بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ނައިބު ރައީސް، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފު، ސަރުކާރުގެ ވަޒީރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހީވާގިކަމާއެކު އެކި ދާއިރާތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ މަސައްކަތްތެރިން، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު އަބަދުވެސް ދަންނަވަން، މިޤައުމު ޤައުމަކަށްވީ އަޅުގަނޑުމެންގެ ކާބަފައިން މަހަށް ފަރަށް ދިޔައިތީވެއޭ، ބޮލި ހިލީތީއޭ، ބޮނބި ތަޅާ ރޯނު ވެށީތީއޭ، އޮޑި ދޯނިފަހަރު ބަނދެ، ކުފްރާ ހަދާ، އަދި ފަހުން އައިސް ރިސޯޓު ފަހަރުހަދާ، މިރާއްޖެ ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގައި އަވަދިނެތި އުޅުއްވީތީއޭ. އަޅުގަނޑުމެންގެ ރާއްޖެ، ރާއްޖެ ރާއްޖެއަކަށް ވެފައި މިއޮތީ، ހަމައެކަނި ފަނޑިޔާރުން، ފަނޑިޔާރުކަން ކުރީތީއެއް ނޫން. ހަމައެކަނި ވެރިން، ވެރިކަން ކުރީތީއެއް ނޫން. އެހެނަސް، އަދި ވަކިން ޙާއްސަކޮށް، މަސައްކަތްތެރިން ވަރަށް ފަރުވާތެރިކަމާއެކޔ ވަރަށް ޒަމާންވަންދެން މަސައްކަތްކުރީތީ. އަޅުގަނޑު އަބަދުވެސް ދަންނަވާހެން، ބޮލިހިލާ ހެދީތީވެ، މަހަށް ފަރަށް ދިޔައީތީވެ، ރޯނުވަށައި ހެދީތީވެ.

ރައްޔިތެއްގެ ހާލަތު ބަދަލުވުމަށް، ތާހިރު ރަނގަޅު ދިރިއުޅުމެއް އަޅުގަނޑުމެން އެންމެންނަށްމެ ލިބުމަށް، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީވެ ދިޔުމަށް، ވަކި ޚާއްޞަ ކަންކަމެއް ވަކި އިރެއްގައި އެބަކުރާންޖެހޭ.

މިއަދަކީ، މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް. ދިވެހިރާއްޖޭގައި މިދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަކުރާ މިއީ، ފުރަތަމަ ފަހަރު. ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، މަސައްކަތްތެރީންގެ ޙައްޤުތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކުރެވި، ކަނޑައެޅިފައި އޮންނަ ރަނގަޅު އުޞޫލުތަކެއްގެ ތެރެއިން އެ ދެފަރާތަށްވެސް މަސައްކަތުގެ މާޙައުލުގައި ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ހޯދައިދިނުން.

މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.

ދިވެހިރާއްޖެ މިވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ފަޤީރު ޤައުމުތަކުގެ ލިސްޓުން އުނިކުރެވިފައި. މިއަހަރުގެ ޖަނަވަރީމަހުން ފެށިގެން ރާއްޖެއަކީ، މެދު އާމްދަނީއެއް ލިބޭ ޤައުމެއް. އަދުގެ ރާއްޖެއަކީ، ފުރިހަމަ ތަރައްޤީގެ ފޮނިމޭވާއާއި، ހާސްކަމެއްނެތް ދިރިއުޅުން ހޯދުމަށްޓަކައި، ތަރައްޤީވެފައިވާ ޤައުމެއްގެ ސިފަތައް ލިބިގަންނާން ޖެހިފައިވާ ރާއްޖެއެއް.

ތަހުޒީބު ޤައުމެއްގައި އެކުލެވެންޖެހޭ، ސިޔާސީ، އަދި އިޖްތިމާޢީ އަސާސްތައް މިރާއްޖެ މިދަނީ ބަލައިގަންނަމުން. މިއަދުގެ ދިވެހި ދުސްތޫރީ ހުކޫމަތުގެ އަސާސްތަކަކީ، ޒަމާނީ އަސާސްތަކެއް. ޑިމޮކްރަސީގެ ސިފަތައް އެކުލެވޭ ރަނގަޅު އަސާސްތަކެއް. ވެރިކަމުގެ ބާރުތައް މިވަނީ ވަކިކުރެވިފައި. ދުނިޔެ ޤަބޫލުކުރާ އަސާސީ ޙައްޤުތައް މިއަދުގެ ދިވެހިން މިވަނީ ހޯދާފައި. މިރާއްޖޭގެ ސިޔާސީ ނިޒާމު މިވަނީ ފައްކާވާން ފަށާފައި.

