بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 25 މާޗް 2011 ވީ ހުކުރު ދުވަސް. ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް އޭ.އެފް.ސީ ޗެލެންޖްކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ ދެ މެޗް ކާމިޔާބުކޮށް، ޗެލެންޖް ކަޕަށް ފުރަތަމަ ފަހަރަށް ރާއްޖެ ކޮލިފައިވުމަކީ، ޤައުމީ ޓީމު ރާއްޖެއަށް ހޯދައިދިން ވަރަށް ރީތި ނަމަކާއި ޝަރަފެއް. އެކަމަށްޓަކައި ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. މި ތަހުނިޔާގައި ޓީމުގެ އޮފިޝަލުންނާއި އެފް.އޭ.އެމް.ގެ ބޭފުޅުންނާއި، ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ފަރާތްތައް އަޅުގަނޑު ހިމަނަން. މިއިން ކޮންމެ މެޗެއްގައި ރާއްޖެ ދެއްކީ ވަރަށް މޮޅު ކުޅުމެއް. ޓީމު މި ކާމިޔާބީ ހޯދުމުގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ހޫނު ތަރުޙީބު އަޅުގަނޑު ފާހަގަކޮށް، ދިވެހި ޤައުމީ ޓީމަށް ހިތްވަރުދެއްވައި ސަޕޯޓްކޮށްދެއްވާ ހުރިހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑު މަރްޙަބާއާއި ޝުކުރު ދަންނަވަން.

މި މުބާރާތުގައި މިއަދު ހަވީރު ރާއްޖެ ކުޅޭ މެޗް ކާމިޔާބު ކުރުމަކީ، ތާވަލުގެ އެންމެ ކުރިއަށް ޖެހިލުމަށް ރާއްޖެއަށް ލިބޭ މުހިންމު ފުރުޞަތެއް. އާ ހިތްވަރަކާއެކު ކުޅެ، މިއަދުގެ މެޗް ރާއްޖެ ކާމިޔާބުކުރުމަކީ، އަޅުގަނޑުމެން އެންމެންގެވެސް އުންމީދު. މިދިޔަ ހަފްތާގައިވެސް އަޅުގަނޑު ދަންނަވާލި ފަދައިން، އަޅުގަނޑުމެން މިތިބީ ޓީމުގެ ކުޅުންތެރިންނާއެކުގައި.

މާދަމާ، މާޗް 26 ވަނަ ދުވަހަކީ، "އަރތް އަވަރ" މުޅި ދުނިޔޭގައި ފާހަގަކުރާ ދުވަސް. މިދިޔަ އަހަރުވެސް އަޅުގަނޑުމެން މި ދުވަސް ފާހަގަކުރިން. "އަރތް އަވަރ"އަކީ، ދުނިޔޭގެ ހޫނުވުމާއި ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން "ވަރލްޑް ވައިލްޑްލައިފް" އިން 2007 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ހިންގަމުންގެންދާ ކެމްޕެއިނެއް. "އަރތް އަވަރ" ގެ މަޤްޞަދަކީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު އިންސާނުންގެ ހޭލުންތެރިކަން އިތުރުކުރުމާއެކު، ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅިއަށް ދިޔުމަށް ހިތްވަރު ދިނުން.

އެހެންވީމާ، ކޮންމެހެން ބޭނުންކުރަންޖެހޭ ނުޖެހޭ، ބޮކި، ހޮޅިބުރިފަދަ ތަކެތި ފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް މާދަމާ ރޭ 8.30ން 9.30އަށް އެއްގަޑިއިރަށް ނިވާލުމަށްވަނީ ހަމަޖެހިފައި. މިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________