بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 22 ޖުލައި 2011 ވީ ހުކުރު ދުވަސް. ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވުމަށް ހަމަޖެއްސި އިޤްތިޞާދީ އަދި މާލީ ހުރިހާ ބަދަލުތަކެއް، އިރާދަކުރައްވައިގެން މަޖިލީހަށް މިހާރު މިވަނީ ފޮނުވިފައި. އޭގެތެރޭގައި، 18 ބިލެއް ހިމެނޭ. އެނގިވަޑައިގަންނަވާނެ، މީގެތެރެއިން ބައެއް ބިލްގެ ބަޙުޘްތައް މިހާރު މިވަނީ ފެށިފައި. ބައެއް ބިލްގެ ފުރަތަމަ ކިޔުންވަނީ ކުރިއަށް ގެންދެވިފައި. ބައެއް ބިލަށް އިފްތިތާޙީ ބަޙުޘް ކުރިއަށް ގެންދެވިފައި. އެހެންވީމާ، ބައެއް ބިލްތައް މިހާރުވަނީ ކޮމިޓީގައި.

ސަރުކާރުން ހުށަހަޅާފައިމިވާ އިޤްތިޞާދީ ބަދަލުތަކަކީ، ވަރަށް ބޮޑެތި ބަދަލުތަކެއް. އަދި މިބަދަލުތައް ގެނައުމުން، ދިވެހިރާއްޖޭގެ އިޤްތިޞާދު، ހަމަ މަގަށް އެޅި އަދި މި އިޤްތިޞާދަކީ، ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، ޢާންމު ޙާލަތު ރަނގަޅު ކުރުމަށް ފަހިކޮށްދޭނޭ އިޤްތިޞާދަކަށް ވެގެންދާނޭކަމީ ޝައްކެއް ހިނގާ ކަމެއް ނޫން.

މިގެނެވޭ ބަދަލުތަކަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ނުހަނު ތަޖްރިބާ ކޮށްފައި ހުރި ބަދަލުތަކެއް. ހަމައެކަނި ބޮޑެތި ޤައުމުތަކެއް ނޫން. ދިވެހިރާއްޖެފަދަ ކުދި ކިތަންމެ ޤައުމެއްގައިވެސް، މިކަންކަންވަނީ ބަދަލުކޮށްފައި. އަދި އެބަދަލުތަކުގެ ސަބަބުން އެ ޤައުމުތަކުގެ ރައްޔިތުންނަށްވަނީ ނުހަނު ފައިދާކޮށްފައި.

މީގެކުރީގައި ސަރުކާރުގެ އާމްދަނީ، ސަރުކާރަށް ލިބެމުން އައި އެންމެ މައިގަނޑު އެއް ދާއިރާއަކީ، އިމްޕޯޓް ޑިއުޓީ. އިމްޕޯޓް ޑިއުޓީއަކީ، ސީދާ ވިޔަފާރިވެރިޔާ އަތުން އެ މުދާ އެތެރެކުރާއިރުގައި ނެގޭ ޑިއުޓީއެއް. އެ ޑިއުޓީ، އެ ވިޔަފާރިވެރިޔާ އަތުން ނެގުމުން، ވިޔަފާރިވެރިޔާ މުދާ ވިއްކާއިރުގައި، އެ ޑިއުޓީއަށްވާ ބައި، މުދަލުގެ އަގުގައި ހިމަނައި، އެ ޚަރަދު، އެ ވިޔަފާރިވެރިޔާ ފޫބައްދަނީ. އެހެން ނަމަވެސް، އިމްޕޯޓް ޑިއުޓީގެ ގޮތުގައި، ދައުލަތް ހިންގުމަށް މިގޮތަށް ފައިސާ ހޯދީމާ، ދިމާވާ ކިތަންމެ ދައްޗެއް އެބަހުރި. އަދި ނުކުންނަ އެތައް ބޭއިންޞާފެއްވެސް ފާހަގަކުރެވޭ. މުދާ އެތެރެކުރާ ވިޔަފާރިވެރިޔާ، އިމްޕޯޓް ޑިއުޓީއަށް ފައިސާ ދައްކާންޖެހޭނީ ހަމަ ސީދާ ވަގުތުން ނަޤުދު. އެ ދައްކާންޖެހޭ ޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށްފަހު އަދި އެ މުދާ ވިއްކާން ފެށުމުގެ ކުރީގައި، ވަރަށްބޮޑު އިތުރު ޚަރަދެއް ހިނގައިގެން މިދަނީ، ސަރުކާރަށް ދައްކާންޖެހޭ އެއްޗެއްގެ ސަބަބުން. އެހެންވީމާ، ވިޔަފާރިވެރިޔާގެ ކޭޝް ފްލޯއަށް ތާށިވެގެންދޭ. މުދާ އެތެރެކުރެވެނީ، ގިނަފަހަރަށް އެލް.ސީ.އެއް ހުޅުވައިގެން. އެ އެލް.ސީ.ގެ ޛަރީޢާއިން. އެލް.ސީ.އެއް ހުޅުވައިގެން މުދާ އެތެރެކުރެވޭއިރުގައި، ހަމަ އެތެރެކުރާ ގަޑީގައި ނުވަތަ އެވަގުތު އެހާ ބޮޑު ޢަދަދެއްގެ ފައިސާ އެއްފަހަރާ ދައްކާން ޖެހުނީމާ، އެއީ ވިޔަފާރިވެރިންނަށް އަބަދުވެސް ދިމާވެފައި އޮންނަ އުނދަގުލެއްކަން ސަރުކާރަށްވަނީ ފާހަގަކުރެވިފައި.

މިހާރު މި ޓެކްސް މިގޮތަށް ނެގުން ހުއްޓާލުމަށްފަހުގައި، ދެން ނެގުމަށް ސަރުކާރުން ނިންމާފައި މިވަނީ، މުދާ ވިއްކާއިރުގައި ނެގޭ ޓެކްސްއެއް. އެއީ، ތިން ޕަސެންޓްގެ ކުޑަ މިންވަރެއް. އެ މުދާ ވިއްކާއިރު ނެގޭ ޓެކްސެއްގެ ގޮތުގައި. ސަރުކާރު ދެކެނީ، މި ބަދަލު ގެނައިމާ، ވިޔަފާރިވެރިންނަށްވެސް އަދި ރައްޔިތުންނަށްވެސް އޭގެ ސަބަބުން ކިތަންމެ ލުޔެއް ފޯރާނެ ކަމަށް.

ރައްޔިތުންގެ އާމްދަނީން ނެގޭ ޓެކްސް ނެގުމުގެ ބިލް ސަރުކާރުން މިހާރު މިވަނީ ހުށަހެޅިފައި. އާމްދަނީން ނަގާ ޓެކްސް ނެގޭއިރުގައި، މި ނެގެނީ މަހަކު ތިރީސްހާސް ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ މީހެއްގެ ތިރީސްހާސް ރުފިޔާއަށްވުރެ އިތުރަށް ލިބޭ އާމްދަނީން ނެގޭ ކުޑަކުޑަ މިންވަރެއް. އެއީ، ތިން ޕަސެންޓާއި ފަނަރަ ޕަސެންޓާ ދެމެދު. ހަނދުމަފުޅު ބަހައްޓަވާތި، އެއީ ތިރީސްހާހަށްވުރެ މަތިން ލިބުނީމާ، އެ ތިރީސްހާހުގެ އިތުރަށް ލިބޭ ފުރަތަމަ ރުފިޔާއިން ފެށިގެން ނެގޭ ޓެކްސެއް. ޙަޤީޤަތުގައި ތިރީސްހާހާ ފަސްދޮޅަސްހާހާ ދެމެދު މަހެއްގެ މައްޗަށް އާމްދަނީ ލިބޭ މީހަކު، ސަރުކާރަށް ދައްކަން ނުޖެހޭނެ ހައެއްކަ ސަތޭކަ ރުފިޔާވެސް. މިއީކީއެއް އެއްވެސް ހާލެއްގައި، އެފަދަ އާމްދަނީ ލިބޭ މީހުންނަށް ދަތިވެގެންދާނެ ޓެކްސެއް ނޫން. ސަރުކާރުން ދެކެނީ، މި ޓެކްސް ނެގުނީމާ، މާލިއްޔަތު ހަމަޖެއްސުމުގައި، ސަރުކާރަށް އެތައް ތަނެއް ފަސޭހަވެގެން ގޮސް އަދި މި ޓެކްސްގެ ސަބަބުން ސަރުކާރުގެ އާމްދަނީ އިތުރުވެ، ސަރުކާރުން ކުރާންހުރި ކިތަންމެ ޚަރަދުތަކެއް ވަރަށް ފަހިކަމާއެކީގައި، ފަސޭހައިން ހިންގާންހުރި މަސައްކަތްތައް ހިނގައިގެންދާނެ ކަމަށް. އަދި ހަމަ އޭގެއިތުރުން، ޓެކްސްގެ ގޮތުގައި މިލިބޭ އާމްދަނީ ސަރުކާރަށް ލިބޭން ފެށުމުން، ސަރުކާރު ދެކޭގޮތުގައި އަދި ފާހަގަވެފައިވަނީ މާލީ މާހިރުން އަންގައިދީފައި، ބުނެދީފައިވާ ގޮތުގައި، މިހާރު ސަރުކާރުގެ ޑެފިސިޓް ނުވަތަ އާމްދަނީއަށްވުރެ ޚަރަދު ބޮޑުވެފައިވާ ބައި ފޫބެއްދުމަށް، ޓްރެޜަރީ ބިލް ވިއްކައިގެން، ބޭންކްތަކުން ނަގަމުން އަންނަ ފައިސާ ނެގުން ހުއްޓިގެންދާނެ. އެހެންވީމާ، ބޭންކްތަކުގައި އަމިއްލަ ވިޔަފާރިތަކަށް ދޫކުރާނެ ފައިސާ އިތުރަށް ހުންނާނެ. އަމިއްލަ ވިޔަފާރިތަކަށް ފައިސާ ލިބެން ފެށުމުން، އެ ވިޔަފާރިތަކުގެ ހަރުދަނާކަމާއި އަދި ވިޔަފާރިތައް ކުރިއަށްދާ މިންވަރު، ހަމަކަށަވަރުންވެސް މަތިވެގެންދާނެ. އެއާއެކީގައި ވަޒީފާގެ ފުރްޞަތުތައް، ޢާންމު ރައްޔިތުންނަށް ހުޅުވިގެންދާނެކަމީ އަޅުގަނޑުމެން ޝައްކުކުރާ ކަމެއް ނޫން.

ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް މިބަދަލުތައް ގެންނާންޖެހޭ ކިތަންމެ ސަބަބެއް އެބަހުރި. ރާއްޖެ މިހާރު މިވަނީ މެދު އާމްދަނީގެ ޤައުމަކަށްވެފައި. މިފަދަ ޤައުމެއްގައި ކަންކަން ހުންނާންވެސް މިޖެހެނީ، ތަރައްޤީއަށް ފަހިވާގޮތަށް އަދި ދެމެހެއްޓެނިވި ގޮތުގައި ލޮޅުންތަކުން އިޤްތިޞާދު ސަލާމަތްވެ، ކޮންމެ އަހަރަކުން އަހަރަކުން ކުރިއަރަމުން ދެވޭނެ ބައްޓަމަށް އިޤްތިޞާދު އޮތުން.

ސަރުކާރުން މި ޓެކްސް ބިލްތަކުގެ އިތުރުން އަދި އެބަ ހުށަހަޅާ، ބިމާބެހޭ ޤާނޫނަށް ގެންނާންޖެހޭ ބަދަލުތަކަކާއި އަދި ވިޔަފާރިއާ ގުޅޭ އެކިއެކި ކަންކަން. އޭގެތެރޭގައި، ޕާޓްނަރޝިޕް ވިޔަފާރިއާއި އަދި ކޯޕަރޭޓް ވިޔަފާރިއާއި އަދި އެހެންވެސް ވިޔަފާރީގެ ކަންކަމާ ގުޅުންހުރި އެންމެހާ ކަންކަމުން އިރާދަކުރެއްވިއްޔާ، މި ބިލްތަކުން ބަދަލު އައިސްގެންދާނެ. ސަރުކާރުން ދެކެނީ، މިކަމުގައި ރައްޔިތުން ލޯ ހުޅުވި އަދި ވިސްނި، މަޢްލޫމާތު އެނގި، ރައްޔިތުން ބޭނުންވާ ގޮތްތައް ފާހަގަވެގެންދާނެ ކަމަށް. ސަރުކާރުން ދެކެނީ، ރައްޔިތުންގެ މަޖިލީހުން މިކަމުގައި ޢަމަލު ކުރާނީ ފުން ވިސްނުމާ އެކީގައި. މީގެ ސަބަބުން ދައުލަތަށާއި، ރައްޔިތުންނަށާއި ސަރުކާރަށް ލިބެންހުރި ފައިދާތަކަށް ވިސްނައި، މި ރާއްޖޭގެ ކުރިއެރުމާއި، މި ރާއްޖޭގެ ތަނަވަސްކަމަށް ފަހިވާގޮތަށް މަޖިލީހުގެ މެންބަރުން ޢަމަލު ކުރައްވާނެ ކަމަށް.

އަޅުގަނޑަށް ހަމަކަށަވަރު، މިކަންކަމާ ގުޅޭގޮތުން ކިތަންމެ ފާޑުކިޔުމެއް އަދި ކިތަންމެ ބަޙުޘެއް ހިނގާނެ. ހިނގާންވެސް ޖެހޭނެ. އެހެން ނަމަވެސް، އެންމެފަހުން އައިސް، އެއްވެސް ބޭފުޅަކަށް ވިދާޅުވާން ދަތިވާނެ، މިއީ މި ރާއްޖޭގައި އެކަނި ކުރާ ކަމެކޭ. މި ރާއްޖޭގައި މިކަން ކޮށްގެން، މިވެނި ގޮތެއް، އެވެނި ގޮތެއް ވެދާނެ ކަމަށް. ބައެއް ބޭފުޅުން ވަކާލާތު ކުރައްވާ، މިކަން މިއަދު ކުރާން އަދި މާ އަވަސް ކަމަށް. ވަގުތު ނުޖެހޭ ކަމަށް. އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަމުންދާ، އިވެމުންދާ ވާހަކަތަކެއް އެއީ، ރާއްޖެ ބަދަލުވާން އަދި މާއަވަހޭ. ރާއްޖޭގެ ސިޔާސީ ނިޒާމަށް ބަދަލުގެންނާންވެސް މިއީކީއެއް ވަގުތެއް ނޫނޭ. އަދި މާއަވަހޭ. އަޅުގަނޑުމެން އެ ބަސްތައް އަޑުއަހަމުން ގެންދިޔައީމު ވަރަށްގިނަ ދުވަސް ވަންދެން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެނގެމުން މިއަންނަ ޙަޤީޤަތަކީ، ސިޔާސީ ނިޒާމް ބަދަލުވީމާ، އެ ގެނެވުނު ބަދަލުގެ އެންމެބޮޑު ފައިދާއެއް ނުވަތަ އެ ބަދަލުގެ ސަބަބުން އެންމެބޮޑު ރަނގަޅެއް ޙަޤީޤަތުގައި ވަމުން މިދަނީ، މީގެކުރީގައި އެ ބަދަލުތަކަށް އިންކާރުކުރި ބޭފުޅުންނަށޭ، އެ ފަރާތްތަކަށޭ.

އަޅުގަނޑަށް ހަމަކަށަވަރު، މާލީ ކަންކަމާ ގުޅޭގޮތުން މިގެނެވޭ ބަދަލުތަކުގެ ސަބަބުންވެސް ފަސޭހަވެގެން، ފައިދާވެގެންދާނީ މުޅި ރައްޔިތުންނަށް. އެހެންވީމާ، ހުރިހާ ބޭފުޅުންނަށްވެސް އޭގެ ރަނގަޅު އަސަރު ފޯރައިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم