بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ޓްރާންސްޕޯޓް ޢާދިލް ސަލީމް. ސީފެއަރރާޒް އެންޑް ލޭބަރ ޔޫނިއަންގެ ލީޑަރ ކެޕްޓަން ޢާދިލް ރަޝީދު. ވަޑައިގެން ތިއްބެވި ބޯޓްދަތުރުކުރާ އެންމެހާ ބޭފުޅުން. ރާއްޖޭގެ ކަނޑުމަތީގައި މަސައްކަތްކުރާ އަދި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މިރޭ ފަތިހުވެސް ފަނަރަހާސް މީހުން ކަނޑުމައްޗަށް އަރާނެ، މަހަށް. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މާދަން ހެނދުނުވެސް ތިންހާހަށްވުރެ ގިނަ މީހުން ދަތުރަށްއަރާނެ، އެއްރަށުން އަނެއް ރަށަށްދާން. ހާހެއްހާ މީހުން ސަޕްލައި އޮޑިފަހަރުގައި ދަތުރަށްއަރާނެ. ފާނައަށް، ހުއިފިލަނޑާ ނަގަން އަދި ވަދާދާން، އެހެން ނޫނިއްޔާ، ހަމަ ކަނޑުމައްޗަށް އަރާންވެސް، މި ރާއްޖޭގެ އާބާދީގެ ރަނގަޅު ފަންސަވީސް ހާސް މީހުން ކޮންމެ ދުވަހަކުވެސް ތިބެނީ ކަނޑުމަތީގައި. އަޅުގަނޑުމެންނަކީ ކަނޑުމަތީ ޤައުމެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ، ރާއްޖޭގެ ފަހަށްވުރެ ރާއްޖޭގެ ސަރަޙައްދުގެ ބޮޑުބައި، ނުވަދިހަ ޕަސެންޓް އެއީ، ކަނޑު އެކުލެވޭ ޤައުމެއް. ދުނިޔޭގެ އެހެން ވަރަށްގިނަ ޤައުމުތަކާ ޚިލާފަށް އެހެންވީމާ، އަޅުގަނޑުމެންނަށް މިކަމުން ލިބިފައި އޮތް ތަރައްޤީގެ އިތުރު ފަހިކަން ރަނގަޅަށް އަޅުގަނޑުމެން ބަލައިގަންނަންޖެހޭނެ، ގަބޫލުކުރަން ޖެހޭނެ.

ރާއްޖޭގެ ގިނަ ރައްޔިތުންނަކީ، ކަނޑުމަތީގެ އެކިއެކި މަސައްކަތްތަކަށް، އެހެން ހުރިހާ ޤައުމުތަކުގެ ރައްޔިތުންނަށްވުރެ މާ ފަރިތަ، މާ ހުނަރު ގިނަ، މާ ހީވާގިކަމާއެކު މަސައްކަތް ކުރެވޭ ޠަބީޢަތެއް އެކުލެވޭ ރައްޔިތުންކަން، އެކުލެވޭ އިންސާނުންކަން އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ޙަޤީޤަތެއް. އަޅުގަނޑުމެން އެންމެންނަކީވެސް ވަރަށް ޒަމާނުއްސުރެ ފަށައިގެން، އަޅުގަނޑުމެންގެ ޢާއިލީ އެކިއެކި ފަރާތްތަކުގައި އަދި އެކިއެކި ދުރުތާ ތިމާގެ މީހުންގެ ކިބައިންވެސް އަޅުގަނޑުމެންނަށް ކަނޑުގެ ދިރިއުޅުމުގެ ކިތަންމެ ކަމެއް ވަރަށް ބޮޑަށް ފަރިތަވެފައި ތިބި މީހުން. ސާދަސަތޭކަ ވަނަ އަހަރު ނުވަތަ ސާދަސަތޭކައިގެ ތެރޭގައި، އިބުނު ބަޠޫޠާ ރާއްޖެ އައީ ހިންނަވަރު މާލިމީއަކާ އެކުގައި. އޭނާ އެފްރިކާއިން ފުރާފައި ދެން އެއޮއް ބޮޑު ކަނޑު ދޫކޮށް، ދެން ބުނީ، ދެން އާދެވުނީ ދިވެހިރާއްޖެއަށޭ. މުޅި އެ ފޮތުގައިވެސް އިންޑިއަން އޯޝަންގެ މިދެންނެވި ދެބައިކުޅަ އެއްބައި އެކީގައި، އޭނާ ހަމަ އެއްގޮތަކަށްވެސް އަލިއަޅުވާލާފައި ނުވަނީ، އޭނާ ދަތުރުކުރަމުން އައީ ހިންނަވަރު މާލިމީއަކާ އެކީގައި ކަމަށް އޭނާ ބުނަނީ. އޭނާ ލިޔެފައި އޮތީ. މާ ކުރީ ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެންގެ މާލިމީންނަކީ، އަޅުގަނޑުމެންގެ ދަތުރުވެރިންނަކީ، ދުނިޔޭގައިވެސް މަޝްހޫރު ބައެއް. އަދި ވަކިން ޚާއްޞަކޮށް، އެތެރެވަރީގައި ވަރަށް ރަނގަޅަށް ކަނޑުދަތުރުކޮށް އުޅޭ ބައެއް.

އަޅުގަނޑުމެންގެ ފިޔަވައި އިންޑިއާ ކަނޑުގެ ވަށައިގެންވާ ގިނަ ޤައުމުތަކަކީ ބުޑިސްޓް ދީނުގެ ރައްޔިތުން އުޅޭ ޤައުމުތަކަށްވާތީއާވެސްއެކު، ޘަޤާފީ ގޮތުން އެޤައުމުތަކުގެ ރައްޔިތުންނަށް، ދީނީގޮތުންވެސް އެޤައުމުތަކުގެ ރައްޔިތުންނަށް ތިބީ ރަނގަޅަށް ކަނޑުމައްޗަށް ނޭރި. ކަނޑުމަތީގެ ގިނަ ކަންކަން ކުރަމުން ގެންދިޔައީ އަޅުގަނޑުމެން. އެހެން ނަމަވެސް، މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނުއިރު، ދެންމެ ކެޕްޓަން ފާހަގަކުރައްވައިފި، އަޅުގަނޑުމެންނަށް ދިމާވެފައިވާ ދަތިތައް. މި ޞިނާޢަތު ހީނަރުވަމުންދާ މިންވަރު. އަޅުގަނޑުމެން އެދޭ މިންވަރަށް މި ޞިނާޢަތުން، ބޯޓްދަތުރުކުރުމުން އަޅުގަނޑުމެންނަށް ފައިދާއާއި މަންފާ ނެގިފައިނުވާކަން. މިއަދު ރާއްޖޭގެ ހައެއްކަ ސަތޭކަ މީހުންވެސް ބޯޓުދަތުރުކުރަން ގޮސް ބޭރުގައި ނޫޅޭ. މި ޢަދަދު މިވަނީ ވަރަށް ބޮޑަށް މަދުވެފައި. މީގެކުރީގައި ފަންސަވީހަކަށް މިލިއަން ޑޮލަރު، އަހަރެއްގެ މައްޗަށް، ބޯޓްދަތުރުކުރާ މީހުންގެ ފަރާތުން ރާއްޖެއަށް ވަންނަމުންދިޔަ. މިއަދު ހައެއްކަ މިލިއަން ޑޮލަރު، ކިރިޔާ އަހަރެއްގެ މައްޗަށް މިވަންނަނީ. މިއީ، އަޅުގަނޑުމެންނަށް މާދަމާވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ބަދަލުކުރެވެން އޮތް ޙަޤީޤަތެއް.

އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަކީ ހީވާގި ބައެއް. އަދި އަޅުގަނޑުމެންގެ މަދްރަސާތަކުން މިއަދު ނުކުންނަމުން އެދަނީ، އާދަޔާ ޚިލާފް ގިނަ ޢަދަދެއްގެ މޮޅު ކުދިން. ކޮންމެ އަހަރަކު ރަނގަޅު ދިހަހާސް ކުދިން، އޯ ލެވެލް އިމްތިޙާން ނިންމައިގެން ނުކުމޭ. އޭގެތެރެއިން ގިނަ ބައިވަރު ކުދިންނަކީ، ވަކި އިތުރު މަތީ ތަޢްލީމަކަށްދާ ކުދިންނެއް ނޫން. ރާއްޖޭގައި ދަތުރުކުރަންދާނެ ކުދިން ނުލިބި ނުވަތަ އެ ޞިނާޢަތު ހީނަރުވެ މިދަނީ، ރާއްޖޭގެ އެހެން ކިތަންމެ މަސައްކަތްތަކަކަށް މިއަދު ދިމާވެފައި އޮތް ސަބަބެއް، ދިމާވެފައި އޮތް މައިގަނޑު ސަބަބެއްގެ އަލީގައި. އަޅުގަނޑުމެންގެ ވަރަށްގިނަ ޒުވާނުން މަދްރަސާ މި ނިންމަނީ ގްރޭޑް 10 ނިންމާފައި. ގްރޭޑް 10 ނިންމާއިރުގައި، ވަކި ޚާއްޞަ ހުނަރެއް، އެ ޒުވާނުންނަކަށް ލިބިފައެއް ނުހުރޭ. އެހެން ނަމަވެސް، ވަކި ޚާއްޞަ ނޫން ހުނަރެއް ނުވަތަ އެއްވެސް ހުނަރެއްނެތި މަސައްކަތް ކުރުމުގެ ފެންވަރަށްވުރެ ނުވަތަ އެމަސައްކަތް ކުރުމަށް މީހެއް ގައިގައި ހުންނަންޖެހޭ ސިފަތަކަށްވުރެ، މީނާ މިހުރީ ތަހުޒީބުވެފައި ނުވަތަ އޭނާ އެހުރީ އެއަށްވުރެ ބޮޑަށް ތަޢްލީމް ލިބިފައި. ގްރޭޑް 10 ނިންމީމާ، ވަޅެއް ކޮންނާކަށެއް ނުއެއް އެނގޭ. އެހެން ނަމަވެސް، ގްރޭޑް 10 ނިންމައިގެން އަދި މާ މޮޅު މީހަކަށްވެސް ވެވޭކަށެއް ނެތް. 10 ނިންމީމާ މި ލިބުނީ އަޅުގަނޑުމެންނަށް ކުޑަވަރެއްގެ ތާށްޓެއް. އެއްވެސް މިންވަރަކަށް ތަޢްލީމު ނުލިބުނީ. އެންމެ ރަނގަޅަށްވެސް ނުލިބުނީ. އަދި އެންމެ ދެރަ މީހަކަށްވެސްނުވި. އެންމެ ދެރަ މީހަކަށް ނުވީމާ ދެން އެ ލިބެންޖެހޭ ހުނަރުތައްވެސް އޭނާގެ ކިބައިގައި ނެތުނީ. އެންމެ ރަނގަޅު މީހަކަށްވާންޖެހިގެން ދެން ލިބެންޖެހޭ ހުނަރުތައްވެސް އޭނާގެ ކިބައިގައި ނެތުނީ.

