بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


އަޅުގަނޑު މިއަދު ނޫސްވެރިން މެދުވެރިކޮށް، ރާއްޖޭގެ އެންމެ ބޭފުޅުންނާ މިބައްދަލުކޮށްލަނީ، އެނގިވަޑައގަންނަވާނެ، އަޅުގަނޑު މިއައީ ސީޝެލްސަށް، މިމަހުގެ 3 ވަނަ ދުވަހުން އަދި މިއަދާ ހަމައަށް އޮތް ރަސްމީ ދަތުރަކަށްފަހު. އަޅުގަނޑާއެކުގައި މިދަތުރުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި. އަދި މިދަތުރުގެ މައިގަނޑު މަޤްޞަދަކީ، މައިގަނޑު މަސައްކަތަކަށްވެފައި އޮތީ، ދިވެހިރާއްޖޭގެ މިހާތަނަށް ކުޅިވަރު މުބާރާތެއްގައި ބައިވެރިވި އެންމެބޮޑު އެއް ޑެލިގޭޝަން ބައިވެރިވީ މިފަހަރު. އެބައިވެރިވުމުގައި، އަޅުގަނޑުމެންނަށް ސަރުކާރުގެ ފަރާތުންނާއި އަދި އަޅުގަނޑަށް މިކަމުގައި ވަރަށް ހިތްހަމަޖެހުން ލިބޭ، ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ އެކުގައި، އަޅުގަނޑުމެންގެ ޓީމުތަކަށް ހިތްވަރު ދިނުމަށް އަޅުގަނޑުމެންނަށް މިދަތުރު ކުރެވުނު.

އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ތަރައްޤީއާ ގުޅޭގޮތުން މި ސަރުކާރުން ދެކޭ ދެކުމަކީ، ތަރައްޤީއަކީ އިންސާނީ ވަސީލަތް ތަރައްޤީވުންކަން. އިންސާނީ ވަސީލަތް ތަރައްޤީވުމުގައި ކޮންމެހެން ބޭނުންތެރި އެއްކަމަކީ، ކުޅިވަރު އެއީ އޭގެތެރޭގައި ހިމެނޭ ކަމެއް. އެއީ، ޒުވާނުންގެ ތަރައްޤީއަށްވެސް. އަދި އެހެންމެ، ތަނަވަސް ވިސްނުމާއި، ހަރުދަނާ ދިރިއުޅުމަކަށްވެސް ރަނގަޅު މިސާލުތައް ޒުވާނުންނަށް ދެއްކުމަށްވެސް. އަންނާން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި. އަޅުގަނޑުމެން ދެކެނީ، މިއީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް. އެހެންވީމާ، މިފަހަރުގެ މި ސީޝެލްސްގެ ދަތުރުގައި، އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ޓީމުތަކަށް ވަރަށް ރަނގަޅަށް ހިތްވަރު ދެވުނު. އަދި ވަރަށް ރަނގަޅަށް އެ ޓީމުތައް މިހާރުވެސް ގެންދަނީ ކާމިޔާބުކަމާއެކީގައި މެޗްތައް ކުޅެމުން. އިރާދަކުރެއްވިއްޔާ، މިފަހަރުގެ މިމުބާރާތް ވެގެންދާނީ، ދިވެހިރާއްޖޭގައި މިހާތަނަށް އެންމެބޮޑު ކާމިޔާބެއް ހޯދާފައި އޮތް މުބާރާތަށް.

މިދެންނެވި މަސައްކަތުގެ އިތުރުން، މިދަތުރުގައި އަޅުގަނޑުމެންނަށް ވަރަށްގިނަ އިތުރު މަސައްކަތްތަކެއް ކުރެވުނު. ޚާއްޞަ ގޮތެއްގައި، އަޅުގަނޑަށް މީގައި ތިންކަމެއް އެބަ ފާހަގަވޭ. ފުރަތަމަ އެއްކަމަކީ، އެނގިވަޑައިގަންނަވާނެ، ސީޝެލްސަކީ ދިވެހިރާއްޖެއާ އައްޑުއަތޮޅުން ދެކުނުގައި ހާހެއްހާ މޭލު ދުރުގައި އޮތް ޤައުމެއް. ސީޝެލްސާއި ދިވެހިރާއްޖެއާ ދެމެދުގައި މަސްކަނޑުތަކާއި، މަސް ތިލަތައް، ހާތައް ވަރަށްގިނަ. ސީޝެލްސް ސަރުކާރުން މިއަދާ ހަމައަށްވެސް ނިންމަވާފައި އޮންނަ ގޮތަކީ، މިދެންނެވި މަސްކަނޑުތަކުގައި ބޭރު ޤައުމުތަކުގެ ބޯޓްފަހަރަށް ދާ އެޅުމުގެ ލައިސަންސް ދޫކޮށްގެން، އެމަގުން އެޤައުމުގައި މަސްވެރިކަން ކުރިއަށް ގެންދިޔުން. ސީޝެލްސްގެ ކަނޑުތަކުގައި ދާ އެޅީމާ، ދިވެހިރާއްޖޭގެ މަސްވެރިންނަށް، އޭގެ ގެއްލުން ފޯރާނެކަމީ، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އަބަދުވެސް އެނގެމުން އަންނަ ޙަޤީޤަތެއް.

ސަރުކާރުން ވަރަށް ބޮޑަށް ވިސްނަމުން ގެންދިޔައީ، ސީޝެލްސާ މިވާހަކަތައް، މިމަޝްވަރާތައް އަޅުގަނޑުމެންނަށް ކުރެވެން އޮތީ ކޮން މަގަކުންތޯ. ސީޝެލްސްގެ އާބާދީއަކީ ރާއްޖޭގެ އާބާދީއަށްވުރެ ކުޑަތަންކޮޅެއް ކުޑަ އާބާދީއެއް. އެހެން ނަމަވެސް، އަދި އޭގެއިތުރުން ސީޝެލްސަކީ ބޭރަށް ނުވަތަ އަޅުގަނޑުމެން މިދެކޭ ކަނޑުމަހުގެ މަސްވެރިކަމަށް ފައްކާވެ ތައްޔާރުވެފައި އޮތް ޤައުމެއް ނޫން. ސީޝެލްސްގެ ރައްޔިތުންނެއް މަހަކަށެއް ނުދޭ. ފަރުމަހަށް އެމީހުންދޭ. އެހެން ނަމަވެސް، ކަނޑުމަސް ބޭނުމަކީ، އެމީހުން ކުރާ ކަމެއް ނޫން. ސީޝެލްސްގައި ކަނޑުމަސް ބާނަނީ ދާ އަޅައިގެން. އެއީ، ޔޫރަޕްގެ ބޯޓްފަހަރާއި އަދި އެހެން ބައެއް އޭޝިޔާގެ ބޯޓްފަހަރު. މިގޮތަށް ސީޝެލްސަށް، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، އަހަރެއްގެ މައްޗަށް ދެލައްކަ ފަންސާސް ހާސް ޓަނު މަސް އެބަ ނަގާ. އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ރަނގަޅު އަހަރެއްގައި، އަޅުގަނޑުމެންނަށް ބޭނެނީ، އެއްލައްކަ ސާޅީސް ހާސް ޓަނު. ސީޝެލްސްގެ މިދެންނެވި ދެލައްކަ ފަންސާސް ހާސް ޓަނުގެ ތެރެއިން ސީޝެލްސްގައި ބަންދު ކުރެވެނީ، ހަތްދިހަ ހާސް ޓަނު މަސް. ސީޝެލްސްގައި ހުރޭ ވަރަށްބޮޑު ކޭނިންގ ފެކްޓްރީއެއް. ފެލިވަރަށްވުރެ އެތަން ތަންފުކެއް ބޮޑު. މި ފެކްޓްރީ ދާދި ފަހަކާ ޖެހެންދެންވެސް ހިންގަމުން އައީ ބޭރުގެ، ޔޫރަޕްގެ ކުންފުންޏެއް. އެހެން ނަމަވެސް، މިހާރު އެ ފެކްޓްރީގެ މައިގަނޑު ޙިއްޞާ ގަނެފައި މިއޮންނަނީ ތައި ޔޫނިއަނުން. އެއީ، ރާއްޖޭގެވެސް ވަރަށްގިނަ މަސް ގަންނަ ބައެއް.

އަޅުގަނޑުމެންގެ ވިސްނުމަކަށްވީ ސީޝެލްސް ސަރުކާރާއެކީގައި މަޝްވަރާތައް ކުރިއަށް ގެންދަން. ސީޝެލްސް ރައްޔިތުންނަށް ދޮށީގެ މަސްވެރިކަން ތަޢާރުފްކޮށްދިނުމަށް ދިވެހިރާއްޖެ އެހީތެރިވުމަށް. ސީޝެލްސްގެ މުޅި ރައްޔިތުންނަށް މަހަށް ނުކުމެވުން. މިސާލަކަށް، ރާއްޖޭގައި ފަންސަވީސް ހާސް މީހުން މަހަށްދޭ. ފަސްހާސް މަސްދޯނި އެބައޮތް. ސީޝެލްސްގައި މިމަސައްކަތް ކުރަނީ، އެރަށުގެ ރައްޔިތުންނެއް ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ރާއްޖޭގެ ފަރާތުން ރާއްޖޭގެ މަސްވެރިން ސީޝެލްސްއަށް ގޮސް، ސީޝެލްސް ރައްޔިތުންނަށް މަސްވެރިކަން ކުރަން ދަސްކޮށްދިނުން. އަޅުގަނޑުމެން ދެކެނީ، މިގޮތަށް މިކަން ކުރެވިއްޖެނަމަ، ސީޝެލްސް ސަރުކާރަށް ގެއްލުމެއްނެތި، އެ ލައިސަންސް ދޫކުރުން ހުއްޓާލުން އެއީ، ފަސޭހަ ކަމަކަށްވެގެންދާނެއޭ. ސީޝެލްސް ސަރުކާރުންވަނީ އެއްބަސްވެލައްވާފައި، ރާއްޖޭގެ މަސްވެރިން ސީޝެލްސަށް ގޮސް، ސީޝެލްސްގެ ރަށްފުށުގައި މަހަށް ދިޔުމަށް. އަދި ސީޝެލްސް ރައްޔިތުންނަށް، މިދެންނެވި ދޮށީގެ މަސްވެރިކަން ދަސްކޮށްދިނުމާއި، އެރަށުގައި އެ ހުނަރު ތަޢާރުފް ކުރުން. މިމަސައްކަތް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފަށައިގަނެވޭނެ. ސީޝެލްސްއަށް ރާއްޖޭގެ ދެތިން މަސްދޯންޏެއް، ބޮޑު ދޯނި ފޮނުވޭނެ. އެތަނުގެ ރައްޔިތުންނަށް ދޮށީގެ މަސްވެރިކަމަށް ނުކުތުމަށް އަޅުގަނޑުމެން ހިތްވަރުދެމުން ގެންދާނަން.

މިއަހަރުގެ ކުރީކޮޅު އަޅުގަނޑުވާނީ މޮރިޝަސްއަށްވެސް ދަތުރެއް ކޮށްފައި. މިސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ މެދުގައި މިހާރަށްވުރެ ބޮޑު އިޤްތިޞާދީ އަދި އިޖްތިމާޢީ އަދި ސިޔާސީ ގުޅުމެއް އުފެއްދުން. ހަމައެހެންމެ، މާލީ އެއްގޮތްކަންވެސް މިޤައުމުތަކުގެ ތެރޭގައި ގެނައުމަށް.

ސީޝެލްސާ އެކުގައި މިދެކެވުނު މަސްވެރިކަމުގެ ވާހަކަތަކުގެ އިތުރުން، ދެން އަޅުގަނޑުމެން މަޝްވަރާކުރީ، ސީޝެލްސާއި ދިވެހިރާއްޖެއާއި އަދި އިންޑިޔާ ކަނޑުގެ އެހެން ޖަޒީރާ ޤައުމުތައްވެސް، އޭގައި ހިމެނޭ ގޮތަށް ޝިޕިންގ ލައިނެއް އުފެއްދުމުގެ ބޭނުންތެރިކަމާ ގުޅޭގޮތުން. ސަރުކާރުގެ އަމާޒަކީ، މި ރާއްޖޭގެ މިއޮތް ޝިޕިންގ ލައިނާއި އަދި ސީޝެލްސްއާއި، މޮރިޝަސްއާއި، ކޮމޯރޯސްއާއި، ރީޔޫނިއަންއާ، އެހެން ޤައުމުތައް ހިމެނޭ ގޮތަށް ބޮޑު އެއް ޝިޕިންގލައިން ޤާއިމް ކުރެވޭތޯ ބެލުން. އެނގިވަޑައިގަންނަވާނެ، އެމް.އެން.އެސް.އެލް މިހާރު މިހާރު މިވަނީ ވަރަށް ބޮޑަށް ހީނަރުވެފައި. އަޅުގަނޑުމެންގެ ރާއްޖޭގެ ޝިޕިންގ ލައިނަކީ މީގެކުރީގައި ދުނިޔެއަށް އަދި އެތެރެވަރިއަށް ޚާއްޞަކޮށް، މަޝްހޫރު ކާމިޔާބު ޝިޕިންގ ލައިނެއް. ސީޝެލްސް ސަރުކާރުން މިކަމަށްވެސް ވަރަށްބޮޑު ތަރުޙީބެއް ދެއްވި. އަދި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށާއި، ކަންކަން ނިންމުމަށް އަޅުގަނޑުމެންގެ ފަރާތުން ބޭފުޅުންނާއި، ސީޝެލްސުން ބޭފުޅުންނާއި، މޮރިޝަސްއިން ބޭފުޅުން އެކުލެވޭ ޓީމެއް އުފެއްދުމަށް. އަމާޒަކީ ހުރިހާ ޤައުމުތަކުގެ ޙިއްޞާވާ، ޤައުމުތަކުގެ ބޯޑެއް އޮންނަ، މިދެންނެވި ޝިޕިންގ ކުންފުންޏެއް އުފެއްދުމަށް.

ސީޝެލްސް ސަރުކާރާއެކުގައި އަޅުގަނޑު ދެއްކި އިތުރު ތިންވަނަ ވާހަކައަކީ، އަޅުގަނޑުމެން ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމުގައި، އަނެއްކާވެސް ސީޝެލްސާއި ދިވެހިރާއްޖެއާ ގުޅިގެން ތަކެތި އިމްޕޯޓް ކުރުމަށް. އަދި އެތަކެތި އެގޮތަށް އަޅުގަނޑުމެންނަށް އިމްޕޯޓް ކުރެވުނީމާ، ސަރުކާރުން ދެކެނީ، ރާއްޖެއަށް އިމްޕޯޓް ކުރެވޭ ތަކެއްޗަށް މާ ރަނގަޅު އަގެއް ލިބިގެންދާނެ ކަމަށް. ވަކިން ޚާއްޞަކޮށް، ތެލާއި، ކާނާގެ ބާވަތްތަކާއި އަދި ބޭހުގެ ބާވަތްތައް މިއަށްވުރެ އަގުހެޔޮކޮށް އަޅުގަނޑުމެންނަށް ހޯދޭނެ މަގެއް، އިރާދަކުރެއްވިއްޔާ މިހާރު މިދަނީ ފެންނަމުން. ހަމައެހެންމެ، މިކަމާ ގުޅޭގޮތުންވެސް ސީޝެލްސް ސަރުކާރާއެކީގައި އެއްބަސްވެވިފައި އޮތީ، އަޅުގަނޑުމެން ދެފަރާތް އެކުލެވޭ ޓީމެއް އުފައްދައި، އެ ޓީމުގެ މަޝްވަރާގެ މަތިން މިމަސައްކަތް ކުރިއަށް ގެންދަން.

އަޅުގަނޑު ދެއްކި ވާހަކައެއް ނޫން. އެހެން ނަމަވެސް، މަޖިލީހުގެ ރައީސް އަޅުގަނޑަށް ވިދާޅުވި. މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވި، އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ މެދުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ޖަމްޢިއްޔާއެއް، ގުޅުމެއް އުފެއްދުމަށް. އެގުޅުމުގެ ތެރެއިން ދެފަރާތަށްވެސް އަދި ހުރިހާ ޤައުމެއްގެ، ހުރިހާ ޤާނޫނު ހަދާ މަޖިލިސްތަކަށްވެސް އޭގައި އެހީތެރިކަމާއި އަދި ކުރިއެރުމާއި ތަރައްޤީ ލިބޭނެކަމީ، އަޅުގަނޑުމެން އެންމެންނަށްވެސް ހަމަކަށަވަރު ކަމެއް.

އެހެންވީމާ، މިދެންނެވި މައިގަނޑު މަސައްކަތްތައް އަޅުގަނޑުމެންނަށް ސީޝެލްސްގައި ކުރެވުނު. އަޅުގަނޑު ހަމަ އެހެން ނަމަވެސް، ތަކުރާރުކޮށް ދަންނަވާނަން، އަޅުގަނޑުމެން ސީޝެލްސްގައި ކުރި އެންމެބޮޑު މައިގަނޑު މަސައްކަތަކީ، އަޅުގަނޑުމެންގެ ކުޅިވަރު ޓީމްތަކަށް ތަރުޙީބު ދިނުން. އަޅުގަނޑުމެނަށް ވީ މިންވަރަކުން އެމަސައްކަތް ކުރިން. އަދި އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް ކުޅުންތެރިންގެ ހިތްވަރު، އެތައް ތަނަކުން އިތުރުކުރެވި، އެމީހުންގެ ޖޯޝާއި ފޯރި އަޅުގަނޑުމެންނަށް ނެރެވިފައިވާ ކަމަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު ތިޔަބޭފުޅުންގެ ސުވާލުތަކަށް ފުރްޞަތު އަރުވަން.


ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑަށް ހީވަނީ ސީޝެލްސްއިން ވަޑައިގެންނެވިއިރުގައި، ޤައުމުގައި މި ސިޔާސީ ޓޮޕިކް މިހާރު މިއޮތީ ބަދަލުވެފައިހެން. އެހެންވީމާ، މިހާރުގެ ޓޮޕިކާ ބެހޭގޮތުން ސުވާލު ކޮށްލެވިދާނެތޯ؟ މިހާރު އެންމެބޮޑު މައްސަލައަކަށްވެފައި މިއޮތީ، ސްރީލަންކާއަށް މަސްވެރިން ރާއްޖެއިން ކަނޑުން ބައެއް ދެއްވުމުގެ ކޮންމެވެސް އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަމަށް ދެކެވިގެން އުޅޭ ވާހަކައެއް. ދެން މީގައި ހަމައެކަނި އަޅުގަނޑަށް އެންމެ ކަންބޮޑުވާ ތަންކޮޅަކީ، ފިޝަރީޒް މިނިސްޓަރ މިދައްކަވާ ވާހަކަފުޅާއި، ޕްރެސް ސެކްރެޓަރީ ދެއްކެވި ވާހަކަފުޅާއި، މިއަދު މޫސާ މަނިކު މަޖިލީހުގައި ދެއްކެވި ވާހަކަފުޅާ، މި ތިން ވާހަކަފުޅުތަކުގައި އެބައުޅޭ ވަރަށްބޮޑަށް ތަފާތު، ވިސްނާލައިފިއްޔާ. ދެން މިކަން ވެފައި އޮތް ގޮތެއް ސީދާ ވިދާޅުވެދެއްވަފާނުތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! އަދި އިތުރަށްވެސް ހަމަ ކުޑަ ތަފާތަކާ އެކީގައި އަޅުގަނޑަށް ތިޔަވާހަކަ ބުނެވުމަކީވެސް އެކަށީގެންވާ ކަމެއް. އެންމެބޮޑު ސަބަބަކީ، އެއީ، ޙަޤީޤަތުގައި ހިނގާފައި އޮތް ކަމަކަށް ނުވާތީވެ، އެކަން އެހެން ހިނގާފައި ނުވާތީވެ. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް މި ބުނެވެނީ، އަޅުގަނޑުމެންނަށް އެކަމުގައި މިހާތަނަށް ފެންނަ ގޮތަކާއި، ދެކެވޭ ވާހަކަ.

އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ޖަޒީރާތަކަކީ، އިންޑިޔާ ކަނޑު ހުރަސްކޮށް އެއްހާސް މޭލަށް ދެމިފައި އޮންނަ ޖަޒީރާތަކެއް. މި ޖަޒީރާތައް ހުރަސްކޮށް، އެކިއެކި ފަރާތްތަކަށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ އިޚްތިޔާރު އެއީ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ލާޒިމްކުރާ ކަމެއް. މިކަން ކުރާއިރުގައި، ކުރީ ސަރުކާރުގައި، އަޅުގަނޑަށް ފާހަގަވެފައި އޮތް ގޮތުގައި، ހަމަ ވަރަށް ރަނގަޅަށް ކުރެއްވި ކަމެއް. އެބޭފުޅުން ނިންމެވީ، އިންޑިޔާގެ އެއްވެސް ބައެއްގެ މަސް ބޯޓްފަހަރު، އެއީ އަދި އޭގެ ކުރީ ސަރުކާރުން ނިންމެވި ނިންމެވުމެއް ނޫން މިދަންނަވަނީކީއެއް. އެއީވެސް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ބައިނަލްއަޤްވާމީ ޤާނޫނު މިކަމުގައި އޮންނަ ގޮތް. މަސްވެރި އުޅަނދުފަހަރު ރާއްޖޭގެ ސަރަޙައްދު ހުރަސްކުރާއިރުގައި، އެކަން ކުރާންޖެހޭނީ، ރާއްޖޭގެ ދިފާޢީ ބާރުތަކުގެ ބެލުމުގެ ދަށުންނޭ. ރާއްޖޭގެ ސަރަޙައްދަށް އެއްވެސް މަސްބޯޓެއް ވަންނަންޏާ، މަސް ބޭނުމަށް ނުވަތަ މަސް ހިފުމަށް ބޭނުންކުރާ ހުރިހާ އާލާތެއް ހުންނަންޖެހޭނީ، ބޯޓުގައި ހައްޔަރު ކުރެވިފައޭ. އެތަކެތި ބަހައްޓަންޖެހޭ ގަވާއިދުތަކަކާއި އުޞޫލުތަކެއް އެއީ، ބައިނަލްއަޤްވާމީ ޤާނޫނުގައި ވަރަށް ސާފުކޮށް ލިޔެފައި އޮންނަ ވާހަކަތަކެއް. ދެން އަޅުގަނޑަށް ހީވަނީ ބޭފުޅުންކޮޅަކަށް ކުޑަކޮށް އޮޅިގެން ވާހަކަތަކެއް ދެކެވުނީހެން. އެ ދެން ދެކެވުނީމާ، އަޅުގަނޑަށް ލަފާކުރެވެނީ، އެބޭފުޅުންވެސް ދެން އެކަމުގައި އަދި އިތުރު ވާހަކަކޮޅެއް ދައްކަވާލައްވަން ބޭނުންވެލައްވަނީއޭ. އެހެންވީމާ، އެއީ ތިޔަ ފާހަގަކުރިފަދަ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ. އެހެން ނަމަވެސް، ހެއްވާ ކަމެއްގެ ގޮތުގައި މި ވާހަކަތަކަކީ އަޅުގަނޑަށްވެސް މިހާރު އެބަ ލަފާކުރެވޭ.

ޢަލީ ރިޟުވާން – އެމް.އެން.ބީ.ސީ. 1

ފުރާވަޑައިގަންނަވަމުންވެސް މަނިކުފާނު ފާހަގަކުރެއްވި. ސީޝެލްސްގެ އިޤްތިޞާދީ ސިޔާސަތަށް ބަލައި މޮނިޓަރ ކުރުމަކީ، މިދަތުރުގެ ހަމަ އެންމެ މައިގަނޑު އެއްކަމޭ. ކޮބައިތޯ ރާއްޖެއަށް ސީޝެލްސްގެ އިޤްތިޞާދުން ލިބިގެންދާ ފިލާވަޅުތަކަކީ؟ ރާއްޖެއަށް މަނިކުފާނު ގެންނަވަން ބޭނުންފުޅުވާ ބަދަލުތަކަކީ، ސީޝެލްސްގެ އިޤްތިޞާދާ އަޅާބަލާއިރު.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑުމެންނަށް ހަމަ ވަރަށް އެއްބާވަތެއްގެ ކަންތައްތަކެއް ކުރެވެމުން އަންނަތަން އަޅުގަނޑަށް ފެންނަނީ. އަޅުގަނޑު ސީޝެލްސްގެ ސެންޓްރަލް ބޭންކް ގަވަރނަރާ ބައްދަލުކުރިން. އަދި ސީޝެލްސްގެ އެހެން މިނިސްޓަރުންނާވެސް ބައްދަލުކުރިން. އަދި ވަރަށް ރަނގަޅަށް ދިމާވެފައި ހުރީ. މިކަންކަމުގައި ސީޝެލްސްގެ އިޤްތިޞާދީ ބަދަލު، 2008 ވަނަ އަހަރުއްސުރެ ފަށައިގެން ގެނައުމުގައި، އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އަޙްމަދު ޢަފީފް. ދެން އެބޭފުޅާއާ އެކީގައި އަޅުގަނޑު ވަރަށް ދިގުކޮށް މި މަޝްވަރާ ކުރިން. އަދި ސެންޓްރަލް ބޭންކް ގަވަރނަރާ އެކުގައިވެސް އަޅުގަނޑު މި މަޝްވަރާތައް ކުރިން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މިތިބީ ރަނގަޅު މަގުގައޭ. އަޅުގަނޑު ދެކެނީ، އަޅުގަނޑުމެން ސީޝެލްސަށްވުރެ އަދި ފުރިހަމަކޮށް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އިޤްތިޞާދު އަނބުރާލެވޭނެކަމަށް. އެއީ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އަސާސްތައް ވަރުގަދަ. އެހެންވީމާ، އަޅުގަނޑުމެންނަށް އާމްދަނީއާއި އަދި ޚަރަދު އެއްވަރު ކުރެވޭނެ ހިސާބަށް އިރާދަކުރެއްވިއްޔާ މިހާރު މިހުރީ މާލީ އަދި އިޤްތިޞާދީ އިޞްލާޙުގެ އެޖެންޑާއާ އެކީގައި، އެ ބިލްތަކާ އެކީގައި މިކަންކަން ހަމަޖެހިގެންދާނެ. ދިޔައީމާ އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް އޮތީ ވަރަށް ހަމަ އުޖާލާ މުސްތަޤްބަލެއް ކަމަށް.

މިފަހަރު އަޅުގަނޑު ސީޝެލްސްގެ އެކިއެކި އިދާރާތަކާއެކީގައި ކުރެވުނު މަޝްވަރާތަކާއި އަދި އެ އިދާރާތަކާ ވާހަކަ ދެކެވުނީތީވެ، ލިބުނު މަޢްލޫމާތުގެ އަލީގައި އަދި މިހުރީ މާ އިތުބާރާއެކުގައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ރަނގަޅު މަގުގައި ގޮސް ކާމިޔާބު ކުރެވޭނެ.

