بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ ނައިބު ރައީސް، އިންޑަސްޓްރީގެ ކެޕްޓަނުން، ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން، މިޖަލްސާއަށް ވަޑައިގެން ތިއްބެވި ސަރުކާރުގެ، ދައުލަތުގެ އެންމެ ބޭފުޅުންނާއި އަދި މި ޖަލްސާ ދުރާއި ގާތުން އަޑު އައްސަވައި، ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު ފުރަތަމަ ފިކުރުކޮށް ހުރީ ދިގުކޮށް، ޓެކްސްއާ ގުޅޭގޮތުންނާއި، މިކަން އަޅުގަނޑުމެން ކުރާން ޖެހުނު ސަބަބާއި އަދި ކުރަން ބޭނުންވާ ގޮތްތަކާމެދު ފުންކޮށް ވާހަކަ ދައްކަން. އެ މަގަށް އަޅުގަނޑު ތައްޔާރުވެހުރީ. އެހެން ނަމަވެސް، އެވާހަކަތައް ދެކެވިފައިވާއިރު، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިރޭ އަޅުގަނޑުމެން އެންމެ ބޮޑަށް ފާހަގަކުރަންޖެހޭ އެއްވާހަކައަކީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ވާހަކަ. ލިބޭ ފައިސާއަށް އަމާނާތްތެރިވުމުގެ ވާހަކަ. އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ފައިސާ ފޮއްޗަކީ، ދިވެހި ރައްޔިތުންގެ މިލްކެއް. ދިވެހިރާއްޖޭގެ ވިޔަފާރިވެރިން އުފައްދާ މުއްސަނދި ކަމެއް.އެ މުއްސަނދިކަމާއި، އެ ފައިސާ، ދިވެހި ދައުލަތަށްޓަކައި ދިވެހި ސަރުކާރުން ބަލަހައްޓަމުން ގެންދާންޖެހޭނީ އިންޞާފުވެރިކަމާއި، ޢަދުލުވެރިކަމާއި، އަމާނާތްތެރިކަމާއެކުގައި. ފައިސާއަކު އަޅުގަނޑުމެންނަކަށެއް ނުޖެހެވޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިސަރުކާރުގައި މިހާރު މިއުފެދިފައިވާ އެންމެހާ މުސްތަޤިއްލު މުއައްސަސާތައް މެދުވެރިކޮށް، ސަރުކާރުން ކުރާ ޚަރަދުތަކުގެ ތެރެއިން އެއްވެސް ޚަރަދެއް، ތިޔަބޭފުޅުންނަށް ނޭނގިއެއް ބާއްވާކަށެއް ބޭނުމެއްނުވޭ. އިރާދަކުރެއްވިއްޔާ، މިއަންނަ މަހުއްސުރެ ފެށިގެން ކޮންމެ ހަފްތާއަކު އެއްފަހަރު، އެ ހަފްތާއެއްގައި ސަރުކާރުން، ދައުލަތުން ކުރެވުނު ހުރިހާ ޚަރަދެއް ޝާއިޢު ކުރަމުން ގެންދާނަން.

ޓެކްސްގެ ނިޒާމާ އެކުގައި އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ބޭނުންވާނީ، ދެފުށް ފެންނަ، އަޅުގަނޑުމެންގެ ޚަރަދު ބަރަދުގެ އިންތިޒާމް. އެ އިންތިޒާމްތައް ފުރިހަމައަށް އޮތުން އެއީ، މި ނިޒާމް އަޅުގަނޑުމެންނަށް ކާމިޔާބުކަމާ އެކުގައި ހިންގުމަށް ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑު މިރޭ ދިގު ވާހަކަ ދައްކާކަށް ނެތިން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ދެތިން ނުކުތާއެއް. ފުރަތަމަ މި ސަރުކާރަށް ލިބޭ ހުރިހާ ފައިސާއެއް ޚަރަދު ކުރަމުން ގެންދާނީ ރައްޔިތުންނަށްޓަކައޭ. އެކަން ކުރަމުން ސަރުކާރުން ގެންދާނީ، ވަރަށް ސާދާކޮށް، ވަރަށް ސާފުކޮށް. ރާއްޖޭގެ ރައްޔިތުންނަށް އެކަންކަން އެނގެމުންދާ އުޞޫލެއްގެ މަތިން. އަޅުގަނޑުމެންގެ މިހާރު އެބަހުރި މުސްތަޤިއްލު މުއައްސަސާތައް. އޮޑިޓަރ ޖެނެރަލެއް އެބަހުރި. އެންޓި-ކޮރަޕްޝަން ކޮމިޝަނެއް އެބައޮތް. އަދި ވަރަށް ހަލުވިކަމާއި އަދި އެހާމެ ބާރަށް ހިނގަމުންދާ، ޖޯޝާއެކު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހެއް އަޅުގަނޑުމެންގެ އެބައޮތް. އެ މަޖިލިސް މެދުވެރިކޮށްވެސް އަދި އެހެންވެސް މުއައްސަސާތައް މެދުވެރިކޮށް، މިދައުލަތަށް ލިބޭ އެއްޗަކުން ކުރާ ޚަރަދެއް، ރާއްޖޭގެ ރައްޔިތުންނަށް ސާފުވާން ޖެހޭނެ. އެ އާދަ އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުމަކީ، މި ސަރުކާރަށް އުނދަގޫ ކަމަކަށް ވެދާނެ. އެހެންނަމަވެސް، އަންނާންހުރި ސަރުކާރުތަކަށާއި، ދެން އަޅުގަނޑުމެންނަށް އުފަންވާން އޮތް ދިވެހި ޖީލަށް ކޮންމެހެން ބޭނުންތެރި ކަމެއް. އެއްވެސް ވެރިޔަކު މީގެ ފަހަކަށް ހިތުލައްވައިގެން ނުވާނެ، ދިވެހި ދައުލަތުގެ މިލްކިއްޔާތަކީ، ތިމަންނާގެ އަމިއްލަ އެއްޗެއް ކަމަކަށް. ދިވެހި ދައުލަތުގެ އެއްވެސް އެއްޗަކީ، އެއްވެސް ވެރިޔެއްގެ އެއްޗެއް ނޫން. އެއީ ރާއްޖޭގެ ޤާނޫނުތައް ބަޔާންކުރާ ގޮތުގެ މަތިން، ރާއްޖޭގެ އެންމެހާ ރައްޔިތުން ހެޔޮގޮތުގައި ބޭނުންކުރާންހުރި ތަކެތި.

އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ސަރުކާރު، ޚާއްޞަކޮށް، ޓެކްސްގެ ނިޒާމާ އެކުގައި ހިނގަމުންދާނީ، މިދެންނެވި އުޞޫލުގެ މަތީގައޭ. ޓެކްސްގެ ފައިސާއިން ކުރުމަށް އަޅުގަނޑުމެން ނިންމާފައިހުރި ކަންކަން ފެންނާން އެބައޮތް. އޭގެތެރޭގައި، ރާއްޖޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތެއް ފޯރުކޮށްދިނުން، އަޅުގަނޑުމެންގެ ދަރީންނަށް ރަނގަޅު ތަޢްލީމެއް ދިނުން، އަޅުގަނޑުމެންނަށް ރިވެތި ބޯހިޔާވަހިކަމެއް ހޯދުން، އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީގައި، އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ގޮތްތަކެއް ލިބިގަތުން. އަޅުގަނޑުމެން ޑްރަގްގެ ޝިކާރައަކަށްވެ ނުދިޔުން، އަދި ހަމައެހެންމެ ކާބޯތަކެތީގެ، ދިރިއުޅުމުގެ އަގަކީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ފުއްދޭނެ ގޮތަކަށް ހަމަޖެހިފައި ހުރި އަގުތަކަކަށްވުން.

މިދެންނެވި މަގަށް މަސައްކަތް ކުރުމަށްޓަކައި ދައުލަތުގެ އާމްދަނީއަށް އަޅުގަނޑުމެން މިހުށަހަޅާ ބަދަލުތައް ގެންނާން މިޖެހެނީ. އަޅުގަނޑު ވަރަށް އުފާވޭ، މިއަދު މިކަން މިހާރު މި ރާއްޖޭގައި ހިނގަމުންމިދާ އުޞޫލަށް ހިނގަމުންދާތީ. ދުނިޔޭގެ ޤައުމުތައް ބައްލަވާ. އެޤައުމުތަކުގެ ތާރީޚުތައް ކިޔުއްވާ. ޓެކްސްގެ ނިޒާމެއް ތަޢާރުފްވެފައިވަނީ، ވަރަށް ބޮޑެތި ހައިޖާނުގެ ތެރޭގައި. ވިޔަފާރިވެރިންނާއި، ޢާންމު ރައްޔިތުންނާ ދެފަރާތް މޫނުކެނޑި، ކިތަންމެ ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ޤައުމުތައް ވެއްޓިގެންދާ ހިސާބުގައި. އަޅުގަނޑުމެންގެ ސިޔާސީ ވެރިންވެސް، ވިޔަފާރިވެރިންވެސް. އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި ޙިކްމަތް. އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި ވިސްނުން. ވާހަކަ ދައްކައިގެން އަޅުގަނޑުމެންނަށް ޙައްލު ކުރެވެން ހުރި ކަންކަން ޙައްލުކޮށްގެން، އެކައްޗެއް ކިޔައިގެން ނުކުމެ، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރުމުގެ ވިސްނުން.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ބޭނުމީ ތަރައްޤީއޭ. އަޅުގަނޑުމެން ބޭނުންވަނީ މިއަދަށްވުރެ މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އަޅުގަނޑުމެންނަށް ލިބުން.

والحمد للّـه. والسّـلام عليـكم.