އަޅުގަނޑުމެން އިނގިރޭސި ބަހުން މިއަށް މިކިޔަނީ skills mismatch އެކޭ. ހުނަރު އަޅުގަނޑުމެންގެ ކިބައިގައި ހުންނަންވީ މިންވަރަށް، މި ރާއްޖޭގެ މަސައްކަތްތަކަށް ބޭނުންވާވަރަށް އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިގައި މިއަދު ހުނަރު ނެތީ. އެ ހުނަރު، އެ ސްކިލް އެމީހުންނަށް އަޅުގަނޑުމެން ހޯދައިދޭންޖެހޭނެ. ސަރުކާރުގެ ވާޖިބަކީ އެއީ. މިކަންކަން ދެނެގަނެ، އެކަންކަން ފަހިވާނެ ގޮތްތަކެއް ހޯދުން. މިއަދުގެ އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ފަންވަރަށާއި، ތަރައްޤީގެ މިންވަރަށް ބަލައި، މިއަކީ އަޅުގަނޑުމެންނަށް ނުކުރެވޭ ބާވަތުގެ ކަމެއް ނޫން. ފަސޭހަކަމާއެކީގައި އަޅުގަނޑުމެންނަށް ވާންއޮތް ކަމެއް.

މިއަދު ރާއްޖޭގައި ދަތުރުކުރާ މީހުންގެ ތެރެއިން ސަތޭކަ ފަންސާހެއްހާ މީހުންނަކީ އޮފިސަރުން. އެ ޢަދަދު ދެގުނަ ކުރުމަކީ، ފަސޭހައިން އަހަރެއް، ދެއަހަރު ތެރޭގައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް. އޮފިސަރުންގެ މުސާރައާއި އަދި އޮފިސަރުންނަށް ލިބޭ އެހެނިހެން ޢިނާޔަތްތައް އެއީ، އަޅުގަނޑުމެން ރާއްޖޭގައި މަޝްހޫރު ވާހަކައެއް. ދިހަހާހެއްހާ ޑޮލަރު ލިބޭ ކެޕްޓަނުންނަކީ ޢާންމު ބައެއް. ޗީފް އިންޖިނިއަރެއްގެ މުސާރަ، ވަކި ބޮޑުތަނަކުންނެއް ކުޑައެއްނުވާނެ. އަޅުގަނޑުމެންނަށް އެމަގާމުތަކަށް ދެވެން އެބައޮތް. ގްރޭޑް 10، ގްރޭޑް 12 ނިންމާފައި އިތުރަށް ކިޔަވާން ބޭނުންވާނީ ތިން އަހަރު، ހަތަރު އަހަރު. އަޅުގަނޑުމެންގެ ޒުވާން ޖީލަށް މިދެންނެވި ވަޒީފާތަކަށް ދިޔުމަކީ، ފަސޭހަކަމާއެކީގައި އަޅުގަނޑުމެންނަށް ކުރެވޭން އޮތް ކަމެއް. ހަމައެކަނި އަޅުގަނޑުމެން ބޭނުންވަނީ އެމަގަށް ވިސްނަން. ހަމައެކަނި އަޅުގަނޑުމެން ބޭނުންވަނީ، އެއީ މަޤްޞަދެއްގެ ގޮތުގައި އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނަގަން. ޓާގެޓެއް ކަނޑައަޅަން.

