بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، މިރޭ ނަޝީދު ދެންމެ ފާހަގަކުރެއްވި ފަދައިން، އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިބަހުގެ އެކެޑަމީގެ އިފްތިތާޙީ ބައްދަލުވުން. އަޅުގަނޑުމެންނަށް ދިވެހިބަހުގެ އެކެޑަމީ ބިނާކުރެވިފައި މިހާރު މިއޮތީ އެކަމާ ގުޅޭ ޤާނޫނީ ތަރަޙައިގެ މަތީގައި. ދިވެހިބަހާ ގުޅޭ ޤާނޫނަކީ، އެ ބިލް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރެވި، ތަޞްދީޤު ކުރުމަށް އަޅުގަނޑަށް ފޮނުވުމުން، އަލުން އަނބުރާ ވިސްނުމަށް މަޖިލީހަށް ފޮނުވާންޖެހުނު ބިލެއް. މަޖިލީހަށް އަލުން އަނބުރާ ވިސްނުމަށް ފޮނުވުނީ، ސަރުކާރުން އެ ބިލަށް ގެންނާން ފެންނަ އިޞްލާޙުތައް ފާހަގަކުރުމަށްފަހުގައި. ބިލް، ޤާނޫނުގެ ގޮތުގައި މިހާރު ތަޞްދީޤު ކުރެވިފައި މިވަނީ، މިދެންނެވި އިޞްލާޙުތަކާ އެކުގައި. އަޅުގަނޑު މިވަގުތު މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިއްޒަތްތެރި މެންބަރަށާއި އަދި އެ މެންބަރު ނިސްބަތްވާ ޕާޓީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މިރޭ އަޅުގަނޑުމެން މި އެކުލަވައިލި ދިވެހިބަހުގެ އެކެޑަމީގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނަކީ ކޮބައިކަން، ބައެއް ބޭފުޅުންނަށް ކުޑަކޮށް އޮޅިވަޑައިގެންފައި ތިއްބަވައިދާނެ. ދެންމެ އަޅުގަނޑު ލިޔުން ޙަވާލުކުރި ބޭފުޅުންނަކީ، މީގެކުރީގައި ހަމަކަށަވަރުންވެސް އަޅުގަނޑުމެންގެ ތެރޭގައި، ޢާންމުކޮށް ދިވެހިބަހުގެ ފުންނާބު އުސް، މާ ފުންނާބު އުސް ބޭފުޅުންގެ ގޮތުގައި، އެހާ ބޮޑަށް ފާހަގަވެފައި ތިއްބެވި ބޭފުޅުންނެއް ނޫން. އަޅުގަނޑު މިހެން ދަންނަވާއިރުގައިވެސް ފަރެސް ޢާމިރު އެބަ އިންނެވިކަން އަޅުގަނޑަށް ވަރަށް ބޮޑަށް ސާފުވޭ. އެހެން ނަމަވެސް، އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައީ، އަޅުގަނޑަށް މިކަމުގައި ދިވެހިބަހުގެ ޓީޗަރެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ކަންދިމާކުރި ގޮތުން، މިދެންނެވި ޓީޗަރު މިހާރު ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއްގެ ގޮތުގައި. ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު ނަޝީދު.

އަޅުގަނޑުމެން މަސައްކަތް ކުރީ، މިޒަމާނުގެ ޢިލްމުތައް ލިބި ތިބި އަދި ހަމައެހެންމެ، ބަހަށް ޝައުޤުވެރިވާ، ބަސް ދިރުވުމުގައި ޝައުޤުވެރިކަން ގެންގުޅޭނެ ބޭފުޅުންކޮޅެއްގެ މައްޗަށް މިއެކެޑަމީ އެކުލަވައިލުމަށް. އަޅުގަނޑު ދެކެނީ، މިރޭ އަޅުގަނޑުމެންނަށް، މި ލިޔުން ޙަވާލު ކުރެވުނު ނުވަތަ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ކަނޑައެޅުނު ބޭފުޅުންނަކީ، ދިވެހިބަސް ދިރުވުމުގައި، އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށް. އަޅުގަނޑު އެބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން.

ނަޝީދު ފާހަގަކުރެއްވި ފަދައިން، ދިވެހިބަސް މުއްސަނދި ކުރުމަކީ، ދިވެހިވަންތަކަމާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމެއް. ދިވެހިބަހަކީ މިއަދު އެންމެ މުއްސަނދި، ތަރައްޤީވެފައި އޮތް ބަހެއްގެ ގޮތުގައި ދަންނަވަން ދަތި. ބަހާ ގުޅޭ މާހިރުން، ދިވެހިބަސް ދިރާސާކޮށް، މުޠާލިޢާކުރާ ފަލްސަފާވެރި، ޢިލްމުވެރިން ފާހަގަކުރަނީ، ދިވެހިބަހަކީ މުއްސަނދި ބަހެއް ކަމުގައިނުވީ ނަމަވެސް، ދިވެހިބަހަކީ މުއްސަނދި ކުރެވޭން އޮތް ބަހެއްގެ ގޮތުގައި. އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒަކަށްވާނީ، ދިވެހިބަސް މުއްސަނދި ކުރުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، ދިވެހިބަސް މުއްސަނދިވެ ދިޔުމަށް ހުރި ބައެއް ހުރަސް އެބަހުރި. ނުވަތަ ދިވެހިބަސް މުއްސަނދި ކުރުމުގައި، އަޅުގަނޑުމެންނަށް ގެންގުޅެވޭނެ ވިސްނުންތަކެއް އެބަހުރި.

އޭގެތެރޭގައި، އަޅުގަނޑަށް ދެކަމެއް، ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ. ފުރަތަމަކަމަކީ، ދިވެހިބަސް އެއީ ދިރޭ ބަހެއްގެ ގޮތުގައިވާއިރުގައި، އެބަ ބަސް ވިހާންޖެހޭ. ބަސް ވިހެއުމުގެ އިޖުރާތެއް ނުވަތަ އުޞޫލުތަކެއް، ހަމަތަކެއް، ވިސްނުންތަކެއް، އަޅުގަނޑުމެންގެ ތެރޭގައި މިހާރަށްވުރެ މާބޮޑަށް، މާކެރިގެން ގެންގުޅެން ޖެހުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. ބައެއްފަހަރަށް ދިވެހިބަސް ޖެހިލުންވޭ، މިދެންނެވި އުޞޫލުން ބަސް ވިއްސަން. އެހެން ނަމަވެސް، ދިވެހިބަސް ވިއްސާން ފެށުމުގެ މަސައްކަތް މިއަދު އަޅުގަނޑުމެންނަށް ކުރިއަށްވުރެ ބާރަށް އަދި ހަލުވިކޮށް ކުރިއަށް ގެންދެވެން މިވަނީ މަގުފަހިވެފައި. ބަސް ހިފެހެއްޓި، ބަސް ހައްޔަރުވެފައި އޮތް އަޅުގަނޑަށް ފެންނަ ގޮތުގައި، އެންމެބޮޑު އެއްސަބަބަކީ، ކަން ހިފެހެއްޓި، ކަން ހައްޔަރުވެފައިވީކަން. ބަސް މި ނުކުންނަނީ ކަމުން، ވިސްނުމުން، ޚިޔާލުން، ފިކުރުން. ކަމާއި ވިސްނުމާއި ޚިޔާލު ހިފެހެއްޓި، ތަޅުލެވިފައިވާއިރު، ބަސް ވިހެއުމަކީ ދަތިކަމަކަށްވާނެ.

އަޅުގަނޑުމެންނަށް ތަޢާރުފްވި އާ ޤާނޫނުއަސާސީއާއި އަދި ޑިމޮކްރަސީގެ ޙަރަކާތްތަކުގެ ތެރެއިން މިއަދު މިވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިފައި. އެހެންވީމާ، މިދެންނެވި މިނިވަންކަމުގެ ތެރެއިން ދިވެހިބަސް ތަރައްޤީވުމަކީ، މިއަދު މާ ގާތް ކަމެއް. ދިވެހިބަސް މިއަދާ ހަމައަށް އައިއިރު، އަޅުގަނޑުމެން އެދޭ މިންވަރަށް ތަރައްޤީވެފައި ނުވި އެންމެބޮޑު އެއް ސަބަބަކީ، މިދެންނެވިހެން ބަސް ތަޅުލެވިފައި ހުރިކަން.

2003 ވަނަ އަހަރު ރާއްޖެއަށް ތަޢާރުފްވެގެންދިޔަ ޑިމޮކްރަސީގެ މޫވްމަންޓް ނުވަތަ ޑިމޮކްރަސީގެ ފޯވަހީގެ ތެރެއިން އަޅުގަނޑުމެންނަށް އެތައް އެތައް ބަހެއް އުފެދިގެން އައި. މިދެންނެވި ބަސްތައް އުފެދިގެން އައީ، އެތައް އެތައް ކަމެއް، އެހެން ގޮތަކަށް ކުރުމަށް އަޅުގަނޑުމެންނަށް މަޖުބޫރުވީތީ. އަޅުގަނޑު ބައެއް މިސާލު ދަންނަވާނަން. ސިޔާސީ ކުށްވެރިންނަކީ، ނޫ ޤާނޫނުއަސާސީގައި ހަމަ ސާފުކޮށް ބަޔާންކޮށްފައި ތިބޭ ބައެއް. އަދި މިއަދުވެސް އަޅުގަނޑުމެންގެ ޤާނޫނުލްޢުޤޫބާތުގައި ސާފުކޮށް ކަނޑައެޅިފައި އޮތް ކޮންސެޕްޓެއް، މަފްހޫމެއް. ސިޔާސީ ކުށްވެރިންގެ ބަދަލުގައި އެއީ ސިޔާސީ ޤައިދީން ކަމަށް އަޅުގަނޑުމެންނަށް 2003 ވަނަ އަހަރުއްސުރެ ފެށިގެން ފާހަގަވެގެންދިޔަ. އެހެންވީމާ، އެކަން ބަދަލުވެގެން އެދިޔައީ، ސިޔާސީ ކުށްވެރިން އެއީ ކުށްވެރިން ނޫން ގޮތުގައި، އެމީހުން އަމިއްލައަށް ދެކުމަށްޓަކައި ކުރެވުނު މަސައްކަތާއި އަދި އެކަމާ ގުޅޭގޮތުން ބަހުރުވަ ބޭނުންކޮށްގެން ވާހަކަ ދައްކައި، މުޢާމަލާތްކޮށް ހެދުމަށް މަސައްކަތްކުރި ފަރާތްތަކުން ސިޔާސީ ކުށްވެރިންނަކީ، ސިޔާސީ ކުށްވެރިން ނޫން ކަމަށް، އެހެން ނަމަވެސް އެއީ ސިޔާސީ ޤައިދީން ކަމަށް. ސިޔާސީ ކުށްވެރިންގެ ގޮތުގައި ބަސް އޮތީމާ، ދެން އެއީ ޤައިދީންގެ ގޮތުގައި އަދި ތިބި ބައެއް ނޫންކަން ވަރަށް ބޮޑަށް އެބަ އެނގޭ. ސިޔާސީ ޤައިދީން ފާހަގަވެގެން އޭރުގައި އައި.

ހަމައެހެންމެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އެއިރުގެ މިދެންނެވި ދުވަސްވަރުގެ މިނިވަން ނޫހުގެ އެޑިޓަރ އާމިނަތު ނަޖީބްގެ ބަހެއް. އަޅުގަނޑު ހަނދާންވާ ގޮތުގައި އެއީ މަދަނީ ބަސްނޭހުމެކޭ. މަދަނީ ބަސްނޭހުމަކީ ދައުލަތާ އިދިކޮޅު ޢަމަލެއް. އެ [މަދަނީ ބަސްނޭހުން] އެ ބަސް ނެތްހާ ހިނދަކު، މަދަނީ ބަސްނޭހުމަކަށް ދެވޭނެ ގޮތެއް ނުވަތަ ދައުލަތާ އިދިކޮޅު ޢަމަލެއް ނުހިންގައި، މިފަދަ ކަމެއް ކުރުމަށް ކޮންމެހެން ބޭނުންވި މަދަނީ ބަސްނޭހުމުގެ ބަސް. އެހެންވީމާ، އެއިރު މަދަނީ ބަސްނޭހުމުގެ ބަސް ނުކުމެގެން އައީ. އަދި އެބަހަކީ ފިސާރި ރަނގަޅަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވި، އަޅުގަނޑުމެންނަށް އޭގެ އެތައް އެތައް ތަޖްރިބާ ލިބިފައި ހުރި ބަހަކަށްވެގެންދިޔަ. މިބާވަތުގެ ބަސްތައް ބައިވަރު. [ސީދާ ޙަރަކާތް] މިދެންނެވި ބާވަތުގެ ބަހެއް. މި ބަސްބަސް އަޅުގަނޑުމެންނަށް ނެރެވުނީ، ބަސް ވިއްސުނީ، އެކަންކަން އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފް ކުރެވުނީ.

އެހެންވީމާ، އަޅުގަނޑުމެންނަށް ބަސް ވިއްސުމުގައި، އަބަދުވެސް ބޭނުންކުރަންޖެހޭ އަދި ވިސްނާންޖެހޭ ކަމެއް މިދެންނެވީ. އެއީ އެއިރެއްގައި އަޅުގަނޑުމެން އެދޭ ފަލްސަފާތަކާއި ވިސްނުންތައް ބަހުން ހާމަކުރުން، ބަޔާންކުރުން. އަޅުގަނޑުމެން މީގެ މިސާލުތަކަށްދާއިރުގައި، ހަމަ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ބަސްތަކެއް އެބަ ވަރަށް ބޮޑަށް ފާހަގަވޭ. [އިންތިޤާލީ މަރްޙަލާ]، [އިޙްތިޖާޖު ކުރުން]، [ކޮމިޓީގެ މުޤައްރިރު]، [މިނިވަން މުއައްސަސާ]. މިދެންނެވި ބަސްބަހަކީ އަޅުގަނޑުމެންނަށް މިއަދު ހަމައެކަނި އެ ބަސް މި އެނގެނީކީއެއް، [މިނިވަން މުއައްސަސާއޭ] ބުނީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ، އެއީ ވަރަށް ފުންކޮށް، ކޮން ބައެއްކަމާއި، ކީއްކުރާ ބައެއްކަމާއި، ކިހިނެއްކަމާވާންވީ. ބަސް ވިސްނުމުގެ މަސައްކަތް އަޅުގަނޑަށް ދެންނެވޭނީ، އަޅުގަނޑުމެންނަށް މިހާރު ކުރުމަށް މިވަނީ ކުރިއަށްވުރެ މާބޮޑަށް މަގުފަހިވެފައޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މި އެކެޑަމީގައި ބަސް ވިސްނުމުގެ މަސައްކަތް، ކުރިއަށްވުރެ މާ ފަހިކަމާއި އަދި ހަލުވިކަމާ އެކީގައި ގެންދެވޭނެ ކަމަށް.

ހަމަ މިދެންނެވި ގޮތަށް އަޅުގަނޑު ވިސްނާއިރުގައި، ދިވެހިބަހަށް ކުރިއެރުމަށް އޮތް އަނެއް ފުރްޞަތަކީ، ބިދޭސީ އެކިއެކި ވިސްނުންތައް، ކޮންސެޕްޓްތައް ދިވެހިބަހަށް އަވަހަށް ގެނައުން. އެ ބިދޭސީ ވިސްނުންތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް މަސައްކަތް ކުރާން އެބަޖެހޭ. މިސާލަކަށް، އަޅުގަނޑު ހަމަ އަނެއްކާވެސް މިސާލެއް ދަންނަވާން މިޖެހެނީ. އެހެން ހަދާން މިޖެހެނީ، އަޅުގަނޑަކީ ބަހުގެ މާހިރަކަށް ނުވާތީވެ. އަޅުގަނޑަށް ބަހުގެ މާހިރަކު ނުވަތަ ބަހަށް ވަރަށް ލޯބިކުރާ އަދި މިކަން ކިޔަވާ މީހަކު، މިކަން ކިޔައިދީފައި އޮތީ، އަޅުގަނޑު މިދެންނެވި ވާހަކަތައް، އޭނާ އޭގެ ބަހުގެ ހަމަތަކާ އެކުގައި އަޅުގަނޑަށް ލިޔެދީފައި، ދެއްވާފައި އެބައޮތް. އެހެން ނަމަވެސް، އަޅުގަނޑުގެ އަމިއްލަ ލިޔުމެއްގެ ގޮތުގައި، އެއްޗެއްގެ ގޮތުގައި އެވާހަކަ މިރޭ މިތަނުގައި ދައްކާން ނުކެރުނީ.

ޑެބްޓް ސީލިންގގެ ވާހަކަ އަޅުގަނޑުމެން އެބަ ދައްކަން ޖެހޭ. އެއީ ދަރަނީގެ ޙައްދު. ދަރަނިވެރިވެވެން އޮތް އެންމެމަތީ މިންވަރު، އަޅުގަނޑުމެންނަށް ޑެބްޓް ސީލިންގގެ ވާހަކަ ނުވަތަ ޑެބްޓް ސީލިންގއަކީ ކޮބައިކަން ނޭނގި، ވަރަށް އުނދަގޫވާނެ، އިޤްތިޞާދީ އަދި މާލީ މަސައްކަތްތައް ހިންގަން. ވަކިން ޚާއްޞަކޮށް، މިދެންނެވި އިޤްތިޞާދީ، މާލީ ކަންކަމަކީ، ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުންފިލުވައިދީގެން ހިންގާންޖެހޭ ކަންކަން ކަމަށްވާތީ. މިކަން މިހެން ކުރާން މިޖެހެނީވެސް ޑިމޮކްރަސީގެ ސަބަބުން. އަޅުގަނޑުމެންނަށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އުފެއްދިފައިވާތީވެ، ވެރިކަން ހިނގާން މިޖެހެނީ، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދީގެން. ރައްޔިތުންނަށް ތަކެތި ބުނެދީގެން ކަމަށްވާތީ.

އެހެންވީމާ، ވެރިކަމުގެ ތެރޭގައި، ގެންދެވޭ މަސައްކަތްތައް، ވަޢުދު ފުއްދުމުގައި ކުރެވޭ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމުގައި އެބަ މިދެންނެވި ބިދޭސީ އެކިއެކި ވިސްނުންތަކާއި، ކޮންސެޕްޓްތައް އަޅުގަނޑުމެންގެ ބަހުގެ ތެރެއަށް ގެންނާންޖެހޭ. އަޅުގަނޑަށް އެބަ މަޖުބޫރުވޭ، ކިތަންމެ ކިތަންމެ ބަސްތަކެއް، އަޅުގަނޑުމެން މިހާރު މިކުރަމުން ގެންދާ ކަންކަމުގެ ތެރޭގައި ހިމަނަން. އެހެންވީމާ، އެމަސައްކަތްތައް ތަރުތީބު ގޮތެއްގައި ކުރުމަށް މިހާރު މިވަނީ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލެވިފައި.

