بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 16 ސެޕްޓެމްބަރ 2011 ވީ ހުކުރު ދުވަސް. މިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރުން ހިންގަމުން ގެންދާ މައިގަނޑު ޕްރޮގްރާމްތަކުގެ މަސައްކަތްވެސް މިވަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށް ގޮސްފައި. ހުނަރު ތަމްރީނު ކުރުމުގެ ޕްރޮގްރާމް، އެއީ 8500 މީހުން ހުނަރަކާ އެކުގައި ވަޒީފާގެ ފުރްޞަތަށް ނެރުމަށް އަމާޒު ކުރެވި ހިންގޭ ޕްރޮގްރާމް. އޭގެތެރެއިން އިރާދަކުރެއްވިއްޔާ، މިއަންނަ ހަފްތާގެ ތެރޭގައި 750 ފަރާތަކަށް ތަމްރީނުތައް ފަށައިގަނެވޭނެ. އަދި މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރްޞަތު މިހާރުވެސް މިވަނީ ހުޅުވާލެވިފައި. ސަރުކާރުންވެސް އަދި ކައުންސިލްތަކުންވެސް މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް، އެ މަޢްލޫމާތު އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ، ޕްރޮގްރާމް ކާމިޔާބުވުމަށް އެޅޭނެ ވަރަށްބޮޑު ބާރެއް ކަމަށް އަޅުގަނޑު ދެކެން.

ވެށިފަހި މާލޭގެ މަސައްކަތްތައްވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ބާރަށް ކުރިއަށް ގޮސްފައި. އޭގެތެރެއިން އެ ޕްރޮގްރާމްގެ އޭ ކެޓަގަރީ، އެއީ މާލެއިން ބިންކޮޅެއް ދޫކޮށްލައި، އޭގެ ބަދަލުގައި ހުޅުމާލެއިން ބިންކޮޅެއް ނުވަތަ މާލެއިން ފްލެޓެއް ނުވަތަ ހުޅުމާލެއިން ފްލެޓެއް ބޭނުންވާ ފަރާތްތަކަށް، އެކަން ހިންގުމުގެ މަސައްކަތްވެސް މިދިޔަ ހަފްތާގެ ތެރޭގައި މިވަނީ ކުރިއަށް ގެންދެވިފައި. އޭގެތެރެއިން 100 ފަރާތަކާ އެކުގައި ބިން ޙަވާލުކުރުމުގެ އެގްރީމަންޓްގައި ސޮއިކުރެވޭ ހިސާބަށް މިހާރު މިވަނީ މަސައްކަތްތައް ފުރިހަމަކުރެވިފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައިވެސް މިމަސައްކަތް އަދި މިހާރަށްވުރެ ބާރަށް ކުރިއަށް ގެންދެވޭނެ.

ދެވަނަ ފުރްޞަތުގެ ޕްރޮގްރާމްވެސް، މިދިޔަ ހަފްތާގެ ތެރޭގައި ގެންދެވިފައި ވަނީ އެކަށީގެންވާ ބާރުމިނެއްގައި. އިރާދަކުރެއްވިއްޔާ، މިއަންނަ ހަފްތާގެ ތެރޭގައި، އިތުރު ފަރާތްތަކަށް ފުރްޞަތު ހުޅުވާލެވި، އެފަރާތްތަކަށް މާލެ އާދެވި އަދި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނޭ ކަންކަން ހަމަޖެހިގެންދާނެ.

މިދެންނެވި ތިން ޕްރޮގްރާމްގެ އިތުރުން އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ނުވަތަ ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ކަންކަންވެސް، މިދިޔަ ހަފްތާގައި ކުރިއަށް ގެންދެވިފައި އޮތް މިން ކުޑައެއް ނޫން. ދެރަށެއްގެ ބަނދަރު ހެދުމާއި އަދި މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި މިވަނީ ސޮއިކުރެވިފައި. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެކަންކަމުގެ ޢަމަލީ މަސައްކަތްވެސް ދާނީ ކުރިއަށް.

މިވަގުތު ރާއްޖޭގައި އެހެން ނަމަވެސް، އެންމެ ބާރަށް ހިނގަމުން އަންނަ މަސައްކަތަކީ، ސާކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، އައްޑޫ، ސިޓީއަކަށް ހެދުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުން. އޭގެތެރޭގައި، އައްޑުއަތޮޅުގެ މަގުތަކާއި، ފެނާއި ނަރުދަމާގެ ނިޒާމާއި އަދި ކޮންވެންޝަން ސެންޓަރުގެ މަސައްކަތް، ވަކިން ޚާއްޞަކޮށް ހިމެނޭ. އައްޑުއަތޮޅުގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ ސާމާނުވެސް މިހާރު އެވަނީ އައްޑުއަތޮޅަށް ޖަމާކުރެވިފައި. ބައެއް ސާމާނު މިހާރުވެސް އެދަނީ އެތަނަށް ޖަމާވަމުން. އިރާދަކުރެއްވިއްޔާ، ސާކް ސަމިޓްގެ ސުންގަޑިއަށް، ސާކް ސަމިޓާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ފުރިހަމަވެގެން އަޅުގަނޑުމެން އެންމެންވެސް ފަޚްރުވެރިވާނެފަދަ އައްޑޫ ސިޓީއެއް މުޅި ދުނިޔެއަށް ފެނިގެންދާނެ. އައްޑޫސިޓީގެ ތަރައްޤީއަކީ މުޅި ރާއްޖޭގެ ތަރައްޤީއާ ގުޅިފައި އޮތް ކަމެއްކަން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ސާފުވާނެ.

ސާކް ސަމިޓަށް ތައްޔާރުވަމުންދާ މަސައްކަތުގެ ތެރޭގައި، އައްޑޫ ސިޓީގެ މަސައްކަތުގެ އިތުރުން ފުވައްމުލަކުގައި ހިނގަމުންދާ މަސައްކަތްތައްވެސް މިހާރު މިދަނީ ކުރިއަށްވުރެ މާބޮޑުތަނުން ބާރަށް. އިރާދަކުރެއްވިއްޔާ، އެމަސައްކަތްތައްވެސް ސާކް ސަމިޓްގެ ސުންގަޑިއަށް ސަރުކާރަށް ނިންމާލެވޭނެ.

ރާއްޖޭގައި، އުތުރުގައި އަދި ދެކުނުގައި މާލޭގެ އިތުރުން ސިޓީއެއް ތަރައްޤީ ކުރުމަކީ، ސަރުކާރުގެ އަމާޒެއް. އަދި މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިއެއް. ސަރުކާރުގެ މިމަސައްކަތްތައް، އެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި ހިނގަމުންދާކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އިރާދަކުރެއްވިއްޔާ، މިއެންމެހާ މަސައްކަތްތައްވެސް ރާއްޖޭގެ އެންމެ ރައްޔިތުން އެދޭގޮތަށް ހިންގުމުގައި، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ގެންދާނީ ކުރަމުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم