެ، ރުކެއްގެ އާމްދަނީ، އަޅުގަނޑަށް ފާހަގަވެފައި އޮތް ގޮތުގައި، އާދައިގެ ރުކަކުން އެބަ 12 ކާށި، މަހެއްގެ މައްޗަށް ލިބޭ. އެއީ، ހަމައެކަނި ކާށްޓަށް. މިއަދު ކާށްޓަކީ -/10 ރުފިޔާ، އެންމެ އަގުހެޔޮ. ކޮންމެ މަހަކަށް ރުކަކުން ކާށްޓަށް އެކަނި -/120 ރުފިޔާ އަދި ކޮންމެ ރުކަކުން ކޮންމެ މަހަކު ފަންބޮނޑިއެއް ވިނދެވޭ. އަދި ކޮންމެ ރުކަކުން ކޮންމެ މަހަކު ރޯނުބޮނޑިއެއް ވެށޭ. އަދި ކޮންމެ ރުކެއް ނިމުނީމާ ނުވަތަ ރުކެއް ކަނޑާލެވުނީމާ، އެ ރުކަކުން ބޯހިޔާވަހިކަމެއް ހޯދޭ، ގެއެއް އެޅޭ. އެ ރުކުން ދޯންޏެއް ބަނދެވޭ. އެ ރުކުން މަހަށްދެވޭ. އެ ރުކުން އަޅުގަނޑުމެންގެ މުޅި ޙަޔާތް، އަޅުގަނޑުމެންގެ މުޅި ދިރިއުޅުމާ ގުޅިފައިވާ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެބަ ލިބޭ، އެއީ ދިވެހި ރުއް.

އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ރުކުގެ ޢަދަދު އަޅުގަނޑުމެންނަށް މިއަދު މިނަން މިވަނީ ދަތިވެފައި. އެންމެފަހުން ރުކުގައި ތައްޖެހި ޖެހުމުގައި، އެތައް ލައްކައެއް ކަމަށް ބަޔާންކޮށްފައި އޮއްވާ އަޅުގަނޑު ދުށިން. އިސްކަންދަރު ރަސްގެފާނުގެ ރުކުގެ ޢަދަދެއްވެސް އަޅުގަނޑު ލޯމާފާނެއްގައި އޮއްވާ ދުށިން. އަޅުގަނޑަށް މިހާރު ފާހަގަވާގޮތުގައި، މިނިސްޓްރީގެ މާހިރުން ވިދާޅުވަނީ، މިލިއަނެއް ދޮޅުމިލިއަނެއްހާ ރުއް، ރާއްޖޭގައި މިހާރު އެބަހުރި ކަމަށް. ދެން އަޅުގަނޑުމެންނަށް ރުކުގެ ޢަދަދު ގުނާ ނިމުނީމާ، ސީދާ ޞައްޙަ ޢަދަދު އެނގޭނީ. އެ ވިދާޅުވި ޢަދަދު ކަމަށްވަނީވިއްޔާ، މިލިއަނެއް ހުރި ކަމަށް ވަނީވިއްޔާ، ރުކުން މަހެއްގެ މައްޗަށް އަޅުގަނޑުމެންނަށް ސަތޭކަ މިލިއަން ރުފިޔާ އެބަހޯދޭ، ދިވެހިރާއްޖެއަށް. ކާށްޓެއްގެ އަގު ހުރިވަރަކީ، މިދެންނެވިހެން -/10 ރުފިޔާ. ފަންބޮނޑިއެއްގެ އަގު ހުރިވަރަކީ، މިދެންނެވިހެން ވިހި ފަންސަވީސް ރުފިޔާ. ރޯނު ބޮނޑިއެއްގެ އަގު ހުރީ -/80 ރުފިޔާގައި. އަދި ވަކަރެއްގެ އަގު ޢަމްދުން ފަލަ.

