بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ، 18 ފެބްރުއަރީ 2011 ވީ ހުކުރު ދުވަސް. މި ފެށޭ ހަފްތާގެ ތެރޭގައި އަޅުގަނޑު އިންޑިޔާއަށް ރަސްމީ ދަތުރެއް އެބަ ކުރަން. އެއީ، ސަސެޕްގެ ވާރލްޑް ކޮންފަރެންސް އޮން ސައުތު އޭޝިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤްރީރު ކުރުމަށް ސަސެޕް އިން އަޅުގަނޑަށް ދީފައިވާ ދަޢުވަތަކަށް ކުރާ ދަތުރެއް. މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ބަޙުޘް ކުރުމަށް ހަމަޖެހިފައިވަނީ ޑިމޮކްރަސީއާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ސަރަޙައްދީ ޞުލްޙައާ ބެހޭގޮތުން. މިއީ، ވަކިން ޚާއްޞަގޮތެއްގައި މިހާރު، މި ސަރަޙައްދަށް މުހިންމު މައުޟޫޢެއް. މި ސަރަޙައްދުގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކުގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ސަރަޙައްދުގެ ޤައުމުތަކުން ގެންދަނީ ފަޤީރުކަމާއި، އިޖްތިމާޢީ ޢަދާލަތު ނެތުމާއި، އިޤްތިޞާދީގޮތުން އެކަހެރި ވުމުގެ ސަބަބުން ހިނގާ ހަމަނުޖެހުންތަކާ ކުރިމަތިލަމުން. އަދި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި، ތަރައްޤީއަށް އެޅޭ ހުރަސްތަކާވެސް ކުރިމަތިލަމުން. އެހެންކަމުން، މިދަނޑިވަޅުގައި، މިފަދަ ބައްދަލުވުމެއްގައި މިކަންކަމާބެހޭގޮތުން، ސަރަޙައްދުގެ ހުރިހާ ޤައުމުތަކުންނާއި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި، މުއައްސަސާތަކުގެ ބައިވެރިވުމާއެކު ބަޙުޘް ކުރުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން.

އަޅުގަނޑު ހަމަ މިއަދު ފާހަގަކޮށްލަން ބޭނުން، ސަރުކާރުން އަދި އަމިއްލަ ފަރާތްތަކާއި، ޖަމްޢިއްޔާތަކާ ގުޅިގެން ހިންގަމުން ގެންދާ ޕްރޮގްރާމެއް އެއީ، ބާރުގަދަ މަސްތުވާތަކެއްޗަށް ދެވިހިފައި، އޭގެ ސަބަބުން ޙުކުމް ތަންފީޛު ކުރަމުން ގެންދާ ފަރާތްތައް، ގެންދާ ކުދިންތަކަށް ފަރުވާދެވި، އަލުން އަނބުރާ އެކުދިން މުޖްތަމަޢަށް ނެރުމަށް ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރަމުން އެބަގެންދޭ. އޭގެތެރޭގައި، މިދިޔަ އަހަރު މާޗްމަހު ވަރކްސް ކޯޕަރޭޝަން ލިމިޓެޑް އެއީ، ސަރުކާރު ޙިއްޞާވާ ކުންފުންޏެއް. ކުންފުނީގެ ތިލަފުށި ޕްރީކާސްޓް ޔާޑްގައި މަސައްކަތްތަކަށް 15 ކުދިން ގެނެވުނު. އެކުދިންގެ އަޚްލާޤަށާއި އަދި އެކުދިން އިތުރަށް މުޖްތަމަޢަށް އަހުލުވެރިކޮށް ނެރުމަށް ކުރެވެންހުރި މަސައްކަތްތަކަކީ ކޮބައިތޯ ދެނެގަނެ، އަދި އެކުދިންނަށް އެހީތެރިކަމެއްދީ، އަލުން އަނބުރާ މުޖްތަމަޢަށް ނެރުމަށް ޕްރޮގްރާމެއް ހިންގުމަށްޓަކައި. މި 15 ކުދިންގެ ތެރެއިން 6 މަސްފަހުން 11 ކުދިން ވަނީ މިނިވަންވެ، މުޖްތަމަޢަށް ނުކުމެފައި. އެބުރުގައި ބައިވެރިވި ކުދިންގެ ތެރެއިން 4 ކުދިން އަނބުރާ ޖަލަށް ގޮސްފައިވަނީ. އޭގެފަހުން 10 ނޮވެމްބަރުގައި އަނެއްކާ ހަމަ އެކުންފުންޏަށް 16 ކުދިން ނެގުނު. މި 16 ކުދިންގެ މަސައްކަތް މިހާރު މިދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ، ބަލަމުން މިގެންދަނީ ވީހާވެސް ގިނަ ކުދިންނެއް މުޖްތަމަޢަށް ނެރެވޭނެ ގޮތަށް ކަންތައްތައް ކުރިއަށް ގެންދެވޭތޯ. ކުރީފަހަރުގެ ނަތީޖާ ރަނގަޅު. 15 ކުދިންގެ ތެރެއިން 11 ކުދިންނަށް މުޖްތަމަޢަށް ނުކުމެވުނުކަން އެއީ، ސަރުކާރު ދެކޭގޮތުގައި ވަރަށްބޮޑު ކާމިޔާބެއް. މިފަހަރު އަނެއްކާ އިތުރަށް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި، ވަރކްސް ކޯޕަރޭޝަނުން މިހާރު ޤަޞްދު ކުރަނީ 25 ކުދިން ނެގުމަށް. އަދި އޭގެތެރެއިން ވީހާވެސް ގިނަ ކުދިންނެއް މުޖްތަމަޢަށް އަނބުރާ ނެރުމުގެ ފުރްޞަތު ލިބޭތޯ މަސައްކަތް ކުރުމަށް. އެކުންފުނީގެ އެކިއެކި މަސައްކަތްތަކުގައި، މިކުދިން ބައިވެރިވަނީ. އޭގެތެރެއިން ބައެއް ކުދިން ސީދާ އެކުންފުނީގެ ވަޒީފާގައި މިހާރު އެބަތިބި. އަދި އަނެއްބައި ކުދިންނަށްވެސް އެކިދިމަދިމާއިން ވަޒީފާގެ ފުރްޞަތުތައް އެބަލިބޭ.

