بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 26 އޯގަސްޓް 2011 ވީ ހުކުރު ދުވަސް. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި، އެނގިވަޑައިގަންނަވާނެ، މިހާރު މިއީ ރޯދަމަހުގެ އެންމެފަހު ދުވަސްކޮޅު. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންނަށްވެސް ޞާލިޙުކަމާއެކީގައި ރޯދަމަހުގެ ދުވަސްތައް ހޭދަކުރެވިފައިވާނެކަން.

މި ރޯދަމަހު އަޅުގަނޑަށް ފާހަގަވި އެއްކަމަކީ، އިރާދަކުރައްވައިގެން، ބާޒާރުގެ އަގުތައް މިރޯދަމަހު ހުރީ އިންތިހާއަށް އެރިޔަ ނުދެވި ހިފެހެއްޓިފައި. ޚާއްޞަ ގޮތެއްގައި، ބިހާއި، ފިޔައާއި، އަލުވިއާ މިބާވަތުގެ ތަކެތި ރޯދަ މަހުގައި މާރުކޭޓްގައި ހަމަ އެކަށީގެންވާ މިންވަރަށް ރަނގަޅު އަގުގައި ލިބެންހުރިކަން އެއީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު އުފަލެއް. ހަމައެހެންމެ، އަޅުގަނޑު ރޯދަމަހު ބައެއް ފިހާރަތައް ބަލައިލިއިރުގައި، ބައެއް ފިހާރަތަކަށް އަޅުގަނޑަށް ގޮސްލެވުނު. ސޭޓުންނާވެސް އަޅުގަނޑަށް ވާހަކަ ދައްކައި ހަދާލެވުނު. ގިނަ ފިހާރަތަކުގެ ވިކުރާ ވަރަށް ބޮޑަށް މިރޯދަ މަހު ރަނގަޅު. ބައެއް ސޭޓުން ދެކޭގޮތުގައި، މިއިން ޒަމާނަކުވެސް ވިކުރާ ރަނގަޅު ނުވާހާ ރަނގަޅަށް، މިރޯދަ މަހުގައި ކަންތައްތައް ހިނގައްޖެ. މިކަން މިހެން މިހިނގާ މިދަނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންކަންވެސް ރަނގަޅުވަމުން އަންނާތީވެ. އަދި އާމްދަނީވެސް އިތުރުވަމުން އަންނާތީވެ.

ބާޒާރުގައި ތަކެތީގެ އަގު އުފުލިފައި އެބަހުރި، ކުރިއާ އަޅާބަލާއިރު. އެހެންނަމަވެސް، އަޅުގަނޑުމެންގެ އާމްދަނީ މައްޗަށްދާ މިންވަރު މިހާރު މިހުރީ އެކަށީގެންވާ ބާރު މިނެއްގައި. އަދި މިފަހަރު އިރާދަކުރައްވައިގެން، ރޯދަ މަހުގައި އަގުތައްވެސް މިހުރީ ހިފެހެއްޓިފައި.

އަޅުގަނޑަށް ވަރަށް ބޮޑަށް މި ރޯދަ މަހުވެސް އަދި މިދިޔަ ދެތިންމަހު ފާހަގަވަމުން އަންނަ ނުކުތާއެއް އެބަވޭ. އެއީ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަ މިންވަރު. އެނގިވަޑައިގަންނަވާނެ، ރޯމަސް ގަނެ ވިއްކުން އެއީ، ހިފެހެއްޓިފައި އޮތް ސިޔާސަތެއްގެ ތެރޭގައި އޮތް އޮތުމަކަށްފަހު، މި ސަރުކާރުންވަނީ ރޯމަސް ގަނެ ވިއްކުން ދޫކޮށްލާފައި. އަދި ކޮންމެ ފަރާތަކަށްވެސް އެކަން ކުރެވޭނެ ގޮތަށް ގަވާއިދުތައް ބަދަލުކޮށްފައި. އެހެންވީމާ، މަހުގެ އަގު ވަރަށްބޮޑުތަނުން ރަނގަޅުވެގެން ހިނގައްޖެ. މީގެކުރީގައި ބޮޑުވެގެން ފަސްރުފިޔާ ފަންސާސްލާރި ލިބޭ މަސް ކިލޯއަށް މިހާރު އެވްރެޖްކޮށް ބައެއްފަހަރަށް ތިރީސްރުފިޔާ، ޢާންމުކޮށް ލިބެމުން އެބަދޭ. މަހުގެ އަގު އަބަދުވެސް މިހާރު މި ހުންނަނީ ވަރަށް ރަނގަޅަށް. މަސްވެރިން ބުނަނީ، އެމީހުންނަށް ބާރަ، ސާދަހާސްރުފިޔާ މަހެއްގެ މައްޗަށް ލިބެމުން އަންނަ ކަމަށް. އެއީ، އަދި މަސް ނުބާނާ މޫސުމުގައިވެސް. އަޅުގަނޑުމެންގެ ބޭނުމަކީ، މަސްވެރިންގެ އާމްދަނީ އިތުރުކުރުން. އަދި އަޅުގަނޑުމެންނަށް މިހާރު ކަން ހިންގެމުން މިގެންދާ އުޞޫލުން ކަން ހިންގަމުން ގެންދެވުނީމާ، މިކަން ދެމެހެއްޓެނިވި ގޮތުގައި ހިފެހެއްޓޭނެކަން އަޅުގަނޑުމެންނަށް ކަށަވަރު ކުރެވޭ.

ހަމަ މިއާއެކީގައި، އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން އިތުރު ނުކުތާއެއް އެއީ. މި ރޯދަމަސްވެސް އަދި އޭގެކުރީމަސްވެސް އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ، މަގުތައް އަމާންވެ، މީހުން ކުށަށް އަރައިގަންނަ މިންވަރު މަދުވެ، އަދި ވަކިން ޚާއްޞަކޮށް، ނުރައްކާތެރި ޖަރީމާތައް ނުވަތަ ފުރާނައަށް ގެއްލުންވާފަދަ ޖަރީމާތައް ހިންގުން، މިހިނގާ ރޯދަމަހުގެ ތެރޭގައިވެސް އަދި މިދިޔަ މަހުގެ ތެރޭގައިވެސް މިވަނީ ކުރިއަށްވުރެ ވަރަށްބޮޑުތަން މަދުވެފައި. މިކަމަށްޓަކައި އަޅުގަނޑު ފުލުހުންނަށް ފަށްފަށުން ޝުކުރު ދަންނަވަން ބޭނުން. އެބޭފުޅުން ކުރައްވަމުން އެގެންދަވަނީ ވަރަށް އިޚްލާޞްތެރި، ވަރަށް ރަނގަޅު މަސައްކަތެއް. އެއީ، ދައުލަތާއި ޤައުމަށްޓަކައި އެބޭފުޅުން ކުރައްވާ ހެޔޮ މަސައްކަތެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، ސަރުކާރާއި ރައްޔިތުންނާއި އަދި މުޅި ދިވެހިރާއްޖޭގެ ފައިދާއަށްކަން އަޅުގަނޑު ރާއްޖޭގެ އެންމެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم