بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 17 ޖޫން 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރު، ޓެކްސްގެ ނިޒާމަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ އިސްލާހުތަކާބެހޭ ހަތަރު ބިލެއް، ނިމިދިޔަ ހަފްތާގައި ސަރުކާރުންވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. އެއީ، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ދައުލަތަށް އާމްދަނީ ލިބޭނެ ދެމެހެއްޓެނިވި ގޮތްތަކެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނިގެން ހުށަހެޅުނު މުހިންމު ޤާނޫނީ އިޞްލާޙުތަކެއް. މިދެންނެވި ބިލްތަކަކީ، މުދަލާއި ޚިދްމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލާއި، ފަރުދުންގެ އާމްދަނީއިން ޓެކްސް ނެގުމުގެ ބިލާއި، ޓެކްސް ނެގުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް.

އަޅުގަނޑު އުންމީދު ކުރަނީ، ރައްޔިތުންގެ މަޖިލީހުގައި މި ބިލްތަކާމެދު ބަޙުޘް ކުރައްވައި، އަވަސް މުއްދަތެއްގެ ތެރޭގައި ފާސްކޮށްދެއްވާނެ ކަމަށް. މިބިލްތައް ޤާނޫނަށްވުމުން، ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެ. ބޭނުންތެރި އެތަކެއް މުދަލަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް މަގުފަހިވެގެންދާނެ. މި ޤާނޫނުތައް ފާސްވުމާ ހަމައަށްވެސް ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ބަރޯސާވެފައި އޮންނަން މިޖެހެނީ، އިމްޕޯޓް ޑިއުޓީގެ މައްޗަށް. މިހެން އޮތުމުން، އެ ނެގޭ ޑިއުޓީ ބަދަލުވެގެންދަނީ މުދަލުގެ އަގުގެ ތެރެއަށް. މުދާ ނުވިއްކެނީސް އަދި އެ މުދަލަކުން ނަފާ ނުލިބެނީސް، އޭގެ މައްޗަށް ބައިކުޅަ ބައެއް، ވިޔަފާރިވެރިން ދައުލަތަށް ދައްކަން ޖެހުމުން، އެބައި ހިމެނިގެންދަނީ އަގުގެ ތެރޭގައި. މިދެންނެވި އަގު އަދާކުރާން މިތިބެނީ، ޢާންމު ރައްޔިތުން ނުވަތަ މުދަލާއި ތަކެތި ގަންނަ ފަރާތްތައް. އެހެންކަމުން، އެންމެ އާދައިގެ އާމްދަނީ ލިބޭ ރައްޔިތުމީހާއިން ފެށިގެން މުއްސަނދި މަހުޖަނުންވެސް މުދަލަށްދޭ އަގުގައި، ނުސީދާކޮށް އިމްޕޯޓް ޑިއުޓީ ހިމެނޭތީ، ދައުލަތުގެ އާމްދަނީ މި އަދާކުރަނީ، އެއް މިންވަރަކަށް. ޓެކްސްގެ ނިޒާމު ތަޢާރުފް ކުރެވުމުން، ދައުލަތުގެ އާމްދަނީއަށް ރައްޔިތުމީހާ އަދާކުރާ މިންވަރު ހިމެނިގެންދާނީ ލިބިފައިވާ ވިޔަފާރި ފައިދާގެ މައްޗަށް. އަދި ލިބިފައިވާ އާމްދަނީ ބޮޑުވެފައިވާ ނިސްބަތުގެ މައްޗަށް. މިހެންވުމުން، އާދައިގެ އާމްދަނީ ލިބޭ ރައްޔިތުމީހާއަށް މުދަލުގެ އަގު ލުއިވެ، އޭނާ ކުރިން ދައްކަމުން އައި ނުސީދާ ޓެކްސް، މުދަލުގެ އަގުން ފައިދާ ލިބެވޭ ފަރާތުން ދައްކާ ގޮތަށް ބަދަލުވެގެންދާނެ.

ދައުލަތުގެ އާމްދަނީގެ ވާހަކަ އަޅުގަނޑު ދަންނަވާލިއިރު، ފާއިތުވި ހަފްތާގައި ވަނީ ގޭބިސީ ނުވަތަ އެކުގައި ދިރިއުޅޭ ޢާއިލާއަކަށް ލިބޭ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ތަފާސް ހިސާބުތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގއިން ޢާންމު ކުރައްވާފައި. ގޭބިސީއަކަށް ލިބޭ އާމްދަނީ މިވަނީ، މީގެ 7 އަހަރު ކުރިއާ އަޅާބަލާއިރު ސައްތައަކުން ބައްތިރީހުގެ ނިސްބަތަށް ބޮޑުވެފައި. ހަމައެއާއެކު، ގޭބިސީއަކުން ކުރާންޖެހޭ ޚަރަދުތައް މިވަނީ ސައްތައަކުން ތިރީސް ހަތެއްގެ ނިސްބަތަށް ބޮޑުވެފައި.

