بســم اللّـه الرّحمـن الرّحيــم


ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަކިން ޚާއްޞަކޮށް، ފުވައްމުލަކުގެ ޢިއްޒަތްތެރި މެންބަރު، އެއްމެންބަރު، އެމް.އެން.ޑީ.އެފް.ގެ އޮފިސަރުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިސްވެރިން، ފުވައްމުލަކުގެ ކައުންސިލަރުން އަދި ފުވައްމުލަކުގެ އެންމެހާ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑު މިއަދު ފުވައްމުލަކަށް މިކުރާ ދަތުރަކީ، އެނގިވަޑައިގަންނަވާނެ، ސާކް ސަމިޓްގެ ރަސްމިއްޔާތުތައް ދެކުނުގައި، ދެކުނު ޕްރޮވިންސްގައި ބޭއްވުމަށް ސަރުކާރުންވަނީ މީގެ މަސްތަކެއް ކުރީގައި ނިންމާފައި. ސަރުކާރުން އެ ނިންމުން އެގޮތަށް ނިންމީ، ސަރުކާރަށް ފާހަގަވާ ގޮތުގައި، މިބާވަތުގެ މަސައްކަތްތަކެއް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ފާހަގަކުރެއްވި ފަދައިން، އެ ސަރަޙައްދެއްގައި ހިނގީމާ، އެކަމުގެ ސަބަބުން، އެ ސަރަޙައްދަކަށް ނުހަނު ގިނަ ތަރައްޤީގެ މަގުތައް ފަހިވެގެންދޭ.
ފުވައްމުލަކުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާވާފައިވާ ކިތަންމެ ރޭވުންތަކެއް އަދި ހިންގަމުން ގެންދާ ކިތަންމެ މަސައްކަތްތަކެއް އެބަހުރި. މިދެންނެވި ރޭވުންތަކުގައިވެސް އަދި ހިނގަމުންދާ މަސައްކަތްތަކުގައިވެސް، ތިޔަބޭފުޅުން މިވަގުތަށް އެންމެ ބޭނުންވާ ކަންތައް ނެތި އޮތުމަކީ ހަމަ އެކަށީގެންވާ ކަމެއް. ޙަޤީޤަތަކީ އަޅުގަނޑުމެން ބޭނުންވާ ކަންކަން ހިނގާފައި ހުންނާން ޖެހިފައި އޮތީ، މީގެ ދިހަ އަހަރު ކުރީގައިކަމުން. މި މުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ނެތި، 2012 ވަނަ އަހަރަށް ދުނިޔެ ފުރޮޅޭކަން އެއީ، އަޅުގަނޑުވެސް ޤަބޫލުކުރާ ޢަޖައިބެއް. މި ރާއްޖޭގެ އާބާދީގެ ތެރެއިން ބޮޑެތި އާބާދީތަކުގައި، ސާފުތާހިރުކަމާއި އަދި ތަރައްޤީގެ އެންމެ އަސާސީ ކަންކަން ފުރިހަމަނުވެ، ޒަމާންތަކެއް ގޮސްފައި އޮތްކަމީ، އަޅުގަނޑުވެސް ޢަޖައިބުވާ ކަމެއް. އެކަމަށް އަޅުގަނޑު އެދި ހުންނަތާ އެތައް އަހަރެއްވެއްޖެ. އެހެންވީމާ، ތިޔަބޭފުޅުންގެ ސީދާ ނަރުދަމާއަށް، ފާޚާނާ ނިޒާމަށް، ސާފު ބޯފެނަށް، ރަނގަޅު ޞިއްޙަތަށް، ދަރިންގެ ތަޢްލީމަށް، އެކަށީގެންވާ ބޯހިޔާވަހިކަމަށް، ރަނގަޅު ސާދާ މަގުތަކަށް، ވަޒީފާގެ ފުރްޞަތުތަކަށް ތިޔަބޭފުޅުން އެދި ތިބޭނޭ މިންވަރު އަޅުގަނޑަށްވެސް އިޙްސާސް ކުރެވޭ. ކުށްވެރިއަކީ އަޅުގަނޑުމެން، ވެރިން. ވަކި ވެރިއެއް ނޫން. ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ހިނގަމުން އައި ވެރިކަމުގެ ނިޒާމް. އެ ނިޒާމް ބަދަލުވެގެން މެނުވީ، އަޅުގަނޑުމެން އެންމެންނަށްވެސް ސާފުވެގެން ދިޔައީ، މި ރާއްޖޭގެ ޙަޤީޤީ ތަރައްޤީ، އަޅުގަނޑުމެންނަށް ދެން ހޯދާން ދަތިވާނެކަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުމީ، އަޅުގަނޑުމެންގެ ޕްރޮގްރާމްތައް، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ވެފައިވާ ވަޢުދުތައް އެއީ، ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަންކަން. އެކަންކަން ފުރިހަމަކުރުމުގައި އަޅުގަނޑުމެން އެންމެ ފިޔަވަޅެއްވެސް އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެންނެއް މިކަމުގައި ވަރުބަލިވެއެއް ނުދާނެ. އަމާޒު ގެއްލިއެއް ނުދާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަބަދުވެސް ދާނީ ތިޔަބޭފުޅުންގެ މަސައްކަތުގައި ކުރިއަށް.

