بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ދައުލަތުގެ ވަޒީރުން، ސްކޫލް ޕްރިންސިޕަލް، ޕޭރަންޓް ޓީޗަރސް އެސޯސިއޭޝަން، ސްކޫލްގެ ބޯޑު އަދި ހަމަ އެހެންމެ، ޞ.ސ ރަޝީދު، މިސްކޫލް އުފެއްދުމުގައި، އެންމެ ހީވާގިކަމާއި އަދި އެންމެ ފާޅުކަންބޮޑު ގޮތުގައި މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި އެއްބޭފުޅެއް އަޅުގަނޑުމެންނާއެކުގައި މިތަނުގައި އެބަ ހުންނެވި. އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރު، އެބޭފުޅާގެ ބައްޕާފުޅަކީވެސް އެޑިޔުކޭޝަން މިނިސްޓަރެއް. ދެން އެހެން އެހެން އަޅުގަނޑުމެން ކިތަންމެ ދުރަށްދިޔަ ނަމަވެސް، އެޑިޔުކޭޝަން މިނިސްޓަރުންނަކީ އެބޭފުޅުން.

މި ސްކޫލް އަޅުގަނޑު ހަނދާންވަނީ، ނާޞިރިއްޔާ މޮންޓެސޫރި ސްކޫލްގެ ގޮތުގައި. ހަމަގައިމުވެސް އަޅުގަނޑުވަނީ އެހެންކިޔާ ސްކޫލަކަށް. ނާޞިރިއްޔާ މޮންޓެސޫރި ސްކޫލޭ މިކިޔަނީ، އެއިރުގައި މިރާއްޖޭގެ ވެރިކަމުގައި ހުންނެވި ބޭފުޅެއް، އިބްރާހީމް ނާޞިރު ކިޔާ ބޭފުޅެއް. އެއީ، މީގެކުރީގައި، އެންމެފަހުން ނިމި މިދިޔަ މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ކުރީގައި ހުންނެވި ވެރިއެއް. އެބޭފުޅާއަށް ކިޔަނީ އިބްރާހީމް ނާޞިރު. މިދެންނެވި އިބްރާހީމް ނާޞިރަކީ، ރާއްޖޭގެ ތަޢްލީމަށް، އޭގެ ކުރީގައި ދުވަހަކުވެސް އެހެން ވެރިޔަކު ޚަރަދު ނުކުރާ މިންވަރަށް، މަސައްކަތް ނުކުރާ މިންވަރަށް، ޚިދްމަތް ނުކުރާ މިންވަރަށް ޚިދްމަތް ކުރައްވާފައި ހުންނެވި ވެރިއެއް. މިދެންނެވި އިބްރާހީމް ނާޞިރުގެ ވެރިކަމުގައި، މޮންޓެސޫރީ ސްކޫލް އުފެދިގެން އައިއިރުގައި، އަޅުގަނޑު ހަނދާންވޭ، ބައެއް އަހަރުގެ ދައުލަތުގެ ބަޖެޓްގެ ރަނގަޅު 60 ޕަސެންޓް ޚަރަދުވެފައި އެބަހުރި ތަޢްލީމަށް. މިހާރު މިދިޔަ އަހަރުތަކުގެ ތެރޭގައި، ސަރުކާރުން ތަޢްލީމަށް ޚަރަދު ކުރަނީ، ގާތްގަނޑަކަށް ދައުލަތުގެ ބަޖެޓްގެ 11 ޕަސެންޓް.

އިބްރާހީމް ނާޞިރު އެހެން އެކަން ކުރައްވާން ޖެހިވަޑައިގަތީ، އެދުވަސްވަރު ވެގެންދިޔައީ، އަޅުގަނޑުމެން ރާއްޖޭގެ ތަޢްލީމީ ކަންކަން ވަރަށްބޮޑު ބަދަލެއް ގެނައި ދުވަސްވަރަކަށް. އޭގެކުރީގައި އަޅުގަނޑުމެން ކިޔަވަމުން އައީ ދިވެހި މީޑިއަމަށް. ސްކޫލްތަކުގައި ކިޔަވައިދެނީ ދިވެހި މީޑިއަމުން. އިނިގިރޭސި މީޑިއަމަށް އަޅުގަނޑުމެން ރާއްޖޭގައި ކިޔަވައިދޭން ފެށުނީ، މިސްކޫލް އުފެދިގެން އައި ދުވަސްވަރު. އެހެންވީމާ، މި ނާޞިރިއްޔާ މޮންޓެސޫރި ސްކޫލަކީ އިބްރާހީމް ނާޞިރުގެ ނަމުން ނަންދެވި، އިބްރާހީމް ނާޞިރު އުފެއްދެވި ސްކޫލެއް، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށާއި އަދި ރާއްޖޭގައި އަލުން އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށްޓެވުމަށްޓަކައި.

އަޅުގަނޑަށް ހަނދާންވާ ގޮތުގައި، މިތަނަށް ޙަމީދިއްޔާ ކިޔަން ފެށުނީ، ކުރީގައި މިތަނުގައި ޙަމީދިއްޔާ ކިޔާ ތަނެއް، ނެތް ކަމެއް، ހުރި ކަމެއް، މި ގޯތިތެރޭގައި އަޅުގަނޑަކަށެއް ނޭނގެ. އެހެން ނަމަވެސް، 1979 ވަނަ އަހަރު، އާދެ! މައުމޫން ޢަބްދުލްޤައްޔޫމް ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހުގައި، މިދެންނެވި އިބްރާހީމް ނާޞިރުގެ ވާހަކަ ދެއްކުން ހުއްޓާލައްވައި، އެބޭފުޅާގެ ނަމުގައި އޮތް ސްކޫލް ބަދަލުވެގެންދިޔައީ އިސްކަންދަރު ސްކޫލަށް. ވަރަށް ބޮޑަށް އަޅުގަނޑު އެދެން، ހުރިހާ ދަރިވަރުންވެސް، މިސްކޫލްގެ ބާނީއާއި، މިސްކޫލް އުފެދިގެން އައި ގޮތާއި، މިސްކޫލްގެ ތާރީޚާ ގުޅޭގޮތުން ވިސްނަވާލައްވަން އަދި ހިތަށް ގެންނަވަން.

ހަމަ ޒާހިޔާއެކޭ އެއްފަދައިން އަޅުގަނޑުވެސް ހަނދާން ހުންނަނީ އާންޓީ ވޭން، ވެންކިއުލަމްބާ. އަދި އަޅުގަނޑު ހަނދާން ހުންނަނީ، މި ސްކޫލްގައި ހުންނަ ހަރުގަނޑެއް. އޭގެ މައްޗަށް އަޅުގަނޑުމެން ވަރަށް ގިނައިން އަރާ އުޅެން. އަދި އާންޓީ ވޭންގެ ގޭދޮށުގައި، އާންޓީގެ ފްލެޓްދޮށުގައި ހުންނަ ކުޑަ ގެއެއް.

އާދެ! އަޅުގަނޑު މި ސްކޫލްގައި އުޅުނީ 5 އަހަރު ވަންދެން. އުޅެފައި ދެން ބަދަލުވީ K 1 އަށް. އަޅުގަނޑު ހަނދާންވަނީ K 1 އަށޭ، ކިންޑަރގާރޓްން 1 އަށް. އެއީ މަޖީދިއްޔާގައި އޭރު ކިންޑަރގާރޓްން އޮންނަނީ. އެހެންވީމާ، އަޅުގަނޑަކީ ރާއްޖޭގައި މި މޮންޓެސޫރީ ސްކޫލް އުފެދިގެން އައިއިރުގައި، އެސްކޫލަށް ވެއްދި ކުދިންތަކުގެ ތެރެއިން ހަމަ އެންމެ ކުއްޖެއް، އެންމެ މީހެއް. އަޅުގަނޑު ވަރަށް އުފާވޭ، މިއަދު މި މަދްރަސާއަށް 50 އަހަރު ފުރޭއިރުގައި، މި ސްކޫލްގެ ބައިވަރު ދަރިވަރުންނާއެކީގައި މި ޙަފްލާގައި ބައިވެރިވެވޭތީވެ. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން އަބަދަށްވެސް ހުރިހާ ކުދިން މި ދުވަސް، ސްކޫލަށް 50 އަހަރުވެގެންދިޔަ ދުވަސް ހިތުގައި ބިންވަޅު ނަގާފައި، ހަނދާނުގައި ބާއްވާނެ ކަމަށް. އަޅުގަނޑު ބޭނުންވަނީ ހުރިހާ ކުދިންވެސް ސްކޫލްގެ އެކިއެކި ކަންކަމާ ގުޅޭގޮތުން އެނގެން އޮތް މިންވަރަކަށް، މަޢްލޫމާތު އިތުރަށް ފުންކޮށް މަޢްލޫމާތު ހޯދުން.

