بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 8 ޖުލައި 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު އެންމެ ބޭފުޅުންނަށް ދަންނަވާލަން އޮތް ވަރަށް މުހިންމު ވާހަކައެއް އެބައޮތް. އެއީ، މި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތް އޮތުމާގުޅޭގޮތުން އަޅުގަނޑު ދަންނަވާން އޮތް ވާހަކައެއް.

މިއަދުގެ ދިވެހި ދައުލަތް ބިނާވެފައި މިއޮންނަނީ، ތިންބާރުގެ މައްޗަށް. ޤާނޫނުހަދާ ބާރާއި، ވެރިކަން ހިންގާ ބާރާއި އަދި ޝަރީޢަތްކުރާ ބާރު. މި ތިން ބާރުގެ ތެރެއިން އެއްވެސް ބާރެއް ނުވަތަ އެއްވެސް މަސައްކަތެއް ހުއްޓިފައި އޮވެއްޖެނަމަ، އެ ހުއްޓެނީ ދިވެހި ދައުލަތް. މި ދައުލަތް ހުއްޓިގެން މިދައުލަތުގެ ހިޔާވަހިކަމުގައި ދިރި މިއުޅޭ ތިންލައްކަ އެތައްހާސް ރައްޔިތުންނަށް އޮތް މަންފާއެއް، ފައިދާއެއް، ލާބައެއް ނޯންނާނެކަމީ، އަޅުގަނޑަށް ޔަޤީން ކަށަވަރުން އެނގޭ ކަމެއް. ރާއްޖޭގެ ރައްޔިތުން އަބަދުވެސް އެދެނީ، އަބަދުވެސް ބޭނުންވަނީ ތަރައްޤީވުމަށް، ތަނަވަސްވުމަށް، ކުރިއަރައިދިޔުމަށް، އެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވުމަށް. ދައުލަތް ހުއްޓިފައި އޮވެގެނެއް، ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅު ކުރެވޭނެ ހަމަ އެއްވެސްގޮތެއް ނޯންނާނެ. އެހެންކަމުން، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ޑީ.އާރު.ޕީ.ގެ ތެރެއިން ވަކިން ޚާއްޞަކޮށް އެބޭފުޅުންގެ ޒަޢީމަށް ޚާއްޞަ ތާއީދެއް ދެއްވައިގެން ޙަރަކާތްތެރިވާ ބޭފުޅުންގެ އަރިހުގައި ދަންނަވާލަން، އަދި ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން، އެއްވެސް ހާލެއްގައި މަޖިލިސް ހުއްޓާލެއްވުމަށް ފާޅުގައި ވިދާޅުވެ، އެ މަގަށް މަސައްކަތް ކުރައްވަމުން ނުގެންދަވާށޭ. އެބާވަތުގެ މަސައްކަތް ކުރައްވާ ކަމަށްވަނީވިއްޔާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެކުރެވޭ މަސައްކަތަކީ، ޙަޤީޤަތުގައި ދައުލަތް ހުއްޓުވުމަށް ކުރެވޭ މަސައްކަތް. ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ބޭފުޅުންކޮޅެއް ކަމުގައިވީ ނަމަވެސް، ދެތިން ހަތަރު ބޭފުޅުން ނުކުމެވަޑައިގެން، ދިވެހި ދައުލަތް ހުއްޓުވުމަށް ކަންކަން ކުރުމަކީ ބުއްދިވެރި ކަމަކަށް ހަމަކަށަވަރުންވެސް ނުވާނެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކި ޚާއްޞަ ކަމެއް ވަކި ގޮތަކަށް ކުރައްވަން ބޭނުންވެވަޑައިގަންނަވަނީނަމަ އެބޭފުޅާއަށް އެކަން ކުރެއްވޭނެ ވަސީލަތްތައް ހުންނާނެކަމީ އަޅުގަނޑަށް ޝައްކު ހިނގާ ކަމެއް ނޫން. މި ދިވެހި ދައުލަތުގައި އެބަހުރި ވަސީލަތްތައް މި ދައުލަތް ބާރަށް ހިންގުމަށް ބޭނުންކުރެވޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެން، މަޖިލިސްގެ ރައީސްވެސް އަދި އެންމެ ބޭފުޅުންވެސް، މިއަދާ ހަމައަށްވެސް މަސައްކަތް ކުރައްވަމުން މިއަންނަނީ، މަޝްވަރާގެ ރިވެތި އުޞޫލުގައި، މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޝޫރާގެ މަތިވެރި ހަމަތަކުގައި. ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެ މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓަށް އައްސަވައި، ކަންކަން ނިންމެވީމާ ދެން އެއީ، އަޅުގަނޑުމެން ކިތަންމެ ނޭދޭ ކަމަކަށްވިޔަސް އަދި އެދޭ ކަމަކަށްވިޔަސް، ހަމަ އަޅުގަނޑުމެންނަށް މަޖުބޫރުވެފައި އޮންނާނީ، އެ ނިންމެވުނު ގޮތަކާއިގެން ކުރިއަށް ދިޔުމަށް.

އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަން ބޭނުން، އަދި މިދެންނެވި ޑީ.އާރު.ޕީ.ގެ ތެރޭގައި ހިމެނޭ، އެ ޕާޓީގެ ޒަޢީމަށް ޚާއްޞަކޮށް ތާއީދު ކުރައްވައިގެން އުޅުއްވާ ބޭފުޅުންގެ އަރިހުގައި އަދި އެބޭފުޅުންގެ ޒަޢީމް އަރިހުގައިވެސް ދަންނަވަން ބޭނުން، ރައްޔިތުންގެ މަޖިލިސް ހުއްޓުވާނުލައްވާށޭ. އެ މަޖިލިސް ހުއްޓުވާލެއްވުމުގެ ވިޔާނުދާ މަސައްކަތުގައި ބައިވެރިވެވަޑައިނުގަންނަވާށޭ.

ރާއްޖޭގެ ރައްޔިތުންގެ އަބަދުގެވެސް އުންމީދަކީ، ރާއްޖޭގެ ވެރިންނަކީ، އިޚްލާޞްތެރި އަދި ވަފާތެރި އަދި ރައްޔިތުންނަށާއި ޤާނޫނަށާއި ދައުލަތަށް ކިޔަމަންތެރި ވެރިންނަށްވުން. އަޅުގަނޑު ކުޑަކޮށްވެސް ޝައްކެއްނުކުރަން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މިދެންނެވި ބާވަތުގެ ބޭފުޅެއް ނޫން ގޮތެއްގައި ފާހަގަވެވަޑައިގަންނަވަން އެދިވަޑައެއް ނުގަންނަވާނެ.

ޑީ.އާރު.ޕީ ގެ ޒަޢީމަށް ޚާއްޞަ ތާއީދެއް ކުރައްވައިގެން އުޅުއްވާ އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން އަދި އެންމެ އިޚްލާޞްތެރިކަމާއެކު މި އެދެނީ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ހުއްޓުވާލެއްވުމަށް ނުކުމެވަޑައިނުގަންނަވާށޭ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________