بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 6 މެއި 2011 ވީ ހުކުރު ދުވަސް. މިއަދަކީ، ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަސް. އާދެ، ދިވެހިރާއްޖޭގެ ހުރަވީ ދުވަސް. ހުރަވީ ދުވަހަކީ، ދޮންބަންޑާރައިން، ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސް. އެހެންކަމުން، ދުވަހުގެ މުނާސަބަތުގައި ޤައުމީ އަބްޠާލުންގެ ހަނދުމަ އާކޮށް، ރާއްޖޭގެ ދިފާޢީ ބާރުތަކުގެ އެންމެހާ މެންބަރުންނަށް، މިދުވަހުގެ ހެޔޮއެދުންތައް އަޅުގަނޑު އަރިސް ކުރަން. އަދި ހަމައެހެންމެ، ހުރާ ދަރިކޮޅުގެ އެންމެހާ ބޭފުޅުންނަށް، އަޅުގަނޑު މިދުވަހުގެ ތަހުނިޔާއާއި ހެޔޮ ދުޢާ ސަލާން ރައްދުކުރަން.

ހިނގާ އެދިޔަ ހަފްތާގެ ތެރޭގައި މާލޭގައި، ތަކެތި އަގުބޮޑުވުމުގެ މައްސަލައާ ގުޅިގެން، ބައެއް ފަރާތްތަކުން ކަންބޮޑުވުން ހާމަކުރަމުން އެބަދޭ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ޑޮލަރުގެ އަގު މައްޗަށް ޖެހުމާއި ނުވަތަ ޑޮލަރުގެ އަގު ބާޒާރުން ކަނޑައެޅުމަށް ދޫކޮށްލުމާ ގުޅޭގޮތުން އެކަން، ސަރުކާރުން އެ ސިޔާސަތު ތަންފީޒު ކުރަމުން މިގެންދަނީ، ރާއްޖޭގެ އިޤްތިޞާދަށް ދެމެހެއްޓެނިވި ހަރުދަނާ ކަމެއް ގެނައުމަށްޓަކައި. އާޚިރަތުގައި މި މަސައްކަތުން އިރާދަކުރެއްވިއްޔާ ވާނީ ރަނގަޅު. އަދި މިދިޔަ ދެތިން ހަފްތާގެ ތެރޭގައި އެ ރަނގަޅު ވަރަށް ބޮޑަށް ވަމުން އަންނަތަން ސަރުކާރަށް ފެންނަމުން އެބަދޭ.

އެކްސްޗޭންޖް ރޭޓަށް ނުވަތަ ރުފިޔާގެ އަގު ކަނޑައެޅުމަށް ދޫކޮށްލި ދޫކޮށްލުމާ ގުޅިގެން، ހިނގާ ދިޔަ ހަމައެކަނި ކަމަކީ، ތަކެތީގެ އަގުބޮޑުވުމެއް ނޫން. ފުރަތަމަ ކަމަކަށް، ތަކެތީގެ އަގު ބޮޑުވި މިންވަރާ ގުޅޭގޮތުންވެސް އަޅުގަނޑުމެން އެންމެނަށްވެސް ސާފުކޮށް މަޢްލޫމާތު ލިބެން ޖެހޭނެ. އަޅުގަނޑު އެބަ މަޢްލޫމާތު ނަގަން، މައިގަނޑު ތަކެތި، އެއީ، ކޮންމެހެން ޒަރޫރީ ގޮތުން ބޭނުންވާ ސާމާނު. އެތަކެތީގެ އަގުބޮޑުނުވެ، އެސްޓީ.އޯ.އިން އިރާދަކުރެއްވިއްޔާ އެބަ ހިފެހެއްޓޭ. އަދި އަމިއްލަ ފަރާތްތަކުންވެސް އެތަކެތީގެ އަގުބޮޑުކޮށްފައިވީނަމަވެސް، ބޮޑުކޮށްފައިވަނީ ވަރަށް ކުޑަކުޑަ މިންވަރަކަށް. އެހެނެއް ނޫން، ބައެއް ލަގްޒަރީ އައިޓަމްސް، މުނިފޫހިފިލުވުމުގެ ބައެއް ސާމާނާއި އަދި އެހެންވެސް ބައެއް ތަކެތި އަގުބޮޑުވެގެން ހިނގައްޖެ، ޑޮލަރާ ގުޅިގެން.