ޖުމްލަކޮށް ބަލާއިރު، ފަޤީރުން ކަމުގައި ބެލޭ މީހުންގެ ޢަދަދާއި ނިސްބަތް މިވަނީ މަދުވެފައި. މާނައަކީ ރައްޔިތު މީހާގެ ފޯރުންތެރިކަން މިދަނީ އިތުރުވަމުންކަމާއި، ޚަރަދު ބޮޑުވާ ނިސްބަތް މިދަނީ ދަށްކުރެވެމުންކަން މިތަފާސް ހިސާބުތަކުން ފާހަގަކުރެވޭ. މިހާރުގެ މިންގަނޑުތަކުން ބަލާއިރު، ދުވާލަކަށް ތޭވީސް ރުފިޔާއަށްވުރެ މަދުން ލިބޭ މީހުންނަކީ، ފަޤީރުންގެ ގޮތުގައި ހިމަނައިފިނަމަ، މި ރާއްޖޭގެ އާބާދީގެ ސަތޭކައަކުން ފަނަރަ މީހަކު މިވަނީ ފަޤީރުންގެ ގޮތުގައި ބަލާންޖެހިފައި. މި ނިސްބަތްވެސް މިވަނީ މީގެ 7 އަހަރު ކުރިއާ އަޅާބަލާއިރު ހުރި މިންވަރަށްވުރެ ދެބައިކުޅަ އެއްބައި ދަށްވެފައި.

މިދެންނެވި މިންގަނޑުތައް ކަނޑައެޅުމަށްޓަކައި ގޭބިސީއެއްގައި ދިރިއުޅޭނެ ކަމަށް ބަލާފައި އެވަނީ 7 މީހުން. އަދި އެވްރެޖްކޮށް، މަހެއްގެ މައްޗަށް ގޭބިސީއަކަށް ލިބޭ ޖުމްލަ އާމްދަނީ ކަމުގައި ބެލެވެނީ، ސޯޅަހާސް ރުފިޔާ. އާމްދަނީއެއް ލިބޭ މަސައްކަތްކުރާ ދިވެހިންގެ ނިސްބަތަކީ، މުޅި އާބާދީގެ ސަތޭކައަކުން ސާޅީސްދޭއް. މިހެންކަމުން، އެވްރެޖްކޮށް، ގޭބިސީއެއްގައި ދިރިއުޅެނީ އާމްދަނީ ހޯދާ 3 މީހަކު ކަމުގައި މިވަނީ ފާހަގަކުރެވިފައި.

ސަރުކާރުގެ އަމާޒަކީ، ފަޤީރު ގޭބިސީތަކާއި މުއްސަނދި ގޭބިސީތަކުގެ ފަރަޤު، ވެވުނުހާ މިންވަރަކުން ކުޑަކުރުން. މިހާރުގެ ހިސާބުތަކަށް ބަލާއިރު، އާބާދީގެ ސައްތައަކުން ދިހަމީހަކު ދުވާލަކު ބާރަ ރުފިޔާ ޚަރަދުކުރާއިރު، އާބާދީގެ މުއްސަނދި ފަންތީގެ ސައްތައަކުން ދިހަ މީހަކު ދުވާލަކަށް ދުއިސައްތަ ތިރީހަކަށް ރުފިޔާ ޚަރަދުކުރޭ.

ކުރިންވެސް ދެންނެވިހެން، ފޯރުންތެރި އަދި މުއްސަނދި ފަރާތްތަކާއި، އެންމެ އާދައިގެ ރައްޔިތުމީހާއާ ދެމެދުހުރި ފަރަޤުތައް ކުޑަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، ދައުލަތަށް ލިބޭ އާމްދަނީ ރައްޔިތުންނަށް ބެހެވިގެންދާ މިންވަރު، ވީހާ ބޮޑަކަށް ހަމަހަމަކުރުމާއި، މެދުޖެއްސުމުގެ މަސައްކަތުގައި ދެމިތިބުން އެއީ، ސަރުކާރުގެ އަމާޒެއް.

މިއަދު އަޅުގަނޑު މި ދަންނަވާލި ޓެކްސްގެ ނިޒާމުގެ ބޭނުމަކީވެސް، އާދައިގެ ރައްޔިތުމީހާ، ތަކެތީގެ އަގުން ނުސީދާ ގޮތުގައި ދައުލަތަށް ދައްކާ މިންވަރު އެއީ، ވިޔަފާރީގެ ފައިދާ ލިބޭ މިންވަރުގެ މައްޗަށް ބިނާކޮށް، ފޯރުންތެރި ފަރާތްތަކުން ދައްކާ އެއްޗެއްގެ ގޮތަށް ބަދަލުވެގެންދިޔުން. މިބަދަލު އައުމުން، ސަރުކާރުން މިހާރު ރައްޔިތުންނަށްޓަކައި ހިންގަމުން ގެންދާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް އިތުރަށް ތަނަވަސްވެ، ރައްޔިތުންނަށް އަނބުރާ ސަރުކާރުން ލިއްބައިދެވޭ މިންވަރު އިތުރުވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________