بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 15 ޖުލައި 2011 ވީ ހުކުރު ދުވަސް. ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް އަޅުގަނޑު އުފެއްދި ޓާސްކްފޯހުގެ މަސައްކަތްތައް ވަރަށް ރަނގަޅަށް ކުރިއަށްގޮސް، އޭގެ ނަތީޖާ މާތްރަސްކަލާނގެ އިރާދަފުޅާއެކު ވަނީ ފެނިފައި. ރޯގާ ކޮންޓްރޯލް ކުރުމާ ގުޅިގެން، ޓާސްކްފޯހުގެ މަސައްކަތްތައް މިދިޔަ ހަފްތާގައިވަނީ ނިންމާލެވިފައި. މިކަމުގައި ރާއްޖޭގެ ރައްޔިތުން ސަރުކާރަށް ދެއްވި އެއްބާރުލެއްވުމާއި، ކަމާބެހޭ ހުރިހާ އިދާރާތަކުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މި މަޥްޟޫޢުގައި އަޅުގަނޑު އިތުރަށް ދަންނަވާން، ފާހަގަކުރާން ބޭނުން ދެތިން ނުކުތާއެއް އެބަވޭ. ރާއްޖޭގައި ގައިން ގަޔަށް އަރާ އަދި އެކިގޮތްގޮތަށް ފެތުރެމުންދާ ތަފާތު ބާވަތްތަކުގެ ރޯގާތަކުގެ ތެރެއިން މަދިރި މެދުވެރިވެގެން އަޅުގަނޑުމެންނަށް މި ދިމާވާ ކަންކަމަކީ، ވަރަށްގިނަ ޒަމާނު މި ރާއްޖޭގައި ދިމާވަމުން އައިސްފައި ހުރި ކަންކަން. މިހާރު އަޅުގަނޑުމެންނަށް އެކުލަވާލެވިފައި މިއޮތް ރަށްރަށުގެ ކައުންސިލްތަކާއި އަދި ލާމަރްކަޒީ އުޞޫލު މެދުވެރިކޮށްގެން، އަޅުގަނޑުމެންގެ ދިރިއުޅުން، މިއަށްވުރެ މާބޮޑަށް ބަދަލުވެ އަދި އަޅުގަނޑުމެންނަށް ބަލިބަލިން ސަލާމަތްވެ އުޅެވޭނެ އާދަތަކެއް އަޅުގަނޑުމެންގެ ތެރޭގައި ތަޢާރުފް ކުރުމުގެ ފުރްޞަތު މިއަދު މިވަނީ ލޯކަލް ކައުންސިލްތަކާ އެކީގައި މަސައްކަތް ކޮށްގެން ހޯދޭނެ ޖާގަ ލިބިފައި. އަޅުގަނޑުގެ އެދުމަކީ، ސަރުކާރުގެ ހުރިހާ ބޭފުޅުންވެސް އަދި ހުރިހާ ކައުންސިލުންވެސް އެކުގައި މަސައްކަތް ކުރައްވައި، ޕަބްލިކް ހެލްތްގެ މަސައްކަތްތައް އެއީ ފަރުވާތެރިކަމާ އެކީގައި އަބަދުމެ ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ހެދުން. އަބަދަށް އަޅުގަނޑުމެން މިކަންކަން ކުރަމުން ގެންދިޔައީމާ، ކަންތައްތައް ބޮޑުވެ، ފަލަވެ، އަޅުގަނޑުމެންގެ އެތައް ބައެއްގެ ފުރާނަ ގެއްލޭ ހިސާބަށް ކަންކަމެއް ނުދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.
والحمد للّـه. والسّـلام عليـكم