ޢަލީ ރިޟުވާން – އެމް.އެން.ބީ.ސީ. ވަން:

ސަރުކާރުގެ ހަމަ އިޤްތިޞާދީ ސިޔާސަތާ ގުޅޭ ސުވާލެއް. ލީގަލް ޓެންޑަރގެ ގޮތުގައި ދިވެހި ފައިސާ ބޭނުން ނުކުރެވޭކަން ފިނޭންސް މިނިސްޓަރުވެސްވަނީ ފާހަގަކުރައްވާފައި. ކޮބައިތޯ މިކަމާ ގުޅޭގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ސީޝެލްސް ބޭފުޅުން ވަރަށް ފާހަގަކުރެއްވި ކަމެއް ތިޔައީ. ޑޮލަރަށް ޙައްލެއް ނުވަތަ ބޭރު ފައިސާގެ މައްސަލައަށް، އެބޭފުޅުންނަށް ޙައްލެއް ލިބުނު އެންމެބޮޑު އެއް ސަބަބެއް ކަމަށް އަޅުގަނޑު ގާތުގައި ޢަފީފް ތަކުރާރުކޮށް ވިދާޅުވި. އެއީ ހަމަ ލީޑް ކަރަންސީއެއްގެ ގޮތުގައި އެބޭފުޅުންގެ އަމިއްލަ ކަރަންސީ ބޭނުންކުރާ ގޮތަށް، މިސާލަކަށް، އޭރުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސްތައްވެސް ދައްކަންޖެހޭނީ ރުފިޔާއިން. އެ ރުފިޔާ ރިޒޯޓްތަކުން ނުވަތަ ޢާންމު ފަރާތްތަކުން ހޯދަންޖެހޭނީ ބޭންކްތަކުން. އެ ބޭންކްތަކުން އެ ރުފިޔާ ލިބޭނީ ޑޮލަރުދީފައި. އެހެންވީމާ، ބޭންކްތަކަށް ވަންނަ ޑޮލަރުގެ ޢަދަދު ގިނަވާނެ. ދެން ސަރުކާރަށް ބޭނުންވާ ވަރަށް ޑޮލަރު ލިބޭނެތޯ ނުވަތަ ނޫންތޯ. އޭރުން ސަރުކާރުންވެސް ޖެހޭނީ ހަމަ ބޭންކްތަކުން ޑޮލަރު ހޯދަން. އަދި ކޮންމެ ގޮތެއް ވިޔަސްވެސް ބޭންކްތަކުން، ކޮމާޝަލް ބޭންކްތަކުން، ޢާންމު ބޭންކްތަކުން އެންމެފަހުން އައިސް ރުފިޔާ ހޯދަން މިޖެހެނީ ޓްރެޜަރީއިން. ރުފިޔާ ހުރީ، ރުފިޔާޖަހާ ފަރާތަކީ ސަރުކާރު ކަމަށްވާތީވެ، އަޅުގަނޑަށްވެސް މިހާރު އެބަ ވަރަށް ބޮޑަށް ފާހަގަވޭ، އެއީ ރަނގަޅު ވާހަކައެއް ކަމުގައި. ދެން އަޅުގަނޑުމެން މިހާރު އަދި އިތުރަށް މިފަހަރު ސީޝެލްސް އިން މިލިބުނު ހިސާބުތަކާ، އަޅުގަނޑު އެބޭފުޅުންގެ ވަރަށްގިނަ ހިސާބު ހޯދައިފިން. އަދި ޢާންމުކޮށް ޝާއިޢު ނުކުރާ އެތައް އެތައް ރިޕޯޓެއްވެސް އަޅުގަނޑަށް އެބޭފުޅުން ދެއްވި. އެހެންވީމާ، އަޅުގަނޑަށް މިތަކެތި ބެލުމަށްފަހު، އަދި އަޅުގަނޑުމެންވެސް ކަމާބެހޭ މާހިރުންނާ މަޝްވަރާކޮށްފައި، ތިޔަ ފިޔަވަޅާމެދު ވަރަށް ފުންކޮށް އަޅުގަނޑުމެން ގެންދާނީ ވިސްނަމުން.

މިޞްބާޙް ޢައްބާސް – ދި ޓީ.ވީ:

ދެންމެގައި ވާހަކައިގައިވެސް ފާހަގަކުރައްވައިފި. ތަކެތީގެ އަގަށް ބަދަލުތަކެއް ގެންނަވަން، ކުރިއަށް ސިޔާސަތުތަކެއް ރޭވޭ ވާހަކަ. ދެން މީގެކުރިން ޑޮލަރު ބޭންޑަކަށް ހަމަޖައްސަވާފައި ދޫކޮށްލެއްވިއިރުވެސް ފާހަގަކޮށްފައިވޭ، ސަރުކާރުގެ ވާހަކަތަކެއް އިވިގެންދިޔަ. ވަކި މުއްދަތެއްގެ ތެރޭގައި ހަމައަކަށް އެޅިގެންދާނެ ކަމަށް. ދެން އަޅުގަނޑުމެންނަށް އެ މަންޒަރެއްވެސް ނުފެނުނު. ހައްތަހާވެސް މިދެކެވެނީ، އަނެއްކާވެސް ތަކެތީގެ އަގު މަތިވެގެން އުޅޭ ވާހަކަ. ކޮބައިތޯ މިކަމަށް އަލިމަގެއް ކިހާތާކުތޯ ލިބޭނީ؟ ކިހިނެއްތޯ މިހާރު ސަރުކާރުގެ ސިޔާސަތަކީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އަޅުގަނޑުމެންގެ އިންފްލޭޝަން ރޭޓް އަދިވެސް މި ސަރަޙައްދުގެ ހުރިހާ ޤައުމަކަށްވުރެ ދަށް. އަޅުގަނޑުމެން ރާއްޖޭގައި ތަކެތި ލިބެންހުރި އަގު. އަޅުގަނޑު ބަލައިލީމޭ އިނގޭތޯ ސީޝެލްސްއިން ހަނޑޫ ކިލޯއެއް ކިހިނެއްތޯ. އަޅުގަނޑު ބަލައިލީމޭ ސީޝެލްސްއިން ޑީސަލް ލީޓަރެއް ކިހިނެއްތޯ. ފުށް ކިލޯއެއް ކިހިނެއްތޯ. އަޅުގަނޑުމެންނޭ އަދިވެސް ހެވީ. އަޅުގަނޑަށް އެނގޭ، އަދި އަޅުގަނޑުމެންގެ އާމްދަނީގެ މިންވަރުވެސް ބޮޑު. ދެން ތަކެތީގެ އަގު ބޮޑުވެފައި އޮތްކަމާމެދު އަޅުގަނޑު އިންކާރެއް ނުކުރަމު. އެހެންނަމަވެސް، އަޅުގަނޑު އަޑުއަހައިފިން، ތުނި ކޮތަޅު ހުސްވެއްޖެޔޭ ބާޒާރުން. ވިޔަފާރި ކޮށްކޮށް. މި ރޯދަމަސް ވެގެންދާނެ، ފިހާރަތަކަށް ވިކުރާ އެންމެ ރަނގަޅު ރޯދަމަހަކަށް. އެއީ އާމްދަނީވެސް އިތުރުވެއްޖެ. އެހެންވީމާ، އަދި ކުދިންކޮޅެއް މިވާހަކަތައް އެބަ ފާހަގަކުރައްވާ. ތަކެތީގެ އަގު ބޮޑުވާ ކަމަށް އިނގޭތޯ. ބޮޑުވަމުންވެސް ނުދާ ކަމަކަށް އަޅުގަނޑެއްވެސް ނުދެކެން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވާ މިންވަރާ އަޅާބަލާއިރުގައި، އަޅުގަނޑުމެންނަށް ތަކެތީގެ އަގު އިތުރުވެގެންދިޔަ މިންވަރު. މިސާލަކަށް، ތިޔަބޭފުޅާގެ އާމްދަނީ، މިދިޔަ އަހަރު ހުރި މިންވަރާ ނުވަތަ މީގެ ދެއަހަރު، ތިން އަހަރު ކުރީގައި ހުރި މިންވަރާ އަޅާ ބަލައިލައިފިއްޔާ، ތިޔަބޭފުޅާއަށް ވަރަށް ސާފުކޮށް އެނގިލައްވާނެ، މީޑިއާގެ ދާއިރާ ކުރިއަރައިގެންދިޔަ މިންވަރުންނާ އެކުގައި. އަޅުގަނޑު ހަމަ މިސާލެއް މިދަންނަވަނީ. މީޑިއާގެ ބޭފުޅުންނަށްވެސް، އާމްދަނީ އިތުރުވެގެންދިޔަ ގޮތާއި، މުސާރައާއި ކަންކަންވެސް އިތުރުވެގެން އައިކަން.

