بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ، ޤުރްއާނާބެހޭ މަރްކަޒުގެ ޑައިރެކްޓަރ، އެހެންވެސް ވަޒީރުން، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ޤުރްއާން ކިޔަވައިދިނުމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ މުދައްރިސުން، މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުންނާއި އަދި ދުރާއި ގާތުން މިޖަލްސާ ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

މިއަދަކީ ވަރަށްގިނަ ބޭފުޅުންނަށް، ވަރަށްގިނަ ކުދިންނަށް ވަރަށް އުފާވެރި ދުވަހެއް. މުޅި އަހަރުގެ ތެރޭގައި ދައުރުވަމުންދިޔަ މަސައްކަތްތަކަކަށްފަހު، މުބާރާތް ބޭއްވި، ވަނަވަނަ ލިބުނު، މޮޅުވި ދަރިވަރުންނަށް އިނާމު ލިބުނު ދުވަސް. އަޅުގަނޑު އަބަދުވެސް މޮޅުވުމާ ގުޅޭގޮތުން ދަންނަވާ ވާހަކަ، އަނެއްކާވެސް ދަންނަވާނަން. ކާމިޔާބުގައި ހިތްތިރި ކުރައްވައްޗޭ. އަދި ނާކާމިޔާބުވީ ހުރިހާ ދަރިވަރުން، ދެން އަންނަ އަހަރަކަށް ކާމިޔާބުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް އަޅުގަނޑު އެދެން.

ފަނޑިޔާރުންގެ ރިޕޯޓްގައި، ފަނޑިޔާރުން މިފަހަރު ފާހަގަކުރައްވާފައި ހުރި ނުކުތާތައް، އަޅުގަނޑުމެންނަށް މިޖަލްސާގައި ފެނިގެން ހިނގައްޖެ. ސާފުވެގެން ހިނގައްޖެ. ފަނޑިޔާރުން ފާހަގަކޮށްފައި ހުރި ކަންކަމަކީ ކޮބައިކަން، މުދައްރިސުންނާއި ޓީޗަރުންނަށް އެނގިވަޑައިގަންނަވައި. އަދި އެކަންކަން، ދެން އަންނަ އަހަރަކަށް ފުރިހަމަކުރަން މަސައްކަތް ކުރުމަކީ، މިމުބާރާތާއި އަދި ޤުރްއާން ކިޔެވުމުގެ ކަންކަން، އެންމެ ކާމިޔާބު ގޮތުގައި މި ރާއްޖޭގައ ކުރިއަށް ގެންދިޔުމަށް ހަމަކަށަވަރުންވެސް އެޅޭނެ ބާރެއް.

ޤުރްއާން ކިޔެވުމުގެ މުހިންމު ކަމަކީ، ޤުރްއާނުގެ މުހިންމު ކަމަކީ، އަޅުގަނޑު ހިތުން، އަޅުގަނޑު ޔަޤީންކުރާ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އޮޅިފައި އޮންނާނޭ ކަމެއް ނޫން. ހަމައެކަނި ޤުރްއާނުގެ މަތިވެރި ޢިލްމަށްޓަކައެއް ނޫން. ހަމައެޔާއެކީގައި، ޤުރްއާނުގެ އަޑުން އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމަށްޓަކައި. ޤުރްއާނުގެ އެންމެބޮޑު ބޭނުމަކީ، މިދުނިޔޭގެ ކަންކަމާއި އަދި އަންނާން އޮތް ދުނިޔެއާއި އަދި އަޅުގަނޑުމެން އިންސާނުން ދުނިޔޭގައި ދިރިއުޅެންވީ ހުރިހާ ގޮތެއްގެ ވާހަކަ، އެންމެ ފުރިހަމައަށް ބަޔާންކޮށްފައި އޮތް ފޮތަކީ ޤުރްއާންކަން އަޅުގަނޑުމެން އެންމެންނަށްވެސް ކަށަވަރު. އެ ޤުރްއާން އަބަދުވެސް ކިޔެވުމާއި، ދަސްކުރުމާއި، އެހުމާއި، މުޠާލިޢާ ކުރުމަކީ، އަޅުގަނޑުމެންގެ ތެރޭގައި ކޮންމެހެންވެސް އަބަދުވެސް ހިނގާންޖެހޭނެ ކަމެއް.

ދިވެހިރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް، ދިވެހިރާއްޖޭގެ ކޮންމެ ވެރިޔަކުވެސް، މިކަމަށް ބަހައްޓާ އަހަންމިއްޔަތު ކަމާއި އަދި އެކަން ކުރިއެރުވުމަށް ގެންގުޅޭ ސިޔާސަތުތަކާއި އަދި އެކިއެކި ޕޮލިސީތައް އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި، އެއް އަހަރުން ނުވަތަ އެއް ދައުރުން އަނެއް ދައުރަށް ބަދަލުވަމުންދިޔަ ސިޔާސަތުތަކެއް ކަމުގައިވިޔަސްވެސް، އަބަދުވެސް އަމާޒަކަށްވެފައި އޮތީ އެއްކަމެއް. ޤުރްއާނާމެދު އަޅުގަނޑުމެންގެ ހިތްތަކުގައި ލޯބި އުފެއްދުން. ޤުރްއާނަކީ ކޮބައިކަމާއި، ޤުރްއާނުގައިވާ އެއްޗެއް އަޅުގަނޑުމެންނަށް އެނގޭތޯ އަޅުގަނޑުމެން މަސައްކަތް ކުރުން.

ދުނިޔޭގައި ދިވެހިރާއްޖެ ފިޔަވައި އެހެން އިސްލާމީ ޤައުމެއް ނޯންނާނެޔޭ، އަޅުގަނޑު ދަންނަވާހިތްވޭ، ކެނޑިނޭޅި އިސްލާމީ ޝަރީޢަތާއި، އިސްލާމީ ރިވެތި އުޞޫލު، މިހާ ދިގު މުއްދަތަކަށް ދެމިގެންއައި. ރާއްޖޭގައި އެންމެ ފުރަތަމަ ޤުރްއާން ކިޔެވުން އަޑު އެހުނު، އިވުނު ވަކި ދުވަހެއް އަޅުގަނޑުމެންނަށް ކަނޑައެޅިގެން ދަންނަވަން ނޭނގުނު ނަމަވެސް، އެނގިވަޑައިގަންނަވާނެ، އެބޭފުޅަކީ އަބުލް ބަރަކާތުލް ބަރްބަރީއަށްވިޔަސް އަދި އައްތަބްރޭޒީގެފާނަށްވިޔަސް އަދި ބޭރުވެލާއިން ވަޑައިގެންނެވި ބޭފުޅަކަށްވިޔަސް އަދި އައްޑޫ މީދޫއިން ވަޑައިގެންނެވި ބޭފުޅަކަށްވިޔަސް، އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތް ކަމަކީ އަދި ފާހަގަވާ އެންމެ މުހިންމު ނުކުތާއަކީ، ރާއްޖޭގައި، މާލޭގައި އެކަހެރިންފުށި ތަނެއްގައި ދަންނަ ބޭކަލަކު ގިނައިރުވަންދެން ޤުރްއާން ކިޔަވަމުންދިޔަ އަޑު، މުޅި މާލޭގެ ރައްޔިތުންނަށް، މީގެ އެތައް އެތައް ސަތޭކަ އަހަރެއް ކުރިން އިވިގެންގޮސް، އެޤުރްއާނުގެ އަޑުން އަޅުގަނޑުމެންގެ ހިތްތަކާއި އަދި އަޅުގަނޑުމެން އެއިރުގައި ކަންކަން ދެކެމުން އައި ގޮތް. އަޅުގަނޑު މިދަންނަވަނީ، މީލާދީން 1150 ވަނަ އަހަރު، މި ރާއްޖެ އިސްލާމްދީނުގެ މަތިވެރި ނޫރަށް ބަދަލުވެގެންދިޔައީ. އަޅުގަނޑުމެންނަށް ޤުރްއާން މެދުވެރިވެގެން، އަޅުގަނޑުމެންގެ މިއަދުގެ ޢަޤީދާ، އަޅުގަނޑުމެންގެ މިއަދުގެ ދީނީ އުޞޫލުތައް އަޅުގަނޑުމެންނާ ހަމައަށް ގެނެވިފައި މިއޮތީ.

1150 ވަނަ އަހަރު އަޅުގަނޑު މިދަންނަވާ ދަންނަ ބޭކަލު، އެއީ ބައެއް ތާރީޚީ ޢިލްމުވެރިންގެ ނަޒަރުގައި ކޮން ބޭފުޅެއް ކަމެއް މުޅިއަކުން ކަށަވަރެއް ނުކުރެވޭ. ތަބްރީޒްގެފާނު ކަމެއް، އަބުލް ބަރަކާތުލް ބަރްބަރީ ކަމެއް. ކޮންމެ ގޮތެއްވިޔަސްވެސް، ލޮނުޒިޔާރަތްކޮޅު މިހާރުހުރި ޙަބުސްގެފާނު ޒިޔާރަތް ހުރި ތަނުގައި، އެބޭފުޅަކު ގިނައިރު ވަންދެން ޤުރްއާން ކިޔަވަން އިންނެވިކަމީ، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެން އޮތް ޙަޤީޤަތެއް. އެއިރުއްސުރެ ފަށައިގެން ރާއްޖޭގައި އަންނަނީ، ޤުރްއާން ރައްކާތެރި ކުރެވެމުން. ޤުރްއާނުގެ އަޑު އަޅުގަނޑުމެންގެ ދިވެހިންގެ ކަންފަތްތަކަށް އިވެމުން. އެކިގޮތްގޮތަށް ޤުރްއާން ރައްކާތެރި ކުރުމަށް މާތްރަސްކަލާނގެ މެދުވެރި ކުރައްވާފައިވާ އެންމެހާ ގޮތްގޮތުން މި ރާއްޖޭގައި ދިޔައީ ޤުރްއާން ރައްކާތެރި ކުރެވެމުން. އަދި ކީރިތި ރަސޫލާގެ ސިޔަރަތުންވެސް، ރަސޫލާގެ ސުންނަތްތަކާއި، އިސްލާމްދީނުގެ އުޞޫލުތައް، މިދެންނެވި އެގާރަ ސަތޭކައިގެ މީލާދީ ދުވަސްވަރުއްސުރެ ފެށިގެން މި ރާއްޖޭގައި އައީ ބިންވަޅު ނެގި އަށަގަންނަމުން.

އަޅުގަނޑުމެންނަށް ފެންނާން އޮތް އެންމެ ދުވަސްވީ ލިޔުމަކީ އިސްދޫ ލޯމާފާނު. އެލޯމާފާނު ފަށާއިރުގައި، ފުރަތަމަ އެކުލެވިފައި އޮންނާނީ، ކީރިތި ރަސޫލާގެ ސިޔަރަތު. އެއިރުގެ ދަންނަ ބޭކަލުންނަށް އެކަން ދެކެވިފައި އޮތް ގޮތް. އެ ލޯމާފާނުތަކަށްފަހުގައި، ދެން ލިޔެވުނު ރާދަވަޅިތަކުގައިވެސް އެންމެ ފުރަތަމަ ބަޔާން ކުރެވިފައި އޮންނާނީ ކީރިތި ރަސޫލާގެ ސިޔަރަތު. އެއިރުއްސުރެ ފަށައިގެން ދިވެހިންގެ މެދުގައި އިސްލާމީ އުޞޫލުތައް އަށަގެންނެވުމަށާއި، އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ދީނީ ޢިލްމުވެރިންނާއި ދަންނަ ބޭކަލުން ދިޔައީ ޙަރަކާތްތެރިވަމުން. ރާއްޖެއަށް އިސްލާމްދީނުގެ ނޫރު، މަތިވެރި ނޫރު ފޯރާފައި މިވަނީ، ކަނޑީގެ ހަނގުރާމައަކުން ކަމަކަށް ދެކެވޭކަށް ތާރީޚީ ޙަޤީޤަތްތަކެއް ނުވަތަ ހެތްކެއް އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެންނާން އޮތީ، ސޫފީ ދަންނަ ބޭކަލުންގެ މިދެންނެވި ޢިލްމީ މަސައްކަތްތަކުން ރާއްޖޭގެ އެތައް ބަޔަކަށް، މަޑުމަޑުން ނަމަވެސް އިސްލާމްދީނުގެ އުޞޫލުތައް އެނގެމުން އައިސް، އެންމެފަހުން އަޅުގަނޑުމެން ދުށީ ކޮއިމަލާ ކަލޯ އިސްލާމްދީނަށް ބަދަލުވެ، ރާއްޖޭގެ ފުރަތަމަ އިސްލާމީ ރަސްކަލަކަށް އެރަދުން ވެވަޑައިގަތްތަން.

އެއަށްފަހުގައިވެސް މިދެންނެވިހެން ރާއްޖޭގައި ޤުރްއާނުގެ ޘަޤާފަތް އަދި ޤުރްއާން ކިޔެވުމުގެ އާދަ އައީ ފެތުރެމުން. އަޅުގަނޑުމެން ފަހުން ދުށް އެންމެބޮޑު، މި ރާއްޖެ ދުށް ދަންނަ ބޭކަލަކީ ޝައިޚް މުޙަންމަދު ޖަމާލުއްދީން ނުވަތަ ވާދޫ ދަންނަ ކަލޭގެފާނު. އެކަލޭގެފާނަކީ ޕޯޗްގީޒުންގެ އަތްދަށަށް ދިވެހިރާއްޖެ ވެއްޓުމުން، ހިލާލީ ދަރިކޮޅުގެ ރަސްކަން ނިމުމުން، ޢަރަބިކަރަޔަށް ޙަޟަރުމަތުގައި އެތައް ޒަމާނެއް ވަންދެން އުޅުއްވުމަށްފަހުގައި، ބޮޑުތަކުރުފާނު ރާއްޖެ އަލުން އަނބުރާ ހިއްޕެވީމާ، އަނެއްކާވެސް ރާއްޖޭގައި އިސްލާމީ އުޞޫލުތައް ދިވެހިންނަށް ދަސްކޮށްދިނުމަށްޓަކައި، ދިވެހީންނަށް އޮޅުންފިލުވައިދިނުމަށްޓަކައި ރާއްޖެ ވަޑައިގަތް މަޝްހޫރު، ޙަޟަރުމަތު މަޝްހޫރު ޝައިޚު މުޙަންމަދު ޖަމާލުއްދީން.

ވާދޫ ދަންނަ ކަލޭގެފާނު އެއީ، ތާނަ އަކުރު އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފް ކުރެއްވި ދަންނަ ކަލޭގެފާނަކީ. އެކަލޭގެފާނު، ބޮޑުތަކުރުފާނުގެ ރަސްކަމުގައި، މާލޭގައި ދުވަސްކޮޅަކު އުޅުއްވި. އެހެން ނަމަވެސް، އެއަށްފަހު އަނެއްކާވެސް ނިންމެވީ، އެކަހެރިފުށި ރަށެއްގައި، ވާދޫގައި ނަމާދުކޮށް، ޤުރްއާން ކިޔަވައިދޭ ތަނެއް ހައްދަވައި، އެތަނުގައި ދުވަސްތައް ހޭދަކުރައްވަން. މިއަދުވެސް ވާދޫގެ މުސްކުޅި މިސްކިތުގެ ޤަބުރުސްތާނު ބައްލަވައިލައްވައިފިއްޔާ ވަރަށް ބޮޑަށް ސާފުވާނެ. އެ ޤަބުރުސްތާނުގައި އެވަނީ އެތައްއެތައް ޙާފިޡުންނެއް، ޝައިޚުންނެއް. އެ ޙާފިޡުންނާއި ޝައިޚުންނަކީ ހަމައެކަނި ދިވެހީން ނޫންކަން، އެ ޤަބުރުސްތާނުގެ މަހާނަގާ ތަކުގައިވާ ނަންތަކުން ވަރަށް ބޮޑަށް ސާފު. ފާރިސްކަރަޔާއި، ޢަރަބިކަރަޔާއި އަދި ހިންދުކަރަޔާއި، އެތަން މިތަނުން ރާއްޖެއަށް އިސްލާމީ ޢިލްމު ހޯދަން މީހުން، ދަރިވަރުން އައިކަމީ، އަޅުގަނޑުމެންނަށް ޔަޤީން ކަމެއް. ވާދޫ ދަންނަ ކަލޭގެފާނުގެ މަދްރަސާ، ވާދޫ ދަންނަ ކަލޭގެފާނުގެ ޔުނިވަރސިޓީ، ވާދޫގައި ހިންގަވަމުން ގެންދެވިއިރުގައި، އެ މަދްރަސާއަށް އަޅުގަނޑު އެއްދުވަސްވަރެއްގައި އެސްޓިމޭޓް ކުރިން، މަދުވެގެން ބައިނަލްއަޤްވާމީ އެކިއެކި ރަށްރަށުން ތިރީހަކަށް ދަރިވަރުން އަބަދުވެސް ކިޔަވާން ތިބޭނެ ކަމަށް.

މީގެ ޢިލްމީ ދިރާސާ އަޅުގަނޑުމެންނަށް އަދި ބޮޑަށް ކުރެވިދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް އެދުވަހު، ވާދޫ ދަންނަ ކަލޭގެފާނުގެ މަސައްކަތުން މުޅި އައްޑޫ ހުވަދުއަށާއި އަދި މުޅި ރާއްޖެއަށް ޤުރްއާނާއި އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ފެތުރިގެންދިޔަ. އެއަށްފަހު، ދެން އައި އެހެން ޚާލިޞް ދަންނަ ބޭކަލުން އަބަދުވެސް މި ރާއްޖޭގައި ކުރައްވަމުން ގެންދެވި މަސައްކަތަކީ، ދިވެހިންނަށް ހެޔޮލަފާ ދީނީ ނަޞޭޙަތް ދިނުމާއި، ޤުރްއާނުގެ މަތިވެރިކަމާއި، ޤުރްއާނުގެ ނޫރު އަޅުގަނޑުމެންނަށް އޮޅުންފިލުވައިދިނުން، ސާފުކޮށްދިނުން. އަޅުގަނޑުމެންގެ ރާއްޖެއަކީ، އިސްލާމީ ޢަޤީދާ ވަރަށް ވަރުގަދަ ޤައުމެއް. އަދި އެހާމެ ދިގު މުއްސަނދި އިސްލާމީ ތާރީޚެއް އެކުލެވިފައި އޮތް ޤައުމެއް.

އަޅުގަނޑުމެންގެ ރާއްޖޭގައި ފުރަތަމަ އަޅުގަނޑުމެން މިދެކޭގޮތަށް ޤުރްއާން ތަރުޖަމާވެގެން އައީ، ޢަލީ މަލިމް މަނިކުފާނުގެ މަސައްކަތްޕުޅުން. އެއީވެސް، ނަވާރަސަތޭކައިގެ އަހަރުތައް ފެށުނުއިރުގައި، އެމަނިކުފާނު މަލިކަށް އަރުވާލާފައި ހުރި އިރެއްގައި، ކުރެއްވި މަސައްކަތެއްގެ ފެށުން. މިހާރުވެސް ރާއްޖޭގެ ބޯޓް ދަތުރުކުރާ ވަރަށްގިނަ މީހުން ގެންގުޅޭނީ، މިދެންނެވި ޤުރްއާން ތަރުޖަމާ. އަދި ޚާއްޞަކޮށް، މަލިކު ރައްޔިތުން މިހާރުވެސް އެންމެ އިސް ތަރުޖަމާއެއްގެ ގޮތުގައި، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ގެންގުޅުއްވަނީ، ޢަލީ މަލިމް މަނިކުފާނުގެ ތަރުޖަމާ. އެއަށްފަހު، ޢަލީ މަލިމް މަނިކުފާނަށްފަހު، ޙަޤީޤަތުގައި އަޅުގަނޑުމެންގެ އިސްލާމީ ޢިލްމު ނުވަތަ އިސްލާމީ ޢިލްމު ލިބިގަތުމަށް ދިވެހިން މަސައްކަތް ކުރަމުން އައި ގޮތް ތަފާތުވެގެންދިޔައީ، ޖާމިޢުލް އަޒްހަރަށް، އަޅުގަނޑުމެންގެ ތެރެއިން އެތައް އެތައް ބަޔަކަށް ދިޔުމުގެ ފުރްޞަތު ފަހިވެގެން ދިޔައީތީވެ. އަލްއުސްތާޛު ލުޠުފީ، އަޅުގަނޑު ހަނދާންވާ ގޮތުގައި އަދި އަޅުގަނޑަށް، އަޅުގަނޑުގެ މަޢްލޫމާތު ކުށް ކަމަށްނުވާ ކަމުގައިވަނީނަމަ، 1922 ވަނަ އަހަރު ވަރަށް ކުރީގައި އަޒްހަރަށް ވަޑައިގެންނެވި. އެހެން ނަމަވެސް، އެއިރުގައިވެސް، ލުޠުފީ ވަޑައިގެންނެވިއިރުވެސް، އަޒްހަރުގައި އައްޑުއަތޮޅު މީދޫ މީހުންނާއި ދަރިވަރުންނާއި އަދި ޢިލްމަށް އެދި އުޅޭ އެތައް ބައެއް އުޅޭކަން، ލުޠުފީގެ ކިބައިން އެކިފަހަރުމަތިން އަޅުގަނޑުމެންނަށް ސާފުވެފައި އެބަހުރި.

އަޅުގަނޑުގެ ނުކުތާއަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ މިއަދު އަޅުގަނޑުމެން ބުނާ އެއްޗަކުން، ކުރާ ކަމަކުން އަޅުގަނޑުމެންގެ ޢަޤީދާ ގުޑާފަދަ ނިކަމެތި އިސްލާމީ ޢަޤީދާއެއްގެ މައްޗަށް ބިނާވެފައި އޮތް ޤައުމެއް ނޫނޭ. އަޅުގަނޑުމެން އިސްލާމްދީން ދުށީ އިއްޔެއަކުވެސް ނޫނޭ. އަދި އަޅުގަނޑުމެންގެ ތެރޭގައި ނުހުއްޓި އިސްލާމީ އިސްލާމީ އުޞޫލުތައް، ޝަރީޢަތާއި އެންމެހާ ގޮތްތައް ހިނގަމުން އައިސްފައި އޮތް ދިގުމިނަކީ، އެހެން އެއްވެސް އިސްލާމީ ޤައުމަކުން ފެންނާން ނޯންނާނެ ދިގު މުއްދަތެކޭ. ގިނަ ޢަރަބި ކަރައިގެ ޤައުމުތައް އިސްތިޢުމާރީ ބާރުގެ ތެރެއަށް ވެއްޓިގެންދިޔައިރުގައި، އެބޭފުޅުންގެ ވެރިކަންތައް، އެއިރުގައި ހިންގަމުން އައީކީއެއް އިސްލާމީ އުޞޫލުތަކެއްގައެއް ނޫން. ދިވެހިރާއްޖެ ހިނގަމުން އައީ ހަމަ ޒަމާނުއްސުރެ ފަށައިގެން، އަޅުގަނޑުމެން ހޯދައި، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ފޯރުކޮށްދީފައި އޮތް އިސްލާމީ އުޞޫލުތަކުގެ ތެރެއިން.

ދިވެހިރާއްޖޭގެ ރަސްކަލުންގެ ލިސްޓާ ހަމަ، އެއް ދަރަޖައެއްގައި އަބަދުވެސް ދިވެހި ޢިލްމުވެރިން، ތާރީޚު ދިރާސާކުރާ ބޭފުޅުން ފާހަގަކުރާނީ، ދެން ފަނޑިޔާރުންގެ ލިސްޓް. ދިވެހި ފަނޑިޔާރުންގެ ލިސްޓަކީ، ވަރަށް ދިގު ލިސްޓެއް. ވަރަށް ކުރީ ޒަމާނުއްސުރެ ފަށައިގެން، މެދުކެނޑުމެއްނެތި ދެމެމުން އައި ލިސްޓެއް. އަޅުގަނޑު ދަންނަވާނީ، އިސްލާމީ ޝަރީޢަތް ހިނގަހިނގާ އޮތްގޮތަށް އޮވެ، ސަލާމަތް ކުރެވިފައި ނުވަތަ ހިނގަހިނގާ އޮތްގޮތަށް އޮތް އިސްލާމީ ޝަރީޢަތެއް، އެންމެ ފުރިހަމައަށް ޙަޤީޤަތުގައި ދިރާސާ ކުރެވޭނީ މިރާއްޖޭގައި. މެދުކެނޑިފައި އެހެން ތަންތަނުގައި ގޮސްފައިވަނީ. ސަޢޫދީ ޢަރަބިއްޔާގައިވެސް އަދި ޢަރަބި ކަރައިގެ އެހެން ހުރިހާ ޤައުމެއްގައިވެސް. މި ރާއްޖޭގައި އެކަން ހިނގަމުން އައި ގޮތަކަށް އެހެން އެއްވެސް އިސްލާމީ ޤައުމެއްގައެއް ހިނގާފައި އޮތް ތަނެއް، ހަމަގައިމުވެސް އަޅުގަނޑަށް އެނގިއެއް ނެތް. އަދި އަޅުގަނޑު ނުދަންނަވަން، އަޅުގަނޑަށް މިކަމުގައި މާގިނަ އެއްޗެހިތަކެއް ނޭނގޭނެ ކަމަކަށްވެސް.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ހުރިހާވެސް އެދުމަކީ، އަޅުގަނޑުމެންގެ ހިތްތަކަށް އިސްލާމްދީނުގެ މަތިވެރި ނޫރު ލިބުން. އަޅުގަނޑުމެންނަށް ދަސްވާންވީ، އޮޅުންފިލާންވީ މިއީ އަޅުގަނޑުމެން ދިރިއުޅެން އޮތް ފުރިހަމަ ގޮތެކޭ. އަޅުގަނޑުމެންނަކަށެއް ނެތް ހަރުލާ ތިބެވޭކަށް. އަޅުގަނޑުމެންނަކަށެއް ނެތް، އަބަދުމެ ބޯދާ ގޮތްތަކުގައި ހިފެހެއްޓޭކަށް. އިސްލާމްދީން އަޅުގަނޑުމެންނަށް އެބަ ވަރަށް ޞަރީޙަކޮށް، ވަރަށް ސާފުކޮށް މަގު ދައްކައިދޭ، އަންނާން އޮތް ޒަމާނުގައިވެސް، ދެން ވާން އޮތް ތަނުގައިވެސް އަޅުގަނޑުމެން އުޅެންވީ ގޮތް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މިދެވެނީ އެ މަގުގައި. މި ރާއްޖެ ފިޔަވައި އަނެއްކާވެސް ދަންނަވާނީ، ދުނިޔެއަކު ނޫޅޭނެއޭ، އިސްލާމީ ދަންނަ ބޭކަލުންނަށް ހެޔޮލަފާ ނަޞޭޙަތް ދިނުމާއި، ވަޢުޡު ބުނުމުގެ މިނިވަންކަން ފުރިހަމައަށް ލިބިފައި އޮތް އެހެން އިސްލާމީ މުޖްތަމަޢެއް. މިތަނުން އެހެންވީމާ، އިސްލާމީ ޢިލްމު މާބޮޑަށް ފެތުރޭނެކަމާއި، އުފެދޭނެކަން އެއީ ހަމަކަށަވަރުންވެސް އަޅުގަނޑު ޝައްކުކުރާ ކަމެއް ނޫން.

އަޅުގަނޑު މިއަދު ޑޮކްޓަރ ބާރީއަށާއި އަދި ޝައިޚް ޙުސައިނަށާއި އަދި ވަކިން ޚާއްޞަކޮށް، ޤުރްއާން މަރްކަޒުގެ ޑިރެކްޓަރ އަދި އިސްލާމިކް މިނިސްޓްރީއާއި، އެމިނިސްޓްރީގެ ނާއިބުންނާއި، ފިޤްހު ކޮމިޓީގެ މެންބަރުންނާއި، މި އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑުމެންނަށް މިއަދު މިލިބިފައިމިވާ ފޮނި އުންމީދަކީ، އެބޭފުޅުންނާއި އަދި އެހެންވެސް ބޭފުޅުންގެ ޢިލްމީ ބަޙުޘްތަކުން އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް ދުނިޔަވީ ރިވެތި ގޮތް އިރާދަކުރެއްވިއްޔާ އޮޅުންފިލައިގެންދާނެ ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________