މި އޭޕްރީލް މަހުގެ 6 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަލްސާއިން ފާސްކުރެއްވި "އިދާރީ ދާއިރާތަކުގެ ވެރިކަން ކުރާ ރަށް ކަނޑައެޅުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، އެހެން އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމާއި، އެ އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ބަދަލުކުރުމުގެ އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، އެހެން އިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގައާއި، ވެރިކަންކުރާ ރަށް، އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައިވާ ސިޔާސަތުތަކާއި، އުޞޫލުތަކާއި، ހަމަތަކާއި، މިންގަނޑުތަކާއެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް މަގުފަހިކޮށް، ދީމިޤްރާޠީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އިދާރީ ދާއިރާއެއްގެ ރައްޔިތުން ނިންމާ ނިންމުމެއްގެމަތިން ކަނޑައެޅޭކަމަކަށް ހެދުމެވެ.

މި ޤާނޫނުގައިވާ ގޮތުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އިދާރީ ދާއިރާއެއްގެ ވެރިކަންކުރާ ރަށް، މި ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން ބަދަލުކުރެވޭނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އަތޮޅު ކައުންސިލްތައް ފުރަތަމަ ފަހަރަށް އިންތިޚާބުވުމަށްފަހުގައެވެ.