بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 2 ސެޕްޓެމްބަރ 2011 ވީ ހުކުރު ދުވަސް. މިހާރު އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ ބަރަކާތްތެރި ފިޠުރު ޢީދު ދުވަސްތައް. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފިޠުރު ޢީދު ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އެބަދޭ.

މިވަގުތު އަޅުގަނޑު މިހުރީ ފިޠުރު ޢީދުގެ ޗުއްޓީ ހޭދަކުރުމަށް އައްޑުއަތޮޅު ވިލިނގިއްޔަށް ކުރި ދަތުރެއްގައި، ފުވައްމުލަކަށް އައިސް. އެހެންވީމާ، އަޅުގަނޑަށް ވަރަށް ސާފުކޮށް މިދަތުރުން އައްޑުއަތޮޅާއި ފުވައްމުލަކުގައި ސާކް ސަމިޓަށް ވަމުންދާ ތައްޔާރީތައް އަދި މިދެރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބޮޑަށް، ވަރަށް ސާފުކޮށް އެނގިގެން އެބަދޭ. މީގެތެރެއިން އައްޑޫސިޓީގައި އެބަ ހިނގާ، އެ ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް. އެ ސިޓީގައި ބިނާކުރެވޭ، އެ ސިޓީގައި ހެދޭ 8 ކިލޯ މީޓަރުގެ މަގު، އެއީ ހިތަދޫ ބޮޑުމަގާއި އަދި ކޮންވެންޝަން ސެންޓަރު ވަށައިގެންވާ މަގުތައް. އަދި ހަމައެހެންމެ، އައްޑޫސިޓީގެ ހުރިހާ ރަށެއްގެ ބަނދަރާއި އަދި އެހެންވެސް ކިތަންމެ މަސައްކަތްތަކެއް މި ސިޓީގައި ހިނގަމުން އެބަދޭ.

ސާކް ސަމިޓްގެ މަސައްކަތްތައް ބެހިފައިވަނީ، ހަމައެކަނި އައްޑޫގައި ބާއްވާ ގޮތަކަށެއް ނޫން. އަދި އޭގެއިތުރުން މުލަކުގައިވެސް ކިތަންމެ ކަމެއް ހިނގަމުންއެބަދޭ. އެއަރޕޯޓްގެ މަސައްކަތް، އަދި އެތަނުގެ އިތުރު މަގު ހެދުމުގެ މަސައްކަތް، ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް، ނެރު އަލުން އަނބުރާ މަރާމާތު ކުރުމުގެ މަސައްކަތް. އަދި ހަމައެހެންމެ، ސަމިޓަށް ތައްޔާރުކުރެވޭ ކްރިކެޓް ސްޓޭޑިއަމެއް ހެދުމުގެ މަސައްކަތް. އަދި ވަކިން ޚާއްޞަކޮށް، އެއަރޕޯޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، ސަމިޓަށް ނިމޭނެ.

އައްޑޫސިޓީއާއި ފުވައްމުލަކުގައި ސާކް ސަމިޓާއެކު ބިނާ މިކުރެވެނީ، އެދެތަންވެސް އެއީ، ތަރައްޤީއަށް މަގުފަހިވާނެ މައިގަނޑު ވަސީލަތްތައް ޤާއިމް ކުރެވިފައިވާ ދެތަނަށް ހެދުން. ރާއްޖޭގައި މާލެ ފިޔަވައި ދެވަނައަށް އޮތް ސިޓީއަކީ އައްޑޫ ސިޓީ. ސާކް ސަމިޓްގެ މަސައްކަތްތަކުގެ ތެރެއިން އައްޑޫ އެއީ، ފުރިހަމަ ސިޓީއެއްގެ ގޮތުގައި ބިނާކުރުމަށް ބޭނުންވާ ގިނަ ކަންކަން ނިމިގެންދާނެ. މަގުތަކާއި، ފެނާއި، ނަރުދަމައާއި، ބަނދަރާ އަދި މިބާވަތުގެ އެތައްއެތައް ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ރައްޔިތުންނަށް މިހާރަށްވުރެ ފާގަތި ގޮތުގައި އުޅެވޭނެ ގޮތްތަކެއް ހޯދުން.

