بســم اللّـه الرّحمـن الرّحيــم


ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މޫސާ މަނިކު އަދި ވަކިން ޚާއްޞަކޮށް މި ފީވަކުގެ ރަށުގެ ކައުންސިލުގެ ރައީސް އަދި ރަށު ކައުންސިލްގެ އެންމެ ބޭފުޅުން، އަތޮޅު ކައުންސިލްގެ ރައީސާއި، އަތޮޅު ކައުންސިލްގެ އެންމެ ބޭފުޅުން އަދި ޤައުމީ އިދާރާގެ އިސްވެރިންނާއި، އެ އިދާރާގެ އެންމެ ބޭފުޅުން. އަދި އަޅުގަނޑު ވަކިން ޚާއްޞަކޮށް މިއަދު އަޅުގަނޑު ޝުކުރެއް ދަންނަވައި އަދި އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރުމަށް އަވަސްވެގަނެ ވީހާވެސް އަވަހަކަށް މިކަން ކުރުމަށް އަބަދުވެސް އަޅުގަނޑު ކައިރީގައި އިލްތިމާސްކޮށް އަޅުގަނޑަށް ލަފާދީ، މަޝްވަރާދީ ހައްދަވަމުން ގެންދަވާ، މިދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ރިޒާއަށް އަޅުގަނޑު ނުހަނު ޝުކުރު ދަންނަވަން. އަޅުގަނޑަށް މިއަދު މިފުރުސަތު، މިރަށުގައި ބައްދަލުކުރުމުގެ ފުރުސަތު ލިބުނީތީވެ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށް މި ފީވަކާ ގުޅޭގޮތުން ލިބިފައިހުރި ގިނަ މަޢްލޫމާތު ލިބިފައިވާނީ، ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު އަޅުގަނޑަށް ހަނދާންކޮށްދޭ ކަންކަމުގެ ތެރެއިން. އަޅުގަނޑުމެން ކުރަންހުރި ކަންތައްތަކުގެ ލިސްޓް ވަރަށްގިނަ. އަޅުގަނޑުމެންގެ އަބަދުވެސް މަސައްކަތަކީ، މިދެންނެވި ކަންކަން ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދުން. އަދި އެކަންކަން އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުރުމަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ވީހާވެސް ފުރިހަމައަކަށް ހަމަޖެއްސުން.

އަޅުގަނޑަށް ފާހަގަވެފައި އޮތް ގޮތުގައި، މިރަށުގައި މިހާރުން މިހާރަށް ކުރަންޖެހޭ އެތައްކަމެއްވާއިރުގައި، ރަށުގެ ބަނދަރުގެ މަރާމާތެއް އެބަ ބޭނުންވޭ. އަޅުގަނޑަށްވެސް މިބަނދަރުގެ ހާލަތު އަދި އެތަން ވެއްޓެމުންދާ މިންވަރާއި އޭގެ ސަބަބުން ސަލާމަތް ނުކުރެވޭ ދަރަޖައަށް މުޅި ބަނދަރަށް ގެއްލުންވެ ހިނގައިދާނެތީވެ، ކަންބޮޑުވުން އިތުރުވާނެޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް މިކުރަނީ، ކުރިއަށް މިއޮތް ހަފްތާތަކުގެ ތެރޭގައި، ދެތިން މަހެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެމަސައްކަތްކޮށް އެމަސައްކަތް ނިންމާލެވޭތޯ.

މިރަށުގެ މިސްކިތުގެ މައްސަލައަކީ، ވަރަށް އެހެން ގޮތަކަށް ތިޔަބޭފުޅުންގެ މެންބަރު އަޅުގަނޑުގެ ގާތުގައި ވިދާޅުވަމުން ގެންދަވާ ވާހަކައެއް. އެއްފަހަރު އަޅުގަނޑު ކައިރީގައި ވިދާޅުވި، މިރަށުގައި ހުކުރުކޮށް އުޅެނީ ތިންދަންފަޅިއަށް ބަހައިގެނޭ. މިރަށުގެ މަދަރުސާ އެއްދަންފަޅިއަށް ހެދިޔަސް ރައީސް އަދި މުޅިއަކުން ކަމަކުނުދެޔޭ. މިސްކިތް އެއްދަންފަޅިއަށްވާގޮތް އަޅުގަނޑުމެން އެބަ ހަދަންޖެހެޔޭ. އަޅުގަނޑު ވަރަށްބޮޑަށް މަސައްކަތް ކުރާނަން، މިރަށު ހުކުރު މިސްކިތް މިހާގިނަދުވަސްވެފައި އަދި ބިނާނުކުރެވިފައިވަނިކޮށް އަޅުގަނޑުމެން މިދުވަސްތައް މިހެން ހޭދަވެދާތީވެ. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ކުރުމަށް.