އަޅުގަނޑު މި އެކެޑަމީގެ ފަރާތުން އެދެނީ، ވީހާވެސް ހަލުވި މިނެއްގައި އަދި ވީހާވެސް ހުޅުވިގެންވާ ވިސްނުމެއްގައި، ބަސް އުފެއްދުމުގެ ކަންކަމާއި އަދި ބިދޭސީ ވިސްނުން، ދިވެހިބަހަށް ގެނައުމުގައި މަސައްކަތް ކޮށްދެއްވުން. ދިވެހިރާއްޖޭގެ ބަހަކީ ވަރަށް ޒަމާންވީ ބަހެއް. ދިވެހިން މި ޖަޒީރާތަކުގައި ދިރިއުޅެމުން އަންނަތާ އެތައް އެތައް ސަތޭކަ އަހަރެއްވެފައިވާއިރުގައި، އަބަދުވެސް އެމީހުން ގެންދިޔައީ މުޢާމަލާތް ކުރަމުން. މި މުޢާމަލާތް ކުރަމުން ގެންދިޔައީ، އެމީހުން އެއިރެއްގައި ކުރާންހުރި ކަންކަމާ ގުޅޭގޮތުން. އޮޑިދޯނިފަހަރުގެ އެކިއެކި ތަންތަނާއި އަދި އެދޯނީގައި ކުރާ އެކިއެކި ކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެންގެ އަތުގައި ހުރި ބަސް، އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، އެހެން އެއްވެސް ބައެއްގެ އަތުގައި ނެތްވަރަށް، އަޅުގަނޑުމެންގެ އެބަހުރި. ހަމައެހެންމެ، ރުކެއްގެ އެކިއެކި ތަންތަނަށް ކިޔާ އަދި ރުކަކުން ކުރާ އެކިއެކި ބޭނުމުގެ ކަންކަންވެސް އެބަހުރި. މިއީ އަޅުގަނޑުމެންގެ ބަހުގައި ހިމެނޭ މައިގަނޑުތަކެއް. އެ މައިގަނޑުތައް ބޭނުންކޮށްގެން، އާ ބަސް ވިއްސުމަކީ، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

ދިވެހިބަހާއި އަދަބަށް ޚިދްމަތްކުރާ ޤައުމީ މަޖިލިސް އެއީ ޔުނިވަރސިޓީގެ ދަށަށް ނުވަތަ ޔުނިވަރސިޓީގެ ތެރޭގައި އޮތުމަށް އަޅުގަނޑުމެން ކަނޑައެޅި އެންމެބޮޑު އެއް ސަބަބަކީ، ބަސް ދިރިގެން އަންނާނީ، އެހެން ހުރިހާ ޢިލްމީ ޑިސިޕްލިނެއްގެ ތެރެއިންނޭ. އެހެން ހުރިހާ ދިރާސާތަކެއްގެ ތެރެއިން ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީވެ. ނަޝީދު ފާހަގަކުރެއްވީ އަށްގަޑިބައިން ހަތަރަކަށް އޮންނަ އޮފީހެއްގައި އެކަން ކުރާން ދަތިވާނެއޭ. އެހެން ނަމަވެސް، ޑިގްރީ ހަދާ ކުއްޖެއް ނުވަތަ ހަދާ ފެކަލްޓީއެއްގައި، ބަހާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި އަދި ބަހުގެ އެކެޑަމީގެ ބޭފުޅުންނަށް، ޔުނިވަރސިޓީގެ ދިރުމާ ގުޅިފައި އޮތީމާ، ބަސް ތަރައްޤީވެ ދިޔުމަށް މާބޮޑު ހަލުވިކަމެއް ލިބޭނެ ކަމަށް އަޅުގަނޑުމެން ފުރިހަމައަށް ގަބޫލު މިކުރަނީ. ޤައުމީ މަރްކަޒު އުވާލުމާ ގުޅިގެން، ބައެއް ބޭފުޅުންނަށް މުޅިން ހިތް ޙަލާލު ނުކުރެވި ދުވަސްކޮޅެއްދިޔަ. އެހެން ނަމަވެސް، އަޅުގަނޑުމެން މިކަންކުރީ ހެޔޮ ނިޔަތުގައި. އަޅުގަނޑުމެން ދުށީ، މި ބަސް ތަރައްޤީ ކުރުމަށްޓަކައި، ދިވެހިބަސް ކުރިއެރުމަށްޓަކައި ޔުނިވަރސިޓީގެ ހިޔާވަހިކަމަށް ބަސް ނުވަތަ ބަސް ތަރައްޤީކުރާ މަރްކަޒު، އެކެޑަމީ ގެންދިޔުމަކީ ބޭނުންތެރި ކަމެކޭ.

އަޅުގަނޑުމެންނަށް މިއަދު މިވަނީ މިކަމާ ގުޅޭގޮތުން ވަރަށްގިނަ މަސައްކަތް ކުރެވިފައި. އަދި މިމަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވިފައި މިވަނީ، ނުހަނު ގިނަ ބަޙުޘް، މިކަމާ ކުރުމަށްފަހުގައި. އެކަން ޚާއްޞަކޮށް އެހެން ދިމާވީ، ރައްޔިތުންގެ މަޖިލީހުގެ ޤާނޫނެއްގެ ތަރަޙައިގެ ތެރެއިން މި ބަހާ ގުޅޭ އެކެޑަމީ އަޅުގަނޑުމެންނަށް އުފެއްދޭތީވެ. އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑުމެންނަށް ލިބުނު ނަޞީބެއް.

މިރޭ އަޅުގަނޑުގެ ވާހަކަ އިތުރަށް ދިގުކުރާކަށް ނެތިން. އަޅުގަނޑުގެ އެދުމަކީ އަދި އަޅުގަނޑުމެންގެ އެންމެންގެވެސް އުންމީދަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންތެރި ބަހެއްގެ ގޮތުގައި އަދި ބޭނުންހިފޭނެ ބަހެއްގެ ގޮތުގައި ދިވެހިބަސް ހަދައިދިނުން. އަދި ހަމައެހެންމެ، ނަޝީދު ދެންމެ އެ ފާހަގަކުރެއްވި ތިން މަރްޙަލާއިންކުރެ އެއްވެސް މަރްޙަލާއަކަށް ދިވެހިބަސް ވެއްޓުނަ ނުދިނުން އެއީ އަޅުގަނޑުމެން އަބަދުވެސް ވިސްނައި ފިކުރު ހިންގާންޖެހޭނެ ކަމެއް. ބޭރު ބަސްތައް އެބަ ބޭނުންކުރެވޭ. އިނގިރޭސި ބަސްވެސް، ޢަރަބި ބަސްވެސް ނިހާޔަތަށް. ބައެއްފަހަރަށް ހަމަ ކަނޑައެޅިގެން ފެންނާންހުރި ދިވެހިބަސް އޮތްއިރުގައިވެސް، ޢަރަބި ބަސް އަދި ހަމަ އިނގިރޭސިބަސް އަޅުގަނޑުމެން މިގެންދަނީ ބޭނުންކުރަމުން.