މި ސަރުކާރު އައިފަހުން އެއްބިލިއަން ރުފިޔާ، 2009 ވަނަ އަހަރު މުސާރައަށް އިތުރުކުރެވުނު. އެއީ 2008 ވަނަ އަހަރު މުސާރަ އިތުރުކޮށްފައި ވަނިކޮށް، އެއްހަމައަކަށް ގެނައުމުގެ ގޮތުގައި އެތައް ބައެއްގެ މުސާރަ އަޅުގަނޑުމެން އިތުރުވެގެންދިޔަ. 2010 ވަނަ އަހަރު 15 ޕަސެންޓް މުސާރައިން ދަށްކުރިން. 2011 ވަނަ އަހަރު އެ 15 ޕަސެންޓް އަލުން އަނބުރާ މުސާރައަށްވަނީ ބޮޑުވެފައި. އަޅުގަނޑުމެންނަށް އެބަ އެނގޭ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދުވެސް އަދި ރާއްޖޭގެ އިޤްތިޞާދީ ދުވެލީގެ ހަލުވި މިން، ޖީ.ޑީ.ޕީ ގްރޯތް، މިހުރީ ވަރަށް ބޮޑަށް މަތީގައި. މިހާރު އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިއަރަނީ ދެ ޑިޖިޓަށް ނުވަތަ ދިހައެއްގެ މައްޗަށް އެހެންވީމާ، އަޅުގަނޑުމެންނަކަށް ނުދެކެވޭ ދަތި، އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެ ދަތިން ނޭރޭވަރުގެ ދައްޗެއް ގޭތެރޭގައިވާ ކަމަކަށް. އަޅުގަނޑުމެންނަށް ކަންކަން އިރާދަކުރެއްވިއްޔާ، މި ރޯދަމަހުގެ ތެރޭގައިވެސް ހަމަޖެހިގެން އެބަދޭ.

ދެން އަޅުގަނޑަށް އެނގޭ، ހަމަ އަޅުގަނޑު އެކީ އެކައްޗަކަށް ޤަބޫލުކުރަން އިނގޭތޯ، ރާއްޖޭގެ އާބާދީގެ ވަރަށްގިނަ ބަޔަކީ ނިކަމެތި ފަޤީރުން. ގާތްގަނޑަކަށް ފަންސަވީސް ޕަސެންޓް މީހުންނަކީ، މިބުނާ ޕަވަރޓީ ލައިނުން ނުވަތަ ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި މީހުން. ދެން އެމީހުންގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ. 65 އަހަރުން މަތީގެ ތޭރަހާސް މީހުންނަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ދެވުނީމާ، އެއީ ތޭރަހާސް ގެއަށް ކޮންމެ މަހަކު ދެހާސް ރުފިޔާ ވަންނަނީ. އެހެންވީމާ، އެއީވެސް އާމްދަނީ ވަރަށްބޮޑު ތަނަކުން އިތުރުވެގެންދިޔަ. ދެން ހަމައެހެންމެ، ބޭސްފަރުވާއަށް މަދަނައިގެ އެހީ ލިބެމުން އަންނަކަމުންނާއި، އެކަނިވެރި މައިންނާއި ޔަތީމު ކުދިންނާ، މި ފަރާތްތަކަށްވެސް ލިބޭ އެހީތެރިކަން ބޮޑުކަމުންނާ އެކުގައި، އިރާދަކުރެއްވިއްޔާ، މި ރޯދަމަސް އަޅުގަނޑުމެންނަށް މިގެންދެވެނީ ހަމަ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މީގެކުރީގައި ދުށް ރޯދަމަސްތަކަށްވުރެ ތަންކޮޅެއް ތިޔާގިކަން ބޮޑު ކަހަލަ ގޮތަކަށޭ. ދެން އެނޫން ގޮތަކަށް ވިދާޅުވާ ކަމަކަށްވަންޏާ، އަޅުގަނޑވެސް ބަލައިލަން ބޭނުން، އެނޫން ގޮތަކަށް ދައްކާ ހިސާބު. އަޅުގަނޑުމެން މިދެކޭ ދެކުމާއި، ހިސާބުން ފެންނަ ފެނުމާ، މިކަންކަމުގައި ތަފާތެއް ހުންނާތީވެ އަޅުގަނޑަށް މިހެން ދެންނެވެނީ.

 

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް

އަޅުގަނޑު އަނެއްކާވެސް ކުޑަކޮށް މަޥްޟޫޢު ތަފާތުކޮށްލަންޖެހޭނީ އިނގޭތޯ. އެއްޗެކޭ ހީފުޅު ނުކުރެއްވުން ވަރަށް ބޮޑަށް އެދެން. އެއީ އިއްޔެއަކީ ވަރަށް މުހިންމު ދުވަހެއް ދޮއެއްތޯ އަޅުގަނޑުމެންނަށް. އެއްކަލަ ކުޑަކޮށް އަނެއްހެން ބިމު އަޑީގައި ތިބި ކާފަ ދަރިންނަށް ކުޑަކޮށް ބިރު ދައްކާލައިގެން ނަމަވެސް ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުނު ދުވަސް އިއްޔެއަކީ އެހެން ނޫންތޯ. ތިން އަހަރު ދުވަސް ވާހަކައަކީ. ދެން މަނިކުފާނުގެ ވެރިކަމަށްވެސް އެއްހާސް ދުވަސް ހަމަވި ދުވަސް ކަމަށް މިވަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ފެހި ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ޙައްޤުތައް ޙިމާޔަތް ކުރެއްވުމަށް ސަރުކާރުން މިހާރު ދެއްވާފައިވާ ސަމާލުކަމުގެ މައްޗަށް ކޮންމެވެސް ވަރަކަށް އެއްޗެއް ވިދާޅުވެދެއްވަފާނަންތޯ؟ އޭގެ އިދިކޮޅު ފަރާތްތަކުން އެބަ ފާހަގަކުރޭ، އެކަމުގައި ކުޑަކަމެއް. އެހެން ކަމަށްވާނަމަ، މަނިކުފާނު އެކަން ގެންގުޅުއްވާ ގޮތެއްވެސް ވިދާޅުވެދެއްވަފާނަންތޯއޭ އަޅުގަނޑުމެންނަށް.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެނގިލައްވާނެ ހަމަ އިނގޭތޯ ނޫސްވެރިންނަށް. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްހަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން. އެއީ، އަޅުގަނޑުމެން ނޫ ޤާނޫނުއަސާސީންވެސް އުނި ސިފަތަކެއްގެ ގޮތުގައި ދެކިގެން، ޙަރަކާތްތެރިވަމުން އައީ މިދެންނެވި ޙައްޤުތައް އަޅުގަނޑުމެންނަށް ހޯދުމަށް. މިއަދަކު މީހަކު ހިފާ ހައްޔަރެއް ނުކުރާނެ، އެމީހަކު ބުނާ އެއްޗަކުން، ލިޔާ އެއްޗަކުން. މިއަދަކު މީހުންނެއް ގެންގޮހެއް ހައްޔަރެއް ނުކުރާނެ، ޞުލްޙަވެރި ގޮތުގައި ސިޔާސީ ޙަރަކާތް ހިންގައިގެނެއް. އަޅުގަނޑަށްވެސް އެބަ އެނގޭ، އަދިވެސް މީޑިއާގެ އެކިއެކި ކޮންޓްރޯލްތަކާއި ނުވަތަ މީޑިއާއަށް އަދިވެސް އެކިއެކި ބާވަތްތަކުގެ ޕްރެޝަރ އެކިއެކި ދިމާލުން އެބަހުރިކަން. ވަކި ޚާއްޞަކޮށް، ޕްރައިވެޓް މީޑިއާ ހިންގަނީ، ވިޔަފާރިވެރިން ހިންގަވާ މީޑިއާގެ ގޮތުގައި ކަމަށްވާތީވެ، އެއީ ދައްޗެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޖަމާޢަތްތައްވެސް ފާހަގަކުރޭ. ދެން އެހެން ނަމަވެސް، މިއީކީ އަޅުގަނޑު ނުދެކެން، ވަގުތު ކަމަކަށް މީޑިއާގެ ފަރާތުން ނޫސްވެރިން ސިޔާސީ ބޭފުޅުންނާ ގުޅޭގޮތުން ދައްކާ ވާހަކަތަކަށް އަޅުގަނޑުމެން ޑިފެންސިވްވެ، މިދަންނަވާހެން، އެ ފަހަތު ފަޔަށް އައިސްގެން، އެކަމުގައި ދިފާޢުވާންވީ ވަގުތެއް ނޫން މިއީކީ. ތިޔަބޭފުޅުން ވަކި ކަމެއް އަޅުގަނޑުމެންނަށް ރަނގަޅަށް ނުކުރެވޭ ކަމަށް ފާހަގަކުރައްވާ ކަމަށް ވަނީވިއްޔާ، އަޅުގަނޑު ބޭނުމީ އެކަމެއް ބަލާފައި، އެކަމެއް ރަނގަޅު ކުރެވޭތޯ ބަލަން. ދެން މިހެން ކުރީގައި ފެހި ޤާނޫނުއަސާސީ، ޤާނޫނީ ވަކީލުންގެ އެހީތެރިކަން. އެއީ ކުރީގެ ފެހި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކުށުގެ ތުހުމަތުން ބަރީޢަވުމަށްޓަކައި ޤާނޫނީ ވަކީލުންގެ އެހީތެރިކަމާ ގުޅޭގޮތުން އޮތް މާއްދާއަށް ޢަމަލު ނުކުރެވިދިޔައީ. އެހެންނަމަވެސް، އެނގިވަޑައިގަންނަވާނެ، މިހާރު އެ ޙައްޤުތައް ވަރަށް ފުރިހަމައަށް ލިބެމުން މިދަނީ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ކުރާންހުރި ކަންތައްތައް އިންތިހާއޭ. އެހެންނަމަވެސް، އަދި އަޅުގަނޑުމެންނަށް ލިބިފައިހުރި ކާމިޔާބުތައްވެސް އެއީ ވަރަށް ފުރިހަމަ ކާމިޔާބުތަކެކޭ.


މިޞްބާޙު ޢައްބާސް – ދި ޓީ.ވީ:

މަނިކުފާނު ފާހަގަކުރައްވައިފި، މުސާރަތައް ބޮޑުކުރެއްވި ވާހަކައެއް. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އެއްއަހަރު އުނިކުރެވިފައިވަނީ. އުނިކުރެވުނު ބައި ދޭންޖެހޭ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އެބަ ބުނޭ. ދެން މިމައްސަލަތަކާ ގުޅިގެން، ސިވިލް ކޯޓުން ރޫލިންގއެއް ނުކުތް. ދެން އޭގެއިތުރުން ސަރުކާރުން ވަކާލާތުކޮށްގެން ހައިކޯޓުންވެސް ރޫލިންގއެއް އެބައޮތް ނެރެފައި. ދެން އެއަހަރު އެއްއަހަރު ދުވަހަށް އުނިކުރެވުނީ ދޮއެއްތޯ، ޚާއްޞަ ޙާލަތެއް މެދުވެރިވެގެން. އެއަށްފަހު އަނބުރާ މިގެނެވުނީ. ދެން އެބައި އަނބުރާ ދޭންޖެހޭނެ ކަމަށް ކޮމިޝަނުން އެބަ ބުނޭ. ދެން ހައިކޯޓުގެ ރޫލިންގއަށްފަހު އަދި ސަރުކާރުން ވަކި ސްޓޭންޑެއް ނުނަންގަވާ މިމައްސަލައިގައި. ކޮބައިތޯ މިބައި ދޭގޮތަށްތޯ. ނޫނީ ސުޕްރީމް ކޯޓާ ހަމައަށްދާ ގޮތަށްތޯ ސަރުކާރުގެ ޚިޔާލުހުރީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެބައި ދެވޭކަށެއް ނެތް. ސަރުކާރުން ޖެހޭނީ ސުޕްރީމް ކޯޓަށްދާން އިނގޭތޯ. ވަރަށް ސާފުކޮށް ޤަބޫލު ކުރައްވާ. ރާއްޖެއަށް ލިބޭ އާމްދަނީއާއި، އަޅުގަނޑުމެން އަނބުރާ ދޭންޖެހޭ އެއްޗަކާ. އަޅުގަނޑުމެން ޖެހޭނީ ދެން ކޯޓުން ކަމެއް ނިންމައިފިއްޔާ، ދެން އަޅުގަނޑު އެދޭނަން ކޯޓުގައި. އަޅުގަނޑުމެން ދެން ދާނަން މަޖިލީހަށް. ކޯޓުން އެގޮތަށް ނިންމެވީމާ، އެފައިސާ އިތުރުކޮށްދެއްވުމަށް. ދެން ސަރުކާރަށް ޖެހޭނީ އެފައިސާ ޖަހަން. ދެން ކޯޓުން އެކަން އެހެން ޝަރީޢަތުގެ އެންމެފަހު މަރްޙަލާގައި އެގޮތަށް ނިންމަވައިފިއްޔާ، އަޅުގަނޑެއް ނުދެކެން ނިންމަވާނެ ކަމަކަށް. ދެން ޝަރީޢަތަށް އެކަން ސާފުވެގެންދާނީ. އެހެންވެއްޖެނަމަ، އަޅުގަނޑުމެންނަށް ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ދާން އިތުރު ފައިސާ ޖެހުމަށް. އޭރުން ފައިސާގެ އަގު ވެއްޓި، ތަކެތީގެ އަގު އަރައިގެންދާނީ. ދެން އަޅުގަނޑެއް ހަމަ ނުދެކެން، ސިވިލް ސަރވިސް ކޮމިޝަނުންވެސް އަދި ސިވިލް ސަރވަންޓުންވެސް އަޅުގަނޑުމެންނަށް އެ ވެއްޓުނު ވަޅުގަނޑުން އަނެއްކާވެސް އިތުރު ވަޅުގަނޑަކަށް ވެއްޓެންދާން ބޭނުންވެލައްވާނެ ކަމަކަށް.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު އަނެއްކާވެސް ހަމަ ރޯދަމަހުގެ ހެޔޮ ދުޢާ، ތަހުނިޔާތައް ހުރިހާ ބޭފުޅުންނަށް އަރުވަން. ދެން އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް މި ސީޝެލްސްގައި ހިނގަމުންމިދާ ކުޅިވަރު މުބާރާތުގައި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެންމެ ރަނގަޅު ކާމިޔާބު އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް. މިއަދު އަޅުގަނޑުމެން މޮރިޝަސް އަތުން ވޮލީބޯޅައިން މޮޅުވެއްޖެ. އަޅުގަނޑަށް ލަފާކުރެވެނީ، އަޅުގަނޑުމެންގެ ބެޑްމިންގޓަން ކުޅުންތެރިޔާ، ހަމަ ގެނެއްސާނެ އިނގޭތޯ، ވަރަށް މަތީ ވަނައެއް. ބެޑްމިންގޓަންގައި އަޅުގަނޑުމެންނަށް ބްރޯންޒެއް ލިބިއްޖެ. ދެން އަޅުގަނޑުމެން ބަލިވީ ސީޝެލްސް އަތުން. މޮރިޝަސް އަތުން ބަލިވިއިރުގައިވެސް 5 މެޗް ކުޅެގެން އިނގޭތޯ ބަލިވީ ހަމަ ކިރިޔަ ކިރިޔާ. އަޅުގަނޑުމެން އެންމެންގެ ނިޔަފަތިދާ ހިސާބުން ކިރިޔާ އަޅުގަނޑުމެންނަށް އެދިޔައީ. ފުޓްބޯޅައިގައި އަދި ބައްޔެއްނުވޭ އަޅުގަނޑުމެންނެއް. އިރާދަކުރެއްވިއްޔާ، ބައްޔެއްނުވެސްވާނެ. އެހެން ނަމަވެސް، ދެން އޮތީ ސީޝެލްސާ. އެރަށުގައި އަޅުގަނޑުމެން ކުޅެނީ. އެހެންވީމާ، ކުޑަތަންކޮޅެއް އުނދަގޫވާނެ. ދެން އަޅުގަނޑަށް އެހެން ނަމަވެސް ފެންނަނީ، އަޅުގަނޑުމެންގެ ކުޅުންތެރިން ވަރަށް ރަނގަޅު ކަމަށް. އެހެންވީމާ، އަޅުގަނޑު މި އުންމީދު ކުރަން. އެނގިވަޑައިގަންނަވާނެ، 1979 ގައި އަޅުގަނޑުމެން ސީޝެލްސަށް ދިޔައިރުގައި، އަޅުގަނޑު ގާތުގައި، އެއީ އަޅުގަނޑާ އެކުގައި ދަތުރުގައި މިފަހަރު ބައިވެރިވެލެއްވި ހީނާ ސަލީމާއި އިބްރާހީމް އިސްމާޢީލާއި އަދި ޒާހިރު ނަޞީރާ. އެބޭފުޅުންނަށް ފެނުނު 8 ލަނޑުން އަޅުގަނޑުމެން މޮރިޝަސް އަތުން ބަލިވި އެފަހަރު. މިފަހަރު އަޅުގަނޑުމެން އެކެއް އެކެއް. ދެން އޭގެތެރޭގައި އިނގޭތޯ، އެކެއް އެކެއްވީއިރުވެސް ދެގޯލު އަޅުގަނޑުމެންނަށް އަދި އިތުރު ޖެހުނު. އެހެން ނަމަވެސް، އެއީ އޮފްސައިޑް ދެގޯލު. އެހެންވީމާ، އެގޯލެއް ނުގުނުނު. ދެން އަޅުގަނޑުމެންގެ ޓީމު ވަރަށް ރަނގަޅު. ވަރަށް ވަރުގަދަ. އަޅުގަނޑު އުންމީދު ކުރަން، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޅުގަނޑުމެންގެ ޓީމަށް ސާބަސް ދެއްވާނެ ކަމަށް. ދެން އަދި އަޅުގަނޑު ވަރަށް އުފާވޭ، މަޖިލީހުގެ ރައީސް އަޅުގަނޑާ އެކުގައި، މަޖިލީހުގެ ރައީސްގެ ހަމަ އެދިވަޑައިގަތުމާވެސް އެކުގައި މިދަތުރުގައި ބައިވެރިވެވަޑައިގަންނަވައި، އަޅުގަނޑުމެންނާ އެކުގައި ތިބެ، އެ ހުރިހާ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑަށް ތަރުޙީބު ދެވުނު. އަދި އަޅުގަނޑުމެންނަށް ހުރިހާ މެޗްތަކެއްވެސް ބަލަމުން ގެންދެވުނު.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!