بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، މީޑިއާ ކައުންސިލްގެ ރައީސް، އަދި އަޅުގަނޑަށް މިތަނުގައި ވަރަށް ސާފުކޮށް ފެންނާން ތިއްބެވި ވަރަށްގިނަ، ވަރަށްގިނަ ދުވަސްވީ ނޫސްވެރިން، ލިޔުންތެރިން، އަދި މި ރާއްޖޭގައި ޚިޔާލުފާޅުކުރުމުގައި އަވަދިނެތި އުޅުއްވާ އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑަށް މިތަނަށް އާދެވުނުއިރުގައި އެބައޮތް، މިތަނުގައި އަޅުގަނޑު ދައްކަންވީ ވާހަކައިގެ ކާޑުތައް. ދެންމެ މީޑިއާ ކައުންސިލުގެ ރައީސްވެސް ވަޑައިގެންފައި، އަނެއްކާވެސް ހަމަ ކާޑުތައް ބާއްވާލާފައި އެބައޮތް.

މިރޭ އަޅުގަނޑު ދައްކަން ހުރި ވާހަކަ ވަރަށް ގިނަ. އެހެން ނަމަވެސް، ވީހާވެސް ކުޑަކޮށް، ވީހާވެސް ކުރުކޮށް ދަންނަވާލެވޭތޯ އަޅުގަނޑު ބަލާނަން.

އަޅުގަނޑުމެން މިރޭ، މިތާ ތިބިއިރުވެސް، އެތައް ނޫސްވެރިންނެއް މިހާރުވެސް ތިބީ އަނދަގޮޑި ޖަހާފައި. އެތައް ނޫސްވެރިންނެއް މިހާރުވެސް ތިބީ ކުޑަގޮޅީގައި. އެތައް ނޫސްވެރިންނެއް މިހާރުވެސް ތިބީ ފުރަގަހަށް ބިޑި އަޅާފައި. އަޅުގަނޑުމެން މިކިޔާ ބަސްތައް، ފުރަގަހަށް ބިޑިއެޅުން، އަނދަގޮނޑި ޖެހުން، އޭންގަލަށް ނެގުން، ޗޭނު ޖެހުން، އަޅުގަނޑުމެން ހީކުރަނީ އެއީ، އަޅުގަނޑުމެންގެ އަމިއްލަ ޙަޤީޤަތެއް އެކަނި ބަޔާން ކުރުމުގައި، އަޅުގަނޑުމެން ބޭނުންކުރާ ބަސްތަކެއް ކަމަށް. އެހެން ނަމަވެސް، މިކަމުގެ ޙަޤީޤަތަކީ، މި ބަސްތައް، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް، ހަމަ ބޭނުންކުރަނީ އެއް ޙާލަތެއްގައި، އެއްގޮތަކަށް އަދި އެއް ނަތީޖާއެއް ނެރުމަށް. އަޅުގަނޑު މާތްރަސްކަލާންގެ ކިބަޔަށް ޝުކުރު ދަންނަވަން، އަޅުގަނޑު ވަރަށް އުފާވޭ، އަޅުގަނޑުމެންނަށް، އެޙާލަތުން އެހެން ޙާލަތަކަށް ބަދަލުވުމުގެ މަގެއް ކޮށެމުންދާތީ. ހަމަ އެއާއެކީގައި މިރޭ، މުޅި ދުނިޔޭގެ ޙާލުގައި ތިއްބެވި، އަނިޔާގައި ތިބި، އަޖަލުގައި ޖެހިފައިވާ، އަނގަ ބަންދު ކުރެވިފައިވާ ޚިޔާލު ފާޅުކުރެވެން ނެތް އެންމެހާ ލިއުންތެރިންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރްޙަބާ ދަންނަވަން. އެބޭފުޅުންނަށް ހިތްވަރުދީ، އަޅުގަނޑުމެން ދުޢާ ދަންނަވަން.

އަޅުގަނޑުމެންނަށް މިއަދު މި ލިބިފައިވާ ނޫސްވެރިކަމުގެ ނުވަތަ އަލަށް އަޅުގަނޑުމެންނަށް ފަށައިގަނެވިފައިމިވާ، ލިޔުންތެރިކަމުގެ ގޮތްގަނޑާއި، ފާޑާއި، އަދި އެލިޔުންތެރިކަމުގެ މިނިވަންކަން ލިބިފައި މިވަނީ، ތެދުފުޅެއް، ޤާނޫނުއަސާސީގައި އެބަސްތައް މިހާރު ލިޔެވިފައި އޮތުމުން. އެ ޤާނޫނުއަސާސީ ހަދައިދިން ބަޔަކީ، ރާއްޖޭގެ ރައްޔިތުން. ރާއްޖޭގެ ރައްޔިތުންގެ ވަރަށްގިނަ، ވަރަށްބުރަ މަސައްކަތާ އެކުގައި، އެ ޤާނޫނުއަސާސީ އެގޮތަށް ނުކުމެގެން އައީ. އެ ޤާނޫނުއަސާސީއަކީ، މި ޤާނޫނުއަސާސީއަކީ ޙަޤީޤަތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތުމާ އިދިކޮޅަށް އައި ޤާނޫނުއަސާސީއެއް. އެއްވެއުޅުމުގެ މިނިވަންކަން ނެތުމާ އިދިކޮޅަށް އައި ޤާނޫނުއަސާސީއެއް. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގެ މުޅި އަސާސް، އެހެންވީމާ ޙަޤީޤަތުގައި، އޭގެ ރޫޙް ބިނާވެފައި އޮތީ، އެއިރުގައި އޮތް ރޫޙާ އެއްގޮތަށް. އެއިރުގައި އެންމެން ކަންބޮޑުވެ ތިބި ކަންކަމަށް.

މިއަދު، އެ ކަންކަމަކާ އަޅުގަނޑުމެންނެއް އެދުވަހު ކަންބޮޑުވީ މިންވަރަކަށް ކަންބޮޑެއްނުވޭ. މިއަދު އަޅުގަނޑުމެން ކަންބޮޑުވަނީ އެހެން ކަންތައްތަކަކާ. އެހެންނަމަވެސް، އެ ޤާނޫނުއަސާސީ އެކަށައެޅިގެން ދިޔައިރުގައި، އަޅުގަނޑުމެން އެންމެ ކަންބޮޑުވި އެއްކަމަކީ، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތްކަން. އެއްވެ އުޅުމުގެ މިނިވަންކަން ނެތްކަން. ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ނެތްކަން. އެހެންވީމާ، އެ ޤާނޫނުއަސާސީގެ ކޮންމެ ފޮޅުވަތެއްވެސް، ކޮންމެ ބަހެއްވެސް، ކޮންމެ މާއްދާއެއްވެސް ހުއްޓި ހުރީ އެދުވަހު، އެތާތިބި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ އިޙްސާސްތަކާއެކީގައި. އެމެންބަރުންގެ އިޙްސާސްތައް ގުޅިފައި އޮތީ، އޭރުގައި ރާއްޖޭގައި ހިނގަމުންދިޔަ ކިތަންމެ ކަމަކާ. ޤާނޫނުއަސާސީ އުފެދިގެން އައީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދޭންޖެހިގެން. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދޫކޮށްލުމަށް މަޖުބޫރުވެގެން. އެއްވެ އުޅުމުގެ މިނިވަންކަން ދޫކޮށްލުމަށް މަޖުބޫރުވެގެން.

ޙަޤީޤަތުގައި އަޅުގަނޑުމެން ރަނގަޅަށް ވިސްނައިފިއްޔާ، މިހާރު ޢަމަލު ކުރެވެމުންމިދާ ޤާނޫނުއަސާސީ ފަށައިގަނެވުނީ ބަހަނާއެއްގެ ގޮތުގައި. އެއީ މިދެންނެވި ދެ މިނިވަންކަން ދޫނުކުރުމަށް ދައްކާ ބަހަނާއެއްގެ ގޮތުގައި. އެހެންނަމަވެސް، ތަޤްދީރު ދިމާކުރީކީއެއް އެހެންނަކުންނެއް ނޫން. އެއްކަންވެ، އަނެއްކަންވެ، ވީ ދެކަން ގުޅި، އަޅުގަނޑުމެންނަށް ފެނުނީ، މުޅިން އެހެން ހާދިސާއެއް. އެހެން މަންޒަރެއް. އާ ޤާނޫނުއަސާސީއެއް ހަމަކަށަވަރުންވެސް، ޒަމާނީ ސިފައިގައި އެކުލަވައިލަން ޖެހުނީ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް ކަށަވަރުވެގެން ދިޔައީ. އެއްވެއުޅުމުގެ މިނިވަންކަން ކަށަވަރުވެގެން ދިޔައީ. ދައުލަތުގެ ބާރުތައް ވަކިވެގެން ދިޔައީ.

އަޅުގަނޑުމެން މިރޭ އުފާކުރަނީ، އެތަޅު، އެތަންޑު ނެއްޓިގެންގޮސް، މި ޤާނޫނުއަސާސީ އެ ގަނޑުތަކުގެ މައްޗަށް ބަންޑުންވީ ކަމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި، އެއީ ބަންޑުންވީ ޤާނޫނުއަސާސީއެއް. އޭގައި ލިޔެވިފައި ހުރި ބަސްތަކަކީ، އޭތި ލިޔާން އަޅުގަނޑުމެންގެ އެއްވެސް މީހަކު އިށީން އިރުގައި، އެ ބަސްތައް ލިޔާންވެގެން އިށީނދެވުނު ޤާނޫނުއަސާސީއެއް ނޫން. އެހެން މިއަދު އަޅުގަނޑު ގާތުގައި އެއްވެސް ބޭފުޅަކު ދައްކާ ކަމަށް ވަނީވިއްޔާ، އަޅުގަނޑު ޤަބޫލެއް ނުކުރާނަން.

ނޫސްވެރިކަމުގެ މިނިވަންކަން އެއީ ދައުލަތުގެ ހަތަރުވަނަ ބާރު، ޤައުމެއްގެ. އަޅުގަނޑުމެންގެ ހިތުގެ އަޑީން އެކަން ޤަބޫލުކުރަން. އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ، އެ ބާރު، އެހެންވީމާ، އޭގެ ފުރިހަމަ ގޮތުގައިވުން. ޚުދުމުޚްތާރު ވެރިކަމެއްގެ އަޖަލުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޖެހުނީމާ، އެވާގޮތަށްވުރެ އަޅުގަނޑުގެ ނަޒަރުގައި، ސީދާ އެއް ވިޔަފާރިވެރިއެއްގެ ދަށަށް މީޑިއާ ބަދަލުވެއްޖެއްޔާ، ދިމާވާ ދަތުރު ހަމަ އެހާމެ ހިތިވާނެ. އަޅުގަނޑު އުންމީދު ކުރަން، ނޫސްވެރިންގެ ކިބައިގައި ހިތްވަރު، މިހާރު ނެރެން ޖެހެނީ އެހެން ހިތްވަރެއްކަން، ނޫސްވެރިން ދެނެގަންނާނެކަން. ތިޔަބޭފުޅުގެ އެޑިޓޯރިއަލް އިންޑިޕެންޑެންސް ނުވަތަ ތިޔަބޭފުޅުންނަށް ސީދާ ޚަބަރު ތިޔަބޭފުޅުންނަށް އެޚަބަރު ފެނުނު ގޮތަށް، އެކަން ހިނގި ގޮތަށް، އެކަން ބަޔާންކޮށްދިނުމުގެ އިޚްތިޔާރު ފުރިހަމައަށް ނޫސްވެރިޔާއަށް އޮންނަން ޖެހޭނެ. އެއީ ސަރުކާރާ ގުޅޭގޮތުން ވިޔަސް އަދި އެހެން ކަމަކާ ގުޅޭގޮތުން ވިޔަސްވެސް. އަޅުގަނޑު އުންމީދު ކުރަން، ނޫސްވެރިން މިދެންނެވި ހިތްވަރު އަދި އިތުރަށް ލައްވަމުން ގެންދަވާނެ ކަމަށް. އަޅުގަނޑެއް ނުދަންނަވަން، ނޫސްވެރިން އެ އެއްވެސް ހާލެއްގައި ލިޔުއްވަމުން އެގެންދަވާ ވާހަކަތަކަކީ، އެ ބޭފުޅުން ޤަބޫލު ނުކުރައްވާ ވާހަކަފުޅުތައް ކަމަށް. ޤަބޫލު ނުކުރެވޭނަމަ، އަޅުގަނޑު މިދަންނަވާ، އަޅުގަނޑު އެދޭ ގޮތަކީ، އެލައިންވާށޭ، ތިޔަ ބޭފުޅުންނަށް ޤަބޫލުކުރެވޭ މީޑިއާ އައުޓްލެޓަކަށް. ކަނާތުފިޔައިގެ ފިކުރުގެ ނޫސްވެރިއެއް ކަމަށްވަންޏާ، އެބާވަތުގެ ނޫސް އޭޖެންސީއެއްގައި، ނޫހެއްގައި މަސައްކަތް ކުރައްވާށޭ. ނުވަތަ އެހެން ފިކުރެއްގެ ބޭފުޅެއް ކަމަށްވަނީވިއްޔާ، އެހެން ފިކުރެއްގެ ތަނެއްގައި މަސައްކަތް ކުރައްވާށޭ.

އަޅުގަނޑުމެންނަށް މިވަގުތު ދިމާވެފައި އޮތް ވަރަށް މުހިންމު އެއްކަމެއް، ޚިޔާލަކީ ކޮބައިތޯ ރައްޔިތުންނަށް ސާފުކޮށްދިނުން. އޮޕީނިއަން ނެގުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް ދެރަކޮށް ދިމާވާ އެއްކަމަކީ، ހަމަ ކޮންމެ ދެމީހަކަށް އެސް.އެމް.އެސް. ކޮށްފައި، މިރާއްޖޭގައި މިހާރު ކަން އޮތް ގޮތަކީ މިއީއޭ ބުނެ ބަޔާންކުރާ، ކަނޑައެޅިގެން އެހެން ބުނެ، އެ އޮޕީނިއަނެއް އެސް.އެމް.އެސް.ގެ ޛަރީޢާއިން އެ ނެރޭ ނެރުން. ދެން އަޅުގަނޑު ގާތުގައި ބަންޑާރަ ނައިބާއި ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވޭ، ރައީސޭ، ސަރވޭ ކުރުމުގެ ގަވާއިދެއް ސަރުކާރުގައި އޮވެއޭ. އަޅުގަނޑަށްވެސް އެނގޭ، ސަރވޭ ކުރުމުގެ ގަވާއިދެއް ސަރުކާރުގައި އޮންނަކަން. އަދި 88 (ހ)ވެސް އޮންނަކަން. ޤާނޫނުޢުޤޫބާތްވެސް އޮންނަކަން އަޅުގަނޑަށްވެސް ވަރަށް ބޮޑަށް ސާފު. 125 ވަނަ މާއްދާވެސް އޮންނަކަން އަޅުގަނޑަށްވެސް ވަރަށް ހަމަ ވަރަށް ބޮޑަށް ސާފު. އެހެން ނަމަވެސް، އަޅުގަނޑުމެން ވެރިކަން ކުރަމުން މިދަނީކީއެއް، މިދެންނެވި ވަސީލަތްތަކުގެ ޙިމާޔަތުގައި ފޮރުވިގެން ތިބެއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ، ހުޅުވިފައި އޮވެ، މިކަން ކުރަމުން ގެންދިޔުން.

