بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ތިނަދޫ ކައުންސިލްގެ އެންމެ ބޭފުޅުން އަދި ވަޑައިގެން ތިއްބެވި ދައުލަތުގެ އެންމެހާ ބޭފުޅުންނާއި، އަތޮޅު ކައުންސިލްގެ އެންމެ ބޭފުޅުންނާއި އަދި ތިނަދޫގެ އެންމެހާ ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން ތިނަދޫގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމި ކިތަންމެ ކިތަންމެ ސަބަބެއް އެބަހުރި. އޭގެތެރޭގައި، ޚާއްޞަކޮށް، އަބަދުވެސް ތިނަދުއަށް މީގެކުރީގައި ވެދިޔަގޮތާ ގުޅޭގޮތުން ތިނަދޫ ރައްޔިތުންގެ ޝަކުވާތައް އަޅުގަނޑުމެންނަށް އަޑުއިވޭ. އެނގިވަޑައިގަންނަވާނެ، 1964 ވަނަ އަހަރު، 1963 ވަނަ އަހަރު ތިނަދޫ ފަޅުކުރެވި އަދި ފަހުން އައިސް 1968 ވަނަ އަހަރު ތިނަދޫގައި އަލުން އަނބުރާ މީހުން އާބާދު ކުރެވުނު. ދެން އެދުވަސްވަރުގައި ވެދިޔަ ހިތާމަވެރި ގޮތްތަކާއި، ރައްޔިތުންނަށް އުޅެން ޖެހުނު ބިކަޙާލާއި، އުޅެންޖެހުނު ދަތިގޮތްތައް އެއީ، އަޅުގަނޑުމެން އެންމެންވެސް އަޑުއަހާ ފަރިތަ ވާހަކަތަކެއް. އެއްގޮތަކަށްވެސް ހީނުކުރައްވާތި، އެއީ، ހަމައެކަނި ތިނަދޫ ރައްޔިތުން އަޑުއެހި ވާހަކަތަކެކޭ. އަޅުގަނޑުމެން މާލޭގައިވެސް ވަރަށްބޮޑުކޮށް އަޑުއަހަމުން ގެންދިޔަ ވާހަކައެއް. އެއްގޮތަކަށްވެސް ހީނުކުރައްވާތި، އެއީ އެއްރަށެއްގެ ބައެއް އަނެއް ރަށެއްގެ ބަޔަކަށް ކުރި ކަމެކޭ. އަޅުގަނޑަކީ ކޮންމެވެސް ވަރަކަށް ދިވެހި ތާރީޚުވެސް ބަލައި އުޅޭ މީހެއް. އެކަމަކީ ދިވެހި ވެރިކަން ޖައްބާރުވެދިޔައީތީވެ، ދިވެހި ވެރިކަން ކިލަނބުވެފައި އޮތް މިންވަރު، ދިވެހި ވެރިކަން ޒަމާނުއްސުރެ ފަށައިގެން ހެދި ފޯދެމުން އައި ގޮތުގެ ސަބަބުން، އެންމެފަހުން އައިސް އެ ވެރިކަން ހުއްޓުނު އެތައް ނުތާހިރު ތަނެއްގެ ތެރެއިން އެއްތަން. ދާދިފަހުން އަޅުގަނޑުމެންނަށް ފެނުނު، އެ ވެރިކަން އައިސް ހުއްޓުނު، ކަނޑައެޅިގެން ހަތިޔާރެއް ނެތް ބައެއްގެ އަދި ހިފާ ހައްޔަރުކޮށްފައި ތިބި ބައެއްގެ ގަޔަށް ބަޑިޖަހައި، އެމީހުން މަރުވެގެންދިޔަތަން. އެއީވެސް އަޅުގަނޑުމެންގެ ވެރިކަން ހުއްޓުނު ވަރަށް ހުތުރު ތަނެއް.

އަޅުގަނޑުމެން މިއަދު ފާހަގަ މިކުރަނީ، ދިވެހި ވެރިކަން ސާފުކުރުމުގެ މަސައްކަތް. އޯގާތެރި ހެޔޮ ވެރިކަމެއް ރާއްޖޭގެ ރައްޔިތުންނަށް ކުރުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަން. ތިނަދޫ ރައްޔިތުންނާއި އަދި ރާއްޖޭގެ އެންމެހާ ރައްޔިތުން އެކުގައި ނުކުމެ، ދިވެހިވެރިކަމުގެ ފާޑު، ބައްޓަން، އުޞޫލު ބަދަލުކުރުމުގެ މަސައްކަތް. އަޅުގަނޑެއް މިތަނުގައި މިވާހަކަ ދަންނަވައިގެން، އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ އެއްވެސް ރައްޔިތެއް އިންކާރެއް ނުކުރާނެ، މި ވެރިކަމުގެ ފާޑު ބަދަލުކުރުމުގައި، ތިނަދޫގެ ރައްޔިތުންނާއި ހުވަދޫ ރައްޔިތުންގެ ދައުރު އެއީ، ވަރަށް ބޮޑަށް ފާހަގަވެ، ފެނިގެންދިޔަ ދައުރެއް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ހަމަކަށަވަރުންވެސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އުފެދިގެން އައުމުގައި އެންމެބޮޑު އެއް ޖޯޝަކީ، އެންމެ ބޮޑު އެއްބާރަކީ، ތިނަދޫ ރައްޔިތުން އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު ހިރިހަމައިދި ކަލޭފާނަށް ކާފަ ވިދާޅުވާ މުޙަންމަދު ލަޠީފްގެ ނަން ފާހަގަކުރަން.

އަޅުގަނޑުމެން މިތަނުގައި ތިބޭއިރުގައި، އަޅުގަނޑަށް ހަމަ ފެންނަނީ ދެންމެ، މިހާރުވެސް ފެންނަނީ މުޙަންމަދު ލަޠީފާއި، މުޙަންމަދު ނަސީމާ އެތިއްބެވީ ޖެހިޖެހިގެން. އެއީ، އަޅުގަނޑު މިދެންނެވި ކިލަނބުކަން އަޅުގަނޑުމެންނަށް އައިއިރުގައި، ހަމަ ވަރަށް ދުރުދުރުގައި ތިބި ދެޢާއިލާ. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވިފައި މިތިބީ، ކިތަންމެ ކަމެއް އަދި ވަކިން ޚާއްޞަކޮށް، އެއިރުގައި އެކަން ހިންގި ވެރިން އަމިއްލަފުޅަށް ކުރެވުނު ކަންތަކުގެ ހިތާމައިގައި ކުރިހާ ކަންތައް އަދި އުންމީދުކުރި އަދި ރަނގަޅު ކުރެވޭތޯ، ބަދަލެއްވެވޭތޯ ކުރި ކަންތައްތައްވެސް އަޅުގަނޑު ފާހަގަކުރަން. ހަމަ މީގެތެރޭގައި މިދަންނަވަނީ، އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ހިނގާދިޔަ ނުރަނގަޅު އެތައް ކަމެއްގެ ފަހުން އަލުން އަނބުރާ ތިނަދޫ އާބާދު ކުރުމުގަޔާއި، އަދި ތިނަދޫގެ މައްޗަށް ތިބި ޒުވާން ކުދިންނަށް ރަނގަޅު ތަޢްލީމެއް ހޯދައިދިނުމުގައި ކުރި މަސައްކަތްތައް އަޅުގަނޑުމެން ފާހަގަކުރަން ޖެހޭނެ.

އަޅުގަނޑުމެންނަށް މިދަންނަވާހެން މިއަދު ތިނަދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަނެއް އުފެއްދުމުގެ އެންމެބޮޑު ބޭނުމަކީ، ތިނަދޫ ތަރައްޤީ ކުރުން. އަދި އަޅުގަނޑުމެންނަށް އަބަދުވެސް އިވޭ، ތިނަދޫ ތަރައްޤީ ކުރުމުގެ ވާހަކައަކީ، ހުވަދުއަތޮޅު ތަރައްޤީ ކުރުމުގެ ވާހަކަކަން. މިރާއްޖެ ތަރައްޤީ ކުރުމުގެ ވާހަކަކަން. ތިނަދޫގެ ތަރައްޤީ ގުޅިފައި އޮތީ، ހަމައެކަނި ތިނަދޫގެ ރައްޔިތުންނަކާއެއް ނޫން. ތިނަދުއަކީ ތިނަދޫ ގޮނޑުދޮށުން ހުއްޓޭ ރަށެއް ނޫން. އަޅުގަނޑުމެން އަބަދުވެސް އެބަ ވިސްނާންޖެހޭ، އަޅުގަނޑުމެންގެ ގޮނޑުދޮށުން އަދި އަޅުގަނޑުމެންގެ އުރަފަށުން އަދި ކީއްކުރަންތޯ އަޅުގަނޑުމެންގެ އަތޮޅު ދުނިން، ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި އެއްރަށާއި އަނެއްރަށާ ލާމެހި ގުޅެން. އެކަކާއި އަނެކަކާ ފިކުރު އެއްގޮތްވާން ނުވަތަ ފިކުރު ތަފާތުވެ، ސާފު ސާދާކޮށް ދެތަނުގައި ތިބެން.

އަޅުގަނޑުމެންނަށް މިއަދު މިވަނީ މިދެންނެވި އުޞޫލުތަކުގައި ވެރިކަން ކުރުމާއި އަދި އަޅުގަނޑުމެންގެ ޢާންމު މަސައްކަތްތައް ހިންގުމުގެ ކިތަންމެ އިންތިޒާމެއް ހަމަޖެއްސިފައި. އަޅުގަނޑުމެން ދެން ކުރާން އޮތް ކަމަކީ، މިދެންނެވި އިންތިޒާމްތަކުގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު އަދި މި ސަރުކާރެއް، އަޅުގަނޑުމެންގެ މިމަސައްކަތުގައި ކުޑަ ތަންފުކެއްވެސް އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން. އަދި ތިނަދުއަށްޓަކައި އަޅުގަނޑު ދަންނަވާހިތްވޭ، ތިނަދޫގެ ދަރިއަކަށްވުރެ ބޮޑަށް އަޅުގަނޑު މަސައްކަތް ކުރާނަމޭ. އަޅުގަނޑުގެ ވެރިކަން އަޅުގަނޑު ކުރަނީ، ތާރީޚީ ނަޒަރިއްޔާތެއްގެ ތެރޭގައި. އަޅުގަނޑު އެހެންވީމާ، ހަމަޖައްސާންޖެހޭ އިންތިޒާމްތަކެއް ހުރިކަމަށް އަބަދުވެސް އަޅުގަނޑު ދެކެން.

އަޅުގަނޑު ދެކެނީ އިންސާނާ ތަރައްޤީވެދަނީ، އިންޞާފު ކޮންމެއިރެއްގައިނަމަވެސް ޤާއިމް ކުރެވުނީމާ ކަމަށް. އިންޞާފުގެ ހަމަ، އޭގެތެރެއަށް ގެނެވުނީމާ ކަމަށް. އިސްލާމްދީން އަޅުގަނޑުމެންނަށް ބާރުއަޅާ އެންމެބޮޑު ކަމަކީވެސް އިންޞާފާއި ހަމަހަމަކަން. ތާރީޚީ ނަޒަރިއްޔާތެއްގައި އަޅުގަނޑުމެން ކަން ހިންގަމުން ގެންދާއިރުގައި، މިދެންނެވި އިންޞާފު ދޫކޮށް، އަޅުގަނޑަކަށް ވެރިކަމުގައި ހުރެ، ކުރެވެން އޮތް ހަމަ އެއްކަމެއްވެސް އޮތް ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން.

އަޅުގަނޑުމެން ތިނަދޫގައި ކުރާން އެދޭ ކަންތައް ވަރަށްގިނަ. އަދި ޙަސަން އެވިދާޅުވިފަދައިން، ކުރެވިފައި ހުރި ކަންތައްތައްވެސް އެބަހުރި. އަޅުގަނޑު ނުދަންނަވާނަން, އަޅުގަނޑުމެންނަށް މާ ރަނގަޅަށް ހުރިހާ ކަމެއް ކުރެވިފައި ހުރި ކަމަކަށް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަމޭ، ވީ އެންމެ ރަނގަޅަކަށް ހުރިހާ ކަމެއްވެސްވޭތޯ. އަޅުގަނޑުމެންނަށް ވީމިންވަރަކުން ތިނަދޫގެ ތަރައްޤީއަށްޓަކައި ކަންކަން ހިންގޭތޯ. ޙަސަން ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ، ތަރައްޤީއަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫންކަން. އެއީ، ބޮޑުހިލަ ބަނދަރެއް ނޫންކަން. އެއީ އެއްގަމު ތޮށްޓެއް ނޫންކަން. އެއީ މިސްކިތު ވަށާފާރެއް ނޫންކަން. ތަރައްޤީއަކީ ތިނަދޫ މީހާއަށްވާކަމެއް. އޭނާ ތަރައްޤީވަނީ. އޭނާއަށް ތަންދޮރު އެނގޭން މިޖެހެނީ. މީގެކުރީގައިވެސް ތިނަދޫ އެއްޗަކަށްވީ، މުޅި އަތޮޅުންނާއި މުޅި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން ތަޢްލީމަށާއި އަދި ބޭސްފަރުވާއަށް އަދި ވިޔަފާރިއަށް، މިރަށަށް ދިވެހިންގެ ތެރެއިން އެތައް ބަޔަކު އައިސް، މިރަށުގައި ވަޒަންވެރިވެފައި އެއްބޭފުޅުން އަދި އަނެއްބަޔަކު އެ ޚިދްމަތްތައް މިރަށުން ހޯދަމުން ގެންދިޔައީތީވެ. އަދި މިރަށުގައި އެޚިދްމަތްތައް ތަރައްޤީވެފައި ހުރީތީވެ. އަޅުގަނޑަށް އެނގޭ އެއީ މިރަށުގެ އާދައެއްކަން. މިރަށުގެ ޘަޤާފަތެއްކަން. މި ފަސްގަނޑާއި އަދި މިރަށުގެ ލެޔާ ގުޅިފައި އޮތީ މިދެންނެވި ޚިދްމަތް ދިނުމުގައި. ތިނަދުއަށް އަބަދުވެސް މީހުންނަށް އާދެވޭނެ. ތިނަދުއަކީ މީހުން މެހްމާންދާރީ އަދާކުރުމުގައި އަދި މީހުން ބަލައިގަތުމުގައި ރާއްޖޭގެ ގިނަ ރަށްރަށަށްވުރެ އަދި މާބޮޑަށް ފާހަގަވެފައި އޮންނަ ރަށެއް.

އަޅުގަނޑު އުންމީދު ކުރަން، ތިނަދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށްގެން، އަޅުގަނޑުމެން މިއެދޭ ތަރައްޤީގެ ލަނޑުދަނޑިތައް އަޅުގަނޑުމެންނަށް ހިފޭނެ ކަމަށް. އިބްރާހީމް ނާޞިރު، 1968 ވަނަ އަހަރު މި ރާއްޖޭގައި ރައްޔިތުން އާބާދު ކުރަންވެގެން މަގުތައް ކޮށިއިރު، އަލުން އެނގިވަޑައިގަންނަވާނެ، ފުރަތަމަ އަޅާފައި އޮތް މަގު އެއީ ތިންސަތޭކަ އެތައް ވަނަ ނަންބަރެއްގެ މަގު. އެހެންވީމާ، މި ސަރުކާރުން އެބަޖެހޭ، ހަމަ އެ ދުރުމިނުގައިގޮސް އެއް ނަންބަރު މަގާ ހަމައިން ފަށަން. އެތަން އޮތީ ފަޅުގައި، މޫދުގައި. އަޅުގަނޑު ހިސާބު ޖެހިއިރުގައި އަދި އިތުރު 27 ހެކްޓަރ، 25 ހެކްޓަރ ހިއްކައިގެން ނޫނިއްޔާ، އެ މިންގަނޑުން މިހުރި ބްލޮކް ސައިޓުން އެއްނަންބަރު މަގު އެއީ، މެރިން ޑްރައިވްގެ މަގުގެ ގޮތުގައި އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. އަޅުގަނޑު ޔަޤީންކޮށް އަރުވަން، އިރާދަކުރެއްވިއްޔާ، މި ސަރުކާރުގައި އެ އެއްނަންބަރު މަގާ ހަމައަށް އަޅުގަނޑުމެން ހިއްކާނެ. ތިނަދޫ އެހިސާބަށް އަޅުގަނޑުމެން ބޮޑުކުރާނެ. އަޅުގަނޑު މިހެން ދަންނަވާއިރު، އަޅުގަނޑު އެއްގޮތަކަށްވެސް ނޭނގެ، އިބްރާހީމް ނާޞިރު، އެ ވިސްނުމުގައި ކަމެއް. އެކަމަކު އަޅުގަނޑަށް ލަފާކުރެވެނީ، އެ މަގުތައް އަޅުއްވާފައި އެހުރީ އެ ވިސްނުމުގައި ކަމަށް. އެހެންނަމަވެސް ގްރިޑެއްހެން މަގު ހަދާފައި އޮންނަގޮތް، އޮންނަ އޮތުން އެއީ، އަޅުގަނޑު ވަރަށް ހިތް ނުތަނަވަސްވާ، ނުރުހޭ ކަމެއް. ދެން އަޅުގަނޑު އުންމީދު ކުރަން، އެ މަގުތައް އެހެން ގޮތަކަށް އަޅައިގެން ނަމަވެސް، އެ އެއްނަންބަރު މަގު، އެހިސާބުން އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް.

ތިނަދޫގެ ތަރައްޤީއަށްޓަކައި ކުރާންހުރި މަސައްކަތްތައް ހުރީ އަޅުގަނޑުމެން މިހާރު މި ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި. އޭގެތެރޭގައި ވަކިން ޚާއްޞަކޮށް، މި އަށްހާސް ފައްސަތޭކަ ކުދިންނަށް، ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ހޯދައިދިނުމަށް ހިންގާ މަސައްކަތް ވަރަށް މުހިންމު. އެމަސައްކަތަށްޓަކައި އަޅުގަނޑުމެން ބޭނުން ތިނަދޫން ޒުވާނުން ނުކުމެ، އިތުރު ހުނަރުވެރިކަން ހޯދަން. އަޅުގަނޑު ޔަޤީން ކުރަނީ، ތިނަދޫން އެ ޢަދަދަށް އަޅުގަނޑުމެންނަށް އެކުދިންނާއި ޒުވާނުން ލިބިގެން އަންނާނެ ކަމަށް. އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް ތިނަދޫ ރައްޔިތުންނާއެކީގައި ސަރުކާރު ފުރިހަމަ ކުރަމުން ބާރަށް ގެންދެވޭނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.