بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފް.ގެ އޮފިސަރުންނާއި، އެހެނިހެން ރޭންކްތަކުގެ ބޭފުޅުން، އަދި މިޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّـلام عليـكم

ދިވެހި ސިފައިންގެ 119 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ މިބޭއްވޭ އުފާވެރި ޖަލްސާގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، އަދި އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލަކީ، ސިފައިންގެ ހުރިހާ އޮފިސަރުންނަށާއި، ސިފައިންގެ އެކި ފަންތީގައި ތިއްބެވި ބޭފުޅުންނަށް، ސިފައިންގެ އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވައި، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުވުން. މި ތަހުނިޔާގައި ސިފައިންގެ ޢާއިލާތަކުގެ ހުރިހާ މެންބަރުންވެސް އަޅުގަނޑު ހިމަނަން.

ދިވެހި ސިފައިން އުފެދުނުތާ މިއަދު 119 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ދިވެހި ޤައުމީ ޙަޔާތުގައި ދިވެހި ސިފައިން އަދާކުރައްވާފައިވާ މުހިންމު ދައުރަކީ، ދިވެހި ޤައުމު ފަޚްރުވެރިވާފަދަ ދައުރެއް. ދިވެހި ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށް، ޤައުމު ޙިމާޔަތް ކުރުމަށް ދިވެހި ސިފައިން ކުރައްވާފައިވާ މަސައްކަތްތަކަކީ، ދިވެހި ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ މަސައްކަތްތަކެއް. ދައުލަތަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި، ދިވެހި ސިފައިން ދައްކަވާފައިވަނީ، ވަރަށް ރީތި ނަމޫނާއެއް. އެ ނަމޫނާއަކީ، ޤައުމާއި ރައްޔިތުންގެ ދިފާޢުގައި، ދިވެހި ސިފައިން އެންމެކުރީ ސަފުގައި، ސާބިތުކަމާއެކު އަބަދުވެސް ދެމިތިއްބަވާކަމުގެ ނަމޫނާ.

ސިފައިންގެ 119 އަހަރުވީ ދިގު ތާރީޚުގެ މާޒީގައި، ކިތަންމެ ކިތަންމެ ކަންތައްތަކެއްވަނީ ހިނގާފައި. ޤައުމުގެ ދިފާޢުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ސިފައިން ވެފައިވާ ޤުރްބާނީތަކުގެ މަތިން މިއަދު އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. އަދި ރާއްޖޭގެ ކޮންމެ ރަސްކަލަކުވެސް، ކޮންމެ ވެރިއަކުވެސް ރާއްޖޭގެ ދިފާޢަށްޓަކައި ރާއްޖޭގެ ޢަސްކަރީ ބާރު ވަރުގަދަ ކުރެއްވުމަށް، އެއިރެއްގައި ކުރައްވަންޖެހުނު ކޮންމެ ކަމެއް ގެންދެވީ ކުރައްވަމުން. އެހެންކަމުން، އެބޭފުޅުންގެ ޒިކުރާ އާކޮށް، އެބޭފުޅުންނަށް ޙައްޤުވެގެންވާ ޝުކުރާއި ތަޢުރީފް އަދާކުރުމަކީ، މިއަދު ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިޘިއްޔަތުން އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. އަދި ދިވެހި ސިފައިންގެ އިސްވެރިންގެ ގޮތުގައި، ސިފައިންގެއަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ދެ ބޭފުޅަކަށް މިރޭ ޝަރަފްގެ ހަނދާން އެރުވުމަކީވެސް އަޅުގަނޑަށް ލިބުނު ވަރަށް ޚާއްޞަ އުފަލެއް. ސިފައިންގެ ޚިދްމަތްތައް ތަރައްޤީވެ، މިއަދު އަޅުގަނޑުމެން މިދެކޭ ފެންވަރާ ހަމައަށް އައުމުގައި، މި ދެބޭފުޅުންގެ ޙިއްޞާ ވަރަށްބޮޑުކަން މިރޭ އަޅުގަނޑުމެންނަށް ފެނިގެންދިޔަ އެބޭފުޅުންގެ ތަޢާރުފްތަކުން އެނގިގެން ހިނގައްޖެ. އެހެންކަމުން، އެ ދެ ބޭފުޅުންނަށް، އާދެ! ލެފްޓެނަންޓް ޖެނެރަލް ރިޓަޔަރޑް އަންބަރީ ޢަބްދުއްސައްތާރަށާއި، މޭޖަރ ޖެނެރަލް ރިޓަޔަރޑް މުޙަންމަދު ޒާހިރަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މިރޭ މެޑެލާއި ހަނދާނީ ފިލާ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ތަހުނިޔާ ދަންނަވަން.

މި ފުރުޞަތުގައި، މީގެކުރިން ޑިފެންސް މިނިސްޓަރ ކަމުގެ މަގާމު ފުރުއްވި އަމީން ފައިޞަލް، ސިފައިންގެ ކުރިއެރުމަށާއި ތަރައްޤީއަށް ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ މަތިން ހަނދާންކޮށް، އެމަނިކުފާނުގެ ނަންފުޅު ފާހަގަކުރަން. އަދި މިހާރު ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ ކަމުގެ މަގާމުގައި ހުންނަވައިގެން، އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްވެސް އަޅުގަނޑު ހަނދާންކޮށް ޝުކުރު ދަންނަވަން. އަދި އެ މަސައްކަތްޕުޅުތަކަށް ދިވެހި ސިފައިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުންވެސް އަޅުގަނޑު ފާހަގަކުރަން.

ދިވެހިރާއްޖޭގައި ސިފައިންގެ ޙަރަކާތްތައް ނުވަތަ ސިފައިންގެ ހެވިކަމުގެ އުކުޅުތައް ފެނިފައިނުވާ ދުވަސްވަރެއް ތާރީޚުގައި ފެންނާކަށް ނެތް. މިއަދު އަޅުގަނޑުމެން މިދެކޭ ސިފައިން އުފެދިގެން ދިޔައީ، އައްސުލްޠާން އިބްރާހީމް ނޫރައްދީން، ދިވެހި ތަޚްތުގައި ރެދަލިކުރެއްވި ދުވަސްވަރު، މާލޭގެ ޒުވާން ބޭފުޅުންކޮޅެއް ހެވިކަމުގެ ހުނަރުތައް ދަސްކުރެއްވުމަށްޓަކައި އާގަނޑުވަރަށް ވަޑައިގެން އުޅުއްވި އުޅުއްވުމުގެ ތެރޭގައި. އެހެންކަމުން، ރާއްޖޭގައި މިޒަމާނުގެ އުސޫލުން އުފެދުނު ސިފައިންގެ ވެރިކަމުގެ ޢިއްޒަތްތެރި މަގާމު އެންމެ ފުރަތަމަ ފުރުއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅަކީ، ނުވަތަ އޭރުގެ ދިވެހި ސިފައިންގެ ލަޝްކަރުގެ އެންމެ މަތީ ވެރިޔަކީ އައްސުލްޠާނު އިބްރާހީމް ނޫރައްދީން.

މިރޭ އަޅުގަނޑަށް ލިބުނު އަނެއް އުފަލަކީ، ސިފައިންގެ ތާރީޚު ފޮތް 1 [ޢަސްކަރީ ނިޒާމު ފެށުން] ނެރެދިނުން. ސިފައިންގެ ތާރީޚާބެހޭ މިފަދަ ފޮތްތައް ނެރުއްވުމަކީ، އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ތާރީޚަށް އެމް.އެން.ޑީ.އެފް. އިން ކުރައްވާ ވަރަށް އަގުބޮޑު ޚިދްމަތެއް. އަދި ސިފައިންގެ ތާރީޚު ދެމެހެއްޓެވުމަށް އެބޭފުޅުންގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިކަމުގެ ދަލީލެއް. އެހެންކަމުން، މިފަދަ ފޮތެއް އެކުލަވައިލައްވައި، އެފޮތް ނެރެދިނުމުގެ ޝަރަފް އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ސިފައިންގެ ހުރިހާ އޮފިސަރުންނަށާއި، ސިފައިންގެ އެކި ރޭންކްތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

2008 ނޮވެމްބަރު 11 ގައި ސަރުކާރު ހިންގުމާ އަޅުގަނޑު ޙަވާލުވުމަށްފަހު، ސަރުކާރުން އެންމެބޮޑު އިސްކަމެއް ދިން ކަންތައްތަކުގެ ތެރޭގައި، ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކޮށް، ދިވެހި ސިފައިންނަކީ ހެވިކަމުގެ ހުނަރާއި ޢިލްމު ފުރިހަމައަށް ލިބިގެންވާ ބަޔަކަށް ހެދުމުގެ މަސައްކަތް ހިމެނޭ. ސަރުކާރުގެ އަމާޒަކަށްވީ، ރާއްޖެއަށް މިގެނެވުނު ހެޔޮވެރިކަމުގެ ޑިމޮކްރެޓިކް ނިޒާމުގައި ސިފައިންގެ ޙިއްޞާ ވަރުގަދަކުރުން. ސިފައިންނަކީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންނާ އެކުގައި މަސައްކަތްކުރާ ބަޔަކަށް ހެދުން.

މިއަދުވެސް އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުން. ރާއްޖެ މިއަދު ދެކެމުންމިދާ ޑިމޮކްރެޓިކް ބަދަލުތަކުގެ ތެރެއިން، ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ މުހިންމު މުއައްސަސާއެއް. ޤައުމީ މަޞްލަޙަތު ހުރި ކަންކަމުގައި ވަކިފަރާތަކަށް ބެލުމެއްނެތި ޢަމަލު ކުރުމަށް އޮތް ބާރުގަދަ މުއައްސަސާއެއް. ސިޔާސީ ނުފޫޒާއި ވާދަވެރިކަމުން ދުރުހެލިވެފައިވާ މިނިވަން މުއައްސަސާއެއް.

ރާއްޖެއަކީ އަމާން ޤައުމަކަށް ހެދުމުގައިވެސް ސިފައިންގެ ދައުރަކީ، ވަރަށް މުހިންމު ދައުރެއް. މާލެއާއި އަތޮޅުތަކުގައި ހިންގަމުންގެންދާ އެކިއެކި ކުށްތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ ދާއިރާތައް ގުޅިގެން މުހިންމު މަސައްކަތްތަކެއް މިއަދު ދަނީ ކުރެވެމުން. އެފަދަ ކުށްތައް ހުއްޓުވައި، ދިވެހި ވެށްޓަކީ އަމާން ވެށްޓަކަށް ހެދުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވާޖިބެއް.

ސިފައިންގެ މިއަހަރުގެ ޝިޢާރުންވެސް ސަރުކާރުން ކުރައްވަމުން މިގެންދަވާ މަސައްކަތަށް ސިފައިން ދެއްވާ އެއްބާރުލެއްވުން ފާހަގަވެގެންދޭ. [ޖަމާޢަތުގެ ރައްކާތެރިކަން – ސިފައިންގެ އަމާޒު] މި ޝިޢާރުގެ ދަށުން، ދިވެހި މުޖްތަމަޢުގައި އަމާންކަން ޤާއިމްކޮށް، ރައްކާތެރި ވެށްޓެއް ޤާއިމު ކުރެއްވުމަށް ސިފައިން ކުރައްވާ މަސައްކަތްތަކުގައި ދިވެހި ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގެން، ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވުމަކީ، އަޅުގަނޑު ވަރަށްބޮޑަށް އިލްތިމާސް ކުރާ ކަމެއް. ދިވެހި ސިފައިންނަކީ، ރެއާއި ދުވާލު، ރައްޔިތުން ދިފާޢުކޮށްދެއްވުމުގަޔާއި، ރައްޔިތުން ޙިމާޔަތްކުރެއްވުމުގައި ދެމިތިއްބެވި ބޭފުޅުން.

ދިވެހި ސިފައިންނަކީ، ހުނަރުވެރި އަދި ކެރޭ މުރާލި ހީވާގި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި، ޗީފް އޮފް ޑިފެންސް ފޯސްއާއި، ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސްއާއި، އެހެން އޮފިސަރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ މަތިން ހަނދާންކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ހަމައެއާއެކު، ސިފައިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކޮށް، ސިފައިންގެ ޚިދްމަތް އިތުރަށް ފުޅާކުރުމަށް މިހާރު މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް އަޅުގަނޑު ފާހަގަކުރަން. އެމަސައްކަތްތަކުގެ ތެރޭގައި، ދިވެހި ސިފައިންގެ ޓޭބަލް އޮފް އޯގަނައިޒޭޝަން އެންޑް އިކްއިޕްމަންޓް ކަނޑައެޅުމާއި، މިލިޓަރީ އޮކިއުޕޭޝަނަލް ސްޕެޝަލިޓީތައްވަނީ ފާހަގަކުރެވިފައި. އަދި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކޮށް، ދިމާވެދާނެ ކޮންމެ ނުރައްކާތެރި ޙާލަތަކަށް ތައްޔާރަށް ތިބޭ ބައެއްގެ ގޮތުގައި ދެމިތިބުމުގެ ޢަޒުމްގައި ސިފައިންގެ ތަމްރީނުގެ ސިޔާސަތެއްވެސް މިހާރުވަނީ އަލަށް ކަނޑައެޅިފައި. އަދި ސިފައިންނަށް ތަމްރީނު ދިނުމަށްޓަކައި ޅ. މާފިލާފުށީގައި މެރިން ކޯ ޓްރޭނިންގ ސްކޫލަކާއި، ކޯސްޓްގާޑް ޓްރޭނިންގ ސްކޫލެއް، އަންނަ މެއި މަހު އިފްތިތާޙު ކުރުމަށްވެސްވަނީ ހަމަޖެހިފައި. އެމް.އެން.ޑީ.އެފް.ގެ އެންލިސްޓެޑް ކޯ ގެ އާ ރޭންކް ސްޓްރަކްޗަރ މިރޭ ތަޢާރުފް ކުރެވިގެންދިޔަކަން އެއީވެސް ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ދިވެހި ސިފައިންނާ މުޚާޠަބުކޮށް އަޅުގަނޑު ދަންނަވާލަން އެދޭ އިތުރު ވާހަކައެއް އެބައޮތް. ބޯހިޔާވަހިކަމަކީ، މި ސަރުކާރުގެ މުހިންމު ސިޔާސަތެއް، މުހިންމު ވަޢުދެއް. މި ސިޔާސަތުގެ ދަށުން ދިވެހި ސިފައިންނަށްވެސް ބޯހިޔާވަހިކަން ފޯރުވައިދެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. ސިފައިންނަށް ދެވޭ ޚާއްޞަ ޢިނާޔަތެއްގެ ގޮތުން ސިފައިންގެ މަދުބަޔަކަށް ސަރުކާރުންވަނީ، ވިލިނގިލިންނާއި ސިފައިންގެ ބަނޑޭރިކޮށިން ފްލެޓް ހަމަޖައްސައިދީފައި. އަދި ގިނަ އަދަދެއްގެ ސިފައިންނަށް ހައުސިންގ އެލަވަންސް ދެވެމުންދާކަންވެސް އަޅުގަނޑު ފާހަގަކުރަން. އެހެންނަމަވެސް، ތަންތަން ކުއްޔަށް ހިފައިގެން، ގިނަ އަދަދެއްގެ ސިފައިން ވަރަށް ހާލުގައި އުޅެމުންގެންދާކަންވެސް އަޅުގަނޑަށް ފާހަގަވޭ.

މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ސިފައިންނަށްވެސް އިތުރު ފްލެޓުތަކެއް ހަމަޖައްސައިދެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. މިގޮތުން އަންނަ އަހަރުގެ ތެރޭގައި، ހުޅުމާލޭގައި ނުވަތަ މާލޭގައި އަޅަން ހަމަޖެހިފައިވާ ފްލެޓުތަކުގެ ތެރެއިން ސިފައިންނަށްވެސް ފްލެޓް ލިބޭނެ އުސޫލެއް ހަމަޖެހޭތޯ މިގެންދަނީ މަސައްކަތް ކުރަމުން.

ދިވެހި ޤައުމަށްޓަކައި އަދި ރާއްޖޭގެ އަމަންއަމާންކަމަށްޓަކައި ދިވެހި ސިފައިން އަޅުއްވާ ކޮންމެ ފިޔަވަޅަކީ އަގުބޮޑު ފިޔަވަޅެއް. އެ ފިޔަވަޅުގެ އަގު އަޅުގަނޑު ވަޒަންކުރާނެ ވާހަކަ ދިވެހި ސިފައިންނަށް މިރޭ އަޅުގަނޑު މިދަންނަވާލަނީ ވަރަށް އުފަލާއެކު. އަދި މި ރޮނގުން ތިޔަބޭފުޅުން ކުރައްވާ މަސައްކަތްތައް އަޅުގަނޑު ޝުކުރުވެރިކަމާއެކު، ބަލައިގަންނާނެ ވާހަކަވެސް މިދަންނަވަނީ، ތިޔަބޭފުޅުންގެ މަސައްކަތާމެދު އަޅުގަނޑަށް އޮތް އިތުބާރުގެ ބޮޑުކަމުން.

ދިވެހި ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް ހެޔޮގޮތްތައް މެދުވެރިކުރައްވާށި! އަދި ތިޔަބޭފުޅުންގެ މަސައްކަތަށް އިތުރު ކުރިއެރުންތައް މިންވަރު ކުރައްވާށި!

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

______________________