بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 8 އޭޕްރިލް 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރު މިހުރީ، ތިލަދުންމަތީގައި. އަޅުގަނޑު ތިލަދުންމައްޗަށް މިކުރާ ދަތުރަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް، އެނގިވަޑައިގަންނަވާނެ، އިންތިހާބުވެފައި މިވާ ކައުންސިލްތައް ހިނގާން މިހާރު މިވަނީ ފަށާފައި. އަޅުގަނޑު މިއަންނަނީ، ރާއްޖޭގެ އެކިއެކި އަތޮޅު ތަކުގެ އެކިއެކި ކައުންސިލްތަކާ ބައްދަލުކުރަމުން. އިންތިޚާބުގެ ފަހުން މި މަސައްކަތް، ކޮންމެ ހަފްތާއަކުވެސް ކުރިއަށް ގެންދެވޭތޯ އަޅުގަނޑު އެބަ ބަލަން. މިގޮތުން، މިހާރު މިހުރީ ތިލަދުންމަތީގައި. އަޅުގަނޑަށް ހަނިމާދޫ، އަދި ބާރަށު ކައުންސިލާ، އިރާދަކުރެއްވިއްޔާ ބައްދަލުކުރެވިއްޖެ. އަދި މީގެ އިތުރުން، އަތޮޅު ކައުންސިލާވެސް އަޅުގަނޑަށް ކެލާގައި، ބައްދަލުކުރެވިއްޖެ.

މި ބައްދަލުވުންތަކުން، މިހާރު މަސައްކަތްތައް ހިނގަމުންދާ ގޮތާއި، އަދި ދިމާވެފައިވާ އުނދަގޫތަކާއި، ދަތިތައް ސަރުކާރަށްވެސް ފާހަގަ ވަމުން އެބަދޭ. އަޅުގަނޑުމެންގެ އަމާޒަކީ، މި ދަތިތަކުން އަޅުގަނޑުމެންނަށް އަރައިގަނެވި، ރަނގަޅު ގޮތުގައި ރަށު ކައުންސިލްތަކަށް ހަރަކާތްތެރި ވެވޭނެ ގޮތްތައް ހޯދުން. މިހާތަނަށް އަޅުގަނޑު ބަލާލާއިރުގައިވެސް ވަރަށް ގިނަ ކައުންސިލްތައް މިހާރުމިވަނީ ބާރަށް ހަޤީޤަތުގައި، ހަމަ މަސައްކަތް ކުރާން ފަށްޓަވާފައި. ރަށުތެރެ ބެލެހެއްޓުމާއި، އަދި މިބާވަތުގެ ކިތަންމެ ކަމެއް، އިސްނަގައިގެން ކައުންސިލްތަކުން ކުރައްވަމުން ގެންދަވާތަން އަޅުގަނޑަށް އެބަ ފާހަގަވޭ. އަޅުގަނޑަށް ފެންނަނީ، މި ކައުންސިލްތަކާއި، ލާމަރުކަޒީ އުޞޫލު އަޅުގަނޑުމެން މިއުންމީދު ކުރާގޮތަށް ކާމިޔާބު ވާނެކަމަށް.

މިއަދު ތިޔަބޭފުޅުންނާ، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނާ، އަޅުގަނޑު ހިއްސާ ކޮށްލަން ބޭނުންވާ އިތުރު ވާހަކައަކީ، ރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާބެހޭ ގޮތުން އަޅުގަނޑަށް ފާހަގަވާ ކަންކަން.

ޕެންޝަން ސްކީމަކީ، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތަކާއި، ވަޒީފާއަދާކުރާ ހުރިހާ ފަރާތެއް ބައިވެރިވުން، ޕެންޝަނާބެހޭ ޤާނޫނުން ލާޒިމްކޮށްފައިވާ ސްކީމެއް. ވަޒީފާއަދާކުރާ މީހުންގެ ތެރެއިން 16 އަހަރާއި 65 އަހަރާ ދެމެދުގެ ކޮންމެ މުވައްޒަފެއް މި ސްކީމްގައި ބައިވެރިކޮށް، ސްކީމަށް ފައިސާ ޖަމާކުރުން ޕެންޝަނާބެހޭ ޤާނޫނު ލާޒިމުކުރޭ. މިގޮތުން، ދައުލަތުގެ ވަޒީފާ އަދާކުރާ މުވައްޒަފުން ވަނީ މި ސްކީމްގައި ބައިވެރިކުރެވި، ޤާނޫނުގައި ވާގޮތަށް، 1 މެއި 2010 އިން ފެށިގެން ދޭ މުސާރައިން އެ މުވައްޒަފުންގެ ޕެންޝަން ޖަމާކުރަން ފެށިފަ. އަދި، ދައުލަތުގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައިން މި ސްކީމަށް ފައިސާ ދައްކަން ފަށަންޖެހޭނީ 1 މެއި 2011 އިން ފެށިގެން ދޭ މުސާރައިން.

ޕެންޝަނާބެހޭ ޤާނޫނުގައި ވާގޮތުން، ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ފައިސާ ނަގައިގެން، އެ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއިން ހިންގާ ސްކީމެއް. އެހެންވީމާ، ރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތައް މި ސްކީމްގައި ބައިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެއްވެސް ފަރާތަކުން، މި ސްކީމްގައި ބައިވެރި ނުވުމަކީ، މި ސްކީމް ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް އެޅޭ ހުރަހަކަށްވާނެ.

މީގެއިތުރުން، ޕެންޝަން ސްކީމަކީ، ވަޒީފާ އަދާނުކުރެވޭ ދުވަހަކުން އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ފައިސާ ލިބޭނެ މަގެއް. އެހެންކަމުން ވަޒީފާދޭ ފަރާތްތަކުން، މުވައްޒަފުންނަށް ލިބިދޭންޖެހޭ ޕެންޝަނުގެ ޙައްޤު ހޯދައި ދިނުމަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުން ވަރަށް މުހިއްމު.

މިގޮތުން ދައުލަތުގެ ބަޖެޓުން މުސާރަ ލިބޭ ފަރާތްތަކާއި، ވަޒީފާދޭ އަމިއްލަ ފަރާތްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތައްވެސް މި ސްކީމުގައި ބައިވެރިވުމަކީ ދުޅަހެޔޮ، ފާގަތި އަދި ފުއްދުންތެރި މުސްތަގުބަލެއް ބިނާކުރުމުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް. މިކަން ޙާޞިލް ކުރެވޭނީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ލިބިދީގެން. މިގޮތުން ވަޒީފާއިން ވަކިވާއިރު ޕެންޝަން ލިބޭނެ ރަގަޅު އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގައި އެންމެ މުހިންމު އެއްބައި.

މިހާރު މިވަނީ ރިޓަޔަރމަންޓް ޕެންޝަން ސްކީމު ފެށި، ދައުލަތް ފިޔަވާ އެހެން ފަރާތްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ބައިވެރިވާން ޖެހޭ ވަގުތު ކުޑަތަންވެފަ. މިހާތަނަށް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި 37,708 މުވައްޒަފުންވަނީ ބައިވެރިވެ ޕެންޝަނަށް ފައިސާ ދައްކަން ފަށާފައި. ދައުލަތް ފިޔަވައި، ވަޒީފާދޭ 2500 އަށްވުރެ ގިނަ ފަރާތްތައް މިހާރުވަނީ މިސްކީމުގައި ރަޖިސްޓަރީ ވެފައި. މިގޮތަށް ރަޖިސްޓަރީ ވެފައިވާ ވަޒީފާދޭ އަމިއްލަ ފަރާތްތަކުގައި ވަޒީފާއަދާކުރާ 60,000އަށްވުރެ ގިނަ މުވައްޒަފުން ތިބިކަމަށް، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އަންދާޒާކުރައްވާ. އެހެންކަމުން މިހާތަނަށް ޕެންޝަން ސްކީމުގައި ރަޖިސްޓަރީވެފައި ނުވާ ފަރާތްތައް ވީހާވެސް އަވަހަކަށް މިސްކީމުގައި ރަޖިސްޓަރީވެލައްވައި، މުވައްޒަފުންނަށް ޕެންޝަން ސްކީމުގެ ފައިދާ ހޯދައިދެއްވުމުގައި އެހީތެރިވެދެއްވުމަށް އަޅުގަނޑު، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކެއްގެ އަރިހުން އެދެން.

އަދި އަޅުގަނޑު ވަކިން ޚާއްޞަކޮށް ދަންނަވާލަން ބޭނުން، މި ޕެންޝަން ސްކީމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިނުވެ ކަންހިނގާނޭ އެއްވެސް ގޮތެއް ވުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، މި ސްކީމަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރުމަށް، އަދި ރާއްޖޭގެ ކިތަންމެ ރައްޔިތުންނަކަށް އޭގެން ފައިދާ ލިބޭ މި ނިޒާމް ބާރަށް ހިނގައި ގަތުމަށް އެޅޭ ހުރަހަކަށް ވާނެ.

އިއްޔެ، 7 އޭޕްރީލަކީ، ދުނިޔޭގެ ސިއްހަތު ދުވަހުގެ ގޮތުގައި މުޅިދުނިޔޭގައި ފާހަގަކުރި ދުވަސް. މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ގޮތުގައި ހަމަޖައްސާފައިވަނީ 'ހެޔޮގޮތުގައި އެންޓިބައޮޓިކްސް ބޭނުންކުރައްވާ'. މި ޝިޢާރު ކަނޑައެޅުމުގެ މަޤްޞަދަކީ ގައިން ގަޔަށް އަރާ ބައެއް ބަލީގެ ޖަރާސީމު، ބޭހަށް ހޭނުމުގެ ސަބަބުން ބަލި ފަސޭހަ ނުވާކަމަށް ފާހަގަ ކުރެވޭތީ، ރައްކާތެރި ގޮތުގައި، ބޭހުގެ އަސަރު ނުކެނޑޭނެގޮތަށް، އެންޓިބައޮޓިކްސް ބޭނުންކުރުމާއިމެދު ހޭލުންތެރިކަން އިތުރުކުރުން.

އެންޓިބައޮޓިކްސް އަކީ ބެކްޓީރިއާ ކިޔާ ބާވަތުގެ ޖަރާސީމުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސް. ފުރަތަމަ އެންޓިބައޮޓިކް ހޯދުނު ފަހުން މިވީ 80 އެއްހާ އަހަރުގެ ތެރޭގައި ތަފާތު ބާވަތްތަކުގެ އެންޓިބައޮޓިކް އުފައްދާ ބޭނުން ކުރަން ފެށިފައިވޭ. އަދި އޭގެ ސަބަބުން ނުރައްކާތެރި އެތައް ބަލިތަކެއް ފެތުރުން ކޮންޓްރޯލް ކުރެވި، އޭގެ ކުރިން ފަރުވާއެއް ނުލިބިފައި ތިބި އެތައް ބައެއްގެ ބަލި ފަސޭހަވެ ފުރާނަ ސަލާމަތްކުރެވިފައިވޭ.

ބޭހަށް، ޖަރާސީމު ހޭނުމަކީ ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބައޮޓިކްގެ އަސަރުން ސަލާމަތްވުމުގެ ކުޅަދާނަކަން ޖަރާސީމަށް ލިބި، ބޭހަށް ނުގުޑާ ގޮތް ވުން. ކޮންމެ އެންޓިބައޮޓިކްއަކީ ވެސް ވަކި މުއްދަތެއްގައި ވަކި މިންވަރަކަށް ބޭނުން ކުރަންޖެހޭ އެއްޗެއް. އެހެންނަމަވެސް ބޭނުންކުރަން ނުވާ ގޮތަށް މިފަދަ ބޭސް ބޭނުން ކުރުމުން ޖަރާސީމަށް ބަދަލު އައިސް، ބޭހުގެ އަސަރުން ސަލާމަތްވުމުގެ ކުޅަދާނަކަން އެއަށް ލިބިދޭ.

ޖަރާސީމެއް ބޭހަކަށް ހޭނިއްޖެނަމަ، އެބައްޔެއް ފަސޭހަ ކުރުމަކީ ވަރަށް އުނދަގޫ، އަދި ދިގު މުއްދަތެއް ނަގާ ކަމަކަށްވެގެންދޭ. އަދި އެކަމާގުޅިގެން ބަލީގެ ނުރައްކާ ބޮޑުވެ، ފަރުވާގައި ހޭދަކުރާ މުއްދަތު އިތުރުވެ، އަގުބޮޑު ބޭސް ބޭނުންކުރަންޖެހި، އާދައިގެ ރޯގާއެއް ބޮޑު ބައްޔަކަށް ބަދަލުވެ، އެކަމުން ސަލާމަތްވުމަށް އެތައް ހަރަދު ތަކެއް ކުރާންޖެހޭގޮތް މެދުވެރިވޭ.

އަބަދުވެސް އަޅުގަނޑު ފާހަގަ ކުރަމުން މިއަންނަނީ، ބަލިން ދިފާޢުކޮށްދިނުން، ފަރުވާއަށްވުރެ މުހިންމު ކަމުގައި. ބަލިވާން މެދުވެރިވާ މަދު ފަހަރު ފަހަރުވެސް، ޖަރާސީމު ބޭހަށް ހޭނުން ހުއްޓުވުމަށްޓަކައި، ބޭސް ބޭނުންކުރައްވާއިރު، ޑޮކްޓަރުން ނުވަތަ ސިއްހީ ފަރުވާ ދެއްވާ ފަރާތްތަކުގެ އިރުޝާދާއެކު ބޭސް ބޭނުން ކުރެއްވުމަކީ ކޮންމެހެން މުހިންމު ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________