بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ޑިފެންސް، އެމް.އެން.ޑީ.އެފް.ގެ ޗީފް އޮފް ސްޓާފް. އަދި ޖެނެރަލް އޮފިސަރުން. އެހެންވެސް އެމް.އެން.ޑީ.އެފް.ގެ ސްޓާފުންނާއި އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

މިއަދު އަޅުގަނޑުމެންނަށް އިފްތިތާޙް މިކުރެވޭ އެމް.އެން.ޑީ.އެފް.ގެ ކޯރ އޮފް އިންޖިނިއަރިންގއަކީ ދިގު ތާރީޚެއް، މާޒީއެއް. މިއަދު އަޅުގަނޑުމެން މިކަން މި އިފްތިތާޙްކުރާ ގޮތާ ހަމައަށް އައިއިރުގައި، އޭގެ ފަހަތުގައި އެތައްއެތައް މަސައްކަތްތަކެއް، ކިތަންމެކިތަންމެ ޚިދްމަތްތަކެއް އެކުލެވިގެންވާ ކަމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް ކަށަވަރު.

މި އެމް.އެން.ޑީ.އެފް.ގެ އިންޖިނިއަރިންގ، ވަކިން ޚާއްޞަކޮށް، އިންޖިނިއަރިންގ ކޯރއެއް އުފެއްދިފައި، ޙަރަކާތްތެރިވަމުން ގެންދާންޖެހޭ ވަރަށް މުހިންމު ދެ ބޭނުމެއް އަޅުގަނޑަށް ވިސްނޭ. އެންމެ ފުރަތަމައިނުން ހަމަކަށަވަރުންވެސް، ދިވެހި ސިފައިންނަކީ، އެއިރެއްގައި އެވަގުތަކަށް ބޭނުންވާ ކޮންމެ ކަމެއް، ކޮންމެ ކަމެއް ވަރަށް އަވަހަށް، ވަރަށް ފުރިހަމައަށް، ވަރަށް ކެރުންތެރިކަމާއެކީގައި ބާރަށް ގެންގޮސް ނިންމާލެވޭ ބަޔަކަށް އެބަވާންޖެހޭ. އެކަމަށްޓަކައި ޚާއްޞަކޮށް، އިންޖިނިއަރިންގެ މަސައްކަތްތައް އެއީ، މިތަނުގެ ތެރޭ، އެ ހުނަރުތައް ވަރަށް ރަނގަޅަށް ހުންނާންޖެހޭ މަސައްކަތެއް. އަދި ހަމައެހެންމެ، އެއާއެކީގައި ޤައުމީ ކިތަންމެ މަސައްކަތްތަކެއް އެބަހުރި އަބަދުވެސް އެކުވެ، ފުނިޖެހި، ކުރާން ޖެހިފައި ހުރި. އެމަސައްކަތްތައް ކޮށްދިނުމުގައި، އެމް.އެން.ޑީ.އެފް. ދިވެހި ސިފައިން އަބަދުވެސް ބޭރަށް ނުކުމެ، ކެރިގެން ކުރިމަތިލާފައި ހުރީ، ކޮންމެ ދިވެހި ރައްޔިތަކުވެސް އެކަމާ އުފާވާނެ އަދި އެކަމާ ފަޚްރުވެރިވާނެ މިންވަރަށް.

އަޅުގަނޑުމެންގެ ރާއްޖޭގައި މިއަދު ކުރާންހުރި މަސައްކަތްތަކަކީ، އެހެންވީމާ، އެމް.އެން.ޑީ.އެފް ކުރަމުން ގެންދާންޖެހޭ މަސައްކަތަކީ، އިއްޔެގައި އަޅުގަނޑުމެން ރާއްޖޭގައި ކުރާންހުރި މަސައްކަތެއް ނޫން. މިއަދު އަޅުގަނޑުމެންގެ ވަރަށްގިނަ ރަށްރަށުގައި، ފެނާއި ނަރުދަމާގެ ޚިދްމަތަކީ، އެރަށްރަށުގެ ވަރަށްގިނަ ރައްޔިތުންނަށް، ހަމަ މިހާރުން މިހާރަށް ބޭނުންވެފައިވާ ޚިދްމަތްތަކެއް. މިބާވަތުގެ ޚިދްމަތްތަކާއި އަދި އެހެންވެސް އިންޖިނިއަރިންގ މަސައްކަތްތައް، އެމް.އެން.ޑީ.އެފް.ގެ އިންޖިނިއަރިންގ ކޯރ މެދުވެރިކޮށް، ހަލުވިކަމާއެކު ބާރަށް ކުރިއަށް ގެންދިޔުމަކީ، ސަރުކާރުގެ ވަރަށްބޮޑު އުންމީދެއް. އެމް.އެން.ޑީ.އެފް.ގެ ތެރޭގައި މި މުއައްސަސާ އުފެއްދުނު އަޅުގަނޑު މިދެންނެވި ދެވަނަ ބޭނުމަކީ، ރާއްޖޭގައި މިވަގުތު ކުރާންހުރި އިންޖިނިއަރިންގގެ ވަރަށްގިނަ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔުން.

