بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 30 ސެޕްޓެމްބަރ 2011 ވީ ހުކުރު ދުވަސް. މާދަމާ، 1 އޮކްޓޯބަރ 2011 ދުވަހަކީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް. މިދުވަސް، ދިވެހިރާއްޖޭގައިވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށްވަނީ ހަމަޖެހިފައި.

ޢުމުރުން ދުވަސްވީ މީހުންގެ މިއަހަރުގެ ޝިޢާރަކީ، "ދުނިޔޭގެ އާބާދީގައި ޢުމުރުން ދުވަސްވީ މީހުން، އިތުރުވަމުންދާއިރު، ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ފުރުސަތުތައް".

މިއަހަރުގެ ޝިޢާރަށް ނަޒަރު ހިންގައި އަދި ރާއްޖޭގެ މާޙައުލަށް ބަލައިލާއިރު، އަޅުގަނޑުމެންގެ ތެރެއިން ފެންނަނީ ވަރަށް އުފާވެރި މަންޒަރެއް. އެ މަންޒަރަކީ، މިޤައުމުގެ ޢުމުރުން ދުވަސްވީ މީހުންނަށް، ދެވެމުންދާ ފައިސާގެ ޢިނާޔަތާއި، މަދަނައިގެ ވިއުގައިގެ ތެރެއިން އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޞިއްޙީފަރުވާ ހޯދުމުގެ ފަހި ފުރުސަތުގެ މަންޒަރު. މިއީ އިހަށްދުވަހަކާ ޖެހެންދެން، މިކަންކަން މިޤައުމުގައި ހިނގަމުން އައި ގޮތެއްނޫން. މި ނިޒާމް ޤާއިމު ކުރެވިފައި މިވަނީ، މިއަދުގެ ސަރުކާރުން.

ދިވެހި ސަރުކާރުން، މި ދިވެހި ޤައުމުގައި ތިއްބެވި، ޢުމުރުން ދުވަސްވީ އެންމެ ބޭފުޅުންނަށް، މިއަދު އެރުވޭ މާލީ އެހީތެރިކަމާއި، ޞިއްޙީ އެހީތެރިކަމުގެ ސަބަބުން، އެބޭފުޅުންގެ ޙަޔާތުގެ ފަހު ސަފްޙާތައް އުކެމުން މިދަނީ އިއްޔެއަށްވުރެ ހިތްފަސޭހަ، ދުވަސްތަކެއްގެ ގޮތުގައި.

ޢުމުރު މައްޗަށް ޖެހެމުންދާ ވަރަކަށް، ޞިއްޙީ ރީތި އާދަކާދަތަކަށް، ހޭލުންތެރި އަދި އަހުލުވެރި ބަޔަކަށް އަޅުގަނޑުމެން އެބަ ވާންޖެހޭ. ލޭމައްޗަށް ދިޔުމާއި، ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި ކިޑުނީގެ ބަލިތަކުން ދުރާލާ ރައްކާތެރިކަން ހޯދޭނީ، "ރައްކާވެ ތިބިއްޔާ ދަތުރޭ" ބުނެ އުޅޭ މިސާލު، ޞިއްޙީ ކަންކަމުގައިވެސް އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ މިންވަރަކުން.

އަޅުގަނޑުމެންގެ ޤައުމަކީ، ޒަމާނުއްސުރެއް އަޅުގަނޑުމެންގެ އިސްލާމީ ޘަޤާފަތުގެތެރެއިން، ޢުމުރުން ދުވަސްވީ މީހުންނަށް އޯގާތެރި އަދި ކަމޭހިތާ ރައްޔިތަކު ދިރިއުޅެމުން އަންނަ ޤައުމެއް.

އަޅުގަނޑުމެންގެ ދަރިންނަކީވެސް، އެކުދިންގެ، މުނިމާމައިންނަށާއި، މުނިކާފައިންނަށާއި، ކާފައިންނަށާއި މާމައިންނަށް، އަދި މަންމައިންނަށާއި ބައްޕައިންނަށް އަޅާލާ، ކުލުނުވެރި ދަރިންތަކެއް. އަޅުގަނޑުމެންގެ މުޖުތަމަޢުއަކީވެސް، މިދެންނެވިފަދަ ރީތި ސިފަތަކުން ސިފަ ލިބިފައިވާ މުޖުތަމަޢެއް.

އަޅުގަނޑުގެ އިލްތިމާސަކީ، މާޒީގެ ތެރެއިން މިއަދާ ހަމަޔަށް، އަޅުގަނޑުމެން ހިނގަމުން މިއައި ރިވެތި އުސޫލުތަކާއި، ޘަގާފަތުތަކާ ގުޅިލާމެހިފައިވާ ރީތި އާދަކާދަތައް، އިހުނަށްވުރެވެސް ހަރުދަނާކަމާއެކު ދަމަހައްޓާ އަދި ކުރިއަރުވާ މުޖުތަމަޢަކަށް، ދިވެހި މުޖުތަމަޢު ދެމި އޮތުން.

ހަމައެއާއެކު، ސަރުކާރުގެ އެކިއެކި މުއައްސަސާތަކުންނާއި، ޢާންމު ޚިދުމަތްދޭ ތަންތަނުން، ޢުމުރުން ދުވަސްވީ މީހުންނަށް ލިބިދޭ ޚިދުމަތްތަކަކީ، އިސް ރަށްވެހިންނަށް ލިބިދެވޭ އަވަސް އަދި ހިތްހަމަޖެހޭ ޚިދުމަތްތަކަކަށް އެންމެހާ މުއައްސަސާ ތަކަކުންވެސް ހެއްދެވުން.

އަޅުގަނޑުމެންގެ ޢުމުރުން ދުވަސްވެފައި ތިއްބެވި އެންމެހާ ބޭފުޅުންނަށް، އުފާވެރި، ތަނަވަސް އަދި ރައްކާތެރި ދުވަސްތައް ކީރިތިﷲ މިންވަރު ކޮށްދެއްވާށި!

މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަކީ، ސަރުކާރުގެ ފަސް ވަޢުދުގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ވަޢުދު. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސަރުކާރުންވަނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދެވޭނެ ނިޒާމު ފުޅާކޮށް، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރާ ބައެއް ފަރާތްތައް ހިފައި ހައްޔަރުކޮށްފައި. ނަމަވެސް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ތަފާތު އެކި ދަތިތަކާ ކުރިމަތިލާންވަނީ ޖެހިފައި. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް އެބަހުރި.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާއެއް އުފުލެން އަންނަނީ، ތަޙްޤީޤު ފުރިހަމަވެގެން ކަމަށްވާތީ، މިކަމަށް ވަރަށް ގިނަ ދުވަސް ހޭދަވާކަމީ ހެކިބަސް ދޭ ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބި، ހެކިބަދަލުކޮށް، ދޮގު ހެކި އުފެއްދުމުގެ ފުރުސަތު ލިބިގެންދާ ކަމެއް.

ޝަރީޢަތަށް ހުށަހެޅޭ ހެކި ޤަރީނާތައް ވަޒަން ކުރުމުގައި ޢަމަލުކުރަންޖެހޭ ވަކި އުޞޫލެއް ނެތުމުގެ ސަބަބުން، ސައިންޓިފިކް ހެކިތަކާއި އެހެނިހެން ހެކި، ޤަރީނާތަކުގެ ބާރު ކެނޑި، ބޮޑެތި މައްސަލަތަކުގައި ކުށް ސާބިތުނުވުމަކީވެސް މައްސަލައެއް.

މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކުރެވޭ ފަރާތްތަކުގެ އަތުން އަތުލެވޭ ގިނަ ޢަދަދެއްގެ ފައިސާ އަދި ފައިސާ ރައްކާކުރާ ނުސީދާ ގޮތްގޮތާއި، މުދާ ހޯދާފައިވާ ގޮތެއް ޝަރީޢަތުގައި ސާފުކޮށްދޭން ނުޖެހޭތީ، މިފަދަ މައްސަލަތައް ޝަރީޢަތުގައި ސާބިތުނުވޭ. އެއްބާވަތެއްގެ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކިއެކި ފަނޑިޔާރުންގެ މެދުގައި ޙުކުމްކުރުން އަދި ބަންދުކުރުމުގައި ވަރަށް ބޮޑު ތަފާތުތަކެއްވެސް ހުރޭ.

ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ހިންގި ޚާއްޞަ އޮޕަރޭޝަންތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު މަސްތުވާތަކެއްޗާއެކު ހިފާ ހައްޔަރުކުރެވިފައިވާއިރު، ފުޅާ ދާއިރާއެއްގައި މި ވިޔަފާރިކުރާ 15 މީހަކު މިހާރުވެސް ޝަރީޢަތުން ޙުކުމެއް ކަނޑައެޅުމުގެ ކުރިން ބަންދުން ވީއްލި މުޖުތަމަޢު ތެރޭގައި މި ޢަމަލު ތަކުރާރުކުރާ ހާލު، އެމީހުންގެ މައްޗަށް ޝަރީޢަތް ކުރެވޭނޭ ދުވަހެއްވެސް އެނގޭނޭ ގޮތެއްވެސް ނެތް. މަސްތުވާތަކެތީގެ މައްސަލަތައް ހަމައެކަނި މާލޭގެ ކްރިމިނަލް ކޯޓުން ބައްލަވާގޮތަށް ކަނޑައަޅުއްވާފައި އޮންނަ އޮތުމުގެ ސަބަބުން، ޝަރީޢަތުގައި އެތައް ބައެއްގެ މައްސަލަތައް ނުހިނގާ ގިނަދުވަސްތަކެއް ވަންދެން ގޮތެއް ނުނިމިފައި އެބަހުރޭ. އަދި ޝަރީޢަތް ބޭއްވޭ ދުވަހާ ހަމައަށް ކުށް ތަކުރާރުކުރުމަށް އެފަރާތްތަކަށް ފުރުސަތު ލިބޭ. ހަމައެހެންމެ، ރަށްފުށު ލެވެލްގައި ޑްރަގް ވިއްކާ މީހުންގެ މައްސަލަތައްވެސް އެރަށެއްގެ ކޯޓުން ބެލޭނޭހެން ޤާނޫނު އިޞްލާޙުވުމަކީވެސް ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި ބާއްޖަވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ނިޢުމަތް ލިބުން.

والحمد للّـه. والسّـلام عليـكم