بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 25 ފެބްރުއަރީ 2011 ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކުރާއިރު، އަޅުގަނޑު މިހުރީ ރަސްމީ ދަތުރެއްގައި އިންޑިޔާގެ ނިއުދިއްލީގައި. އެއީ، ސަސެޕްގެ ވާރލްޑް ކޮންފަރެންސް އޮން ސައުތު އޭޝިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރުމަށް ސަސެޕުން އަޅުގަނޑަށް ދީފައިވާ ދަޢުވަތަކަށް ކުރާ ދަތުރެއްގައި. މި ކޮންފަރެންސްގައި އިއްޔެ އަޅުގަނޑު ތަޤްރީރު ކުރިން. އަދި މި ދަތުރުގައި އަޅުގަނޑު މިދަނީ އިންޑިޔާގެ އެކިއެކި މިނިސްޓަރުންނާއި، އަދި އެކިއެކި ވެރިންނާ ބައްދަލުކޮށް ހަދަމުން. އިންޑިޔާއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެވެންހުރި އެހީތަކާގުޅޭގޮތުން މަޝްވަރާ ކުރަމުން. އަޅުގަނޑަށް ފެންނަނީ، އިންޑިޔާގެ އެހީތެރިކަމާއެކު، އަޅުގަނޑުމެންގެ ތަރައްޤީއަށް މިހާރަށްވުރެ އަދި މާބޮޑު ހަލުވިކަމެއް ގެނެވިދާނެކަމަށް.

މާދަމާ، ފެބްރުއަރީމަހުގެ 26 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބުވީ ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މުޅި ރާއްޖޭގައި ބޭއްވޭ ތާރީޚީ ދުވަސް. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު، ހުރިހާ ކަންކޮޅުތަކެއްގައިވެސް އެއް އުސޫލަކުން ވަރަށް ރަނގަޅަށް ގެންދިއުމަށް.

ހުވާކުރުމާއި ކައުންސިލުތަކުގެ މަސައްކަތްތައް ފެށުމުގެ ކަންތައްތައް އޮމާންކަމާއެކު ގެންދިޔުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދެމުން ގެންދާ ކަމެއް. ކައުންސިލު އިންތިޚާބުވުމުގެ މާކުރިއްސުރެ ފެށިގެން ކަމާބެހޭ ތައްޔާރީތައްވަނީ ފެށިފައި. އެގޮތުން މިކަމަށްޓަކައި ހޯމް މިނިސްޓްރީގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އަދި މިމަސައްކަތްތަކުގައި އަޅުގަނޑުގެ އޮފީހުގެ ފަންނީ ބޭފުޅުންވެސް، އަޅުގަނޑުގެ ސީދާ ބެލުމުގެ ދަށުން، ވަރަށް މުހިންމު މަސައްކަތްތަކެއް އެބަކުރައްވާ. އެބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ހޯމް މިނިސްޓަރަށް ދެއްވަމުން އެބަ ގެންދަވާ. ކައުންސިލުތަކުގެ އިދާރާތައްވެސް މިދިޔަހަފްތާގައި އަޅުގަނޑުވާނީ އުފައްދާފައި.

މާދަމާ އަޅުގަނޑުމެން މިއަޅާ ފިޔަވަޅަކީ، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ކުރަމުންގެންދާ މަސައްކަތުގެ މުހިންމު އަދި ތާރީޚީ ފިޔަވަޅެއް. އެހެންކަމުން، ޤައުމީ ރޫޙުގައި މިކަމުގައި ހުރިހާ ރައްޔިތުން ބައިވެރިވެވެޑައިގަތުމަށް މި ފުރުޞަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް އެއީ، ހުރިހާ ރައްޔިތުންވެސް ޒީނަތްތެރިވެ އަދި ހަމަ ހުވާކުރުމުގެ ރަސްމިއްޔާތުތަކަށް ސީދާ އެ ހޯލްތަކަށް ވަޑައިގެންދެއްވުމަކީ، މިކަމަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއްކަން އަޅުގަނޑަށް ހަމަ ކަށަވަރު.

މި މުހިންމު ޤައުމީ ވާޖިބު އަދާކުރެއްވުމަށް މާދަމާ ނުކުމެވަޑައިގަންނަވާ ހުރިހާ ކައުންސެލަރުންވެސް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކޮށްދެއްވުމަށް އެ ހުރިހާ ކައުންސެލަރުންނަށް އަޅުގަނޑު ދަންނަވާލަން. ކައުންސިލަކީ ސަރުކާރުގެ އެގްޒެކެޓިވްގެ ބައެއް. އެހެންކަމުން، ސަރުކާރާ ގުޅިވަޑައިގެން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރެއްވުމަކީ، އަޅުގަނޑުމެން މި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުވެގެންދާނޭ ކަމެއް. ތިޔަބޭފުޅުންގެ މަސައްކަތަށް ވެދެވެން އޮތް އެހީތެރިކަމެއް ސަރުކާރުން ވެދޭނެ.

މިފަދަ ބޮޑު ބަދަލެއް ގެންނައިރު ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް ހުންނާނެކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން. އަދި އެކަން ތިޔަބޭފުޅުންވެސް ގަބޫލުފުޅު ކުރައްވާނެ. އެހެންނަމަވެސް، ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ މުއައްސަސާތަކާއި އިންތިޚާބުވެފައިވާ ކައުންސިލަރުން ގުޅިގެން ޤައުމީ ރޫޙުގައި މަސައްކަތް ކޮށްފިނަމަ މިކަންތައްތައް ވަރަށް ރަނގަޅަށް ޙައްލުކުރެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم

______________________