އަޅުގަނޑު މިދެކެނީ މި އަގުބޮޑުވުމުގެ އިތުރުން، ވެދިޔަ އެހެން ކަންކަމަށްވެސް އަޅުގަނޑުމެން ބަލައިލާންއެބަޖެހެއޭ. މަސްވެރިންނަށް ފައިސާ މި ލިބެނީ، އާމްދަނީއެއް މި ލިބެނީ ޙަޤީޤަތުގައި ޑޮލަރުން. އެއީ، ބާނާމަސް އެކްސްޕޯޓް ކުރާތީ. މަސްވެރިންގެ އަތުން މަސްގަންނަ އަގު، މަސްއެކްސްޕޯޓް ކުރާ ފަރާތްތަކުން، ޑޮލަރުގެ އަގު އެރުމާ ގުޅިގެން، ރުފިޔާއިން ދޭ އަދަދުތައް ބޮޑުކުރަމުން އެބަ ގެންދޭ. މިހާރު ރޯމަސް ކިލޯއެއްގެ އަގަކީ، އަޅުގަނޑު އިއްޔެ ފެލިވަރުން ބެލިއިރުގައި 16 ރުފިޔާ. މަސްވެރިންގެ އާމްދަނީ އެދިޔައީ ކިތަންމެ ތަނަކުން ބޮޑުވެގެން. އަދި ހަމައެހެންމެ ރާއްޖޭގައި ދެން މަސައްކަތް ކުރާ އެންމެ ގިނަ ބަޔަކު މަސައްކަތް ކުރަމުން މިދަނީ ޓޫރިޒަމްގެ މަސައްކަތުގައި. ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ސަރވިސް ޗާޖް މި ލިބެނީ ޑޮލަރުން. އެހެންވީމާ، ސަރވިސް ޗާޖަށް ރުފިޔާއިން ލިބޭ އަދަދު، ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ތަނުން އިތުރުވެގެން ހިނގައްޖެ.

ރާއްޖޭގެ މަސައްކަތްތެރިންގެ ތެރެއިން ރަނގަޅު 65 ޕަސެންޓްގެ މީހުންނަށް ފަރާތްތަކަށް، މިގެނެވުނު ބަދަލުގެ ސަބަބުން ލިބުނީ ވަރަށް ބޮޑު ރަނގަޅެއް. ވަރަށް ބޮޑު ފައިދާއެއް. މި ބަދަލު ނުގެނެސް އޮތްހާ ދުވަހު ޙަޤީޤަތުގައި އެ އޮތީ އެފަރާތްތަކަށް ވަރަށް ބޮޑު ބޭއިންޞާފެއް ރައްދުވޭވޭ. ރާއްޖޭގެ ޙަޤީޤީ މަސައްކަތްކުރާ މަސައްކަތްތެރިންގެ މަސައްކަތުގެ އަގު އެ އޮތީ ރަނގަޅަށް ކަނޑަނޭޅި. ޑޮލަރާއި ރުފިޔާގެ މުޢާމަލާތްތައް ހިންގެނީ ބާޒާރު ބަޔާންކުރާ އަގަކުން ނޫންކަމަށްވީމާ، ދެން ހަމައަގު ގެއްލިގެންދާއިރު، ވަރަށް ބޮޑަށް ބޭއިންޞާފު ރައްދުމިވަނީ ބޭރު ފައސާ ހޯދާ ފަރާތްތަކަށް. އޭގެތެރޭގައި އެންމެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ހިމެނޭ. މަސްވެރިންނާއި، ރިޒޯޓުތަކުގައި މަސައްކަތްކުރާ މީހުން.

މީގެކުރީގައި، އަޅުގަނޑުމެންނަށް ރުފިޔާގެ އަގު މިއޮތީ ކަނޑަނޭޅި. އޭގެ ހަމައަގެއް މިއޮތީ ނުހޯދި. އެހެންވީމާ، ބާޒާރުގައި މި ހުންނަ ތަކެތީގެ ހަމައަގުވެސް މި އޮންނަނީ އަޅުގަނޑުމެންނަށް ނޭނގި. މިއަދު އަޅުގަނޑުމެންނަށް ވެގެންމިދާ ގޮތަކީ، މި ރާއްޖޭގެ އިޤްތިޞާދީ ފަންވަރާއި މި ރާއްޖޭގެ މާލީ ކަންކަމަށް ބަލައި، ރާއްޖޭގައި ހަމައަގުތައް ފުރަތަމަ ފަހަރަށް މި ބަޔާންވަނީ. މި މަގުން އަޅުގަނޑުމެން ދިޔައިމާ ދެން އިރާދަކުރެއްވިއްޔާ ހިނގާނެ ކަމަކީ، އެކްސްޗޭންޖް ރޭޓަށް ބަދަލު އަންނާނެ. ޑޮލަރުގެ އަގު ދަށްވާނެ. ރާއްޖެއަށް އެ މިންވަރަށް ޑޮލަރު އެބަ ވަދޭ.

ސަރުކާރުން އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނައުމުގެ ކުރީގައި، ރާއްޖޭގެ ބޭންކްތަކަށް ވިޔަފާރިވެރިން ހަފްތާއެއްގެ މައްޗަށް ނުވިއްކާ ތިން ހަތަރު މިލިއަން ޑޮލަރުވެސް. ވޭތުވެދިޔަ ހަފްތާގެ ކުރީ ހަފްތާގައި، އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނައި ފަހުން އައި ފުރަތަމަ ހަފްތާގައިވެސް، ބޭންކްތަކަށް ވިޔަފާރިވެރިން ބޭރުފައިސާ ވިއްކާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެއްޖެ. 4 މިލިއަންގައި ހުރި އެއްޗެއް 16 މިލިއަނަށް ބަދަލުވެއްޖެ. ހިނގާ މިދިޔަ ހަފްތާގައި އެ އަދަދުވަނީ 20 މިލިއަނަށް އަރާފައި. އަދި ބޭންކްތަކުން ވިޔަފާރިވެރިންނަށާއި ޢާންމުފަރާތްތަކަށް ޑޮލަރު ވިއްކާ އަދަދުވެސް މިހާރު މިވަނީ ދެގުނައަށް އިތުރުވެފައި.

އަޅުގަނޑު މިދެކެނީ އަދި ހަމައެހެންމެ، މާލީ އިޤްތިޞާދީ ނިޒާމުތައް ހިނގާ ގޮތަކީވެސް މިއީ. ވަމުންދާނެ ގޮތަކީވެސް އެއީ. ބޭންކްތަކަށް ޑޮލަރު ވަނުން އިތުރުވާނެ. އެހެންވީމާ، ބޭންކްތަކުން ދެން ވިއްކާ އަގުވެސް، ގިނަ ޑޮލަރު ވިއްކަން ޖެހޭތީވެ، ވިއްކާ އަގުވެސް ދަށްކުރަން ފަށާނެ. އާދައިގެ ވިޔަފާރިއަށް ހަމަ ވާ ގޮތަށް ފައިސާގެ މުޢާމަލާތްތައްވެސް ހިނގަން ފަށާނެ. އެއާއެކުގައި ސަރުކާރަށް ދެން ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ފައިސާގެ ވަރުގަދަ އަގެއް ހޯދުމަކީ، ލިބިގަތުމަކީ، ވަރަށް އެކަށީގެންވާ ކަމެއްގެ ގޮތުގައި އިންސާނީ ތަޖުރިބާއާއި، އެހެން ޤައުމުތަކަށް ވެފައި ހުރި ގޮތްތަކުން، އަޅުގަނޑުމެންނަށް ފެންނާން އެބައޮތް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންނަށް މިދެވެނީ ރަނގަޅު މިޞްރާބަކަށްކަން.

މި ބަދަލުތައް އަޅުގަނޑުމެންގެ އިޤްތިޞާދަށް ގެނައުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި، އެކުވެރި ދައުލަތްތަކުންނާއި، އަދި ރާއްޖޭގެ އެހެންވެސް އިޤްތިޞާދީ މާހިރުން، ސަރުކާރަށް އެކިގޮތްގޮތަށް އިލްތިމާސް ކުރަމުން އަންނަތާ މިހާރު 15، 20 އަހަރުވެދާނެ. އަޅުގަނޑަށް ފެންނާން އެބަހުރި، ހުރިހާ ފަރާތްތަކަކުން އަބަދުވެސް މިކަމާ ގުޅިގެން ދައްކަވާފައި ހުރި ވާހަކަތައް. އަދި އެންމެ ފަހުން މާލީ އިދާރާތަކުން ކޮށްފައިވާ އިލްތިމާސްތައްވެސް.

އަޅުގަނޑަށް ފެންނަ ފެނުމުގައި މިއަދު އަޅުގަނޑުމެން މިކަން ނުކޮށްފިނަމަ، މާދަމާ އަޅުގަނޑުމެންނަށް ދެން ދިމާވާނެ ދަތުރު އަދި މާ އުނދަގޫވާނެ. ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭ މަސައްކަތްވެސް، އެހާ ހިތިވާނެ ނަތީޖާ. މިއަދު އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަން މި އޮއް ކޮށް ނިންމެނީ. އަޅުގަނޑުމެންނަށް ހައްދުން ނައްޓާވަރަށް އަދި މުޅި ބާޒާރުގެ ހަމަގެއްލޭ ހަމަ އެއްކަމެއްވެސް އިރާދަކުރެއްވިއްޔާ ނުހިނގި. އަދި އަޅުގަނޑުމެން މިކަން ކުރަމުން މިދަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، ހަޅުތާލު ކުރުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ހުރިހާ މިނިވަންކަމެއް މި ރާއްޖެއަށް ތަޢާރުފުވެގެން އަދި އެ ހުރިހާ މިނިވަންކަމެއްގެ ފޮނި ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންމިދާ ދުވަސްވަރެއްގައި. އެހެންވީމާ، ވާދަވެރި ފަރާތްތަކުގެ އަޑު އަބަދުވެސް އިވެމުންދާނެ. އެއީ، އެކަން ހިނގާންވެސް ޖެހޭނެ ގޮތް. އެހެންނަމަވެސް، އެއްވެސް ކަމެއް މަތިކޮށް، ޖިނާއީ ހަރަކާތްތައް، ކުށްކުރުމުގެ، ކުށުގެ ތެރެއަށް ވަދެގަނެ، ތަންތަނަށް ގެއްލުންދީ، ތަކެތި ރޯކޮށް، މި ބާވަތުގެ ޢަމަލުތައް ކުރުމަކީ، އަޅުގަނޑަށް ފެންނަ ގޮތުގައި، އަޅުގަނޑުމެން ބިނާކުރަން މިއުޅޭ ރިވެތި ޑިމޮކްރަސީ ބިނާކުރުމަށް އެޅޭ ހުރަހެއް.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ހުރިހާ ފަރާތެއްގައިވެސް ދަންނަވާލަން ބޭނުން، މަގުމައްޗަށް ނުކުމެ އަޑު އުފުލުމަކީ ސަރުކާރު އަބަދުވެސް ތާއީދު ކުރާނެ ކަމެއް. އެހެންނަމަވެސް، އެހެން މީހުންނަށް ގެއްލުން ލިބި، އެހެން މީހުންނަށް އުނދަގޫވެ، އެކަމާހުރެ މުޅި މާލޭގެ އަމަން، ގެއްލިދާ ބާވަތުގެ ކަންކަން އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި އެއްވެސް މީހަކު، ރާއްޖޭގެ ގިނަ މީހުން ތާއީދު ކުރާނެ ކަމެއް ނޫން. އަޅުގަނޑަށް ޔަޤީން، އަޅުގަނޑު އުންމީދު ކުރަން، ވާދަވެރި ފަރާތްތަކުންވެސް ޤައުމީ މަޞްލަޙަތަށް ބައްލަވާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________