މިރޭ އަޅުގަނޑު މިތަނަށް އައީ ކުރިއަށް މިއޮތް ދެއަހަރު ތެރޭގައި އަދި އިތުރު ސަތޭކަ ފަންސާސް އޮފިސަރުން އުފެއްދުމަކީ، މި ސަރުކާރުގެ ޓާގެޓެއްގެ ގޮތުގައި ކަނޑައެޅުމުގެ ނިޔަތުގައި. އަޅުގަނޑުމެން އެމަސައްކަތް ހިންގުމަށްޓަކައި ރާއްޖޭގައި އަލަށް އުފެދިފައި ހުރި ޔުނިވަރސިޓީގެ އިތުރުން، ރާއްޖެއިން ބޭރުގެ އެކިއެކި މަދްރަސާތަކާއި، ސެންޓަރުތަކުގެ އެހީތެރިކަން ބޭނުންކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކުން މިއަދަކު ކެޕްޓަނުންނާއި އަދި ޗީފް އޮފިސަރުން އުފައްދާނެ އެންމެ ރަނގަޅު ކޮލެޖްތައް ހުރި ކަމަކަށް އަޅުގަނޑުމެންނަކަށް ފާހަގައެއް ނުކުރެވޭ. އެކަންކަން ކުރިއަރުވައި ހަރުދަނާ ކުރުމަކީ ޔުނިވަރސިޓީގެ ބޭނުމެއް. އެހެން ނަމަވެސް، އެކަން އެހެންދާއިރުގައި، އަވަށްޓެރި ޤައުމުތަކުގަޔާއި އަދި އެހެންވެސް ޤައުމުތަކުގައި ހުރި ޔުނިވަރސިޓީތަކުން، މަދްރަސާތަކުން، ކޮލެޖްތަކުން މި ހުނަރު އަޅުގަނޑުމެންގެ ޒުވާނުންނަށް ހޯދައިދިނުމަކީ، މި ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް. ކުރެވިދާނެ ކަމެއް.

އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، ކުރިއަށް މިއޮތް ދެއަހަރުގެ ތެރޭގައި، އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރާނީ، މިދެންނެވި އަދި އިތުރު ސަތޭކަ ފަންސާސް އޮފިސަރުން އުފެއްދުމުގެ އިތުރުން، ފައްސަތޭކަ އާދައިގެ ކްރޫންވެސް ތައްޔާރުކޮށް، މިހާރު ބޯޓް ދަތުރުކުރަން މިއުޅޭ ހަސަތޭކަ ފަންސާސް މީހުންގެ ބަދަލުގައި، ދެހާހެއްހާ މީހުންނަށް ދަތުރަށް އެރޭނެގޮތް، ވަޒީފާއަށް ނުކުމެވޭނެ ގޮތްތައް އުފެއްދުމަށްޓަކައި ކުރާންހުރި މަސައްކަތް އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ކުރިއަށް ގެންދާނެ.

މިރޭ އަޅުގަނޑުގެ ވާހަކަކޮޅުގައި ދަންނަވާލަން ބޭނުން އިތުރު ވާހަކައެއް އެބައޮތް. ދަތުރުކުރާ ގިނަ ޢާއިލާތަކުގެ މެންބަރުންނަށް މިކަން ސާފުވާނެ. ތީގެތެރެއިން މަދުވާނެކަންނޭނގެ، ކަނޑަށް ޢާއިލާގެ މީހަކު، މެންބަރަކު ގެއްލިފައިނުވާ މީހަކު. ހަމަގައިމުވެސް އަޅުގަނޑެއް ނުދަންނަން ޢާއިލާއެއް މާލެއަކުންނެއް، ކަނޑުގައި ޣަރަޤުވެ ޢާއިލާގެ ކޮންމެވެސް މީހަކު ދަތުރުގައި ގެއްލިފައިނުވާ. ކަނޑަށް ޣަރަޤުވެ ގެއްލިފައިވާ ދިވެހިންނާއި، ދަތުރުވެރިންނާއި، އެދަތުރުވެރިންގެ ޢާއިލާތަކަށް އަޅުގަނޑު މިރޭ، ހެޔޮ ދުޢާކުރަން ބޭނުން. އަދި އަޅުގަނޑު މިރޭ، އެ އެންމެހާ ފުރާނަތަކަށް ސުވަރުގޭގެ ނިޢުމަތް ލެއްވުމަށް އެދި ދުޢާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________