އަޅުގަނޑު ރިޒާއަށް ދެންނެވިން، ނަރުދަމާގެ މަސައްކަތް އަޅުގަނޑުމެންނަށް ފެށޭނީ މިއަންނަ އަހަރުއޭ. އެހެން އަޅުގަނޑު ރިޒާއަށް ދެންނެވީ، މިދިޔަ އަހަރުގެ ބަޖެޓްގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން އައިއިރުގައި، ނަރުދަމާގެ މަސައްކަތް ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކުރުން މިއަންނަ އަހަރާ ހަމައަށް ލަސްވެދާނެއޭ. އެހެންނަމަވެސް ޔުޓިލިޓީ ކުންފުނީގެ ފަރާތުން ހިންގާ މަސައްކަތްތަކުގެ ތެރޭގައި މިއަހަރު އަޅުގަނޑުމެންނަށް ފެށެން އޮތިއްޔާ އިރާދަކުރެއްވިއްޔާ އެމަސައްކަތް އަޅުގަނޑު ފަށައިދޭނަމޭ. އޭގެފަހުން، އަޅުގަނޑު މިރަށަށް މިދަތުރުކުރުމަށްޓަކައި އަޅުގަނޑު އޮފީހުން އަނެއްކާވެސް މިރަށާ ގުޅޭ މަޢްލޫމާތު އެއްކޮށްދިން. އަޅުގަނޑު އަތުގައި ބޮޑު ފޮތެއް އެބައޮތް، މިހާރު މިރަށުގެ ކަންކަން ހިނގަމުންދާގޮތާއި އަދި ހާލަތު ހުރިގޮތް ބަޔާންކޮށްދޭ މަޢްލޫމާތު އެކުލެވޭ. އޭގައި މިރަށުގެ ފެންފަށަލަ ތަޣައްޔަރުވެފައިވާ މިންވަރު ވަރަށް ސާފުކޮށް އެނގެން އެބައޮތް. އަޅުގަނޑު ލަދުގަނޭ، މިއަހަރު ނަރުދަމާގެ ނިޒާމެއް މިރަށުގައި ޤާއިމުނުކޮށްދެވޭކަމުން. އަޅުގަނޑު ލަދުގަނޭ، މިދިޔަ އަހަރު އެކަން ނުކުރެވި އޮތްކަމުން. އެހެންނަމަވެސް، އަޅުގަނޑުމެންގެ މަސައްކަތަކީ، އަބަދުވެސް ހިތްވަރާއެކީގައި އަނެއްކާވެސް އެހެން ދުވަހަކު މަސައްކަތްކުރަން ނުކުތުން. އަބަދުވެސް އަޅުގަނޑުމެންގެ އުންމީދުތައް ނަގާނުލައި އަޅުގަނޑުމެން އެ އުންމީދުތައް ޙަޤީޤަތްތަކަކަށް ހެދުމަށް މަސައްކަތްކުރުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު އެމަސައްކަތްތަކެއް ހުއްޓައެއް ނުލާނަން. އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ނަރުދަމާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ހަދާދޭނަން.