މީގެއިތުރުން އެނގިވަޑައިގަންނަވާނެ، މިދިޔަ ހަފްތާގެ ތެރޭގައި، ބައެއް މިނިސްޓަރުން ކުޅުދުއްފުށްޓަށް، އުތުރަށް ވަޑައިގެންނެވި. އެ ޕްރޮވިންސްގައި ހިންގާ ކިތަންމެ މަޝްރޫޢެއް، އެބޭފުޅުން އިފްތިތާޙް ކުރެއްވި. ޚާއްޞަ ގޮތެއްގައި، ދަނޑުވެރިކަމުގެ ބާވަތްތައް ގަނެވޭނޭ އިންތިޒާމެއް އެސް.ޓީ.އޯ މެދުވެރިކޮށް ހަމަޖެހި، އެމަސައްކަތް މިހާރު މިވަނީ ފަށައިގަނެވިފައި. އެހެންވީމާ، ދަނޑުވެރިންގެ އުފެއްދުންތައް، ދަނޑުވެރިން ހައްދައިގެން ގެންނަ ތަކެތި، އެ ހަމަޖެހިފައި އޮންނަ އުޞޫލެއްގެ މަތިން، ހަމަ މަސްކިރުން މިއޮންނަ ގޮތަށް، އެ އުފެއްދުންތައްވެސް ކިރައި، ސަރުކާރުން ގަނެ އަދި އެސް.ޓީ.އޯ.އިން އެގަނެވޭ ތަކެތި އިތުރަށް ބަންދުކުރެވި، ފެންވަރު ރަނގަޅު ކުރެވި، އެތަކެތި މާކެޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ސަރުކާރުގެ އަމާޒަކީ.

ސަރުކާރުގެ ވަރަށް މުހިންމު އެއް ވަޢުދެއް، ބޯހިޔާވަހިކަމުގެ ވަޢުދު. އެކަމުގެ ޢަމަލީ މަސައްކަތްތަކެއް ކުޅުދުއްފުށީގައި މިހާރު ހިންގަމުންދާތާ ދުވަސްތަކެއްވެއްޖެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު މިވަނީ ކޮންމެވެސް މިންވަރަކަށް ގެދޮރު ޢިމާރާތް ކުރެވިފައި. އެހެންވީމާ، އެތަންތަން ދޫކުރާނެ އުޞޫލުތައް ހަމަޖެހި، އެ އުޞޫލުތައް ކުޅުދުއްފުށީގައި މިވަނީ އިޢްލާނު ކުރެވިފައި. އަދި ކުޅުދުއްފުށިން ދޫކުރާ ގެ، ދޫކުރެވޭނެ ގޮތްތަކާއި، އުޞޫލުތައްވެސް، ހަމަތައްވެސް މިވަނީ ކަނޑައެޅި ބަޔާންކުރެވިފައި.

ކުޅުދުއްފުށްޓާއި އައްޑޫ ހިތަދުއާއި އަދި އެހެންވެސް ރާއްޖޭގެ ބޮޑެތި އާބާދީތައް، އެ އާބާދީތަކަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ހޯދައިދިނުމުގެ އެންމެބޮޑު އެއްބޭނުމަކީ، ކައިރީގައިވާ ކުދިކުދި އާބާދީތަކަށް މިދެންނެވި ބޮޑެތި އާބާދީތަކުން ވިޔަފާރީގެ ފައިދާއާއި، ތަރައްޤީގެ ފަހިކަމާއި އަދި އެހެން އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދޭނެ ފަސޭހަ ގޮތްތަކެއް ހޯދުން. ރާއްޖޭގެ ހުރިހާ ރަށެއް ހަމައެކަނި މާލެއަށް ބަރޯސާވެގެން، އަޅުގަނޑުމެން މިއެދޭ ތަރައްޤީގެ ސްޕީޑް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.

މިދިޔަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތަކުގެ ތެރެއިން މިވަނީ ވަރަށް މުހިންމު ބިލެއް ފާސްކުރެވިފައި. އެއީ، މުދަލާއި ޚިދްމަތުން ޓެކްސް ނެގުމުގެ، ޖީ.އެސް.ޓީ ނެގުމުގެ ބިލް. އަދި ހަމައެހެންމެ، އެ ބިލް ތަޞްދީޤު ކުރުމަށް މިފަހަރު ފަހިވެފައި މިއޮތީ ފުވައްމުލަކުގައި މިއަދު ހަވީރު ބޭއްވޭ ރަސްމިއްޔާތެއްގައި.

އަޅުގަނޑުމެންގެ ބޭނުމަކީ، ޤާނޫނަށް ގެނެވޭ ބަދަލާއި އަދި އެހެންވެސް ބަދަލުތަކުން ރާއްޖޭގެ ތަރައްޤީއަށް މަގުފަހިވުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ ތަނަވަސް މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.


والحمد للّـه. والسّـلام عليـكم