ފުވައްމުލަކަކީ އިންޑިޔާ ކަނޑުގައި އޮތް އާދަޔާ ޚިލާފު ޖަޒީރާތަކުގެ ތެރެއިން ޖަޒީރާއެއް. މިރަށުގެ މުހިންމު ކަމާއި އަދި މިރަށް އެއީ، މިބާވަތުގެ މަދު ރަށްތަކުގެ ތެރެއިން ރަށެއްކަމީ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ކަމެއް. ފުވައްމުލަކާއި އައްޑުއަތޮޅު ގުޅެންވީ ހަމައެކަނި ހުވަދުއަތޮޅާއި، ތިލަދުންމައްޗާއި، މާލެއަތޮޅަކާއެއް ނޫން. ފުވައްމުލަކު ގުޅެންވީ ސީޝެލްސާވެސް. ފުވައްމުލަކު ގުޅެންވީ މޮރިޝަސްއާވެސް. ފުވައްމުލަކު ގުޅެންވީ ފޯޅަވައްސާވެސް. އަޅުގަނޑުމެންނަށް މިސަރަޙައްދު ތަރައްޤީ ކުރުމުގެ ވިސްނުމެއް ގެނައުމަށްޓަކައި ސަރުކާރަށް އެންމެ ފުރަތަމަ ފާހަގަވީ، ދުނިޔޭގެ ނަޒަރިއްޔާތު އައްޑުއަތޮޅަށާއި ފުވައްމުލަކަށް އަނެއްކާ ހުއްޓެން އެބަޖެހެއޭ. ދެވަނަ ބޮޑު ހަނގުރާމައިގެ ހޫނުގައި، އައްޑުއަތޮޅަށް ދުނިޔޭގެ ނަޒަރިއްޔާތު ހުއްޓިފައި ހުރި. އޭރުގައި މިއަތޮޅުގައާއި އަދި މި ސަރަޙައްދުގައި އިންވެސްޓް ކުރާނެ ވިޔަފާރިވެރިންނާއި، އެކިއެކި ފަރާތްތައް ޝައުޤުވެރިކަން ހާމަކުރަމުން ގެންދިޔަ. އެހެންނަމަވެސް، ދުނިޔެއަށް ދިމާވި ގޮތް، ފިނި ހަނގުރާމައާ އެކީގައި އަނެއްކާވެސް އަޅުގަނޑުމެންގެ ޖަޒީރާތައް ފަނޑުވެ، ހަނދާންނެތިދިޔައީ.
ސަރުކާރުގެ އަމާޒަކީ، ސާކް ސަމިޓް، މި ސަރަޙައްދުގައި ބާއްވައި، މިސަރަޙައްދަށް، މި ދެކުނު އޭޝިޔާގެ ނަޒަރިއްޔާތު ގެނައުން. އަޅުގަނޑުމެން ދެކެނީ، ސާކް ސަމިޓާ އެކުގައި މަދުވެގެން ދެހާހެއްހާ މީހުން، ބޭރު މީހުން، މިދެރަށަށް، އައްޑުއާއި މުލަކަށް ޒިޔާރަތް ކުރާނެ. އޭގެތެރޭގައި، އަޅުގަނޑަށް މިހާރު މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އިންޑިޔާއިން އެކަނި ނޫސްވެރިންގެ ގޮތުގައި ދުއިސައްތައަށްވުރެ ގިނަ މީހުން އަންނާން ބޭނުންވޭ. އަދި އެއީ އެކިއެކި ޖަމްޢިއްޔާތަކާއި، އެކިއެކި ވިޔަފާރި ކުންފުނިތަކާއި، އެކިއެކި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާއި އަދި އެނޫންވެސް މި ސަރަޙައްދުގައި ހިނގާ އެންމެހާ ކަންކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް، މި ސަރަޙައްދަށް ގެނެވޭނެ. އޭގެއިތުރުން، ޔޫރަޕްގެ ޖަމާޢަތްތަކާއި އަދި ސާކްގެ މެންބަރުން ކަމުގައި ނުވިނަމަވެސް، ސާކްގެ އޮބްޒާވަރުންގެ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ވީހާވެސް ގިނަ ޚާރިޖީ ވަޒީރުންނަކާއި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ޖަމްޢިއްޔާތައް، މިދުވަސްވަރަށް މިރަށަށާއި އަދި އައްޑުއަތޮޅަށް ގެނައުމަށް. އޭގެ ބޭނުމަކީ، މިތަންތަނުގެ ފުރްޞަތުތައް، މުޅި ދުނިޔެއަށް ހުޅުވާލުން. ދުނިޔޭގެ އެންމެނަށް މިމުލަކަކީ ކޮން ތަނެއް ކަމާއި، މި މުލަކުން ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިކަން ސާފުކޮށްދިނުން. ވިޔަފާރީގެ ފުރްޞަތުތައް، މިރަށަށް އަދި މި ސަރަޙައްދަށް ފަހިވުން. މުޅި މިރާއްޖެއަށް ތަނަވަސް ދިރިއުޅުމެއް ލިބުން.

ސަރުކާރުގެ މަސައްކަތް ދަނީ ކުރިއަށް. އަޅުގަނޑެއް، އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ މިންވަރާ ގުޅޭގޮތުން ހިތްހަމަޖެހޭ ވާހަކައެއް ނުދަންނަވާނަން. އަޅުގަނޑުމެންނަށް މިއަށްވުރެ މާރަނގަޅަށް މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެންނަށް މިއަށްވުރެ މާ އަވަހަށް، މިއަށްވުރެ މާ ބާރަށް މަސައްކަތް ކުރުން ލާޒިމް، މަޖުބޫރު. އަޅުގަނޑުމެންނަށް ދެޖީލު ގެއްލި ހިނގައްޖެ. އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ، ގެއްލުނުތަން ހޯދަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހުއްޓާލާނީ، ގެއްލި މިދިޔަ ތަން ހޯދާފައި، އަޅުގަނޑުމެން ރާއްޖެ ބޭނުންވާ އަސާސީ ތަރައްޤީގެ އޮނިގަނޑު، ރާއްޖޭގެ ރަށްރަށުގައި ޤާއިމް ކޮށްފައި.

ސަރުކާރަށް މާކުރިއްސުރެ ފާހަގަވި، ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރަންޖެހޭކަން. އައްޑޫގައި އެކަން ކުރަން ޖެހިފައި އޮތްކަން އެއީ، އެއްވެސް މީހަކަށް އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. ސަރުކާރުން ޤަޞްދުކުރީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެމަސައްކަތް ކުރިއަށް ގެންދިޔުމަށް. އެއީ، ސަރުކާރާ ޙިއްޞާވާނެ އަމިއްލަ ފަރާތެއް ހޯދައި، އެފަރާތަކާ އެކީގައި، ބައިވެރިވުމާ އެކީގައި އެމަސައްކަތް ބާރަށް ކުރިއަށް ގެންދެވޭގޮތް ހޯދުން. ފެނާއި، ނަރުދަމައާއި، ކަރަންޓްގެ ޚިދްމަތް އެއީ، އެއް ކުންފުންޏަކުން ފޯރުކޮށްދޭ ޚިދްމަތަކަށްވީމާ، އެކުންފުނީގެ ވަރު، ބޭރުގެ އިންވެސްޓަރުންނަށް ސާފުވާނެ. އަޅުގަނޑު ގާތު ބައެއް ބޭފުޅުން، ބައެއްފަހަރަށް އެބަ ފާހަގަކުރޭ، މުލަކާއި އަދި އައްޑޫގެ މި ޔުޓިލިޓީ ހިންގުން، ދެފަރާތަކަށް، ދެބަޔަކަށް ހަދާ ވާހަކަ. އެހެން ހައްދަވައިގެން، އެއްގޮތަކަށްވެސް ކަމަކުނުދާނެ. ބޭރުގެ މީހުންވެސް އަދި އެހެން މީހުންވެސް، ވިޔަފާރީގެ އުޞޫލުން ކަންކަން ބަލައި، ކަންކަމަށް އިންވެސްޓް ކުރުމަށް ތައްޔާރުވަނީ ރަނގަޅު ޢަދަދު ހަމަވީމާ. ރަނގަޅު ޢަދަދުތައް ހަމަވާނީ، ހަމަ ދެތަނުގެވެސް ވިކުރާ އެއްކުރީމާ. ހަމައެކަނި މިރަށުގެ ކަރަންޓް ހިނގާ މިންވަރު އެއީ، މާބޮޑު މިންވަރަކަށެއް ނުވެދާނެ. އެހެން ނަމަވެސް، މިރަށާއި އަދި އައްޑޫސިޓީއާއި، ދެތަނުގެ ކަރަންޓް ހިނގާ މިންވަރު އެއީ ބޭރުގެ ބަޔަކަށް، އެކަމުގެ ތެރެއަށް އިތުރަށް އިންވެސްޓް ކުރުމަށް، އައުމަށް ވިޔަފާރި ދެކޮޅުޖެހޭ ހިސާބަކަށް ވެދާނެ. ފެނުގެ މައްސަލަވެސް އަދި ނަރުދަމާގެ ކަންތައްވެސް ހަމަ އޮތީ މިދެންނެވި މަގަށް. ހަމައެކަނި އެންމެ ރަށަކަށް، ނުވަތަ ދިހަވަރަކަށް ގެއަށް ނުވަތަ މަދުމީސްކޮޅަކަށް އެޚިދްމަތް ދިނުމަށް ބޭރުގެ ތަޖްރިބާކާރު އަދި ފައިސާވެރި ފަރާތްތަކުން އައުން ނާދިރު. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، މުޅި ރާއްޖޭގައި ފެނާއި، ނަރުދަމައާއި، ކަރަންޓްގެ ޚިދްމަތްދޭ 7 ކުންފުނި އުފެއްދުމަށް. އެގޮތުން އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ، އަޅުގަނޑަށް އުފާވެރިކަން ލިބެނީ، ސަދަން ޔުޓިލިޓީ ކުންފުންޏަކީ، މީގެތެރެއިން އެންމެ ރަނގަޅަށް ހިނގަމުން އަންނަ އެއްކުންފުންޏަށްވާތީ. ސަރުކާރުގެ ޙިއްޞާގެ ގޮތުގައި، ސަދަން ޔުޓިލިޓީ ކުންފުންޏަށް، މި ޕްރޮވިންސަށް ފެނާއި ނަރުދަމާގެ ޚިދްމަތް ދިނުމަށް ކަނޑައަޅާފައި އަދި އެކުންފުންޏަށް ދީފައިވަނީ ފަނަރަ މިލިއަން ޑޮލަރު. އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ ބައި ވޯޓަރ ކުންފުންޏާ އެކުގައި ސަދަން ޔުޓިލިޓީން އެގްރީމަންޓް ކޮށްގެން މިވަނީ ދެން ބޭނުންވާ ފައިސާގެ އަނެއްބައި، އެކުންފުނީގެ ފަރާތުން ހޯދާފައި. އެހެންވީމާ، އަޅުގަނޑުމެންނަށް މިހާރު މިދަނީ މަސައްކަތްތައް ބާރަށް ރަނގަޅަށް ކުރެވެމުން.

ދެންމެ ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު ސާފުކޮށްދެއްވައިފި، ފެނާއި ނަރުދަމާގެ މަސައްކަތް، ކުޑަތަންކޮޅެއް މަޑުޖެހިފައި މިވަނީ، ސާކް ސަމިޓްގެ މަސައްކަތުގައި ސަދަން ޔުޓިލިޓީ އުޅެންޖެހޭ މިންވަރު ބޮޑުކަމުން. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން އެކަމާ ވިސްނިވަޑައިގަންނަވައި އަދި އެކަމަކީ ސަރުކާރުން މިވަގުތު ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން ކޮށް ނިންމާންޖެހޭ ކަމެއްގެ ގޮތުގައި، ތިޔަބޭފުޅުންވެސް ޤަބޫލު ކުރައްވައި، އެކަމުގައި ތިޔަބޭފުޅުން އަވަދިނެތި އުޅުއްވާނެ ކަމަށް.

އަޅުގަނޑު އެންމެފަހުން މިހޯލްގައި ވާހަކަ ދެއްކި ދުވަހު އަޅުގަނޑަށް ހަނދާންވާ ގޮތުގައި، ތިޔަބޭފުޅުން ފާހަގަކުރެއްވި އެންމެބޮޑު މައްސަލައަކީ އެއަރޕޯޓްގެ މައްސަލަ. އަދި އެއީ ޚާއްޞަކޮށް މިދިޔަ ހައެއްކަ އަހަރު އަޅުގަނޑު ފުވައްމުލަކަށް އައި ކޮންމެ ފަހަރަކުވެސް މިރަށު ރައްޔިތުން ދައްކާ ވާހަކައެއް. އަދި މިރަށު ފާރުތަކުގައި ވަރަށް ސާދާ ބަހުން އޮޅުމެއް ނެތް ގޮތުގައި ލިޔެފައި ހުރި ވާހަކަތަކެއް. އަޅުގަނޑު ގާތުގައި ބައެއް ޒުވާނުން ފާހަގަކުރަމުން ގެންދިޔަ، މަގެއްވެސް ބޭނުމެއް ނެތޭ، ނަރުދަމައެއްވެސް ބޭނުމެއް ނެތޭ، ފެނެއްވެސް ބޭނުމެއް ނެތޭ، ބޭހެއް، ތަޢްލީމެއްވެސް ބޭނުމެއް ނެތޭ، ބޭނުމީ އެއަރޕޯޓޭ. އަޅުގަނޑަށް ވިސްނުނީ، އެއީ ވަރަށްބޮޑު ތެދެކޭ. ބޭނުމީ ތަރައްޤީއޭ. ބޭނުމީ ގުޅުމޭ. ފުވައްމުލަކަކީ އެކަހެރިން އޮތް ރަށެކޭ. މިރަށާއި އަޅުގަނޑުމެންގެ ރާއްޖެއާ ވަރަށް ބޮޑަށް ގުޅުމަށް، މިރަށު މީހުން އެދޭނެކަމީ، އަޅުގަނޑުމެންނަށް ބިޔާދޫ އަތޮޅު މީހުންނަށް، ނުވަތަ މާލެއަތޮޅު މީހުންނަށް ދެނެގަންނާން، ސާފުވާން އުނދަގޫ ވާހަކައަކަށް ވެދާނެ. އިރާދަކުރައްވައިގެން، މިހާރު އެއަރޕޯޓްގެ މަސައްކަތް އެދަނީ ކުރިއަށް. އަޅުގަނޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ، އެއަރޕޯޓްގެ މަސައްކަތް އަޅުގަނޑުމެންނަށް ނިންމާލެވޭނެ. އަދި މިހާރު އެސް.ޓީ.އޯ.ގެ ފަރާތުން އަދި އެ ކޮންޓްރެކްޓާ ޙަވާލުވެ ތިއްބެވި ހުރިހާ ފަރާތްތަކަކުން އަޅުގަނޑުމެންނަށް ޔަޤީންކޮށް އަރުވާ، ނޮވެމްބަރ 11 އަށް އަޅުގަނޑުމެންނަށް އެ އެއަރޕޯޓް ހުޅުވި، އެއަރޕޯޓްގެ ބޭނުން ކުރާން ފެށޭނެއޭ.

އެއަރޕޯޓް މިތަނުގައި އެޅުނީމާ، އަޅުގަނޑު ޝާހިދު އަރިހުން ސާފުކޮށްލިން، ކިހާވަރެއް، ކިހާ ފައިސާއެއް ކޮންމެ މަހެއްގެ މައްޗަށް ޚަރަދުވަމުންދާނެހޭ؟ ޝާހިދު ވިދާޅުވީ، އެއަރޕޯޓް ހެދުމުގެ ފައިސާގެ އިންޓްރެސްޓަށް އެކަނި ފަސްލައްކަ ރުފިޔާވަރު ދައްކަންޖެހޭނެއޭ. ދެން އޭގެއިތުރުން، އަދި ތަން ހިންގުމުގެ ޚަރަދެއް ހިނގާނެ. އަދި އޭގެއިތުރުން، އެތަން އެޅުމަށްދިޔަ ފައިސާ އަނބުރާ ހޯދާންޖެހޭނެ. އަޅުގަނޑަކަށް ސާފެއްނުވޭ، ފުވައްމުލަކުގައި މާލެއިން މިތަނަށް ދަތުރުކުރާ ތިރީހެއްހާ މީހުން ހަފްތާއަކަށް، އެދަތުރު ކޮށްގެނެއް މިދެންނެވި ފައިސާ އަޅުގަނޑުމެންނަށް ތެދުކުރެވޭނެ ކަމަކަށް. އެހެން ނަމަވެސް، އަބަދުވެސް ތަރައްޤީގައި ވިސްނާން މިޖެހެނީ، ޚާއްޞަކޮށް، ޤައުމީ ތަރައްޤީގައި، ކޮންމެ ކަމަކީވެސް ދެމެހެއްޓެނިވި ކަމަކަށްވާންޖެހޭ ކަމާއި އަދި އެ ވަށާޖެހެން ޖެހޭނެ ކަމަށް. ތެދުވާންޖެހޭނެ ކަމަށް. ދެކޮޅުޖެހެން ޖެހޭނެ ކަމަށް. ކުރެވޭ ޚަރަދަކީ، ކޮންމެވެސްއިރަކު، އެއީ ކިތަންމެ ފަހަކުން ނަމަވެސް، އަނބުރާ ހަމަވާންޖެހޭނެ ޚަރަދެއް ކަމަށް.

އެއަރޕޯޓްގެ ދެކޮޅު ޖެއްސުމަށްޓަކައި ސަރުކާރުން މިހާރު ވިސްނާފައިވަނީ، މިރަށުގައި ސަރުކާރުން ހޮޓަލެއް އަޅާން. ޓުއަރިސްޓް ހޮޓަލެއް މިރަށުގައި އަޅައި، އެ ހޮޓާ ހިންގުން ބަޔަކާ ޙަވާލުކޮށްގެން، މިތަނަށް ޓުއަރިސްޓުން ގެނައުމުގެ މަސައްކަތް، މިހާރަށްވުރެ ބޮޑަށް ސަރުކާރުން ސީދާ ބައިވެރިވެގެން އެކަން ކުރާން. ސަރުކާރުގެ ވިސްނުމަކީ، އެއަރޕޯޓާއި، މިދެންނެވި ހޮޓާ، އިރާދަކުރެއްވިއްޔާ، ނޮވެމްބަރ 10 ވަނަ ދުވަހު ތިޔަބޭފުޅުންނާ ޙަވާލުކުރުން. ސަރުކާރުގެ އަމާޒަކީ، މިދެންނެވި އެއަރޕޯޓްވެސް އަދި މިދެންނެވި ހޮޓާވެސް ރަށުގެ ކައުންސިލާ ޙަވާލުކުރުން. މާލޭގައި ތިބެގެން އަޅުގަނޑުމެން އެއަށް އަތްލައި، އެއަށް ގޮތް ކިޔައި، އެއިން ފައިދާ ހޯދާކަށް ބޭނުމެއް ނޫން. ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި އެކަންކަން ބޭނުން ކުރެވުނީމާ، މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ފައިދާވާނެ.

އެއަރޕޯޓްގެ ބޭނުމަށްޓަކައި އަދި އެއަރޕޯޓުން ދެކޮޅު ޖެއްސުމަށްޓަކައި ކުރެވޭންހުރި ކިތަންމެ މަސައްކަތެއް ފުވައްމުލަކުގެ މާޙައުލުން، ފުވައްމުލަކުގެ ޤުދްރަތީ ވަސީލަތްތަކުން އެތައް ބަޔަކަށް ފެންނާން އެބަހުރި. އެއަރޕޯޓަކީ އަވަސް އަވަހަށް ދަތުރުކުރާ ދަތުރުފަތުރުގެ ނިޒާމް. ފަސޭހައިން ހަލާކުވާ އުފެއްދުމަކީ އަވަހަށް ގެންދާންޖެހޭ އެއްޗެހި. ފުވައްމުލަކަކީ، މާމެލާމެއްޔާއި ގަސްގަހާގެހި ނުހަނު ރަނގަޅަށް ހެދޭ ރަށެއް. މިރަށުން އުފައްދާ، އަވަހަށް ހަލާކުވާ އެބާވަތުގެ ތަކެތި މާލެއަށްވެސް އަދި އެހެން ތަންތަނަށްވެސް ފަހިވެގެންދާ އެންމެބޮޑު އެއްމަގަކީ އެއަރޕޯޓް. އަޅުގަނޑު އުންމީދު ކުރަން، އެބާވަތުގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށް އިކޮނޮމިކް މިނިސްޓްރީންވެސް އަދި ކައުންސިލުންވެސް މަސައްކަތް ކުރާނެ ކަމަށް. އަދި މި ސަރުކާރުން އެމަސައްކަތަށްޓަކައި ވެދެވެންހުރި ހުރިހާ އެހީތެރިކަމެއް އިރާދަކުރެއްވިއްޔާ ވެދޭނެ.

މިއަދު ހަމަ މިޖަލްސާގައި އަޅުގަނޑު އިތުރު ނިންމުމެއް ނިންމާން އެބަ ޤަޞްދު ކުރަން. މިކަމަށް ވަޒީރުންގެ މެދުގަޔާއި އަދި ތިޔަބޭފުޅުންގެ ކައުންސިލަރުންގެ މެދުގައި މިވަނީ މަޝްވަރާ ކުރެވިފައި. ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އަޅުގަނޑުމެންނަށް ވާހަކަ ދައްކާ އުޅެވޭ މެންބަރުންނާ އަޅުގަނޑުމެންވާނީ މަޝްވަރާކޮށް ވާހަކަ ދައްކައި ހަދާފައި. ސަރުކާރުން ޤަޞްދު ކުރަނީ، މިއަތޮޅުގައި ފަޅު ދެރަށް އުފައްދާން. މިއަތޮޅުގެ ވަކި ދެސަރަޙައްދަކީ ދެ ފަޅުރަށް ކަމުގައި ކަނޑައަޅަން. ރާއްޖޭގެ ޢާންމު ޤާނޫނުތައް، މިކަން ކުރުމުގެ ރަނގަޅު އިޖްރާތެއް ސަރުކާރަށް ފޯރުކޮށްދީފައި އެބައޮތް. އޭގެތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުގައިވާ ޙުދޫދުގެ ތެރެއިން، ޤާނޫނުގައިވާ ހަމަތަކުގެ މަތިން ފަޅު ރަށްރަށާއި، މީހުން ދިރިއުޅޭ ރަށްރަށް ކަނޑައެޅުމުގެ އިޚްތިޔާރު އެބަ ލިބިދޭ. އެހެންވީމާ، ސަރުކާރުން ޤަޞްދު ކުރަނީ، ފުވައްމުލަކުގައި ދެ ފަޅުރަށް، ދެސަރަޙައްދަކީ ދެ ފަޅުރަށް ގޮތުގައި ކަނޑައެޅުމަށް. އަޅުގަނޑަށް ލަފާދީފައި އޮތް ދެ ސަރަޙައްދަކީ، ސިޓީ ހޮޓަލެއް އެޅުމަށް ކަނޑައަޅާފައި އޮތް ސަރަޙައްދާއި އަދި އެއަރޕޯޓް އެޅުމަށް ކަނޑައަޅާފައި އެވާ ސަރަޙައްދު. އެހެންވީމާ، އަޅުގަނޑުމެން މިއަދަށްފަހު، ނިމިގެންދާ ނިންމުންތަކުގެ ތެރޭގެ އެއް ނިންމުމަކީ، މިއަތޮޅުގައި ދެ ފަޅުރަށް އެބައޮތް ކަމާއި، އެ ދެފަޅުރަށަކީ ޓުއަރިޒަމްގެ މަސައްކަތަށް ބޭނުންކުރެވޭ ދެފަޅުރަށްކަން. މީގެތެރެއިން އެއްރަށުގައި އިރާދަކުރެއްވިއްޔާ، މިއަންނަ ހަފްތާގެ ތެރޭގައި، ސަރުކާރުން އަޅާ ރެޒޯޓް އަޅަން ފަށާނެ. އެ ރެޒޯޓް، ނޮވެމްބަރ 11 އަށް އަޅައި ނިންމޭނެ ކަމުގެ އުންމީދު އަޅުގަނޑުގެ އެބައޮތް. އަޅުގަނޑު ދެކެނީ، ފުވައްމުލަކުގެ ރައްޔިތުން ނުކުމެ، އެކަމަށް މަސައްކަތް ކުރައްވައިފިނަމަ، އެއީ ވަރަށް ފަސޭހައިން ވާންއޮތް ކަމެއް. އަޅުގަނޑެއް ނުދެކެން، ރާއްޖޭގައި ރެޒޯޓެއް ހަދާ ތަނެއް، މިރަށު ރައްޔިތުން ނުލައެއް. މިރަށުގެ ރައްޔިތުން އެއްބައި ކިޔާފައި ނުކުމެ އެމަސައްކަތް ކުރެވިއްޖެނަމަ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެމަސައްކަތަކީ ދާދި އަވަހަށް ދެހަފްތާއެއް ތެރޭގައި ނިންމާލެވިދާނެ މަސައްކަތެއް.

މިދެންނެވި މަސައްކަތުގެ އިތުރުން އަދި އަޅުގަނޑު ހަމަ ތިޔަބޭފުޅުންގެ ކިބައިން އެދޭ އިތުރު މަސައްކަތްތަކެއް އެބަހުރި. އެ ދިގު ރަންވޭގެ ދެފަރާތުގައި ވިނަ އިންދާން ކޮންމެހެންޖެހޭ. އަޅުގަނޑު އެއްގޮތަކަށްވެސް ނޭދެން، ސާކްގެ 8 ވެރިންގެ އަނބިއަނބިކަނބަލުން މިރަށަށް ވަޑައިގަންނަވާއިރުގައި، ކޮންސްޓްރަކްޝަން ސައިޓަކަށް ވަޑައިގަންނަވާކަށެއް. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ހުރިހާ އެންމެން ނުކުމެވެސް މިދެންނެވި ރަންވޭގެ ދެފަރާތް ޒީނަތްތެރިކޮށް، އެއީ، އާ ތަނެއްގެ ގޮތުގައި ދައްކާއިރުގައި، ފުރިހަމައަށް ނިމިފައި ހުރި ތަނެއްގެ ގޮތުގައި ދެއްކޭނެ ގޮތެއް ހޯދުން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެކަމުގައިވެސް ފުވައްމުލަކުގެ ހުރިހާ ރައްޔިތުން މަސައްކަތް ކޮށްދެއްވުމަށް.

އަދި ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ، ކްރިކެޓަކީ ސައުތު އޭޝިޔާގެ، މި ސަރަޙައްދުގެ އެތެރެވަރީގެ ޤައުމުތައް ގުޅުވައިދޭ އެންމެ މުހިންމު އެއް ކުޅިވަރު. އަޅުގަނޑުމެންގެ ތެރޭގައި އެ ކުޅިވަރަށް ކުޑަކޮށް ބީރައްޓެހިކަމެއް އޮތް ކަމުގައި ވިޔަސްވެސް، ދުނިޔޭގެ ފެންވަރުގައި، ސާކްގެ 8 ޤައުމުގެ ތެރެއިން 4 ޤައުމު ކްރިކެޓް ކުޅޭ. ސާކްގެ ކަމެއް ބާއްވާއިރުގައި، ފުވައްމުލަކު ރައްޔިތުންނަށް، ބައިނަލްއަޤްވާމީ ފެންވަރުގެ ކްރިކެޓް ދަނޑެއް މިރަށުގައި އޮވެ، އެ ދަނޑުގައި ސާކްގެ ޤައުމުތަކުގެ 19 އަހަރުން ދަށުގެ ޤައުމީ ޓީމްތަކުގެ މުބާރާތެއް ބޭއްވޭކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިދެންނެވި ދަނޑުގެ މަސައްކަތް، ޢަމަލީ މަސައްކަތް މިހާރު އެވަނީ ފެށިފައި. އެހެން ނަމަވެސް، އޭގައިވެސް ހިމެނޭ އިތުރު މަސައްކަތްތައް ވަރަށްގިނަ. އަޅުގަނޑު ފުވައްމުލަކުގެ ރައްޔިތުންގެ ކިބައިން އެދެނީ، އެމަސައްކަތްތައްވެސް ތިޔަބޭފުޅުން ނުކުންނަވައި ނިންމަވައިދެއްވުމަށް.

