بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 23 ސެޕްޓެމްބަރ 2011 ވީ ހުކުރު ދުވަސް. މިއަދު އެންމެ މުހިންމު ގޮތެއްގައި އަޅުގަނޑު ބަލައިލަން ބޭނުމީ، މި ރާއްޖޭގެ ރަށްރަށުގައި އިލެކްޓްރިކް ކަރަންޓްގެ ޚިދްމަތް ފޯރުވައިދިނުމުގެ ކަންތައްތަކާ މެދުގައި. އެނގިވަޑައިގަންނަވާނެ، އަށްޑިހައިގެ އަހަރުތަކުއްސުރެ ވަރަށް ކުޑަކުޑަ ގޮތަކުން ރާއްޖޭގައި މި ޚިދްމަތް ދެވެން ފެށުނީ ރާއްޖޭގެ ރަށްރަށުގައި. ބައެއްފަހަރަށް ގެއެއްގެ ކަރަންޓް ދިނުމަށްޓަކައި ކުޑަކުޑަ ޖަނަރޭޓަރެއް، ޔަމަހާ ކުޑަ ޖަނަރޭޓަރެއް ގެނެސްގެން، އެޖަނަރޭޓަރު ބޮޑުވަމުން އައިސް، އިންޖީނުގެއެއް ހެދި އަދި ރަށުގެ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި އަދި ސަރުކާރުގެވެސް އެހީތެރިކަމާއެކީގައި، ބާވަތެއްގެ އިންޖީނުގެތަކެއް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފެއްދިފައި މިހުރީ. އެ އިންޖީނުގެތައް ހިންގަމުން އައީކީއެއް ދުރާލާ ވިސްނައި، ރޭވިފައި އޮތް ކުންފުންޏެއްގެ އުޞޫލަކުންނެއް ނޫން. އެހެންކަމުން، އިންޖީނުގެތަކަށް ބޭނުންވާ އިތުރު އިންވެސްޓްމަންޓާއި އަދި އިންޖީނުގެތައް ފުރިހަމައަށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންކަން އޮތީ ފައްކާނުވެ، އަދާނުކުރެވި. އޭގެ ސަބަބުން އިންޖީނުގެތައް ހުރީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައި. ގިނަ އިންޖީނުގެތަކަށް ހަމަ އެހާރުން އެހާރަށް އާ އިންޖީނެއް ނުވަތަ އާ ނެޓްވަރކެއް ނުވަތަ އާ ޕެނަލް ސިސްޓަމެއް ނުގެނެވެނީނަމަ، މުޅި ރަށްތައް އޮތީ އަނދިރީގެ ތެރެއަށްދާ ގޮތަށް.
ސަރުކާރަށް މި ޙަޤީޤަތް އެނގި އަދި ސަރުކާރަށް ފާހަގަވެފައި އޮތީ، މިކަން މިހެން އޮތީމާ، ރަށްރަށުގެ ކަރަންޓް، އޭރުގައި ޔުނިޓަކަށް ހަތް ރުފިޔާ، އަށްރުފިޔާ ނުޖެހޭ އެއްވެސް ރަށެއް ނެތް. ބައެއްފަހަރަށް މަދްރަސާތަކަށް އިންޖީނުގެތަކުން ޔުނިޓެއް ވިއްކަމުން ދިޔައީ ވިހި ރުފިޔާހާ ބޮޑުކޮށް. އެހެންވީމާ، މަދްރަސާތަކުގެ މުޅި ބަޖެޓްހެންވެސް ހޭދަވަމުން ދިޔައީ ކަރަންޓް އިންޖީނުގެއަށްޓަކައި.