އަޅުގަނޑުމެންނަށް މި ރާއްޖޭގައި ރުކުން ހޯދޭނެ އާމްދަނީއާއި، ރުކުން ލިބޭނެ މަންފާއާއި ފައިދާ، މި ރަނގަޅަށް އެނގިތިބެ، މި ބޭނުން އަޅުގަނޑުމެންގެ ރުއްތަކުން ނުކުރުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެބޮޑު އިސްރާފު. ރާއްޖޭގެ މުޅި ތަރައްޤީއަށް އެހީތެރިވެދެވެން އެބައޮތް. މިހާރުގެ ހޯދުންތަކަށް ބަލާއިރުގައި، ކާށިތެލުގެ މުހިންމު ވާހަކައާއި އަދި ޞިއްޙަތަށް އެ ތެޔޮ ރަނގަޅު މިންވަރާ، މިހިރަ މިހިރަ ވާހަކައަކީ، މިހާރު ދުނިޔޭގައި މަޝްހޫރު ވާހަކަތަކެއް. އަޅުގަނޑުމެން ރާއްޖޭގައި ލިބޭ ކާށިކޮޅު، އެއިން ތެޔޮ ހޭނޭނެ ގޮތެއް މިވަގުތު މިވަނީ އިންޑަސްޓްރިއަލް ގޮތެއްގައި ނުވަތަ ޞިނާޢީ ގޮތެއްގައި އަޅުގަނޑުމެންނަށް ނުކުރެވި. އެގްރިކަލްޗަރ މިނިސްޓަރުން މިހާރު ތެޔޮދަމަން ނުވަތަ ބޭސްވެރިކަމަށް ބޭނުންކުރާ ތެލުގެ ގޮތުގައި، ކާށިތެޔޮ އެބަ އުފައްދަމުން އާދޭ. އެހެންނަމަވެސް، އެއަށްވުރެ ކައްކާ ތެލާއި އަދި އެހެންވެސް ބޭނުންތަކަށް ބޭނުންކުރެވެން ހުރި މި ތެޔޮ، އަޅުގަނޑުމެން ހާނައި، އޭގެ ބޭނުންތެރިކަން މުޅި ރާއްޖޭގައި ހިފުމަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންކަމެއް.

ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑުމެންނަށް އަޑު އިވެމުން އަންނަނީ، މިރާއްޖެއަކީ މީސްކޮޅު މަދު، ރަށްތައް ކުޑަ، މުއްސަނދިކަން، ޤުދްރަތީ ވަސީލަތްތައް މަދު ޤައުމެއްކަން. އަޅުގަނޑަށް އެއްވެސްއިރެއްގައި މި ރާއްޖެ ފެނިފައި އޮތީކީ އެހެނެއް ނޫން. އަޅުގަނޑަށް އަބަދުވެސް ރާއްޖެ ފެނިފައި އޮތީ، މި ރާއްޖެއަކީ ޤުދްރަތީ ވަސީލަތްތައް ގިނަ، މުއްސަނދި، ތަނަވަސް ޤައުމެކޭ. އަޅުގަނޑުމެން މަސައްކަތް ކުރާންވީ، މިދެންނެވި ތަނަވަސްކަން އެއީ، ޙަޤީޤަތަކަށް ހަދައި، އޭގެ ނަފާ، އޭގެ ފައިދާ އަޅުގަނޑުމެންގެ ރައްޔިތުންގެ ޖީބަށްލައިދިނުމަށް. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓަރ އޮފް ފިނޭންސާއި، މިނިސްޓަރ އޮފް އެގްރިކަލްޗަރާއި އަދި އަޅުގަނޑުމެންގެ އެހެން ހުރިހާ މިނިސްޓްރީތައް ގުޅިގެން، ސަރުކާރަށް މި ރާއްޖޭގެ މުއްސަނދިކަން، މި ރާއްޖޭގެ ރައްޔިތުންނަށް، ރައްޔިތުންގެ އަތްމައްޗަށް ފޯރުކޮށްދެވޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއަދު މިފެށޭ މަސައްކަތަކީ މިދެންނެވި މަސައްކަތް.

ރުއް ގުނުމުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް އުޅެދިނުމަށް އެންމެ ބޮޑަށް މިނުކުންނަނީ ރާއްޖޭގެ ކިޔަވާ ކުދިން. އަދި އެމަސައްކަތުގައި އެންމެ ކުރީ ސަފުގައި ތިބޭނީ އެހެންވީމާ، މި ރާއްޖޭގެ ޓީޗަރުން. އަޅުގަނޑުމެންގެ ދަރިވަރުންނަށް އަދި އަޅުގަނޑުމެންގެ ޓީޗަރުންނާއެކުގައި، މިފަދަ ބޮޑު ޤައުމީ މަސައްކަތެއް ފަށްޓަވައިދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި އަދި އެޑިޔުކޭޝަން ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.
ރާއްޖޭގައި އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ނުވަދިހަ ހަތަރުހާހެއްހާ ނުވަތަ ލައްކައެއްހާ ކިޔަވާ ކުދިން އެބައުޅޭ. ސަރުކާރުގެ އަމާޒަކީ، ގުނާ ކޮންމެ ރުކަކަށް، ކިޔަވާ ކުއްޖަކަށް ރުކެއް ދިނުން. ސަރުކާރުން އަމާޒު މިކުރަނީ، ކޮންމެ ކިޔަވާ ކުއްޖަކަށް ރުކެއް އިންދައިދިނުމަށް. އަދި އެ ކުއްޖާ އެ ރުއް ބެލެހެއްޓުމަށް. އަދި އެ ކުއްޖާއަށް އެ ރުކުގެ މޭވާ، އެ ރުކުގެ ފައިދާ ލިބޭނެގޮތް ހޯދުމަށް. އަޅުގަނޑުމެން ރާއްޖޭގައި ރިޒޯޓް އެޅުމަށާއި އަދި ޢިމާރާތް ކުރުމުގެ ޞިނާޢަތުގައި، ވަކަރާއި އަދި އެނޫން ބާވަތުގެ ޢިމާރާތް ކުރުމުގެ ސާމާނު، ތަކެތި ބޭނުންކުރަމުން، އިމްޕޯޓް ކުރަމުން އަންނަތާ މިވަނީ ވަރަށްގިނަ ދުވަސްވެފައި. އެހެންނަމަވެސް، މި ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ރާއްޖޭގައި އުފައްދާ ތަކެތިން، އުފެދޭ ތަކެތި، އަޅުގަނޑުމެންގެ ބޭނުންތައް ކުރެވޭނޭކަން ވަރަށް ބޮޑަށް ސާފުވަމުން އެބައާދޭ. މިހާރު މިހިރަ ރުއްތައް މިހިރީ ވަރަށް ދުވަސްވެފައިކަން އެބަ އެނގޭ. އަޅުގަނޑުމެންނަށް ދެންމެ، ޢަފީފް ކިޔައިދެއްވި ރުއް ގުނާނެ ގޮތް ނުވަތަ ރުކުގެ ޢުމުރު ބެލުމަށް، ކަންކުރަމުން ގެންދާންވީ ގޮތް. ގުޅިފައި އޮންނަނީ ރުކުގެ ފަންވަޅާކަން، އަޅުގަނޑުމެންނަށް އެނގި ދެންމެގައި ސާފުވެގެން ހިނގައްޖެ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އެމް.އެން.ބީ.ސީ.އިން މިކަމާބެހޭ ކުޑަ ވީޑިއޯއެއް ނުވަތަ ޓީ.ވީ އިން ޕްރެޒެންޓޭޝަނެއް ތަކުރާރުކޮށް ފޮނުއްވަމުން ގެންދަވާނެ.

ރުކުގެ މަޝްރޫޢުގައި އަދި މިމަސައްކަތުގައި ސަރުކާރުގެ އަމާޒަކީ، 2012 ވަނަ އަހަރަށް ރާއްޖޭގައި ހުރި ރުއްތައް ގުނާ ނިމުނީމާ، 2013 ވަނަ އަހަރު ބައިނަލްއަޤްވާމީ ކޮކްނަޓް ސިމްޕޯޒިއަމެއް ނުވަތަ ރުކާގުޅޭ ފެސްޓިވަލެއް، މި ރާއްޖޭގައި ބޭއްވުން. އެއީ ސަރުކާރުން ބަލާނެ، މިހާތަނަށް ދުނިޔޭގައި ބޭއްވުނު އެންމެ ފުޅާ، ރުކާގުޅޭ ބައްދަލުވުން ކަމަށް. ދުނިޔޭގައި ރުއް ހައްދާ، ރުކުގެ ބޭނުންކުރާ ހުރިހާ ތަނަކުން އިރާދަކުރެއްވިއްޔާ، މި ރާއްޖެއަށް ބޭފުޅުން ވަޑައިގަންނަވާނެ. ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، އެހީދޭ ޖަމާޢަތްތަކުން އިރާދަކުރެއްވިއްޔާ، މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާނެ. ސަރުކާރުން މި ޕްރޮގްރާމް ހިންގުމަށް 2013 ގައި މިއޮންނަ މިދަންނަވާ އިންޓަރނޭޝަނަލް ކޮކްނަޓް ފެސްޓިވަލެއް ނުވަތަ ކޮކްނަޓް ސިމްޕޯޒިއަމެއް މި ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން ބޭއްވުމަށް މަސައްކަތް ކުރުން ސަރުކާރުގެ އަމާޒަކީ. އަދި ދާދި އަވަހަށް އަޅުގަނޑު އެކަމާ ގުޅޭ ހިންގާ ކޮމިޓީއެއް އެކުލަވައިލާނެ. އަޅުގަނޑުމެން މިއަންނަނީ، ދުނިޔޭގެ އެކިއެކިތަންތަނާއި އަދި މިކަންކަމާ ގުޅޭ ބޭފުޅުންނާ ވާހަކަ ދައްކަމުން. އެހެންވީމާ، މިކަމުގައި އަޅުގަނޑު ޑޮކްޓަރ ޝާފިޔާ އެ ހިންގަވާ މަސައްކަތްތަކަށް ނުހަނު ޝުކުރު ދަންނަވަން. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިމަސައްކަތުގައި އިސްނަގައިގެން އުޅުއްވާ އުޅުއްވުމުގައިވެސް، އެބޭފުޅާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް، ދެންމެ އަޅުގަނޑު ފާހަގަކުރި ފަދައިން، ކިޔަވާ ކުދިން ރުއް ގުނުމުގައި އެބަ އުޅުއްވާ. އެހެން ނަމަވެސް، އޭގެ މާނައަކީ ކައުންސިލަރުންނާއި އަދި ރަށްރަށް ވަރުވާއަށް ލިޔުއްވާފައި ތިބޭ ފަރާތްތަކާއި އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކާ، މި އެންމެ ބޭފުޅުން، މި މަޝްރޫޢުގައި ބައިވެރިވެލެއްވުމަކީ، ސަރުކާރުގެ ވަރަށްބޮޑު އެދުމެއް. އެއްވެސް ހާލެއްގައި މިއީކީއެއް އިތުރު ބަޔަކަށް މަންފާއެއް، ފައިދާއެއް ލިބޭނެ ކަމެއް ނޫން. ހަމައެކަނި ތިޔަބޭފުޅުންނަށް. ހަމައެކަނި އަޅުގަނޑުމެން އެންމެންނަށް. ހަމައެކަނި މި ރާއްޖެއަށް.

އަޅުގަނޑު އެހެންވީމާ، ނިންމާލަމުންވެސް [މިއީ ކާކު ރުކެއް] މި ޕްރޮގްރާމް ފަށްޓައި އަދި މި ޕްރޮގްރާމާއިގެން އަޅުގަނޑުމެން ބާރަށް ކުރިއަށް ދިޔުމަށް އެދި މާތްރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ޙާލު އަޅުގަނޑު ނިންމާލަން.

والحمد للّـه. والسّـلام عليـكم.