بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 29 ޖުލައި 2011 ވީ ހުކުރު ދުވަސް. މިއަދަކީ، ރޯދައިގެ ކުރިއަށް އަޅުގަނޑުމެންނަށް އޮތް އެންމެފަހު ހުކުރު ދުވަސް. އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ބަރަކާތްތެރި ރޯދަމަސް.

އެނގިވަޑައިގަންނަވާނެ، ރޯދައިގެ ބޭނުންތައް ކިތަންމެ ގުނައަކަށްވާއިރު، ބަނޑުހައިހޫނު ކަމުގައި ތިބި ނިކަމެތި ފަޤީރުންނާއި، އަޅުގަނޑުމެންނަށްވުރެ އެތައްއެތައް ތަނަކުން ދެން ހެދޭނެ އެއްވެސް ގޮތެއްނެތިފައިތިބި އެތައް ބައިވަރު ފަޤީރުންނެއްގެ މަތިން ހަނދާންކޮށް، ކޮންމެވެސް މިންވަރަކަށްނަމަވެސް، އެފަދަ ބަދުނަސީބު ގޮތްތައް ދިމާވެފައިތިބި މީހުންގެ މަތިން ހަނދާންކޮށް، އަޅުގަނޑުމެން މާތްރަސްކަލާނގެ ކިބައަށް، ޝުކުރުވެރިވުން އެއީ، އަޅުގަނޑަށް ހަމަކަށަވަރު، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ރޯދައިގެ ވަރަށްބޮޑު އެއް ބޭނުން.

އަޅުގަނޑުމެންނަށް ކުރިމަތީގައިމިވާ މަހުގައި ވީހާވެސް ގިނަ ހެޔޮކަންތަކެއް ކުރުމާއި، އެކަކު އަނެކަކާއަޅާލުމާއި އިޚްލާޞްތެރިވުމާއި، އިޙްސާންތެރިވުމާއި، އީމާންތެރިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެން އެންމެންނަކީ ހުރިހާ ރޯދަމަހެއްގައިވެސް، އެމަހަށް އަބަދުވެސް އުންމީދުކުރާ އަދި ރޯދައިގެ އުފާވެރިކަންވެސް، ރޯދައިގެ އަޅުކަންވެސް، އަޅުގަނޑުމެން ލިބިގަންނަން ބޭނުންވާ، އެކަން ކުރަން ބޭނުންވާ ބައެއް.

ރޯދަމަސް އަޅުގަނޑުމެންނަށް ކިތަންމެ ސަބަބަކާއެކު މުހިންމުވެގެންދޭ. ރޯދައަކީ، އެނގިވަޑައިގަންނަވާނެ، ބަދުރު ހަނގުރާމައިގެވެސް މަސް، މައްކާ ފަތަޙަކުރެވުނުވެސް މަސް. އަދި ވަކިން ޚާއްޞަކޮށް ރޯދައަކީ، ޤުރްއާންވެސް ބާވައިލައްވަން ފެށުނު މަސް. އަޅުގަނޑުމެންނަށް މި މަހާ ގުޅޭގޮތުން ދީނީ ދަންނަ ބޭކަލުން ދެއްވާފައިވާ ހެޔޮލަފާ އިރުޝާދާއި ނަސޭހަތް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެ ނަސޭހަތްތަކާ އެއްގޮތަށް ރޯދަމަހުގައި އަޅުގަނޑުމެންގެ ކަންކަން ބެހެއްޓުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެންނަށް އަހަރަކުން މިލިބެނީ މިފަދަ އެއްމަސް. މިލިބޭއިރު މިމަހުގެ ފުރިހަމަ ބޭނުންކުރުމަކީ ހަމަކަށަވަރުންވެސް ބުއްދިވެރިކަމެއް.

ރޯދަމަހުގެ ތެރޭގައި ސަރުކާރުވެސް އަދި އެހެން މަސައްކަތްވެސް ހިނގަމުންދާނެ. އެހެން މަސްތަކަށްވުރެ ރޯދަމަހުގައި އަޅުގަނޑުމެން އެންމެންގެވެސް ވަރުބަލިކަން ބޮޑުވާނެ. އަދި ހައިހޫނު ކަމުގައި ތިބީމާ، ބައެއް ފަހަރަށް ރުޅިވެސް ގަދަވެދޭ. އެހެންނަމަވެސް، ރޯދައިގެ އެއްބޭނުމަކީ، ކެތްތެރިކަން އަޅުގަނޑުމެންނަށް ލިބިގަތުން. އެހެންވީމާ، ރުޅިވެރިކަން ތިރިކޮށް، ކެތްތެރިވެ އަޅުގަނޑުމެން މި މަހުގައި ވީހާވެސް ހެޔޮކޮށް އުޅުމަކީ، އަޅުގަނޑުމެން އެންމެންނަށްމެ، މަންފާއާއި ލާބަ ލިބޭނެ ކަމެއްކަން ކަށަވަރު.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم