بســم اللّـه الرّحمـن الرّحيــم

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކައުންސިލްތަކުގެ ރައީސުންނާއި، ކައުންސިލްތަކުގެ މެންބަރުން، ސަރުކާރުގެ އެހެންވެސް އިސްވެރިންނާއި އަދި މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

އަޅުގަނޑުވެސް ހަމަ ފަށާހިތް އޮތީ، ރަށްވެހިކަމުގެ އާ ދައުރަކަށް، ރަށްރަށުގެ ފަހި މާދަމައަކަށް އަޅުގަނޑުމެން މި އެނބުރެނީ ކަމުގެ ވަރަށް ފުރިހަމަ އުންމީދަކާއެކީގައި. ރާއްޖޭގެ ރަށްތައް ލާމަރްކަޒީ އުޞޫލުން އިންތިޒާމްވެގެން ރަށްވެހިކަން ހިންގުމަށް ބަދަލުވެގެން އައިސް، މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ދަތުރުކުރެވުނުއިރުގައި، ފުރަތަމަ މިވަނީ ރަށު ކައުންސިލްތަކުގެ ބަޖެޓް، ރަށްރަށަށް ދޫކުރެވިފައި. އެއަށްފަހު، ދެން އިތުރު މަސައްކަތެއްގެ ގޮތުގައި ޙަވާލުކުރެވުނީ، ޕަބްލިކް ހެލްތުގެ މަސައްކަތްތައް.

މިއަދު އަޅުގަނޑުމެންނަށް ފަށައި މިގަނެވެނީ އަދި މިއަދު އަޅުގަނޑުމެންނަށް މި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ހިންގޭ އުޞޫލަކީ، މި ރާއްޖޭގެ ރަށްތަކުގެ މިލްކުވެރިކަން ނުވަތަ ރަށްތަކުގެ ބިންވެރިކަން، ރާއްޖޭގެ ކައުންސިލްތަކަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ފުރޮޅާލުމުގެ ޢަމަލީ މަސައްކަތް. މިއަދަކީ އެހެންވީމާ، ޠާރިޤުވެސް އަދި އެހެން ބޭފުޅުންވެސް ފާހަގަކުރެއްވި ފަދައިން، ވަރަށް މުހިންމު ދުވަހެއް. މިއަދު އަޅުގަނޑުމެންނަށް މަނަދޫގައި މި ހިންގެނީ ޤައުމީ މަސައްކަތެއް. މިއީ ހަމައެކަނި މިރަށަށް، މިއަތޮޅަށް ނުވަތަ މި ޕްރޮވިންސަށް ހިންގޭ މަސައްކަތެއް ނޫން. އަޅުގަނޑުމެން މިއަދު މިރަށުގައި ހިންގަމުން މިގެންދަނީ، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ މަސައްކަތެއް.

ރާއްޖޭގެ ރަށްތައް ތަރައްޤީވެ ދިޔުމަށްޓަކައި، ރާއްޖޭގެ ރައްޔިތުންގެ އަމިއްލަ ޙާލަތު މިހާރު މިއޮތް، އަޅުގަނޑުމެން މިދެކޭ ޙާލަތުން އަޅުގަނޑުމެން މި އުންމީދުކުރާ އަނެއް ޙާލަތަށް ބަދަލުވުމަށްޓަކައި އެންމެ މުހިންމު ގޮތުގައި ބޭނުންވާ އެއްކަމަކީ، ރަށްވެރިކަމުގެ ތަރައްޤީކަން އެއީ، އެއްވެސްއިރެއްގައި އަޅުގަނޑުމެންނަށް ޝައްކު ހިނގާފައި އޮތް ކަމެއް ނޫން. މާލޭގައި ތިބެ ރާއްޖޭގެ ރަށްރަށް އަދި މާލެއިން ރާއްޖޭގެ ރަށްރަށުގެ ވަސީލަތްތަކާއި، ރާއްޖޭގެ ރަށްރަށުގެ މުއްސަނދިކަން ކޮންޓްރޯލްކޮށް ހިފަހައްޓައިގެން، އަޅުގަނޑުމެން މި އުންމީދުކުރާ ތަރައްޤީ، އަޅުގަނޑުމެން މި އުންމީދުކުރާ ބަދަލު އަޅުގަނޑުމެންނަށް ނުލިބޭނެކަމީ، މި ދިވެހިރާއްޖޭގެ ތާރީޚުވެސް އަދި ދިވެހިރާއްޖޭގެ އެހެނިހެން ޙަޤީޤަތްތައްވެސް އަޅުގަނޑުމެންނަށް ސާފުކޮށްދީފައިވާ ނުކުތާއެއް.

ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކޮށްގެން، ރާއްޖެ ތަރައްޤީ ކުރުމަކީ، އެހެން ޤައުމުތަކުގައިވެސް އެކަން ކޮށްފައި އޮތް ފަދައިން، މިއަދު އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް. ބިން އެއީ، ހިފެހެއްޓިފައި ނުވަތަ ބައްކުރެވިފައި، ތާށިކުރެވިފައި އޮތް އެއްޗަކަށްވާނަމަ، އޮތް އެއްޗަކުން ނުކުންނާނޭ ފައިދާ އަދި ލިބޭނޭ ގެއްލުން އަޅުގަނޑުމެންނަށް އަބަދުވެސް ފެންނަމުން އެބަދޭ. ތިޔަބޭފުޅުން މިސާލެއްގެ ގޮތުގައި ނަންގަވާ އެހެން މުދަލެއް، އެއީ ކާނާއަކަށްވިޔަސް އަދި އެހެން މަޢުދަނަކަށް، މުދަލަކަށްވިޔަސް، އެ މުދަލެއް ހިފަހައްޓައިގެން، އެ މުދަލެއް ތާށިކޮށް، އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، އެ މުދަލެއް އަގުބޮޑުވެދާތަން.

ރާއްޖޭގެ ބިން އެއްވެސް ހާލެއްގައި އަޅުގަނޑުމެންނަށް މަދީކީއެއް ނޫން. ރާއްޖެއަކީ ބިން މަދު ރަށެއްގެ ގޮތުގައި ވާހަކަ ދެއްކޭކަށެއް ޙަޤީޤަތުގައި ނެތް. ރާއްޖޭގެ އާބާދީއާ އަޅާބަލާއިރު، މިބިމުގެ ބޮޑުމިނަށް އަޅުގަނޑުމެން ވިސްނާލިން. ރާއްޖޭގެ ބިމުގެ ތާށިކަން، ދަތިކަން އެހެން ނަމަވެސް މިއީ ވަރަށްބޮޑު ކަމެއް. އެއްވެސް ރަށެއް ނެތް، ގޯއްޗެއް އެދިފައިވާ ލިސްޓެއް ނެތް. އަދި ހަމަ އެހެން އެކަންޏެއް އޮތީއަކީއެއް ނޫން، ގިނަ ރަށްރަށުގައި ގޯއްޗަށް އެދި އޮތް ލިސްޓަށް ގޯތި ދެވޭނެ ހަމަ އެއް ގޮތެއްވެސް ނެތް. ބިމަށް ތާށިވެގެން މިއުޅެނީ، ބިން މަދުވެގެނެއް ނޫން. ބިން ނުލިބި މިތިބެނީ ބިން ނެތިގެނެއް ނޫން. އަޅުގަނޑުމެންނަށް ބިން ނުލިބި އަދި ބިމަށް ތާށިވެ މިއުޅެނީ، ބިން ބޭނުންކުރުމާއި، ބިމާ ގުޅޭ އިންތިޒާމްތައް، ޒަމާނުއްސުރެ ފަށައިގެން އަޅުގަނޑުމެން ހަމަޖައްސަމުން ގެންގޮސްފައިވާ ގޮތުގެ ސަބަބުން.

މިއަދު ސަރުކާރުން މަސައްކަތް މިކުރަނީ، މިދެންނެވި ގޮތަށް ބަދަލެއް ގެނައުމަށް. ގޮތް ކަނޑައަޅާފައި އޮތީ، ބިމާބެހޭ ޤާނޫނުގައި. ގޮތް ކަނޑައެޅިފައި އޮތީ ރާއްޖޭގެ ޤާނޫނުއަސާސީގައި. ދެން އަޅުގަނޑުމެންނަށް އެނގި ފާހަގަވަމުން މިއަންނަނީ، އާދަކާދަތަކާއި، ތާރީޚާއި ޘަޤާފަތުގެ ތެރެއިން. އެގޮތް އަޅުގަނޑުމެން ބަދަލުކޮށްގެން މެނުވީ، ބިމުގެ ދަތިކަން، ބިމުގެ ތާށިކަން، އެއީ، އަޅުގަނޑުމެންނަށް ފިލުވެން އޮންނާނެ ކަމެއް ނޫން. ގަވާއިދު ހެދިޔަސް އަދި އެބާވަތުގެ ކޮންމެ އިންޞާފުވެރި އުޞޫލެއް ކަނޑައެޅޭތޯ ބެލިނަމަވެސް، އަބަދުވެސް އަޅުގަނޑުމެންނަށް ފެނިފައި އޮންނާނީ، އެންމެފަހުން އައިސް ބިމުގެ ހިފެހެއްޓުން، ދައުލަތުގެ ފަރާތުން ގެންގުޅޭހާ ހިނދަކު، އެ ބިން ތާށިވެގެންދާނެކަން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ވިސްނުން މިއަންނަނީ، ހަމަ ސީދާ މިއާ އިދިކޮޅަށް. އަޅުގަނޑުމެންނަށް މިދެކެވެނީ، ބިން ވިއްކޭގޮތް ވެއްޖިއްޔާ ލުޔެއް ނުލިބޭނެ. ބިން ވިއްކޭގޮތް ވެއްޖިއްޔާ، މިރާއްޖޭގެ ބިން އަޅުގަނޑުމެންނަށް ބޯހިޔާވަހިކަމަށް ބޭނުންކުރަން ދަތިވާނެ. އެއްވެސް ހާލެއްގައި އެއީކީއެއް ހަމަ ބުއްދީގެވެސް ވިސްނުމެއް ނޫން. މިދެންނެވިހެން މުދަލުގެ ކަންތައް އޮތީ އަދި އެއްވެސް މުޢާމަލާތެއްގެ ކަންތައްވެސް އޮތީ މިހެން. ތާށިކޮށްފިއްޔާ ދަތިވާނެ. ދޫކޮށްފިއްޔާ ދޫވާނެ. ވަރަށް އާދައިގެ ވިސްނުމެއް. ހަމަ އަޅުގަނޑުމެން ހަމަ ކޮންމެ މީހަކަށްވެސް ބަލައިވެސްގަނެވޭނެ. އަދި ދެނެވެސްގަނެވޭނެ.

ބިމުގެ ތާށިކަން ބޮޑުވެފައި ހުރި މިންވަރުން އަދި ބިމުގެ ވިޔަފާރީގެ މުޢާމަލާތް ނުހިންގޭކަމުން، ރާއްޖޭގެ ބައެއް ރަށްރަށުގެ ބިމުގެ އަގު އަރައިގެން ގޮސްފައި މިވަނީ، ދުނިޔޭގައި އެހެން އެއްވެސް ތަނެއްގައި ބިމުގެ އަގު ނެތް މިންވަރަކަށް. މާލޭގައި ބިމުގެ އަކަފޫޓެއް ހަތްހާސް ފައްސަތޭކަ ރުފިޔާއަށް ޖެހިފައިވާއިރުގައި، އެ އަގަކީ ޙަޤީޤަތުގައި ނިއުޔޯކްގައިވެސް، ޓޯކިޔޯގައިވެސް، ލަންޑަނުގައިވެސް ބިމުގެ އަގު ހުރިވަރު. އަޅުގަނޑުމެން މިއުޅެނީކީއެއް ޓޯކިޔޯއަކު ނޫން. ލަންޑަނަކު ނޫން. ނިއުޔޯކަކު ނޫން. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް އެމީހުންގެ އާމްދަނީ އެއީ، އެމީހުންނަށް ބޯހިޔާވަހިކަމެއް ހޯދޭނީ، އެމީހުންގެ ޤައުމުގެ މާލިއްޔަތާއި، އިޤްތިޞާދާއި، ފުއްދުންތެރިކަމަށް އެބިމުގެ އަގު ޖެހޭނެ. އަޅުގަނޑު ނުދަންނަވަން، ބިމުގެ އިންތިޒާމުތަކާއި އަދި ބިމުގެ މުޢާމަލާތްތަކަށް ގެނެވޭ ބަދަލުގެ ސަބަބުން، މާލޭގެ ބިމުގެ އަގު ވެއްޓިއެއް ނުދާނެ. އެއީކީއެއް ދެން މިވަގުތު ވާންއޮތް ކަމެއް ނޫން. މާލޭގެ ބިމުގެ އަގު އެވަނީ ވަރަށް ބޮޑަށް ޙައްދުން ނެއްޓޭ ހިސާބަށް ގޮސްފައި. އެހެން ނަމަވެސް، އެހާރަށްވެސް ކޮންމެވެސްވަރެއްގެ ބަދަލެއް ގެނެވޭތޯ ބެލުމަކީ ނެތް ކަމެއް ނޫން. އަދި އެއަގަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެއް.

