بســم اللّـه الرّحمـن الرّحيــم


السّـلام عليـكم


މިއަދަކީ 29 އޭޕްރިލް 2011 ވީ ހުކުރު ދުވަސް. މިފެށޭ މެއި މަހުގެ 1 ވަނަ ދުވަހަކީ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް. ރާއްޖޭގައިވެސް މި ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޕްރޮގްރާމްތަކެއް ދަނީ ރޭވެމުން.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ރަސްމީ ބަންދު ދުވަހެއް. އެހެންކަމުން، މިއަހަރުން ފެށިގެން ދިވެހިރާއްޖޭގައިވެސް އެދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި މިހާރު މިވަނީ ހަމަޖެހިފައި.

ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތަކީ، މަސައްކަތްތެރީންގެ ޙައްޤުތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތް ކުރެވި، ކަނޑައެޅިފައި އޮންނަ ރަނގަޅު އުޞޫލުތަކެއްގެ ތެރެއިން އެ ދެފަރާތަށްވެސް މަސައްކަތުގެ މާޙައުލުގައި ހަރަކާތްތެރިވެވޭނެ ގޮތްތަކެއް ހޯދައިދިނުން. އަދި އެފަދަ ކަންކަމުގެ މަޢުލޫމާތު، ވީ އެންމެ ފުޅާދާއިރާއެއްގައި އެފަދަފަރާތަށް ފޯރުކޮށްދިނުން. އެހެންކަމުން، އެފަދަ ކަންކަމުގެ މަޢުލޫމާތު ދިނުމުގެ ވަރކްޝޮޕެއް، ހިއުމަން ރިސޯސަސް މިނިސްޓްރީން އެދުވަހު ދަރުބާރުގޭގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައި. އެ ވަރކްޝޮޕްގައި މަސައްކަތްތެރިންނާ ގުޅުންހުރި ތަފާތު ޤާނޫނުތަކާއި، ބިލްތަކާއި، ވަޒީފާގެ ބާޒާރާބެހޭ މަޢްލޫމާތާއި، ރާއްޖެއިން ތަޞްދީޤުކުރުމަށް ނިންމާފައިވާ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ)ގެ މުޢާހަދާތަކާބެހޭ މަޢުލޫމާތާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި، ލޭބަރ ޓްރައިބިއުނަލާބެހޭ މަޢްލޫމާތު ދެވޭނެ. އަދި މަސައްކަތްތެރިކަމާ ގުޅޭގޮތުން ސްކޫލް ކުދިންނަށް ހުޅުވާލި ޕޯސްޓަރ ކުރެހުމުގެ އެގްޒިބިޝަނެއްވެސް ދައްކާލުމަށްވަނީ ހަމަޖެހިފައި.

ތޫނު ހަތިޔާރާއި، އެހެނިހެން ތަކެތި ބޭނުންކޮށްގެން، މާލެއާއި އަތޮޅުތަކުގައި ހިންގަމުން ގެންދާ ނުރައްކާތެރި މާރާމާރީއާއި، ގޭންގުތަކުގެ ޙަރަކާތްތައް ހުއްޓުމަކަށް ގެނައުމުގައި، ދައުލަތުގެ 3 ބާރާއި، ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިގެން މަސައްކަތްތައް ގެންދިޔުމަށް އުފައްދާފައިވާ ކްރައިމް ޕްރިވެންޝަން ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ ޕްރޮގްރާމެއް ރޭ، ވާނީ ޓީވީން ދައްކާފައި. މި ފުރުޞަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، ދައުލަތުގެ ތިން ބާރު ގުޅިގެން މި ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގެން، މި ކަމުގައި އެއްބާރުލުން ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

ޞިއްޙީ ޚިދްމަތްތައް ރަނގަޅު ފެންވަރެއްގައި ވިޔަފާރި ފޫބެއްދޭ އުސޫލުން ދިނުމަށް އުފެއްދި މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަނަށް 1 އަހަރު ފުރުމާ ގުޅިގެން، އެކަން ފާހަގަކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް އެކުންފުނިން ރާއްވަވަމުން އެބަ ގެންދަވާ. ކުންފުނި ރަޖިސްޓަރީ ކުރެވިފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު. އެހެންކަމުން، އެ ކުންފުންޏަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި، ކުންފުނީގެ ޗެއަރމަނަށާއި، މެނެޖިންގ ޑިރެކްޓަރަށާއި، ބޯޑުގެ އެހެން މެންބަރުންނަށާއި، ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. ސަރުކާރުން މި ކުންފުނި އުފެއްދި މަޤްޞަދުތައް ޙާޞިލް ކުރުމުގެ މަސައްކަތް ރަނގަޅު މަގަށް އެޅެމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. އަދި އެ ކުންފުނީގެ ދަށުން ހިނގަމުންދާ ޞިއްޙީ ޚިދްމަތްދޭ ތަންތަން ކުރިއެރުވުމަށް ތަފާތު އެކި ފިޔަވަޅުތައް ކުންފުނިންވަނީ އަޅާފައި. އަދި ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި، ކޯޕަރޭޝަންގެ ޚިދްމަތްތައް ވަރަށް ބޮޑަށް ހަރުދަނާ ކުރެއްވުމުގެ މަސައްކަތްތައް، އެ ކުންފުނިން މިހާރު ކުރައްވަމުން ގެންދަވާކަންވެސް އަޅުގަނޑު ފާހަގަކޮށްލަން.

މިއަދަކީ، އިނގިރޭސި ވަލީ ޢަހުދު ޕްރިންސް ޗާރލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމާއި، އިނގިރޭސި ޖިންސުއްލަޠީފެއް ކަމުގައިވާ ކެތަރީން މިޑްލްޓަންގެ އުފާވެރި ކައިވެނީގެ ކުލަގަދަ ރަސްމިއްޔާތު، ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައި ބޭއްވޭ ދުވަސް. މި މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި އަދި އަޅުގަނޑުގެ އަންހެނުންނާއި އަޅުގަނޑުގެ ނަމުގައި އެދެކަނބަލުންނަށް ވަރަށްވެސް މަތިވެރި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި އިނގިރޭސި ރާނީ އިލިޒަބަތު ދެވަނައަށާއި، އެކަމަނާގެ ފިރިކަލުން ޑިޔުކް އޮފް އެޑިންބަރާއަށާއި، ޝާހީ ޢާއިލާގެ ހުރިހާ ބޭފުޅުންނަށް، މި މުނާސަބަތުގެ އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރަން. އަޅުގަނޑު އެދެނީ، ކެތަރީން މިޑްލްޓަނަށާއި ޕްރިންސް ވިލިއަމަށް އުފާވެރި ބާއްޖަވެރި މުސްތަޤްބަލަކަށް.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެތެރޭގެ އިންތިޚާބުގައި މާދަމާ އަޅުގަނޑެކޭ އެއްފަދައިން، ޕާޓީގެ ހުރިހާ މެންބަރުންވެސް ވޯޓް ދެއްވުމަށް ދަންނަވާލަން. އެމް.ޑީ.ޕީ.ގެ ރައީސްކަމާއި، ނައިބު ރައީސްކަމާއި، ޗެއަރޕަރސަންގެ އިދާރީ އަދި މާލީ ނައިބުން ކަމަށް އަދި ދާއިރާތަކުގެ ރައީސުންނާއި ވެރިންގެ ގޮތުގައި ހޮވިގެންދާނެ ބޭފުޅުންނަށް އަޅުގަނޑު ކުރީބައިގައި ތަހުނިޔާ ދަންނަވަން. އެމް.ޑީ.ޕީ.ގެ ވަރުގަދަ އެކިއެކި ބޭފުޅުން ވަރަށްވެސް ވާދަވެރި ކެމްޕޭންތައް ކުރައްވައި، އައުލާ މަސައްކަތްތަކެއްވަނީ ހާމަކުރައްވާފައި. ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ހުންނަންވާނެ އުޞޫލުތަކާއި ހަމަތަކާއި ގަވާއިދުތަކުގެ އިތުރުން، މިފަދަ ކަންކަމުގެ ފޯރިއާއި ޖޯޝް، އެބޭފުޅުން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވައިފި. އެމް.ޑީ.ޕީ.ގެ މި އިންތިޚާބަކީ ވާދަވެރި ސިޔާސީ ޕާޓީތަކުން އެކި ރިވެތި މިސާލާއި ފިލާވަޅުތައް ދެނެވަޑައިގަންނަވާނެ ޙަރަކާތަކަށް ވެގެންދާތީ، އަޅުގަނޑު ވަރަށް އުފާވޭ. މި މަސައްކަތް ޕާޓީގެ ޗެއަރޕާސަނާއި، ޕާޓީގެ ޤައުމީ މަޖިލިސްގެ އެންމެ މެންބަރުން ގެންދަވާ ފުރިހަމަކަމަށްޓަކައި، އަޅުގަނޑު އެ އެންމެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________