ޑްރަގްގެ ދެވީގައި ޖެހި، މުޅި ޢާއިލާއާއި މުޖްތަމަޢުން އެކަހެރިވާ ކުދިންނަށް ގޮތެއް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް. އެކަމަށްޓަކައި ސަރުކާރުން ހިންގާ މަސައްކަތްތައް އަދި އިތުރަށް ބާރަށް ހިންގާން ފެށުމަކީވެސް އެހާމެ މުހިންމު ކަމެއް. ސަރުކާރުގެ ވަރަށްބޮޑު އެދުމެއް އެއީ، ސަރުކާރު ޙިއްޞާވާ ކުންފުނިތައް ނޫނަސް، އެހެންވެސް ބޮޑެތި ކުންފުނިތަކުން މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެކުދިންނަށް އެފަރާތްތަކަށް ދެވެންއޮތް އެހީތެރިކަމެއްދީ، އެފަރާތްތައް އަލުން އަނބުރާ މުޖްތަމަޢަށް ނެރުމަށް ކުރެވެންހުރި މަސައްކަތްތަކުގައި ބައިވެރިވުމަކީ.

މިމަސައްކަތް ކުރިއަށް ގެންދަނީ، ޑްރަގް އެންޑް ރީހެބިލިޓޭޝަން ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން އަދި މިނިސްޓްރީ އޮފް ހެލްތްގެ ބެލުމުގެ ދަށުން އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެވެސް ބެލުމުގެ ދަށުން. ޕްރޮގްރާމްތައް މިހާރުވަނީ އެކުލަވައިލެވިފައި. މިދެންނެވިހެން މީގެ ދެބުރު މިހާރު މިވަނީ ނިމިފައި. އެހެންވީމާ، ސަރުކާރަށް މިވަނީ މިކަމުގެ ނަތީޖާވެސް ފެނިފައި. މިކަމަކީ ފުޅާކޮށް، މިހާރަށްވުރެ އަދި މާގިނަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކަމަށް ސަރުކާރަށް ފެނޭ.

އަޅުގަނޑު އުންމީދު ކުރަން، ވީހާވެސް ގިނަ ކުންފުނިތަކަކުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ސަރުކާރަށް އިޝާރާތް ކުރައްވާނެ ކަމަށް. ބައިވެރިވުމަށް އެދިވަޑައިގަންނަވަނީނަމަ، ހަމަ މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ގުޅުއްވުމުން، އަޅުގަނޑު ހިތުން އެކަމުގައި ހޯމްއެފެއާޒުން އެހީތެރިވެދެއްވާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.
______________________