بســم اللّـه الرّحمـن الرّحيــم

މިދުވަހުގެ ޝަރަފްވެރި މެހްމާން އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކު، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އެހެންވެސް ވަޑައިގެން ތިއްބެވި ސަރުކާރުގެ އެންމެހާ ވެރިންނާއި އަދި މިއަދުގެ ޚާއްޞަ ޖަލީސުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި، ބޯޑުތަކުގައި މަސައްކަތް ކުރައްވާ، ތަމްސީލު ކުރައްވާ އެކިއެކި ބޭފުޅުންނާއި އަދިވެސް މިބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

ސަރުކާރުގެ ސިޔާސަތުގެ މައިގަނޑު އެއް އަޞްލަކީ، ސަރުކާރުގެ ތެރޭގައި ހުރި ކަންކަމުގެ ތެރެއިން، ވިޔަފާރީގެ އުޞޫލުން ކުރެވެންހުރި ކަންކަން ފާހަގަކޮށް، އެކަންކަން ހަމައެކަނި ވިޔަފާރީގެ އުޞޫލުން ކުރުން. ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވުމަށްފަހުގައި، ފަށައިގަނެވުނު އެންމެބޮޑު އެއް މަސައްކަތަކީ، މިދެންނެވި މަސައްކަތް. އެއީ، ސަރުކާރުގެ ތެރޭގައި ވިޔަފާރީގެ އުޞޫލުން ހިންގަމުން އައި ކަންކަމަކީ ކޮބައިތޯ ދެނެގަނެ، އެކަންކަން ކޯޕަރަޓައިޒްކޮށް، އެކަންކަން ހަމައެކަނި ވިޔަފާރީގެ އުޞޫލަށް ބަދަލުކުރުމުގެ މަސައްކަތް.

މީގެތެރޭގައި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ފާހަގަކުރެވިގެންދިޔަ އަދި ދާ ދެތިން ހަތަރު މަސައްކަތެއް އެބަވޭ. އެއީ، ޞިއްޙީ ޚިދްމަތް، ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އަދި ކަރަންޓްގެ ޚިދްމަތް، ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އަދި ހަމައެހެންމެ، ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ދަތުރުފަތުރު ކުރުމުގެ ޚިދްމަތް، ރައްޔިތުންނަށް ފޯރުކޮށްދިނުން. މީގެއިތުރުންވެސް، ސަރުކާރުގެ ތެރޭގައި ވިޔަފާރީގެ އުޞޫލުން ހިންގޭ ކިތަންމެ ކަންތައްތައް އެބަހުރި. ޚާއްޞަކޮށް، މުނިފޫހިފިލުވުމާއި އަދި ފިލްމާއި، ލަވަކިޔުމާއި، މިބާވަތުގެ ޚިދްމަތްތައް ސަރުކާރުން ދެމުން ގެންދިޔަ. އެކަންކަންވެސް މިހާރު މިވަނީ ވިޔަފާރީގެ އުޞޫލުން ހިންގުމަށްޓަކައި އޮނިގަނޑުތަކެއް ޤާއިމްކުރެވި އަދި ކުންފުނިތަކެއް އެކަށައެޅިފައި.

ޔުޓިލިޓީ ކުންފުނިތައް އުފެއްދުނީ، ރާއްޖޭގެ ރަށްރަށުގައި ކަރަންޓްގެ ޚިދްމަތް ނުހުއްޓި، މެދުނުކެނޑި އިތުބާރާއެކީގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި. އެނގިވަޑައިގަންނަވާނެ، މިއަދާ ހަމައަށް އައިއިރުގައި، އަޅުގަނޑުމެންނަށް އެ ކުންފުނިތަކުގެ މަސައްކަތް ގެންދެވިފައި އޮތް ހިސާބަކީ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ހިތްހަމަޖެހޭ އަދި އެކަށީގެންވާ ރަނގަޅު މިންވަރެކޭ. އެހެން ނަމަވެސް، އެކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އެކުންފުނިތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ކުންފުނިތައް މިހާރަށްވުރެ ވަރުގަދަކޮށް ހިނގައިގަތުމަކީ، ބޭނުންތެރިކަމެއް. މިހާރު ގިނަ ކުންފުނިތަކަށް ލިބޭ އާމްދަނީ މަދެއް ނޫން. އެހެންވީމާ، ކުންފުނިތަކަށް މިހާރަށްވުރެ ރަނގަޅަށް، މިހާރަށްވުރެ ބާރަށް މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެން.

ސަރުކާރުގެ އަމާޒަކީ، މި ކުންފުނިތަކުގެ ޙިއްޞާތައް ނުވަތަ މިލްކުވެރިކަން ސަރުކާރުގެ ކިބައިގައި ބެހެއްޓުމެއް ނޫނޭ. ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންނަށް މިކުންފުނިތަކުގައި ޙިއްޞާވެވޭނެ ގޮތަށް، ކުންފުނިތަކުގެ ޙިއްޞާ ރައްޔިތުންނަށް ދޫކޮށްލުން. އެކަން އެހެން ކުރުމަށްޓަކައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ކޯޕަރަޓައިޒް މިކުރެވެނީ، ސަރުކާރުގެ މަސައްކަތްތައް. އެމަސައްކަތްތައް ވިޔަފާރީގެ އުޞޫލުން ހިންގައި އަދި އެ އުޞޫލު ހަމައަކަށް ގެނެވި، އެ އުޞޫލުގެ ތެރެއިން މަސައްކަތްތައް ހިނގާން ފެށުމުން، ދެން ދެވަނަ ފިޔަވައްސެއްގެ ގޮތުގައި، މިހުރިހާ ކުންފުންޏެއްވެސް ރައްޔިތުންގެ ޙިއްޞާވާ ކުންފުނިތަކުގެ ގޮތުގައި ޙިއްޞާގެ މާރުކޭޓަށް ނެރުމަކީ، ސަރުކާރުގެ އަމާޒު.

އަޅުގަނޑުމެންނަށް މިކަންކަން ހިންގުމަށްޓަކައި ވަރަށްގިނަ ވަސީލަތްތައް ބޭނުންވޭ. މިކަންކަން ހިންގުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑު އަޅުގަނޑުމެންނަށް އެބަ ލިބެންޖެހޭ. އަދި ހަމައެހެންމެ، މިދެންނެވި މަގަށް ކާމިޔާބު ހޯދުމަށްޓަކައި، އެންމެ މުހިންމު ގޮތެއްގައި އަޅުގަނޑުމެން ހޯދާންޖެހޭ ވަސީލަތަކީ، އިންސާނީ ވަސީލަތް. މިއިން ކަމެއް ކުރުމުގެ ޤާބިލްކަން އަޅުގަނޑުމެންނަށް ލިބުން. ވިޔަފާރީގެ އުޞޫލުން ކަމެއް ހިނގާއިރުގައި، ވިޔަފާރީގެ ހަމަތަކާއި، ވިޔަފާރީގެ އެންމެހާ މުޢާމަލާތްތައް ހިނގާ ގޮތްތައް އެއީ، އަޅުގަނޑުމެން ފަރިތަވާންޖެހޭނެ ކަމެއް. އެނގިވަޑައިގަންނަވާނެ، ސަރުކާރުގައި ހިނގަމުން އައި ކަންކަން ކަމަށްވާތީވެ، އެކަންކަން ގިނަފަހަރަށް ހިނގަހިނގާހުރީ ސިވިލް ސަރވިސްއެއްގައި ނުވަތަ ސަރުކާރެއްގައި، މިބާވަތުގެ ކަންކަން ހިނގަހިނގާ ހުންނާނެ ގޮތަށް ހިނގަމުން އައީ. އަދި އެކަންކަން ހިންގެވުމަށް ތިއްބެވި ބޭފުޅުންވެސް، އެކަންކަން ހިންގަވަމުން ގެންދެވީ، ސަރުކާރެއްގެ ތެރެއިން ކަންކަން ހިންގާއިރުގައި، އެހިންގާ އުޞޫލުން އެކަންކަން ގެންދެވުމަށް.

އެހެންވީމާ، ލިބޭ އެއްޗަކާއި ކުރެވޭ ޚަރަދަކާ، މިބައިބައި އަޅާބެލުމާއި އަދި ޚަރަދުބަރަދު ބަހައްޓާނެ ގޮތްތައް ދެނެގަތުމާއި، އެކަންކަމާ ގުޅޭ އެހެންވެސް ބޭނުންވާނެ މަޢްލޫމާތު ލިބިގަނެ، މި މަޢްލޫމާތުތަކުގެ އަލީގައި، ކުންފުނި ބައްޓަން ކުރަމުން ގެންދިޔުން އެއީ، އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައި އޮތް ކަމަކަށް، މިހާތަނަށް އައިއިރުގައި އޮތީ ނުވެފައި. އަޅުގަނޑު އުންމީދުކުރަން، މިއަދުގެ ވަރކްޝޮޕުންނާއި އަދި އޭގެއިތުރުންވެސް އަޅުގަނޑުމެންނަށް ވިޔަފާރީގެ އުޞޫލުތައް ބޮޑަށް އެނގޭނެ އަދި އެ އުޞޫލުތަކަށް ފަރިތަވާނެ ޕްރޮގްރާމްތައް ހިންގައި، ސަރުކާރު ޙިއްޞާވާ ހުރިހާ ކުންފުންޏެއްގެވެސް ބޯޑުގައި ތިއްބަވާ ބޭފުޅުންނަކީ، މިދެންނެވި އުޞޫލުތަކުން ފަރިތަވެ، ތަމްރީނު ލިބިފައި ތިއްބެވި ބޭފުޅުންނަށްވުމަކީ ކޮންމެހެން މުހިންމު ކަމެއް.

އަޅުގަނޑު މިއަދު ގިނަ ވާހަކަ ދެއްކުމުގެ ބަދަލުގައި، އަޅުގަނޑު ބޮޑަށް އެދޭނީ، މިއަދުގެ ވަރކްޝޮޕައިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނެގޮތްވުން. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކު، މިބައްދަލުވުމަށް ވަޑައިގެން، ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި، އަޅުގަނޑުމެންނާއެކުގައި ބައިވެރިވެވަޑައިގަންނަވާކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ރާއްޖޭގައި ހަރުދަނާ ގޮތުގައި ވިޔަފާރި ކުރައްވަމުން ގެންދަވާ ބޭފުޅުން ގިނަ. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، އޭގެތެރެއިންވެސް ވަރަށް ފުރިހަމަ ގޮތުގައި، ސަރުކާރާ އަބަދުވެސް ސަރުކާރާއި ދައުލަތާއި އަދި ރައްޔިތުންނަށް ބެލުމާ އެކުގައި، ހަމައެހެންމެ، ވިޔަފާރީގެ ނަފާއާއި ފައިދާ ހޯދުމުގެ މުހިންމުކަންވެސް އެނގިވަޑައިގަންނަވައިގެން، ފުރިހަމަ ވިޔަފާރިއެއް ކުރައްވަމުން ގެންދަވާ އެއްބޭފުޅަކީ، މުޙަންމަދު ޢުމަރު މަނިކު. އެބޭފުޅާގެ މަޢްލޫމާތާއި އަދި އެބޭފުޅާގެ ތަޖްރިބާ އަޅުގަނޑުމެންނާ އެކުގައި ޙިއްޞާވާކަމީ، އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންނަށް ލިބޭ ނަޞީބެއް.

ޔުޓިލިޓީ ކުންފުނިތަކާއި، ހެލްތް ކޯޕަރޭޝަންތައް އަދި ދަތުރުފަތުރުކުރުމުގެ ނިޒާމް ހިންގުމަށްޓަކައި ކުރިއަށް ގެންދެވޭ ޓްރާންސްޕޯޓް ކުންފުނިތަކާއި، ހަމައެހެންމެ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި، އެންޓަރޓެއިންމަންޓް ކޯޕަރޭޝަނާއި އަދި މަގު ހެދުމަށް، ބަނދަރު ހެދުމަށް އެކުލަވައިލެވިފައި ހުރި ކުންފުނިތަކާއި، އެއަރޕޯޓްތައް ހިންގުމަށް އެކުލަވައިލެވިފައިވާ ކުންފުނިތަކާއި، މިއެންމެހާ ކުންފުނިތަކަކީވެސް އަޅުގަނޑުމެން ހަރުދަނާގޮތުގައި، ރަނގަޅަށް ހިންގާން ބޭނުންވާ ކުންފުނިތަކެއް. އަދި އޭގެ ފައިދާ، ރާއްޖޭގެ އެންމެ ރައްޔިތުންނަށް ރަނގަޅަށް ކުރުމަށް، ލިބުމަށް އަޅުގަނޑުމެން ބޭނުންވާ މަސައްކަތްތަކެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ފައިދާއާ އެކުގައި ވިޔަފާރި ކުރެވޭނޭ ތަނަވަސް ވިސްނުން ލިބިދިނުން.

والحمد للّـه. والسّـلام عليـكم.
_____________________