އަޅުގަނޑު ދެންމެ މީޑިއާ ކައުންސިލްގެ ރައީސްގެ ވާހަކަފުޅުން ފާހަގަކުރަން. އަދި އަޅުގަނޑު ބަލައިވެސްގަންނަން. މީޑިއާގެ މަސައްކަތް ކުރައްވާ ބޭފުޅުން. ހަމަ ކަންދިމާވި ގޮތުން މިއަދު އަޅުގަނޑު ގާތުގައި ވަޒީރަކު ވިދާޅުވީ، ސަތޭކަ އަށްޑިހަ އެތައް ނޫސްވެރިންނެއް ރަޖިސްޓްރީ ކޮށްފައި އެބަތިބެޔޭ. ދެން އެމީހުންނަކީ މިހާރު ނޫސްވެރިން ކަމެއް ނުވެސް އެނގެޔޭ. އެހެންވީމާ، އަލުން އެމީހުން ރަޖިސްޓްރީ ކުރަންވީ ނޫންތޯއޭ. ދެން އަޅުގަނޑު ދަންނަވައިފިން، ޓެސްޓެއް ހަދަން ޖެހޭހެއްޔޭ. ދެން އަނެއްކާ ފޮޓޯއެއް ނަގަންޖެހޭތޯއޭ. ކިހިނެއްތޯއޭ ހަދަންވީ. ބްލަޑް ގްރޫޕް ބަލާފައި، އެބޭފުޅުންގެ ބްލަޑް ގްރޫޕް، މި ކާޑުގައި ކޮންމެހެން ލިޔެވޭގޮތެއް ހަދަންވީ ނޫންހެއްޔޭ. އަދިވެސް ދަތި ހުންނާނެ. ކިތަންމެ ހުރަހެއް ދިމާވާނެ. އެ ހުރަސްތަކުން އަރައިގަތުމަށް އަޅުގަނޑު ތިޔަބޭފުޅުންނާ އެކީގައި މަސައްކަތް ކުރާނަން. އަޅުގަނޑެއް، އަޅުގަނޑަކަށް، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިކަން ދޫކޮށްލާފައި، ދެން ހޯދަން އޮތް ސިޔާސީ ފުރްޞަތެއް ނެތް. އަޅުގަނޑަށް ސިޔާސީ ފުރްޞަތު މާނަކުރެވެނީވެސް، ފެންނަނީވެސް، ކޮންމެހެން ކުރާންހުރި، ތަރައްޤީއަށް ބޭނުންވާ ކަންކަން ކުރާންޖެހުން، ކުރުން. އެއިން ލިބިދާނެ ވަގުތީ ގެއްލުމެއް. އެއިން އައިސްދާނެ ވަގުތީ ހާނިއްކައެއް. އެހެން ނަމަވެސް، އަލުން ދިރޭއިރުގައި، މާ ދިރުން ހުންނާނެ ކަމަށް، އަޅުގަނޑުގެ ހިތުގެ އަޑީން އަޅުގަނޑު ގަބޫލު ކުރަން.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ދަންނަވާލަން ބޭނުން. އެ ވިދާޅުވާހެން މަޖައްލާ ނުފެނޭ. އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް މިހާރަކު މަޖައްލާއެއް ނުފެނޭ. [ހަވީރު] ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ފެނޭ. އަދި މިހާރު ޒާހިރު އުޅުއްވާ ނޫސްވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ ފެނޭ. އަދި އެހެން ޑެއިލީތައްވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ. ޚާއްޞަކޮށް، އޮންލައިން ނޫސްތައް، މިހާރު ކިޔާ މިންވަރު، އަޅުގަނޑު ހިތުން ވަރަށްގިނަ. އެހެންވީމާ، އެ އޮންލައިން ނޫސްތަކުގެ ހުށަހެޅުން. އަޅުގަނޑު ނުދަންނަވަން ކޮންޓެންޓަކާ ބެހޭގޮތުން. ތިޔަބޭފުޅުން ބޭނުން އެއްޗެއް ލިޔުއްވަންވީ. އަޅުގަނޑު ކޮންމެހެނެއް އެއީ ޒިންމާދާރު ވާހަކައެއްތޯ، ޒިންމާދާރު ނޫން ވާހަކައެއްތޯ، އެއީ ޙަޤީޤަތެއްތޯ، ނޫންތޯ، އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑު އެވާހަކައިގެ ތެރެއަކަށްދާކަށް. އެހެން ނަމަވެސް، ލޮލަށް ފަސޭހަ ގޮތަކަށް ހުށަހަޅާލަ ދެއްވަން ޖެހޭނެ. ބަލައިލާހިތްވާން ޖެހޭނެ. އުނދަގުލަކަށް ވެގެން ނުވާނެ، ވެބްސައިޓް ހަމަ ހުޅުވާލާތަނުން. ދެން ގޮސް އަޅުގަނޑުގެ ކޮމްޕިއުޓަރ ހުއްޓި، އެ ދެން މުޅި އެކަން އެއީ ތަކުލީފަކަށް ވެގެން ނުވާނެ. ބައެއް ބޭފުޅުން އަޅުގަނޑު ގާތުގައި ބުނޭ، ނޫސް ކިޔާއިރުގައި، ގަނޑުތައް އުކައިގެންގޮސް، އެންމެފަހުން އެ ގަނޑުތައް ނުލެންބިގެން، ނުހޯދިގެން، އެއިން އެ ނުކުންނަ ހަމަ ތަކުލީފޭ، މިއިންވެސް މި ނުކުންނަނީ. ދާދި އެއްތާކުއޭ ޖެހެނީ. ފަސޭހައިން މިކަން ކޮށްލެވެން ޖެހޭނެ. ނޫސް ކިޔެން ޖެހޭނެ. އަދި މަޢްލޫމާތު އަޅުގަނޑުމެންނަށް ފަސޭހައިން ލިބެން ޖެހޭނެ.

އަޅުގަނޑު އަދި އިތުރަށް ދަންނަވާލަން ބޭނުން. އަޅުގަނޑުމެންނަކަށް މުޅި މިއޮއް ކަންތައް އެކީ ހިނގައި ނިމިދާއިރުގައިވެސް، ފޮތެއް ނުފެނެއޭ އަދިވެސް. ކަމާގުޅޭ ފުރިހަމަ ދިރާސާއެއް، ރާއްޖޭގެ ސިޔާސީ މަސްރަޙާ ގުޅޭ، ސިޔާސީ ބަދަލުތަކާ ގުޅޭ ފުރިހަމަ ދިރާސާއެއް ނުފެންނަކަން އެއީ އަޅުގަނޑަށް ހީވަނީ އެއިން އެންމެބޮޑު އެކައްޗަކީ، ހަމަ ސީދާ ވަގުތުގެ އަޖަލުގައި އަޅުގަނޑުމެން މިތިބީ. މިދިޔަ މިނެޓްވެސް އެއީ ބާ ޚަބަރު. ހުސް ބްރޭކިންގ ނިއުސް. އަބަދު ބްރޭކްވަނީ. އެއީ އަޅުގަނޑުމެންގެ ބަދަލުގެ ސްޕީޑް. އެހެންވީމާ، ބަދަލުގެ ޙާލު އެހެންހުރީ. އަޅުގަނޑަށް ހީވަނީ މި އަޅުގަނޑު ދެންމެ ތިޔަބޭފުޅުން ތަޢާރުފް ކުރައްވާ ބޭފުޅާ، ކުރީ ރޭ ދަންވަރު އަޅުގަނޑު ތަނަކުން ނުކުތްތަނާ ސުވާލެއް ކުރައްވައިފި. އަޅުގަނޑު ހިތަށްއެރި سُبْحَانَ الله އޭ.

އާދެ! އަޅުގަނޑު ވަރަށް އުފާވޭ، ތިޔަބޭފުޅުންނާ އެކީގައި. އަޅުގަނޑު ކޮންމެހެން ދަންވަރު މާ ގިނަ ތަންތަނުން އަބަދު ނުކުމެ އުޅޭ މީހެއް ނޫން. އަޅުގަނޑު ހިތަށްއަރަނީ، ވަރަށް އުފާވޭ، ތިޔަބޭފުޅުންނާ އެކީގައި، މިރޭގެ މިވަގުތުކޮޅު އަޅުގަނޑަށް ހޭދަކުރަން ލިބުނީތީވެ. އަޅުގަނޑު މީޑިއާ ކައުންސިލަށާއި އަދި މީޑިއާގައި މަސައްކަތް ކުރައްވާ އަޅުގަނޑުމެންނާ ޚިޔާލު ދެގޮތް އަދި އެއްގޮތް ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރާއި މުބާރަކްބާދީ ދަންނަވަން.


والحَمْـدُ لِلّـهِ. والســّلام عليــكم.
______________________