ރަށްވެރިކަމުގެ ތަރައްޤީގައި އަދި ރަށްވެރިކަމުގެ ތެރޭގައި މިހާރު މިރާއްޖެ ދެކެމުންމިދަނީ ވަރަށްވެސް ބޮޑު ބަދަލުތަކެއް، އިންޤިލާބީ ކަންކަން. މީގެކުރީގައި ރާއްޖޭގެ ރަށްރަށް ހިންގަމުން އައިގޮތާއި އެ ނިޒާމަށް މިއަންނަނީ ވަރަށްބޮޑެތި ބަދަލުތައް އަންނަމުން. އެނގިވަޑައިގަންނަވާނެ، ކައުންސިލް މިހާރު އެއޮތީ ވަރަށް ފުރިހަމައަށް އިންތިޚާބުވެފައި. އަޅުގަނޑަށް މިއަދު ތިޔަބޭފުޅުންގެ ކައުންސިލާ ބައްދަލުވެއްޖެ. ކައުންސިލަށް އިންތިޚާބުވި ހުރިހާ ބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރްޙަބާ ދަންނަވަން. އަޅުގަނޑުގެ ދެކޭހިތް އޮންނަ ގޮތަކީ، އިންތިޚާބުގެ ތެރޭގައި ޚާއްޞަކޮށް ޕާޓީގެ ވާދަވެރިކަން އޮންނާނެ. އިންތިޚާބު ނިމުނީމާ، އަޅުގަނޑުމެން އެންމެން ނުކުމެ އުޅެންވީ ރަށުގެ ތަރައްޤީއަށް. އަޅުގަނޑު ހަމަގައިމުވެސް އުޅޭނީ ފީވަކުގެ ތަރައްޤީއަށް. އަޅުގަނޑުމެންގެ ބޭނުމަކީ، ކޮންމެ ބޭފުޅަކު އެ އިންތިޚާބެއް ކާމިޔާބު ކުރެއްވި ކަމުގައިވިޔަސްވެސް، އެ އިންތިޚާބެއް ކާމިޔާބު ކުރެއްވި ބަޔަކާއެކީގައި އަޅުގަނޑުމެން، ސަރުކާރުން ގުޅިގެން މިރަށުގެ ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތްކުރުން.

ބަޔަކު އިންތިޚާބުކުރި އެންމެބޮޑު ބޭނުމަކީ، ތިޔަބޭފުޅުންގެ ތެރެއިން ގިނަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަކަށް، ގޮތްގޮތަށް ކަންކަން ގެންދިޔުމަށްޓަކައި ތިޔަބޭފުޅުންގެ ބަޔަކު ވެރިކަމުގެ ތެރެއަށް ގެނައުން. އަޅުގަނޑު ޢައްޔަނުކޮށްފައި މާލޭގައި ހުރެފައި މިވެނި މީހެކޭ ތިޔަބޭފުޅުންގެ ވެރިޔާއަކީ، އެހެން ދެންނެވުމުގެ ބަދަލުގައި ތިޔަބޭފުޅުން އެކަން ކުރެއްވުން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަން އެއޮތީ މިހާރު ފަށައިގަނެވިފައި. ދެން ކުރާންހުރި ކަންކަން އެއްގޮތަކަށްވެސް ކުޑައެއްނޫން. މިރަށުގެ މުޅި ބަޖެޓާ އަދި ރަށުގެ އެންމެހާ ބަޖެޓު ފުރަތަމަ ކަމަކަށް އެބަ ރަށު ކައުންސިލަށް ބަދަލުވާންޖެހޭ. ބަޖެޓް ބަދަލުވާއިރުގައި އަޅުގަނޑަށް ފިނޭންސް މިނިސްޓްރީންނާއި ޤައުމީ އިދާރާއިން ޙުނައިފް މަޢްލޫމާތު ދެއްވާފައި އޮތް ގޮތުގައި، ފުރަތަމަ ބަދަލުވާން މިޖެހެނީ، އިދާރީ ހިންގުމުގެ ބަޖެޓް. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އެބަޖެޓް މިހާރުވަނީ ރަށު ކައުންސިލަށް ބަދަލުކުރެވިފައި. ދެން އޭގެފަހުން، އެހެންއެހެން މަސައްކަތްތައް ކުރުމުގެ ބަޖެޓް ރަށު ކައުންސިލަށް ބަދަލުވެގެންދާނެ. އަދި އޭގެ އިތުރުން، ޢާންމުކޮށް މިރަށުގެ ކަންކަމަށް ބޭނުންވާ ފައިސާ، މީގެ ކުރީއަހަރުތަކެކޭވެސް އެއްފަދައިން ބަޖެޓް ބާކީ ކުރަމުން އެ ގެންދިޔައީ. މީގެކުރީގައި އަތޮޅު ގޭގައި ބަޖެޓް ބާކީ ކުރަމުން އަންނަނީ. ދެން މިހާރު ކައުންސިލުން ނިންމަވަންވީ، އެބަޖެޓް ބާކީކުރަން ނުވަތަ ބަޖެޓްގައި ދެން ބާކީ ފައިސާހުރި މިންވަރު. އަދި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ސީދާ ގޮތުގައި ހިންގުމުގައި އިދާރީ މަސައްކަތްތަކެއް ހުރޭ. އެމަސައްކަތްތައް ހިންގާނެ ގޮތްތައް ރަށު ކައުންސިލުންނާއި އަތޮޅު ކައުންސިލުންނާއި އަދި ޤައުމީ އިދާރާއިން އެއާ ގުޅިގެން އަޅުގަނޑުމެން ގޮތްތަކެއް ނިންމައި، ކަނޑައަޅައި، އެގޮތަށް އެކަން ކުރިއަށް ގެންދަންޖެހޭ. ސަރުކާރުން ތިޔަބޭފުޅުން ނިންމި ގޮތަކަށް އެކަން ކުރުމަށް ތައްޔާރަށް ތިބޭނީ. ޤާނޫނު އަޅުގަނޑުމެންނަށް ތަންދިން މިންވަރަކުން ތިޔަބޭފުޅުން ނިންމެވި ކޮންމެ ކަމެއް، ސަރުކާރު ކުޅެދިގެންވާ މިންވަރަކުން، ތިޔަބޭފުޅުން ނިންމާ ކޮންމެ ކަމެއް، ތޔަބޭފުޅުންގެ ކައުންސިލް ނިންމާ ކޮންމެ ކަމެއް، ސަރުކާރުން އިރާދަކުރެއްވިއްޔާ ކުރެވޭތޯ ބަލާނަން.

އަޅުގަނޑު ކައުންސިލަށް ދެންނެވިން، ކޮންމެ ކައުންސިލްގެ ބައްދަލުވުމެއްގެ އެޖެންޑާ ކުރިއަށް އިޢްލާނު ކުރެވެންޖެހޭނެޔޭ، ރަށު ރައްޔިތުންނަށް އެނގެން ޖެހޭނެޔޭ. އެރަށުގެ ނޯޓިސް ބޯޑެއްގައި ހަރުކުރެވެންޖެހޭނެޔޭ. އަދި ކައުންސިލުގެ އެހަފްތާއެއްގެ ބައްދަލުވުމުގެ ނިންމުންތައްވެސް އެހަމަ އެނިންމާ ދުވަހަކު ރަށު ރައްޔިތުންނަށް އެނގޭނެ ގޮތަކަށް ކޮންމެވެސް ތަނެއްގައި އެފެންނަން ހުންނަންޖެހޭނެޔޭ. ޤާނޫނީގޮތުން މިއޮންނަނީ އެ ނިންމުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގެޒެޓް ކުރާގޮތަށް. އަޅުގަނޑު ކައުންސިލްގައި ދެންނެވިން، އެގެޒެޓް ކުރުމަކީ މިރަށުގެ ނޯޓިސް ބޯޑެއްގައި ހަރުކުރުން ކަމަށް ހަމަޖެހޭނެ ގޮތަކަށް އެ އިންތިޒާމު އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެއޭ. މީގެ ބޭނުމަކީ، ތިޔަބޭފުޅުންނަށް އެބަ އެނގެން ޖެހެޔޭ، ކައުންސިލަރުން ބަޙުޘްކޮށް މަޝްވަރާ ކުރައްވަން އެތިއްބަވަނީ ކޮންކޮން ކަމަކާ ގުޅޭގޮތުން ކަންވެސް. އަދި ރައްޔިތުންނަށް އެބަ އެނގެންޖެހޭ، ކައުންސިލަރުން ނިންމެވީ ކޮންކޮން ކަންތައްތަކެއްކަން.

ސަރުކާރުން އެންމެ ފުރަތަމަ ލާމަރުކަޒީ އުޞޫލުން ހިންގުމަށް ބަދަލެއް މިކުރެވުނީ ޕަބްލިކް ހެލްތްގެ މަސައްކަތް. އެމަސައްކަތްތައް މިހާރު މިވަނީ ހިންގާނެ ގޮތާއި އަދި އެމަސައްކަތްތަކާ ބެހޭގޮތުން ބައެއް ލަފާތައް ކައުންސިލަށް އެރުވިފައި، ޤައުމީ އިދާރާ މެދުވެރިކޮށް. އަދި އަޅުގަނޑު އުންމީދު ކުރަނީ، އެހެންވީމާ، އެމަސައްކަތްތައްވެސް ހިންގާނެ ގޮތްތަކެއް ކައުންސިލުން ކަނޑައަޅާނެ ކަމަށް. ޕަބްލިކް ހެލްތްގެ މަސައްކަތުގެ ގޮތުގައި ސަރުކާރުން ދެކެނީ އެއީ، ސަރުކާރުގެ ބޭނުމަކީ ކައުންސިލްގެ ފަރާތުން ކޮންމެ އަހަރަކު އެންމެ މަދުވެގެން ތިންފަހަރު ހުރިހާ ރައްޔިތުންގެ ހާލު ބެލުން. ހާލު ބެލުމޭ އަޅުގަނޑު މިދަންނަވަނީ ލޭވެސް ނެގުން، ޕްރެޝަރުވެސް ބެލުން، ހަކުރަށްވެސް ޓެސްޓް ކުރުން، ވިހާ އުމުރުގައި ތިބޭ އަންހެން ބޭފުޅުންގެ ކަންކަންވެސް ޞިއްހީ ކަންކަންވެސް ފުރިހަމައަށް ބެލުން. އަދި ވިހަން ބަލިވެ އިނދެ، ވިހަންދާ އަންހެނުންނާ ގުޅޭގޮތުން ވަރަށްބޮޑަށް އަޅާލެވި، ވިހާނެ ދުވަހާ އަދި ވިހެއުމުގެ ކަންތައް ހަމަޖެހިފައި އޮންނާނެ ގޮތްތަކާއި އެކަންކަންވެސް ކައުންސިލުން ބަލައި، ކުރިއަށް ރޭވި، ދެން ހޮސްޕިޓަލެއް، ހެލްތް ސެންޓަރެއް ހުރިތަނަކަށް އެ އަންހެންމީހާ ވަގުތު އޮވެގެން ގެންދެވޭނެ އިންތިޒާމުތައްވެސް ހަމަޖެއްސުން. އަދި ހަމަ ކުޑަކުދިންގެ ވިޓަމިން ހުރި ދަރަޖައާއި، އެކުދިންނަށް ދޭންޖެހޭ ވެކްސިނާއި، ބަރުދަން ކިރުމާއި، ތިންއަހަރު ވަންދެން މަންމައިން ގެންގުޅެންޖެހޭ ކާޑު، އަޅުގަނޑު އަމާޒަކީ، ބޭނުމަކީ، ގޭގައި ތިއްބާ އެ ކާޑު ފުރުވޭނެ ގޮތެއް ހޯދުން. އެކާޑުގައި ހުރި މަޢްލޫމާތުތައް ހޯދުން އަދި އެކާޑު ފުރުވަން ނާންނަންޏާވެސް ކައުންސިލުން އެކަމަށް އަޅާލުން. ބަލިވުމުގެ ކުރީގައި، އެ ހުރިހާ ރައްޔިތުންގެ ޞިއްޙީ ހާލަތު ދެނެގަނެ، އެމީހުންނަށް، ރައްޔިތުންނަށް އެބަލިން ޝިފާތައް ހޯދައިދިނުމަށް ކައުންސިލަށްވެސް، ސަރުކާރަށްވެސް އޭރުން ފަސޭހަވާނެ. އޭރުން އަދި މާ ހަރުދަނާ ގޮތުގައި އެކަންކަން ކުރެވޭނެ.

ދުނިޔޭގައި އެނގެން އޮތް ޙަޤީޤަތަކީ، ބަލިން ރައްކާތެރިވުމަށް ޚަރަދުކުރާ ކޮންމެ ރުފިޔާއަކީ، ބަލީގެ ފަރުވާއަށް ކުރަންޖެހޭނެ ޚަރަދުން ދެރުފިޔާ މަދުވާ ކަމެކޭ. ކެންސަރުގެ ބައްޔަށްވެސް ކުރީގައި އެނގިއްޖެއްޔާ އެއަށްއޮވޭ ޙައްލެއްވެސް ހޯދެން. ގިނަ ބަލިތަކުގެ ކަންތައް ހުރީ މިހެން. އެހެންވީމާ، ރަނގަޅު ޞިއްޙަތެއްގައި ތިބުން އެއީ، ބުއްދިވެރިކަމެއް. އެއީ ރަށުގެ ތަރައްޤީއަށް ވަރަށްބޮޑު ބާރެއް އެޅޭނެ ކަމެއް، ރަށުގެ ރައްޔިތުން ފުރިހަމަ ޞިއްޙަތެއްގައި ތިބުމަކީ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މި ލާމަރުކަޒީ އުޞޫލުން ޕަބްލިކް ހެލްތްގެ މަސައްކަތް ރަނގަޅަށް ރޭވިގެން، ރަށުގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުގެ ސިޔާސަތަކީ، ހެލްތް ވަރކަރުން ކައުންސިލްގެ ދަށަށް ބަދަލުކޮށް، ހެލްތް ވަރކަރުންނަކީ ގޭގެއަށް ހިނގާ، އެ އޮންނަ ތަރުތީބަކުން ގޭގެއަށް ގޮސް ރައްޔިތުންގެ ހާލުއަހުވާލު ބަލައި ބަޔަކަށް ހެދުން. އަދި ހަމައެހެންމެ، ޕަބްލިކް ހެލްތްގެ މަސައްކަތުގެ ގޮތުގައި ނޫނިއްޔަކާއެއް މިރަށުގައި ބެލެވޭކަށެއް ނެތް، މީދާގެ މައްސަލަ އަދި ވާލުގެ މައްސަލަ. މިރަށަކީ ދަނޑުވެރި ރަށަކަށްވާތީވެ، މިރަށުގައި މީދާ މެރުމުގެ ނުވަތަ މީދާ މަދުކުރުމުގެ ޕްރޮގްރާމެއް ނުހިންގާ، ރަށު ކައުންސިލްގެ ކަންތައް ރަށު ކައުންސިލް ރާވައި އިންތިޒާމު ކުރަމުން ދިޔުން އެއީކީއެއް އަޅުގަނޑަށް ފެންނަ ގޮތުގައި ރަށުގެ ތަރައްޤީއަށް ރަނގަޅުވާނެ ކަމެއް ނޫން. މީދާ މިރަށުގައި ވަރަށްގިނައޭ ކިޔާކިޔާ އަޅުގަނޑުމެން ތިއްބަކަސް މީދަލެއް ނުދާނެ. ނުކުމެ އެކަން ކުރީމާ މީދާ މަދުކުރެވޭނީ. އަޅުގަނޑު އުންމީދު ކުރަން، ކައުންސިލް މެދުވެރިވެގެން އަދި ކައުންސިލުން މީދަލަށްވެސް އަދި ވާލަށްވެސް މަދު ކުރުމުގެ ޕްރޮގްރާމެއް މިރަށުގައި ހިންގާނެ ކަމަށް.

އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ސާފުކޮށް އެނގޭ، ފީވަކަކީ، މިރަށަކީ، ދަނޑުވެރިކަމުގައި މިރާއްޖޭގައި ވަރަށް މުހިންމު ރަށެއްކަން. އެހެންވީމާ، މިރަށުގެ ދަނޑުވެރިކަން ތަރައްޤީ ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން ބާރުއަޅަން، އެހީތެރިވެދޭން ވަރަށް ބޮޑަށް ބޭނުން. އެ ބޭނުން އަޅުގަނޑުމެންނަށް މިހާރު އަޅުގަނޑުމެން ދެނެއް ނޭދެން. އަޅުގަނޑުމެން ކުރަމުން އައި އެއްކަމެއް އެއީ، ހުރިހާ ދަނޑަކަށް ކަރަންޓު ދެވޭތޯ ބެލުން. ދެން އަޅުގަނޑު ބުނަންވެގެން އަދި ކައުންސިލް ކައިރީގައިވެސް މިހާރުވެސް މިއުޅެނީ، ސަރުކާރުން މިރަށުގެ ދަނޑުތަކަށް ކަރަންޓުލާދޭން ބޭނުމޭ. ދެން އޭގެ ބަދަލުގައި، އަޅުގަނޑު ޙަޤީޤަތުގައި ބުނަން ބޭނުންވަނީ ތިޔަބޭފުޅުން މިރަށުގެ ދަނޑުވެރިކަމަށް ކުރަންހުރި ކަންކަމަކީ ކޮބައިތޯ މަޝްވަރާ ކުރެއްވުމަށްފަހު ކައުންސިލް މެދުވެރިކޮށްގެން، ކައުންސިލުން ފާހަގަވާ ދަނޑުވެރިކަމާ ގުޅޭ ކޮންމެވެސް އެއްކަމެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ސަރުކާރުން ކޮށްދިނުމަށް ޚަރަދު ކުރާނަމޭ. އަޅުގަނޑުމެންގެ އަމާޒަކީ، އާމްދަނީ އިތުރުކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންގެ ޖީބަށް އިތުރު ފައިސާ ވަންނާނެ ގޮތްތައް ހޯދުން. ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުން. އެހެންވީމާ، އެމަގަށް ކުރެވޭ މަސައްކަތުގައި އިރާދަކުރެއްވިއްޔާ މިދެންނެވިހެން ކައުންސިލުން ނިންމާ ނިންމުންތަކުގެ ތެރެއިން އަޅުގަނޑު އުންމީދުކުރަން، ތިޔަބޭފުޅުން ވިސްނަވާނެ ކަމަށް، އަޅުގަނޑުމެންގެ ސަރުކާރުގެ މާލީ ޙާލަތާ އަދި އެހެންވެސް ރަށްރަށުގެ ކަންކަން ސަރުކާރުން ކުރަންހުރި މިންވަރަށް ޒިންމާދާރު ގޮތުގައި ނިންމަވައި ދެއްވާށޭ، ކޮންމެވެސް އެއްކަމެއް. އެކަމެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ކޮށްދެވޭތޯ ސަރުކާރުން ބަލާނަމޭ. އަޅުގަނޑަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ.

އަޅުގަނޑުމެންގެ ހަމަ ހުރިހާވެސް އަމާޒަކީ މިރަށުގެ ސީދާ ފަންވަރު ރާއްޖޭގެ ތަރައްޤީއަށް ބޭނުންކުރުން. އަޅުގަނޑު މިރަށަށް އައިސް މިހުރީ، އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ވަރަށްބޮޑު ވަޢުދެއް އެއީ، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ މިންވަރު 20 ޕަސެންޓުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދަށްކުރާނަމޭ. އެކަން ކުރުމަށްޓަކައި މިހާރު ސަރުކާރުން އެބަ ގެންގުޅޭ ވިސްނުމެއް. އެއީ، އަޅުގަނޑު ފުރަތަމަ ފަހަރަށް، އެހެންނަމަވެސް ސަރުކާރުގެ ވިސްނުން ވަރަށްބޮޑަށް މިހާރު މިއޮތީ އެކުލަވާލެވިފައި. އެޕްރޮގްރާމްވެސް މިހާރު މިދަނީ ލިޔެވެމުން. ސަރުކާރުން ގަސްދުކުރަނީ، ދަނޑުވެރިން ހައްދާ ތަކެތި ސަރުކާރުން ގަންނަން، ވަކި އަގެއްގައި. ދެން ގަނެފައި ހަމަ ސަރުކާރުން މަސްވެސް ގަންނަނީ. ބައެއް ފަހަރަށް އެއްއަތުން ގަނެފައި އަނެއް އަތުން އުކަނީ. އެހެންނަމަވެސް ގަނޭ. ދެން ނުގަތީމާ ރަށު އޮފީހަށް އަޅަންވެސް އަޅާނެ. ތަރުކާރީވެސް އަޅުގަނޑު އުންމީދުކުރަން، އަހަރެއްވެފައި ދެން ރަށު އޮފީހުގައި ކައުންސިލަރުންގެ މޭޒުމަތީގައި އެ ނުގަތީމާ ނުހުންނާނެކަމަށް. އެހެންނަމަވެސް، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް އެއީ، މިރަށްރަށުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމަށް ދަނޑުވެރިކަމަށް ބާރުއެޅުމަށްޓަކައި ތިޔަބޭފުޅުން ހައްދާ ތަކެތި، މިރަށުގައި ތިބެގެން ނުވަތަ ވަރަށް ކައިރީގައި ސަރުކާރަށް އެތަކެތި ގަނެގެން ދެން ސަރުކާރުގެ ކުންފުންޏަކުން އިތުރަށް އެ އެހެން ތަންތަނަށް ގެންދިޔުމާއި އަދި ޕެކް ކުރުމާއި، އެހެން ގޮތްގޮތަށް އެވިއްކުމާއި އެގްރިކަލްޗަރ ކޯޕަރޭޝަން މެދުވެރިކޮށްގެން އެމަސައްކަތް ކުރުން، ސަރުކާރުގެ ވިސްނުމަކީ. އެގޮތަށް އަޅުގަނޑުމެން މިގެންދަނީ.

ދެން އަޅުގަނޑު އުންމީދުކުރަން ތިޔަބޭފުޅުންގެ ކައުންސިލަކީ، ޑީ.އާރު.ޕީ. ކައުންސިލެއް ކަމަށްވާތީވެ، ތިޔަބޭފުޅުންގެ ކައުންސިލްގެ އެހީތެރިކަމާއި އަދި ޑީ.އާރު.ޕީ.ގެ މެންބަރުންގެވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެވެސް އެހީތެރިކަން މިކަންކަމަށް ލިބޭނެ ކަމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި މިހާރުގެ ޑީ.އާރ.ޕީ.ގެ ލީޑަރޝިޕަކީ، ރާއްޖޭގެ ތަރައްޤީ ބޭނުން ލީޑަރޝިޕެއް. އެހެންވީމާ، އަޅުގަނޑަށް ވާދަވެރި ޕާޓީއެއްގެ ގޮތުގައި އެޕާޓީއާއެކުގައި މަސައްކަތްކުރަން ހިތްހަމަޖެހޭ. އަޅުގަނޑު މިއުންމީދު ކުރަނީ، އަޅުގަނޑު އަޑުއަހަން އެޕާޓީގެ ވަރަށްގިނަ ފެކްޝަންތައް އޮންނަ ވާހަކަ. އެހެންނަމަވެސް އަޅުގަނޑުމެން ދައުލަތުން ހަމަ މިދެކެނީ އެއީ، އިންތިޚާބުވެފައި ހުންނެވި ލީޑަރ އަޙްމަދު ތަސްމީން ޢަލީ. އެބޭފުޅާއާއެކީގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެން. އެހެންވީމާ، އަޅުގަނޑުމެން އެބަ އުންމީދުކުރަން، އަޅުގަނޑުމެންނަށް ކުރިއަށް އޮތްތަނުގައި މަސައްކަތްތައް މިދިޔަ ދެއަހަރަށްވުރެ މާބޮޑުތަނުން ބާރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެންދެވޭނެ ކަމަށް. އަދި ޚާއްޞަކޮށް 2013 އަށް އަޅުގަނޑުމެން ދާއިރުގައި ވަރަށް ބާރަށް ދާނެކަމަށް.

އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް އެއީ، ތަރައްޤީއަކީ ކޮންކްރީޓުން މިނާ އެއްޗެއް ނޫނޭ. ތަރައްޤީއަކީ ތިމާއަށް ވާގޮތެކޭ. އިންސާނާއަށް އަންނަ ބަދަލެކޭ. އެއީ، ތިމާ އެއްހާލަތުން އަނެއް ހާލަތަށް ބަދަލުވުމޭ. ތިމަންނާ ނުވަތަ އިންސާނާ ތަރައްޤީވުމޭ. އެއީ، ފީވަކެއް ތަރައްޤީއެއް ނުވާނެއޭ. މިރަށު މީހުން ތަރައްޤީވާނީ. އޭނާގެ ދިރިއުޅުމުގެ ފެންވަރު ތަރައްޤީވާނީ. އެ ދިރިއުޅުމުގެ ފެންވަރު ތަރައްޤީވުމަށް އެޅޭ ތަނެއް ގެ، އެއީ. އޭނާގެ ތަޢްލީމީ ހާލަތު ރަނގަޅު ކުރުމަށް އެޅޭ ތަނެއް އެއީ، އެ ޢިމާރަތް އެއީ. އެހެންވީމާ، އަޅުގަނޑު އަބަދުވެސް މި ދަންނަވާހެން ތަރައްޤީއަކީ، އިންސާނާގެ ތަރައްޤީކަމަށް ވަރަށްބޮޑަށް ވަރަށް ސާފުކޮށް އިންސާނީ ތަޖުރިބާ ދައްކާފައި އޮތީތީވެ. ތަރައްޤީގެ ނާރެސްއަކަށް މިރަށުގައިވެސް ހަމަ ވާންޖެހޭނީ މިރަށު މަދަރުސާ. އަޅުގަނޑުމެންގެ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާއަކީ މިރަށުގެވެސް މިރަށުގެ މަދަރުސާ. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުމަށް އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ. ސަރުކާރުގެ އެންމެ މުހިންމު އަސާސީ އެއް މަސައްކަތް އެއީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، ފަސް މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. އަޅުގަނޑަށް އެނގޭ މިރަށުގައި އެގާރައަށް ކިޔަވާދޭކަން. އެހެންނަމަވެސް، މިރަށުގެ ދިހައެއްގެ ފެންވަރުވެސް އަދި އެތައް ތަނަކުން މައްޗަށް ޖެއްސެން އެބައޮތް. އަޅުގަނޑު ދެކެން، ރަށު ކައުންސިލާއެކީގައި މަދަރުސާވެސް ބެލި އަދި މި މަދަރުސާގެ މަސައްކަތްތައްވެސް ކައުންސިލަށް ކޮންމެވެސް ވަރަކަށް ބެލެވި، އެ އިންތިޒާމުތައްވެސް ލާމަރުކަޒީ ކުރެވިގެން އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދެވި، އެކުދިން އެއީ، ރަނގަޅު ބަޔަކަށް ހެދި، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލު އެއީ، އުޖާލާ ޖީލަކަށް ވެގެންދާނެ ކަމަށް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________