بســم اللّـه الرّحمـن الرّحيــم

އަނގޮޅިތީމު ސްކޫލްގެ ޕްރިންސިޕަލް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ، ދައުލަތުގެ އެހެންވެސް ވެރިން، ސްކޫލްގެ އެންމެހާ ހިންގުންތެރިންނާއި އަދި ވަކިން ޚާއްޞަކޮށް، ސްކޫލްގެ ހުރިހާ ދަރިވަރުންނާއި، އަނގޮޅިތީމުގެ އެންމެ ރައްޔިތުން.

السّـلام عليـكم

މިއަދަކީ އަނގޮޅިތީމުގެ ސްކޫލަށް 25 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާ ބާއްވާ ދުވަސް. މިއަދު އަޅުގަނޑުމެންނަށް، މި ރާއްޖޭގައި ފާހަގަ މިވަނީ، ހަމައެކަނި އަނގޮޅިތީމު ސްކޫލްގެ 25 ވަނަ އަހަރީ ދުވަހެއް ނޫން. ރާއްޖޭގެ އާބާދީއަކީ ބައެއްފަހަރަށް ވަރަށްމަދު މީސްކޮޅެއް، ބައެއް ރަށްރަށުގައި ދިރިއުޅޭ. އަނެއްބައިފަހަރަށް ވަރަށްގިނަ ބަޔަކު ދިރިއުޅޭ ރަށްރަށް ހުރޭ. މިހެން އެކުލެވިފައި އޮތް ޖަޒީރާ ދައުލަތެއް، ޖަޒީރާ ޤައުމެއް. މި ރާއްޖޭގެ ގިނަ ރަށްރަށަކީ، މަދު މީހުން ދިރިއުޅޭ ރަށްރަށް. ރާއްޖެ ތަރައްޤީ ކުރުމުގައި، އެކިއެކި އިރު، އެކި ވިސްނުން ގެންގުޅެވިފައި އެބަހުރި. އޭގެތެރޭގައި، ރަށް ބަދަލުކުރުން ނުވަތަ އާބާދީ ބޮޑުކުރުމަށް އެދޭ އެދުމެއް، ވެރިންގެ ފަރާތުން ވަރަށް ގިނައިން ފެންނަތަން އަޅުގަނޑުމެންނަށް ފެނޭ. އެނގިވަޑައިގަންނަވާނެ، ދާދިފަހަކުން މި ސަރުކާރުންވެސް ރައްޔިތުންގެ ގާތުން ސުވާލު ކުރެވުނު. ބޭނުމީ ދެރަށެއް އެއްވާންތޯ، ބޮޑު އާބާދީއެއް އުފެދޭންތޯ. އަޅުގަނޑުމެންނަށް މި ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ފާހަގަވީ، މިއިން ކޮންމެ ރަށަކީ، އެތައް ޒަމާނެއް ވަންދެން ރައްޔިތުން ދިރިއުޅެފައި ހުރި ރަށްރަށް. ކިތަންމެ ކުޑަ އާބާދީއެއް އޮތް ކަމުގައވިޔަސްވެސް، މިއިން ކޮންމެ ރަށެއްގެވެސް، ކޮންމެ ރައްޔިތެއްގެވެސް ދަރިދަރިކޮޅު، އެތައް އެތައް ސަތޭކަ އަހަރަކަށް، އެރަށެއްގައި ދެމިގެންގޮސްފައިވޭ. އެބައެއްގެ މުޅި ޙަޔާތާއި، އެބައެއްގެ ކާބަފައިންގެ މުޅި ޙަޔާތްވެސް، ޙަޤީޤަތުގައި ހޭދަވެފައި އޮންނަނީ، ހަމަ އެ ފަސްގަނޑުގައި. އެތަން ދޫކޮށް އަދި ކިތަންމެ މޮޅު އެހެން ގޮތެއް އޮތް ކަމަށް ބަޔަކު ބުނި ކަމުގައިވިޔަސް، ދިޔުމަކީ ކުރަން ފަސޭހަ ކަމެއް ނޫންކަން ހަމަކަށަވަރުންވެސް އަޅުގަނޑު ހިތުގެ އަޑިން ޤަބޫލު ކުރަން.

އެހެންކަމުން، ސަރުކާރަށް ވިސްނާން ޖެހިފައި އޮތް ވިސްނުމަކީ، ކުދި އާބާދީތަކުގައި އެންމެ ރަނގަޅު ތަޢްލީމެއް ދެވޭނެ ގޮތަކީ ކޮބައިތޯ ދެނެގަތުން. މިއަދު އަނގޮޅިތީމު ސްކޫލްގައި، ކްލާހެއްގައި ގިނަފަހަރަށް ތިބޭނީ، 9 ކުދިން، 10 ކުދިން، ބައެއްފަހަރަށް 6 ކުދިން، ގިނަވެގެން 12 ކުދިން، 13 ކުދިން. މިއިން ކޮންމެ މަދްރަސާއެއްވެސް ހިންގާން މަޖުބޫރުވެފައި މިވަނީ، ހަމަ ކޮންމެ ދަރިވަރަކީވެސް ދިވެހި މަންމައަކާއި ދިވެހި ބައްޕައެއްގެ މި ރާއްޖޭގެ ރައްޔިތެއް. އަދި އަޅުގަނޑުމެން ރާއްޖޭގެ މުސްތަޤްބަލް ގުނާން ބޭނުންވާ ފަރުދެއް، މީހެއް. އެހެންކަމުން، ކޮންމެ ކުއްޖަކަށްވެސް ހަމަހަމަ ގޮތުގައި އެންމެ ރަނގަޅު ތަޢްލީމު ފޯރުކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް. ސަރުކާރުގެ ޒިންމާއެއް. އެ މަސްއޫލިއްޔަތު އަދާކުރުމުގައި، ސަރުކާރަށް ކަންކަން ކުރަމުން ގެންދެވޭނީ، ސަރުކާރުގެ މާލިއްޔަތު ތަންދިން މިންވަރަކުން. އަޅުގަނޑުމެންގެ ފުއްދުންތެރިކަން ހުރިވަރަކުން. ސަރުކާރުގެ ފައިސާ، ސަރުކާރުން ޚަރަދު ކުރާން ޖެހޭނީ، މުޅި ރާއްޖެއަށް އެއިން އެންމެ ފައިދާވާ، އެންމެ ފައިދާކުރާ އުޞޫލެއްގެ ތެރެއިން.

އެހެންވީމާ، ސަރުކާރުގެ، މި ސަރުކާރުގެ މިހާރުގެ އަމާޒަކީ، އާ ވިސްނުން ނެރުން، އާ ގޮތްތައް ހޯދުން. ކުދި ސްކޫލްތައް، ދަރިވަރުން މަދު ސްކޫލްތަކުގައި، ރަނގަޅު ތަޢްލީމު ދެވޭނޭ އިންތިޒާމްތަކެއް ހޯދުން. އެއަށް އަޅުގަނޑުމެން ހުޅުވިގަންނާން މިޖެހެނީ، ޒަމާނީ ޓެކްނޯލޮޖީއަށް އެންމެ ފުރަތަމަ. ޓެކްނޯލޮޖީ މެދުވެރިކޮށްގެން، ޓީޗަރުން ދެމުންގެންދާ ފިލާވަޅުތައް ދެވޭނޭ ރަނގަޅު އުޞޫލުތަކެއް ހޯދުން. އަދި ހަމައެހެންމެ، މަލްޓި ގްރޭޑް ސްކޫލް، ކްލާސް ތަޢާރުފްކޮށްގެން، އެއް ގްރޭޑެއް، ދެގްރޭޑެއް އެކުގައި އެއްކްލާހުގައި ކިޔަވައިދިނުމުގެ އިންތިޒާމްތަކެއް، ޕްރޮގްރާމްތަކެއް ރޭވުމަކީ، ޖަޒީރާ ޤައުމުތަކަށް، ކުދިކުދި އާބާދީތައް، މި ރާއްޖެ ފަދައިން އުޅޭ ޤައުމުތަކަށް އަޅުގަނޑަށް ފެންނަ ފެނުމުގައި، ކޮންމެހެން ނެރެން ޖެހިފައިވާ ވިސްނުމެއް. އެކަން ކުރިއަށް ގެންދެވޭނޭ އެންމެ ފުރިހަމަ ގޮތަކީ ކޮބައިތޯ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބައްލަވަމުން އެބަގެންދަވާ. އެބޭފުޅުން އެކަމާ ގުޅޭ ތަޙުލީލުތައް މިހާރު އެދަނީ ކުރަމުން.

އަޅުގަނޑަށް ފެންނަ ފެނުމުގައި، ދަރިވަރުން އިމްތިޙާންގައި ބައިވެރިވާ މާއްދާތަކުގެ ތެރެއިން 5 މާއްދާއިން ފާސްވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ފާހަގަވަނީ ކުދިންކޮޅު މަދުވެފައި ހުންނަ ސްކޫލްތަކުގައި، ކްލާހުގައި ކުދިން މަދު ސްކޫލްތަކުގައި، މި ނަތީޖާއާ ގާތްކުރަން އަބަދުވެސް އުނދަގޫވެފައި އޮންނަތަން. ސަރުކާރުން އެހެންވީމާ، ވިސްނުމެއް ނެރޭން މިޖެހެނީ، އެނަތީޖާ ރަނގަޅު ކުރުމަށްޓަކައި ހުރި ފައިސާ، ހުރި އާމްދަނީ، ހުރި ވަސީލަތްތައް އެންމެ ރަނގަޅަށް ބޭނުންކުރެވެން އޮތް ގޮތަކީ ކޮބައިތޯ ދެނެގަތުން. އެގޮތުން، އިރާދަކުރެއްވިއްޔާ، އަނގޮޅިތީމަށް މި ޕްރޮގްރާމްތަކުގައި ފައިދާވާނެ. މިހާރު އެޑިޔުކޭޝަން މިނިސްޓްރީން މަސައްކަތް ކުރައްވަމުން، އެކުލަވައިލައްވަމުން އެ ގެންދަވާ ސިޔާސަތުތައް ތަންފީޛުވީމާ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަނގޮޅިތީމް ސްކޫލަށް އަދި މިބާވަތުގެ ކުދިކުދި މަދްރަސާތަކަށް ލިބޭ ފައިދާ މިހާރަށްވުރެ އެތައް ގުނައަކުން އިތުރުވެގެންދާނެ. އޭގެތެރޭގައި، ޚާއްޞަކޮށް، މިދަންނަވާހެން އެއް ކްލާހެއްގައި ގްރޭޑް 1 އާއި 2 އާ އެއްކޮށްލެވިގެން، ދެޓީޗަރުން ތިބެގެން ކިޔަވައިދެވޭ ދެވުން އަދި ވަގުތު ބަހާލެވިގެންދާ ގޮތާއި، އެކިއެކި ކްލާހުގައިދޭ ކްލާސް ފިލާވަޅުތައް، ޓީޗަރުން ރާވައިގެން ގެނެވޭ ގޮތާއި، ލެސަން ޕްލޭން ކުރެވޭ ގޮތާއި، ޓީޗަރުންގެ ވަގުތު، ކުދިންނާއެކީގައި ހޭދަކުރުމަށް ޕްލޭން ކުރެވޭ ގޮތް އެއީ އަޅުގަނޑުމެންނަށް، އަޅުގަނޑަށް މިހާރު އެބޭފުޅުން މަޢްލޫމާތު ދެއްވާފައި އޮތް ގޮތުގައި، މިނިޒާމް އެކުލަވައިލެވޭއިރުގައި ހިމެނޭނެ ވަރަށް މައިގަނޑު ސިފަތަކެއް. އެ ނިޒާމަށް ޢަމަލު ކުރާން ފެށުމުން، އަޅުގަނޑަށް ޔަޤީން، އަނގޮޅިތީމުގެ މިހާރުގެ މިހުރި ފައިސާގެ މިންވަރުން މިހާރު މިނެރެވޭ ނަތީޖާގެ ދެގުނަ ނަތީޖާ ނެރެވޭނެ.