އަދި ހަމައެހެންމެ، ސާކްގެ ވެރިންގެ އަނބިއަނބިކަނބަލުން ވަޑައިގެން، ސައިފޮދު ހިއްޕަވަން ހަވީރު ހަމަޖެހިފައި އޮތީ ފުވައްމުލަކުގެ ގޮނޑުދޮށުގައި. މިދެންނެވި ސަރަޙައްދުގައި، ފުވައްމުލަކުގެ 8 އަވަށުން ބޭފުޅުން، 8 ވެރިންނާއި، 8 ވެރިންގެ އަނބިކަނބަލުންނާ އެކުގައި ސައިފޮދުގައި ބައިވެރިވާ ގޮތަށް ކަންތައްތައްވަނީ އިންތިޒާމް ކުރެވިފައި. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން އެސަރަޙައްދުވެސް، އެ ކުރެހުންތަކުގައިވާ ގޮތަށް ހަދައި ނިންމުމަށް، ޒީނަތްތެރި ކުރުމަށް ކުރަންޖެހޭ ކަންކަން ތިޔަބޭފުޅުން ކުރައްވާނެ ކަމަށް. އަޅުގަނޑުމެންނަށް މިދެންނެވިހެން ސަމިޓާ ގުޅުވައިގެން ކުރާންހުރި ކަންކަން ނުހަނު ގިނަ. އެކަންކަން ބާރަށް ކުރުމަކީ، އަޅުގަނޑުމެންގެ ތަރައްޤީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިޔުން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުން އެމަސައްކަތްތައް، ސަރުކާރާއި އަދި އަވަށްޓެރި ޤައުމުތަކާއެކުގައި ބާރަށް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެކަން.

އަޅުގަނޑުމެންގެ ވަރަށްބޮޑު ވަޢުދެއް އެއީ، ބޯހިޔާވަހިކަން. މީގެކުރީގައި އަޅުގަނޑުމެން ބައެއްފަހަރަށް ހީކޮށް ތިބީ، ތޮއްޖެހިފައި އޮންނަ ރަށްރަށުގައޭ ގެއެއް ބޭނުންވަނީ. އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވަމުން އެބަދޭ، ބޯހިޔާވަހިކަމުގެ ޕްރޮގްރާމް، ފުވައްމުލަކުގައި ރޭވުމަކީ ވަރަށް މުހިންމު ކަމެއްކަން. އަޅުގަނޑުމެންގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއިން ފުވައްމުލަކުގައިވެސް 100 ގެ އެޅުމުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ހިންގައިދޭނެ. ސަރުކާރުގެ ބޭނުމަކީ، އެޗް.ޑީ.އެފް.ސީ.ގެ ފަރާތުން އެ، ދޭ ލޯނުތަކުގައި ފުވައްމުލަކު އަނެއްކާވެސް ހިމެނޭނެ ގޮތް ހޯދުން. މީގެކުރީގައި ފުވައްމުލަކުގެ ބައެއް ފަރާތްތަކުން ނަންގަވާފައިވާ ލޯނުތަކާ ގުޅޭގޮތުން ކުޑަކޮށް ފަރުވާކުޑަކޮށްފައިވާތީވެ، މިދެންނެވި ކުންފުނިން ބައެއްފަހަރަށް ފަހަތަށްޖެހޭ އިތުރު ލޯނު ދިނުމަށް. އަޅުގަނޑު ލޯނާ ގުޅޭގޮތުން ދަންނަވާން އޮތް ވާހަކައަކީ، ސާފުކޮށް ދެއްކެން ނެތިސް ލޯނެއްގައި އަތް ނުލައްވައްޗޭ. އަދި ލޯނެއް ނަންގަވައިފިނަމަ، އެ ލޯނެއް ނެންގެވި ކަންތައް ނޫން ކަމެއް، އެއިން ކޮށްފިއްޔާ، މުޅި ޙަޔާތް، އެކަމުގެ ސަބަބުން ބަރުބާދުވެދެއޭ. އަޅުގަނޑުމެން ގެއެއް އަޅަން ލޯނެއް ނަގައި، އެލޯނުން ޓްރިވެންޑްރަމަށް ދަތުރުކުރީމާ، އެ ދެން ކުރެވުނީ ވަރަށް ގޯސް ކަމެއް. އެއިރުން ލޯނު އަނބުރާ ދެއްކެވޭނެ ގޮތެއްވެސް ނޯންނާނެ. އަދި ގެއެއްވެސް ނޯންނާނެ. ދެން ޓްރިވެންޑްރަމްގައި ވީއުފާވެސް އިސާހިތަކު ގެއްލި ހިނގައިދާނެ.