ދިވެހި ސިޔާސީ ނިޒާމަށް ބަދަލުގެނައުމުގެ ބޭނުމަކީ، ހަމައެކަނި، ނިމިއެދިޔަ ޚުދުމުޚުުތާރު ވެރިކަން ނިމުމަކަށް ގެނައުމެއްނޫން. އެންމެ ބޮޑު އެއް ބޭނުމަކީ، އެ ނިޒާމު މެދުވެރިކޮށްގެން، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ، މާލީ އަދި އިޤްތިޞާދީ ބަދަލުތައް ގެނައުން.

ރާއްޖޭގެ އިޤްތިޞާދަށް ގެންނާންޖެހޭ ބަދަލު ގެނައުން ޚާއްޞަކުރެވެން ޖެހެނީ، ފައިސާގެ އަގު ކަނޑައެޅުމަށް ގެންގުޅޭ އުސޫލަށް ބަދަލުގެނައުމާއި، ދައުލަތަށް އާމްދަނީ ހޯދޭ ހަމަތައް ބަދަލުކުރުމާއި، އަދި ހަމއެހެންމެ، ރާއްޖޭގައި މަސައްކަތްކޮށްދެވޭނެ އަގު ކަނޑައެޅުމަށް އުސޫލުތަކެއް އެކުލަވާލުމުގެ ބޮޑު ބަދަލަށް.

އެމީހަކު ކުރާ މަސައްކަތަކަށް ޙައްޤުވާ، އެ އާމްދަނީއެއްގެ މައްޗަށް ބިނާވެގެން ތާހިރު ދިރިއުޅުމެއް އުޅެވޭނެ އެންމެ ކުޑަ މިންވަރުގެ އުޖޫރައެއް، ކަނޑައެޅިފައި އޮތުމަކީ، އެހާމެ ބޭނުންތެރިކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ، މިނިމަމް ވޭޖެއް ނުވަތަ އެންމެ ކުޑަ މިންވަރުގެ އުޖޫރައެއް މިއަހަރުގެ ތެރޭގައި ކަނޑައެޅިގެން ދިއުން. މި ސަރުކާރު އުފެދިގެން އައީ އުންމީދުތަކާއެކުގައި. ދިވެހި ރައްޔިތުންނަށް ޤަދަރުވެރި ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި.

މިއަދު ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަނެއްކާވެސް ދަންނަވާލަން ބޭނުންވަނީ، ޤައުމު މިއޮތީ ހަމަ މިޞްރާބުގައޭ. ސަރުކާރުގެ ޕްރޮގްރާމްތައް މިދަނީ ހިނގަމުން. އަލުން ދިރުމަށް، ފުރަތަމަ ވާންޖެހެނީ މަރު. ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް ގެންނާން ޖެހިފައިވާ ބަދަލުތަކަކީ ކުޑަ ބަދަލުތަކެއްނޫން.

ޤައުމުތަކުގެ މާލީ ކަންކަމަށް ބަދަލު ގެނައުމަށް ގިނަ ސިޔާސީ ވެރިން ޖެހިލުންވާކަމީ، ދުނިޔޭގެ ވެރިކަމުގެ ތާރީޚުގައި ސާދާކޮށް ފެންނާން އޮތް ޙަޤީޤަތެއް. ގިނަ ސިޔާސީ ވެރިންނަށް، ޤައުމުގެ ފައިސާއާ ގުޅޭގޮތުން ބަދަލުގެނައުމާއި، މުސާރައިގެ މިންގަނޑުތަކަށް ބަދަލުގެނައުމާއި، ޓެކްސް ނެގޭ ގޮތަށް ބަދަލު ގެނައުންފަދަ ކަންކަން ކުރާން ނުކެރި، ފިނޑިވެފައި ތިބޭންޖެހެނީ، ބާރުގަދަ މަދު މީސްކޮޅެއްގެ ފިއްތުންތަކަށް ދީލާލަން ޖެހޭކަމުން. އެހެންނަމަވެސް، ތިޔަބޭފުޅުން އިންތިޚާބުކޮށްފައި މިއަދު މިވަނީ އެފަދަ ވެރިއެއް ނޫންކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް އަރުވަން.

މިއަދުގެ ސަރުކާރުން ކުރާނީ ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފައިދާ ހުރިކަންކަން. ސިޔާސީ ފުރުސަތަކަށްޓަކައި އަޅުގަނޑުމެންގެ އިޤްތިޞާދާއި، އެ އިޤްތިޞާދާ ގުޅިފައިވާ އެތައް ޢާއިލާއެއްގެ ހާލަތު، އެތައް ޒަމާނެއް ވާންދެން ހަމަ އިހުވެސް އޮތް ގޮތުގައި، އޮތް މިންވަރުގައި ބޭއްވުމުގެ ވަރިހަމަކަމަކީ، މި ސަރުކާރުގެ އުސޫލެއް ނޫން. މި ސަރުކާރު އުފެދިފައިމިވަނީ ރައްޔިތުންނަށްޓަކައި. މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހެވާއި ލާބައަށް.

ދިވެހީން ބޭރުފައިސާ ބޭނުންވަނީ، ދިވެހީން ބޭނުންކުރާ ވަރަށް ގިނަ ތަކެއްޗާއި ޚިދުމަތްތަކަކީ ބޭރުން ހޯދާ ކަންކަމަށް ވުމުން. ޤައުމުގެ އިޤްތިޞާދު، ތަރައްޤީގެ މިޞްްރާބަށް ބަދަލުކުރުމުގައި ކޮންމެހެން ބޭނުން އެއްކަމަކީ، ބާޒާރުގައި ހުރި ތަކެތީގެ ހަމަ އަގަކީ ކޮބައިތޯ ދެނެގަތުން. ބޭރު ފައިސާއިން އަގު ދެއްކި މުދަލެއްގެ އަގު ދެނެގަތުމަށް، އަގު ދެއްކުމަށް ބޭނުންކުރި ފައިސާގެ އަގު ކޮންމެހެން ކަށަވަރުވާންޖެހޭ. އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ކޮންމެ ޑޮލަރަކީ 12 ރުފިޔާ 85 ލާރި ކަމަށް ކަނޑައެޅިފައި އެވަނީ، މި ދެފައިސާގެ ވިޔަފާރީގެ މުޢާމަލާތުން ކަނޑައެޅި އެޅުމެއްގެ ގޮތުގައެއް ނޫން. އެއީ، 2001 ވަނަ އަހަރުން ފެށިގެން ވަކި އުސޫލެއް ނެތި ހިފެހެއްޓިފައި އޮތް ހިފެހެއްޓުމެއް. އެހެންކަމުން، ދިވެހި ފައިސާގެ ހަމަ އަގު ހޯދުމަށްޓަކައި، ސަރުކާރުން މިވަނީ ބޭރުފައިސާގެ މުޢާމަލާތްތަކަށް އިތުރު ހުޅުވާލުމެއް ގެނެސްފައި. ފައިސާގެ އަގަށް އެވަނީ ވަކި ބޭންޑެއްގެ ތެރޭގައި ބަދަލުވެވޭނެ ޖާގަ ދެވިފައި.

މިހިނދަށް ފެނިގެން މިދާ އެއް ޙަޤީޤަތަކީ، ޑޮލަރުގެ އަގު ކުރީގައި ކަނޑައެޅިފައިވާ މިންވަރަށްވުރެން ބޮޑުކަން. ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ބާޒާރުގެ އަގުތައް މިވަނީ ކޮންމެވެސް މިންވަރަކަށް އުފުލިފައި. އެހެންނަމަވެސް، ޑޮލަރުގެ އަގު އައިސް ހުއްޓޭނެ ތަނެއް އަދި ކަށަވަރެއް ނުވޭ. ބޭންކުތަކުން ބޭރު ފައިސާ ގަނެ ވިއްކާ މިންވަރަށް ބަލާއިރު، ނިމި މިދިޔަ ހަފްތާ، އެއީ ބޭންކުތަކަށް ރަނގަޅު ހަފްތާއެއް. ވިޔަފާރިވެރިން، ބޭންކްތަކަށް ބޭރު ފައިސާ ވިއްކާ މިންވަރު އަންނަނީ އިތުރުވަމުން.

ސަރުކާރުގެ އަމާޒަކީ، މުދަލާ ޚިދުމަތުގެ އަގު ތިރި ކުރުން. އާދިރުމެއް މިލިބެނީ މިލުމަކަށްފަހު.