އަޅުގަނޑު ދަންނަވަން ބޭނުން، އަނގޮޅިތީމުގެ މަދްރަސާއަކީވެސް އަދި ރާއްޖޭގެ ކޮންމެ މަދްރަސާއެއްގެވެސް އެންމެބޮޑު ބޭނުމަކީ، ދަރިވަރުންނަށް ކިޔަވައިދިނުން. އަޅުގަނޑަށް އެނގޭ، ރަށްރަށުގައި ވަޒީފާގެ ފުރްޞަތުތައް ކޮންމެހެން ބޭނުންކަން. އެހެން ނަމަވެސް، މަދްރަސާއަކީ ވަޒީފާގެ ފުރްޞަތު އިތުރުކުރަން ހަދާ ތަނެއް ނޫން. މަދްރަސާ މި އަޅަނީ ދަރިވަރުންނަށް ކިޔަވައިދޭން. ވަޒީފާގެ ފުރްޞަތުތައް ނުވަތަ ރައްޔިތުންނަށް އާމްދަނީ ދިނުމަށްޓަކައި ސަރުކާރުން އެހެން ޕްރޮގްރާމްތައް ހިންގާން ޖެހޭނީ. އެހެން ނަމަވެސް، އެ ޕްރޮގްރާމްތައް ނުހިންގައި، މަދްރަސާއަށް ގެއްލުންވާކަހަލަ ގޮތަކަށް، މަދްރަސާއަށް ކަނޑައެޅޭ ބަޖެޓްގެ ފައިސާގެ ބޮޑުބަޔަކީ، މިދެންނެވިހެން ޚަރަދު ކުރެވޭ ކަމެއްގެ ގޮތުގައި އޮތުމުން، މަދްރަސާއަށް ލިބޭ ގެއްލުން ވަރަށްބޮޑުވާނެ. އަދި ވަކިން ޚާއްޞަކޮށް، ރަށުގެ ތަރައްޤީއަށް ލިބޭ ގެއްލުން ވަރަށްބޮޑުވާނެ.

މަދްރަސާއަކީ އަސާސީ ގޮތުގައި، އެންމެ ފުރަތަމަ ގޮތުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް އަޅާފައި ހުންނަ ތަނެއް. އެކަން ބަރާބަރަށް މަދްރަސާއިން ހިންގަމުން ގެންދަންޖެހޭނެ. ހަމައެހެންމެ، އަޅުގަނޑާ އެބަ ދިމާވޭ، ބައެއް އަމިއްލަ އިންޖީނުގެ ހިންގާ ތަންތަނުގައި، މަދްރަސާއިން ދިހަ ރުފިޔާއަށް، ފަނަރަ ރުފިޔާއަށް ޔުނިޓެއް އިންޖީނުން، ކަރަންޓް ޔުނިޓެއް ނަގަމުން ގެންދާތަން. މިހެން މިކަން ހިނގީމާ، އަނެއްކާވެސް އިންޖީނުގެ ސަބްސިޑައިޒް ކުރުމަށްޓަކައި މަދްރަސާގައި ހުރި ފައިސާކޮޅު އެ ބޭނުންކުރެވެނީ. މަދްރަސާ ހައްތަހާ ދާނީ ނިކަމެތިވަމުން. އަޅުގަނޑުމެންގެ އެންމެންގެވެސް އަމާޒަކަށްވާންވީ، މަދްރަސާގައި އަތްނުލާވޭތޯ. މަދްރަސާއަށް ގެއްލުމެއްނުދީވޭތޯ ބެލުން. މަދްރަސާއިން، ސްކޫލުން ތަކެތި ހޯދައިގެން، ދެން ރަށުގެ އެހެން ދަތިތައް ފިލުވަން މަސައްކަތް ކުރަން ފަށައިފިއްޔާ، އެ ދަތިތައްވެސް ނުފިލާނީ. މަދްރަސާވެސް ރަނގަޅު ނުވާނީ. ދެމީދާ ފެހި ބުޅަލަށް ހަމަ ވީވަރު އަޅުގަނޑުމެންނަށްވާނީ.

އަޅުގަނޑުގެ އިލްތިމާސަކީ، މަދްރަސާއަކީ މިރަށުގެ ތަރައްޤީގެ ނާރެސް. އެހެންވީމާ، އެތަނަށް ގެއްލުންވާ އެއްވެސް ގޮތެއް ހެދުމަކީ، އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރުމަކީ، މުޅި ރަށުގެ ތަރައްޤީއަށް އުނިކަމެއް އަންނާނެ ކަމެއް. އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ތަރައްޤީއަކީ އެޅޭ ބޮޑު ބަނދަރެއް ނޫނޭ، އެއްގަމު ތޮށްޓެއް ނޫނޭ، ބޮޑުހިލަ ބޭރު ތޮށްޓެއްވެސް ނޫނޭ. އަދި ސަހަރާ ވަށާފާރެއްވެސް ނޫނޭ. ތަރައްޤީއަކީ ތިމަންނާއަށްވާގޮތޭ. މީހާއަށް އެނގޭ އެއްޗެއް. އެމީހާ ރޯފިލާ މިންވަރު. އޭނާއަށް ތަންދޮރު އޮޅުންފިލާ ދަރަޖަ. ތަރައްޤީވަނީ އިންސާނާ. ތަރައްޤީވާނީ އަނގޮޅިތީމެއް ނޫން. ތަރައްޤީވަނީ އަނގޮޅިތީމު މީހުން. ވާންމިޖެހެނީ އަނގޮޅިތީމު މީހުން. އަނގޮޅިތީމު މީހުން ތަރައްޤީވީމާ، ދެން ތަރައްޤީވަނީ އަނގޮޅިތީމު. ނުބައި އަތަށް އަޅުގަނޑުމެން އިދިކީއްޔަށް މިކަން ކުރާން އުޅެފިއްޔާ ގޯސްވާނެ. އަޅުގަނޑުމެން މި އެދޭ ނަތީޖާ އަޅުގަނޑުމެންނަކަށޭއް ނުލިބޭނެ. ކޮމްޕިއުޓަރ ލެބެއް އަޅުގަނޑުމެންނަށް ބިނާކުރެވިދާނެ. އެހެން ނަމަވެސް، ކޮމްޕިއުޓަރެއް އަދި ޖައްސާން ނޭނގެންޏަކާއެއް، އެ ލެބްގެ މާބޮޑު ފައިދާއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އުފައްދާންވީ ދަރިވަރުން. އުފައްދާންވީ ރަނގަޅު ޒުވާނުން. ތަންދޮރު އެނގޭ، ތަޢްލީމު ލިބިފައި ތިބި އަދި އިތުރު މަތީ ތަޢްލީމަށް ދެވޭނެ ފުރްޞަތުތައް ފަހިކޮށްދިނުން. ސަރުކާރުގެ އަމާޒަކީ، މިދެންނެވި މަގަށް މަސައްކަތް ކުރަމުން ގެންދިޔުން. އަނގޮޅިތީމާއި އަދި މިބާވަތުގެ ކުދި ރަށްރަށުގެ މަދްރަސާތަކާއި، ތަޢްލީމުގެ ކަންކަން ހަރުދަނާ ގޮތުގައި ގެންދިޔުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. ސަރުކާރުގެ ވަރަށްބޮޑު ސިޔާސަތެއް.

ކުދި ރަށްރަށް، މި ސަރުކާރަކުންނެއް ދުލެއްނުކުރާނެ. ކުދި ރަށްރަށާ އަޅާލުން، މި ސަރުކާރަކުންނެއް ކުޑައެއްނުކުރާނެ. މިސަރުކާރެއް ނުދެކޭނެ، ރަށަކާ ސަރުކާރުން އަޅާލާ މިންވަރު ބިނާވެފައި އޮންނަނީ، އެރަށެއްގެ އާބާދީގެ މައްޗަށް އެކަނި ކަމަކަށް. ރަށަކާ ސަރުކާރުން އަޅާލާ މިންވަރު، ވަރަށްގިނަފަހަރަށް ބިނާވެފައި އޮންނާނީ، މުޅި ރާއްޖެއަށް އެއިން ކުރާ އަސަރެއްގެ މައްޗަށް ބިނާކޮށް. މީސްކޮޅު ކިތަންމެ މަދުވިއެއްކަމަކު، އެރަށަކީ މުޅި ރާއްޖެއަށް ކިތަންމެ ބޭނުންތެރި ރަށަކަށް ވެދާނެ. އަދި މީސްކޮޅު އަދި މީހުން ގިނަވެފައިނަމަވެސް، އެރަށަކީ ކޮބައިކަން އަދި ރާއްޖެއަށް އެރަށަކުން ކޮންމެހެން ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް، އެހާބޮޑު ބޭނުންތެރިކަމެއް ނެތްތަން އަޅުގަނޑުމެންނަށް ފެނިދާނެ. ކޮންމެ ރަށަކާވެސް ސަރުކާރުން އަޅާލަންޖެހޭނެ. އެހެން ނަމަވެސް، ތަރައްޤީއަށްޓަކައި އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ ބަހާލާއިރުގައި، ބައެއް ކަންކަމަށް އިސްކަންދީގެން، އެ އާމްދަނީ ބަހާލީމާ، ފަހުންއައިސް އިސްކަން ނުދެވުނު ރަށްރަށަށް ލިބޭ ފައިދާ މާބޮޑުތަނުން އިތުރުވެގެންދާނެ.