ސްކޫލް ބަދަލުވަމުން އެބަދޭ ޒަމާންތަކުގެ ތެރޭގައި. މިހާރު މިސްކޫލަކީ މޮންޓެސޫރީ ސިސްޓަމަށް ކިޔަވައިދޭ ނަރސަރީ ސްކޫލެއް ނޫން. މިހާރު ސްކޫލްގައި މި ގްރޭޑް 1ން ފެށިގެން އެއްދަންފަޅިއަށް ގްރޭޑް 10 އާ ހަމައަށް މި ކިޔަވައިދެނީ. އެހެންވީމާ، މިހާރު މި ސްކޫލަކީ ޙަޤީޤަތުގައި ފަށައިގެން ސްކޫލެއް ނޫން. ފަށައިގަނެވެނީ ރާއްޖޭގައި ދަރިވަރުންނަށް، ކުދިންނަށް ދެއަހަރުބައިވާ ކުދިންނަށް ތަޢްލީމެއްދޭން ނުވަތަ ސްކޫލަށް، މަޖީދިއްޔާއަށާއި އަމީނިއްޔާއަށް ވެއްދުމަށް ތައްޔާރު ކުރުމަށްޓަކައި. އެންމެ ފުރަތަމަ މިސްކޫލަށް ވަން ކުދިން ވެއްދީ އަމީނިއްޔާއަށް. އަޅުގަނޑަކީ އެއިރުގައި، 61 ގައި އަޅުގަނޑު އަދި ނުވެސް ވިހާ. އެހެންވީމާ، އޭރަކު އަޅުގަނޑަކަށެއް ނުވަދެވުނު. އަޅުގަނޑު ހަނދާންވަނީ އަޅުގަނޑު މޮންޓެސޫރި ސްކޫލަށް ވަނީ 69 ގައޭ. އޭގެކުރީގައި މިސްކޫލުން ކެނޑޭ ކުދިން، ދެން ގެންދަނީ އަމީނިއްޔާއަށް. އެހެންވީމާ، ވަރަށް ރަނގަޅު ފިރިހެން ކުދިންވެސް އޭރު އަމީނިއްޔާއަށްދިޔަ. އަމީނިއްޔާގައި އެކުދިން އުޅެފައި، ދެން ފަހުން އޭގެތެރެއިން ކުދިން މަޖީދިއްޔާއަށް ބަދަލުވެގެންދިޔައީ. އަޅުގަނޑު އަލުން އެވާހަކަ ދައްކާކަށް ނެތިން.

އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ކުދިންނާއި އަދި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަށް، އަޅުގަނޑުމެންނަށް އެކަމަށް ޝުކުރު ދެންނެވޭނޭ ނުވަތަ އެކަން ފާހަގަކުރެވޭނޭ ވަކި ޚާއްޞަ ގޮތެއް އޮތްބާއޭ އަޅުގަނޑު އެބަ ހިތަށްއަރާ. މިތަނުގައި މިހާރުވެސް ފައްސަތޭކައެއްހާ ކުދިން ބިންމަތީގައި އިށީނދެގެން އެބަތިބި ވެލިނުޖަހާ. އަޅުގަނޑު އެހުރިހާ ކަމަކަށްޓަކައި އަދި ވެއްޔާ ނުކުޅެ، އެހުރިހާ ކަމަކަށްޓަކައި އަޅުގަނޑު ޓީޗަރުންނަށް ނުހަނު މަރްޙަބާ ދަންނަވަން. އަދި ތިޔަ ކުރައްވާ މަސައްކަތަކީ، އެއްވެސްއިރެއްގައި އަޅުގަނޑު ހިތުން އަޅުގަނޑުމެން، ރާއްޖޭގެ އެއްވެސް މީހަކު ހަނދާނުން ކެހިގެންދާނެ ކަމެއް ނޫން، ޓީޗަރުން ކުރައްވާ މަސައްކަތް. ސަރުކާރުގެ އަމާޒަކީ، މަދަރުސާތަކުން ރަނގަޅު ކުދިން ފާސްވެގެން ނުކުތުން. ވީހާވެސް ގިނަ ކުދިންނެއް ރަނގަޅު ގޮތުގައި ތަޢްލީމުވެސް ލިބިގެން އަދި ތަންދޮރުވެސް އެނގިގެން މަދަރުސާއިން ނުކުތުން. އަދި އަޅުގަނޑުމެންގެ ރާއްޖެ ބިނާކުރުމުގައި، ތިޔަ ހުރިހާ ކުދިންވެސް އެހީތެރިވެ ބައިވެރިވުން.

އަނެއްކާވެސް އަޅުގަނޑު ނިންމާލުމުގެ ކުރީގައި، މި މަދަރުސާ އުފެއްދުމުގައި އަދި މިފިކުރާއި، މިޚިޔާލާތާއި، މިވިސްނުން އަޅުގަނޑުމެންގެ ރާއްޖެއަށް ތަޢާރުފް ކުރުމުގައި އިސްވެ މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށް، ވަކިން ޚާއްޞަކޮށް، ވެލާނާގޭ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް ނުހަނު ޝުކުރު ދަންނަވަމުން ތިޔަބޭފުޅުންނާ ވަކިވެލާނަން.

والحمد للّـه. والسّـلام عليـكم.

______________________