بســم اللّـه الرّحمـن الرّحيــم

މިއަދު އަޅުގަނޑުމެން މިދުވަސް ފާހަގަކުރާ ލިޔުންތެރިޔާ އަލްފާޟިލް ޢަލީ މޫސާދީދީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވެރިން، ލިޔުންތެރިން އަދި މިބައްދަލުވުމަށް ވަޑައިގެން ތިއްބެވި ކުރީގެ ވަޒީރުންނާއި އަދިވެސް އެހެން ބޭފުޅުން.

السّـلام عليـكم

އަޅުގަނޑަކީ ޢަލީ މޫސާދީގެ ފޮތަކާ ގުޅޭގޮތުން ފާޑުކިޔައި ވާހަކަ ދެއްކޭވަރުގެ މީހެއް ކަމަކަށް، ޙަޤީޤަތުގައި އަޅުގަނޑު ނުދެކެން. އަޅުގަނޑު ޢަލިދީގެ ފޮތް، ޢަލިދީގެ ލިޔުންތައް، ޢަލިދީގެ ޚިޔާލުތައް، ދައްކަވާ ވާހަކަތައް ވަރަށް ކުޑައިރުއްސުރެ ފަށައިގެން އަޑުއަހަން. އަޅުގަނޑު ހިތުން މާބޮޑު ދޮގަކަށެއް ނުވާނެ، އަޅުގަނޑު މިކަންތައްތަކުގެ ތެރެއަށް ނެރުމުގައި، ވަރަށްބޮޑު ބާރެއް، ވަރަށްބޮޑު ހިތްވަރެއް އަޅުގަނޑަށް ލިބުނު އެއްބޭފުޅަކީ ޢަލިދީ ކުރައްވަމުން ގެންދަވާ މަސައްކަތް. އަދި އަބަދުވެސް އަޅުގަނޑުމެން ހޯއްދަވައިގެން، އަޅުގަނޑުމެން ގާތުގައި މިބާވަތުގެ ވާހަކަތައް ދައްކަވައި އަދި ލިޔުންތެރިކަމަށް އަޅުގަނޑުމެން ފަރިތަކުރައްވައި، އަޅުގަނޑުމެން މިމަސައްކަތުގެ ތެރެއަށް ނުކުމެ މިތިބީ އަދި ނުކުމެވުނީ، ޢަލިދީފަދަ ކިތަންމެ ބޭފުޅުންނެއްގެ ނުހަނު ގިނަ މަސައްކަތުން. އެކަމަށްޓަކައި އަޅުގަނޑު މިއަދު، ޢަލީ މޫސާދީއަށް ނިހާޔަތަށް ޝުކުރު ދަންނަވަން.

[ޤާނޫނުއަސާސީގެ ޙަޔާތް ނުވަތަ ޤާނޫނުތަކާއި އާދަކާދަ] އެނަމުގައި އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ޢަލިދީ ދިރާސާ ކުރައްވަމުން ގެންދަވާތާ މިހާރު ރަނގަޅު ފަންސަވީހަކަށް އަހަރު ވެދާނެ. އަޅުގަނޑަށް އެއްރެޔަކު ތަނޑިރަތްމާގޭ ޖޯލިފަތިން، ހަމަ މިލިޔުންތަކާ އެކުގައި ޢަލިދީއާ އެކުގައި އިރުކޮޅެއް ހޭދަކުރުމުގެ ފުރްޞަތު ލިބުނު. އެހެން ނަމަވެސް، ވަރަށްދެރަ ގޮތަކަށް، އޭގެ އަނެއް ދުވަހު ކަންދިމާވީ. އޭގެ އަނެއް ދުވަހު، އޭރުގެ ސަރުކާރުން ޢަލިދީ ގެންގޮސް ހިފައި ހައްޔަރުކުރެވުނީ. އަދި ވަރަށްގިނަ ދުވަސް ވަންދެން، އެ ހައްޔަރުގައި ޢަލިދީ އެ ބަންދުގައި އުޅުއްވި. އަދި އޭގެ ސަބަބުން، ވަރަށްގިނަ ގެއްލުންވެސް އެފަހަރު އަޅުގަނޑަށް ފެނުނު ތަނުގައި ޢަލިދީއަށް ލިބިވަޑައިގަތް. އެއިރުގައި މިދެންނެވީ 17 ވަނަ ފަހަރު އެއީ. ޒުވާންކަމުގެ ޖޯޝެއް ނޫން. އެއިރުގައި އަޅުގަނޑަށް ފެނުނީ ހަރުކޮށް. އަދި މެދު ޢުމުރުގައި ޢަލިދީ ހުންނަވަނިކޮށް. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު ހިތާމަކުރަނީ، ހަމަ އެދުވަހުމެ، ކޮލި ޙަސަން މަނިކާއި، ކަޅުހުރާގޭ މުޙަންމަދު ލަޠީފާއި އަދި އަޙްމަދު ޝަފީޤު (ބައްޕަ ޝަފީޤު). ހުރިހާ ބޭފުޅުން ގެންގޮސް ހިފައި ހައްޔަރު ކުރެވުނު. އަޅުގަނޑު އެންމެ ބޮޑަށް މިއަދުވެސް، އަބަދުވެސް މިކަމާ ދެރަވާ ސަބަބަކީ. އެދުވަހު އެބޭފުންނާ ކުރެވުނު ސުވާލު އެއީ، އަޅުގަނޑު އޭގެތެރޭގައި ހިމެނިގެން ކުރެވުނު ސުވާލުތަކެއް. ޢަލިދީއަށް ސްޓްރޯކެއްޖެހި އަދި ޙަސަން މަނިކަށްވެސް ހިތުގެ ވަރަށްބޮޑު ބައްޔެއްޖެހި، ދެބޭފުޅުންނަށްވެސް ވަރަށް ބޮޑަށް އަދި އަޙްމަދު ޝަފީޤުވެސް ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވާން ޖެހުނު.

އަޅުގަނޑު އެރޭ ޢަލިދީއާ ވާހަކަ ދެއްކީ ޙަޤީޤަތުގައި ޚާއްޞަ މަޖިލީހުގައި ޤާނޫނުއަސާސީ، އެއީ، ނޫ ޤާނޫނުއަސާސީ، އިޞްލާޙްވަމުން ދިޔައިރުގައި ސިޔާސީ ޕާޓީގެ ވާހަކަ ދެއްކެވި ދެބޭފުޅުން. އެއްބޭފުޅަކީ ޢަލިދީ. އަނެއް ބޭފުޅަކީ މަންދު މުޙަންމަދު ވަޙީދު. މި ދެބޭފުޅުން އެއިރުގައި ސިޔާސީ ޕާޓީގެ ވާހަކަ އަދި ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއްގެ ވާހަކަ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ދެއްކެވި. އަދި އަޅުގަނޑު ހަނދާންވަނީ، ޢަލިދީ އަބަދުވެސް ފާހަގަކުރައްވާ، އަދި ހުށަހެޅުއްވިމެ، ސިޔާސީ ޕާޓީ، އެ ޤާނޫނުއަސާސީގައި ހިމެނުމަށް. އެހެން ނަމަވެސް، އެދުވަހުގެ ރިޔާސަތުން އެހުށަހެޅުންވެސް ބަލައެއްވެސްނުގަތް. އަޅުގަނޑަށް ހަނދާންވާ ގޮތުގައި، ޢަލިދީ ހުށަހަޅުއްވައި، މަންދު މުޙަންމަދު ވަޙީދު ތާއީދު ކުރެއްވި. އެހެންނަމަވެސް، އެހުށަހެޅުން ބަލައެއްވެސް ނުގަނެވުނު. އަދި ތާރީޚުގެ އެހެން އެއްވެސް ފުޓްނޯޓެއްގައިވެސް، އެވާހަކައެއް އަޅުގަނޑު ހަނދާނެއްނުވޭ ހިމެނިފައި އޮތް ކަމަކަށް.

އެއީ، މުތަޤައްދިމް ޕާޓީ އުވާލުމަށްފަހު، އަނެއްކާވެސް އަލުން އަނބުރާ އިންތިޒާމް ކުރެވިގެން، ރޭވިގެން ވާދަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ ނިޒާމަކަށް ދިވެހިން އެނބުރެން ބޭނުންވާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަވާން ފެށި ދުވަސްވަރެއް. 1994 ވަނަ އަހަރު، ހަމަ އެއަށްފަހު، މިދެންނެވި ޤާނޫނުއަސާސީ އިޞްލާޙު ކުރެވެމުން އައި ދުވަސްވަރަށްފަހު، 1990 ވަނަ އަހަރުގެ، 1989 ވަނަ އަހަރުގެ ވަރަށް ފަހުކޮޅު، އަނެއްކާ އަޅުގަނޑު ބަންދު ކުރެވުނު. ދެން އަޅުގަނޑަށް އެދުވަސްވަރު ވިސްނުނު ވިސްނުމަކީ، ސިޔާސީ ޙަރަކާތް ނުވަތަ ސިޔާސީ ބަދަލު އަޅުގަނޑުމެންނަށް ގެނެވޭނީ، ސިޔާސީ ޕާޓީ އުފެއްދިގެންނޭ. ވަކި ފަރުދަކު، ވަކި މީހަކު ކުރާ މަސައްކަތަކުން ޙަޤީޤަތުގައި ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެއޭ. އެހެންވީމާ، އެވާހަކަތައް، އެފިކުރުތައް ގެންގުޅުއްވި ބޭފުޅުންނާ އަބަދުވެސް އަޅުގަނޑުމެންނަށް، އަޅުގަނޑަށް މަޝްވަރާ ކުރެވޭ، ވާހަކަ ދައްކައި ހެދޭ. އެއީ އަދި އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކަށްވޭ.

“Man for all Island” މިފޮތުގެ އަޅުގަނޑު ހަނދާންވަނީ އެއީ 60 ވަނަ ޞަފްޙާއޭ. ނުވަތަ 61 ވަނަ ޞަފްޙާއޭ. އެ ފޮތުގައި، ދިވެހިރާއްޖެއަކީވެސް އެއްގޮތަކަށްވެސް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް އޮތުން ރަނގަޅު ޤައުމެއް ނޫން ކަމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ޞަރީޙަ ޢިބާރާތުން ވަކާލާތު ކުރައްވާ. އެ ވަކާލާތު ކުރައްވަން ފެށްޓެވީ، އަލުން އަނބުރާ ސިޔާސީ ޕާޓީގެ ވާހަކަ، ޢަލިދީ ޙަޤީޤަތުގައި ދައްކަވާން ފެށްޓުނީމަ. އެވާހަކައާ ގުޅިގެން، ދެން އެއީ ރަނގަޅު ގޮތް ނޫން ކަމަށް އަޅުގަނޑުމެންނަށް އަޑުއިވުނު މުޅި ރާއްޖޭގެ ހަތަރު އުދަރެހުން. ދުނިޔެ ހަމަ، ބޮލަށް، އުޑު ބޮލަށް ވެއްޓި، ދުނިޔެ ނިމޭ ބާވަތުގެ ކަމެއްގެ ގޮތުގައި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ، އެފަދަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވަރަށް، އެއިރުގައި ވިދާޅުވެ އުޅުއްވާނެ، ފުންނާބު އުސް ސިޔާސީ ބޭފުޅުން، ލިޔުންތެރިން، ވިސްނުންތެރިން، ފިކުރު ކުރައްވާ ބޭފުޅުން، ލިޔުއްވާ ބޭފުޅުން ވާހަކަ ދައްކަވައި އުޅުއްވި. އެހެންނަމަވެސް، އަޅުގަނޑަކަށް އަދި އަޅުގަނޑު ހިތުން، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، ޢަލިދީއަކަށްވެސް އަދި އެހެން ބޭފުޅުންނަކަށްވެސް ޤަބޫލެއް ނުކުރެވުނު، އެއީ ކަމުގެ ޙަޤީޤަތް ކަމަކަށް. އަޅުގަނޑު ކުރިން މިދެންނެވި ތަނޑިރަތްމާގޭ ޖޯލިފަތީގައި އެރޭ އަނެއްކާވެސް އަޅުގަނޑަށް އެހުނު، އަޅުގަނޑު ޢަލިދީ އަރިހުގައި އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑަށް މިވާހަކަތައް ހަނދާނަށް މިގެނެވެނީ، އަޅުގަނޑު ރޭއްސުރެ ފަށައިގެން ޢަލިދީ މިވާހަކަ ހަނދާނަށް ގެންނަމުން މިއައީ.

އަޅުގަނޑު ހަނދާންވާ ގޮތުގައި، ޢަލިދީދީ އަރިހުގައި އަޅުގަނޑު އެވާހަކަ އަހާލިން. އަޅުގަނޑު މަޝްވަރާ ކުރިން. ދެން ޢަލިދީއަށް ފާހަގަކުރެވުނީ، ހޯމް މިނިސްޓްރީ ހުސްވާ ވަގުތެއްގައި، އެބާވަތެއްގެ ފޯމެއް ލައްވައިފިއްޔާ، ޙަސަން މަނިކޭ ހުންނަވާނީ. ފޯމެއް ބަލައިގަންނަވަން. ދެން ޙަސަން މަނިކުވެސް ހުންނެވި އެތަނުގައި. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ ޢަބްދުﷲ ޖަމީލް. ކަން ދިމާކުރި ގޮތުން، ޢަބްދުﷲ ޖަމީލު ރަށުގައި ވަޑައިގެން ނޫޅުއްވި ދުވަހަކަށް އެދުވަސްވީ. ދެން ކަންދިމާކުރި ގޮތުން، އަޅުގަނޑަށް ކަޅުހުރާގޭ މުޙަންމަދު ލަޠީފާ އެކުގައި ހިންގާ ގަވާއިދެއް އަޅުގަނޑަށް އޭރު އޮތީ ހެދިފައި. އެ ހިންގާ ގަވާއިދާ އެކީގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އަޅުގަނޑުލީ.

އަޅުގަނޑު މިވާހަކަ މިގެންނަނީ، ޤާނޫނުއަސާސީއާ ގުޅޭގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ދެންނެވުމުގެ ބޭނުމުގައި. ރާއްޖޭގައި މިހާތަނަށް އައިއިރު، ޝަމްސުއްދީން ރަދުންސުރެ ފެށިގެން މިއަދާ ހަމައަށް، އެކިބޭފުޅުން އެކިގޮތަށް މިކަމާ ކޮންޓެކްޓް ކުރައްވާ، ކިތައްވަނަ ޤާނޫނުއަސާސީތޯ މިއީ. ދެން 16 އަށްވިޔަސް، 14 އަށްވިޔަސް، 13 އަށްވިޔަސް. ޤާނޫނުއަސާސީއެއް، މިހުރިހާ ޤާނޫނުއަސާސީއެއްގައިވެސް އަދި ވަކި ޚާއްޞަކޮށް، ޢަލިދީގެ އޮންނާނެ އެއްކުރައްވާފައި އޮތް ހުރިހާ ޤާނޫނުއަސާސީތަކެއް. އެއްބަނޑޭރިގަނޑަކަށް ހައްދަވާފައި. އެހުރިހާ ޤާނޫނުއަސާސީއެއް ބައްލަވާލެއްވީމާ އަޅުގަނޑަށް ފާހަގަވާ އެއްޗަކީ، ހުރިހާ އެއްޗެއްގައިވެސް ލިޔެފައި ހުރީ އެކައްޗެކޭ. ހަމަ މިއަދު މިއޮތް އަސާސީ ޙައްޤުތަކާއި، ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ އަދި ޒިންމާތަކުގެ ބާބެކޭ، ނޫ ޤާނޫނުއަސާސީގައި އޮތް ބާބެކޭ ނުވަތަ 1932 ވަނަ އަހަރު ޝަމްސުއްދީން ރަދުންގެ ފުރަތަމަ ޤާނޫނުއަސާސީގައި ހުރި ވާހަކަތަކެކޭ ހަމަ އެކައްޗެއް. ގަނޑެއްގައި ލިޔެގެނެއް ނޫން، އަޅުގަނޑުމެނަށް ޙައްޤު ލިބެނީކީ. އަދި ޤާނޫނެއް ހަމަ ފާސްވެގެން އޮތީމަކާއެއް ނޫން، އަޅުގަނޑުމެންނަށް ޙައްޤު ލިބެނީކީއެއް. ނޫ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާންހުރޭ. ކުށުގެ ތުހުމަތުން ބަރީއަވުމަށްޓަކައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމަކީ، ކޮންމެ ދިވެހި ރައްޔިތެއްގެ ޙައްޤެކޭ. ހަމައެއާ އެކީގައި، އަޅުގަނޑު އަތުގައި އެބައޮތް ސިޓީއެއް. އަޅުގަނޑަށް އެކަން ނުކުރެވޭނެ ކަމަށް އެއީ ރާއްޖޭގައި އެކަން ކުރާގޮތް ނޫން ކަމަށް، ފަނޑިޔާރުގެއިން ދެއްވާފައި އޮތް ލިޔުމެއް. އަޅުގަނޑަށް އެއިރުއްސުރެ ފަށައިގެން ފެނުނީ، ޤާނޫނުއަސާސީގައި މި ލިޔެގެނެއް އަދި އަޅުގަނޑުމެން މި އެދޭ ކަންކަމެއް، އަޅުގަނޑުމެންނަކަށެއް ނުވެއޭ.

އެހެންވީމާ، މި ޤާނޫނުއަސާސީ އިޞްލާޙު ކުރެވެން ފެށުނުއިރުގައި، އަޅުގަނޑު ވަރަށް ބާރަށް އެއިރުގައި ވާހަކަ ދައްކައި އުޅުނިން، ޤާނޫނުއަސާސީ އިޞްލާޙު ކުރާކަށް ބޭނުމެއްނުވެއޭ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް، އަޅުގަނޑުމެންގެ ތެރެއަކަށް ގެންނާކަށް. ދެން އިރާދަކުރައްވައިގެން، އެފަހަރު ކަން ހިނގާދިޔައީ އެބާވަތެއްގެ ގޮތަށް، މުރާޖަޢާ ކުރެވިގެން. ދެން އަޅުގަނޑުމެން އަލަށް އަޑުއެހި ނަމެއް. ޤާނޫނާ ގުޅޭގޮތުން މުރާޖަޢާ ކުރައްވާފައި، އެ ކުރީގައި އެވިދާޅުވި ވިދާޅުވުން އަދި ކުރީގައި މަޖިލީހުން ނިންމަވާފައި އޮތް ނިންމެވުން އަލުން އަނބުރާ ބަދަލުކުރައްވައި، މި ސިޔާސީ ޕާޓީ އަޅުގަނޑުމެންނަށް ލިބުނީ، ޤާނޫނުއަސާސީ، އާ ޤާނޫނުއަސާސީ ނިމުމުގެ ކުރީގައި.
އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތަކީ ވަރަށް ދިގު ޙަޔާތެއް. ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ޤާނޫނުއަސާސީއެއް، 1932 ވަނަ އަހަރު ލިބުނުއިރުގައި، އެއީ އިސްލާމީ ދައުލަތެއްގައި އުފެދުނު ފުރަތަމަ އަމިއްލަ ވެރިކަންކުރާ ޤާނޫނުއަސާސީއެއް، ތުރުކީ ފިޔަވައި. ދެން އެހެން ހުރިހާ ތަނެއްގައިވެސް ހުރީ ޕްރޮޓެކްޓްރޭޝިޕް ނުވަތަ އެހެން ހުރިހާ ތަނެއްގައިވެސް ހުރީ ޙަޤީޤީ އަމިއްލަ ވެރިކަމެއް ނެތް، ދެން ހޯމް ރޫލަށްޓަކައި ލިޔުއްވާފައި ހުރި ސޯލްސްބަރީ ކޮމިޝަނުން އަޅުގަނޑު ހަނދާންވާ ގޮތުގައި، ލިޔުއްވާފައި ހުރި ބައެއް ލިޔުއްވުންތައް. އެ ލިޔުއްވުންތަކުގެ މައްޗަށް ބިނާވެގެން، އެ ޤައުމުތައް ހިނގަމުން އައީ.

ފުރަތަމަ ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް 1932 ވަނަ އަހަރު، އެ ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް ލިބުނީ ކީއްވެގެންތޯއާ ގުޅޭގޮތުން ބޮޑަށް ތިޔަބޭފުޅުންނަށް ސާފުވާނެ ޢަލިދީ ފޮތުން. އަޅުގަނޑު ދަންނަވާ ވާހަކަ، އަޅުގަނޑަކަށް ހިއެއްނުވޭ، ޢަލިދީގެ ފިކުރަކާ ތަފާތުވާނެހެނެއް. ޝަމްސުއްދީން ރަދުންނަށްފަހުގައި، ދެން ރަސްކަމުގައި ވަޑުވާނީ ކޮންބޭފުޅެއްތޯއާމެދު ރާއްޖޭގެ ބޮޑުންގެ މެދުގައި ޚިޔާލު ތަފާތުވުން ވަރަށްބޮޑު ދަރަޖައަކަށް އުފެދިއްޖެ. ޚާއްޞަ ގޮތެއްގައި، ކިލެގެފާނުގެ، ރަންނަބަނޑޭރި ކިލެގެފާނުގެ ކައިވެނިފުޅާއި އަދި ހަމައެހެންމެ، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ކިޔަވައި ވިދާޅުވެގެން މާލެ ވަޑައިގަންނަވައި އަދި އެބޭފުޅާ ހިތްޕުޅާވާ ކަންކަމާއި، ހިތްޕުޅާވާ ބޭފުޅުންނާއި، އެބޭފުޅާގެ ޙަޔާތެއް، ކައިވެނީގެ ޙަޔާތެއް އެބޭފުޅާ ފަށްޓަވަން އެކުރެއްވި ވިސްނުންފުޅުތަކާ އެކުގައި، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ބޮޑުންގެ ތެރޭގައި މިދެންނެވި ޚިޔާލު ތަފާތުވުން ވަރަށްބޮޑުވެގެން ހިނގައްޖެ. ޙަސަން ޢިއްޒުއްދީނަކީ ވަލީ ޢަހުދު ނޫންކަމާއި އަދި ރަސްކަން ޙައްޤުވާ ބޭފުޅެއް ނޫންކަމަށް، ބައެއް ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި ވަކާލާތު ކުރައްވަން ފަށްޓަވައިފި. އެންމެފަހުން އައިސް ޙަސަން ނޫރައްދީން ޝަރީޢަތަށް މައްސަލައެއް ހުށަހަޅުއްވައި، ޙަސަން ޢިއްޒުއްދީންގެ ރަސްކަމުގެ ޙައްޤުނުވާ ކަމަށް ކަނޑައެޅުމަށް މަސައްކަތްތަކެއް، ކަންތައްތަކެއް ހިނގައިގަނެއްޖެ. އެހިސާބަށް ކަންތައްދިޔުމުން، އެއިރުގައި އަޅުގަނޑުމެންގެ ބެލެނިވެރި ފަރާތަކީ އިނގިރޭސި ދައުލަތް. އަދި އިނގިރޭސި ދައުލަތުގައި، އެކިއެކި ބޭފުޅުން، ދިވެހި ބޮޑުން، މިނުކުތާއާއި މިމައްސަލަ ފާހަގަކުރައްވަން ފަށްޓަވައިފި. އެހެންވީމާ، ޔަޤީން ކަމެއް ނެތް ވެރިކަމެއް، ދެން ވާނެގޮތެއް ނޭނގޭ ވެރިކަމެއް، ރަސްކަމެއް ރާއްޖޭގައި އޮތުން އެއީ، އިނގިރޭސި ދައުލަތަކަށްވެސް އަދި ކަމުދާ ކަމެއްގެ ގޮތުގައެއް ނުފެނުނު.

ޤާނޫނުއަސާސީއެއް އަޅުގަނޑަށް ފެންނަ ފެނުމުގައި ލިޔާން ފެށުނީ، ދެން ރަސްކަމަށް އިސްކުރައްވާނީ، އިސްވާނީ ކޮންބޭފުޅެއްތޯ ކަނޑައަޅައި ކަށަވަރު ކުރުމަށްޓަކައި. މިމައްސަލަ އަޅުގަނޑުމެންނަށް ފެނިފައި އޮތީ ހަމައެކަނި ޝަމްސުއްދީން ރަދުންގެ ރަސްކަމުގެ ފަހު ދުވަސްވަރަކުއެއް ނޫން. ޝަމްސުއްދީން ރަދުންގެ ކުރިއަށް. ނޫރައްދީން ބަންޑާރައިން ރަސްކަމުގައި ހުންނެވީ، އެބޭފުޅާގެ، އެމަނިއްޕުޅުގެ ބައްޕާފުޅު. ނޫރައްދީން ބަންޑާރައިން ރަސްކަމުގައި ވެޑުވުމުގައި، ބޮޑުދޮށީ މަނިއްޕުޅާއި ނޫރައްދީން ބަންޑާރައިންނާ ދެބޭފުޅުންގެ ތެރެއިން ކޮންބޭފުޅަކަށްތޯ ރަސްކަން ޙައްޤުވަނީ، ކޮންބޭފުޅެއްތޯ ރަސްކަމުގައި ވެޑުވި، ރަސްކަމުގައި ހުންނަވާނީ، މި ބަޙުޘްގެ ތެރޭގައި ދިވެހިރާއްޖެ ދިޔައީ ވަރަށްވެސް ނުތަނަވަސް ދުވަސްތަކެއް ދެކެމުން. ބޮޑުހުޅުގެ އިންޓެލިޖެންސީ މެދުވެރިވީ މިދެންނެވި ދުވަސްވަރު. ޢަބްދުލްޙަކީމް ޙުސައިން މަނިކު، އެ އިންޓެލިޖެންސީއާ ގުޅޭގޮތުން ކުޑަކުޑަ ފޮތެއް ލިޔުއްވާފައި އޮންނާނެ. ދެން އަދި ޢަލިދީ، މި މަޥްޟޫޢުގައި ލިޔުއްވާފައި ހުރި ލިޔުއްވުންތައްވެސް މަދެއް ނުވާނެ. ދެން އަޅުގަނޑުމެން އެންމެންވެސް ބުރަވަނީ، ޢަބްދުއްޞަމަދުދީދީގެ ޑައިރީ ނޯޓަކަށް.

ބޮޑުހުޅުގެ ޙާދިޘާއަކީ މާލެ ސިއްސުވާލި ޙާދިޘާއެއް. މާލޭގެ ވަރަށްގިނަ ރައްޔިތުން މާލެ ދޫކޮށް، ގެދޮރު ދޫކޮށް، ގުޅި ގުރައިދޫ މާފުށްޓަށް، ހުރައަށް ހިންމަފުށްޓަށް، ތުލުސްދުއަށް، ވިލިނގިއްޔަށް، ބަނޑޮހަށް ދަތުރުފަށައި ދިޔަ ކިތަންމެ ބައެއްވެސްވި. ތަންތަން ރޯކުރުމުގެ ސަބަބުން، ކުދި ދަރިންނާއި އަނބިންނާ އެކީގައި ގޭގެ އަނދައި ހުލިވަމުންދިޔަތަން އެއިރުގައި މާލޭގައި އަޅުގަނޑުމެންނަށް ފެންނަމުންދިޔަ. ބޮޑުހުޅު ނިމި، ނުވަތަ ބޮޑުހުޅުގެ އެ ޙާދިޘާ ނިމިގެން ދިޔައީ، އެނގިވަޑައިގަންނަވާނެ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އައްޑުއަތޮޅަށް އަރުވާލެވިގެން. ދެން އެއަށްފަހު، ޙިމާޔަތުގެ އެގްރީމެންޓްގެ ދަށުން ކުޑަ ބަންޑާރައިން ކުޑަ ހިނދުކޮޅަކަށް ރަސްކަމުގައި އިންނެވި. އެހެން ނަމަވެސް، ރަސްކަމުން ދުރުކުރެވި، އެއީ މާންދޫގޭ ވެރިކަން، ޙަޤީޤަތުގައި، މުލީގެއާއި މާންދޫގެއާ، މި ދެޚާންދާނުގެ މައްސަލަވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މިދެންނެވި ދުވަސްވަރުގައި، މިދެންނެވި ކަންތައްތަކުގެ ތެރޭގައި.

ޤާނޫނުއަސާސީއެއް ކޮންމެހެންވެސް ނުކުންނާން ޖެހިއްޖެކަން އަޅުގަނޑުމެންގެ ތެރޭގައި ވަރަށްގިނަ ބަޔަކަށް އެއިރުގައި އައީ ސާފުވަމުން. އަޅުގަނޑު މިދެންނެވީ، ނަވާރަސަތޭކައިން ފުރަތަމަ އަޅުގަނޑުމެން ފަށައިގަތްއިރުގައި، މި 1887 ގައި، އަށާރަސަތޭކަ އަށްޑިހައިގެ ދުވަސްވަރުގައި، ބޮޑުހުޅުގެ ޙާދިޘާ ހިނގަމުން އައީ. އަދި އަށާރަސަތޭކައިގެ ކުރީކޮޅުގައި، މިދެންނެވިހެން ބޮޑުދޮށީ މަނިއްޕުޅާއި ނޫރައްދީން ބަންޑާރައިންނާ، އެދެބޭފުޅުންގެ ތެރެއިން، އެ ދެމަނިއްޕުޅުން ތެރެއިން ކޮން މަނިއްޕުޅެއްތޯ ރަސްކަމުގައި ވަޑުވާނީ ނިންމެވުނީ.

އޭގެކުރިއަށް އަޅުގަނޑު ވިސްނާއިރުގައި، ތަރުތީބަކުން ގުޅުން، މި ގާނޫނުއަސާސީއަކީ. އަޅުގަނޑުމެން ކަންކުރާންވީ ގޮތް، ގަނޑެއްގައި ލިޔެފައި އޮތުން. ދުސްތޫރީ ޙުކޫމަތަކަށް ދިވެހިން ބޯލެނބީ ކޮންއިރަކު ކިހިނެއްވެގެންތޯ، އެއީ ކޮން ޙާދިޘާއަކާ ގުޅިގެންތޯ، އެހެން ދަންނަވާން އުނދަގޫ. އަޅުގަނޑު ދުށް އެންމެ ވަރުގަދަ، އެންމެބޮޑު ޙުކޫމަތަކީ، ބޮޑު ތަރުތީބު. އޭގައި ނައިބު ތުއްތު ލިޔުއްވާފައި މިއޮންނަނީ ބޮޑުކަމުދާނެ ގޮތްވެސް. ކޮޅަށް ހުންނާނެ ގޮތްވެސް. ގޭގެއަށް ވަދެ ސަލާމް ގޮވައި، ގޭގެއަށް ވަންނާނެ ގޮތްވެސް. މުޅި އާދައިގެ ދިވެއްސެއް ދިރިއުޅެންވީ ހުރިހާ ގޮތެއް، އެ ފޮތުގައި، ބޮޑު ތަރުތީބުގައި ލިޔެވިފައި އޮތް. އަޅުގަނޑަށް ފެންނަ ފެނުމުގައި، ބޮޑު ތަރުތީބު ނުކުތުމަށްފަހުގައި، މެޑްރާސްއަށް ބޮޑު ތަރުތީބުގެ 500 ކޮޕީ ޗާޕްޖަހަން އަޅުގަނޑަށް ހަނދާންވަނީ، ޢަލީ މަލިމް މަނިއްޕުޅު، އެ ޗާޕް ޖައްސަވައިގެން އައިސް، ރާއްޖޭގެ އެކި ތަނަށް ބޮޑުތަރުތީބު ބެހީ. އަޅުގަނޑަށް މިއަދު ތަންކޮޅެއްފަހުން އޭގެ ކޮޕީއެއް ލިބުނު. އަޅުގަނޑަށް ފެނުނީ، ދުސްތޫރީ ޙުކޫމަތަކަށް ދިވެހިން ބޯލަނބާން ފެށުމުގެ ވަރަށްބޮޑު އަޞްލެކޭ، ބޮޑު ތަރުތީބު އެއީ. ބޮޑު ތަރުތީބަކީ މިދެންނެވިހެން ވަރަށް އާދަޔާ ޚިލާފް ޑޮކިއުމަންޓެއް. އެއީ، އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި، އެންމެ ފުރަތަމައަށް ޗާޕް ކުރެވިގެން، ފަތްފުށްތަކެއްގައި ނުކުތް ފޮތް، ނުކުތް ޑޮކިއުމަންޓް. އެހެންވީމާ، އޭގެ އަސަރު، އޭގެ އިމްޕެކްޓް، ވަރަށްގިނަ ގޭގެއަށް އެ ތަރުތީބު ބެހުނު. ދެން އަދި އެ ގޭގޭގައި ދިރިއުޅެންވީ ގޮތަކީ، ކަންކުރަންވީ ގޮތަކީ، ތަރުތީބުގައި ލިޔެފައި އޮތް ގޮތް ކަމަށް އަޅުގަނޑުމެން އެންމެނަށްވެސް ފާހަގަވެގެންދިޔަ.

[ޙުކޫމަތަކަށް ބޯލެނބުން] އަޅުގަނޑުގެ މަޥްޟޫޢަކީ. ކީއްވެގެންތޯ، ކޮންއިރަކުތޯ އަޅުގަނޑުމެން އެގޮތް އަޅުގަނޑުމެންނަށް ވާންފެށީ. އެއީ ކޮންކޮން ޑޮކިއުމަންޓެއް ނުވަތަ ކޮންކޮން ލިޔުންތަކެއް އަޅުގަނޑުމެންނަށް، މި ޤާނޫނުއަސާސީ 1932 ވަނަ އަހަރުގެ ކުރީގައި ލިބިފައި ހުރިތޯ، މިމަގަށް އަޅުގަނޑުމެން ދިވެހިން ދިޔުމަށް. ބޮޑު ތަރުތީބުގެ ކުރިއަށް، ދެން އަޅުގަނޑު އަބަދުވެސް ފިކުރަށް އަންނަ ކަމެއް އެއީ. ނައިބު ތުއްތު މާއެނބޫދޫގައި އަރުވާލައްވާފައި، އެތަނުގައި ތުއްތު ހުންނެވީ. ދެން ތަރުތީބުގެ ބޮޑުބައި އަޅުގަނޑަށް ހީވަނީ، އެއީ މާލެ ގިރިމަންޓް ކުރި މިސާލުން [ދަގަނޑު ދަހަނާ] އަޅުގަނޑަށް ހީވަނީ އެ ރައިވަރު އެ ލިޔުއްވާފައި އެ އޮންނަނީ، އިނގިރޭސިންނަށް ދިވެހިރާއްޖެ ޙިމާޔަތުގެ އެގްރީމަންޓްގައި ސޮއިކުރި ތަނުގައި، ނައިބު ތުއްތު ނީންނަވާންވެގެން، މަތިގެއިން ނުކުންނަވައި، ދެން އޮޑިއަށް ވަޑައިގެން، އޮޑިއަށް ލައްވާފައި، ތުއްތު އެ ފޮނުވާލެވުނު ގޮތަކަށް ގޮސް މާއެނބޫދޫގައި ވަރަށްފަހާ ޖެހެންދެން، އެންމެފަހުން އަވަހާރަވީވެސް އަޅުގަނޑަށް ހީވަނީ މާއެނބޫދޫގައިހެން.

ތުއްތުގެ ކުރިއަށް ދެން އަޅުގަނޑުމެންނަށް، އަޅުގަނޑަށް ހަމަގައިމުވެސް ފެންނާން އޮތް އެއްޗަކީ، ޙަސަން ތާޖުއްދީންގެ [ނުޠުބަޠުލް ފާޚިރާ]. އެއީ [ޙަސަން ތާޖުއްދީންގެ ތާރީޚު] މިފޮތް ޢަރަބިން ލިޔުއްވާފައި އޮންނަނީ. އޮއްވައި، އެފޮތުގެ ތެރޭގައި އޮންނާނެ، ޓްރީޓީޒެއް. ވެރިންނަށް ގޮވާލައްވާ ގޮވާލެއްވުމެއް. އަޅުގަނޑު ހަނދާންވަނީ ގާތްގަނޑަކަށް 12 ވަރަކަށް ޞަފްޙާ ދިގުވެގެންދާ ލިޔުމެއް. ދިވެހިރާއްޖޭގެ ވެރިންނަށް، ޢަމަލު ކުރަންވީގޮތާ ގުޅޭގޮތުން، ޙަސަން ތާޖުއްދީން، ވެރިން ވެރިކަން ކުރަންވީގޮތާއި، ހެޔޮގޮތުގައި، ޞާލިޙު ގޮތުގައި ވެރިކަން ކުރާނެ ގޮތާ ގުޅޭގޮތުން ލިޔުއްވާފައި އޮތް ލިޔުމެއް. ދެން އަޅުގަނޑު އަބަދުވެސް ބަލަން، އެލިޔުމުން އަދި މިއަދުގެ ތިޔަބޭފުޅުން ހައްދަވައިދެއްވި ޤާނޫނުއަސާސީ ކިތަންމެހާވެސް ފުރިހަމަ. އެހެން ނަމަވެސް، ޙަސަން ތާޖުއްދީންގެ ފާޚިރާއަކީ އަބަދުވެސް އަޅުގަނޑu ބަލައިލާހިތްވާ ލިޔުމެއް އެއީ. އެއީ އުޖޫރައަކާނުލައި، ރާއްޖޭގައި މީހުން މަސައްކަތް ކުރުން މަނާކުރި ނުވަތަ އަޅުވެތިކަން މި ރާއްޖޭގައި ނުބޭއްވޭނެ ކަމަށް ފުރަތަމަ އަޅުގަނޑަށް ފެނިގެން ފާހަގަކުރެވުނު ޑޮކިއުމަންޓް.

ޙަސަން ތާޖުއްދީންގެ ކުރިއަށްވެސް އަދި ރާދަވަޅިތައް ބެއްލެވިޔަސްވެސް އަދި އޭގެކުރީގައި ލޯމާފާނުތަކަށް ބެއްލެވިޔަސްވެސް، ދިވެހިން އަބަދުވެސް ލިޔެފައި ހުރީ އުޅޭންވީގޮތް، ކަންކުރާންވީ ގޮތް. ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާ. މިވެނި ފަރަކުން ބޮލި ހިލޭނީ، މިވެނި ބަޔަކަށޭ، މިވެނި ރަށަކުން ކެވޭނީ، އެވެނި މީހަކަށޭ. މިވެނި ތަނެއްގެ ވާރު ވަރުވާ ގޮއި ޙައްޤުވަނީ، މިވެނި ފަރާތަކަށޭ. މިވެނި މިވެނި އިންތަކަކީ، މިވެނި މީހެއްގެ ގެއޭ. އެވެނި މިވެނި މީހަކީ، މިވެނި މީހެކޭ. މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގައި، ޢާންމުކޮށް ކަން އޮންނާންވީ ގޮތް، ވަރަށް ސާފުކޮށް ލިޔުއްވާފައި އަޅުގަނޑުމެންގެ ރާއްޖެއަށް ފެށުނީއްސުރެ ފަށައިގެންވެސް، މި އާދަތައް ހުރޭ. އަދި ވަކިން ޚާއްޞަކޮށް، ރާއްޖެ އިސްލާމްދީނަށް ބަދަލުވުމާ ގުޅިގެން، ފުރަތަމަ ސިޔަރަތު، އިސްދޫ ލޯމާފާނުގައި އަޅުގަނޑުމެންނަށް ފެންނާން އޮންނާނެ. ފަތާންބަރު ކަލޯއޭ އަޅުގަނޑު ހަނދާންވަނީ، ރަސޫލާއަށް ނިސްބަތްކޮށް، އެ ލޯމާފާނުގައި ލިޔެފައިވާނީ. އޭގައިވާނީ، ޙަޤީޤަތުގައި އޭގައި ވަނީ، ބައެއްފަހަރަށް ޢީސާގެފާނުގެ ވާހަކައާއި، މަރިޔަމްގެފާނުގެ ވާހަކަ އައިއްސަ. އަންނަމުން އަންނަމުން އައިސް، رســول اللّـه صـلّى الله علـيـه وسـلّم، ރަސޫލާގެ ވާހަކަތަކާއި، ސިޔަރަތާއި އަދި އިސްލާމްދީނާއި، އިސްލާމްދީނުގެ މަތިވެރިކަމާއި، އެދީނުގައި ދެމިތިބޭނެގޮތާއި، އަދި އެދީނުން ކެހި ހިނގައްޖެއްޔާ، އިންސާނާއަށްވާނެ، ދިމާވާނެ ނުރައްކާތެރި، އުނދަގޫ ބުރަގޮތާއި، މިހުރިހާ އެންމެހާ ކަންކަން، މި ލޯމާފާނުތަކުގައިވެސް ހުރީ ލިޔެފައި. އަޅުގަނޑު އެއްވެސް ހާލެއްގައި، މިއަދުގެ ޤާނޫނުއަސާސީގެ މުހިންމުކަން ނުވަތަ ބޭނުންތެރިކަމުގެ ވާހަކަ ކުޑަކުރާކަށެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު އަބަދުވެސް ދަންނަވަން. ވަގުތުގެ އަޖަލުގައި ޖެހި ތިބެ، އަޅުގަނޑުމެން އެއްޗިއްސަށް ބެލީމާ، ދެން ވަރަށްބޮޑު ކަމަށް ފެންނާނެއޭ. މިއަދު އަޅުގަނޑުމެން ހިތަށްއަރާނެ، ބައެއްފަހަރަށް، އަޅުގަނޑުމެން ކުރާ ކަންކަން ވަރަށް މުހިންމޭ، ވަރަށްބޮޑޭ. މިފަދަ ބޮޑު ބަދަލެއް މިރާއްޖެއަކަށް ދުވަހަކުވެސް ނާދެއޭ.

މި ރާއްޖެއެއް ނުސިހޭނެ. މިއީ ވަރަށް ދޮށީ ޤައުމެއް. މި ރާއްޖޭގެ ރައްޔިތުން ސިއްސުވާލާވަރު ކަމެއް، ވާހަކައެއް، ސިޔާސީ ލީޑަރަކަށްވެސް އަދި އެހެން ބޭފުޅަކަށްވެސް ހަމަ ވިދާޅެއްނުވެވޭނެ. އަޅުގަނޑުމެން ނުސިހެނީ، އަޅުގަނޑުމެންނާ ދިމާނުވާ އެއްވެސް ކަމެއް ޙަޤީޤަތުގައި ނެތުނީތީވެ. މި ރާއްޖެއަށް ވާންއޮތް، ރާއްޖެއަކަށް، ޤައުމަކަށްވާން ހުރިހާ ގޮތެއް މިރާއްޖެ މިއޮތީ ވެފައި. ދެން ވާނެ ގޮތްގޮތާ ގުޅޭގޮތުން އަޅުގަނޑުމެން ސިހޭނެ ސަބަބެއް ނެތް. އެންމެބޮޑު އެއް ސަބަބަކީ، އަޅުގަނޑުމެނަށް ޢަލީމޫސާދީފަދަ ލިޔުންތެރިން އަބަދުވެސް އެބަތިބި، އަޅުގަނޑުމެން ހަމަ މަގަށް ގެންނަން. އަޅުގަނޑުމެންނަށް ތަންދޮރު އޮޅުންފިލުވައިދިނުމަށް. އަދި މާ ދެން އަޅުގަނޑު އެހެން ބަހެއް ބޭނުންކުރަންޏާ، މަތިހަށި ނަގާފައި އަޅުގަނޑުމެން ނޫޅުމަށް. މި އެންމެން މާ ޒަމާން ވަންދެން އުޅެއޮތް ވަރަށް ޤަދީމީ ރަށެކޭ. މާ ބޮޑު މީހެއް ނެތޭ. ތިޔަބޭފުޅާއަކީވެސް ވަރަށް އާދައިގެ، ވަރަށް ކުޑަކުޑަ މީހެކޭ. މިތަނުގައި ނުވެ އޮތް ކަމެއްވެސް ނެތޭ. ދެން މާ މުހިންމު ކަމެއްވެސް އަދި ކުރިއަކަށްވާކަށްވެސް ނެތޭ. ހަމަ ވާންހުރި ކަންކަމޭ ވަމުންދާނީ. އަޅުގަނޑުމެން އެއްވެސް ހާލެއްގައި، މިކަންކަމާ ކަންބޮޑުވާކަށް ނުޖެހޭނެ. އަޅުގަނޑުމެންނަކަށް، އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ، ދުނިޔެ އުޑު ބޮލަށް ވެއްޓި، އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން ނެތިދާން އުޅޭ ކަމަކަށް.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، އަޅުގަނޑުގެ އަނެއްކާވެސް ހަމަ ފާހަގަކުރާނަން. ދުސްތޫރީ ޙުކޫމަތަކަށް ދިވެހިން މިއައީ ބޯލެނބެމުން. ޒަމާނުއްސުރެ ފަށައިގެން، އަޅުގަނޑުމެންގެ ފިކުރު، އަޅުގަނޑުމެންގެ އާދަކާދަތައް، އަޅުގަނޑުމެންގެ ސިޔާދާތު، އަޅުގަނޑުމެންގެ މިޞްރާބު ގޮސްހުރީ މިދެންނެވި ޙުކޫމަތަށް. މިދެންނެވި ތަރުތީބަށް ބޯލެނބުމަށް. އެ ތަރުތީބުގައި ވެރިކަމުގެ ބާރުތައް އެއީ، ވަކިކޮށްފައި ހުރި ބާރުތަކެއް ކަމަށް އެއީ، މާކުރިއްސުރެ ފަށައިގެންވެސް އެކަން އޮތްގޮތް. ބަންޑާރަ ނައިބަކާއި ނުވަތަ އުއްތަމަ ފަނޑިޔާރަކާއި އަދި ރަދުންނަކާ ހަމަ ވަކިން ވަރަށް ބޮޑަށް އަބަދުވެސް އަޅުގަނޑުމެންގެ އުޞޫލުތަކުގައި ފާހަގަވާނެ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ފަނޑިޔާރު މަނިކުފާނު އަރުވާލެވި، އަޅުގަނޑުމެންނަށް ބޮޑު ފަނޑިޔާރު މަނިކުފާނު ޙަޤީޤަތުގައި ގެއްލުނީ، މުޙަންމަދު ފަރީދުގެ ރަސްކަމުގެ ވަރަށް ފަހުކޮޅު. އެއަށްފަހު، އަޅުގަނޑުމެންނަށް މުސްތަޤިއްލު ފަނޑިޔާރުގެއެއް މިލިބުނީ އަނެއްކާ ދާދި އިހަކަށްދުވަހު. އެހެންވީމާ، އެއީވެސް މުޅިއަކުން އާ ކަމެއް ނޫން. އަދި ތިލަދުންމަތިން ބޭފުޅަކު ވަޑައިގެން، ފަނޑިޔާރެއްގެ ގޮތުގައި އިންނެވުމަކީވެސް، އަޅުގަނޑުމެންނަށް ދިމާވި އާ ކަމެއް ނޫން.

އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ދޮށީ ރާއްޖެއެއް. އަޅުގަނޑުމެން އުޅެމުން މިގެންދަނީ، މިދެންނެވި ހުރިހާ ތަޖްރިބާތަކަކާ އެކީގައި. އަޅުގަނޑު ޢަލީމޫސާދީއަށާއި ލިޔުންތެރިންނަށް ޝުކުރުވެރިވަނީ، މިދެންނެވި ތަޖްރިބާތައް އަޅުގަނޑުމެންނާ ހަމައަށް، ތިޔަބޭފުޅުންގެ ކުޅަދާނަ ބަސްތަކުން، ތިޔަބޭފުޅުންގެ ޅެންތަކުން، ފަރިހިތަކުން، ފިކުރުތަކުން، ޚިޔާލުތަކުން އަޅުގަނޑުމެންނަށް ގެނެސްދޭކަމުން. އަޅުގަނޑަށް ޔަޤީން، [މަހާނަ އެރެވުނު ލޯތްބަކީ] ބައެއް ބޭފުޅުން ހިތަށްއަރާނެ، ޢަލީމޫސާދީގެ ޅެމެއް އޮންނާނެ [މަހާނަ އެރެވުނު ލޯބި]. ބައެއްފަހަރަށް ހިތަށްއަރާ އެއީ، ޖަޒްބާތީ ލޯތްބެއްގެ ވާހަކައޭ. އެކަމަކު އަޅުގަނޑަށް އަބަދުވެސް [ގަހަކުން ފަތެއް ހެލިލިޔަސް، ފަހަތުން މަގޭ އަންނަހެން ހީވެއޭ] އެ ލަވައިގެ މާނަ އިބްނު ޢަރަބި ލިޔުއްވާފައި އޮތީ [ވުޖޫދުލްވުޖޫދު] ކިޔާ ފޮތެއްގައި، އެއީ ކުޅަދުންވަންތަކަމާ ގުޅޭގޮތުން ޘަނާ ކިޔުމަށް ކިޔުނު ޅެމެއްގެ ގޮތުގައި ފާރިސީބަހަށް ތަރުޖަމާވެ، އޮރުދޫއަށް ތަރުޖަމާވެ، ނައިފަރު މީހަކު ދިވެހިން އަނެއްކާވެސް އަލުން އަނބުރާ އަޅުގަނޑުމެންނަށް ގެނެސްދިނީ. މަހާނަ އެރެވުނު ލޯތްބަކީ، އަޅުގަނޑަށް ޔަޤީން، ދުލާއި ޤަލަމުގެ މިނިވަންކަން. އަޅުގަނޑު އުންމީދު ކުރަނީ، ކަށްވަޅުން އެރީ ޤަބުރު ނޫން ކަމަށް. ހަމަ އަޅުގަނޑުމެންގެ ދަތުރު މި ރަނގަޅު އައްސޭރިއަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ބަނދަރު ކުރެވެނީ.

އަޅުގަނޑުގެ އަބަދުވެސް ދުޢާއަކަށްވާނީ، މި ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަމަށް ގުޑުމެއް ނައިސް އަބަދުވެސް އަޅުގަނޑުމެން މިދެކޭ ގޮތުގައި އެކަން އޮތުން.

والحمد للّـه. والسّـلام عليـكم.