އަޅުގަނޑު މިއަދު ދައްކާން ހުރި ވާހަކަ ތަފާތުވެސްމެ. އަޅުގަނޑަށް ވަރަށް ބޮޑަށް އެނގޭ، ފުވައްމުލަކުގައި މިހާރު ބަލިވެ ތިބީ ކިތައް އަންހެނުންކަން. އަޅުގަނޑަށް އެނގޭ، މިރަށުގައި މިވަގުތު ގައިނަކޮލޮޖިސްޓެއް، އަންހެނުންގެ ޑޮކްޓަރެއްގެ ދަތިކަން އެބައޮތްކަން. އަޅުގަނޑަށް އެނގޭ، މިރަށުގައި ޞިއްޙީ ޚިދްމަތުގެ ކަންކަން، ރައްޔިތުން އެންމެ ބޭނުންވާ މިންވަރަށް ފޯރުކޮށްދެވިފައި ނުވާކަން. އަޅުގަނޑަށް އެނގޭ އަދި މިރަށް އެކަންޏެއް ނޫން، އައްޑުއަތޮޅުގައިވެސް ހަމަ ކަން އޮތީ މިދެންނެވި މަގަށް. މާލޭގައިވެސް ކަންއޮތީ މިދެންނެވި މަގަށް. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، ކަން މިފަދައިން އޮތް އެންމެ ބޮޑު އެއް ސަބަބަކީ، ޞިއްޙީ ޚިދްމަތް ދިނުމާ ގުޅޭގޮތުން މި ސަރުކާރުގެ ސީދާ ޕްލޭނަށް، ސީދާ އުޞޫލުތަކަށް އަޅުގަނޑުމެންނަށް އަދި ޢަމަލު ކުރާން ފެށިފައި ނުވާކަން. ދާދި އަވަހަށް ސަރުކާރުން އިރާދަކުރެއްވިއްޔާ މިކަން ބަދަލުކުރާނެ. ފުވައްމުލަކުގެވެސް، ރާއްޖޭގެވެސް ހުރިހާ ރައްޔިތުން، ހެލްތް އިންޝުއަރެންސްގައި އިރާދަކުރެއްވިއްޔާ ރަޖިސްޓްރީ ކުރެވޭނެ. ހެލްތް އިންޝުއަރެންސްގައި ފުވައްމުލަކުގެ ހުރިހާ ރައްޔިތުން ރަޖިސްޓްރީ ކުރެވި، އެއަށްފަހުގައި ހެލްތް ކޯޕަރޭޝަންތަކުން އެބޭފުޅުންނަށް ދެކޮޅުޖެހޭ އަގު، ޚިދްމަތްތަކަށް ނެގީމާ، ދެން އަޅުގަނޑުމެން މިއެދޭ ރަނގަޅު ޞިއްޙީ ޚިދްމަތްދޭ ހޮސްޕިޓަލެއް ޤާއިމް ކުރެވޭނެ. އެހެންވީމާ، މިބަދަލު އެބަ ގެންނާންޖެހޭ. އެބަދަލަށްޓަކައި އަޅުގަނޑުމެންނަށް ބޭނުންވެފައި އޮތީ ފައިސާ. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ވޯޓާއެކީގައި، އަޣްލަބިއްޔަތު ވޯޓާއެކުގައި އަޅުގަނޑުމެންނަށް މިހާރު މިވަނީ ފައިސާގެ އަލިކަމެއް ފެނިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ހެލްތް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކުރެވޭނެ. ސަރުކާރުން އެކަމަށް ޚަރަދު ކުރާނެ. އަދި ހެލްތް ކޯޕަރޭޝަންތަކުން ޚިދްމަތުގެ އަގު، ދެކޮޅުޖެހޭ އަގެއްގެ ގޮތުގައި ކަނޑައަޅައި، އެ އަގު ނަގަމުން ގެންދާނެ. އަޅުގަނޑު ޤަބޫލު ކުރަނީ އަދި އަޅުގަނޑުމެން ދެކޭގޮތުގައި، އެ ނިޒާމަށް އަޅުގަނޑުމެން ބަދަލުވީމާ، އަޅުގަނޑުމެންގެ ކަންކަން ފުރިހަމަވެގެންދާނެ ކަމަށް.

ނިންމާލުމުގެ ކުރީގައި، އަޅުގަނޑު ދެވާހަކައެއް ދަންނަވާލަން އެބައޮތް. ދެވާހަކައަކީވެސް ހިތާމަވެރި ދެވާހަކަ. އެނގިވަޑައިގަންނަވާނެ، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ފަސްދާނުވެޑުވިފައި އޮންނަނީ މިރަށުގައި. އެމަނިއްޕުޅަކީ 32 އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި ޝަމްސުއްދީން ރަދުންގެ ދޮށީ މަނިއްޕުޅު. ދިވެހި ވެރިކަމުގެ ނިޒާމް ހުތުރުވެދިޔަ މިންވަރު، ފުވައްމުލަކު ރައްޔިތުންނަށް ސާފުވާނެ އެންމެބޮޑު އެއްސަބަބަކީ، މިދެންނެވި ވަލީ ޢަހުދު ތަޅާ އަނިޔާކޮށް އަޅާނުލެވި މިރަށުގައި ވަޅުލެވިފައިވާކަމުން. އަޅުގަނޑު މިރޯދަމަހަށް މާލޭ ހުކުރު މިސްކިތުގެ މަހާނަގާތައް ސާފުކުރިން. އެއީ ތާރީޚަށްޓަކައި. އެއީ ތާރީޚީ ކަމެއްގެ ގޮތުގައި. އަޅުގަނޑު ކައުންސިލްގެ ކިބައިން ވަރަށް ބޮޑަށް އެދެން، ޙަސަން ޢިއްޒުއްދީން މަނިއްޕުޅުގެ މަހާނައާއި ޤަބުރުސްތާނު އަނެއްކާ އަލުން އަނބުރާ އަޅުގަނޑުމެންނަށް ބެލެހެއްޓޭނެ ގޮތެއް ހައްދަވައިދެއްވުން.

ހަމައެއާއެކުގައި އަޅުގަނޑު ދެން ދަންނަވަން އޮތް ވާހަކަ ވަރަށް އުނދަގޫ. މިރަށުގެ ޒުވާނަކު ވަނީ ޕާކިސްތާނަށް ގޮސް ގެއްލިފައި. މިއަކީއެއް އަލަކުން ހިނގާ ކަމެއް ނޫން. ރަށުން ތިމަންނާގެ އަމިއްލަ ދަރިފުޅު ފޮނުވާލެވެނީ ތަޢްލީމެއް ލިބޭނެ ކަމުގެ އުންމީދުގައި. އެހެން ނަމަވެސް، ވެއްދޭ މަދްރަސާއެއްގެ ސަބަބުން ބައެއްފަހަރަށް އެކުދިން މިވަނީ ތަޢްލީމެއް ލިބެން، ހޯދަން އުޅޭ ބައެއްގެ ގޮތުގައެއް ނޫން. އެހެން ނަމަވެސް، ޖިހާދަކަށް، ހަނގުރާމައަކަށް ތައްޔާރުވާ ކުދިންގެ ގޮތުގައި. އެހެންވީމާ، މައިންބަފައިންނަށް ކުދިން ގެއްލިދާތަން އެބައާދޭ. އަޅުގަނޑު ފުވައްމުލަކުގެ ހުރިހާ ރައްޔިތުންނަށްވެސް، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދެން. ހަނގުރާމައަށް، ޖިހާދަށް ތިޔަބޭފުޅުންގެ ދަރިން އަދި ތިޔަބޭފުޅުންވެސް ފޮނުއްވެވުމުގެ ދީނީ ވިސްނުމެއް އަޅުގަނޑަކަށް ސާފެއްނުވެއޭ. އަޅުގަނޑު ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންގެ ގާތުން ވަރަށް ބޮޑަށް މިކަން އޮޅުންފިލުވައިފިން. އެބޭފުޅުންނަކަށްވެސް ސާފެއްނުވޭ، ޖިހާދެއް ކުރާން ވެއްޖެނަމަ، އަޅުގަނޑު ހިތުން ރާއްޖޭގައި ކުރާންހުރި ޖިހާދު ނުހަނު ގިނަ. ނުނިމި ހުރި ކަންތައް، ކުރާންހުރި ކަންތައްތައް އެހާމެ ބައިވަރު. އަޅުގަނޑުމެން އަފްޣާނިސްތާނު ބޯޑަރު މައްޗަށް ގޮސް، ކަންދަހާރުގައި ޖިހާދު ކުރާންވީ ސަބަބެއް އަޅުގަނޑަށް އޮޅުންފިލާން ދަތި. އަޅުގަނޑު ފުވައްމުލަކު ހުރިހާ ރައްޔިތުންގެ ކިބައިންވެސް އަދި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ކިބައިން އެދެން. މިދެންނެވި މަގަށް ތިޔަބޭފުޅުންގެ ދަރިން ނުފޮނުއްވަވާށޭ. އަޅުގަނޑުމެންނަށް، ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ކުދިންނަށް ރަނގަޅު ތަޢްލީމެއް އިރާދަކުރެއްވިއްޔާ ދެވޭނެ. މި ސަރުކާރުން އިރާދަކުރެއްވިއްޔާ، އެކަމުގައި ތިޔަބޭފުޅުންނަށް އެހީތެރިވެދެވޭނެ. އެހެންވެގެން ފެށުނީއްސުރެ ފަށައިގެންވެސް އަޅުގަނޑު ދައްކަމުން އައި ވާހަކައެއް، މަތީ ތަޢްލީމުގެ ފުރްޞަތު، މިފުވައްމުލަކުގައި ލިބެންޖެހޭނެ. އެ ފުރްޞަތު ފަހިކުރުމަށްޓަކައި ޔުނިވަރސިޓީގެ ފެކަލްޓީއެއް، މިމުލަކުގައި ހެދުމަށް މަސައްކަތް ކުރާނެ ވާހަކަ، އަޅުގަނޑު ކުރީގައިވެސް ވާނީ ދަންނަވާފައި. އަޅުގަނޑު އަނެއްކާވެސް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އެމަސައްކަތް އަޅުގަނޑެއް ހުއްޓައެއްނުލަމޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެމަސައްކަތްވެސް ތިޔަބޭފުޅުންނަށް ކޮށް ނިންމައިދޭނަމޭ.

އަޅުގަނޑު ސާކް ސަމިޓާ ގުޅޭގޮތުން ނަސީމް ދައްކަވާފައިވާ ވާހަކަތަކުގެ އިތުރަށް، އަޅުގަނޑަށް ދައްކާން ހުރި ވާހަކައެއް ނެތް. އެހެން ނަމަވެސް، ޤަބޫލު ކުރައްވާތި، މި ދެކުނު އޭޝިޔާއަކީ މައްސަލަ ކުޑަ، މަދު ސަރަޙައްދެއް ނޫން. މި ސަރަޙައްދުގެ އެންމެމަތީ 8 ވެރިން، އެއްތަނެއްގައި ކުޑަހިނދުކޮޅަކަށް ނަމަވެސް މަޑުކޮށްލުމުގެ ފުރްޞަތު، އަހަރަކު އެއްފަހަރު ލިބޭކަމީ، އެއީ އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ފެންނަ ފެނުމުގައި، މިސަރަޙައްދަށްވެސް އަދި ދުނިޔޭގެ ޞުލްޙައަށްވެސް އެޅޭ ވަރަށްބޮޑު ބާރެއް. އެނގިވަޑައިގަންނަވާނެ، އިންޑިޔާއާއި ޕާކިސްތާނުގެ ޞުލްޙައަށް ދިވެހިރާއްޖެ އެދޭ މިންވަރު އަޅުގަނޑުވާނީ ސިންގަޕޫރުގައި ފާހަގަކޮށްފައި. އަޅުގަނޑު ވަރަށް ސާފުބަހުން ދެންނެވިން، އަޅުގަނޑުމެންގެ ކެތްތެރިކަން ކޮޅުންލަތްޕޭ. ތިޔަބޭފުޅުން ޞުލްޙައިގައި ކަންކުރެވޭނެ ގޮތެއް ހޯއްދަވާށޭ. އަޅުގަނޑު ވަރަށް އުފާވޭ، ދާދި ފަހުން އިންޑިޔާގެ ފޮރިން މިނިސްޓަރު ވަޑައިގެން ވިދާޅުވި. އެބޭފުޅުން އިންޑިޔާއާއި ޕާކިސްތާނާ ދެމެދުގައި، މިދިޔަ އަހަރުގެ ތެރޭގައި، މަތީ ފެންވަރުގެ ހަތަރު ފަސް ބައްދަލުވުމެއް ވެވިފައިވޭ. ޕާކިސްތާނުގެ އާ ފޮރިން މިނިސްޓަރު އަޅުގަނޑުމެންނަށް ވަނީ ދާދިފަހުން އިންޑިޔާއިން ފެނިފައި. ހަމަ އިންޑިޔާ ޕާކިސްތާން އެކަންޏެއް ނޫން. އެނގިވަޑައިގަންނަވާނެ، ސްރީލަންކާގައި ނިމި އެދިޔައީ، ވަރަށް ދުވަސްވީ ދާޚިލީ ހަނގުރާމައެއް. އެ ދާޚިލީ މައްސަލައިގެ ފަހުން އެޤައުމުގެ ނަސްލުތަކަށް ޞުލްޙަވެރިކަމާއެކުގައި އުޅެވޭނެ ގޮތްތަކެއް ހޯދުމަކީވެސް އެހާމެ ބޭނުންތެރިކަމެއް. އެހެންވީމާ، މި ސަމިޓްގައި އެކަމަށްވެސް އަޅުގަނޑުމެންނަށް އަލިއަޅުވާލެވި، ކޮންމެވެސްވަރެއްގެ ޚިޔާލުތަކެއް ދެވޭނެ ކަމަށް ދެކެން. އަދި ހަމައެއާއެކުގައި އަފްޣާނިސްތާނަކީވެސް ހަމަޖެހޭ ވެރިކަމެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޤައުމެއް. އަދި އަފްޣާނިސްތާނުގެވެސް މިދެންނެވި އެކިއެކި ފަރާތްތައް އެކުގައި ވާހަކަ ދައްކައި ހެދޭނެ ގޮތެއް ދިވެހި ސަރުކާރުންވެސް މިއަންނަނީ ހޯދަމުން.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް މިއަދަށްވުރެ އަދި މާ ތަނަވަސް، މާ ފާގަތި ގޮތެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.