بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 13 މެއި 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި، ކޮމިޔުނިޓީ ކެބިނެޓުގެ ބައްދަލުވުން، އިއްޔެގައި ނިމިގެން އެދިޔައީ. އެބައްދަލުވުން ވެގެންދިޔައީ، ވަރަށް ކާމިޔާބު ބައްދަލުވުމަކަށް. ރައްޔިތުންގެ އުންމީދުތަކާއި، ރައްޔިތުން އެދޭގޮތްތައް ވަރަށް ރަނގަޅަށް އެނގިގެންދިޔަ ބައްދަލުވުމަކަށް. ސީދާ ވަޒީރުން، އެބޭފުޅުންގެ ދާއިރާތަކުން މިސަރަޙައްދުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ހިންގަވަމުން ގެންދަވާ މަޝްރޫޢުތައް ސަރަހައްދުގެ ރައްޔިތުންނަށް އޮޅުން ފިލުއްވައިދެއްވައި، ސަރުކާރުގެ ސިޔާސަތުތައް ހާމަކޮށްދެއްވުން އެއީ، ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ.

މިއަދު އަޅުގަނޑު އިތުރަށް ފާހަގަކޮށްލަން ބޭނުން ނުކުތާއެއް އެބަވޭ. މަޥްޟޫޢެއް އެބަވޭ. އެއީ ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ނިޒާމަށް ގެންނަމުންމިދާ ބަދަލުތަކުގެ ސަބަބުން ބައެއް އިޤްތިޞާދީ އަދި މާލީ ޙަޤީޤަތްތަކަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން އަޅުގަނޑަށް މިވަނީ ޕްލޭނިންގ ކޮމިޝަނުން އެތަނުގެ ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބައެއް މަޢްލޫމާތު ދެއްވާފައި. އޭގެތެރޭގައި، ޖީ.ޑީ.ޕީ.އާ ގުޅޭ ނުވަތަ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅުގަނޑު ހިތުން ތިޔަބޭފުޅުންނާ އެކުގައި ބައެއް މަޢްލޫމާތު ޙިއްޞާކޮށްލުމަކީ ބޭނުންތެރި ކަމެއް. އަޅުގަނޑަށް ލިބިފައިމިވާ މަޢްލޫމާތުތައް ލިބިފައި މިވަނީ މިދެންނެވިހެން ޕްލޭނިންގ ޑިޕާޓްމަންޓްގެ ތަފާސް ހިސާބާބެހޭ ބޭފުޅުން ހިންގަވާފައިވާ މަސައްކަތްތަކުން.

ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ދައްކައިދޭ ]ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު] (ޖީ.ޑީ.ޕީ) އަންދާޒާ ކުރަން ބޭނުންކުރާ މަޢްލޫމާތު، ވޭތުވެދިޔަ އެއީ މިދިޔަ އަހަރުގެ ތެރޭގައި އިތުރުވެ ފުރިހަމަވަމުން ގޮސްފައި ވުމާއެކު، ޖީ.ޑީ.ޕީ.ގެ ހިސާބުތަކަށްވެސް ވަނީ އިތުރަށް ފުރިހަމަކަން ގެނެވިފައި. މިހާރުގެ ތަފާސް ހިސާބުތަކުން ދައްކަނީ، ކުރިން ޖީ.ޑީ.ޕީ އަންދާޒާ ކުރެވިފައިވާ ވަރަށްވުރެ، މާ މަތީ ޢަދަދެއް. ޖީ.ޑީ.ޕީ އަންދާޒާ ކުރާއިރުގައި ނުވަތަ ޤައުމީ އުފެއްދުންތެރިކަން އަންދާޒާ ކުރާއިރުގައި، މުދަލާއި ޚިދްމަތުގެ އަގުތަކަށް އަންނަ ބަދަލު ހިމެނިގެންނާއި، އެއީ ނޮމިނަލް ޖީ.ޑީ.ޕީ ނުވަތަ އަހަރެއްގެ އަގުން ޖީ.ޑީ.ޕީ ބެލުން. އަދި އަގުތަކަށް އަންނަ ބަދަލު ނުހިމެނޭ ގޮތަށް، އެއީ ރިއަލް ޖީ.ޑީ.ޕީ ނުވަތަ ދާއިމީ އަގުން އަންދާޒާ ކުރެވޭ.

ޤައުމީ އުފެއްދުންތެރިކަމަށް އަހަރުން އަހަރަށް އަންނަ ބަދަލުތަކުގެ ތެރޭގައި، އުފެއްދުންތެރިކަމުގެ މިންވަރުގެ އިތުރުން އަގުތަކަށް އަންނަ ބަދަލުވެސް ހިމެނޭތީ، ޙަޤީޤީ އުފެއްދުންތެރިކަމުގެ މިންވަރު ދެނެގަތުމަށްޓަކައި، ވަކި އަހަރެއްގެ އަގު، އެއީ ދާއިމީ އަގު ބަލައި، މިކުރިއެރުން ވަޒަން ކުރުން ވަރަށް މުހިންމު. މިގޮތުން ރާއްޖޭގައި އުފެއްދުންތެރިކަމުގެ މިންގަނޑު، ދާއިމީ އަގުން އަންދާޒާ ކުރަމުން ގެންދެވިފައިވާ 1995ގެ ބަދަލުގައި 2003 އަށް މިހާރުވަނީ މި ބަދަލުކުރެވިފައި. އަދި މިބަދަލުގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު، ކުރިއަށްވުރެ ފުރިހަމައަށް މިހާރު މިވަނީ އަންދާޒާ ކުރެވިފައި.

ޤައުމުގެ އިޤްތިޞާދުގެ ސިފަތަކަށާއި އަގުތަކަށް ހަލުވި މިނެއްގައި ބަދަލުތައް އަންނަ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި، އަވަސް އަވަހަށް އުފެއްދުންތެރިކަން ދާއިމީ އަގުން އަގުކުރާ އަހަރު ބަދަލުކުރުން ވަރަށް މުހިންމު. މިއީ ބައިނަލްއަޤްވާމީ ގޮތުންވެސް ބާރުއަޅަމުން އަންނަ މަގު. އެއީ ގިނަ އަހަރު ފާއިތުވާވަރަކަށް، ކުރީގެ އަހަރުތަކުގައި އުފައްދާފައިނުވާ ބާވަތްތަކާއި، ލިބެން ނުހުންނަ ޚިދްމަތްތައް، ފަހުގެ އަހަރުތަކުގައި އަލަށް ތަޢާރުފްވެ، ފެންވަރު ރަނގަޅުވެ، އިޤްތިޞާދުގެ ސިފަ ބަދަލުވަމުންދާތީ، މިބަދަލުތައް ފުރިހަމައަށް އަގުކޮށް ވަޒަން ކުރުމަށް.

ގިނަ ޤައުމުތަކުގައި 5 އަހަރުން އެއްއަހަރު އުފެއްދުންތެރިކަމުގެ މިންގަނޑު ދާއިމީ އަގުން އަންދާޒާ ކުރުމަށް ގެންގުޅޭ އަހަރު، އޭގެފަހުގެ އަހަރަކަށް ބަދަލުކުރޭ. ރާއްޖޭގައި މިބަދަލު މިގެނެވެނީ 8 އަހަރުގެ މުއްދަތަކަށްފަހުގައި.

ބައިނަލްއަޤްވާމީ ގޮތުން ޖީ.ޑީ.ޕީ އަންދާޒާ ކުރެވޭ ތިންގޮތެއް އޮންނައިރު، މީގެތެރެއިން ރާއްޖޭގައި ބޭނުންކުރާ މައިގަނޑު ގޮތަކީ، ޕްރޮޑަކްޝަން އެޕްރޯޗް. އެއީ އެކިއެކި އިންޑަސްޓްރީތަކުން ރާއްޖޭގައި އުފައްދާ ހުރިހާ ބާވަތަކާއި، ދެވޭ ޚިދްމަތެއް، އެތަކެއްޗާއި ޚިދްމަތެއް ދިނުމަށް ބޭނުންކުރާ ތަކެއްޗާއި ވަސީލަތްތަކަށް ހިނގާ ޚަރަދު ކަނޑައި، އުފެއްދުންތެރިކަމުން އިތުރުވާ މންވަރު ދެނެގަތުން.

1995ގެ އަގުތައް ބޭނުންކޮށްގެން މިހާތަނަށް އަންދާޒާ ކުރެވިފައިވާ ޖީ.ޑީ.ޕީ، ވޭތުވެދިޔަ ދިހަ އަހަރަށް ބަލާއިރު، އެވްރެޖްކޮށް އަހަރަކު ކުރިއަރާފައިވަނީ 5.8 ޕަސެންޓް. ނަމަވެސް، ރާއްޖޭގެ މާލީ އޮނިގަނޑަށް، އިޤްތިޞާދީ ބަދަލުތައް، ޚާއްޞަކޮށް، ޓެކްސް ނެގުމުގެ ބަދަލުތައް ގެންނާން ފެށުމާ އެކީގައި، އަލަށް ސަރުކާރަށް ފާހަގަވެގެންމިދާ މަޢްލޫމާތުގެ އަލީގައި، 2003ގެ އަގުތައް ބޭނުންކޮށްގެން، މިހާރު މި އަންދާޒާ ކުރެވެނީ، މިއީ 7.9 ޕަސެންޓްގެ ޙަޤީޤީ ކުރިއެރުމެއް ކަމަށް. އަދި 2011 ވަނަ އަހަރުގެ ރިއަލް ޖީ.ޑީ.ޕީ.އަކީ އެގާރަ ބިލިއަން ތިންސަތޭކަ ތިރީސް ފަސް މިލިޔަން ރުފިޔާ ކަމަށް އަންދާޒާ ކުރެވިފައި އޮތް ނަމަވެސް، އިތުރަށް މިލިބުނު މަޢްލޫމާތުގެ އަލީގައި މިހާރު މިފެންނަނީ، ރާއްޖޭގެ ޙަޤީޤީ ޖީ.ޑީ.ޕީ އަކީ އެކާވީސް ބިލިއަން އެއްސަތޭކަ ތޭވީސް މިލިއަން ރުފިޔާ ކަމަށް. އަދި އަޅުގަނޑުމެންނަށް މިހާރު މިއެނގެނީ، 2011 ވަނަ އަހަރުގެ ރިއަލް ޖީ.ޑީ.ޕީ ބޮލަކަށްޖެހޭ މިންވަރު ކަމަށް، ކުރިން އަންދާޒާ ކުރެވިފައިވާ ދެހާސް އަށްސަތޭކަ ސާޅީސް ހަތަރު ޑޮލަރަކީ، ޙަޤީޤަތުގައި ހަތަރުހާސް ފަސްދޮޅަސް އެއްޑޮލަރުގެ މިންވަރުކަން. ޖީ.ޑީ.ޕީގެ އަންދާޒާ މަތިވުމުގެ ސަބަބުން 2011ގެ ޤައުމުގެ ބޭރުގެ ދަރަނި ނޮމިނަލް ޖީ.ޑީ.ޕީ.ގެ އިންސައްތައިން ސާޅީސް އެއް ޕަސެންޓުން މިހާރު މިވަނީ ބައްތިރީސް ޕަސެންޓް ކަމަށް އަޅުގަނޑުމެންނަށް ދަންނަވާން ޖެހިފައި.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑާއި އަދި އެހެންވެސް ރަނގަޅު އިޤްތިޞާދީ އަދި މާލީ ނިންމުންތައް ނިންމަމުން ގެންދިޔުމަށްޓަކައި ބޭނުންވާ މުހިންމު މަޢްލޫމާތު، އަޅުގަނޑުމެންނަށް ލިބެމުން މިއަންނަނީ، އެކަމުގެ އެކިއެކި މާހިރުންގެ ކިބައިން. ޖީ.ޑީ.ޕީ.ގެ މިންގަނޑު ކަނޑައެޅުމުގައި ބޭނުންކުރާ މަޢްލޫމާތު، ވަރަށްފަހުން ފުރިހަމަވެގެން މިދިޔައީ، ޙަޤީޤަތުގައި ޖީ.އެސް.ޓީ ނަގާން ފެށުމާ އެކުގައި. އެއިން ސަރުކާރަށާއި އަދި ދައުލަތަށް އަދި އެހެންވެސް ފަރާތްތަކަށް ލިބިގެންދިޔަ މަޢްލޫމާތުގެ އަލީގައި. އަޅުގަނޑުމެންނަށް މިވަގުތު ރާއްޖޭގެ އިޤްތިޞާދު ބައްޓަންކުރަން އެހެންވީމާ، އެތައް ތަނަކުން އެބަ ފަސޭހަވެގެންދޭ. އަޅުގަނޑު މިދެކެނީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ފުރިހަމަވެގެން ދިޔައީމާ، އެއީ އިތުރު ޓެކްސްތައް ތަޢާރުފް ކުރެވި، ދައުލަތުގެ އާމްދަނީ އިތުރުކުރެވި، އިޤްތިޞާދީ ދުވެލި އެތައް ތަނަކުން ބާރުކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ ދިރިއުޅުމަށް އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދާން ފަސޭހަވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________