އަޅުގަނޑު ދެކެނީ، މިއަދު އަޅުގަނޑުމެންނަށް މި ފަށައިގަނެވުނު މަސައްކަތުގެ ސަބަބުން، މި މުއައްސަސާ އިތުރަށް ހަރުދަނާވެ، އޭގެ ޤާބިލުކަމާއި ހުނަރުވެރިކަން، އެތައް ތަނަކުން ކުރިއަރައިދާނެކަން. ދިވެހި ސިފައިންނަށް، އެވަގުތެއްގައި ވަކި ކަމެއް ކުރާން ޖެހުނީމާ، އެއީ ކޮންމެ ކަމެއް ކަމުގައިވިޔަސްވެސް، ފަސޭހަކަމާއި، އިތުބާރާއި، ޔަޤީންކަމާއެކީގައި އަދި އަވަސްކަމާއެކުގައި، ވަގުތުންވަގުތަށް ކޮށް ނިންމޭނޭ ހުނަރު އަދި އެހެންވީމާ، އެބާވަތުގެ ކަންކަން ކުރުމުގެ އިންތިޒާމްތައް އެމް.އެން.ޑީ.އެފް.ގެ ތެރޭގައި އެބަ ހިމެނެންޖެހޭ.

ދެންމެ އަޅުގަނޑުމެންނަށް ކުޑަގޮތަކަށް ފެނިގެން ހިނގައްޖެ. މިވޭތުވެދިޔަ ޒަމާންތަކުގައި އަދި މި ފަހުގެ ދުވަސްތަކުގައި، ދިވެހި ސިފައިން ރާއްޖޭގެ ތަރައްޤީގެ އެކިއެކި ކަންކަމުގައި، ބިނާކުރުމުގެ އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވެފައިވާ މިންވަރު. އަޅުގަނޑަށް ޔަޤީން، ކުރިއަށް އަންނާން އޮތް ތަނުގައި، އެ މިންވަރު ދާނީ ދުވަހުން ދުވަހަށް އިތުރުވަމުން. ސަރުކާރުގެ ފަރާތުންވެސް، ރައްޔިތުންގެ ފަރާތުންވެސް ތިޔަބޭފުޅުންގެ ކިބައިން އިތުރު މަސައްކަތަށް އަބަދުވެސް އެދޭނެކަމީ، އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އެންމެބޮޑު ސިއްރަކީ، އަޅުގަނޑުމެން އެންމެންވެސް އިތުރު މަސައްކަތަށް އެދިއެދި އަބަދުވެސް ތިބޭތީ. އެމަސައްކަތްތައް ކޮށްދިނުމުގައި، ދިވެހި ސިފައިންނަށް އެހީތެރިވެވުނު މިންވަރަކުން އެހީތެރިވެދިނުމަކީ، އަޅުގަނޑަށް ޔަޤީން، ކޮންމެ ދިވެހި ސިފައިންގެ މީހެއްގެވެސް ވަރަށްބޮޑު އުފަލަކަށްވާނެ.

ހަމައެއާއެކުގައި، އަޅުގަނޑު މިދެންނެވިހެން، ކަމެއް ދަމެއް ދިމާވީމާ، ސިފައިންނަށް ނުކުމެ ނުކުރެވޭ އެއްވެސް ކަމެއް އޮވެގެން ނުވާނެ. ކޮންމެ ކަމެއް ކުރުމަށް ތަމްރީނާއި ތައްޔާރީތައް ހުންނަންޖެހޭނީ ފުރިހަމަވެފައި. މިއަދުގެ ދުނިޔޭގައި އިންޖިނިއަރިންގގެ މަސައްކަތަށް އަޅުގަނޑުމެން ތައްޔާރުނުވެ ތިބެ، ލޮޖިސްޓިކްސް ހިންގޭނެ ހަމަ އެއްގޮތެއްވެސް އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ނެތްކަން. ސިފައިންނަކީ ޙަޤީޤަތުގައި ލޮޖިސްޓިކްސްގެ ވަރަށްބޮޑު ބައެއް. އެމް.އެން.ޑީ.އެފް.ގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި، އަޅުގަނޑަށް ފެންނަ ފެނުމުގައި ބިނާވެފައި އޮންނާނީ ލޮޖިސްޓިކްސްއަށް. ހަނގުރާމަ ކުރުމާއި އަދި ހަނގުރާމައަށް ތައްޔާރުވުމާއި، ހަނގުރާމައިގެ މައިދާން، ހަނގުރާމައަށް ތައްޔާރު ކުރުމާ، މި އެންމެހާ ކަންކަން ކުރުމުގައި، އެންމެ ބޮޑަށް ބޭނުންވާނީ، އިންޖިނިއަރިންގގެ ޢިލްމު، އެ ހުނަރު، އެ މަސައްކަތް އަޅުގަނޑުމެންގެ ތެރޭގައި ފުރިހަމައަށް ރޭވިފައި އޮތުން.

ހަމަ އަޅުގަނޑު މިދެންނެވިހެން، އެހެންމެ ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިވަނީ، ވަރަށް ބޮޑެތި އިންޖިނިއަރިންގ މަސައްކަތްތަކަށް ބޭނުންވެފައި. އަޅުގަނޑުމެންނަށް ދެންމެ ކުޑަކުޑަ ގޮތަކަށް ދުވާފަރު ފެނިއްޖެ. އަޅުގަނޑު ވަރަށް ގާތުން ދުށިން، ދުވާފަރުގައިވެސް އަދި ފަހުން ނޮޅިވަރަމަށް މީހުން ބަދަލު ކުރުމުގައިވެސް، އެމް.އެން.ޑީ.އެފް.ގެ މުވައްޒަފުން، ސިފައިން ޙަރަކާތްތެރިވަމުން ގެންދިޔަތަން. ރަށްރަށުގައި މިހާރު ރާއްޖޭގެ އެތަން މިތަނުގައި ކުރާން ޖެހިފައިވާ މަސައްކަތްތައް، ކުރިއާ އަޅުގަނޑުމެން މިދަންނަވާހެން ވަރަށް ބޮޑަށް ތަފާތު. އެ މަސައްކަތްތަކުގެ ތެރޭގައި މިހާރު ހިމެނެނީ، ޑިޒައިން ކުރުން. އަދި ފެނާއި ނަރުދަމާގެ މަސައްކަތާއި، މަގު ހެދުމާއި، އެއްގަމު ތޮށިލުމާއި، ބަނދަރު ހެދުމާއި، މިބާވަތުގެ ބޮޑެތި އިންޖިނިއަރިންގ މަސައްކަތްތަކަކީ، ވަރަށްގިނަ ޢިލްމާއި ހުނަރު ބޭނުންވާ މަސައްކަތްތަކެއް. އަޅުގަނޑުމެންގެ ތެރޭގައި، މިދެންނެވި ހުނަރު، މިދެންނެވި ޢިލްމު އެބަހުރި. އަޅުގަނޑުމެން ބޭނުންވަނީ، އެކަންކަން ތަރުތީބުކޮށް، ބާރަށް އަވަހަށް، ބޭނުންހާއިރެއްގައި ކަން ކުރެވޭ ގޮތަށް ރޭވިފައި ތިބެން.

މިދެންނެވި ގޮތަށް ކަންކަން ރޭވިގެން، އިންތިޒާމްވެގެން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ އެންމެ ވަރުގަދަ މުއައްސަސާއަކީ އެމް.އެން.ޑީ.އެފް ކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއް ނުއުފެދޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މި އިންޖިނިއަރިންގ ކޯރ އުފެދުމާ އެކުގައި، އެމް.އެން.ޑީ.އެފް.ގެ މިހާރު ހިންގާ އިންޖިނިއަރިންގ މަސައްކަތްތައް، އެއީ މަރާމާތު ކުރުމުގެ މަސައްކަތް ކަމުގައި ވިޔަސްވެސް އަދި ބިނާކުރުމުގެ މަސައްކަތް ކަމުގައި ވިޔަސްވެސް، ކުރީ ހިނގަމުން އައި ގޮތަށްވުރެ އަދި މާ ފުރިހަމައަށް، މާ ރަނގަޅު އިންތިޒާމްގައި، މާ ރަނގަޅަށް ބެލެހެއްޓިގެން، މާ ތަހުޒީބީ ގޮތުގައި، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދެވޭނެ.

އަޅުގަނޑު މިއަދު މިމަސައްކަތްތައް މިގޮތަށް ރޭވުމުގައި، މި އެމް.އެން.ޑީ.އެފް.ގެ ޗީފް އަދި ޑެޕިއުޓީ ޗީފް އަދި އެހެންވެސް ޖެނެރަލުންނާއި އޮފިސަރުން ކޮށްދެއްވާ މަސައްކަތަށް ނުހަނު ޝުކުރު ދަންނަވަން. ތިޔަބޭފުޅުންނަށް، މި ރާއްޖޭގެ ޙާލަތު، އެއިރެއްގައި އޮންނަ ގޮތް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވައި، ދެން ކުރާންވީ ކަމަކީ ކޮބައިކަންވެސް، ދެން ހައްދަވަންވީ ގޮތްވެސް، އެހެން އެންމެންނަށްވުރެ ބޮޑަށް ސާފުވާ ކަމަށް އަޅުގަނޑަށް ހަމަގައިމުވެސް ފާހަގަވޭ.

އަޅުގަނޑު ތިޔަބޭފުޅުންނަށް މިކަންކަމަށްޓަކައި ނުހަނު ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ 46 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިފައިންނަށް އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ ފަރާތުން އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރްޙަބާއާއި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އަބަދުވެސް ދުޢާއަކަށްވާނީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި ދުވަހެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.