بســم اللّـه الرّحمـن الرّحيــم

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އާމިނަތު ޖަމީލް އަދި އ.ދ. އިން މިވަގުތު ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ރެޕްރެޒެންޓެޓިވް މިސް ޒޭބާ ބުޚާރީ، ވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި އަދިވެސް އެންމެހާ ބޭފުޅުން.

السّـلام عليـكم

މީގެ ދެތިން ދުވަސް ކުރީގައި، ވަރަށްގިނަ ޢަދަދެއްގެ، ވަރަށް ބާރުގަދަ ޑްރަގްސް، ހެރޮއިން، ހަކުރު ވަނީ ފުލުހުން އަތުލައިގެންފައި. އެކަން ހިންގައިދިޔައީ، 800 ޕެކެޓް ބަންދު ކުރުމުގެ މަސައްކަތް، އެނގިވަޑައިގަންނަވާނެ، ހެންވޭރު ފަށަން ކިޔާ ގެއެއްގައި ހިނގަމުން ދަނިކޮށް. މިއަދާއި މާދަމާ ވަރަށްގިނަ ކުދިން ބަލިވާނެ. މިދެންނެވި 800 ޕެކެޓަކީ، އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މާލޭގައި ބާރުގަދަ ޑްރަގްސް ބޭނުންކުރާ ކުދިންގެ ތެރެއިން، މަދުވެގެން 50 ޕަސެންޓް ކުދިން، މި އިއްޔެއާއި މިއަދާއި މާދަމާ ބޭނުންކުރާން ހުރި ޑްރަގްސް. ފުލުހުންގެ އޮޕަރޭޝަނުން އަޅުގަނޑުމެން މިއުޅެނީ، މިދެންނެވި ޑްރަގްސް ހިފަހައްޓައިގެން. އެ ޑްރަގްސް ހިފެހެއްޓީމާ، އެ ބާރުގަދަ ޑްރަގަށް ދެވި ހިފާފައި ތިބޭ ޒުވާނުން، އެމީހުންގެ ޢާންމު ޙާލަތުން އެމީހުން ނެއްޓިދަނީ. ދިޔައީމާ، އެމީހުންނަށް ކުރެވޭ ގޯސް ކަންތައްތައްވެސް އަދި އެމީހުންނަށް ކުރެވޭ އެއްވެސް ކަމެއްގެ އެއްވެސް އިޙްސާސެއް، ހިލަމެއް، އެނގުމެއް އެމީހުންނަށް ނުވަނީ.

އަޅުގަނޑު މިއަދު އުފާވަނީ އަދި އަޅުގަނޑު ހިތްހަމަޖެހެނީ، 1410 ނަންބަރަށް ހުރިހާ ކުދިންނަށްވެސް މިއަދު ގުޅޭނެ ކަމަށްޓަކައި. 1410 ނަންބަރު އަޅުގަނޑު ދަންނަވާނީ ވަރަށްގިނަ ކުދިން ހަނދާން ބަހައްޓަންޖެހޭނެއޭ. އަޅުގަނޑުމެންގެ އިންޑެކްސް ނަންބަރަށްވުރެ ތަންކޮޅެއް ހަގު. އެކަމަކު އަޅުގަނޑު ބޭބެގެ އިންޑެކްސް ނަންބަރު. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ހުރިހާ ކުދިންވެސް، ޑްރަގް ބޭނުންކުރާ ހުރިހާ ކުދިން 1410 އެ ނަންބަރު ހަނދުމައިގައި، ހަނދާނުގައި އަބަދުވެސް ބެހެއްޓުން.

އަޅުގަނޑުމެންނަށް ރާއްޖެއަށް ވަންނަ ބާރުގަދަ ޑްރަގްސް ހިފެހެއްޓިދާނެ. އެ ވަންނަ ގޮތްވެސް ހޯދިދާނެ. އަދި އެކަން އަޅުގަނޑަށް ފެންނަ ފެނުމުގައި ހުއްޓުވާލެވިދާނެ. މި މަސައްކަތް ކުރަމުން އަންނައިރުގައި، އަޅުގަނޑަށް މިހާރު ވަރަށް ބޮޑަށް ޔަޤީންވަނީ، މިސާލަކަށް، ކުރީ ދުވަހު ދިމާވީ އަޅުގަނޑު ހަމަގައިމުވެސް ވަރަށް ސިއްސައިގެންދާ ބާވަތުގެ ކަމެއް. 800 ޕެކެޓް ހެރޮއިން، ރެއެއްގެ މައްޗަށް ބަންދުވެގެންދަނީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރެއްގެ ގެކޮޅުގައި. 800 ޕެކެޓް ހެރޮއިން ޑިސްޓްރިބިއުޓް ކުރަނީ، މިދެންނެވި ގޭގެ ތިރީބުރީގައި. ތެދުފުޅެއް، އެ މެންބަރާއި އެގެއާ އަދި އެމަސައްކަތް ހިންގަމުން ގެންދާ ބޭފުޅުންނާ، މީހުންނާ ގުޅުމެއް ނެތިދާނެ. އެހެން ނަމަވެސް، އަޅުގަނޑަށް އެނގޭ އެއްޗަކީ، އަޅުގަނޑުގެ ގޭގައި، އަޅުގަނޑުގެ އަމިއްލަ ގެއެއްގައި، ހަމަގައިމުވެސް ދިވެހިރާއްޖޭގެ ޤާނޫނުގައި ބުނަނީ އެހެން. ތިމަންނާގެ އަމިއްލަ ގޭގައި، އަމިއްލަ ބޯހިޔާވަހިކަމުގައި ހިނގާ ކަންކަން ތިމަންނާއަށް އެނގެންޖެހޭނެއޭ.

ސަރުކާރުން ދެން އިތުރަށް ކުރިއަށް ގެންދާނީ، ފައިސާ ބަދަލުކުރެވުނު މުޢާމަލާތްތައް ތަޙްޤީޤު ކުރުންތައް. އަދި އޭ.ޖޭ. އެންޓަރޕްރައިޒަސްއަކީ ކޮބައިތޯއާއި، ކޮން ބޭފުޅެއްގެ ޙިއްޞާވާ އެންޓަރޕްރައިޒެއްތޯ ދެނެގަތުމަށް. އެ އެންޓަރޕްރައިޒް މެދުވެރިވެގެންތޯ މިހުރިހާ ފައިސާއެއް ރާއްޖެއިން ބޭރަށް ގޮސްފައިވަނީ. އަޅުގަނޑު ހާމަކުރަން މިއުޅޭ ކަމަކީ، މި މަސައްކަތް ހުއްޓުވުމުގައި ގޮސް ހުއްޓެނީ، އަޅުގަނޑުގެ އަމިއްލަ މައިންބަފައިންނާ ހަމައަށް ކަމުގައިވީ ނަމަވެސް، ކުޑަކޮށްވެސް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަމޭ. ރައްޔިތުންގެ މަޖިލިސް ކަމުގައިވިޔަސްވެސް އަދި ވަޒީރުންގެ މަޖިލިސް ކަމުގައިވިޔަސްވެސް އަދި އެންމެމަތީ އިސްލާމީ މަޖިލިސް ކަމުގައިވިޔަސްވެސް، ކޮންމެ މަޖިލީހެއް ކަމުގައިވިޔަސްވެސް، މިކަން ހިނގަމުންދާއިރުގައި، މިކަމުގައި ބައިވެރިވާ މީހުންނަކީ ކޮބައިތޯ ބެލުމުގައި، އަޅުގަނޑުމެން ނުފުރޮޅާ އެންމެ ގާކޮޅެއްވެސް އިރާދަކުރެއްވިއްޔާ ނުބާއްވާނަން.

ބާރުގަދަ ޑްރަގްސް ބޭނުންކުރުމުގައި، އެ ހުރި ވިއުގަ ހިނގުމުގައި، ވަރަށްގިނަ ޢަދަދެއްގެ ފައިސާ ހިމެނިގެން އާދޭ. ހެންވޭރު ފަށަންގެ ގޭގެ ވިކުރާއަކަށްވާނީ، މަދުވެގެން އެއްލައްކަ ފަސްދޮޅަސް ހާސް ރުފިޔާ. ހަމައެކަނި އެންމެ ރެއެއްގެ ވިކުރާ. ދެލައްކަ ރުފިޔާ، ރަނގަޅަށް ހިންގާ ރެއެއްގައި ނުކުންނާނެކަމީ، މިހާރު އަޅުގަނޑުމެން ޝައްކުކުރާ ކަމެއް ނޫން. ހާރޑްވެއަރ ފިހާރައަކަށް ލިބެނީ، އެއްލައްކަ ފަންސާސް ހާސް ރުފިޔާ، ރެއެއްގެ ވިކުރާއަކަށް. އާދައިގެ ޖެނެރަލް ފިހާރައެއް، މާލޭގެ ބޮޑު ބޮޑު ފިހާރައެއް، އެއިން ބޮޑު ފިހާރައެއްގެ ވިކުރާވެސް އެއްލައްކަ ރުފިޔާއަށް ނާރާނެ. މީގައި އޮތް ވިޔަފާރީގެ ފައިދާއަކީ އަޅުގަނޑުމެން އެއްވެސްއިރެއްގައި، އަޅުގަނޑުމެންގެ ހިތްތަކުން ކައްސާލައިގެންދާނެ ޙަޤީޤަތެއް ނޫން.

މި ވިޔަފާރީގައި ހިނގަނީ، ހަމައެކަނި ޑްރަގްސްގެ ވިޔަފާރިއެއް ނޫން. ދެން ހަމަ މިއާއެކުގައި ގުޅިފައިމިވާ އެހެން ކިތަންމެ ޤާނޫނާ ޚިލާފު ވިޔަފާރިއެއް އެބަހުރޭ. މިހާރު އަޅުގަނޑުމެންނަށް ޚާއްޞަކޮށް، މި ފާހަގަވަނީ، އިންސާނުން އެއްޤައުމުން އަނެއް ޤައުމަށް ވިއްކާ ވިޔަފާރި. އެއީ މިދަންނަވަނީ، ގަވާއިދާ ޚިލާފަށް، މަސައްކަތް ކުރުމުގެ ނަމުގައި، ބޭނުމުގައި ރާއްޖެއަށް މީހުން އެތެރެކުރުމާއި އަދި އެމީހުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމަށްޓަކައި، ޓްރާންސިޓްވުމަށް ރާއްޖެއަށް އެތެރެކުރުން މިއޮތީ މި ރާއްޖޭގައި ބޮޑު ވިޔަފާރިވެރިއަކަށްވެފައި. ޑްރަގްގެ ވިޔަފާރި، މިދެންނެވިހާ ފުޅާ ދާއިރާއެއްގައި، ފުޅާ ގޮތެއްގައި، މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢަށް، ދިވެހިރާއްޖެ އެކަންޏެއް ނޫން ސިހުނީއަކީއެއް. އަޅުގަނޑުމެން ސިހޭނެ، މިބާވަތުގެ މަޢްލޫމާތު އަޅުގަނޑުމެންނަށް ލިބުނީމަ. ކުއްލިއަކަށް ލިބުނީމާ ސިހޭނެ. ރާއްޖެ އެކަންޏެއް ނޫން، މިކަމުގައި ސިހިގެން މިދިޔައީ. އަޅުގަނޑު މިއަދު މިއައީ މުޅި މިސަރަޙައްދު މިކަމުގައި ސިހިފައިވާ މިންވަރުު އޮޅުންފިލުވައިގެން. ކިތައް ކިލޯތޯ އަޅުގަނޑުމެންނަށް ފެނިފައި މިއޮތީ، ކުޑައެއްޗެއްކަން. ވަރަށްކުޑަ މިންވަރެއްކަން. މުޅި އެތެރެވަރީގެ އަދި ގޮސް މެދުއިރުމައްޗާ ހަމައަށް މި ވިއުގަ ގުޅިފައި އޮތްއިރުގައި، ސިހޭ މިންވަރު ކުޑައެއްނުވާނެ. އަޅުގަނޑު ހިތުން އެންމެންވެސް މިތިބީ ވަރަށް ބޮޑަށް ސިހިފައި.

އަޅުގަނޑުމެން މި ވިއުގަ އަދި ރާއްޖެއަށް ބާރުގަދަ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާއިރުގައި، އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތްތަކެއް އެބަހުރޭ. އެއީ، އެކުދިންނާ އަޅާލަންޖެހޭނެކަން މިގަޑީގައި. މަސްތުވާތަކެތި ބޭނުންކުރަމުން އައި ކުދިންނާ މިގަޑީގައި އަޅާލަން ޖެހޭނެކަން. އެ އަޅާނުލެވުނީމާކަން ކަޓަރު ހިފައިގެން، މަންމަގެ އަލަމާރީގައި ހުރި ފައިސާކޮޅު ވަގަށް ނަގައިގެން އެ ދަނީ. ކޮންމެހެން ބޭނުން، ބޮވެންޖެހޭނެ. ބޯން އެބަޖެހޭ. ނުބޮއެއް އެކުދިންނެއް ސަލާމަތެއްނުވޭ. އަޅުގަނޑުމެންނަށް އެކަން ދެނެގަނެވެންޖެހޭނެ. އަޅުގަނޑުމެން ކޮންމެހެން ސިޔާސީ ފިކުރެއްގައި ނުވަތަ އެހެންވެސް މާ ރީތި ނިވަލެއް ހޯދުމުގެ ނިޔަތުގައި، މިކަމުގެ ޙަޤީޤީ ބަސްތައް ބޭނުންނުކޮށް، ވާހަކަ ދައްކައި މުޢާމަލާތް ކުރަން އުޅޭނެ ކަމެއް ނެތް. އަޅުގަނޑެއް ނޫޅޭނަން. ކަންހުރި ގޮތަށް، އަލިފުން ޔާއަށް އަޅުގަނޑު ކިޔަމުންދާނީ. އެއީ، އަޅުގަނޑާ ދިމާއަށް، އަޅުގަނޑާ މުޚާޠަބުކޮށް، ކޮންމެ އެއްޗެކޭ، ކޮންމެ ބޭފުޅަކު ވިދާޅުވި ކަމުގައި ވިޔަސްވެސް، މިކަމުގައި ހުރި ހިއްޗާއި، މިކަމުން އަޅުގަނޑުމެންގެ މުޖްތަމަޢު ހަލާކުވެގެންމިދާ މިންވަރާއި، މި ރާއްޖޭގެ ތަރައްޤީއަށް އެޅޭ ހުރަހާއި، އަޅުގަނޑުމެން މި އެދޭ އަނެއް ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ލިބެން ނެތް މިންވަރު ވަރަށް ބޮޑަށް ސާފުވެގެންދޭ.

ބާރުގަދަ ޑްރަގްސްއަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރުމަކީ، މި ސަރުކާރުގެ ސިޔާސަތެއް. އަދި މި ސަރުކާރުގެ ވަޢުދެއް. އިރާދަކުރެއްވިއްޔާ، މި ސަރުކާރުން އެކަންތައް ކުރާނެ. މިހާރު މިދަނީ އެކަންތައް ކުރަމުން. ރާއްޖެއަށް ބާރުގަދަ ޑްރަގްސް އެތެރެކުރާ ފަރާތްތައް ސަރުކާރުން ހޯދާނެ. އެމީހުން ހިފަހައްޓާނެ. އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެ. ސަރުކާރަށް ކުރެވޭނެ މިންވަރަކީ މިދެންނެވި މިންވަރު. ޤާނޫނާ ޚިލާފަށް، ޝަރީޢަތާ ޚިލާފަށް، ޝަރީޢަތުގެ ތެރެއަށް ވަދެ، ކަމެއް ކުރާކަށް އަދިވެސް އަޅުގަނޑުމެންނެއް ނޫޅޭނެ. އެހެން ނަމަވެސް، ލިބެންހުރި ހެތްކާއި ޤަރީނާއާ އެކުގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުރިހާ މައްސަލައެއް، އެއީ މި ވިއުގައިގައި ބައިވެރިވާ، ވިޔަފާރީގައި ބައިވެރިވާ އެންމެހާ އެހީތެރިވެދޭ ފަރާތްތަކާ އެކީގައި. އޭގެތެރޭގައި، ސައިކަލް، ލޮރީ، ކާރުފަދަ ތަކެތި ފަހުން ބޭނުންކުރަމުން ދިޔުމާއި، ޕެކް ކުރަން ތަންތަން ދިނުމާއި އަދި އެހެންވެސް ވިޔަފާރީގެ މުޢާމަލާތް ހިންގުމަށްޓަކައި އަމިއްލަ ކުންފުނިތައް، މިކަންކަމަށް ފަހިކޮށްދިނުމާއި، މިއިން އެއްވެސް ކަމަކީ، އެއްވެސް ބޭފުޅަކު ކޮށްގެންވާނެ ކަންކަމެއް ނޫން. އެކަންކަން ކުރާ ފަރާތްތަކާމެދު ޙައްޤު އަދަބު އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ދޭނެ.

އަޅުގަނޑު މިއަދު ޑޮކްޓަރ ނަތާޝާ ޕާނަބޮކޭއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. މި ހެލްޕްލައިން ޙަޤީޤަތުގައި އުފެދިގެން މިއަންނަނީ، އެބޭފުޅާ ކޮންސަލްޓަންޓެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހޯދިގެން، އެބޭފުޅާގެ އެހީއާ އެކުގައި. އަދި މިނިސްޓްރީ އޮފް ހެލްތުން ލުބްނާ ޒާހިރު ޙުސައިނާއި އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުން، މި ޑްރަގްސްގެ ކަންތަކާ ގުޅޭގޮތުން ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްދެއްވާ އެއްބޭފުޅަކީ ޑޮކްޓަރ ވަޙީދު، ނައިބު ރައީސް. ޑްރަގްސްގެ މުޅި ޕްލެޖް ނުވަތަ މުޅި ވަޢުދު ބަލަހައްޓައިދިނުމަށް އަޅުގަނޑު އެދިފައިވާނީ ނައިބު ރައީސްގެ އަރިހުން. އެހެންވީމާ، އަޅުގަނޑަށް އެބަފެނޭ، މިކަންކަން ވަރަށް ރަނގަޅު ތަރުތީބަކުން، ވަރަށް ފުރިހަމަ ގޮތެއްގައި ހިނގަމުން އަންނަތަން. އަޅުގަނޑަށް މިކަމުގައި ހެލްތް މިނިސްޓަރ ޑޮކްޓަރ އާމިނަތު ޖަމީލް ކުރައްވާ މަސައްކަތް، ކުޑަކޮށްވެސް ހަނދާން ނެތެނީއަކީއެއް ނޫން. އަދި އޮޅެނީއަކީއެއްވެސް ނޫން. އެހެން ނަމަވެސް، އަދި ހަމައެއާއެކީގައި ރައީސް އޮފީހުން، އަޅުގަނޑުމެންގެ އޮފީހުގެ ބޭފުޅުން، އަޅުގަނޑު ހިތުން، ނަން ދަންނަވާކަށް ނުވާނެ. އެ އޮފީހުގެ ބޭފުޅުންވެސް މިކަމުގައި ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.

މިދިޔަ އަހަރު ވަނީ ޑީޓޮކްސް ސެންޓަރެއް މާލޭގައި ހުޅުވިފައި. އަދި މިދިޔަ އަހަރު ވަނީ އައްޑުއަތޮޅު މީދޫގައިވެސް ޑީޓޮކްސިފިކޭޝަން ސެންޓަރެއް ހުޅުވިފައި. މި ޑީޓޮކްސް ސެންޓަރަކީ، ރީހެބިލިޓޭޝަން ސެންޓަރެއް ނޫން. އެތަނަށް ގޮސްގެނެއް ޑްރަގް މުޅިން ނުހުއްޓޭނެ. އެތަނަށް ގޮސްގެން ވާން އޮންނަނީ ވަކި ބާވަތެއްގެ ކަމެއް. އެހެންވީމާ، އެތަނަށް ގޮސްގެން، އެކަން ނޫން އެހެން ކަމެއް ނުވީމާ، ދެން އެކަމަކާ އަދި އެއްޗެއް ވިދާޅުވާނެ ކަމެއް ނެތް. އެއީ، ވަކި ކަމެއް ކުރަން ހަދާފައި ހުރި ތަނެއް. އެތަނުން ކުރެވޭނީ އެކަން. ހަމައެހެންމެ، އިތުރަށް ޑީޓޮކްސިފިކޭޝަން ސެންޓަރެއް ޤާއިމް ކުރުމަށް، އަންހެން ބޭފުޅުންނަށް ޚާއްޞަވާ ސެންޓަރެއް، އިރާދަކުރެއްވިއްޔާ، މިއަދު ނުވަތަ މާދަމާ އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް އެކަން ހުޅުވި ފަށައިގަނެވޭނެ. އެހެންވީމާ، އަންހެން ކުދިންނަށްވެސް މިކަމުގައި ބޮޑު އެހީތެރިކަމެއް ދިނުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް.

ރާއްޖޭގައި ގިނަވެފައިވާ ގޭންގް މާރާމާރީގެ ކަންތައްތައްވެސް ވަރަށް ބޮޑަށް ގުޅިފައި އޮތީ، ޑްރަގްސްއާކަން މިހާރު އަޅުގަނޑުމެންނަށް ވަރަށް ސާފު. ރެޑްލައިން ސިޓީއާއި އަދި ހަމަ އެ ސިޓީއާ ގުޅިފައިވާ އެހެން ގޭންގްތަކާއި މީހުންތަކާ، މި ވިޔަފާރިއާ ހުރި ގުޅުން އަޅުގަނޑު ހިތުން ޝައްކެއްނެތް މިންވަރަށް، ކުރީ ދުވަހު އެދިޔައީ ފާހަގަވެގެން. އަޅުގަނޑުމެންނަށް ކުރީގައި، މީގެކުރީގައި އަޅުގަނޑުމެންގެ ޞުލްޙަވެރި މުޒާހަރާއެއް ރޫޅާލީ، މިވެނި ގޭންގަކުންނޭ. އެ ގޭންގްގެ ވެރިއަކަށް ހުރީ މިވެނި ބޭފުޅެކޭ. އެބޭފުޅާ ގުޅުއްވަނީ، މިވެނި މިވެނި ސިޔާސީ ބޭފުޅަކާއޭ. މިވާހަކަތަކަކީ އަޅުގަނޑުމެންނަށް ވަރަށް އަޑުއިވޭ ވާހަކަތަކެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނެއް އެވާހަކަތަކުގެ ތެރެއަކަށް އެއިރަކުވެސް ނުދަން. އަދި ސަރުކާރު ހިންގުމާ ޙަވާލުވެ މިއަދާ ހަމައަށް އައިއިރުގައިވެސް އަޅުގަނޑުމެންނެއް ނުދަން. ހަމައެކަނި ލިބިހުރި ހެތްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން ސަރުކާރުން މި އެދެނީ ޝަރީޢަތަށް މައްސަލަ ހުށަހަޅުއްވައިދެއްވާށޭ. ފަނޑިޔާރުންގެ ކިބައިން ހަމައެކަނި މި އެދެނީ، ދެކެވުނު ވާހަކަތަކާއި، ހުށަހެޅޭ ހެކިތަކާއި، ޤަރީނާތަކުގެ މައްޗަށް ބިނާކޮށް ޙުކުމެއް އިއްވައިދެއްވާށޭ. އެނޫން އިތުރު ކަމަކަށް، އެއްވެސް ފަރާތެއްގައެއް އަޅުގަނޑުމެންނެއް ނޭދެން. ނުވެސް އެދޭނަން.

އަޅުގަނޑުމެންގެ އަމާޒަކީ، މި ރާއްޖޭގެ ޒުވާނުންނަށް މިއަދަށްވުރެ އަދި މާ ފާގަތި، މާ ފަހި، މާ އުފާވެރި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________