މާލީ ނިޒާމަށް މިގެނެވޭ ބަދަލުގެ ސަބަބުން، ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި، ސަރުކާރަށް ބޭނުން ކުރެވޭނެ ވަސީލަތްތައް އިތުރުވެގެން ހިނގައްޖެ. ދިވެހި ރުފިޔާގެ އަގު މައްޗަށް ގެންގޮސްފިނަމަ ތަކެތީގެ އަގު ތިރިވާނެކަން މިދަނީ ސާފުވަމުން. ރުފިޔާގެ ހަމަ އަގު ފާހަގަވަމުން. ރުފިޔާގެ އަގު މަތިކުރުމަށްޓަކައި، ކަންކުރާންވީ ގޮތް ފެންނާން އެބަ އޮތް. އެއްގޮތަކީ ރުފިޔާ މަދުކުރުން ނުވަތަ ބޭރުފައިސާ އިތުރުކުރުން. ޑެފިސިޓް ކުޑަކޮށްފިނަމަ، ރުފިޔާ މަދުކުރެވޭނެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ ބަޖަޓުގެ އަދަދު ކުޑަކުރުން. ޚަރަދު ކުރާ މިންވަރު މަދުކުރުން.

ސަރުކާރުން ކުރާ ޚަރަދު ކުޑަކޮށްފިނަމަ އެކަމުގެ އަސަރު ކުރާނެ ފަރާތްތައް މަދެއްނުވާނެ. ތަރައްޤީއަށް އެޅޭ ހުރަސް ކުޑައެއްވެސް ނުވާނެ. އެހެންކަމުން، އެމަގަށް ދިއުމަކަށް ސަރުކާރުން އަދި ގަސްތެއްނުކުރޭ.

ތަކެތީގެ އަގުތިރިކުރުމަށް، ރާއްޖެއަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރެވިދާނެ. މިފަދަ މަސައްކަތެއްގެ ނަތީޖާ ފެނުމަށް ދުވަސްކޮޅެއް ނަގާނެކަން އެއީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. ބޭރުފައިސާ ލިބެން މިއޮތީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ދެ ޞިނާޢަތް ކަމަށްވާ، ޓުއަރިޒަމާއި މަސްވެރިކަމުގެ ވިޔަފާރިން. މި ދެ ޞިނާޢަތްވެސް އެގެންދަނީ ވިހި ފަނަރަ އިންސައްތައިގެ ކުރިއެރުން ހޯދަމުން. ރުފިޔާގެ އަގު ވެއްޓުނު މިންވަރަށް، ޑޮލަރު ވަންނާނެތަނވެސް އަޅުގަނޑަށް ވަރަށް ސާފުކޮށް ފެނޭ.

ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމު ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ބިންގާ މިހާރު މިވަނީ އެޅިފައި. ދައުލަތުގެ ދަރަނި، ނުވަތަ ޑެފިސިޓް، ކުޑަކުރުމަށްޓަކައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރެވި، ބައެއް މަސައްކަތްތައް މިވަނީ ކޯޕްރަޓައިޒް ކުރެވިފައި. ދިވެހި ރުފިޔާ ޗާޕްކުރުން މިވަނީ މުޅިން ހުއްޓާލާފައި. ޓެކްސް ނެގުމުގެ އިދާރީ ބިލް ފާސްކޮށް، ޓެކްސް ނަގާނެ އިދާރާއެއްވަނީ ޤާއިމުކުރެވިފައި. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޓެކްސް، ނުވަތަ ޓުއަރިޒަމް ޖީ.އެސް.ޓީ ޤާނޫނު ފާސްކޮށް، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިވަނީ އެއިން ދައުލަތައް އާމްދަނީ ލިބެން ފަށާފައި. ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ޤާނޫނު ފާސްވެ، ފަސް ލައްކައަށްވުރެ ގިނައިން ފައިދާވާ ކުންފުނިތަކުން، މިއަހަރުގެ ޖުލައި މަހުން ފެށިގެން އެ ޓެކްސް ނަގަން ފެށޭނެ.

އަޅުގަނޑުމެންގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް ގެންނަމުން މިގެންދާ ބަދަލުތަކުގެ އެންމެފަހުގެ މަސައްކަތް، މި މެއި މަހުގެ ނިޔަލަށް ނިންމުމަކީ، ސަރުކާރުގެ އަމާޒު. އިތުރަށް ކުރާން ހުރި ކަންކަން ވެގެންދާނީ، ބާޒާރުގައި ހުރި މުދަލަށްވެސް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަންކަމަށް. 2012 ވަނަ އަހަރު ފެށޭއިރު، ބާޒާރުގައި ހުރި މުދަލުގެ ވަރަށް ގިނަ ބާވަތްތަކަކީ، ޑިއުޓީ ނުނެގޭ ތަކެތި ކަމުގައި ހަމަޖެއްސުމަށް، ޑިއުޓީއަށް ބަދަލު ގެނައުމަށް އިރާދަކުރެއްވިއްޔާ މި ޖޫން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ. ސަރުކާރުން ދެކެނީ ޑިއުޓީ ކަނޑާލުމުން، ތަކެތީގެ އަގު ވިހި ފަނަރަ އިންސައްތައިން ދަށްވެގެން ދާނެކަމަށް.

މިހިނގާ 2011 ވަނަ އަހަރު ސަރުކާރުގެ ބަޖެޓް އަންދާޒާއަކީ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ. އަޅުގަނޑުމެންގެ މާލީ ނިޒާމަށް މިހާރު މިގެނެވޭ ބަދަލަކީ، އިމްޕޯޓް ޑިއުޓީއަށް ބަރޯސާވުމުގެ ބަދަލުގައި ދުނިޔޭގެ އެހެންވެސް ކުރިއަރައި ތަހުޒީބީ ވެފައިވާ ޤައުމުތަކުގައި އޮންނަގޮތަށް އަޅުގަނޑުމެންގެ ޓެކްސް ނެގުމުގެ ނިޒާމު ބައްޓަންކުރުން.

ރައްޔިތުންގެ އަތުން ނުސީދާގޮތުގައި މި ނެގޭ އިމްޕޯޓް ޑިއުޓީ ކަނޑާލުމާއެކުގައި، މިހާރު ފަތުރުވެރިކަމުން މި ނެގޭ ޖީއެސްޓީ 3.5 އިންސައްތައިން، 5 އިންސައްތައަށް އިތުރުކުރުން. އަދި އެހެން ވިޔަފާރިތަކުންވެސް 3 އިންސައްތައިގެ ޖީއެސްޓީއެއް ނެގުމަށްވަނީ ނިންމާފައި. މިކަންކުރުމަށް ބޭނުންވާ ބިލް، އިމްޕޯޓް ޑިއުޓީގެ ބިލާއެކު މަޖިލީހަށް ހުށަހެޅޭނެ.

އަދި މީގެ އިތުރުން ސަރުކާރުން މިވަނީ އިންކަމް ޓެކްސްއެއް ތަޢާރުފުކުރުމަށް ނިންމާފައި. އެއީ، ވަކި ވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނެގޭ ޓެކްސްއެއް. ސަރުކާރުން ގަސްތުކުރަނީ، އެ މިންގަނޑަކީ މަހަކު ތިރީސް ހާސް ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭފަރާތްތައް ކަމުގައި ހަމަޖެއްސުން. މިގެނެވޭ ބަދަލުގެ ސަބަބުން، ދައުލަތަށް އާމްދަނީ ލިބޭ މަގުތައް އެއީ، ދެމެހެއްޓެނިވި އާމްދަނީއެއް ފޯރުކޮށްދޭ މަގުތަކަކަށް ބަދަލުވެގެން ދާނެކަމީ އަޅުގަނޑު ޝައްކުކުރާނެ ކަމެއް ނޫން.

މާލީ އަދި އިޤްތިޞާދީ ނިޒާމު ހަރުދަނާކުރުމަށް، ސަރުކާރުން ކުރިއަށް މިގެންދާ މަސައްކަތްތަކުގެ ސަބަބުން، ވަޒީފާގެ ބާޒާރަށް ހެޔޮ ބަދަލު އަންނާނެ.

ރާއްޖޭގައި ހިންގާ ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން، އެންމެ ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރާ ޞިނާޢަތަކީ، މަސްވެރިކަން. އެއަށްފަހުގައި ފަތުރުވެރިކަން.