ސަރުކާރުން އަބަދުވެސް ވިސްނަމުން ގެންދާނީ، ރައްޔިތުންގެ ފައިދާއަށް. ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށް. މިއަދު އަނގޮޅިތީމު މަދްރަސާއަށް 25 އަހަރު ފުރޭ ދުވަހު އަޅުގަނޑު ސްކޫލްގެ ހުރިހާ ދަރިވަރުންގެ ކިބައިން އެދެން، ހިތްވަރާ އެކީގައި މަސައްކަތްކުރާށޭ. މިއަދު ކާމިޔާބުނުވާ ކުދިން، ދެން އަންނަ ފަހަރަކަށް އަދި މާބޮޑަށް މަސައްކަތް ކުރަންވީއޭ. ހިތްވަރު އުފުލާންވީއޭ. މިއަދު އެންމެ ބޮޑަށް، އެންމެމަތީ މާކްސް އަދި އެންމެ ފުރިހަމަ ކާމިޔާބީ ލިބޭ ދަރިވަރުން ހިތްތިރި ކުރައްވާށޭ. ތިމަންނާއަށް ލިބުނު ކާމިޔާބަކީ، އެންމެންނާ އެކުގައި ލިބުނު ކާމިޔާބެއް ކަމަށް ދެނެގަނެ، އެއީ އެންމެންނަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި މުޅި ހުރިހާ އެންމެންނަށް އެކަން ސާފުކުރެވޭނެ ގޮތަކަށް، ސާފުވާނެ ގޮތަކަށް ތިމަންނާގެ އަމިއްލަ ޢަމަލުތައް ބެހެއްޓޭތޯ ބެލުން، އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް މުހިންމު.

އަޅުގަނޑަށް އަނގޮޅިތީމަށް އައިސް، މަދްރަސާގެ އިތުރުން ރަށުގެ ހުރި ކިތަންމެ ކަމެއް ބަލާލެވިއްޖެ. އަދި އޮޅުންފިލާ ހިނގައްޖެ. ސަރުކާރަށްވީ މިންވަރަކުން އެކަންކަމަށް މަސައްކަތްކޮށްދެމުން އިރާދަކުރެއްވިއްޔާ ގެންދާނަން. އެހެން ނަމަވެސް، އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑަށް އެނގިގެން، ސަރުކާރަކުން އިންތިޚާބާ ދިމާކޮށް ކުރާ ކަމެއް ނޯންނާނެ. އެކަމެއް ކުރުމަށް ތާވަލުވެފައި އޮތް އިރެއްގައި، އެކަމެއް ކުރެވޭން އޮތް އެންމެ ރަނގަޅު ގޮތަކަށް އެކަމެއް ކުރުން، މި ސަރުކާރުގެ އަބަދުވެސް ސިޔާސަތަކަށް ވެގެންދާނީ.

އަޅުގަނޑަށް ޔަޤީން، މިއަދު މި އިނާމު ޙައްޤުވާ އަދި އެހެން ބައެއް އެބަތިބި. ބެލެނިވެރިން، މައިންބަފައިން. މައިންބަފައިންނާއި ޓީޗަރުންނާ އެކުގައި ކޮށްދިން މަސައްކަތަކުން ދަރިވަރުން މި ރޯފިލާދަނީ. ރަނގަޅު ނަތީޖާއެއް ލިބި، އެކުދިންނަށް އަދި އިތުރު މުސްތަޤްބަލް އާވެގެންދަނީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والســّلام عليــكم.
_______________________