بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ކުރެންދޫ ރަށު ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ އެންމެ މެންބަރުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ، ޤައުމީ އިދާރާ ހިންގުމާ ޙަވާލުވެ ހުންނެވި ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ އެހެންވެސް މެންބަރުންނާއި، ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ ވެރިންނާއި، މަދްރަސާގެ ޕްރިންސިޕަލް އަދި މި މަދްރަސާގެ ސްކޫލް ބޯޑް، މަދްރަސާގެ ބެލެނިވެރިން އަދި ވަކިން ޚާއްޞަކޮށް، މިމަދްރަސާގެ އެންމެ ދަރިވަރުން.

السّـلام عليـكم

އަޅުގަނޑު އަބަދުވެސް ދެކި ހުންނަގޮތް އަދި އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން ގެންދާ އެންމެ މުހިންމު އެއް ނުކުތާއަކީ، ތަރައްޤީއަކީ އިންސާނާއަށްވާ ގޮތެކޭ. އެއީ، ރަށަށްވާ ކަމެއް ނޫނޭ، އަތޮޅަށްވާ ކަމެއް ނޫނޭ، އެއީ، ތިމަންނާއަށްވާ ކަމެކޭ. ތިމަންނާގެ ޙާލަތު، އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުވުން. ތިމަންނާއަށް އެނގޭ އެއްޗަކަށްވުރެ އަދި އިތުރު އެއްޗެއް، ފުރިހަމަ އެއްޗެއް ތިމަންނާއަށް އެނގުން. ތިމަންނާގެ އުފާވެރިކަން، ތިމަންނާގެ ޢާންމު ދިރިއުޅުމާއި، ތިމަންނާގެ މުޅި ޙަޔާތް ތަނަވަސްވުން.

ތަރައްޤީ، އެހެންވީމާ އަބަދުވެސް މިނާންޖެހޭނީ، އިންސާނީ ވަސީލަތްތައް ތަރައްޤީވާ މިންވަރުގެ މައްޗަށް ބިނާކޮށްގެން. އަޅުގަނޑުމެންނަށް ވަރަށް ގިނައިން ދެކެވިފައި އޮންނަނީ ބައެއްފަހަރަށް، ތަރައްޤީއަކީ ޢުމްރާނީ ބަދަލުތަކެކޭ. ތަރައްޤީއަކީ ރަށެއްގައި ބިނާކުރެވޭ ބިނާތަކެކޭ، އެޅޭ ޢިމާރާތްތަކެކޭ. އެ ޢިމާރާތްތަކަކީ، ޙަޤީޤަތުގައި އިންސާނާ ތަރައްޤީވެގެން ގޮސް، ދެން އަޅުގަނޑުމެން ކުރާ ކަމެއް. މިރަށުގެ ތަރައްޤީގެ ނާރެސްއަކީ މި މަދްރަސާ. އެއީކީއެއް އެއްވެސް ޝައްކެއް ހިނގާ ކަމެއް ނޫން. އަޅުގަނޑުމެންނަށް ކުރެންދޫ، މިހާރަށްވުރެ ބާރަށް ކުރިއަރުވައި، ކުރެންދޫގެ ރައްޔިތުންނަށް ރަނގަޅު ގޮތެއް، ފަސޭހައެއް، ތަނަވަސްކަމެއް ހޯދައިދިނުމަށް އަޅުގަނޑުމެން އެދެނީނަމަ، ބޭނުމީނަމަ، އަޅުގަނޑުމެން މަސައްކަތް ކުރާން އަބަދުވެސް ޖެހޭނީ، މިމަދްރަސާ ތަރައްޤީ ކުރުމަށް. ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅިފައި އޮތީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން، 40 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. އަޅުގަނޑުމެންނަށް ރާއްޖޭގެ އެވްރެޖްގައި، މިހާރު މިއުޅެވެނީ، 35، 40 ޕަސެންޓްގައި. އެހެން ނަމަވެސް، ސަރުކާރުގެ އަމާޒަކީ، މިދެންނެވި ނިސްބަތް، ކޮންމެ ސަތޭކައަކުން 60 ކުދިންނަށް ބަދަލުވެގެންދިޔުން.

ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވިއިރު، ކުރެންދޫގައި އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ 6 ޕަސެންޓް، 10 ޕަސެންޓަށްވުރެ ދަށް، 5 މާއްދާއިން ފާސްވާ ކުދިން. މާތްރަސްކަލާނގެ އިރާދަފުޅާއެކު، މިއަދު މިރަށުގެ މިދިޔަ އަހަރު އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ތެރެއިން، ވިއްސަކަށް ޕަސެންޓް ކުދިން، 5 މާއްދާއިން ވަނީ އޯ ލެވެލް ފާސް ލިބިފައި. އެއީ ރަނގަޅު ކުރިއެރުމެއް. އެހެން ނަމަވެސް، އެއީ އަޅުގަނޑުމެންގެ އަމާޒަށްވުރެ، މާ ފަހަތުގައި އޮތް ކަމެއް. އަޅުގަނޑުމެންގެ މަސައްކަތަކަށްވާންވީ، ސަރުކާރުގެވެސް، ރަށު ކައުންސިލްގެވެސް، ޤައުމީ އިދާރާގެވެސް، ސްކޫލް ބޯޑުގެވެސް، މަދްރަސާގެ މެނެޖްމަންޓްގެވެސް، ޓީޗަރުންވިޔަސް، ރަށު ރައްޔިތުންވިޔަސް، އެންމެންގެވެސް މަސައްކަތަކަށްވާންވީ، ދަރިވަރުން އިމްތިޙާނުން ހޯދާ ނަތީޖާ ރަނގަޅު ކުރުން، އެހެން ނަތީޖާއެއް ހޯދުން.

މިރަށުގައި ކިޔަވާ ކުދިންގެ ތެރެއިން މިހާރު އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާނެ ފަންސާހަކަށް ކުދިން. އޭގެތެރެއިން 60 ޕަސެންޓް ކުދިންނަށް 5 މާއްދާއިން ފާސްވެގެން ނުކުމެވުނީމާ އަދި ކިރިޔާ މިރަށް ހިންގޭވަރަށް މީހުން އެ އުފެއްދެނީ. މިއަދުވެސް އެނގިވަޑައިގަންނަވާނެ، ސްކޫލްގައި ތިބި ބޭރު ޓީޗަރުންގެ ޢަދަދާއި އަދި ހެލްތް ސެންޓަރުގައާއި އަދި އެނޫންވެސް ސަރުކާރުގެ އެހެނިހެން މިރަށުގައި ހިންގާ މުއައްސަސާތަކުގައި ތިއްބެވި އެހެން ރަށްރަށުގެ ޚިދްމަތްތެރިންގެ ޢަދަދު. އެކަން އެހެން އަޅުގަނޑުމެންނަށް ސަރުކާރަށް ހިންގާން އެޖެހެނީ، ރަށުން އެކަށީގެންވާ ވަރަށް ކުދިން އުފެދިގެން، ތައްޔާރުވެގެން ނުލިބޭތީވެ. އެކަން އެގޮތަށް ބަދަލުކުރެވިގެން ނޫނީ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތުގެ އަމާޒު، އަބަދުވެސް މަދްރަސާއާ ދިމާއަށް މިޞްރާބު ޖަހާފައި ބެހެއްޓުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް.

މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މިއަދަކީ ކުރެންދޫ މަދްރަސާއަށް 25 އަހަރު ފުރޭ ދުވަސްގެ ގޮތުގައި ފާހަގަކުރުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނު ދުވަހެއް. އަޅުގަނޑު އެކަމަށްޓަކައި ކުރެންދޫ ސްކޫލްގެ ބޯޑަށާއި އަދި ކުރެންދޫ އެންމެ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މަދްރަސާ ތަރައްޤީކޮށް، މަދްރަސާގެ ދަރިވަރުންނަށް ރަނގަޅު ތަޢްލީމެއްދީ، އޭގެ ސަބަބުން، މިރަށާއި، މިއަތޮޅާއި، މިރާއްޖެއަށް އަޅުގަނޑުމެން މިއެދޭ ބަދަލު ގެނައުމަށްޓަކައި، ހިންގާ އެންމެހާ ކަންކަން ސަރުކާރުން ހިންގަމުން މިގެންދަނީ، ވަކި އުޞޫލެއް، ވަކި ތަރުތީބެއް، އޭގައި ބޭއްވިގެން، ގެންގުޅެވިގެން. އެއްދަންފަޅިއަށް މަދްރަސާ ބަދަލުކުރަނީ، ނަތީޖާ ރަނގަޅު ކުރުމަށްޓަކައި. 5 މާއްދާއިން ފާސްވާ ކުދިންގެ ޢަދަދު އިތުރުކުރުމަށްޓަކައި. އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރަނީ، 6 ކްލާސްރޫމް އަޅާކަށެއް ނޫން. އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރަނީ، ކުދިންގެ ކިޔެވުމުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި. އެކަން އިރާދަކުރެއްވިއްޔާ، ދެންމެ މިނިސްޓަރ ވިދާޅުވިފަދައިން، މިއަހަރު ފަށައިގަނެވި، މިއަންނަ އަހަރު މެދެއްހާ ތަނުގައި، އެގޮތަށް މިމަދްރަސާ ބަދަލުވެގެންދާނެ. އެހެންވީމާ، އެއާ އެކީގައި، މަދްރަސާގެ ނަތީޖާތައްވެސް ބަދަލުވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މިހާރު މި މަދްރަސާއަށް ދަރިވަރަކަށް، ބޮލަކަށް، ކުރެންދޫ ސްކޫލްގެ ކޮންމެ ދަރިވަރަކަށް ކުރެވޭ، ސަރުކާރުން ކުރާ ޚަރަދު، އެއީ ވަރަށް އެކަށީގެންވާ ޢަދަދެއް. ހަތަރުހާސް ނުވަސަތޭކައަށްވުރެ ގިނަ ރުފިޔާ، ސަރުކާރަށް ކޮންމެ ދަރިވަރަކަށް އެބަ ޚަރަދު ކުރެވޭ. މިދެންނެވި ޢަދަދަކީ، މެދު މިންވަރުގެ ތަރައްޤީ ޙާޞިލްކޮށްފައިވާ ޤައުމުތަކުގައި، ރަނގަޅު ތަޢްލީމެއްދޭއިރުގައި ކުރެވޭ ޚަރަދުގެ މިންވަރު. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މި ރާއްޖޭގައިވެސް އެ ޚަރަދު ކުރުމަށް، އަޅުގަނޑުމެންގެ ރައްޔިތުން ތައްޔާރަށް ތިބެ، އަދި އެ ޚަރަދު އަޅުގަނޑުމެންގެ ރައްޔިތުން ކުރަމުންދާއިރު، އެނޫން ނަތީޖާއެއް ވަކި އަޅުގަނޑުމެންނަށް ނުކުންނާވީ ހަމަ އެއްވެސް ސަބަބެއް ނެތް.

ކުރެންދޫގެ މަދްރަސާއަށް 25 އަހަރު ފާހަގަކުރެވޭ މިއަހަރަކީ، މި ރާއްޖޭގެ ރަށްވެރިކަމުގެ ޙަޔާތުގައި، ތާރީޚުގައި ދުވަހަކުވެސް ނުދެކޭފަދަ ބޮޑެތި ބަދަލުތަކެއް އަންނަމުންމިދާ ދުވަސްވަރެއް. ރަށު ކައުންސިލްތަކުގެ އިންތިޚާބުތައް ބޭއްވި، އެ ކައުންސިލްގެ މަގާމުތަކަށް މިހާރު މިވަނީ ބޭބޭފުޅުން ޢައްޔަން ކުރެވިފައި. އަޅުގަނޑަށް ދެންމެ ފޮޓޯއިން ފެނުނު ގޮތުގައި، މިހާރު ކުރެންދޫގެ ރަށު ކައުންސިލްގެ ރައީސެއްގެ ގޮތުގައި އެހުންނެވީ، ކުރެންދޫ މަދްރަސާ ފަށައިގަނެވުނުއިރު، ފުރަތަމަ ބޭއްވުނު ވާހަކަ ދެއްކުމުގެ މުބާރާތުން ވަނަ ހޯއްދެވި އަޙްމަދު އިބްރާހީމް. ކުރެންދޫގެ މަދްރަސާ މިދަނީ، ކުރެންދޫގެ ތަރައްޤީއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އުފައްދަމުން. މިހާރު ކައުންސިލަށާއި އަދި އެހެންވެސް ރަށުގެ މުއައްސަސާތަކަށް މިމަދްރަސާ ބޭނުންކޮށްގެން، ރަށުގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރަން އެނގެން ޖެހޭނެ. އަދި ޙާޞިލް ކުރެވޭނެ. ރަށުގެ ކައުންސިލެއް އިންތިޚާބުކޮށްގެން، ސީދާ ރައްޔިތުންނާ ވީހާވެސް ގާތުން ރަށުގެ ކަންކަން ހިންގުމުގެ އުޞޫލެއް، މި ސަރުކާރުން ތަޢާރުފް މިކުރީ، އެއީ ޤައުމީ ތަރައްޤީއަށް ކޮންމެހެންވެސް ބޭނުންތެރި ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެކެވޭތީވެ.

ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށް ޤާނޫނެއް ހަދައި، އެ ޤާނޫނާ އެއްގޮތަށް ހިންގުން އަވަސް ކުރުމަށް މި ސަރުކާރުން ފެށުނީއްސުރެ ފަށައިގެން މިއައީ މަސައްކަތް ކުރަމުން. މިއަދު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިއޮތީ އެމަސައްކަތް ފެށިފައި. މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، ކަންކަން ކުރަމުން ގެންދާންޖެހޭނީ، ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަމާއެކީގައި. މިވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ މުދަލަކީ، ޚަޒާނާގައި ނުވަތަ ޓްރެޜަރީގައި ރަޖިސްޓްރީ ކުރެވިފައިވާ މުދަލެއް، ތަކެއްޗެއް. ސަރުކާރުގެ ބޭނުމަކީ، ވަކި ހަމަތަކެއްގެ ތެރެއިން، އެކަމަކަށް އެބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިގެން، ކޮންމެ ރަށަކަށްވެސް ބޭނުންވާ ހުރިހާ އެއްޗެއް އަދި އެރަށެއްގައި ހުރި ތަކެތި، އެރަށެއްގެ ކައުންސިލަށް ބަދަލުކުރަމުން ގެންދިޔުން. އެއްވެސް ހާލެއްގައި ސަރުކާރުގެ ބޭނުމެއް ނޫން އެއީ، ރަށެއްގައި ހުރި އެއްވެސް އެއްޗެއް އެއީ، އެރަށެއްގެ އެއްޗެއް ނޫން ކަމަށް ދެކުން. އެއީކީއެއް މި ސަރުކާރުގެ ފިކުރެއް، ވިސްނުމެއް ނޫން. އަޅުގަނޑު ހުރިހާ ކައުންސިލަރުންނަށްވެސް ދަންނަވަން، އަދި އެހުރިހާ ކައުންސިލަރުންވެސް ޔަޤީންކޮށް ތިއްބަވާންވީ، އެ ކައުންސިލަކާ ޙަވާލުކުރާންޖެހޭ ހުރިހާ އެއްޗެއް، ސަރުކާރުން މިގެންދާ ތަރުތީބުގެ ތެރެއިން، ލިޔެކިޔުން ފުރިހަމަކޮށްގެން، އެއަށް ބޭނުންވާ ހިސާބުތައް ރަނގަޅަށް ބެލެހެއްޓިގެން އަދި ޤާނޫނީ ހަމަ ރަނގަޅަށް ހިފެހެއްޓިގެން، އެ ބަދަލުވެގެންވާ މުއައްސަސާތަކަކަށް، އެ ބަދަލުވެގެންވާ ކައުންސިލްތަކަކަށް އެތަކެތި ބަދަލުވާނެ. އެއީ، ރުއްގަހަށްވިޔަސް، ލޯންޗެއްގެ އިންޖީނަށްވިޔަސް، އަދި އަތޮޅުވެރިކަން ކުރާ ގެއެއްގެ ޓިނުގަނޑަކަށްވިޔަސް، މިއިން އެއްވެސް އެއްޗަކީ، އަޅުގަނޑުމެން، ސަރުކާރުން ބޭނުންވެގެން އެއްވެސްވަރަކަށް ގެންދާން ނުވަތަ އެއްވެސް އިތުރު ގޮތެއް ހަދާންވެގެން އުޅޭ ތަކެއްޗެއް ނޫން. އެއްވެސް ބޭފުޅަކު ކަންބޮޑުވެލައްވާނެ ކަމެއް ނެތް. އަޅުގަނޑުމެން ނުކުމެ މިތިބީ، މިމަސައްކަތް ކުރުމަށް. ކަމެއް ހިފަހައްޓާކަށެއް ނޫން. އެކަން ކުރަމުން އަޅުގަނޑު ގެންދާނީ، އަޅުގަނޑަށް އެކަމުގައި ފެންނަ އެންމެ ބުއްދިވެރި ރަނގަޅު ގޮތަކަށް. އަޅުގަނޑަކަށެއް ނުފެނޭ، ރާއްޖޭގެ ވެރިކަމުގެ ބާރާއި އަދި އެންމެހާ މިލްކިއްޔާތު، ރަށްރަށަށް ފުރޮޅިގެން އަންނަ ގަޑީގައި، އެއީ އެމީހަކު އެވަގުތެއްގައި ބޭނުންވި އެއްޗެއް، އެމީހަކު އެތަނަކަށް ގޮސް އަރައިގަނެގެން، ނަގައިގެން ގެންދާ އުޞޫލުން ގެންދެވޭ ގޮތަކަށް ބަހާލަން އޮތް ކަމެއް ކަމަކަށް. ހުރިހާ ތަކެއްޗަކީވެސް ދޭންހުރި ތަކެތި. އެހެން ނަމަވެސް، އަރައިގަނެގެނެއް ނުވާނެ. ތަރުތީބުން އޭގެ ލިޔެކިޔުންތައް ހަމަޖެހިގެން، އޭގެ އުޞޫލުތަކާއި، ގަވާއިދުތަކުގެ ތެރެއިން އެކަމެއް ބަދަލުވެގެންދާނީ. އަޅުގަނޑުމެންގެ މިކުރިއަށް މިއޮތް 3 އަހަރުގެ ތެރޭގައި، ހުރިހާ ތަކެއްޗެއްވެސް އިރާދަކުރެއްވިއްޔާ ބަދަލުކުރެވޭނެ. އެހެން ނަމަވެސް، އަޅުގަނޑުގެ މުށްދަށުން، ގަދަބާރުން ހަމަ އެންމެ ޒައްރެއްގެ މިންވަރެއްވެސް އަތެއްނުލެވޭނެ.

އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް، އެއްވެސް ބޭފުޅަކަށް ޖަދަލުގެ އެއްވެސް ބަހުރުވައަކުން، ނަޒަރަކުން ވާހަކަ ދައްކާކަށް ނޭދެން. މުޢާމަލާތް ކުރާކަށްވެސް ނޭދެން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނީ، ހުރިހާ އެއްޗަކީވެސް، ހުރިހާ މުދަލަކީވެސް ރައްޔިތުންގެ ތަކެއްޗޭ. ރައްޔިތުންގެ މުދަލޭ. އަޅުގަނޑުގެ އަމިއްލަ ނުވަތަ މި ސަރުކާރުގެ ހަމަ އެއްވެސް އެއްޗެއް އެއްވެސްތާކު ނުހުންނާނެ. މި ސަރުކާރުގެ އެއްވެސް ފައިސާއެއްވެސް އަދި އަޅުގަނޑުގެ އަމިއްލަ އެއްވެސް ފައިސާއެއްވެސް، އެއްވެސްތާކު ނުހުންނާނެ. ހުރިހާ އެއްޗަކީވެސް، ހުރިހާ ތަކެއްޗަކީވެސް ރައްޔިތުންގެ ތަކެތި. ރައްޔިތުން އެތަކެތި ބޭނުންކުރުމަށް ކަނޑައަޅާ އުޞޫލުތަކާއި، ހަމަތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް އެތަކެތީގެ ބޭނުން ހިފަމުން ގެންދެވޭނެ.

ލާމަރްކަޒީ އުޞޫލުން ހިންގުމަށް އަންނަ އަތޮޅުތަކުގެ ތެރޭގައި، ފާދިއްޕޮޅަކީ ޚާއްޞަކޮށް، އެކަން ފުރިހަމައަށް ހިނގައިގަތް އަތޮޅެއްގެ ގޮތުގައި ފާހަގަކުރެވޭ އަތޮޅެއް. ނައިފަރުގެ ރަށު ކައުންސިލާއި، ހިންނަވަރު ރަށު ކައުންސިލާއި، ކުރެންދުއާއި އޮޅުވެލިފުށީ ރަށު ކައުންސިލްވެސް މިވަނީ ހިނގައިގެންފައި. އަދި ހަމައެހެންމެ، މިނިޒާމް އުފައްދާފައިމިވާ ގޮތުން ހިނގައިގަންނަނީ ނުވަތަ ބާކީވަނީ ކޮންކޮން ސަބަބެއްތޯވެސް އެންމެ ފުރަތަމައިނުން ފާހަގަވެގެންދިޔައީ ފާދިއްޕޮޅުން. ރަށެއްގައި ބިމެއް އޮންނަނީ. އަތޮޅެއްގައެއް ނޯވޭ. އަތޮޅަކީއެއް އަޞްލެއް ނޫން. އަޞްލަކީ ރަށް. އަތޮޅަކީ އެ އަތޮޅެއްގައި ނިސްބަތްވާ ވަކި ޚާއްޞަ އަތްލެވޭ އަޞްލެއްވާ ތަނެއް ނޫން. އަތްލެވޭ އަޞްލެއް މިވަނީ، ހަމައެކަނި ރަށެއްގައި. އެހެންވީމާ، ރަށްރަށް ހިނގާނެ. އަތޮޅުތައް ޙަޤީޤަތުގައި އަބަދުވެސް އަޅުގަނޑަށް ފެނުނީ، އުފައްދާފައި އެވަނީ، މާލޭގެ ވެރިކަމުގެ ބާރު، ވަރުގަދަ ގޮތުގައި ރަށްރަށުގެ މައްޗަށް ހިފެހެއްޓުމަށްޓަކައި އުފައްދާފައިވާ އަޞްލެއް ނެތް މުއައްސަސާތަކެއް. ލާމަރްކަޒީ ކުރަން ސަރުކާރުން ވިސްނީ، ސީދާ ރަށްރަށް. އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމާއި އަދި ވާދަވެރި ސިޔާސީ ޕާޓީތަކުގެ ފިކުރާ އެއްގޮތަށް، މި އެންމެ ކަންކަން ކުރުމަކީ ބޭނުންތެރިކަމެއް ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުން އެ ޤާނޫނު ފާސްކޮށްދެއްވި ގޮތަށް، އަތޮޅު ކައުންސިލްތަކާ އެކުގައި، އަޅުގަނޑުމެންނަށް މިމަސައްކަތް ކުރާން މިފެށުނީ. އިސާހިތަކު އަޅުގަނޑުމެންނަށް ފެނިގެންދާނެ، ކޮންބައެއްތޯ މަސައްކަތް ކުރަނީ، އަތޮޅު ކައުންސިލްތޯ؟ ރަށު ކައުންސިލްތޯ؟ އަޅުގަނޑަކަށެއް ފާދިއްޕޮޅަށް ބަލާއިރު ނުވިސްނޭ، އަތޮޅު ކައުންސިލަކުން ކިހިނެއް ކަމެއް، ނައިފަރުގެ ކަންކަން، ނައިފަރު ރައްޔިތުން ނޭދޭ ގޮތަކަށް ނުވަތަ ހިންނަވަރުގެ ކަންކަން، ހިންނަވަރު ރައްޔިތުން ސީދާ ނޭދޭ ގޮތަކަށް ދެން ހިންގަން އުޅޭނެ ގޮތެއް. އެއީ، އަޅުގަނޑަށް ދެކެން އަދި ގަބޫލުކުރަން ވަރަށް ދަތި މަންޒަރެއް.

ފާދިއްޕޮޅަކީ ވަރަށް މުއްސަނދި އަތޮޅެއް. މިއަތޮޅުގެ ޞިނާޢީ އުފެއްދުމާއި އަދި ފަތުރުވެރިކަމުގެ ވިޔަފާރިއަކީ ރާއްޖޭގައިވެސް އަޅުގަނޑުމެންނަށް މިނާލެވޭ މިންވަރަށް ހިނގަމުންދާ ކަންކަން. އަޅުގަނޑު މިއަދު ފެލިވަރު ހިންގުމާ ވަކިން ޚާއްޞަކޮށް، ވަކިން ޙަވާލުވެލެއްވި ޙާމިދު އަޙްމަދަށް ޝުކުރު ދަންނަވަން ބޭނުން. ފެލިވަރަކީ ފައިދާނުވާ ތަނެއްގެ ގޮތުގައި، ފެލިވަރަކީ ބޭނުން ނެތް ތަނެއްގެ ގޮތުގައި އަދި ސަރުކާރަށް ކުރިމަތިވެފައި އޮތް ބޮޑު މުޞީބާތެއްގެ ގޮތުގައި ދެކެމުން އައި ދެކުން، ބަދަލުވާން ފަށައިފި ކަމަށް ހަމަގައިމުވެސް އަޅުގަނޑަށް މިއަދު މިވަނީ ގަބޫލުކުރަން ޖެހިފައި. މިދިޔަ ދެތިން، ހައެއްކަ މަސް ތެރޭގައި، ކޮންމެ މަހަކުވެސް ފެލިވަރު، ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގާން ފެށި ފަހުން، އެ އަންނަނީ ކޮންމެވެސް ވަރެއްގެ ފައިދާއެއް ހޯދަމުން.

ހަމައެހެންމެ، މިތަނުގެ ރެޒޯޓްތަކުގެ ހިންގުމަށް އަދި އެ ރެޒޯޓްފަހަރަށް ރަށްރަށުގެ މުވައްޒަފުން މަސައްކަތު ދިޔުމާއި އަދި އެނޫންވެސް ކަންކަމުގައި މިއަތޮޅު އަދި މިރަށްތައް މިހާރު ހިންގަމުން މިގެންދެވެނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެން އަމާޒު މި ހިފާފައިވާ މަންޒިލަށް އަޅުގަނޑުމެންނަށް ދެވޭނެ މިޞްރާބަކަށް. އެކަމަށްޓަކައި ޤައުމީ އިދާރާގެ އެންމެ ބޭފުޅުންނާއި އަދި ރަށު ކައުންސިލްތަކަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމަށް ވިސްނާއިރުގައި، އުފައްދާން މިޖެހެނީ، ޙަޤީޤަތުގައި ހަރުދަނާ ދިވެއްސެއް. ރަނގަޅު ޤައުމިއްޔަތެއް. އަޚްލާޤެއް ލިބިހުރި، ރަނގަޅު އިންސާނެއް. އަޅުގަނޑުމެންގެ އެހެންވީމާ އަމާޒަކީ، މިދެންނެވި ޤައުމިއްޔަތު ބިނާކުރުން. އިސްލާމްދީނާއި އިންސާނީ ޙައްޤާއި އަދި އިޤްތިޞާދީ ތަރައްޤީ އެއީ، މިދެންނެވި އަޅުގަނޑުމެން ދިވެހިން މިހާރު މިއެދޭ ޤައުމިއްޔަތުގެ ސީދާ އަސާސް. އަތްނުލެވޭ ތަކެއްޗެއް ނޫން. ސީދާ އަތްލެވޭ ތަކެތި އެއީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އަސާސަކީ. އަޅުގަނޑުމެންގެ ޤައުމިއްޔަތަކީ، ހެނދުނު ސަޔަށް، ރަނގަޅު ސައި އަޅުގަނޑުމެންނަށް ލިބުން. ރަނގަޅު ޤައުމިއްޔަތަކީ، އެ ތަނަވަސްކަން އަޅުގަނޑުމެންނަށް ލިބޭނޭ ގޮތަކަށް، އަޅުގަނޑުމެންގެ ކަންކަން އިންތިޒާމްވެގެންދާނެ ޤައުމެއް ބިނާކުރުން. މީގެކުރީގައި، އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާކުރުމުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަޅުގަނޑުމެންގެ ޙައްޤުގެ ވާހަކައެއް ދެކެވޭ އަޑެއް އަޅުގަނޑުމެން ނާހަން. މިއަދު ރާއްޖޭގެ ޤާނޫނުތަކާއި، ވިސްނުމާއި، ރައްޔިތުންގެ ބޭނުންތައް ބަދަލުވެގެން ގޮސްފައިވަނީ، ރާއްޖޭގެ އާ ޤައުމިއްޔަތަކީ، ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ޙައްޤު ރައްކާވެފައި އޮންނަ ޤައުމިއްޔަތަކަށްވުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެހެންވީމާ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން އެއީ، ޤައުމިއްޔަތު ބިނާކުރުމުގައި ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑަށް ހަމަ ޔަޤީން، ކުރެންދޫ މަދްރަސާއިން ނުކުންނަ ދަރިވަރުންނަކީ، އަޅުގަނޑުމެން މިއެދޭ އާ ޤައުމިއްޔަތުގެ މުޅިން އާ ބިނާއެއް ބިނާކުރުމަށް ނުކުންނާނޭ ލަޝްކަރަކަށްވާނެކަމީ، އަޅުގަނޑުގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________