ބިން އެއީ، ވިޔަފާރީގެ މުޢާމަލާތުގައި ބޭނުންކުރެވޭ އެއް އަސާސް. ވިޔަފާރިއެއް ނުވަތަ ޞިނާޢަތެއް ބިނާކުރެވެނީ، ބިމާއި ފައިސާއާއި އަދި ވިޔަފާރިކަމާ، މި ތިންކަން އެކުވެގެން ހިންގޭ މުޢާމަލާތުން. ބިން އެއީ، މި މުޢާމަލާތްތަކުގެ ތެރޭގައިވާއިރުގައި، އެއްއަތުން އަނެއް އަތަށް ބަދަލުނުކުރެވޭ، އަސާސެއް އެކުލެވިފައި އޮތް ކަމެއް ނުވަތަ އެއްޗެއްގެ ގޮތުގައިވާނަމަ، ދެން އަޅުގަނޑުމެންނަށް ވިޔަފާރި ތަރައްޤީ ކުރުމަށާއި، ފުއްދުންތެރިކަން އިތުރުކޮށް، ޞިނާޢަތްތައް ކުރިއަރުވަން ވަރަށް އުނދަގޫވާނެ. މި ރާއްޖެ ފިޔަވައި މިހާރު ދުނިޔޭގައި ޤައުމެއް މަދުވާނެ، ބިން އެއީ، މި ރާއްޖޭގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ފަދައިން، މުޤައްދަސް ދިވެހި އެއްޗެއްގެ ގޮތުގައި ދެކި، އެއީ ދައުލަތުގެ ވަރަށްބޮޑު ކޮންޓްރޯލެއްގައި، ވެރިމީހާގެ ސީދާ ބެލުމުގައި އޮންނަންޖެހޭނެ އެއްޗެއްގެ ގޮތުގައި ދެކިގެން، އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ބޯދާ ވިސްނުމެކޭ. މިދެންނެވި ބޯދާ ވިސްނުންތަކުން އަރައިނުގަނެވޭހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އަޅުގަނޑު ތަކުރާރު ކުރާނަން، ބިމާ ބެހޭގޮތުން އަޅުގަނޑު މިދަންނަވާ ވާހަކަ. ހިފަހައްޓައިފިއްޔާ އަގުބޮޑުވާނެ. ހިފަހައްޓައިފިއްޔާ ދަތިވާނެ. ނުލިބޭނެ. ދޫކޮށްލައިފިއްޔާ ދޫވާނެއޭ. ލިބޭނެ. އެ އުޞޫލު އެއީ އިޤްތިޞާދީ ވިސްނުމެއް. އެ އުޞޫލު އެއީ ހަމަ ޤުދްރަތީ ފިޠުރަތުގެ އުސޫލުވެސްމެ. ދުނިޔެ ހިނގަމުން މިއަންނަނީ މިދެންނެވި އުޞޫލުތަކުގެ ތެރެއިން. އަޅުގަނޑުމެން މިއަދު އެ އުޞޫލުތަކަށް ހުރަސްއަޅައި، ވެރިކަމުގެ އާރާއި ބާރަށްޓަކައި ބިން ރައްޔިތުންނަށް ވެރިވިޔަނުދީ، ވެރިކަމުގެ އާރުގެ ތެރޭގައި ހިފެހެއްޓުނީމާ، މިދެންނެވި ނުހަމަތައް އަޅުގަނޑުމެންނަށް މިހާރު މިދަނީ ފެންނަމުން.

ބިން އަމިއްލަކޮށް، ރާއްޖޭގެ ރައްޔިތުންނަށް، އެމީހުންގެ ބިން މިއަދު ކައުންސިލްތަކަކާ ޙަވާލެއް ނުކުރެވުނު ބަންޑާރަ ބިމެއް. އެއީ މީހުން ދިރިއުޅޭތީ. ސަރުކާރުގެ އަމާޒަކީ، ބަންޑާރަ ބިން ރައްޔިތުންނަށް ބަދަލުވުން. ސަރުކާރުން ބޭނުންވަނީ، ކޮންމެ ރައްޔިތަކަށްވެސް ބިމަކީ މުދަލެއްގެ ގޮތުގައި ދިނުން ނުވަތަ މުދަލެއްގެ ގޮތުގައި ބަދަލުކުރުން. އެ މުދާ އެއީ، އެ ރައްޔިތުންނަށް މުޢާމަލާތް ކޮށްގެން، މުއްސަނދިކަން އިތުރުކުރެވޭނެ މުދަލެއްގެ ގޮތުގައި ބޭނުންކުރުމުގެ ފުރްޞަތު ހުޅުވާލުން. ސަރުކާރުން މިދެނީ ކެޕިޓަލެއް ރައްޔިތުންނަށް. ފޯރުމިކޮށްދެވެނީ. އެ ކެޕިޓަލް ނުވަތަ އެ މުދާ ބޭނުންކޮށްގެން ނޫން ގޮތަކަށް ތަރައްޤީއެއް ނުގެނެވޭނެ. ބިމާނުލައެއް ތަރައްޤީގެ މަސައްކަތްތައް ހިންގަން ވަރަށް އުނދަގޫވާނެ. މިދެންނެވި ކެޕިޓަލް ރައްޔިތުންނަށް ބަދަލުވެގެން ދިޔައީމަ، އެބަދަލުވުމުގައި ބަންޑާރަ ބިން އަލުން ނަގަންޖެހޭނެ. އެހެން ނޫނިއްޔާ އަނެއްކާ އޭގައި އަގެއްނެތި އެދަނީ. އެބިމުގެ އަގު ކަނޑައެޅުމުގައި ގެންގުޅޭނެ އުޞޫލުތަކެއް ރާވަންޖެހޭނެ.

ބަންޑާރައިން، ސަރުކާރުން، ދައުލަތުން، ބަންޑާރަ ބިން އަމިއްލަ ބިމުގެ ގޮތުގައި ބަދަލުކުރެވޭއިރުގައި، އެ ނެގޭ ޓެކްސް ނެގުމާއި، މިބާވަތުގެ ކަންކަން ދޫކޮށްލުމަށް ޓެކްހާއި ބިމާގުޅޭ ޤާނޫނުގައި މިފަހަރު އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި ހުށަހެޅިގެން އަންނާނެ. އޭގެ އެއް ބޭނުމަކީ، ފަސޭހަކަމާއެކުގައި ބިމުގެ މުޢާމަލާތް ހިންގޭނެގޮތްވުން. މިދެންނެވި ރަށުން ނުވަތަ މިދެންނެވި މުއްސަނދިކަން، މިދެންނެވި މުދާ، ރައްޔިތުންނަށް ލިބުނީމާ، އެ ރައްޔިތުންނަށް އެމުދާ ބޭނުންކޮށްގެން، ތަރައްޤީގެ މަސައްކަތްތައް އަމިއްލައަށް ހިންގޭނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ކައުންސިލްތަކަށް ބިން ބަދަލުވެގެން ދިޔައީމާ އަދި ކައުންސިލްތަކަށް މި ބިން ލިބުމުން، އެބިމުގެ ހެޔޮ ބޭނުންކޮށްގެން، ރަށުގެ ތަރައްޤީއާއި، ރާއްޖޭގެ ތަރައްޤީ، މިހާރު އަޅުގަނޑުމެން ހޯދަމުންމިދާ ހަލުވި މިނަށްވުރެ، މާ ބާރުމިނެއްގައި ކުރިއަރައިދާނެ. ބިން ލިބުނީމާ، އަޅުގަނޑު އުންމީދު ކުރަން އަދި އަޅުގަނޑު ޔަޤީން ކުރަން، ކައުންސިލްތަކުން އެބިން ކުއްޔަށް ދިނުމުގައިވެސް އަދި ވިއްކުމުގައިވެސް ޢަމަލު ކުރަންވާނީ، ޒިންމާދާރު، އިންޞާފުވެރި ދެފުށް ފެންނަ އުޞޫލުތަކަށް.

އަޅުގަނޑުގެ ވަރަށްބޮޑު ބޭނުމެއް އެއީ، ހުރިހާ ކައުންސިލަކުންވެސް ބިން ވިއްކެވުން. ރައްޔިތުންނަށް ބިންވެރިކުރުން. ބިން އެއީ، ކައުންސިލްގެ އަތުން ނުވަތަ ބަންޑާރަ ސަރުކާރުން ރައްޔިތުންނަށް ގަނެވި، އެ ރައްޔިތުންނަށް އެއިން ގިނަ ބޭނުންތައް ބޭނުންގޮތަކަށް ކުރެވޭނޭ އެއްޗަކަށް ހެދުން. ރައްޔިތުން ބިންވެރިކުރީމާ، ރައްޔިތުންނަށް އެލިބޭ މުދަލަކީ، ޙަޤީޤަތުގައި ދެންމެ އަޅުގަނޑުމެންނަށް ސޮލިސިޓަރ ޖެނެރަލް ވިދާޅުވެދެއްވައިފި، ރަހުނު ކުރުމުގައިވެސް ރައްޔިތުންނަށް ލިބޭ އިތުރު ފައިދާއެއް އެއީ، ބިން އަމިއްލަވީމާ، އެބިން ރަހުނުކޮށް، ރަހުނެއްގެ ގޮތުގައި ބޭންކްތަކާ މުޢާމަލާތް ހިންގައި، އެ ލިބޭ ފައިދާގައި، އެ ލިބޭ ފައިސާގައި ތަރައްޤީގެ އިތުރު މަސައްކަތް ބާރުވެގެންދާނެކަމީ، އިންސާނީ ތަޖްރިބާއާއި މި ދުނިޔެ ވަރަށް ބޮޑަށް ދެކިފައި އޮތް ޙަޤީޤަތެއް.

ބިމާއި އަދި ބިމާ ގުޅިފައިވާ މުދަލާ ގުޅޭގޮތުން ޤާނޫނަށް ގެނެވޭ އިޞްލާޙުތަކެއް އެބަހުރި. އަދި އިޞްލާޙުތަކެއް ގެނައުމަށްޓަކައި ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، މިމަހުގެ ތެރޭގައި، މިދެންނެވި ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދާނެ. އޭގެތެރެއިން، ބިމާބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙުގެ ވާހަކަ އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، ސޮލިސިޓަރ ޖެނެރަލް ވަރަށް ސާފުކޮށް ކިޔައިދެއްވައިފި. އުޞޫލެއްގެ ގޮތުން މިހާރު ބިމެއް، ބަންޑާރަ ބިމެއް ނުވަތަ ދައުލަތުގެ ބިމެއް އަމިއްލަކޮށް، އެ ބިން އެހެން މީހަކަށް ވިއްކުމަށް ހިނގާ މުއްދަތަކީ ވަރަށް ދިގު މުއްދަތެއް. އަދި ހިންގާންޖެހޭ އިދާރީ ކަންކަމަކީވެސް އެހާ ގިނަގުނަ އިދާރީ ކަންތައްތައް. އަޅުގަނޑުމެންގެ ގޭގައި ހުންނަ ބަނބުކެޔޮ ގަހެއް ކަނޑާލާފައި ވިއްކާލަންވީ. އެހެން ނަމަވެސް، ބިމެއް މިންއަޅާފައި، ކަނޑާފައި ވިއްކަންވީމާ، އެކަމުގައި ހޭދަކުރަންޖެހޭހާ ވަގުތާއި، އެކަމުގައި އުޅެންޖެހޭހާ ގޮތް މާދިގުލާ، މާ އޮޅުންބޮޅުންވެދާކަމުން އެއީ، އަޅުގަނޑުމެންނަށް ފެންނަނީ، ސަރުކާރު ދެކެނީ، ވިޔަފާރިއަށާއި ތަރައްޤީއަށް އެޅޭ ވަރަށްބޮޑު ހުރަހެއް ކަމަށް.

ބިމުގެ މުޢާމަލާތް ފަސޭހަ ގޮތުގައި ހިންގޭނެ އުޞޫލުތައް ބިމާބެހޭ ޤާނޫނަށް ތަޢާރުފް ކުރުމުގެ އިތުރުން، އެއްމެދު މުދަލާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ސަރުކާރުން މިވަނީ ނިންމާފައި. އެއްމެދު މުދަލަކީ، ޢިމާރާތެއް. އެ ޢިމާރާތުގައިވާ އެކިއެކި ފްލެޓްތައް ނުވަތަ އެކިއެކި ބޯހިޔާވަހިކަން، ގޭބީސީތައް އެއީ، އެކިއެކި މީސްމީހުންގެ ގޭބީސީގެ ގޮތުގައި މިލްކު ކުރެވޭނެ، ރަހުނު ކުރެވޭނެ އުޞޫލުތަކެއް ކަނޑައަޅައިދިނުން. ބިން އެކަނި އެއީ، ބޯހިޔާވަހިކަމެއްގެ ގޮތުގައި ދެކި، ބިމުގައި އެކަންޏޭ ރަހުނެއް އެކުލެވިގެންވަނީ އަދި އެހެންވީމާ، ބިމުން އެކަނި ކަމަށް މުޢާމަލާތް، ވިޔަފާރީގެ މުޢާމަލާތް ހިންގޭނީ، ހިންގޭ ގޮތަށް އޮތުމަކީ، މިއަދުގެ ދިވެހިރާއްޖޭގައި އެއްގޮތަކަށްވެސް ދެކޮޅުޖެހޭ ކަމެއް ނޫން. އެއްހާސް އަކަފޫޓްގެ ބިމެއްގެ އަގަށްވުރެ، އެ ބިމުގައި އަޅާފައި ހުންނަ 10 ބުރީގެ ޢިމާރާތުގެ އަގު މާބޮޑު. އެ ބިމުގައި އަޅާފައި ހުރި ޢިމާރާތުގެ ބައިބައި ވަކިވަކި މީހުންނަށް މިލްކު ކުރެވޭނެ ގޮތެއްވީމާ ނޫނިއްޔާ، މި ސަރުކާރުގެ ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނިޒާމް ފުރިހަމައަށް ހިންގާކަށެއް ނުފެށޭނެ.

އެނގިވަޑައިގަންނަވާނެ، މަނަދޫގައި މިދަނީ މިހާރު 25 ފްލެޓްގެ މަސައްކަތް ކުރެވެމުން. އޭގެތެރެއިން ބައެއް މަސައްކަތް މިހާރު މިވަނީ ފެށިފައި. ދެން އެތަންތަނުގައިވާ ފްލެޓްތައް، މިރަށު ރައްޔިތުންނަށް ލިބުނީމާ، އެމީހުންގެ މިލްކަކަށް އެތަން މިދެނީ، އެމީހުން އަމިއްލައަށް، އެމީހުންނަށް ފައިސާ ދައްކާ ހަމަވީމާ ކަމަށް މިހާރުގެ ޤާނޫނީ ހަމަތައް މިބަޔާންކުރަނީ. ފައިސާ ދައްކާން އެބަނަގާ ވިހި، ބާވީސް އަހަރު. އެމުއްދަތުގެ ތެރޭގައި، ބާކީ އޮތް ބަޔަށް މުޢާމަލާތް ކުރެވޭނޭ ގޮތްތައް އެހެންވީމާ މިއޮންނަނީ ދަތިވެފައި. މިބަދަލު ގެނެވުނީމާ އިރާދަކުރެއްވިއްޔާ، މިދެންނެވި ދުވަސްތައް އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދާނެ. ފަސޭހަކަމާއެކީގައި ފްލެޓްތަކުގެ ވިޔަފާރީގެ މުޢާމަލާތް ހިންގުމަށް އަޅުގަނޑުމެންނަށް މަގުފަހިވެގެންދާނެ.

ރާއްޖޭގެ ބިން މަދުކަމަށް އަޅުގަނޑުމެންނަށް ފެންނަ އެހެން ކިތަންމެ ސަބަބެއް އެބަހުރި. ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ ރަށްރަށުގެ ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއް ނެތްކަން އެއީ، ބިން މަދުކަމަށް ފެންނަ އެންމެ މުހިންމު، އެންމެބޮޑު އެއްސަބަބު. މި ބިން ފުރެނީ، މި ބިމާ ގުޅިފައިވާ އެހެން ބިމެއް ނެތުނީމާ. އެބިމާއި އަނެއް ބިން ގުޅުވާދެނީ، ބިން ބޮޑުކޮށްދެނީ، ދަތުރުފަތުރު ކުރުމުގެ ނިޒާމުން. އެ ނިޒާމް ފުރިހަމަވެ، އެ ނިޒާމަށް އަޅުގަނޑުމެންގެ އިތުބާރު މުޅިން ލިބުނީމާ، މި މަނަދުއާއި ޖެހިގެން އޮންނަ ޅޮއްސާއި ނުވަތަ މި މަނަދުއާ ޖެހިގެން އޮތް މާފަރާ، އެހެން އެއްވެސް ރަށަކާ މިތަނަކާ ދުރުމިނެއް، ޙަޤީޤަތުގައި ނުފެންނާނެ. ދުނިޔޭގައި، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ޤައުމުތަކުގައި ވިހި ތިރީސް މޭލުގެ ދުރުމިނަކީ، އެއީ ދުރުމިނެއްގެ ގޮތުގައި މިއަދަކު ނުދެކޭ. ރާއްޖޭގެ ރަށްތައް، ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅުވާލެވުނީމާ، ރާއްޖޭގެ ވަރަށްގިނަ ބިން އެއީ ވަރަށް ހެޔޮގޮތުގައި ބޭނުންކުރެވޭ ބިމަށް ބަދަލުވެގެންދާނެކަމީ، އަޅުގަނޑުގެ ހިތުގައި ހަމަގައިމުވެސް ޝައްކު އުފެދޭ ކަމެއް ނޫން.

ބިމަށް އަދި ހަމައެއާއެކީގައި ހަމައެކަނި މީހުން ދިރިއުޅޭ ރަށްރަށުގެ ބިމެއް ނޫން. ފަޅުރަށްރަށުގެ ބިންވެސް އެއީ، މިލްކު ކުރެވެން ޖެހޭނެ ތަނެއް. ވިއްކެންޖެހޭ ތަނެއް. އެ މުޢާމަލާތް ހިންގެންޖެހޭނެ. ބިން، އެ މުޢާމަލާތް ހިންގުނީމާ، އަޅުގަނޑުމެންނަށް އެމުއްސަނދިކަން ޙަޤީޤަތުގައި ބޭނުންކުރެވޭނީ. މިއަދު އަޅުގަނޑުމެންނަށް ހަމައެކަނި ބޭނުން މިކުރެވެނީ، ރާއްޖޭގެ މުއްސަނދި ކަމުގެ ތެރެއިން ވަރަށްކުޑަކުޑަބައެއް. އެއީ ބިމުގައި ހަރުލާފައިވާ ނުވަތަ ބިމާ ގުޅިފައިވާ ތަކެތިން އުފެއްދޭ މުއްސަނދިކަން އެކަނި. ބިމުގެ މުޢާމަލާތުން އޮންނަ، ލިބޭ މުއްސަނދި ކަމެއް ނޫން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އަޅުގަނޑަށް އެނގޭ، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން ދެކެވަޑައިގަންނަވަނީ، ބިން އަޅުގަނޑުމެންނަށް ވިއްކޭ ގޮތަށް ހަމަޖެހިއްޖެނަމަ، އެ ބިން އަޅުގަނޑުމެން އަތުން ގެއްލި ހިނގައިދާނެކަމަށް. އަޅުގަނޑު ހިތުން އަޅުގަނޑަށް ޔަޤީންކޮށް އަރުވާކަށް ނުޖެހޭނެ. މި މަނަދޫގެ ބިން ނައްޓާލައިގެން ގޮސް ގެންދެވޭނެ އެހެން ތަނެއް ނޯންނާނެ. ހަމަ މަނަދޫގެ ބިން އޮންނާނީ ހަމަ މަނަދޫގައި. އަދި ކޮންމެ މީހަކު އެ ގަތް ކަމުގައިވިޔަސް، ކޮންމެ މީހެއްގެ މިލްކުވެރިކަން، އެ ބިމުގައި އޮތް ކަމުގައިވިޔަސް، އެ ބިން އޮންނާނީ ހަމަ މަނަދޫގައި. އެބިމުގެ އަގެއް ނެތްހާ ހިނދަކު، ބިން އޮންނާނީ ހުހަށް. އަގެއްހުރި އެއްޗެހީގެ ބޭނުންކުރަން މީހަކު ނުކުންނާނީވެސް އަދި ކުރުމަށް މީހަކަށް ޖެހޭނީވެސް. ބިން ބޭފުޅުން މިހާރު ހިފަހައްޓައިގެން އެބަ ތިއްބަވާ. ޠާރިޤު ވިދާޅުވެއްޖެ، ވަރުވާއަށް، ފާއަށް، ގޮޔަށް، ހިންނާއަށް ލިބިފައި ހުންނަ ބިން، އޭގެ ބޭނުން ނުކުރަނީ، އޭގެ އަގުހެޔޮކަމުން. ވަރުވާއަށް -/6 ރުފިޔާ ދޭންޖެހޭކަމުން. އޭގައި އެއްގޮތަކަށްވެސް އަގެއް ނެތްކަން. ދެން މި މުޢާމަލާތް ވިޔަފާރީގެ އުޞޫލުން ކުރާން ފެށުނީމާ، މާރުކޭޓް އަޅުގަނޑުމެންނަށް ދައްކައިދޭނެ ބިމުގެ އަގު. އެ އަގުގެ މުޢާމަލާތުގައި އަޅުގަނޑުމެންނަށް ތަރައްޤީގެ ނަވުގައި މިހާރަށްވުރެ ބާރަށް ދެވޭނެކަމީ، ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގައި ޝައްކުކުރާ ކަމެއް ނޫން.

ބިމުގެ އުޞޫލުތަކަށް ގެނެވޭ އަނެއް ބަދަލަކީ، ޤާނޫނަށް އަޅުގަނޑުމެން ސަރުކާރުން ހުށަހަޅާ އަނެއް އިޞްލާޙަކީ، ރަހުނާ ގުޅޭގޮތުން ހުށަހެޅޭ އިޞްލާޙު. އެއީ، ބިމުގެ މުޢާމަލާތްތަކުގައި ރަހުނެއްގެ ގޮތުގައި ބިން ބޭނުންކުރީމާ، ދެން އެ ރަހުނު ނެގޭގޮތާއި އަދި އެރަހުނާ ގުޅޭ އެހެން ޙައްޤުތައް، ރަހުނުގެ ވެރިޔާއަށް ހޯދޭގޮތްތައް، ޤާނޫނެއްގައި ސާފުކޮށްދީފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. ރަހުނާ ގުޅޭ ޤާނޫނަށް ގެނެވޭ ބަދަލާއި، އެއްމެދު މުދަލާއި، އަލަށް އުފެއްދޭ ޤާނޫނަކާއި، އަދި ބިމާބެހޭ ޤާނޫނަށް ގެނެވޭ ބައެއް އިޞްލާޙްތަކާއެކީގައި، ސަރުކާރުން މިދެކެނީ، މިއުފެއްދެނީ، ދިވެހި ދައުލަތުގެ މުއްސަނދިކަން އަނެއްކާ ދެގުނައަށޭ. މާލޭގެ ބިމުގެ ނުވަތަ މަނަދޫގެ ބިމުގެ އަގު އަޅުގަނޑުމެންނަށް މިއަދު ނިމިއްޖިއްޔާ، އަޅުގަނޑަށް ޢަދަދެއް ދަންނަވާކަށެއް ނުކެރޭނެ. އަޅުގަނޑަކަށެއް ނޭގެ. އަޅުގަނޑަށް އެނގެނީ މާލޭގައި އެންމެ ފަހުން ސަރުކާރުން ބިން ވިއްކުމަށް އިޢްލާނު ކުރެވުނީމާ، ހަހާސް ރުފިޔާއަށް، ހަތްހާސް ރުފިޔާއަށް އަކަފޫޓެއް ވިކިގެން ދިޔަކަން. މަނަދޫގެ އެ ރޭޓް، މާލޭގެ ބޮޑުމިން މިނައިފިނަމަ، އެއީ މާލޭގެ ރައްޔިތުންގެ މުއްސަނދިކަމް. ހަމަ އެރޭޓުން މަނަދޫގައި ހުރި ރޭޓުން، ހުރި އަގެއްގައި، މަނަދޫގެ ބިން ދިނީމާ، އެއޮތީ އެނގެން، މަނަދޫ ރައްޔިތުންގެ މުއްސަނދިކަން. ހިންނަވަރަކަސް، ނައިފަރަކަސް އަދި ތޮއްޑުއަކަސް، އުކުޅަހަކަސް، ކެލައަކަސް، ގަމަކަސް، އިސްދުއަކަސް، މިރާއްޖޭގެ ބިމުގެ މުއްސަނދިކަން، މި ރާއްޖޭގެ ބިމުގެ އަގު އަޅުގަނޑުމެން، އެބަ ދެނެގަންނާންޖެހޭ. އަދި އެއީ، އަޅުގަނޑުމެންނަށް ލިބޭ ރަޙްމަތެއްގެ ގޮތުގައި ބަލައިގެން، އެއިން ރޯދި ހޯދުމުގެ ވިސްނުން އަޅުގަނޑުމެން އެންމެންނަށްވެސް ލިބެންޖެހޭނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑު ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه، والســّلام عليــكم.

_______________________