ހިންމަފުށީ ގާމާދޫ ޖަލު ސަރަޙައްދުން އިންސާނެއްގެ ކަށިތަކެއް، 2009 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ފެނުމާ ގުޅިގެން، ކަމާބެހޭ ދާއިރާތަކުން ފެށްޓެވި ތަޙްޤީޤުގައި، ގާމާދޫ ސަރަޙައްދުން ފެނުނު ކަށިތައް ނިސްބަތްވާ ކަމަށް ބެލެވޭ ފަރާތަކީ، ވ. ކެޔޮދޫ ބަށިގަސްދޮށުގޭ ޢަބްދުﷲ އަނީސް ކަމުގައި ފާހަގަކުރެވޭ އެތަކެއް ޤަރީނާއެއް ފެނިފައިވާތީއާއި، އެމައްސަލަ އިތުރަށް ބެއްލެވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވަނިކޮށް، އެ މައްސަލައާ ގުޅުންހުރި ފައިލްތައް، ގެއްލިފައިވާތީ، 5 އޭޕްރިލް 2009 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާ އެ މައްސަލަ ބެއްލެވުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވާލުކުރައްވައި، އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އަލުން މެންބަރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުންނަކީ، ހެންވޭރު ތަނޑިރަތްމާގޭ އަމީން ފައިޞަލާއި، ހެންވޭރު ސީސައިޑް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، ހެންވޭރު ޝަފީޤުގޭ މުޙަންމަދު ޝަފީޤެވެ.

ވ. ކެޔޮދޫ ބަށިގަސްދޮށުގޭ ޢަބްދުﷲ އަނީސްގެ މައްސަލައާ ގުޅުންހުރި ފައިލްތައް ޑީ.ޕީ.އާރު.އެސް.އިންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސަސް އިންވަނީ ގެއްލިފައެވެ. މިފައިލްތައް މިހާތަނަށްވެސް ފެނިފައިނުވާ ކަމަށް އެދެފަރާތުން މަޢްލޫމާތު ދެއްވާފައިވާތީ، މިފަދަ މައްސަލަތަކުގެ ތަޙްޤީޤަށް ހުރަސްއަޅައި، މަޢްލޫމާތު ސިއްރުކޮށް ފޮރުވާ ފަރާތްތަކެއް މިކަމުގައި ހިމެނޭކަމުގެ ތުހުމަތު ކުރެވޭތީ، އެކަން ބެއްލެވުން މި ދެންނެވި ރިޔާސީ ކޮމިޝަނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީއެވެ.

5 އޭޕްރިލް 2009 ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަކީ، ތަޙްޤީޤަށްޓަކައި ބަންދުކޮށްފައިވާ މީހުންނަށް ޖަލުތަކުގައި އަނިޔާކުރާކަމުގެ ޝަކުވާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ފުލުހުންގެ މުއައްސަސާގެ ތެރޭގައި ހިނގާކަމުގެ ޝަކުވާ ލިބިވަޑައިގަތުމާ ގުޅިގެން، މި މައްސަލަ ބައްލަވައި، މި މައްސަލަ ފުރިހަމައަށް އަދި މުސްތަޤިއްލު ގޮތެއްގައި ތަޙްޤީޤުކުރެއްވުމަށްޓަކައި އުފެއްދެވި ކޮމިޝަނެކެވެ.

ބަންދުގައި ހުއްޓައި ވީނުވީގޮތެއް ނޭނގޭ ގޮތަކަށް ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި، ބަންދުގައި ހުއްޓައި އިންސާނީ ޙައްޤުތަކާ ޚިލާފު ހާނިއްކައާއި، އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި، މިފަދަ މައްސަލަތަކާ ގުޅުންހުރި ލިޔެކިޔުން ފޮރުވައި، އަދި ނައްތާލާ ފަރާތްތަކުގެ މައްސަލަތައް ބަލައި ތަޙްޤީޤުކޮށް، އެކަމެއް ރިޕޯޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުންވެސް އެއީ، ކޮމިޝަނުން ކުރައްވާނެ މަސައްކަތެއްގެ ގޮތުގައިވަނީ ކަނޑައަޅުއްވާފައެވެ.

ވ. ކެޔޮދޫ ބަށިގަސްދޮށުގޭ ޢަބްދުﷲ އަނީސް ހައްޔަރުކޮށްފައި ހުއްޓާ، ގޮތް ނޭނގޭ ގޮތަކަށް ގެއްލިފައިވާ މައްސަލަ އެއީ، ކުރީގެ ސަރުކާރުގެ 30 އަހަރުވެފައިވާ ދައުރުގެ ތެރޭގައި، ހައްޔަރު ކުރެވޭ މީހުންނަށް އިންސާނީ ޙައްޤުތަކާ ޚިލާފު ހާނިއްކައާއި އަނިޔާކޮށް، ބައެއް މީހުން މަރާލާފައިވާ ކަމުގެ ތުހުމަތުތައް ބެއްލެވުމުގައި، މުހިންމު އެއްމައްސަލަ ކަމުގައި ބެލެވެއެވެ.