އަޅުގަނޑުމެންގެ ތެރެއަށް އިސްލާމްދީނާ އެކީގައި، އިސްލާމްދީނުގެ އެކިއެކި ކޮންސެޕްޓްތައް، ރުކުންތައް، ޝަރުޠުތައް، ވާޖިބުތައް، ދިވެހިބަހުން ބަޔާންކުރާން ޖެހިއްޖެ. ޖެހުނީމާ، ދެން އަޅުގަނޑުމެން ދިވެހިބަހުގެ ތެރެއަށް އެ މަފްހޫމްތައް، އެ ކޮންސެޕްޓްތައް ހަމަ ސީދާ ޢަރަބިބަހުން ގެނައީ. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ތާނަ އަކުރު ނުވަތަ ދިވެހިބަސް، މި ލިޔަމުން މިހާތަނަށްވެސް ގެންދެވުނު. ވަރަށްފަހާ ޖެހެންދެން، އަޅުގަނޑުމެންނަށް ދިވެހިބަސް ލިޔެވެމުން ގެންދެވިފައިވަނީ، މިހާރު މިބޭނުންކުރާ ތާނަ އަކުރަކުންނެއް ނޫން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ބޮޑުތަކުރުފާނުގެ ރަސްކަމުގައި، ތާނައަކުރު ފުރަތަމަ ބޭނުންކުރާން ފެށުނީ. އެކަން އެހެންވާން ފެށި ގޮތާ ގުޅޭގޮތުން ލިޔުންތެރިން ލިޔެފައި ހުރީ، ކުރީގައި ބޭނުންކުރެވެމުން އައި [ގަބުޅިތާނަ] ނުވަތަ [އެވޭލާ ތާނަ] މި އަކުރު ލިޔެވެމުން އައީ ވާތުން ކަނާތަށް. އެހެން އައި އައުމުގައި، އިސްލާމްދީނުގެ ބަސްތައް، ޢަރަބި ބަހުން ލިޔާން ޖެހުނީމާ، ދެން ވާތުން ކަނާތަށް ލިޔަމުން އައިސް، ކުއްލިއަކަށް އަނެއް އަތަށް މި ބަދަލުކުރާން ޖެހެނީ. އަދި އެނގިވަޑައިގަންނަވާނެ، އިހު ޒަމާނުގެ ލިޔުންތަކުގައި ޢަރަބިބަސް ލިޔާއިރު، ކުލަ ތަފާތުކޮށްލާފައި ވަރަށް ގިނައިން ލިޔެފައި ހުންނާނެ. އެހެންވާއިރުގައިވެސް، ކޮޅު ބަދަލުކޮށްގެން ލިޔާން ޖެހުމުން، ދެން ޝައިޚް މުޙަންމަދު ޖަމާލުއްދީން، ވާދޫ ދަންނަ ކަލޭގެފާނުގެ ފަނޑިޔާރު ކަމުގައި ރާއްޖެ އޮތްއިރު އަދި އެކަމާ ގުޅިގެން ވާދޫ ދަންނަ ކަލޭގެފާނުގެ މަސައްކަތުން ކަމަށް މިހާރު ގަބޫލުކުރެވޭ މަސައްކަތަކީ ތާނަ އަކުރު. ތާނަ އަކުރު އުފެދިގެން އައީ، މިދެންނެވި ބަޠަލު، ވަރަށްބޮޑު ބަދަލެއް ދިވެހިބަހަށް ގެނެސްދެއްވުން. ބަސް ބަދަލުވާނެ، ބަސް ބޭނުންކުރާ ގޮތްވެސް ބަދަލުވާނެ. އަދި ބަހާ ގުޅޭ އެންމެހާ ކަންކަންވެސް ބަދަލުވާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން އެބަ ވިސްނާންޖެހޭ، އެބަ ބަލާންޖެހޭ، ބައެއްފަހަރަށް އަޅުގަނޑުމެން އެބަ ބައެއް ހިސާބުތަކުގައި، ދުނިޔޭގައި އަޑުއަހާނެ، ޕިޖަން އިންގްލިޝް ނުވަތަ އެހެން ބޭރު ބަހަކާ ގުޅުވައިގެން، ތިމަންނާގެ އޮތް އަމިއްލަ މަދު ބަސްކޮޅެއް ބޭނުންކުރަމުން ގެންދާ ބަހުރުވަތަކެއް. އެއީވެސް ބާވަތެއްގެ ބަހުރުވައެއް. އެހެން ނަމަވެސް، ދިވެހިބަސް އަޅުގަނޑުމެންނަށް އެބައޮތް ސީދާ ސާދާ ގޮތުގައި ދިވެހި ބަހެއްގެ ގޮތުގައި ބޭއްވެން. އެ ބޭއްވުމަށްޓަކައި އަޅުގަނޑަށް ފެންނަ ފެނުމުގައި، މިދެންނެވި ދެމަސައްކަތް އެބަ އަޅުގަނޑުމެން ހިންގާންޖެހޭ. އެއީ ބަސް ވިއްސުމުގެ މަސައްކަތާއި އަދި ބިދޭސީ ފިކުރު، ދިވެހިން ކުރުމުގެ މަސައްކަތް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދިވެހިބަހުގެ ކުރިއެރުން މިއަދަށްވުރެ އަދި މާބޮޑުކޮށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.