މަސްވެރިކަމަކީވެސް، އަދި ފަތުރުވެރިކަމަކީވެސް ބޭރު ފައިސާ ވަންނަ ވިޔަފާރިތައް. ބޭރު ފައިސާގެ ހަމަ އަގު ކަނޑައެޅިފައި ނެތުމުން، އެންމެ ބޮޑު ގެއްލުމަކާއި ބޭއިންސާފެއް ރައްދުވަނީ، މި ދެ ޞިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް. ރާއްޖޭގެ ގިނަ މަސައްކަތްތެރިންނަށް. ޑޮލަރުގެ އަގު ބޮޑުވުމުން، މަސްވެރިންނާއި އަދި ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންގެ އާމްދަނީ އެތައް ތަނަކުން ބޮޑުވެގެން ހިނގައްޖެ. މިއަދު ރާއްޖޭގެ މަސްވެރިން ބާނާ މަހަށް އެލިބެނީ، ދުވަހަކުވެސް އަޅުގަނޑުމެންގެ މަސްވެރިއެއް ހީކޮށްފައިވާނެ އަގެއް ނޫން. މިއަދު ރޯމަސް ކިލޯއަކަށް ސޯޅަ ރުފިޔާ ބައި އެބަ ލިބޭ.

ރާއްޖޭގައި ހިންގާ މަސައްކަތްތަކުގެ ތެރެއިން، ވަރަށް ގިނަ އަދަދެއްގެ މަސައްކަތްކުރަނީ ބޭރު މީހުން. މީހުންނަށް މަސައްކަތް ދޭ ފަރާތްތަކުން، ބޭރު މީހުން ގެންގުޅޭ އެންމެ ބޮޑު އެއް ސަބަބަކީ، ބޭރު މީހުން މަސައްކަތްކޮށްދޭ އަގު ހެޔޮކަމުން.

މިރާއްޖޭގައި ކުރާ މަސައްކަތުން މިރާއްޖޭގައި އުޅޭ ބާވަތުގެ އާދައިގެ ދިރިއުޅުމެއް އުޅެވެންޖެހޭނެ. މަސައްކަތްކޮށްދޭ އެންމެ ހެޔޮ އަގު ކަނޑައެޅުމުން، މަސައްކަތުގެ އަގަކީ މިރާއްޖޭގެ ރައްޔިތުންނަށް މަސައްކަތްކޮށްދެވެން އޮތް އަގަށް ބަދަލުވާނެ. ބޭރު މީހުން ކުރާ މަސައްކަތަށްވެސް، މިއަގު ދައްކަންޖެހުމުން، އެމީހުންގެ މަސައްކަތުގެ އަގު ވަކި ތަނަކުން ހެޔޮވެގެނެއް ނުދާނެ. ދިވެހިންނަށްވެސް، މަސައްކަތުގެ ފުރުޞަތު އިތުރުވާނެ.

މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބޭނުންތެރިކަން ބޮޑުކަމީ، މި ސަރުކާރު ބަލައިގަންނަ ޙަޤީޤަތެއް. ހަމަ އެހެންމެ، ވަޒީފާ ދޭފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރި ނުކުރެވިއްޖެނަމަ، ކުރާނެ މަސައްކަތް މަދުވާނެ. ވިޔަފާރީގެ ފައިދާ ނުނެރެވޭނަމަ، ވިޔަފާރިއެއް ނުހިނގާނެ. މަސައްކަތުގެ އަގު ބޮޑުވުމުގެ ސަބަބުން ފައިދާ ނުވާވަރު ވެގެނެއްނުވާނެ. މިއަދު ރާއްޖޭގައި، ޤާއިމުކުރެވިފައި މިވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި، އެމްޕްލޯއިމަންޓް ޓްރައިބިއުނަލްއާއި އަދި ހަޅުތާލު ކުރުމާ ގުޅޭގޮތުން އެކަލަވާލެވިފައި މިވާ އުސލުތަކުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެ އުސޫލުތައް މެދުވެރިކޮށްގެން، މަސައްކަތުގެ އަގު ކަނޑައެޅޭ ހަމަތައް ހޯދުން.

މަސައްކަތްތެރިން ކުރާ މަސައްކަތުގެ އަގު މި ސަރުކާރުން އަބަދުވެސް ވަޒަންކުރާނެ. އަޅުގަނޑު މިއަދު އެ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ރާއްޖޭގެ އެންމެހާ މަސައްކަތްތެރިންނަށް އަޅުގަނޑު އެދެނީ، އަދަށްވުރެން އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އެންމެ ބޭފުޅުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم
 

______________________