بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑަށް ހަމަ ވަރަށް ކަށަވަރު، މިރޭގެ ތަރިންނަކީ ދެންމެ އަޅުގަނޑުމެންނަށް ފެނިގެން އެދިޔަ، ވަރަށް ބޮޑަށް ފިޔަޖަހަމުންދިޔަ ތަރިންތައް. ރާއްޖޭގެ ފިލްމް އިންޑަސްޓްރީއެއް ނުވަތަ އެފަދަ މަސައްކަތެއް މިދާގޮތަށް ބާރަށް ކުރިއަށް ގޮސް ތަރައްޤީވެ ދިޔުމަކީ، ސަރުކާރުގެވެސް އަދި އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން އެންމެންގެވެސް ވަރަށްބޮޑު އަމާޒެއް، ވަރަށްބޮޑު އުންމީދެއް.

އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ، ނެރެވޭ ފިލްމްތަކުގެ ފެންވަރު ކިތަންމެ ގޮތަކުން، ދުވަހުން ދުވަހަށް ކުރިއަރަމުން އަންނަތަން. އަޅުގަނޑަށް ޔަޤީން، މިއަހަރަށްވުރެ އަދި މި އަންނަ އަހަރު މާ މޮޅުވާނެ. އަޅުގަނޑު، މިރޭ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ނުހަނު މަރްޙަބާ ދަންނަވަން. އަޅުގަނޑު ހިތަށްއެރި އެއްފަހަރަކު، [ހެޕީ ބަރތްޑޭ] ފިލްމްގެ ކްރޫ ސްޓޭޖުން ނުފައިބާ ތިއްބެވިނަމަ، ގައިމު މާ ރަނގަޅުވީސްތާއޭ. ވަރަށް މޮޅަށް ކަމެއް ކުރެވުނީމާ، އެއިން ފެންނާނީ، އެކަމަކާ ގުޅޭ ހުރިހާ ކަމެއްވެސް މޮޅުވެފައި އޮއްވާ. ކަމެއް މޮޅަށް އެ ކުރެވެނީ، އެއްކަމެއް ރަނގަޅަށް ކުރެވުނީމާ ނޫންކަން، އަޅުގަނޑަށް ހަމަގައިމުވެސް މިރޭ [ހެޕީ ބަރތްޑޭ] ފިލްމުން ސާފުވެ ހިނގައްޖެ. މޮޅު ފިލްމަކަށް އެ ފިލްމްވެގެން މިދިޔައީ، އެއާ ގުޅުނު އެހެން ހުރިހާ ކަމެއްވެސް މޮޅުވެގެން ދިޔައީތީވެ.

އަޅުގަނޑަށް އުނދަގޫ، ތަރިންނާއެކުގައި އަދި އެބޭފުޅުންގެ ވިދުވަރާ އެއްހަމައިގައި އަޅުގަނޑަށް ނުހުރެވޭކަން އެނގޭއިރުގައި ހުންނަން. އަޅުގަނޑު އެކަމަށް މަޢާފަށް އެދެން. އެހެންނަމަވެސް، މިރޭގެ އުފާވެރިކަން އަޅުގަނޑު ތިޔަބޭފުޅުންނާއެކީގައި ޙިއްޞާ ކުރަނީ، ނުހަނު ބޮޑުކޮށް.

ދެން އަޅުގަނޑު، މައްޗަންގޮޅީ އުތުރުގެ ކައުންސިލް މެންބަރުގެ އަރިހުގައި ދަންނަވަން އޮތީ، ލާމަރްކަޒުކޮށް، އެބޭފުޅާއާ އެކަން ޙަވާލުކޮށްފީމޭ، ތަނެއް ދިނުން. އަޅުގަނޑު، އަޅުގަނޑަށްވީ މިންވަރަކުން އަދި ސަރުކާރަށްވީ މިންވަރަކުން މި އިންޑަސްޓްރީއަށް، މި މަސައްކަތަށް އަބަދުވެސް އަޅުގަނޑުމެން ވާގިދޭނަން. ވީ މިންވަރަކުން އަޅުގަނޑުމެން އަޅާލެވޭތޯ ބަލާނަން.

ފިލްމުން ފެންނަނީ އެހެން ޙާލަތްތަކެއް. އަޅުގަނޑުމެންގެ ޢާންމު ޙާލަތް ނޫން އެހެން ޙާލަތެއް ދުށުމަށް، އެހެން ޙާލަތެއް ތަޖުރިބާ ކުރުމަށް، އިޙްސާސް ކުރުމަށް އަޅުގަނޑުމެންނަށް އަބަދުވެސް އެނބުރެވެނީ ސިލްވަރ ސްކްރީނަށް، ފިލްމަށް. ފިލްމަކީ އަޅުގަނޑުމެންނަށް އުފާވެރިކަން، ހިތްހަމަޖެހުން އަދި ކިތަންމެ ތަޖުރިބާތަކެއް އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތުން ނުފެނި އޮންނައިރު، އެހެން ބައެއްގެ ޙަޔާތުން ނުވަތަ އެހެން ބައެއްގެ ވިސްނުމުން އެކުލަވައިލެވޭ ނުހަނު ފޮނި ވާހަކަތަކުން، ފޮނި މަންޒަރުތަކުން، ރިވެތި ކުލަތަކުން އަޅުގަނޑުމެންނަށް ގެނެސްދޭ ޖާޒުބީ ޙަޤީޤަތެއް. އަޅުގަނޑަކީ އަބަދުވެސް ފިލްމް ބަލާހިތްވާ މީހެއް. މިރޭ މިތަނުގައި ކާމިޔާބު ކުރެއްވި ހުރިހާ ސްޓާރުންނަށް އަޅުގަނޑު ފަށްފަށުން މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

______________________