ކަންކަން މިހެން އޮތުމާ އެކީގައި، ސަރުކާރުން ބަލައި ހޯދައި، ސަރުކާރުން ވިސްނީ، ސަރުކާރުން ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަކަށް ކަރަންޓް ދިނުމަށް. އެބޭނުމަށްޓަކައި ސަރުކާރުން އުފެއްދީ 7 ޔޫޓިލިޓީ ކުންފުނި. އެ 7 ޔޫޓިލިޓީ ކުންފުންޏަށް ރަށްރަށުގެ އިންޖީނުގެތައް ބަދަލުކުރުމަށް ސަރުކާރުން ނިންމީ. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތުގައި، ފަސޭހަގޮތުގައި ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި އަދި ހެޔޮއަގުގައި ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި ކުރާންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ގެންދާނީ ކުރަމުން. މީގެކުރީގައި ފަސްރުފިޔާ، ހަރުފިޔާ، ކަރަންޓް ޔުނިޓަކަށް ދައްކަމުން ގެންދިޔަ އަމިއްލަ ފަރާތްތައް މިއަދު ކަރަންޓް ޔުނިޓަކަށް ދައްކަމުން އެގެންދަނީ ދެރުފިޔާ ބައި، ތިން ރުފިޔާ. ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ކަރަންޓްގެ ޚަރަދު މިއޮތީ ވަރަށް ބޮޑަށް ކުޑަވެފައި.

އެނގިވަޑައިގަންނަވާނެ، މީގެކުރީގައިވެސް 2008 ވަނަ އަހަރުގެ ކުރިންވެސް ސްޓެލްކޯއަކީ، 100 ޕަސެންޓް ސަރުކާރުގެ ޙިއްޞާ އޮވެގެން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ކަރަންޓްގެ ޚިދްމަތް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެއް. އެ ކުންފުނިން އޭރުގައި ގެންދިޔައީ ރާއްޖޭގެ 28 އިންޖީނުގެއެއް ހިންގަމުން. ސްޓެލްކޯގެ އިންޖީނުގެއެއް ނެތް ރަށެއްގައި އިންޖީނުގެތައް ހިންގަމުން ގެންދިޔައީ، އެރަށެއްގެ ރައްޔިތުންގެ ކަމެއްގެ ގޮތުގައި. މިހާރު އެނގެން ހުރި ހިސާބުކިތާބަށް ބަލާއިރު، 2005 ވަނަ އަހަރަށްފަހު، ސްޓެލްކޯ ހިންގަމުން ގެންގޮސްފައިވަނީ، ލިބޭ އެއްޗަކަށްވުރެ ގެއްލުން ބޮޑުކޮށް. 2008 ވަނަ އަހަރު އެކަނިވެސް 250 މިލިއަނަށްވުރެ ބޮޑު ގެއްލުން، ވަނީ އެކުންފުންޏަށް މެދުވެރިވެފައި. 2008 ވަނަ އަހަރާ ހަމައަށް ސްޓެލްކޯއިން ނުދެއްކި ހުރި ތެޔޮ ބިލްތަކުގެ ޖުމްލަ 495 މިލިއަން ރުފިޔާއަށް އަރާފައިވޭ. އަޅުގަނޑުމެންގެ މި ސަރުކާރު ޙަވާލުވީއިރު، ސްޓެލްކޯއަށް ވަމުންދާ ގެއްލުންތައް ފޫބެއްދުމަށް ގެންދިޔައީ ސީދާ އެކުންފުންޏަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްގެން. އެގޮތުން، 2008 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 200 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކުންފުނީގެ ގެއްލުން ފޫބެއްދުމަށް ދޫކޮށް، އަދި ނުދެއްކިހުރި 457 މިލިއަން ރުފިޔާގެ ތެޔޮ ބިލްތައް، 2009 ވަނަ އަހަރު ސަރުކާރުންވަނީ ހަމަޖައްސައިދީފައި.

މި ދަރަނި ފޫބެއްދުމަށް ސްޓެލްކޯއަށް އެގޮތަށް ފައިސާ ދޫކުރަމުން ގެންދިޔުމުގެ ބަދަލުގައި ސަރުކާރުން ނިންމީ، ސްޓެލްކޯ ހިންގޭނެ އަގެއްގައި ސްޓެލްކޯ ކަރަންޓަށް ފީ ނަގަމުން ގެންދިޔުން. އަދި ކަރަންޓް ބިލް ބޮޑުވާ ފަރާތްތަކަށް، އާމްދަނީ މަދު ފަރާތްތަކަށް ސަރުކާރުން ސަބްސިޑީއެއް ދިނުން. އެގޮތުން މިހާރު މިދޭ ސަބްސިޑީ ދެވެމުން މިދަނީ.

ދަރަނި ފޫބެއްދުމަށް ކުރިން ސްޓެލްކޯއަށް ދޫކުރި ފައިސާ އެއީ، ސީދާ ރައްޔިތު މީހާއަށް ދެވޭ ސަބްސިޑީ ނުވަތަ ހިލޭ އެހީގެ ގޮތުގައި މިހާރުވަނީ ސަރުކާރުން ހަމަޖައްސާފައިކަމުން، 2010 ވަނަ އަހަރު ސްޓެލްކޯއަށްވެސްވަނީ ދަރަނި ފޫބެދި، ފައިދާވާން ފަށާފައި. ސްޓެލްކޯގެ އަގުތައް ލުއިކޮށްދިނުމުގެ ގޮތުން، 2010 ވަނަ އަހަރު 80 މިލިއަން ރުފިޔާ އަދި 2011 ވަނަ އަހަރު 48 މިލިއަން ރުފިޔާއާ ގާތަށް، ފޯރުންތެރިކަން ކުޑަކަމުގައި ފޯމް ފުރާފައިވާ ރައްޔިތުންނަށް، ހިލޭ އެހީ ނުވަތަ ސަބްސިޑީގެ ގޮތުގައި ސަރުކާރުންވަނީ ދޫކޮށްފައި.

މިއަހަރުގެ ޖުލައިމަހާ ހަމައަށް ސަރުކާރުން މިވަނީ އެވްރެޖް ގޮތެއްގައި ކޮންމެ ކަރަންޓް މީޓަރަކަށް 440 ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ސަބްސިޑީ ދޫކުރެވިފައި. އެއީ، މަހެއްގެ މައްޗަށް ދޫކުރެވޭ މިންވަރު އަޅުގަނޑު މިދެންނެވީ. ޖުލައިމަހު ސަރުކާރުން ސްޓެލްކޯއަށް، ސްޓެލްކޯގެ ކަރަންޓް މީޓަރުތައް ހުރި ގޭގެއަށް 15 މިލިއަނަށްވުރެ ގިނަ ރުފިޔާ މިވަނީ ސަބްސިޑީގެ ގޮތުގައި ދޫކުރެވިފައި. އެއީ، ކޮންމެ މީޓަރަކަށް -/975 ރުފިޔާއާ ގާތްކުރާ ޢަދަދެއް. ސަރުކާރުން މިގެންދަނީ މިމަސައްކަތްތައް، މިއަދަށްވުރެ ރަނގަޅަށް، ބާރަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދަމުން. މިއަދުވެސް ސަރުކާރުން މިހާރު ހިންގަމުންގެންދާ އިންޖީނުގޭގެ ޢަދަދު، 118 އިންޖީނުގެއަށް އަރާ. އެނގިވަޑައިގަންނަވާނެ، ސްޓެލްކޯއިން، ސަރުކާރުން ކުރީގައި އެންމެ ގިނައިން އިންޖީނުގެ ހިންގިއިރުވެސް، އެއީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގި 28 އިންޖީނުގެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި، އަދި ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން މިކަމާ އެއްބަސްވާނެ. ރާއްޖޭގެ ރަށްރަށުގައި މިހާރު ކަރަންޓްގެ ޚިދްމަތް ލިބެމުން މިއަންނަނީ ކުރިއަށްވުރެ ފަސޭހަކޮށް އަދި ކުރިއަށްވުރެ އަގުހެޔޮކޮށް. އިރާދަކުރެއްވިއްޔާ، ޔޫޓިލިޓީ ކުންފުނިތަކުން ކަރަންޓްގެ ޚިދްމަތް ދެވޭ މިންވަރާއި އަދި ޚިދްމަތާ ގުޅިގެން ކުރެވޭ ކަންކަންވެސް އެގެންދަނީ ދުވަހެއް ދުވަހަކަށް އިތުރުކުރަމުން.

އަޅުގަނޑުމެންގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم